12 ފެބުރުވަރީ 2026

އެއްބަޔަކަށް އަރިދަފުސް ރޯގާގެ އުނދަގޫ ބޮޑުވަނީ ކީއްވެ؟

އަރިދަފުސް ރޯގާ ޖެހުމުން ބައެއް މީހުން ވަރަށް ބޮޑަށް ބަލިވެ، އަނެއް ބަޔަކަށް އޭގެ އަސަރު ކުޑަވަނީ ނޭފަތުގެ ސެލްތަކުން ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ މިންވަރުގެ އަވަސްމިނުން ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސެލް ޕްރެސް ބްލޫގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން، ރޯގާގެ އަލާމާތްތައް ބޮޑުވަނީ ރައިނޯވައިރަސް (rhinovirus) އިންފެކްޝަނަށްފަހު ހަށިގަނޑުން ދިފާއީ މަސައްކަތް ފަށާ ދުވެއްޔަށް ބިނާކޮށެވެ.

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ނޭފަތުގެ ސެލްތަކުން 'އިންޓަފީރޯންސް' (interferons) ކިޔާ މާއްދާއެއް ދޫކުރެއެވެ. މިއީ ބަލިޖެހިފައިވާ ސެލްތަކާއި ކައިރީގައި ހުންނަ ދުޅަހެޔޮ ސެލްތަކުގައި ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ދިފާއީ ނިޒާމު ހަރަކާތްތެރިކުރުވާ މާއްދާއެކެވެ. މީގެ ސަބަބުން ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް އެހީތެރިވެދެއެވެ.

ނަމަވެސް، މި އިންޓަފީރޯން ރެސްޕޮންސް ލަސްވެއްޖެނަމަ ނުވަތަ ހުރަސް އެޅިއްޖެނަމަ، ރައިނޯވައިރަސް ހަށިގަނޑުގައި ވަރަށް އަވަހަށް ފެތުރިގެންދެއެވެ. މީގެ ސަބަބުން ނޭފަތުން ފެން އައުމާއި، މާ ގިނައިން އަރިދަފުސް އުފެދުމުގެ އިތުރުން ނޭވާލުމަށް އުނދަގޫވާ ފަދަ އިންފްލެމޭޓަރީ ސިގްނަލްތައް ހަށިގަނޑުން ފޮނުވަން ފަށައެވެ.

މި ދިރާސާއިން އެނގިގެންދިޔަ އެންމެ މުހިންމު އެއް ކަމަކީ، މީހަކު ބަލިވާ މިންވަރާއި އަލާމާތްތައް ފެންނަ ގޮތް ކަނޑައެޅުމުގައި ވައިރަހަށްވުރެ ބޮޑަށް، އެ މީހެއްގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން އެކަމަށް އިޖާބަދޭ ގޮތް މުހިންމު ދައުރެއް އަދާކުރާ ކަމެވެ. މި ހޯދުމަކީ އަރިދަފުސް ރޯގާއަށް ފަރުވާ ހޯދުމުގައި މުސްތަގުބަލުގައި ބޭނުންތެރި މައުލޫމާތުތަކަކަށް ވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު