1979 ވަނަ އަހަރު އީރާނަށް އައި އިސްލާމީ އިންގިލާބުގެ 47 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މުޅި ގައުމުގައި ބޭއްވި އެއްވުންތަކުގައި، އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އީރާނުން ބަހުގެ ހަމަލާތައް ވަރުގަދަކޮށްފިއެވެ. ސަރުކާރުން އިންތިޒާމުކޮށްގެން ބުދަ ދުވަހު ބޭއްވި މި ހަރަކާތްތަކުގައި ބައިވެރިވި މީހުން ވަނީ "އެމެރިކާ ހަލާކުވެދާށި" އަދި "އިސްރާއީލު ހަލާކުވެދާށި" ފަދަ ޝިއާރުތަކުން އަޑުއުފުލާފައެވެ.
މި އަހަރުގެ އިންގިލާބީ ދުވަސް ފާހަގަކުރަމުން މިދަނީ ސިޔާސީ ގޮތުން ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ފާއިތުވި އަހަރުގެ ޖޫން މަހު އިސްރާއީލާއި އެމެރިކާއާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައާއި، ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އީރާނުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދިޔަ މުޒާހަރާތަކަށްފަހު ބޭއްވުނު މި ހަރަކާތްތަކަކީ ވަރަށް މުހިންމު ހަރަކާތްތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މި އެއްވުންތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް، އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް، އިންގިލާބުގެ އަހަރީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ "ދުޝްމަނުން މާޔޫސްކޮށްލުމަށް" އީރާނުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ބޭރުގެ ބާރުތަކުން ކުރިމަތިކުރާ ރޭވުންތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން އެއްބައިވަންތަކަން އިސްކުރުމަށް ގޮވާލައްވާފައެވެ. ހަމައެއާއެކު، ބޭރުގެ ފިއްތުންތައް ހުރި ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމުގެ އިޝާރާތެއްވެސް ރައީސް ވަނީ ދެއްވާފައެވެ.



