ދިވެހިރާއްޖޭގެ ސްކައުޓު އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރ އަޙްމަދު އަލި މަނިކަށް، ސްކައުޓް ހަރަކާތުގެ އޭޝިއާ ޕެސިފިކް ރީޖަންގައި ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ލިބިއްޖެއެވެ. މިއީ ދިވެހި ސްކައުޓް ހަރަކާތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް އަދި ފަޚުރެކެވެ.
އަޙްމަދު އަލި މަނިކަށް ލިބިފައިވަނީ "އޭޝިއާ ޕެސިފިކް ރީޖަން އެވޯޑް ފޯރ ޑިސްޓިންގްވިޝްޑް ސަރވިސް ޓު އިންޓަރނޭޝަނަލް ސްކައުޓިންގް" އެވެ. މި އެވޯޑަކީ ސްކައުޓް ހަރަކާތުގެ އޭޝިއާ ފެސިފިކް ރީޖަންއަށް ސަރަހައްދީ ގޮތުން ޚިދުމަތްކޮށްދެއްވާފައިވާ މީހުންނަށް ދޭ އެވޯޑުތަކުގެ ތެރެއިން އެންމެ މަތީ އެވޯޑެވެ. މި އެވޯޑު އަރުވާފައިވަނީ މި މަހުގެ 12އިން 17އަށް ޓައިވާނުގެ ކައުޝިންގްގައި ކުރިއަށްދިޔަ 28 ވަނަ އޭޝިއާ ޕެސިފިކް ސްކައުޓު ކޮންފަރެންސްގެ ނިންމާލުމުގެ ރަސްމިއްޔާތުގައެވެ.
ޢަހްމަދު އަލި މަނިކަކީ ދިވެހިރާއްޖޭގެ ސްކައުޓު ހަރަކާތަށް 30 އަހަރަށް ވުރެ ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސްކައުޓު އެސޯސިއޭޝަނުގެ ގައުމީ ސްކައުޓު ކައުންސިލްގެ އެކި މުހިންމު މަޤާމުތައް ފުރުއްވާފައެވެ. އަލި މަނިކުގެ ޗީފް ކޮމިޝަނަރކަމުގައި ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ ކާމިޔާބީތައް ދިވެހި ސްކައުޓަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ސްކައުޓުން ތިމާވެއްޓަށް ކޮށްދެމުންދާ ޚިދުމަތްތަކަށް ރާއްޖޭގެ ސްކައުޓު ޖަމިއްޔާއަށް ލިބުނު ފެހި ފަތް އެވޯޑު ހިމެނެއެވެ.
ޢަލި މަނިކަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ސްކައުޓް ހަރަކާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމެޓީގެ މެންބަރުކަމާއި، އޭޝިއާ ޕެސިފިކް ރީޖަނަލް މެނޭޖްމަންޓް ސަބް-ކޮމެޓީގެ ވައިސް ޗެއަރ ޕަރސަންގެ މަޤާމްގެ އިތުރުން، އޭޝިއާ ޕެސިފިކް ރީޖަންގެ އެވޯޑްސް ކޮމެޓީގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
ރާއްޖޭގައި ވެސް ސްކައުޓު ހަރަކާތަށް އަލި މަނިކު ކޮށްދެއްވާފައިވާ އަގުހުރި ޙިދުމަތްތަކަށްޓަކައި، މި ދާއިރާއިން ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުކަމުގައިވާ ސިލްވަރ ޓޫނާ އެވޯޑު ވަނީ ދީފައެވެ. އޭނާ އަށް މި ރީޖަނަލް އެވޯޑު ލިބުމަކީ ދިވެހި ސްކައުޓް ހަރަކާތް ބައިނަލްއަޤުވާމީ ފެންވަރުގައި އާލާކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ހިތްވަރެކެވެ.



