26 އޮކްޓޫބަރު 2025
މާޒިޔާ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ލީގު ތާވަލުގެ އެއްވަނައަށް އަރައިފި، ފޮޓޯ: މާޒިޔާ

މާޒިޔާ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ލީގު ތާވަލުގެ އެއްވަނައަށް އަރައިފި

ދިރާގު ދިވެހި ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ލީގު ތާވަލުގެ އެއްވަނައަށް އަރައިފައެވެ. މިއީ މިފަހަރުގެ ލީގުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ތަފާތެވެ.

މިނަތީޖާއާއެކު މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ނިއުއަށް ލީގުގެ އެއްވަނައަށް އެރެވޭނީ އަންގާރަ ދުވަހުގެރޭ ކުލަބް އީގަލްސް ތަފާތު ބޮޑުކޮށް ބަލިކޮށްގެންނެވެ.

ގްރީން ސްޓްރީޓްސްއަށް މި މެޗުގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ކީޕަރުންގެ ދަތިކަމެވެ. އެގޮތުން އެޓީމުގެ އެއްވަނަ ކީޕަރު އަހުމަދު ރަމީޒް ކުރިން ކުޅުނު މެޗެއްގައި އަތުގެ އިނގިލި ބިނދުމުގެ ސަބަބުން ކުޅުމަށް ނުނިކުމެވުނުއިރު، މެޗު ފެށި ބަދަލު ކީޕަރު ޔަނާލް މުނީޒް ވެސް ވަނީ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗު ދޫކޮށްލާފައެވެ. އެހެންކަމުން ބެންޗުގައި އިން ތިންވަނަ ކީޕަރު މިފްޒާލް އިދުރީސް ކުޅެން އެރުވުމަށް ގްރީން ސްޓްރީޓްސްއަށް މަޖުބޫރުވިއެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ފަސް ލަނޑު ކާމިޔާބު ކުރިއެވެ. ލަނޑު ޖަހަން ފެށީ 20 ވަނަ މިނިޓުންނެވެ. ފުރަތަމަ ލަނޑު ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ ބޮލުން ކާމިޔާބު ކުރީ ރޭގަން އޮބޭންގް ނަގައި ދިން ބޯޅައަކުންނެވެ. އޭގެ ފަސް މިނިޓު ފަހުން ހަމްޒާ މުހައްމަދު ހިލޭ ޖެހުމަކުން ދެވަނަ ލަނޑު ޖެހިއިރު، 33 ވަނަ މިނިޓުގައި ނާއިޒް ހަސަން ވެސް ވަނީ ބޮލުން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ސާޖިއޯ މެންޑީ އޭނާގެ ދެވަނަ ލަނޑު އަދި މާޒިޔާގެ ހަތަރުވަނަ ލަނޑު 37 ވަނަ މިނިޓުގައި ބޮލުން ވައްދާލިއިރު، ފުރަތަމަ ހާފުގެ ފަހު ލަނޑު (44 ވަނަ މިނިޓު) ޕޯޗުގަލް ޑިފެންޑަރ ލުއިސް އެލްމެއިޑަރ ކޯނަރަކުން ބޮލުން ލަނޑު ޖެހިއެވެ. މިއީ އޭނާ ވިދިވިދިގެން ލަނޑު ޖެހި ދެވަނަ މެޗެވެ.

ދެވަނަ ހާފުގައި މާޒިޔާއިން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއެވެ. ހަވަނަ ލަނޑު 54 ވަނަ މިނިޓުގައި ހައިޝަމް ހަސަން ނަގައިދިން ބޯޅައަކުން އައިސަމް އިބްރާހިމް ކާމިޔާބު ކުރިއެެވެ. މީގެއިތުރުން، ސާޖިއޯ މެންޑީ ވަނީ އޭރިއާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މެންޑީ ވަނީ މާޒިޔާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ހެޓްރިކް ހަދާފައެވެ. މާޒިޔާގެ އަށްވަނަ އަދި ނުވަވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުގައި ކުޅެން އެރި ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާންއެވެ.

މި ނަތީޖާއަކީ މި ފަހަރުގެ ލީގުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މާޒިޔާ އެންމެ ފަހުން ލީގުގައި މިހާ ތަފާތު ބޮޑުކޮށް މޮޅުވެފައިވަނީ ތިން އަހަރު ކުރިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު