ލުބުނާނުގެ އެތެރެއަށް އިތުރަށް ވަދެގަނެ، ހަމަލާދޭން ޔަހޫދީ ނަތަންޔާހޫ އޭނާގެ ސިފައިންނަށް އަންގައިފި

ޞުލްޙައިގެ އެއްބަސްވުމަކަށް އައިތާ 6 ހަފުތާ ވެފައިވަނިކޮށް، ލުބުނާނުގެ ހިޒްބުالله ޖަމާޢަތާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކޮށް، އެޤައުމުގެ އެތެރެއަށް އިތުރަށް ވަނުމަށް ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފައިންނަށް އަމުރުކޮށްފިއެވެ.

ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ، 900 އަހަރުވީ ތާރީޚީ ބިއުފޯޓް ޤިލާއާއި އެ ސަރަހައްދުގެ މުހިންމު ފަރުބަދަމަތީ ހިސާބުތަކެއްގެ ކޮންޓްރޯލް މިހާރު ވަނީ ނަގާފައެވެ. މިއީ ހިޒްބުاللهއިން އިސްރާއީލުގެ އުތުރަށް ވަރުގަދަ ޑްރޯން އަދި ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެން އިސްރާއީލުން އެޅި ފިޔަވަޅެކެވެ. މިއީ 2000 ވަނަ އަހަރު އިސްރާއީލުން ލުބުނާނުން ސިފައިން ބޭލިފަހުން އެ ސަރަޙައްދު އެގައުމުގެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނީ، ލުބުނާނުގައި ކުރިއަށްދާ އެއްގަމު ހަނގުރާމަ އިތުރަށް ފުޅާކުރަން ސިފައިންނަށް އަންގާފައިވާނެ ކަމަށެވެ. އަދި އަމާޒަކީ ހިޒްބުاللهގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތަކަށް އިސްރާއީލުން ބާރުފޯރުވުން އިތުރަށް ވަރުގަދަކުރުން ކަމަށް މި ޔަހޫދީ ކަލޭގެ ބުންޏެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް ބުނިގޮތުގައި، ބިއުފޯޓް ސަރަހައްދަކީ އިސްރާއީލުގެ ރައްކާތެރިކަމަށްޓަކައި ސިފައިން ދޫނުކޮށް ހިފަހައްޓާނެ ސަރަހައްދެކެވެ. އަދި ހިޒްބުاللهގެ ބާރު މުޅިން ކަނޑުވާލަންދެން ހަމަލާތައް ކުރިއަށްދާނެކަމަށް ބުނެއެވެ.

މިދިޔަ މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ މި ހަމަލާތަކުގައި ލުބުނާނުން 3,370 އަށްވުރެ ގިނަ މީހުން ވަނީ  ޝަހީދުވެފައެވެ. އަދި 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ސަލާމަތްތެރި ހިސާބުތަކަށް ގޮސްފައެވެ. އިސްރާއީލުން ބުނާ ގޮތުގައި ޔަހޫދިންގެ 24 ސިފައިންނާއި 4 އާންމުން މަރުވެފައިވާއިރު، ހިޒްބުاللهގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުގެ ގިނަ ބަޔަކުވެސް ވަނީ ރަށްތައް ދޫކޮށް ގޮސްފައެވެ.

މި ހަމަލާތަކާ ގުޅިގެން ލުބުނާނުގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވަމުންދާތީ، ފަރަންސޭސިވިލާތުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް މިއަދަށް ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ