ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "އޯ ރޯމިއޯ" އަށް އިންޑިޔާގެ ސެންސަރު ބޯޑުން (ސީބީއެފްސީ) 'އޭ' ނުވަތަ އެޑަލްޓް ސެޓްފިކެޓެއް ދީފިއެވެ. މިއީ 2019 ވަނަ އަހަރު ރިލީޒްކުރި "ކަބީރު ސިންގް" އަށް ފަހު ޝާހިދުގެ ފިލްމަކަށް އޭ ސެޓްފިކެޓެއް ލިބުނު ދެވަނަ ފަހަރެވެ.
ސެންސަރު ބޯޑުން ވަނީ މި ފިލްމުގެ ޑައިލޮގްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އަމުރުކޮށްފައެވެ. މީގެ ތެރޭގައި ފިލްމުގައި ބޭނުންކޮށްފައިވާ "އައިޓަމް" މި ލަފުޒުގެ ބަދަލުގައި "ކުމާރީ" ބޭނުންކުރުމަށާއި، ބައެއް ބޭއަދަބީ ލަފުޒުތައް އުނިކުރުން ނުވަތަ މިއުޓް ކުރުން ހިމެނެއެވެ.
މީގެ އިތުރުން، ފިލްމުގައި ހިމެނޭ އަނިޔާވެރި މަންޒަރުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ކަރު ބުރިކޮށްލާ މަންޒަރުތަކާއި، ލޭއޮހޮރުވުންތައް ދައްކުވައިދޭ މަންޒަރުތަކުގެ އިތުރުން އަންހެނެއްގެ މޫނުމަތީގައި ޖަހާ މަންޒަރުތައް ވަނީ ގާތްގަނޑަކަށް %20 އަށް ކުރުކޮށްލާފައެވެ.
ފިލްމުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ހިމަނަންޖެހޭ އިންޒާރުގެ މެސެޖުތައް އިތުރުކުރުމާ ގުޅިގެން، ފިލްމުގެ ދިގުމިނަށް ވަނީ ގާތްގަނޑަކަށް 2 މިނެޓް އިތުރުވެފައެވެ. މިއާއެކު "އޯ ރޯމިއޯ" ވެގެންދާނީ ޝާހިދު ކަޕޫރާއި ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް އެކުގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ދިގު ފިލްމަށެވެ. މި ފިލްމުގެ މުޅި ދިގުމިނަކީ 2 ގަޑިއިރު 58 މިނެޓް 41 ސިކުންތެވެ.



