އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފައްދަންކަމަށާއި، ނަމަވެސް ފޭދޫ މީހުން ބޭނުންވަނީ ސިޓީ ކައުންސިލާއެކު ދެމިތިބެންކަމަށް މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ. މި ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ.
މި ވޯޓަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޚާއްސަ ޤާނޫނެއްގެ ދަށުން ނެގުނު ފުރަތަމަ ވޯޓެވެ. އިލެކްޝަންސް ކޮމިޝަނުން މި ވޯޓަށް ފޭދޫ، ހުޅުދޫ، މީދޫ، އަދި މާލޭގައި ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓިއެވެ. ވޯޓުލުމުގެ ޙައްޤު 9576 މީހަކަށް ލިބިފައިވާއިރު، ވޯޓު ފޮށިތައް ބަންދުކުރިއިރު 4510 މީހުން ވަނީ ވޯޓުލާފައެވެ.
އެގޮތުން، ފޭދޫގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ 8 ވޯޓު ފޮށީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ގިނަ މީހުން ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ވޯޓުދީފައިވާއިރު، ހުޅުދޫގެ 6 ވޯޓު ފޮށީގެ ނަތީޖާއިން ދައްކަނީ ވަކި ކައުންސިލެއް އުފައްދައި އިދާރީ ގޮތުން ވަކިވުމަށް އެ ރަށުގެ ގިނަ ރައްޔިތުން ބޭނުންވާ ކަމަށެވެ. ހަމައެފަދައިން، މީދޫގެ 4 ވޯޓު ފޮށީގެ ނަތީޖާއިން ވެސް ސާފުކޮށް ފެންނަނީ ވަކި ކައުންސިލެއް އުފައްދައި، އިދާރީ ގޮތުން ވަކިވުމަށް ރައްޔިތުން ބޭނުންވާކަމެވެ.
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025- މިއަދު ކުރިއަށްގެންދިޔަ ވޯޓުނެގުން ނިމި،މިހާރު ވޯޓުގުނުމުގެ މަސައްކަތް ކުރިއަށްދަނީ pic.twitter.com/HLkNvGfLSX
— Elections Commission (@ElectionsMv) October 25, 2025
މި ވޯޓު ނެގިފައިވަނީ، އައްޑޫގެ ބައެއް ރަށްރަށުން މައި ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލްތަކެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިފައިވާތީއެވެ. ރައީސް ވިދާޅުވެފައިވަނީ، މި ވޯޓަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެ ސިޓީގެ ބައެއް ރަށްރަށުން ހުށަހެޅުނު ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. އަދި ރައީސް ވަނީ: "އެ ރައްޔިތުން ނިންމާ ކޮންމެ ގޮތަކީ ސަރުކާރުގެ ސްޓޭންޑް، ސަރުކާރުން ތާޢީދުކުރާނެ ގޮތް. ސަރުކަރުން ވަކި ޕްރިފަރކުރާ އަދި ބޭނުންވާ އެއްވެސްކަމެއް އެކަމުގައި ނެތް." ކަމަށް ވިދާޅުވެ، ސަރުކާރުން ވަކި ގޮތަކަށް ތާއީދު ނުކުރައްވާނެކަން ހާމަކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާންކުރުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކައުންސިލްތައް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ބެލެވޭގޮތުގައި އައު ކައުންސިލްތައް އުފެދިގެންދާނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއެކުގައެވެ.



