ބޮލީވުޑްގެ މަޝްހޫރު ފިލްމީ ސިލްސިލާ 'ޑޮން' ގެ ތިންވަނަ ފިލްމުން އެކްޓަރު ރަންވީރު ސިންގް ވަކިވެއްޖެއެވެ. ރަންވީރު މި ފިލްމުން ވަކިވީ ފިލްމުގެ މަސައްކަތް ލަސްވުމާއި، ސްކްރިޕްޓާ މެދު ހިތްހަމަނުޖެހުން ހުރުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމާ ގުޅިގެން ފިލްމު އުފައްދާ އެކްސެލް އެންޓަޓެއިންމަންޓާއި ރަންވީރާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ.
ރަންވީރު ސިންގް ތުހުމަތުކުރާ ގޮތުގައި ފަރުހާން އަޚްތަރު ފިލްމުގެ ފައިނަލް ސްކްރިޕްޓެއް ނިންމާފައި ނުވާއިރު، ފާއިތުވި ތިން އަހަރު ދުވަހު ވެސް ޕްރޮޖެކްޓް އޮތީ އެކަށީގެންވާ ވަރަށް ތަރައްގީ ނުވެފައެވެ. ނަމަވެސް އެކްސެލް އެންޓަޓެއިންމަންޓުން މި ވާހަކަތައް ދޮގުކުރެއެވެ. އެ ކުންފުނިން ބުނާ ގޮތުގައި ރަންވީރު ވަނީ އެކި މަރުހަލާތަކުގައި ސްކްރިޕްޓަށް އެއްބަސްވެފައެވެ. ރަންވީރު ފިލްމުން ވަކިވުމުގެ ސަބަބުން ގާތްގަނޑަކަށް 40 ކްރޯޑް ރުޕީސްގެ ގެއްލުން ވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މައްސަލަ ބޮޑުވެ، ފިލްމީ ސިނާއަތުގެ އިސް ފަރާތްތަކުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާގެ ދަށުން މިކަމާ ގުޅޭގޮތުން މަތީ ފަންތީގެ ދެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުންތަކުގައި އާމިރު ޚާން، ސިދާތު ރޯއި ކަޕޫރު އަދި ސާޖިދު ނަދިއަދްވާލާ ފަދަ ތަޖުރިބާކާރު ޕްރޮޑިއުސަރުން ބައިވެރިވެ، ފިލްމެއްގެ މަސައްކަތް ބޮޑުތަނުން ކުރިއަށް ގޮސްފައި ވަނިކޮށް ހުއްޓުމަކަށް އައުމުން ސިނާއަތަށް ކުރާނެ އަސަރުތަކާ މެދު މަޝްވަރާކޮށްފައިވެއެވެ.
މި މައްސަލައިގައި ދެފަރާތުން ވެސް އެކަކު އަނެކަކަށް ތުހުމަތު ކުރަނީ ޕްރޮފެޝަނަލް ނޫން ކަމަށެވެ. ރަންވީރު ބުނާ ގޮތުގައި އެކްސެލް އެންޓަޓެއިންމަންޓުގެ މަސައްކަތްތައް ހުރީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެ، ސީރިއަސްކަމެއް ނެތް ގޮތަކަށެވެ. އަނެއްކޮޅުން ފަރުހާން އަޚްތަރާއި ރިތޭޝް ސިދްވާނީ ދަނީ ރަންވީރުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި، ފިލްމީ ތަރިންގެ މިފަދަ އުނދަގޫ ޑިމާންޑްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.



