26 އޮކްޓޫބަރު 2025
އާއްމުންނަށް ދަތިވާގޮތަށް ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނަގަން ފެށުން، ފޮޓޯ: ޕީއެސްއެމް

ހިތްފަސޭހަ ހުޅުމާލެ: ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިމޭޒު ނަގަން ފަށައިފި

ހިތްފަސޭހަ ހުޅުމާލެ ކެންޕެއިނުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު، އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފިއެވެ.

އެޗްޑީސީން ވިދާޅުވި ގޮތުގައި، 25 އޮކްޓޯބަރ 2025 ވަނަ ހޮނިހިރު ދުވަހު ފެށުނު މި މަސައްކަތުގެ ކުރިއަށް ގެންދާ މައިގަނޑު މަގްސަދަކީ، ހުޅުމާލޭގެ މަގުތަކުގެ ދުވާރުތަކުގައި ބަހައްޓާފައި ހުންނަ ގޮނޑިތަކާއި މޭޒުތަކުގެ ސަބަބުން ދުވާރުން ހިނގާ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމެވެ. މީގެ އިތުރުން، ހެޖުތަކުގެ ތެރޭގައި އިންދާފައިވާ ބިޔަ ގަސްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ އެކަމަށް އެކަށީގެންވާ ހައްލެއް ގެނައުމެވެ.

އާއްމުންނަށް ދަތިވާގޮތަށް ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނަގަން ފެށުން، ފޮޓޯ: އެޗްޑީސީ

12 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ދުވާރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ މި ކޯޕަރޭޝަން އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.

އާއްމުންނަށް ދަތިވާގޮތަށް ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނަގަން ފެށުން، ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ކުރިއަށްގެންދާ "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން އިތުރު ގިނަ މަސައްކަތްތަކެއް މުސްތަގުބަލުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ. ހުޅުމާލެއަކީ ހިތްގައިމު އަދި ދިރިއުޅުމަށް ފަސޭހަތަނަކަށް ހެދުމުގެ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް އެޗްޑީސީއިން ކުރަމުން ގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު