Thursday, 18 April 2024

ރާއްޖެ އިސްލާމްވުން؛ ރަންނަމާރީގެ ހަޤީޤަތް

މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ. ބިޔަގަސްތަކުން ވަށައިލެވިފައިވި ރަށުތެރޭގައިހުރި ޖިފުޓިގަނޑަކުން އިވެމުންދިޔައީ އަންހެނެއްގެ ވޭނީ ރުއިމުގެ އަޑެވެ. އޭނާ ގޮވަމުންދިޔައެވެ. މާތް ކަލާކޯއެވެ! އަހަންގެ ދަރި އަހަންނާ ދުރު ނުކުރާށެވެ. އަހަންގެ ދަރި ފައްޅިއަށް ވެދުމަށް ނުގެންދާށެވެ. އޭނާއަށް ހިތްވަރު ދިނުމުގައި އޭނާގެ ގާތްތިމާގެ ޔާރުނާއި މިތުރުނާއި ހަތުރުނަށް ދާންދެން ތިއްބެވެ.

މައިގެެއާ އެތެރެގެ ވަކިވާހެން ދަމާފައިވާ ފަރުދާގެ އަނެއްފަރާތުގައި އޭނާގެ ދަރި ވެދުމާ ގެންދިޔުމަށް ތައްޔާރު ކުރެވެމުންދިޔައެވެ. ހަށިގަނޑުގެ ބަރަށް ނުކަތާވަރު ރަނުގެ ބޯވަޅަކުން ލިބާހެއް ލައްވައި އުޅާގަނޑު އަޅުވައިފިއެވެ. އަނދުން ދަޅު ނަގަޢި ދެލޮލުގައި ހިމަކޫރު ދަމައިފިއެވެ. އެންމެ ފަހު ކަމަކަށް ރަދުން ފޮނުއްވެވި ސަވާރީ ގޮނޑިކޮޅުގައި ފިސާރި އިއްޒަތުގައި އެކުއްޖާ ފައްޅިއަށް ގެންދެވިއްޖެއެވެ. މަންމަމެން ކިޔާތީ އަހަމެވެ. އެކުއްޖާގެ ކަންތައް އެހިސާބުން އެ ނިމުނީއެވެ. އެހެން ގެންދާ ކުއްޖަކު ދެން އަނބުރާ ނާންނާނެއެވެ. އިސާހިތަކު، މަހަކު އެއްފަހަރު ގާދޫކޮލުން އަރައިގެން އަންނަ ރަންނަމާރީގެ ނާސްތާއަށްވެ އެކުއްޖާގެ ދުވަސް މިރޭ ހިނގައިދާނެވެ. އެކުއްޖާ ފޮނުވައިލުމަށްފަހު ދެން އޮންނަ ގޮތަކީ އޭރު އަޅުކަންކުރަމުންދިޔަ ބުދު ދީނުގައި އޮންނަ ގޮތަކަށް އެކުއްޖެއްގެ ޖަނާޒާއަށް ތައްޔާރުވުމެވެ.

އެހެނަސް އެރޭގެ މަންޒަރު ތަފާތެވެ. ދަތުރުވަރެއްގައި ރަށަށް ފައިބައިހުރި މަޣްރިބް ކަރައިގެ ބޭކަލަކަށް މި މަންޒަރު ފެނިއްޖެއެވެ. އެ ގެންދެވުނު ކުއްޖާ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު އަނބުރާ ގެނެސްދޭނެކަމަށް އެބޭކަަލަކު އެކުއްޖާގެ އާއިލާގާތު ވައުދުވެއްޖެއެވެ. ދެލޯ ނޭދި އެދެމުންދިޔަ ދަރިފުޅު ސަލާމަތްވާނެކަމުގެ ކުޑަ އުއްމީދަކަށްވެސް ބަރޯސާވާން ތައްޔާރަށްތިބި މައިންބަފައިން ލޮލުންބޮލުން ރުހުން ދީގެން އެބޭކަލަކު އެކުއްޖާއާއެކު ފައްޅިއަށް ފޮނުވައިފިއެވެ. ފައްޅީގެ ތެރެއިން އިވެމުންދާ ރަނގަބީލާއި މަންތިރިތަކުގެ ބަދަލުގައި އެރޭ އަލި ވިލެންދެން އިވެމުންދިޔައީ އެއްކައުވަންތަ ރައްބީގެ މާތް މަތިވެރި ކަލިމަތަކެވެ. ޤުރުއާނުގެ މަތިވެރި އާޔަތްތަކެވެ.

ދުވަހުގެ އިރު ފެނުން ތޮޅިލިއިރު ފައްޅިއަށް ގެންދެވުނު ކުއްޖާ ގަދަވެ ސަލާމަތުން ހުއްޓެވެ. ރަންނަމާރިއެއް އެރިކަމުގެ ހިލަމެއް ނުވަތަ ނިޝާނެއްވެސް އެކުއްޖާގެ ހަށިގަނޑަކުން ފެންނާކަށް ނެތެވެ. މިކަން ވެގެން ދިޔައީ ރަށު އެންމެނަށް ސިހުން ލިބިގެންދިޔަ ކަމަކަށެވެ.
އިސާހިތަކު ރަދުން އެ ބޭކަލެއްގެ އަރިހަށް ވަޑައިގަތެވެ. އަދި
އެބޭކަލެއްގެ ދީން ކަމުގައިވާ އިސްލާމް ދީން ގަބޫލުކުރައްވައިފިއެވެ. އާނއެކެވެ. އެބޭކަލަކީ މަޣްރިބްކަރައިގެ މުސްލިމެއް ކަމުގައިވާ އަބޫ ބަރަކާފުލް ޔޫސުފުލް ބަރްބަރީ ނުވަތަ އަނެެއްބަޔަކު ކިޔާގޮތުންނަމަ އަބުލް ބަރަކާތުލް ޔޫސުފުލް ތިރްމިޒީއެވެ. އެ ދުވަހަކީ އިސްލާމީ ތައުހީދުގެ ކަލިމަ ދިވެހި ފަޒާގައި ގުގުމައިލި ދުވަހެވެ. ދަރުމަވަންތަ ރަސްގެފާނުގެ އިސްނެންގެވުމާއެކު ރާއްޖޭގެ ދީން ކަމަކީ އިސްލާމްދީން ކަމުގައި ކަނޑައެޅުނު ދުވަހެވެ. އޭގެ ފަހަކުން ރާއްޖެއަަކަށް ރަންނަމާރިއެއް ނާރަޔޯލައެވެ.

މި ކިޔައިދެވުނީ އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު ރާއްޖެ އިސްލާމްވި ހާދިސާއާ ގުޅުވައިގެން ކިޔަމުންދާ ވާހަކައެކެވެ. ރަންނަމާރި ވާހަކައެވެ. ތުންތުންމަތިން މިވާހަކަ އައިސްފައިވާ ގޮތުގައި ތަފާތުތަކެއް ހުރި ކަމުގައިވިޔަސް އެންމެން މިވާހަކަ ކިޔައިދޭ ގޮތުގައިވެސް އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރެއިން އެއްކަމަކީ މަހަކު އެއްފަހަރު ކަނޑުން އަރައިގެން އަންނަ ފުރޭތައެއް ނުވަތަ ދެޔޯއެއް ދިވެހި އަންހެންކުއްޖަކު "ކާލައިގެން" އެރޭ ރަށުން ފައިބާ ވާހަކައެވެ.

ދެން އުޅޭ ބަޔަކީ ރާއްޖެ އިސްލާމްވި ހާދިސާ މުޅިން ތަފާތު ގޮތަކަށް ކިޔައިދޭ ބައެކެވެ. ރާއްޖެ އިސްލާމްވުމަކީ ކަނޑުން އަރައިގެން އައި ފުރޭތައެއް ނުވަތަ ދެޔޯއަކާއި ގުޅިފައިވާ ވާހަކައެއް ކަމުގައި މި މިހުން ގަބޫލެއް ނުކުރެއެވެ. އެ ފުރޭތައަކީ ފުލޯކެކެވެ. ނަމަވެސް މި މީހުންވެސް ގަބޫލުކުރާ އެއްކަމެއް އޮވެއެވެ. އެއީ ރަންނަމާރިއަކީ ހަގީގަތެކެވެ. މި މީހުން ގަބޫލުކުރާ ރަންނަމާރި މިއަދުވެސް އަރައެވެ. އެހެނަސް މިއަދު މި ރަންނަމާރި އަރަނީ ގޭތެރެއިންނާއި އޮފީސްތަކުންނެވެ. އާއިލާގެ ތެރެއިންނާއި ރަޙްމަތްތެރިންގެ ތެރެއިންނެވެ. ކާބަފައިންނާއި ބަފައިންނާއި ބޮޑު ބޭބެއިންނާއި ބޭބެއިންގެ ތެރެއިންނެވެ. މިސާލަށް މިހެން ދަންނަވައިލި ކަމުގައިވިޔަސް މިއަދު މިކަމުގައި އަންހެނެއް ފިރިހެނެއްވެސް ތަފާތުކުރުމެއްނެތެވެ.

ފާހަގަ ކުރެވެމުން މިދަނީ ރާއްޖެ އިސްލާމްވި ދުވަހެވެ. އަދު މިޤައުމުގައި އޮތީ އިސްލާމީ ދައުލަތެކެވެ. ދިރިއުޅެމުންދަނީ ދީނަށް ލޯ ހުޅުވިފައިވާ ހޭލުންތެރި ރައްޔިތެކެވެ. ހެވާއި ނުބައި ނުދަންނަ އެކަކުވެސް މި ސައްތައިން ސައްތަ އިސްލާމީ ޤައުމުގައި ނޫޅޭނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ތައުހީދުގެ ކަލިމަ ފެތުރުމަށްޓަކައި މަޣްރިބަ ކަރައިން އިތުރު ބޭކަލަކު ކައިރި މުސްތަޤްބަލެއްގައި ރާއްޖެ އަންނާނެ ކަމަކަށް ނުބެލެވެއެވެ. ވީއިރު މިއަދު ކޮށްލަން ޖެހޭ ސުވާލަކީ އެރޭ ރަށުން ފައިބައިގެންދިޔަ ފުރޭތައާއެކު ރަންނަމާރި ވާހަކައަށް ނިމުމެއް އައިސްފިބާއެވެ؟  ރަންނަމާރި ހަގީގަތުގައިވެސް ކަނޑު ފެއްތިއެއްޖެ ބާއެވެ؟ ވެދުމަށް އެރުވުނު ކުއްޖާއަށް އިންސާފު ހޯދައި ދެވިއްޖެބާއެވެ؟

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެންމެ ފަހުން ނިމުނުއިރު ދައްކަން ފެށި ވާހަކަ އާ ހެޑްލައިން އާ ގުޅުން ކެނޑިފަ އޮތީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *