"މަ ހުއްޓާ ޒީވާއަކަށް އެހެން އެކަކާވެސް ނީނދެވޭނެ" ސިނގިރޭޓުގެ ދުންތައް ދޫކޮށްލަމުން ފައިސަލް އޭނާގެ ފޯނުގައި އިން ޒީވާގެ ފޮޓޮއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.
***********
އެއްބަސްވެވިފައިވާ ގޮތުގެ މަތިން ޖެހިގެންއައި ދުވަހު ރާހިލް ޒީވާއާއެކު އޮފީސް ނިމޭގަޑިއަށް އާރް.އެލް އަށް ދިޔައެވެ. ލޮބީގައިހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޒީވާ ބޭންދުމަށްފަހު އޭނާ ރިއާންއަށް މެސެޖު ކޮށްލިއެވެ. ޝައިނާ އައުމުގެ ކުރިން ރިއާން އެތަނަށް ގެނައުމަށް އޭނާ ކޮންމެހެންވެސް ބޭނުންވިއެވެ.
"ގިވް މީ 10 މިނަޓްސް" ރިއާންގެ މެސެޖު ފެނުމާއެކު ރާހިލްއަށް ޗޮކެއް ކަނޑައިލެވުނެވެ. އަދި ޒީވާގާތުގައިހުރި އެހެން ގޮނޑިއެއްގައި އިށީނެވެ. ފޯނަށް ނަޒަރު ހުއްޓައިލައިގެން ހަމަޖެހިލި ތަނާހެން އޭނާގެ ކައިރީގައި މީހަކު އިށީންހެން ހީވިއެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ ނުހާއެވެ. އޭނާ މި އޮފީހަށް އައި ފުރަތަމަ ދުވަހު އޭނާއަށް ނަންބަރުދިން ކުއްޖާއެވެ. ޝައިނާއާ ދިމާވި ފުރަތަމަ ދުވަހު އޭނާގެ އެނދުގައި އޮތް ކުއްޖާއެވެ. ރާހިލްއަށް ދަތްކުނޑިވިކައިލެވުނީ އެކުޑަ ވަގުތުކޮޅުގައިވެސް ޝައިނާއާގުޅޭ ހަނދާނެއް އާވާފަދަ ހާލަތެއް ދިމާވީތީއެވެ.
ލިފްޓުން ފޭބި ޝައިނާއަށް ލޮބީގައި ތިބި ޒީވާއާ ރާހިލްފެނި އެދިމާލަށް ހިނގައިގަތެވެ. އެދެމެދުގައިވާ ދުރުމިނުގެ ސަބަބުން އޭރު އެއިން އެކަކަށްވެސް އޭނާއެއް ނުފެނެއެވެ. ކުރިއަށް ދެތިން ފިޔަވަޅު އެޅިތަނާހެން ފެނުނު މަންޒަރާއެކު އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެއީ ރިސެޕްޝަންގައި އިން ނުހާ ތުއި ގޮތަކަށް ހިނގައިލައިފައިގޮސް ރާހިލްގާތު އިށީން މަންޒަރެވެ. ނުހާއާއި ރާހިލްގެ ދެމެދުގައި ކުރިން އޮތީ ކޮންކަހަލަ ގުޅުމެއްކަން އޭނާއަށްވުރެ ރަނގަޅަށް އެނގޭނެ އިތުރު މީހަކު ނުހުންނާނެއެވެ. އެހެންކަމުން ނުހާއާއި ރާހިލް އެކުގައި ފެނުން ވެގެންދިޔައީ ޝައިނާއަށް ބެލުން އެހާ ފަސޭހަ މަންޒަރަކަށް ނޫނެވެ. އޭނާ ބަލަބަލަ ހުއްޓައި ނުހާ ރާހިލްގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލިއެވެ. ރާހިލްއަށް އެކަން އެހާ ބޮޑު ކަމަކަަށް ނުވާނެކަން ޝައިނާއަށް އެނގުނެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ރާހިލް އެހެން އެންމެނެކޭ އެއްފަދައިން ނުހާއާވެސް ހިނިތުންވެ ވާހަކަ ދައްކާނެކަން އެނގި އޭނާ މާޔޫސްވިއެވެ. ނަމަވެސް ދެން ރާހިލްކުރި ކަންތައް ވެގެންދިޔައީ އެ މާޔޫސްކަންފިލައި އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވި ކަމަކަށެވެ. އަދި އެކަމުގެ ސަބަބުން ނުހާއަށް ވެގެންދިޔަގޮތްފެނި އޭނާއަށް ހިނިގަނޑު ހިފަހައްޓައިލެވުނީ ކިރިޔާއެވެ. އެކަން މޫނުމަތިން ފޮރުވައިލުމަށްޓަކައި ކޮލުގައި ދަތްއަަޅައިލަމުން އަނެއްކާވެސް އެދިމާލަށް ހިނގައިގަތެވެ.
"ހައި.. މިރޭ ފްރީ ވާނެތަ؟" ނުހާ ގާތް ގޮތަކަށް ރާހިލްގެ ކޮނޑުގައި ބޯ އަޅައިލަމުން އަހައިލިއެވެ. ރާހިލް އެއަށް ރައްދު ދިނުމެއްނެތި ޒީވާއަށް އެތަނުގައި މަޑުކުރުމަށް އިޝާރާތްކުރަމުން އެތަނުން ތެދުވެ އޮފީހުގެ ދޮރުން ބޭރަށް ހިނގައިގަތެވެ. އެފަދަ ކަމަކަށް ނުވިސްނައި އިން ނުހާގެ ބޯދަށުން ރާހިލްގެ ކޮނޑު ނެއްޓުނު ވަގުތު އޭނާ އަރި އަޅައިލިއެވެ. ނަމަވެސް ނުހަނު އަވަހަށް ހަށިގަނޑު ސީދާ ކޮށްލުމަށްފަހު ވަކިން އިށީނދެވޭ ގޮތަށްހުރި ގޮނޑީގައި އިން ޒީވާއަށް ތުން އަނބުރައިލަމުން އެތަނުން ހިނގައިގަތެވެ. ޒީވާއަށް އެކަންވީ މަޖާ ކަމަކަށެވެ. މީގެ ކުރިންވެސް ރާހިލްއާއެކު ނުކުންނަ ދުވަސްތަކުގައި އަންހެންކުދިންނަށް އޭނާއާ ރާހިލްގެ ދެމެދުގައި އޮންނަ ގުޅުމާމެދު ކުށްހީކުރެވޭ ފަހަރުތައް އާދެއެވެ. އެކަމާ ހަސަދަވެރި ލޯތައް އޭނާއާ އަމާޒު ވުމަކީ އާކަމެއް ނޫނެވެ.
"އެއީ ކާކުތަ؟ ދޮންބެއާ ވަރަށް ގާތްހެން ހީވަނީ.. އަހަރެން ފެނުނީމަ ފާޑަކަށް ހަޖަމު ނުކުރެވިގެން ކަންނޭނގެ އެ ދިޔައީ. ހީކުރީ ކަންނެ އަހަރެން މީ ދޮންބެގެ ގަރލްފްރެންޑޭ… ހަހަހަ.." ޒީވާ އަހައިލިއެވެ.
"އެއީ ރިސެޕްޝަންގަ އިންނަ ކުއްޖެއް. ރާހިލް ކޮންތާކަށް ދިޔައީ؟" ޝައިނާ އަހައިލިއެވެ.
"ނޭނގެ.. އޭނަ އައިސް އިށީން އިރަށް އަހަރެން ކައިރި މަޑުކުރާށޭ ބުނެފަ ނައްޓާލައިފި. އިރުކޮޅަކުން އަންނާނެ ކަންނޭގެ… އަސްލު އަހަރެން ހީކުރީ ދޮންބެ އެކުއްޖާއާ ވާހަކަ ދައްކާނެކަމަށް.. އެނގެއެއްނު.. އަނެއްކާ އެހާ ރީތި ކުއްޖެއްވިއްޔާ.. ނޭނގެ ދޯ އެމީހުންގެ މާޒީއެއް އޮތީ ކަންނޭނގެ. އެކްސް އަކަށްވެސް ވެދާނެ. އެކަމަކު ދޮންބެ ހެދިގޮތެއްދޯ. ހަހަހަ. ޝައިއަށްވެސް އެކުއްޖާގެ މޫނަށް އެރި ކުލަވަރު ފެނުނުނަމަ އެނގޭނީ" ޒީވާއަށް އިނީ އަދިވެސް މަޖާވެފައެވެ.
"ސާބަހޭ.. ޒީ ކޮންއިރަކުތަ ތިހާ އެހެންމީހުންގެ ކަންކަމާ ޝައުގުވެރި ވާން ފެށީ؟" ޝައިނާވެސް ހެވިފައި ބުންޏެވެ. އެއަށްފަހު ދެއެކުވެރިން އެއްފަހަރާ ހޭންފެށިއެވެ.
"ކޮބާ ރިއާން ނާދޭތަ އަދިވެސް؟" ރާހިލް ޒީވާމެން ގާތަށް ހުއްޓި ގަޑި ބަލައިލަމުން ބުންޏެވެ. ރިއާން ބުނި ދިހަ މިނެޓު މިހާރު ފާއިތުވެ ހިނގައްޖެއެވެ.
"ރިއާންވެސް ދޭތަ؟" ޝައިނާ އަހައިލިއެވެ.
"ހްމްމްް. އަހަރެން ދެން ވީ ދެ އަންހެނުންގެ ތެރޭގަ ބާކީވެފަ ހުންނަންތަ؟" ރާހިލް ޝައިނާއަށް ބަލައިލަމުން ބުންޏެވެ. އޭނާ އެބުނި ވާހަކައިގެ ސަބަބުން ޝައިނާއަށް އެއްވެސް އަސަރެއްކުރިތޯ ހޯދި ނަމަވެސް އެ މޫނުމަތިން އެކަމުގެ ނިޝާނެއް ނުފެންނަ ކަހަލައެވެ.
"ހްމްމް. ތިއެއްނޫނޭ!! ކީއްވެގެންނޯ އެކުއްޖާ އައިމަ ތި ރިޖެކްޓް ކޮށްލީ" ޒީވާ ނުހާ އިން ދިމާލަށް އަހައިލިއެވެ.
"އޯ އަމްމް މި ނުޒުހާ؟"
"ނުހާ." ރާހިލް ނުބައިކޮށް ކީ ނަން ޝައިނާ ރަނގަޅުކޮށްލަދިނެވެ. ނުޒުހާއަކީ އެމީހުންނާ ރެސްޓޯރެންޓުން ދިމާވި ކުއްޖާކަން އޭނާވެސް ހަނދާން ހުރިއިރު ރާހިލް ހަމަ ހަނދާން ނެތީހެއްޔެވެ؟
"އާނ ޔެސް. ނުހާ. އެއީ އަހަރެންގެ ޓައިޕެއް ނޫން" ރާހިލް ބޯ ކަހައިލަމުން ބުންޏެވެ.
"އެކަމެއް ނޭނގެދޯ އެދުވަހު—" ޝައިނާއަށް ބުނެވެން މި އުޅުނީ ކީކޭކަން ރޭކައިލި ހިނދު ވާހަކަ ހުއްޓައިލިއެވެ. ރާހިލްއަށްވެސް ދެލޯ ބޮޑުކޮށްލަމުން އެއްފަހަރު ޒީވާއަށް އަނެއްފަހަރު ޝައިނާއަށް ބަލައިލިއެވެ. އޭނާއަށް ޝައިނާއާ ދިމާވީ އެފަދަ ގޮތަކަށް ކަމެއް ނުވަތަ ޝައިނާއަށް އޭނާއާ ބެހޭގޮތުން އެވަރު ވާހަކައެއް އެނގޭ ކަމެއްވެސް ޒީވާއަކަށް ނޭނގޭނެއެވެ.
"އޯކޭ.. އެބަ އަންނަން ރިއާންގެ ހަބަރެއް ބަލާލާފަ" ރާހިލްއަށްވެސް ޝައިނާ ބުނަން އުޅުނީ ކީކޭކަން އެނގި އަވަހަށް އެތަނުން ދުރަށް ޖެހިލިއެވެ. އަދި އެމީހުނަށް އޭނާގެ އަޑު ނީވޭނެހާ ދުރަށްގޮސް ރިއާންއަށް ގުޅައިލިއެވެ.
"ޔެސް ޔެސް އެނގެޔޭ ލަސްވެއްޖެކަން މިހާރު މިދަ-" ލިފްޓުން ފޭބި ރިއާންއަށް ލޮބީގައި އިން ޒީވާ ފެނި ވާހަކަ ހުއްޓައިލަމުން އަވަސް އަވަހަށް އެތަނުގައި ހުރި ތަނބެއްގެ ނިވަލަށް ވަދެ ނިވައިވެލިއެވެ. ނޭނގޭ ސަބަބަކާއިހުރެ އެނާ ޒީވާގެ ކުރިމައްޗަށް އަރަން ބޭނުން ނުވަނީއެވެ. އެކަމަކީ އޭނާއާއި އޭނާގެ އަމިއްލަ ނަފްސާ ދެމެދުގައި ހަނގުރާމައެއް އުފެދިދާނެ ކަމެއްކަން އޭނާގެ ސިކުނޑިން އިންޒާރު ދެމުން ދަނީއެވެ. "މަޑުކޮށްބަލަ.. އަހަރުމެން މި ދަނީ ސީދާ ކޮންތާކަށްކަން އަދިވެސް ނުބުނަމެއްނު؟"
ރިއާން އޭނާ ފިލައިހުރި ތަނބުގެ ބޭރަށް ބޯ ދިއްކޮށްލައި ޒީވާމެން ތިބި ދިމާލަށް ބަލައިލިއެވެ. ޒީވާގާތު ޝައިނާވެސް އިންކަން އޭނާއަށް އެނގުނީ އެހިސާބުންނެވެ. ކުރިންވެސް ޝައިނާ އެތަނުގައި އިންބާއެވެ؟ ނުވަތަ ޒީވާ އިނީތީ އޭނާއަށް ކުރިން ޝައިނާ ނުފެނުނީ ބާއެވެ؟ ދެން އޭނާގެ ލޯ ހޯދައިލީ ރާހިލްއެވެ. އޭރު ޒީވާމެންނާއި ތަންކޮޅެއް ދުރުގައި ފޯނުގައިހުރި ރާހިލް ފެނުނެވެ. ރާހިލް ހުރީ އެދިމާލަށް ކުރިމަތިލައިގެން ނޫންކަމުން ރާހިލްއަށް އޭނާ ލިފްޓުން ފޭބިގަޑީ ނުފެނުނީކަން ރިއާންއަށް އެނގުނެވެ.
"އަހަރެންނަކަށްވެސް ނޭނގޭ ސީދާ ދާތަނެއް.. ޒީގެ ވެޑިންގް ޝޫޒް ހެޔޮވަރު ކުރާޝޯ.." ރާހިލް ފޫހިގޮތަކަށް ބުނެލިއެވެ.
"ބީ ސީރިއަސް ރާހިލް!! އައި ޑޯންޓް ހޭވް ޓައިމް ޓު ޕްލޭ ދީސް ޑޯލްހައުސް ގޭމްސް. އަދި ޝޫޒް އޭ އެބަ ކިޔައެއްނު" ރިއާން ހިތްހަމަ ނުޖެހުނެވެ. ޒީވާގެ ކައިވެނީގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ލޭ ކެކިގަންނަނީ އެޔެއް މިޔެއް ނުބަލައެވެ.
"ރިއާން ހީކުރީ އަހަރެންނަށް ވަކި ވަގުތު އޮތީ ކަމަށްތަ؟ އިތުރުގޮތެއް އޮތްނަމަ ވަކި އަހަރެން ދާނެތަ؟ ހައްތާވެސް މި ޒީ ބޮޑާ ހާކާވަރުން.. އަހަންނާއެކު އައިސްދީބަ. އަހަރެން ބޭނުމެއްނޫން ޝައިނާއާއެކު ވަކިން ވަގުތު ހޭދަކުރާކަށް. އެނގެއެއްނު ޒީ އެ ހުރިހާ ޝޫޒްއަކާ އޭތިމީތި ހެޔޮވަރު ކުރާއިރު އަހަރެން ހުންނާނީ ޝައިނާއާއެކު އެކަނިވެފަ.. ޕްލީޒް.. އެގޮތް އަހަރެން ބޭނުމެއްނޫން" ރާހިލް އާދޭހުގެ ރާގެއްގައި ބުންޏެވެ.
ރިއާން ތަނބުގެ ފުރަގަހުގައިހުރެ ހާސްވެފައި އިސްތަށިގަނޑުގައި އަތްހިންގައިލިއެވެ. އޮފީސް ނިމޭ ވަގުތު ކަމުން ލިފްޓުން ނުކުމެގެން އަންނަ ގިނަ މުވައްޒަފުންގެ ނަޒަރުވެސް އޭނާއަށް ހުއްޓެމުން ދިޔައެވެ. އޭނާގެ އަމިއްލަ އޮފީހެއްގައި އަމިއްލަ އިމާރާތެއްގައި އޭނާ މި ފިލަނީ ކާކަށްބާއޭ އެމީހުންގެ ހިތުގައި ވާނެކަން ގައިމެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލިއެވެ.
"މައްސަލައެއްނެތް.. އެކަމަކު ހަނދާން ކުރާތި މީ އަހަރެން ރާހިލްއަށް ކޮށްދޭ އެންމެ ފަހު ކަންތައްކަން." ރިއާން ފޯނު ކަނޑައިލުމަށްފަހު ތަނބުގެ ނިވަލުން ނުކުތެވެ. އަދި ލަސްފިޔަވަޅު ތަކެއްގައި ރާހިލްހުރި ދިމާލަށް ހިނގައިގަތެވެ.
"ހިނގާ މިކަންވެސް އަވަހަށް ނިމޭތޯ ބަލަމާ" ރިއާންއައިސް ރާހިލް ގާތަށް ހުއްޓިލަމުން ބުންޏެވެ.
"ދެން އެހާ ބޮޑު ކަމަކަށް ނަހަދަބަލަ" ރާހިލް ރިއާންއާއެކު ޒީވާމެން ތިބި ދިމާލަށް ދިޔައެވެ.
"ތީ އޭ މައްސަލައަކީ ރާހިލް.. އެންމެ ފަހަރަކުވެސް ރާހިލް ބޮޑުކަމެއްގަ ކިޔާބަލަ. އަބަދުވެސް މިކަހަލަ ކުދި ކަންކަމުގަ ކިޔާތީއޭ މައްސަލައަކީ.. އަހަރެންނަކަށް ނޭނގޭ މިކަހަލަ ކޫސަނި ކަންކަމުގެ ތެރެއަށް އަހަރެން ވައްދަން ރާހިލް ވިސްނަނީ ކޮން ސިކުނޑިއަކުން ކަމެއްވެސް.. ވާރޭ ވެހޭތީ ޒީ ބަލާ ގޮސްދީ.. ޒީ ގެ ވެޑިންގް ޝޫޒް ފިޓްކުރަން ގޮސްދީ.. ވަޓްސް ނެކްސްޓް؟ ޓު ފިޓް ހަރ ވެޑިންގް ޑްރެސް؟" ރިއާން ހިތްހަމަ ނުޖެހިފައިހުރެ ދަތްކުނޑި ވިކައިލަމުން ރާހިލްއަށް އެކަނި އިވޭ ވަރަށް ބުނެލިއެވެ.
"ކޮބާތަ މައްސަަލައަކީ؟ ޒީއާ އަނެއްކާ ޒާތީ މައްސަލައެއް އޮތީ؟ ޒީގެ ކަންކަމުގަ ރިއާން މިހާރު ހާދަ އަނގަގަދަ ވެއްޖެޔޭ ދޯ" ރާހިލްގެ ގާތަށް ރިއާންގެ ވާހަކައިން ހިނިއައެވެ. އޭރު އެމީހުން ޒީވާމެންތިބި ހިސާބާ އަރައި ހަމަވެއްޖެއެވެ.
"ލެޓްސް ގޯ ގަރލްސް. ރިއާންގެ ކާރުގަ ދާނީ.. އަހަރެން އައީ ޒީ ގޮވައިން ސައިކަަލުގަ އެހެންވެ. ކާރު ނެރެގެން އަންނަން ވާއިރަށް ނުކުމޭ" ރިއާންގާތު އަހައިލުމެއްވެސް ނެތި ރާހިލް އޭނާގެ ނިންމުން ނިންމައިލިއެވެ.
ރިއާންއަށް ބުނާނެ އެއްޗެއް ނޭނގިގެން ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އެއްވެސް އިރެއްގައި އޭނާ ހިއްސާވާ ކަމެއް ނިންމާއިރު އޭނާގެ ހިޔާލު ހޯދުމަކީ ރާހިލްއަށް މުހިއްމުކަމެއް ނޫނެވެ. ޝައިނާފަދަ ސަތޭކަ އަންހެނުންނާ ދިމާވިޔަސް ރާހިލް އޭނާއާ ދޭތެރޭ އަމަލުކުރާގޮތް ބަދަލެއްނުވާނެއޭ ހިތަށްއެރިއެވެ.
ކާރު ނަގައިގެން އައިސް އާރް.އެލްގެ ކުރިމައްޗަށް ހުއްޓައިލުމާއެކު ޝައިނާއާއި ޒީވާ ކާރަށް އެރިއެވެ. އެވަގުތު ލެވެންޑާގެ ލުއިލުއި ވަހުން ކާރުގެ ތެރޭގައި ހުވަނދުލެވިގެން ދިޔައެވެ. އެ ހިތްގައިމު ވަސް ހިނދުރީގައި ޖެހުމާއެކު ރިއާންއަށް ބޭއިހްތިޔާރުގައި ފުންނޭވާއެއް އެތެރެއަށް ދަމައިލެވުނެވެ. ޒީވާއަކީ އެންމެ ކުރިއްސުރެންވެސް ލެވެންޑާގެ ވަހަށް ލޯބިކުރާ ކުއްޖެއްކަން އެނގިފައިވުމާއެކު އެއީ ޒީވާގެ ވަސްކަން އޭނާއަށް ބުނެދޭކަށް އިތުރު މީހަކަށް ނުޖެހުނެވެ. ނަމަވެސް އޭނާއަށް އެވަސް އެހާ ކަމުދާން ފެށީ ކޮން އިރަކު ހެއްޔެވެ.
ކާރުގެ ފަހަތް ފެންނަ ގޮތަށް ހަރުކުރެވިފައިވާ ލޯގަނޑަށް ބަލައިލެވުނު ވަގުތު ފެނުނު ޒީވާގެ ސޫރައިގެ ސަބަބުން ރިއާންގެ ކަޅި އެލޯގަނޑާއި ވަކިކޮށްލަން އުނދަގޫވިއެވެ. ހުދުކުލައިގެ ކުދި މާތަކެއް ޖަހައިފައިވާ މަޑު ދަނބުކުލައިގެ ވައްތިރި ހެެދުމުގައި ޒީވާ ފެންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ. ކަކުލަށްވުރެ ތަންކޮޅެއް ތިރިއަށްހުރި ހެދުމާ ގުޅޭނެހެން ހުރަހަށް އަޅުވައިލެވިފައިވާ ހުދު ދަބަހާއި ބޮލުގައި އަޅައިފައިވާ ދަނބުކުލައިގެ ބޭންޑުގެ ސަބަބުން އެ ހެދުން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ޒީވާގެ ހެދުން އެޅުމުގެ ވައްޓަފާޅިއަކީ އަބަދުވެސް ރިއާންގެ ސަމާލުކަން ދަމައިގަންނަ ވައްޓަފާޅިއެކެވެ. ޒަމާނީ ފެޝަންތަކުގައި ހިމެނޭ ފާޑުފާޑުގެ ޖީންސާއި ޓޮޕްގެ ބަދަލުގައި ޒީވާ އެކި ކަހަލަ ކުދިމާމެލާމެލީގެ ފަރުމާއިން ޖަރީކުރެވިފައިވާ ވައްތިރި ހެދުންތައް ލައި އުޅޭކަން ރިއާންއަށް އަބަދުވެސް ފާހަގަ ކުރެވެއެވެ. އެގޮތަށް ހެދުން އަޅައިފައި ހުންނައިރު ޒީވާއަކީވެސް އެ މާމެލާމެލީގެ ގުލްޒާރެއްގައި އިންނަ މަލެއް ފަދައެވެ. ރިއާން އަދިވެސް އެއްފަހަރު ކާރުގެ ތެރޭގައި ހިފައިފައިވާ ލެވެންޑާ ވަސްބަލައިލުމަށް ފުންނޭވާއެއް ދަމައިލަމުން ކާރު ދުއްވައިލިއެވެ.
ޝައިނާ އެދުނު ފިހާރައިގެ ކައިރީގައި ކާރު ޕާކުކޮށްލުމަށްފަހު ހަތަރު މީހުން އެކުގައި ކާރުން ފޭބިއެވެ. އަލަތު ކައިވެންޏަށް ތައްޔާރުވަމުންދާ ދެތިން ޖޯޑެއް ފިޔަވައި އިތުރު ބަޔަކު އެ ފިހާރައަކު ނެތެވެ. އެހެންކަމުން ފިހާރައިގެ ތެރެއަށް ރަނގަޅެއް ފިޔަވަޅެއްވެސް ނޭޅެންދެން އެތަނުގައި ހިދުމަތްދޭ މުވައްޒަފަކު އައިސް ޒީވާމެންގާތު މަޑުކޮށްލިއެވެ. ޒީވާއާއި ޝައިނާ އެތަނުގައި ހުރި ސޯފާސެޓުން ގޮނޑިއެއްގައި ބޭތިއްބުމަށްފަހު އެތަނުގައި ވިއްކާ ބޫޓުތަކުގެ ކުރެހުމާއި ފޮޓޯތައް އެކުލެވޭ ކާޑް ބޯޑު ތަކެއް އެކުއްޖާ ގެނެސްދިނެވެ. ރާހިލްގޮސް އެމީހުނާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެލުމާއެކު ރިއާންވެސް ކަރުގައި އޮތް ޓައި ނަގައި ފަޓުލޫނުގެ ޖީބަށް ލުމަށްފަހު ރާހިލްގާތު އިށީނެވެ.
"ވާއު ޒީ.. ބަލާބަ ރީތިކަން" ރާހިލް ދައްކައިލި ބޯޑުގައި އިން ހަތް އިންޗީގެ އުސް ކައްޓެއް ލައިފައިވާ ފައިވާނަށް ބަލައިލަމުން ޝައިނާއާއި ޒީވާ އެކުގައި ލޯ އަޅައިލިއެވެ.
"އާރ ޔޫ ސްޓުޕިޑް. ތިއަށް އަރައިގެން ފިޔަވަޅެއްވެސް ނޭޅެންދެން އެމީހަކު އޮންނާނީ ވެއްޓިފަ" ރިއާން ހިތްހަމަ ނުޖެހިފައި ބުންޏެވެ.
"ޗިލް ބްރޯ.. ހާދާ ސީރިއަސް ތިވީ.. އަހަރެން މަޖާ ކޮށްލީއޭ.. ކޮންކަމަކާތަ މާ ހާޑުވެފަ ތި ހުންނަނީ" ރާހިލް ބުންޏެވެ. ރިއާންއަށްވެސް އެކަމާމެދު ވިސްނައިލެވުނެވެ. ރާހިލް ބުނި ފަދައިން އޭނާ އެހާ އެ ރުޅި އަންނަނީ ކީއްވެހެއްޔެވެ؟ އޭނާއަކީ މިކަހަލަ ކަންކަމަށް ބަސްކިޔާ ޒާތުގެ މީހެއްވެސް ނޫން ވިއްޔާއެވެ.
"ބަލާބަ ޒީ.. ރީތި ދޯ.. ކުދި ކުދި ކޮކާތަކެއްވެސް އެބަހުރި ހީލްގެ ފަހަތުގަ. މިއީ ހަމަ ވަރަށް ޒީ ޓައިޕްގެ ފައިވާނެއް" ޝައިނާ އެތަނުން ފޮޓޮއެއް ދައްކައިލަމުން ބުނެލިއެވެ.
"ނޫން.. ތި މާ އުސް. ބަލާބަ. އަހަރެންނަކަށް ނޭރޭނެ އެހާ އުސް އެއްޗަކަށް މީތި އޯކޭ އެއްނު" ޒީވާ އެތަނުން ތިން އިންޗީގެ އުސްމިންހުރި ފައިވާނެއް ދައްކައިލުމަށްފަހު ބުންޏެވެ.
"އޯމައިގޯޑް ޒީ.. ދިސް އިޒް ޕަރފެކްޓް" ޝައިނާއަށްވެސް އެ ފައިވާން ކަމުދިޔައެވެ.
"ހްމްމް. ވަރަށް ރީތި. އެހެންނޫނަސް އެހާ އުސް އެއްޗަކަށް އެރުމުގެ ބޭނުމެއްވެސް ނެތެއްނު.. އަދި އެމީހެއްގެ އިސްކޮޅެއްވެސް ނޭނގެ. އެންމެން އަހަރެންހާ ދިގެއްވެސް ނުވާނެ.." ރާހިލް ފޮނިގޮތަކަށް ބުނެލިއެވެ. ޝައިނާއަށް ކަޅިއަނބުރައިލެވުނެވެ. އެޔޮށްކުޑަ ވަގުތުކޮޅުގައިވެސް ރާހިލް އެ އުޅެނީ ސަލިބައިސާ ކެނޑުމުގައިވިއްޔާއެވެ.
"ހްމްމް. އެކަމަކު 5 ފީޓް 11 އެންޑް 6 ފީޓް 1 ގަ މާބޮޑު ތަފާތެއް ނުހުރޭނު.. ރާހިލްއާ ރިއާންއާ ކައިރީގަ ހުންނަ އިރުވެސް މާބޮޑު ތަފާތެއް ނުހުރޭނު.." ޝައިނާ ހިޔާލު ހުށަހެޅިއެވެ.
"މަޑުކޮށްބަ!! ޝައިނާއަށް އެމީހަކު އެނގޭތަ؟" ޒީވާ އަހައިލިއެވެ.
"ޔެސް.. މިބުނީ .. ނޯ އަހަރެން.. އަހަރެންނަށް މެޝަރމެންޓް އެނގުނީ ވެޑިންގް ސޫޓްގެ ކަންތަކާ ވާފިޔާ ދައްތައާއެކު ދިޔަ ދުވަހު" ޝައިނާ ވާހަކައެއް ހަދައިލިއެވެ. އޭނާއަށް ދެއްކުނު ވާހަކައިގެ ސަބަބުން ޒީވާއަށް ޝައްކެއް ވާކަށް އޭނާ ބޭނުމެއް ނުވިއެވެ.
"އޯހް އޯކޭ" ޒީވާ ބުނެލިއެވެ. އެވަގުތު ރިއާންގެ ފަރާތުން އިވިގެންދިޔަ މަލާމާތުގެ ހިނިގަނޑާއެކު އަނެއްކާވެސް އެންމެންގެ ލޯތަށް އެދިމާލަށް ހުއްޓުނެވެ.
"ދިސް؟ ދިސް ހޭޒް ޓު ބީ ދަ ބިގެސްޓް ޖޯކް އައި ހޭވް ހަރޑް އިން މައި ލައިފް. ޒީވާއަށް ކުޑަމިނުން ކާކުކަންވެސް ނޭނގޭ މީހަކާ ކައިވެނި ކުރުވަން ތިއުޅެނީ.. ނުވިތާކަށް ޒީވާވެސް އެނގޭކަށް ބޭނުމެއްވެސް ނުވޭ.. މާނައަކީ ޒީވާގެ އެއްވެސް ޝައުގެއް މިކަމަށް ނެތޭނު؟ ވަޓް އިން ދަ މެޑްހައުސް އިޒް ދިސް" ރިއާން އަދިވެސް ހަމަ އެރާގުގައި ހެމުން ގެންދިޔައެވެ.
"ޝަޓަޕް ރިއާން. މިހާރު ދެން ތި މޮޔަވާހަކަ ނުދައްކާ" ރާހިލް ބުންޏެވެ.
"އަހަ.. އަދިވެސް އަހަރެންތަ މޮޔައީ؟ ޒީވާ ނުވެސް ދަންނަ މީހަކާ ގަދަކަމުން ކައިވެނި ކުރުވަން އުޅޭއިރު—"
"ކިތައް ފަހަރު ބުނެފިންތަ މިކަމުގެ ތެރެއަށް ނުވަންނާށޭ؟ މިކަމުގަ އަހަރެންނަކަށް އެއްވެސް މަޖުބޫރެއް ނެތް" ޒީވާ ރިއާންއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ރިއާން މަޑުމަޑުން ބޯ ޖަހައިލުމަށްފަހު މޫނުމަތީގައިވި މަލާމާތުގެ އަސަރު ފިލުވައިލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. އަދި އިތުރަށް ހަމަ ޖެހޭގޮތް ދެއްކުމަށް ތުނިކޮށް ފަޅަން ފަށައިފައިވާ ތުނބުޅީގައި އަތް އުނގުޅައިލިއެވެ.
"އަދިވެސް އެހެން ފައިވާންތައް ބަލައިލަމާ" ޝައިނާ އެތަނަށް ވެރިވެގެންފިޔަ ނުތަނަވަސްކަން ފިލުވައިލަމުން ބުންޏެވެ. އޭނާ އިޝާރާތް ކޮށްލުމާއެކު ކުރިން އެމީހުންގެ ހިދުމަތްދޭން އުޅުނު ކުއްޖާއައިސް އެމީހުންގެ ގާތުގައި އިށީނދެލިއެވެ.
ޝައިނާއާ ޒީވާއަށް އެންމެ ކަމުދާ ފަސްވަރަކަށް ފައިވާނުގެ ސާމްޕަލް އެކުއްޖާ ގެނެސްދިނެވެ. އެންމެފަހުން އެތައް ގޮތަކަށް ވިސްނުމަށްފަހު ޒީވާ އެންމެ ބޭނުންވި ތިން އިންޗީގެ އުސް ފައިވާން ހިޔާރުކުރިއެވެ.
"އައިމް ސޮރީ މޭމް.. މީގެ ސައިޒް ތަރޓީ ސިކްސް މިވަގުތަކު ނެތް" އެއްތަނުގައިހުރި ކުއްޖާ ޒީވާގެ ފަޔަށް ބަލައިލަމުން ބުނެލިއެވެ.
"ކައިރި ސައިޒް އެއްވެސް ނެތްތަ؟ ތަރޓީ ސެވެން؟ ތަރޓީ އެއިޓް؟" ޒިވާ ކެތްމަފުވެފައި އަހައިލިއެވެ. ހަގީގަތުގައިވެސް ޒީވާއަށް އެ ފައިވާން ވަރަށް ކަމުދިޔައެވެ.
"ސޮރީ މޭމް. މިވަގުތު ހުރީ ހަމައެކަނި ފޯރޓީ.. އެ މާ ބޮޑު ވާނެހެން ހީވަނީ" އެކުއްޖާ އަދަބުވެރިކަމާއެކު ބުންޏެވެ. އެއާއެކު ޒީވާ ދެރަވެލާފައި ތުންކޮޅު ދަމައިލަމުން ޝައިނާއަށް ބަލައިލިއެވެ. ޒީވާގެ އެ މޫނުފެނި ޝައިނާއަށް ކޮންމެވެސް ގޮތެއް ހޯދަން މަޖުބޫރުވިއެވެ.
"މިކޮޅުން ޝޫޒް ކަސްޓަމް މޭޑްކޮށް ހަދައިދެއެއްނު. މީ ކަސްޓަމައިޒް ކޮށްދޭ ޑިޒައިންއެއް ނޫންތަ؟" ޝައިނާ ބުންޏެވެ.
"ނޫނޭ. މި ޝޫޒް ވެސް ހަދާދޭނެ… އެކަމަކު މަދުވެގެން 30 ދުވަސް ކުރިން މިކޮޅަށް އޯޑަރ ދޭން ޖެހޭނެ" އެކުއްޖާ ކަން އޮތްގޮތް އޮޅުން ފިލުވައިދިނެވެ.
"އަޅެ ޒީ.. ދެން ކިހިނެއް ހަދާނީ؟ އެންމެ ނަވާރަ ދުވަހެއްނު ބާކީ އޮތީ.. އެހެން ޑިޒައިންއެއް ނަގަންވީނު." ޝައިނާ ބުންޏެވެ.
"އަހަރެން އެހެންވެގެނޭ ބުނީ އޭރުވެސް އަހަރެން ގެންނާނެ ކަމެއް ނެތޭ އަހަރެން ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނުވާނެ" ޒީވާ މާޔޫސްވެފައި އިސް ޖަހައިލިއެވެ.
"އަޅެ މި ބޫޓެއް ނުވިއްކާނެތަ؟" ޝައިނާ އަހައިލިއެވެ.
"ސޮރީ. ސާމްޕަލް ޝޫޒް ވިއްކުމަކީ މިކޮޅުގެ އުސޫލާ ހިލާފުކަމެއް" އެޖަވާބު އިވުމާއެކު ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކައިރީގައި ތިބި ރިއާންއާ ރާހިލްއަށް ބަލައިލިއެވެ. ރާހިލް ދެކޮނޑު އަރުވައިލަމުން އޭނާއަށް ކުރެވޭނެ ކަމެއް ނެތޭ ބުނެލިއެވެ. ދެން ޝައިނާ ބަލައިލީ ރިއާން އަށެވެ. އޭރު ރިއާންގެ ނަޒަރުވަނީ ފޯނަށްގޮސް ހުސްވެފައެވެ. ރިއާންގެ ސަމާލުކަން ހޯދުމަށްޓަކައި ޝައިނާ ދެފަހަރަކު ގޮވައިލިއެވެ. އެކަން ނުވުމުން އެންމެފަހުން ރާހިލް ރިއާންގެ އަތުން ފޯނު ޖަހައިގަތެވެ.
"ވަޓް ދަ-"
"އަޑު އަހާބަލަ" ރާހިލް ލޮލުގެ އިޝާރާތުން ޝައިނާ ދައްކައިލިއެވެ.
"ރިއާން.. ރިއާން ވާހަކަ ދައްކާލަންވީނު މިކޮޅުން ޝޫޒްއަށް އޯރޑަރ އެއް ޕްލޭސްކޮށްދޭން. އަހަރެންނަށް ޔަގީން ރިއާން ބުނެފިއްޔާ-"
"ނޯޕް" ޝައިނާގެ ވާހަކަ ނުނިމެންދެން ރިއާން ބުންޏެވެ. ރިއާންގެ އެޖަވާބާމެދު ޝައިނާ ހިތްހަމަ ނުޖެހުނެވެ. ރިއާން އެދިފިނަމަ އެކަމެއް ނުކޮށްދޭނެ ވިޔަފާރިއެއް ރާއްޖޭގައި ނޯންނާނެކަން އޭނާއަށް އެނގެއެވެ.
"ރިއާން ޕްލީޒް. ބަލާބަ ޒީއަށް. ޒީ އެހެރީ މި ކައިވެނީގެ ކަންތައްތަކާ މިހާރުވެސް ވަރަށް ދެރަވެފަ.. ކުޑަމިނުން ޒީއަށް މިކަން ކޮށްލަދީ ޕްލީޒް. ރިއާން ކޮށްލާ އެންމެ ކޯލްއަކުން ހަމަ މިކަން ވެދާނެ" ޝައިނާ ބުންޏެވެ. ރިއާން ދުރުގައި އިން ޒީވާއަށް ބަލައިލިއެވެ. ޒީވާ ބޭނުންވި ވައްތަރުން ސާމްޕަލްއަށް ގެނައި ބޫޓުގެ ފޮޓޯ ނެގުމުގައި ޒީވާ އަވަދިނެތި އުޅުނެވެ. އެހަރާކާތުންވެސް ރިއާންއަށް ޒީވާ ކިހާ ވަރަކަށް އެ ބޫޓު ބޭނުންވާކަން ދެނެގަނެވުނެވެ.
"ލުކް. އަހަރެން މީ ރާއްޖޭގެ އެންމެ މުހިއްމު ސިނާއަތުގެ އެންމެ ދުވަސްވީ ކުންފުނީގެ ސީ.އީ.އޯ.! މި ޤައުމުގެ ސަރުކާރު ނަގާފަ އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ސީދާ އަހަރެންގެ ދަށުން. އައި ހޭވް އަ ސްޓޭޓަސް!! އަ ޕްރައިޑް!! އެންޑް އައި ވިލް ނޮޓް ލޫޒް އިޓް ބައި ކޯލިންގް އަ ޝޮޕް އޯނަރ އޯވަރ ސަމް ޕެޓީ ޝޫޒް. އެހެންނޫނަސް.. ޒީވާ ވަރަށް ސާފުކޮށް ބުނެފި މި ކައިވެންޏާމެދު އޭނަ ހުރީ އުފަލުންނޭ.. އަދި އުފާކުރިޔަސް ހިތާމަކުރިޔަސް އިޓްސް ނޮޓް މައި ޖޮބް ޓު ހެލްޕް ސަމް ޑެމްސެލް އިން ޑިސްޓްރެސް އޯވަރ އަ ޝޫ… ޝީ ކޭން ޖަސްޓް ޗޫޒް އަނަދަރ ވަން. ޝީޒް ނޮޓް ފަ**ގް ސިންޑްރެލާ" ރިއާން ބުންޏެވެ. އެއަށްފަހު ރާހިލްގެ އަތުން ފޯނު ޖަހައިގަތެވެ.
"އަހަރެންނަކަށްވެސް ނޭނގެ ވަކި ކީއްވެކަމެއް މިވަރަށް ބޫޓަކާ ތި ހިފަނީ" ރާހިލްވެސް އެކަން މާބޮޑު ކަމަކަށް ނަހަދައި ރިއާންގެ ވާހަކައާ އެއްބަސްވާކަން އަންގައިލަމުން ބޯ ޖަހައިލިއެވެ.
ރާހިލްއާއި ރިއާންގެ ވާހަކައިގެ ރާގުގައި ހުރި ރުންކުރުކަން ފެނި ޝައިނާގެ ގާތަށް ރުޅިއައެވެ. ޒީވާއާމެދު ވާހަކަ ދެއްކި ގޮތާމެދު ހިތްހަމަ ނުޖެހުނެވެ. ދެން އޭނާ ހުއްޓާނީ ކޮންމެހެންވެސް ޒީވާއަށް އެ ބޫޓު ހޯދައިދީފައެވެ.
"އެކްސްކިއުޒް. މިވަގުތު މިކޮޅުގަ އިންޗަރޖް އަށް ހުންނަ ބޭފުޅަކާ ބައްދަލު ކޮށްލެވިދާނެތޯ؟" ޝައިނާ އެދުނެވެ. އެކުއްޖާ ބޯޖަހައިލުމަށްފަހު ޝައިނާ އެދުނު ފަދައިން އެތަނުގެ މެނޭޖަރ ގެނެސްދިނެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ކައިރިއަށް އައިސް ހުއްޓިލި ޒުވާނާފެނި ޒީވާ ޝައިނާގެ އަތުގައި ކޮށްޓައިލިއެވެ.
"އައްސަލާމް އަލައިކުމް އަޅުގަނޑަކީ ޖައިލަމް. މިކޮޅުގެ ސްޓޯރ މެނޭޖަރ" ޖައިލަމް ހިނިތުންވުމަކާއެކު ބުނެލިއެވެ.
"ހައި.. މިކޮޅުން ބަލާލި ބޫޓެއްގެ ސައިޒް ނެތީމަ… ތިރީސް ދުވަސް ކުރިން އޯޑަރދޭން ކުރަން ޖެހޭ ކަމަށް ވަނީ.. އެކަމަކު އަޅުގަނޑުމެނަށް ބާކީ އޮތީ ނަވާރަ ދުވަސް.. އެހެންވެ ސާމްޕަލް ޝޫ ވިއްކިދާނެތޯ އަހާލަންވެގެން" ޝައިނާ ރީތި ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ.
"ސޮރީ މޭމް. ތިއީ އަޅުގަނޑުމެންގެ އުސޫލާ ހިލާފުކަމެއް" އަނެއްކާވެސް ކުރިން ލިބުނު ޖަވާބު އިވުމާއެކު ޒީވާގެ މޫނުމައްޗަށް އިރުކޮޅަކަށް ވެރިވި އުޖާލާކަން އޮއްސިގެންދިޔައެވެ.
"އަޅޭ. އެކަމަކު މި ޝޫޒް ވަރަށް ބޭނުން. ހަމަ ނެތްތަ 19 ދުވަސް ތެރޭ ވާނެ ގޮތެއް؟" ޝައިނާ ދެރަވެފައި އަހައިލިއެވެ.
"އައިމް އަފްރައިޑް ދެޓް ވޯންޓް ބީ ޕޮސިބަލް" ޖައިލަމް އަނެއްކާވެސް އަދަބުވެރި ކަމާއެކު ބުންޏެވެ.
"އަޅެ ޕްލީޒް. އޯކޭ ސީދާ ނަވާރަ ވަނަ ދުވަހަށް ނިންމާލަދިނަސް. އަރ ޔޫ ޝުއަރ އޯޑަރ އެއް ޕްލޭސް ނުކޮށްދެވޭނެކަން" ޝައިނާ އާދޭހުގެ ރާގެއްގައި ބުންޏެވެ. އަދި ލަސްލަހުން އެސްފިޔަ ޖަހައިލަމުން ޖައިލަމްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު ޖައިލަމް ފުންނޭވާއެއް ދޫކޮށްލިތަން ރާހިލްގެ އިތުރުން ރިއާންއަށްވެސް ފެނުނެވެ.
"ތި ކުއްޖާގެ ކައިވެނިތަ؟" ޖައިލަމް ކޮށްލީ މައުލޫއާ މުޅިން ނުގުޅޭ ސުވާލެކެވެ.
"އަހަރެން؟ އަހަހަ ނޯ" ޝައިނާ ތުއި ގޮތަކަށް ހޭންފެށިއެވެ.
"އަދި ތައާރަފެއް ނުދެވޭ ދޯ.. ކައިވެނި ކުރާ ކުއްޖަކީ ޒީ.. އަހަރެންގެ ބެސްޓްފްރެންޑް.. ދެން މީނީ ޒީގެ ދޮންބެ އެންޑް ހިޒް ބެސްޓް ފްރެންޑް" ޝައިނާ ހިނިތުންވެލަމުން އެންމެންގެ ތައާރާފެއް ދިނެވެ. އޭރު ރާހިލްގެ މޫނުމަތީގައި އުފަންވަމުންއައި ނުރުހުން ފެނި ރިއާންގެ ކަޅި އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ޝައިނާއަށް ހުއްޓެމުންދިޔައެވެ. ޖައިލަމް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
"އެކޮޅުގަ ވާހަކަ ދައްކާލަންވީނު. އަޅެ ގޮތެއް ހަދާލެވޭތޯ ބަލާލާނީ ދޯ" ޖައިލަމް ދުރުގައިހުރި ސޯފާސެޓެއް ދައްކައިލަމުން ބުންޏެވެ. ޖައިލަމްގެ ވާހަކައިގެ ރާގު ބަދަލުވެގެންދިޔަ ގޮތްފެނި ރާހިލްއާ ރިއާން އަންތަރީސްވި ނަމަވެސް ޒީވާގެ ފަރާތުން އެކަމެއް ނުފެނެއެވެ.
"ހިނގާބަ ގޮސްލަން ދޯ" ޝައިނާ ތެދުވެ ޒީވާއަށް އެއްލޯ މަރައިލަމުން ޖައިލަމްގެ ފަހަތުން ހިނގައިގަތެވެ.
ރާހިލްގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ހީވީ ދެންމެ ދެންމެ ތެދުވެ ޖައިލަމްގެ ގަޔަށް ބޮލަށް އަރައިގެންފާނެ ހެނެވެ. ކައިރީގައި އިން ރިއާން އެވަރު ދެނެގަނެ ރާހިލްގެ ކޮނޑުގައި ހިފަހައްޓައިލީ ރާހިލް މޮޔަކަމެއް ކޮށްފާނެކަމުގެ ބިރުގައެވެ. އެހަރަކާތާއެކު ރާހިލް މައިތިރިވި ނަމަވެސް ދުރުގައި ތިބި ޝައިނާއާ ޖައިލަމްފެނި އޭނާއަށް ދަތްކުނޑިވިކައިލެވުނެވެ. އެމީހުނަށް ތިބެވުނު ދިމާލުގެ ގޮތުން ޝައިނާގެ މޫނު ނުފެނުނު ކަމުގައިވިޔަސް ޝައިނާ ދައްކާ ބައެއް ވާހަކަތަކަށް ޖައިލަމް ހޭތަންފެނި ރާހިލްގެ ލޭކެކެމުންދިޔައެވެ.
ޝައިނާގާތު މަޑު ކުރުމަށް އިޝާރާތް ކުރުމަށްފަހު ޖައިލަމް ކައުންޓަރު ކައިރިއަށް ދިޔަތަން ރާހިލްއަށް ފެނި އެދިމާލަށް ދާން އުޅެވުނެވެ. ނަމަވެސް އެއަށްވުރެން ކުރިން މިފަހަރުވެސް ރިއާން ރާހިލްގެ ގައިގައި ހިފެހެއްޓިއެވެ.
"ރިއަލީ ރިއާން.. ހުންނަ ގޮތްކުޑަކަން ބަލާބަލަ؟ ޝީ އިޒް ޔޫސިންގް ހަރ ޕްރިޓީ ޕްރިވިލަޖް ޓު ގެޓް ވަޓެވަރ ޝީ ވޯންޓްސް. ނޭނގެ ކޮން ވިޔާނުދާ—" ރާހިލްގެ ރުޅިގަނޑު ފަޅައިގެންދާން ކައިރިވިއެވެ. ނަމަވެސް އޭނާ އެ ޖުމްލަ ފުރިހަމައެއް ނުކުރިއެވެ.
"ދޮންބޭ! ކީކޭތަ ތިކިޔަނީ؟ ޝައި އަކީ ތި ހީކުރާކަހަލަ ވިޔާނުދާ ވާހަކައެއް ދައްކާނެ މީހެއްނޫން.. ޕްރިޓީ ޕްރިވިލަޖް ޔޫސް ކުރެވެނީ ރީތި އަންހެނަކު ނުފެނިފަ ތިބޭ ދޮންބެމެން ކަހަލަ މޮޔަ ފިރިހެނުން ގިނަވީމައެއްނު." ޒީވާގެ ވާހަކަ ރާހިލްއަށްވެސް ގަބޫލުކުރެވުނެވެ. އެބުނާފަދަ ވިޔާނުދާ ވާހަކަތައް ނުދެއްކިނަމަވެސް ޝައިނާގެ ރީތިކަމުގެ ޖާދޫގައިޖެހި ޖާނާއި މާލުން ކިތަންމެ އިމެއް ފަހަނަ އަޅައިދާނެ ފިރިހެނުން ދުނިޔޭގައި ގިނަވާނެކަން ރާހިލްއަށް އެނގެއެވެ. އެ ތޫނު ދެލޮލާއި ކަޅިރަވައިގެ އާވާރާގައި ޖެހި ކިތަންމެ ބައެއްގެ ހިތްތައް ކަތިލެވޭނެކަން އޭނާވެސް ގަބޫލުކުރެވެއެވެ. އެއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާގެ ލޮލުގައިވެސް އަޅައިގަތް ރީތި ކަމެކެވެ. ނަމަވެސް އޭނާ ހިތް ނުތަނަވަސް ވަމުންދިޔައީ ޖައިލަމްގެ ހިތުގައި ޝައިނާއާ ދޭތެރޭ އޮންނާނީ ކޮން ނިޔަތެއްކަން އޭނާއަށް އެނގޭތީއެވެ. ޝައިނާ ހެއްލިދާނެފަދަ އުކުޅެއް ޖައިލަމްގެ ކުޅުމުގައި ގެންގުޅެފާނެތީއެވެ.
ރާހިލް ބަލަބަލަ އިންދާ އަނެއްކާވެސް ޖައިލަމް އައިސް ޝައިނާގެ ގާތުގައި އިށީނެވެ. އޭރު އޭނާގެ އަތުގައި އޭ5 ސައިޒުގެ ގަނޑުކޮޅެއް އޮތެވެ. ޝައިނާ ގާތު އިށީނދެ އެގަނޑުގެ ކޮންމެވެސް ހިސާބެއްގައި ސޮއިކޮށްލުމަށްފަހު އޭނާ އޭތި ޝައިނާގެ އަތަށް ދިއްކޮށްލިއެވެ. ދެމީހުން އެކުގައި ސޯފާއިން ތެދުވި ވަގުތު ޝައިނާ ކޮނޑުގައިވާ އަތްދަބަހުގެ ތެރެއަށް އެ ގަނޑުކޮޅު ވައްޓައިލަމުން ޖައިލަމާއި ސަލާން ކޮށްލިއެވެ. އަދި އެއަށްފަހު ރާހިލްމެންތިބި ދިމާލަށް އަންނަން ފެށިއެވެ.
"ލިބުނުތަ؟" ޒީވާ ކެތްމަދުވެފައި އަހައިލިއެވެ.
"ޝައްކީތަ؟" ޝައިނާ ދަބަހުންނެގި ރަސީދު ނަގައި ޒީވާމެނަށް ދައްކައިލިއެވެ. އޭގައިވަނީ ކައިވެނީގެ ތިރީސްދުވަސް ކުރީގެ ތާރީހެއް ޖަހައި އޯޑަރުނެގި ކަމަށް ލިޔެފައެވެ. ޝައިނާގެ ކުޅަދާނަ ކަމާމެދު ބަސްހުއްޓިފައިހުރެ ރިއާންއަށް ރާހިލްއާ ދިމާލަށް ބަލައިލެވުނެވެ. ރާހިލް އިތުރަށް ޝައިނާގެ ކުރިމަތީގައި މަޑު ކުރުމެއްނެތި ދުރު ފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ދެންތިބި ތިންމީހުންވެސް ނުކުތެވެ.
ކާރުގައި އިން އިރުވެސް ރާހިލްގެ ރުޅި އެންމެ ތަންފުކެއްވެސް މަޑުވިހެން ހީނުވެއެވެ. ބުމަ ގޮށްޖަހާލައިގެންއިނދެ އަތުގައި އޮތް ފޯނު އަނބުރައިލަ އަނބުރައިލަ އިންއިރު އޭނާގެ ނަޒަރު އަމާޒުވެފައިވަނީ ކާރުގެ ބިއްލޫރިގަނޑުން ބޭރަށެވެ. އޭނާގެ ކަތުރުކަށިގަނޑަށް ވާންވެފައިވާއިރު ހިންދިރުވާލާ ކޮންމެ ފަހަރަކު އެ ކޮލުގެ ކަށިގަނޑަށް އެނގުންވެލާ ގޮތްފެނި ފަހަތުގައި އިން ޝައިނާއަށްވެސް ކޮންމެވެސް ވަރަކަށް ރާހިލް ހިތްހަމަ ނުޖެހިފައިވާކަން އެނގުނެވެ.
"މިސުޕަރމާކެޓްއަށް މަޑުކޮށްލަދެވިދާނެތަ؟ މަންމަމެން މާދަން ފުރާތީ ގަންނަން ބުނި އެތިކޮޅެއް ހުރީމަ" ޒީވާ އެދުނެވެ. ރިއާން ސުޕަރމާކެޓް ކައިރިއަށް މަގުގެ އެއްފަރާތައް ކާރު މަޑުކޮށްލުމާއެކު ޒީވާ ކާރުން ފޭބިއެވެ. އެއާއެކު އޭނާ އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ލޯގަނޑުން ފެންނަމުންދިޔަ ޝައިނާއަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.
"ގެޓް އައުޓް ރިއާން!" ރާހިލް ހަރުކަށިކަމާއެކު ބުންޏެވެ. އޭނާ ހުރީ ޝައިނާއާ އެކަހެރިކޮށް ވާހަކަދައްކަން ބޭނުންވެފައެވެ.
"ނޯ ރިއާން! މަޑުކުރޭ!" ޝައިނާ ހަމަ ރާހިލް ބުނި ރާގުގައި ބުނެލިއެވެ. ރިއާންއަކަށް ހަދާނެ ގޮތެއް ނޭނގުނެވެ.
"ހިތުން ވަރަށް މޮޅު ކަމެއް ދޯ ތި ކުރެވުނީ.. އަހަރެން މާ ގަޔާވާ ކަމެއްނޫން ތިކުރީ" ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ.
"ރާހިލް ރުހޭތޯ ނުރުހޭތޯ ބަލާފަ އަހަރެން ކުރިކަމެއް ނޫނޭ އެއީ" ޝައިނާ ރައްދުދިނެވެ.
"ސަޅި! އަހަރެން ނުރުއްސިޔަކަސް ތަނަކުން ފެންނަހާ ފިރިހެނަކު ރުއްސޭތޯ ބަލާތި" ރާހިލްގެ ޖުމްލައާއެކު ޝައިނާ އިރުކޮޅަކަށް ހުއްޓުން އެރިއިރު ރިއާންއަަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރާހިލް އެހާ މައްޗަށް އެކަންތައް ގެންދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
"އެކަކަށް ނޭނގުނަސް ރާހިލްއަށް އެނގޭނެ ކަމަށް އަހަރެން ހީކުރީ އަހަރެންނަކީ އެކަހަލަ މީހެއް ނޫންކަން. އެހެން ދިމާވާ މީހަކަށް އެންމެ ކުޑަމިނުން އަހަރެންގެ ފޯނު ނަންބަރ ކީއްކުރަން ސޯޝަލް މީޑިއާ އެކައުންޓެއްގެ ނަންވެސް ދީފަ ނޯންނާނެ." ޝައިނާގެ އަޑުގައި ހިތްދަތިކަން އެކުލެވިފައިވިހެން ރާހިލްއަށް ހީވިއެވެ.
"އަހަރެން ހީކުރީ ރާހިލް މުޅިން ބަދަލުވެއްޖެކަމަށް.. މިހާރު އެނގިއްޖެ އެރޭ އެވަގުތުކޮޅު އަހަރެންނާ ދިމާލަށް ކީ އެއްޗެހި އެއީ ރާހިލްއަށް ހެދުނު މިސްޓޭކެއް ނޫންކަން. ޕީޕަލް ޑޯންޓް މޭކް މިސްޓޭކްސް ޓްވައިސް. ރާހިލްއާ ދިމާވި ފަހުން ދުވަހަކުވެސް.. އެންމެ ދުވަހަކުވެސް މިއަދު އަހަރެން މިކުރިފަދަ ކަމެއް ކޮށްފައެއް ނޯންނާނެ.. މިއަދު އަހަރެން އެގޮތަށް ކަންތައްކުރީ ތި ދެމީހުނަށް ފިލާވަޅެއްދޭން.." އެހިސާބަށް ވާހަކަ ގެންދިޔުމަށްފަހު ޝައިނާ ސީޓުގެ ކުރިއަށް ޖެހިލާ ރިއާން އިން ޑްރައިވަރ ސީޓުގައި އަތް އަޅުވައިލިއެވެ.
"ޒީ އަކީ ސިންޑްރެލާއަށް ނުވެދާނެ.. ބަޓް ޝީ އިޒް ސްޓިލް އަ ޕްރިންސެސް.. އެންޑް ހޯޕްފުލީ ޝީ ވިލް މެރީ ސަމްވަން ދެޓް ވިލް ޓްރީޓް ހަރ ލައިކް ވަން." ޝައިނާ ރިއާންއަށް ދިމާލަށް ވައްބަހެއް ފޮނުވައިލުމަށްފަހު ސީޓާ ދުރަށްޖެހިލިއެވެ.
"ކޮންމެހެން އަހަރެމެންނަށް މަޑުނުކުރިޔަސް އެންމެ ރަނގަޅު. އަހަރެންނާ ޒީއާ ދާނީ ހިނގާފަ" ޝައިނާ ކާރުން ފޭބުމުގެ ކުރިން ބުނެލިއެވެ.
"އަދިވެސް އަހަރެންތަ މި ގޯސްވީ؟" ޝައިނާ ފޭބުމާއެކު ރިއާންގާތު ރާހިލް އެއްސެވެ. ރިއާން އެ ސުވާލަށް ޖަވާބުދިނުމެއްނެތި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކާރު ދުއްވައިލިއެވެ.
***********
ރޭ ދެބައިވެ މީސްތަކުން ތަންމަތިތަކަށް ޖަމާވިއިރުވެސް ރާހިލްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ޝައިނާއާމެދު ބަސްމަގު ބެހެއްޓުނު ގޮތާމެދު ވިސްނެމުން ދިޔައެވެ. ބުނެވުނީ ކީކޭކަން ރޭކައިލިއިރު މިވަނީ މާބޮޑަށްވެސް ލަސްވެފައެވެ. އޭނާގެ ހުށަހެޅުމަށް ޝައިނާ އިންކާރު ކުރި ދުވަހަށްފަހު އެ ދެމެދުގައި ލެވިފައިވާ ފާރު މިއަދު އެ ބުނެވުނު ބަސްތަކުގެ ސަބަބުން އިތުރަށް ބޯ ވެގެންދާނެކަން ރާހިލްއަށް ޔަގީންވިއެވެ. ނަމަވެސް އޭނާ އެކަމަކަށް ތައްޔާރެއް ނޫނެވެ. މިހާރުވެސް އެދެމެދުގައިވާ ދުރުކަން އޭނާއަށް ބަރުދާސްތު ކުރެވެނީ ހަމަކިރިޔާއެވެ. އޭނާގެ ސިކުނޑި ޝައިނާގެ ހިޔާލުތަކުން ހުސްވާ އެންމެ ސިކުންތެއްވެސް ދުވާލެއްގެ ސައުވީސް ގަޑިއިރުގެ ތެރޭގައި ވޭތުނުވެއެވެ. އޭނާގެ ނަފްސަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭ ވަގުތަކީ ޝައިނާއާއެކު ހުރެވޭ ވަގުތުތަކެވެ. އެއީ ދާއިމީ ހަމަޖެހުމަކަށްވާން އޭނާ ބޭނުމެވެ. ކޮންމެ ފަދަ ހާލަތެއްގައި ވިޔަސް ޝައިނާ ހާސިލްކުރަން އޭނާ ބޭނުންވެއެވެ. ނަމަވެސް މިއަދު އޭނާގެ ދުލުން ބޭރުވި ބަސްތަކުގެ ސަބަބުން އޭނާ އެކަމަށްޓަކައި ކޮށަމުން އައި ރާސްތާގެ ފެށުނު ހިސާބަށް އަލުން އާދެވިއްޖެކަން ވިސްނުނެވެ. ދެން އޮތް ގޮތަކީ ރާސްތާ ނުގެއްލެންދެން އަނެއްކާވެސް މަގު ކޮށަންފެށުމެވެ.
ރާހިލް ވިސްނަމުން ދިޔައީ އެކަން ކުރާނެ ގޮތަކާ ދޭތެރޭގައެވެ. އަލުން ޝައިނާގެ މައާފު ހޯދޭނެ ގޮތަކާ ދޭތެރޭގައެވެ. އެވިސްނުމުގައި އެރޭގެ އެތަށް ގަޑިއިރެއް ޓެރަހުގައި ހޭދަ ކުރުމަށްފަހު ރާހިލް ތިރިއަށް ފޭބީ އޭނާ ބޯންހުރި ކޮފީތަށި ހުސްވިކަން އެނގުމުންނެވެ. ތަށި ހިފައިގެން ބަދިގެއަށް ވަތްއިރު އެތަނުގައި އިޝްވާ އުޅުނުތަން ފެނި ރާހިލްއަށް ހައިރާންކަމެއް ލިބުނެވެ.
"ވޯ ވޯ.. އަނެއްކާ މިރޭ ފަތިހު އިރު އަރާނީ ކޮން ކޮޅަކުންބާ މިގޭ ޕްރިންސަސް ބަދިގެއަށްވަދެ މި އުޅެނީ؟ ނަމަނަމަ އުނދުން ރޯ ނުކުރައްޗޭ.. ބަދިގެ ރޯވިއްޔާ މަންމަ ހީކުރާނީ އަހަރެން ކަމަށް" ރާހިލް އިޝްވާއާ ދިމާކޮށްލިއެވެ. އޭނާގެ އެންމެ ހާއްސަ ސިފައަކީ އެއީއެވެ. އަމިއްލަ ހަޔާތުގެ ލަގަން ދޫވެ ހަތަރު އުދަރެސް ފެނުޖެހޭ ހިސާބަށް ދާއިރުވެސް އެކަން އެހެން މީހަކަށް އެންގުމެއް ނޯންނާނެއެވެ.
"ދެން ދޮންބޭ.. ވަރަށް ފޫހިވޭ.. ސިއްސައިގެނޭ ދިޔައީ!!އަދިވެސް ނުނިދާ ތި އުޅެނީއޯ؟ ފަތިހު ދުވަން ނުދަނީތަ؟" އިޝްވާ އަހައިލިއެވެ.
"ހްމްމް. މިރޭ ނުދާނަންކަމަށް" ރާހިލްގެ ޖަވާބު އިވި އިޝްވާއަށް ހައިރާން ކަމެއް ލިބުނެވެ. ރާހިލްގެ ހަށީގަ ފުރާނަ ހުރިހާ ހިނދަކު ފަތިހުގެ ދުވުމަކީ އޭނާއާ ވަކިކުރެވޭނެ އާދައެއް ނޫންކަން އިޝްވާއަށް އެނގެއެވެ.
"ދޮންވެ ބަލީތަ؟" އިޝްވާ ރާހިލްއާމެދު ކަންބޮޑުވިއެވެ.
"ނޫން.. ނުނިދިގެން މި އުޅެނީ. އިޝީ ކީއްވެ ނުނިދާ؟" ރާހިލް އޭނާ ގެނައި ޖޯޑު ސިންކަށް ލުމަށްފަހު ބޯކަހަމުން އައިސް އިޝްވާ ގާތު މޭޒުގައި ލެގިލަމުން އެހިއެވެ.
"ޓެސްޓަށް ދަސްކުރަން އިނދެފަ މި އައީ ބްރޭކްއެއް ނަގައިގެން." އިޝްވާ ތައްޔާރު ކުރަމުންދިޔަ އެވޮކާޑޯ މިލްކްޝޭކް ތައްޓަށް ރާހިލް ބަލައިލިއެވެ. އޭރު އިޝްވާ އެ ހަދައި ނިމެނީއެވެ. ހަމަ ނިމުމާއެކުހެން ރާހިލް އޭތި އިޝްވާގެ އަތުން ޖަހައިގަންނަމުން ދުވެލައިފައި ބަދިގެއިން ނުކުންނަން ހިނގައިގަތެވެ.
"ދެން ނޯ. ސިސް ކައިރި ބުނާނަން" އިޝްވާގެ ޖުމްލަ އިވުމާއެކު ރާހިލް ހަމަ އެ ދިޔަ ބާރުމިނުގައި އައިސް އިޝްވާގާތު ހުއްޓުނެވެ.
"އިޝީއަށް އަސްލު ނޭނގެނީއޭ ބަލާބަ. އަސްލު މިގޮތަށް ހެދީމަ މާ މީރުވާނެ ބަލަ–" ރާހިލް މޮޅު ވާހަކައެއް ހަދައިލަމުން އެ މިލްކްޝޭކް ތައްޓަށް އެވޮކާޑޯގެ އެތިއެތިކޮޅު ކޮށައިފައި އަޅަން ފެށިއެވެ.
"ސިސް އޭ ބުނީމަ ހާދަ ވަރެކޭ ދޯ މި ވަނީ" އިޝްވާއަށް ރައްދުދިނުމެއްނެތި ރާހިލް އެ ތަށި ގިރައިލުމަށްފަހު އަލުން އިޝްވާއަށް ދިއްކޮށްލަމުން އިޝްވާގެ ކޮނޑުގައި ޖަހައިލިއެވެ. އިޝްވާހުރީ އަންތަރީސްވެފައެވެ. ރާހިލް ހުރީ އެހާވެސް ބޮޑަށް ޝައިނާ ރުއްސަން ބޭނުންވެފައިބާއޭ އޭނާގެ ހިތަށް އެރިއެވެ. މީގެ ކުރިން ރާހިލް ވާހަކަ ދައްކައި އުޅޭ ކުއްޖެއްގެ ނަމެއް ބުނެގެން ރާހިލްގެ ހިތަށް ކެހެރުވަކެކޭވެސް ހީނުވާއިރު ޝައިނާގެ ނަން ބޭނުންކޮށްގެން ރާހިލްގެ ކޮންމެ ކަމެއް ހުއްޓޭނެ ހިސާބަށް ރާހިލްގެ ކަންތައް ދިޔައީހެއްޔެވެ.
"ވާއު.. އަސްލުވެސް ދޮންބެ ހަމަ ސިސްދެކެ އެހާ ލައިކްވޭތަ؟" އިޝްވާ އެ ތަށީގައި ހިފަމުން ރާހިލްއަށް ބުނެލިއެވެ.
"ޔާ އައި ގެސް.." ރާހިލް ހިތިގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.
"ޓޫ ބޭޑް. އިޝީ މިހާރު ބުނެފިން ދޮންބެ ރިޖެކްޓް ކުރަން. ރުޅި އަންނާނަންތަ؟" އިޝްވާ ދިމާކުރުމުގެ ރާގެއްގައި އަހައިލިއެވެ. ރާހިލް އަލަށް އެހާވާރަކުން އަންހެން ކުއްޖަކާހެދި އުޅޭތަން ފެނުން ވެގެންދިޔައީ އިޝްވާއަށް މަޖާ ކަމަކަށެވެ.
"ޔާ. ތޭންކްސް.. ޝީ އޮލްރެޑީ ރިޖެކްޓެޑް މީ" އެހެންބުނި ހިސާބުން ރާހިލްގެ މޫނުގައިވި ހިނިތުންވުން އޮއްސިގެން ދިޔަތަން ފެނި އިޝްވާއަށް ވެފައި ހުރި މަޖަލަކިއްޔާ ފިލައިގެން ދިޔައެވެ. އެ މޫނުމަތީގައިވާ ހިތާމައާއި ވަރުބަލިކަން އިޝްވާއަށް އެންމެ ފުރަތަމަ ފަހަރަށް ފާހަގަވިއެވެ. ރާހިލްގެ މޫނަށް އެ ކުލަތަކަކީ ކިހާ ބީރައްޓެހި ކުލަތަކެއްކަން އެނގި އިޝްވާއަށް ރާހިލްގެ ހިތުގައި ޝައިނާއާމެދުވާ އިހުސާސްތަކުގެ ފުންމިން ހާމަވެގެންދިޔައެވެ.
"އައި.. އައިމް ސޮރީ ދޮންބޭ.. ދޮންބެ ސިސްގެ ކަންތަކާ ސީރިއަސްތަ؟" އިޝްވާ އަހައިލިއެވެ. ރާހިލް ބޯޖަހައިލިއެވެ.
"އަހަރެންނާ އަންހެނުންނާ ދޭތެރޭ އޮންނަ ހިސްޓްރީ އަކީ މާ ސްމާޓް ހިސްޓްރީއަކަށް ނުވެދާނެ. މެއިބީ މާބޮޑު ވިސްނުމަކާނުލާ ކިތަންމެ ކަމެއް ކުރެވިފަ ހުރެދާނެ. އެކަމަކު މިފަހަރު އަހަރެން ވަރަށް ވިސްނިން. އަހަރެންނަކީ އެހާބޮޑު ގަމާރެއްނޫން.. ޝައިނާއަކީ މިގޭގެ ކޮންމެ މީހަކަށް.. ޒީއަށް.. އިޝްކޮއަށް.. އަދި މަންމައަށްވެސް އެހާ ހާއްސަ ކުއްޖެއްކަން އެނގިހުރެ އެ ގުޅުންތައް ހީނަރުވާކަމެއް ކުރާހާ އަހަރެން ފަރުވާކުޑައެއްނޫން.. ޝައިނާއާ ދޭތެރޭ އަހަރެންނަށް ކުރެވުނު.. ކުރެވެނީ ކޮންމެ އިހުސާސަކަށްވިޔަސް މިއީ ވަރަށް ސާފު ތެދު އިހުސާސެއް" ރާހިލް އިޝްވާއަށް ކިޔައިދިނެވެ. އިޝްވާއަށް އެވަރު އެނގުމުގެ ހައްގު އޮންނާނެކަން އޭނާ ގަބޫލުކުރިއެވެ.
އިސްޖަހައިލައިގެންހުރި އިޝްވާގެ ދުލަކަށް ރައްދުގައި ބުނާނެ އެންމެ އެއްޗެއްވެސް ނޭނގުނެވެ. އެވަގުތު ހިމޭންކަން ފިޔަވައި އިިތުރު ގޮތަކަށް ރާހިލްއަށް ހިތްވަރުދޭކަށް އޭނާއަކަށް ނޭނގުނެވެ. އޭނާއަށް އިސް އުފުލައިލެވުނީ ރާހިލްގެ މަޑު ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
"ދިސް ސަކްސް އިޝީ.. ދިސް ސަކްސް ބިގް ޓައިމް.. އަހަރެންގެ ނަސޭހަތެއް އަހަންޏާ އިޝްކޮ ދުވަހަކުވެސް މީހެއްދެކެ ލޯބިނުވާތި. އަބަދުވެސް ތިހެން އުފަލުގަ ހުރޭ.. ލޯތްބަކީ ސްކޭމްއެއް އިޝީ.. ބިގް ސްކޭމް.. މެޖިކް އިން ދި އެއަރ.. މިއުޒިކް އިން ދި އިއަރސް.. އިޓްސް އޯލް ފޯލްސް އެޑްވަޓައިޒްމެންޓް… އެއިން އެއްވެސް ކަމަކީ މިކަމާ އެއްވެސް ގުޅުމެއް އޮތްކަމެއްނޫން… މިއަށްވުރެން ރަނގަޅުވާނެ ކަރަށް މަހައިލައިފަ އޮންނަ ދަންމަޅިއެއްގެ ގޮތުގަ ލޯބި ސިފަކުރިޔަސް.. ދުރަށްދާ ކޮންމެ ފަހަރަކު ވާންވެ ނޭވާ ރޫޅިދާކަހަލަ.. އެހާވެސް ބޮޑަށް މިތަނުގަ ވޭންއަޅާ!!" ރާހިލް މުއްކަވައިލި އަތުގެ ބޮޑުވައި އިނގިލިން ދެފަހަރަކު މޭގައި ޖަހައިލަމުން އިޝްވާއަށް ބަލައިލިއެވެ. އެހިނދު ރާހިލްގެ ފަރާތުން އިވުނު ހުނުމަކީ އޭގައި އުފާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އެކުލެވިފައިނުވާ ހުނުމެއްކަން އިޝްވާއަށް އެނގުނެވެ. އިޝްވާ މަޑުމަޑުން ރާހިލްގެ އަތުގައި ހިފައިލިއެވެ.
"އަޅޭ.. އަޅޭ ދޮންބޭ.. އިޝީއަށް މާފުކުރޭ.. އިޝީ އަދި ސިސްއާ ވާހަކަދައްކާ-"
"ނޫން އިޝީ! އެއްވެސް ވާހަކައެއް ދައްކާނެ ކަމެއްނެތް. ޝައިނާ ބޭނުން ނުވާގޮތަށް އެއްވެސް ކަމެއް ކުރަން އިޝީ ބާރު އަޅައިގެން ނުވާނެ.. މި.. މިކަމުގަ ޝައިނާގެ ކުށެއް ނެތް.. ކުށްކުރީ އަހަރެން.. އަހަރެންގެ މޮޔަކަމުން ކުއްޖެއްދެކެ ލޯބިވީ.. އަދި އެވެސް މި މުޅި ދުނިޔޭގަވެސް ހުރި އެންމެ ގޮތްދޫނުކުރާ ބޯހަރު އަދި ހިތްހަރު ކުއްޖާ. މަގޭ ސަންތި ސްނޯ ކުއީންއަށް ދޫ ނުކުރާނެ! އަޅެ އިޝީއަށް ފިނި ނުވޭތަ ޝައިނާ ކައިރީގަ އުޅޭއިރު؟؟ އިޓްސް އޯލް އައިސް" ރާހިލްގެ ވާހަކަ ނިންމަމުން މިފަހަރު ޖަހައިލި ހިނިގަނޑުގައި އިޝްވާވެސް ބައިވެރިވިއެވެ.
"އެކަމަކު ތިކަމުގަ ދޮންބެގެ ކުށެއް ނެތެއްނު.. ވީ ޑޯންޓް ޗޫޒް ޓު ފޯލް ފޯރ ސަމްވަން" އިޝްވާ ބުނެލިއެވެ.
"ބަޓް ވީ ޗޫޒް ދަ ސިޗުއޭޝަންސް އިޝީ.. ފުރަތަމަ ދުވަހުން ފަށައިގެންވެސް ދުރުގަ އުޅެވުން ނަމަ މިހެން ނުވީސް" ރާހިލް އޭނާގާތު ރިއާންބުނި ބަސްތައް ތަކުރާރު ކޮށްލިއެވެ. ފާއިތުވެދިޔަ މަދު ދުވަސްތަކުގައި އޭނާ ދިޔައީ ހުއްޓުމެއްނެތި އެ ބަސްތައް އަމިއްލަ މީހާއަށް ވިސްނައިދެމުންނެެވެ.
"ނޫން ދޮންބޭ.. ރަނގަޅަށް ވިސްނާލީމަ އެނގޭނެ ސިޗުއޭޝަނަކީވެސް އެއްވެސް ބާރެއް ފޯރުވޭނެ އެއްޗެއް ނޫންކަން… ތިހެން ބުނަންޏާ ސިސްއާ މެދު ކްރިއޭޓްވި ސިޗުއޭޝަނަށްވުރެން މާ ގާތް ކިތަށް ސިޗުއޭޝަން ދޮންބެ ކިތަށް މީހުނާއެކު ކްރިއޭޓްކުރިން؟ ތިކަހަލަ އިހުސާސެއް އުފެދުނުތަ؟ ނޫނެއްނު؟ ހަގީގަތަކީ ހިތުގެ ލަގަން ދޫވާ ހިސާބުން އިންސާނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.." އިޝްވާގެ ވާހަކައިގައިވާ ތެދުކަން ރާހިލްއަށްވެސް ގަބޫލުކުރެވުނެވެ. އޭނާއަށް މީހަކު ލޯބިވަންޏާ ލޯބިވެވޭނެ ކިތަންމެ ހާލަތެއް ކިތަންމެ ކަމެއް އެހެން ކިތަންމެ ކުއްޖަކާއެކު ހިނގައިފައިވާއިރުވެސް އޭނާގެ ހިތުގައި މި އިހުސާސްތަކެއް އުފެދިފައެއް ނުވެއެވެ.
"އޯކޭ އޯކޭ. އިޝްކޮވެސް މިހާރު ހާދަ މޮޅު ވެއްޖޭ ދޯ.. ތި މޮޅުކަން މިފަހަރުގެ ޓެސްޓުން ނިކަން ދައްކަންވާނެ.. ދެން މާ މޮޅެތި ވާހަކަ ނުދައްކާ ދޭ ފޮތްކިޔަން" ރާހިލް އިޝްވާ އަވަހަށް ފޮނުވައިލިއެވެ.
އިޝްވާ ދިޔުމާއެކު އޭނާ އަނެއްކާވެސް ފުންހިޔާލެއްގެ ތެރެއަށް ގެއްލުނެވެ. މި ދިމާވި ކަންތަކުގައި އޭނާގެ ކުށެއްނެތްކަން އިޝްވާ ބުނެދިން ހިސާބުން ހިތްވަރު އައުވިކަހަލައެވެ. އެވަގުތު ލިބުނު މޮޅު ހިޔާލާއެކު އޭނާ ހިނިތުންވެލިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ރީތި މިބައިވެސް. ނޫރްއަށް ހީވަނީ ( ފިޔަވަޅެއް ނޭޅެންދެން ) މިލަފުޒު އިންނާނީ ( ފިޔަވަޅެއް ނޭޅެނީހެން ) މިހެން ކަންނޭނގެ. ހަމަގައިމުވެސް ނޫރްމެން ކިޔަނީ އެގޮތަށް. ވެދާނެ މީ އަންޔާސިސްމެން ރަށުބަހުން ކިޔާގޮތް ކަމަށްވެސް. ފާހަގަ ކުރެވުނީމަ ހަމަ ބުނެލީ. ވަރަށް ޝައުގުވެރި ވާހަކައެއް މީ. އާ އެޕިސޯޑެއް ނުނެރިގެން ހަމަ ހުރެވެނީ.
ޝުކުރިއްޔާ ނޫރް. ތި ބުނި އިބާރާތް ޗެކް ކޮށްލާނަން
ޒީ… ރިއާން ވަރުގަދަ އެއްޗެއް ބުނެލައިފިއެންނު. ޒީ މީހަކާ އިނދެފާނެތީވެޔޯ އެއުޅެނީ. ޒީ އިންނަންއުޅޭ ސޮރު ހޯދަން ނޫޅެ ހުންނަކަމާމެދު ވެސް ހައިރާން ވެއްޖެ. ހެހެހެ…