ހިތް އެދޭހާ ކަމެއް.. (18 ވަނަބައި)

"އިޝީ ކައިރި ބުނައްޗޭ އަހަރެން ވަކި އެއްޗެއް ނުބުނަންދެން ރާހިލްއާ ދިމާލަށް އެއްޗެކޭ ނުކިޔާށޭ" ޝައިނާ ބުނެލިއެވެ. ޝިމާން އެކަމަށް ބޯ ޖަހައިލުމަށްފަހު އެޕަރޓްމެންޓުން ނުކުތީ ޝައިނާ ފުން ވިސްނުމެއްގެ ތެރެއަށް ދޫކޮށްލައިފައެވެ.

************

ދެތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޝައިނާއަށް ރާހިލްގެ ހުށަހެޅުމަށް ދޭނެ ޖަވާބަކާމެދު ގޮތެއް ނުނިންމުނެވެ.  ރާހިލްއާމެދު އޭނާގެ ހިތުގައި އެއްވެސް އާދަޔާހިލާފު އިހުސާސްތަކެއް ވާކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. ރާހިލް އެދުނީ އެ އިހުސާސްތައް އުފަންކުރާނެ ފުރުސަތަކަށެވެ. ފިރިހެނުންނަށް އިތުބާރު ކުރުމަކީ އޭނާއަށް އެހާ ފަސޭހަކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ރާހިލްފަދަ އަންހެންކުދިންގެ ހިތްހަލާކު ކުރުމުގައި އަރާހުރި މީހަކަށް އިތުބާރު ކުރަން އޭނާ ފަސްޖެހެއެވެ. މުޅި ދުނިޔެވެސް އޭނާ ރާހިލްގެ ހުށަހެޅުމަށް އިންކާރު ކުރަން ޖެހޭކަމުގެ ހެކި ދައްކަމުން ދިޔައެވެ. ނަމަވެސް އިންކާރުކުރުމުގެ ނިޔަތުގައި ރާހިލްގެ ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު އޭނާގެ ހިޔާލު ބަދަލުވެއެވެ. ރާހިލްގެ މޫނުމަތީގައިވާ ހިނިތުންވުމާއި އެ ދެލޮލުގައިވާ އުއްމީދުގެ ވިދުވަރު ފެންނަ ކޮންމެ ފަހަރަކު އަދި ވިސްނާލަން ވަގުތު ބޭނުންވާކަމަށް ހިތްބުނެއެވެ.

މިރެއަކީވެސް އެކަހަލަ ރެއެކެވެ. ރާހިލްގެ އެދުމަށް ގޭގައި ލަޒާންޏާ ތައްޔާރު ކުރުމަށްފަހު އޭނާ ރާހިލްއަށް ކާން ގުޅީ އެރޭ ރާހިލްއަށް އެދެމީހުން ގުޅުމަކީ ރަނގަޅުގޮތް ނޫންކަން ވިސްނައި ދިނުމުގެ ނިޔަތުގައެވެ. އޭނާ ރާހިލްއާ ވާހަކަ ދައްކަން ބޭނުންވެފައި އިންކަން ދެނެގަނެ ޝިމާން އަވަހަށް ކައި ނިންމައިލުމަށްފަހު ކޮޓަރިއަށް ވަނެވެ. ޝައިނާއާއި ރާހިލް އެކަނިވިއެވެ. ނަމަވެސް ރާހިލް ކައި ނިމެންދެން މަޑުކުރުމަށް އޭނާ ގަސްދުކުރިއެވެ.

ކައިނިމުމުން ތަށިތައް ނެގުމުގައި ރާހިލް ޝައިނާއަށް އެހީތެރިވެދިނެވެ. އެއަށްފަހު ތަށިތައް ދޮވެ ހިއްކަން އެޅުމުގައިވެސް އެހީތެރިވެދިނެވެ. ޝައިނާ ތަށިތަށް ދޮންނަ ވަރަކަށް ރާހިލް އެ ތަށިތަށް ފުހެފައި ހަރުގައި ބަހައްޓަމުން ދިޔައެވެ. އެންމެފަހަށް އަވަނަށް ލައިފައިހުރި ޓްރޭ ދޮންނަނިކޮށް ރާހިލް އެތަނުން ގެއްލިއްޖެއެވެ. ދެން ފެނުނީ ޝައިނާގެ ކޮޓަރިން ބޮލުގައި އައްސާ ވޫލުކޮޅެއް ހިފައިގެން އައިސް ޝައިނާގެ ފަހަތުގައި ހުއްޓިލިތަނެވެ. އަދި ޝައިނާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތަށް ފަހަތައް ގެނެސް އެކީ އެކައްޗަކަށް އިސްތަށިގަނޑު އައްސައިލައިދިން ތަނެވެ. ޝައިނާގެ ހަނދާނަށް އައީ އެދެމީހުން ކާން ދިޔަރޭގެ ހަނދާންތަކެވެ. ރާހިލްގެ އެ އޯގާތެރިކަމުން އޭނާގެ ހިތް ފުރިގެންއައި ކަމުގައިވިޔަސް އެ އޯގާތެރިކަން ފެންނަ ކޮންމެ ފަހަރަކު ޝައިނާއަށް އުނދަގޫވަމުންދިޔައީ އޭނާ ދޭން އުޅޭ ޖަވާބުގެ ގޮތުންނެވެ.

"ރާހިލް" ހުރިހާ ކަމެއް ނިމުމުން ޝައިނާ ރާހިލްއަަށް ގޮވައިލިއެވެ. އަދި އޭނާގާތު ސޯފާގައި އިށީނުމަށް އިޝާރާތްކުރިއެވެ. ރާހިލް އައިސް ސޯފާގައި އިށީނުމާއެކު ޝައިނާ ފުންނޭވާއެއް ދޫކޮށްލަމުން ވާހަކަދެއްކިއެވެ.

"ރާހިލް.. އަހަރެން ވަރަށް ވިސްނައިފިން ރާހިލް ދެއްކި ވާހަކައާމެދު.. އަހަރެންނަށް މާފުކުރޭ ރާހިލް.... އަހަރެންނަކަށް ހިއެއްނުވޭ އަހަރުމެން ދެމީހުން ގުޅުމަކީ ރަނގަޅު ހިޔާލެއްހެނެއް.. އަހަރެންނަކަަށް ރާހިލްއާމެދު އެކަހަަލަ ގޮތަކަށް ނުދެކެވޭ.. އެންޑް އައި ނޯ ދިސް އިޒް ގޮނަ ކޯސްޓް މީ އަވަރ ފްރެންޑްޝިޕް ބަޓް އައިމް ރެޑީ—"

"ރެޑީ ޓު ލޫޒް މީ.." ރާހިލް ބޯ ޖަހައިލަމުން ހިތިގޮތަކަށް ހިނިތުންވެލިއެވެ. ޝައިނާވެސް ރާހިލްގެ ޖުމްލައަށް ބޯ ޖަހައިލިއެވެ. އެމަންޒަރު ފެނި ރާހިލްގެ ހިތުގެ ނޭނގޭ ދިމާލެއްގައި ރިއްސައިލިއެވެ. އޭނާއަކީ ޝައިނާގެ ހަޔާތުގައި އެއްވެސް މުހިއްމުކަމެއް ހުރި މީހެއް ނޫންކަން އެނގުމާއެކު ހިންދިރުވައިލެވުނެވެ.

"އަހަރެން ވަރަށް ގިނަ ގޮތް ގޮތަށް މިކަމާ ވިސްނައިފިން ރާހިލް. ރާހިލްއަށް އަހަރެންގެ ބެކްގްރައުންޑް މެޓަރ ނުވި ކަމުގައި ވިޔަސް އަހަރެންނާ ރާހިލްއާ އެއްވެސް ގޮތަކުން ކޮމްޕެޓިބަލް އެއް ނޫނޭ.. ރާހިލް ގަބޫލުކޮށްބަލަ އަހަރެންނާ ރާހިލްއާ ހުރި ތަފާތު.. ރާހިލްއަކީ ގަނޑުވަރެއްގެ ޝެހެޒާދާއެއްހެން ބޭނުންވާ ކޮންމެ އެއްޗެއް ލިބިގެން އެންމެންގެ ލޯތްބާއެކު އެއްވެސް މަސްއޫލިއްޔަތެއް ނެތި އުޅެ ބޮޑުވި މީހެއް އެކަމަކު އަހަރެން..  އަހަރެންނަކީ ބޭބެ ހުރިއިރުވެސް މި އާއިލާގެ ހުރިހާ ކަމަކާ ހަވާލުވެގެން ޒިންމާތަކާއެކު ބޮޑުވި މީހެއް… އަހަރެންނާ ރާހިލްގެ ވިސްނުމާއި ހިޔާލު ވަރަށް ތަފާތުވާނެ… ރާހިލް.. އަހަރެންގެ ބައިވެރިއަކަށް ބޭނުންވަނީ ވަރަށް ކެތްތެރި ޒިންމާދާރު މީހެއް… އެކަމަކު ރާހިލްގެ އަމިއްލަ އުޅުމަށް ބަލާލަބަ.. ރާހިލް ކުޑަމިނުން ދުރިއުޅުމަށްޓަކާ މަސައްކަތްކޮށް ވަޒީފާއަކަށްވެސް ނުދަމެއްނު… ގަބޫލުކުރަން ރާހިލް ބޭނުންވާ ހުރިހާ ކަމެއް ވަންޏާ އަދި ހުރިހާ އެއްޗެއް ލިބެންޏާ އެއީ މައްސަލައެއްނޫންކަން… އެކަމަކު އެއީ އަހަރެންގެ ބައިވެރިއެއްގެ ފަރާތުން ބޭނުންވާ ގޮތެއް ނޫނޭ ރާހި—"

"ޝައިނާއަށް ހީވަނީތަ އަހަރެން ވަޒީފާއަކަށް ނުގޮސް މިހިރީ އަހަރެންނަށް ވަޒީފާއެއް ނުލިބޭނެތީއޭ؟؟ ފޯ ގޯޑްސް ސޭކް އައި އޭމް މޭޖަރޑް އިން ފައިނޭންސް. ވަން އޮފް ދަ މޯސްޓް ޑިމާންޑިންގް އިންޑަސްޓްރީޒް އިން ދި ޖޮބް މާރކެޓް.. އަދި ހަނދާންނެތުނީތަ އަހަރެން 3 އަހަރު ޔޫކޭގަ މަސައްކަތްކުރިކަން؟؟ އައި ކޭން ގެޓް އަ ޖޮބް ހިއަރ ވިތް އަ ސްނެޕް އޮފް މައި ފިންގަރސް. އަހަރެން މިވަގުތު ބްރޭކެއް ގޮތުގައި މި ނަގަނީ އަހަރެން ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވާން އޮތީމަ.." ރާހިލް ބުންޏެވެ.

"ތި ބުނީ؟؟" ޝައިނާއަކަން ރާހިލް އެ ބުނާ ޒިންމާއަކީ ކޮބައިކަމެއް ނޭނގުނެވެ.

"މިބުނީ ކީކޭކަން ޝައިނާއަށް އަވަސް މުސްތަގްބަލެއްގައި އެނގޭނެ. އެކަމަކު ޝައިނާ އަހަރެން ރިޖެކްޓް ކުރަން ބޭނުމިއްޔާ ތިހާ ސްޓުޕިޑް ބަހަނާއެއް ނުދެއްކިޔަސް އެ ހައްގު ޝައިނާއަށް އޮންނާނެ. ޝައިނާ ބުނެފިއްޔާ މީގެ ފަހުން އަހަރެން ޝައިނާއަކަށް އުނދަގުލެއް ނުކު—"

"ނޯ ރާހިލް.. މިބުނީ.. އަހަރެންނަށް އަދިވެސް ދުވަސްކޮޅެއްދީ" ރާހިލްގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ބުންޏެވެ.

"އޯކޭ.. އަހަރެން އަދިވެސް މިހިރީ އިންތިޒާރުގަ.." ރާހިލް ހިނިތުންވެލަމުން ޝައިނާގެ އަތުގައި ހިފައިލިއެވެ. އުޅަނބޮށްޓާއި ހަމައަށް ގަމީހުގެ އަތުކުރި އޮޅައިލެވިފައިވުމުގެ ސަބަބުން ހާމަވެފައިވާ ރާހިލްގެ އަތަށް ޝައިނާގެ ސަމާލުކަން ހުއްޓުނެވެ.

"މިހާރު އަތް އޯކޭތަ؟" ޝައިނާ އަހައިލިއެވެ.

"ޔެސް. މިހާރު އެކަމުގެ ހިލަމެއްވެސް ނެތެއްނު.." ރާހިލްވެސް އަމިއްލަ އަތަށް ބަލައިލަމުން ބުންޏެވެ.

"އެކަމަކު ދެން އެކަހަލަ މޮޔަކުދިން ކުރާކަހަލަ ކޫސަނި ކަންކަން ނުކުރައްޗޭ.. އެރޭ ކީއްވެ ނުބުނީ؟" ޝައިނާ ޝަކުވާ ކުރިއެވެ.

"އެކަމާ އަޅާނުލާ. އެއީ ދެން އެހާވަރު ކަމެއްނޫން..  އެއީ ކިތަންމެ ކުޑަކަމެއް ވިޔަސް ޝައިނާ އިމްޕްރެސް ކުރެވުނެއްނު.. މިރޭދެން މާ ލަސްވެއްޖެ. ދަނީ އެނގޭ.. ގުޑް ނައިޓް ސަންތި" ރާހިލް ގޮނޑިން ތެދުވެ ޝައިނާގެ އިސްތަށިގަނޑު ކުޑަކޮށް ހާވައިލާމުން ބުންޏެވެ.

"ދެން ރާހިލް" ޝައިނާ އަނެއްކާވެސް އެ އިސްތަށިގަނޑު ރީތިކޮށް އައްސައިލަމުން ބުންޏެވެ. އޭރު ރާހިލް ހެމުން ހެމުންގޮސް އެގޭގެ ދޮރުން ނުކުމެއްޖެއެވެ. ރާހިލް ނުކުތުމާއެކު ޝައިނާ ފުންނޭވާއެއް ދޫކޮށްލަމުން އިޝްވާއަށް ފޯނުކުރިއެވެ.

"ޔެސް ސިސް.. ކޮބާ ކިހިނެއް ދިޔައީ؟؟" އިޝްވާ އުފާވެރި އަޑަކާއެކު އަހައިލިއެވެ.

"އައި..އައިމް ސޮރީ އިޝީ… އައި. އައި ރިއަލީ ޓްރައިޑް އަހަރެން ވަރަށް މަސައްކަތް ކުރިން އެކަމަކު ރިޖެކްޓް ކުރާވަރު ރީޒަންއެއް ނުފެނުނު.. އެއްވެސް ސަބަބަކާނުލާ-"

"ޔޫ ޑޯންޓް ނީޑް އަ ރީޒަން ޓު ރިޖެކްޓް ހިމް ސިސް. ކޮންމެހެން ސަބަބެއް ދޭން ޖެހޭތަ؟" އިޝްވާގެ އަޑުގައިވި އުފާވެރިކަން ގެއްލުނެވެ.

"އިޝީ.. އެނގެޔޭ ސަބަބެއް ދޭން ނުޖެހޭކަން އެކަމަކު އިޝީ  ތިބުނާހާ ފަސޭހައެއް ނޫނޭ.. އަހަރެންނަށް އެނގޭހެން އިޝީއަކަށް ރާހިލްއެއް ނޭނގޭ-"

"ރިއަލީ؟؟ ސިސްއާ ދޮންބެއާ ދިމާވިތާ މިވީ އަދި އެންމެ ހަތަރު މަހޭ!! އެކަމަކު އަހަރެން؟  އަހަރެންގެ އުމުރުން ވީހާ ދުވަހެއް ވަންދެން އަހަރެންނަށް ދޮންބެ އެނގޭއިރު ސިސް ތި ބުނަނީ އަހަންނަށްވުރެން ރަނގަޅަށް ދޮންބެ އެނގޭނީ ސިސް އަށޭތަ؟؟" އިޝްވާ ހިތްހަމަ ނުޖެހުނެވެ. އޭނާ ވަނީ ފާޅުގައި ޝައިނާއާ ރާހިލްގެ ގުޅުމާ ނުގަބޫލުކަން ދައްކައިފައެވެ. އަދި އެ ގުޅުމަށް އިންކާރު ކުރުމަށް ޝައިނާއަށް އަންގައިފައެވެ.

"އިޝީ އެހެނެއްނޫނެ–" ޝައިނާގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން އިޝްވާ ފޯނު ކަނޑައިލިއެވެ. ދެފަހަރެއްގެ މަތިން ޝައިނާ އިޝްވާއަށް ގުޅަން ކުރި މަސައްކަތް ބޭކާރުވީ އިޝްވާ ފޯނު ބިޒީ ކޮށްލުމުންނެވެ. ގޮތްހުސްވެފައިވާ ފަދައިން ޝައިނާ ނިއްކުރީގައި ދެއަތުން ހިފަހައްޓައިލަމުން ސޯފާގައި އިށީނދެ ފުންނޭވާއެއް ދޫކޮށްލިއެވެ.

***********

އާދައިގެ މަތިން ދުވަސް ނިންމައިލުމަށްފަހު ގެއަށް އައިސް ފެންވަރައި ތާޒާވެލައިގެން ރިއާން ބެލްކަންޏަށް ނުކުމެލިއެވެ. ބޯން ގެންގުޅު ރެޑްބުލްދަޅު ރާނައިފައިވާ ރެއިލިންގް މަތީގައި ބެހެއްޓުމަށްފަހު އެތަނުގައި ދެ އުޅަނބޮށި އަޅުވައިލަމުން ކުރިމަތިން ފެންނަމުންދިޔަ މާސިންގާ ކަނޑަށް ނަޒަރު ހުއްޓައިލިއެވެ. ދުރުދުރުގައި އަޅައިފައިވާ ސަފާރީތަކުގެ އަލިން ކަނޑުގެ ބާނިތައް ނަށަމުންދާ ހިތްގައިމު މަންޒަރަކީ އާންމު ދުވަހެއްގައި އޭނާގެ ހިތަށް ހަމަޖެހުން ގެނެސްދޭ މަންޒަރެކެވެ. ނަފްސު އާރޯކޮށްދޭ މަންޒަރެކެވެ. ނަމަވެސް މިއަދު އެ މަންޒަރުގެ ހިތްގައިމު ކަމަކުން ނުވަތަ ގައިގައި ބީހެމުންދާ ތެތްފިނި ވައިރޯޅީގައިވާ އަރާމަކުން އޭނާގެ ނަފްސަކަށް ތަސައްލީއެއް ނުލިބުނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަނދިރިކޮށްލައިފައިވާ އެޕަރޓްމެންޓްގެ އެތެރެއަށް އޭނާ ހިނގައިގަތީ ސިނގިރޭޓުފޮށި ހޯދުމަށެވެ. ސޯފާގެ ކުރިމަތީގައިހުރި ބިއްލޫރި މޭޒުމަތީގައި އޮތް ސިނގިރޭޓު ފޮށި ނަގަން ގުދުވެލި ވަގުތު އެތަނުގައި އޮތް ވޮލެޓު އޭނާގެ ލޮލުގައި އަަޅައިގަތެވެ. އިރުކޮޅަކު ހުއްޓުންއަރައިފައި ހުރުމަށްފަހު އޭނާ ދެން ބެލްކަންޏަށް ނުކުތީ އެ ވޮލެޓުވެސް ހިފައިގެނެވެ.

ރިއާން އެ ވޮލެޓު ހުޅުވައިލަމުން އޭގެތެރެއިން ކަޅުކުލައިގެ ހިމަ ހިމަ ބޮލުގައި އައްސާ ރަބަރެއް ނެގިއެވެ. އެއީ ޒީވާ އައިސް އުޅުނު ރެއާ ޖެހިގެންއައި ދުވަަހު އޭނާގެ އެނދުގެ ބާލީސް ކައިރިން ހޯދި ރަބަރެކެވެ. އެއީ ކިތަންމެ ކުޑަ އެއްޗެއް ކަމުގައިވިޔަސް އެދުވަހު އޭނާ އެ ވޮލެޓަށްލީ ޒީވާ ދެން ފެންނަ ދުވަހަކުން އެ ދޭނީ ކަމަށް އަމިއްލަ ނަފްސަށް ބުނަމުންނެވެ. ނަމަވެސް ޒީވާއާ ދިމާވި ދުވަހުވެސް އޭނާއަކަށް އެކަމެއް ނުވިއެވެ.

ހަގީގަތަކީ ޒީވާގެ އެ ކުޑަކުޑަ ހަނދާން އޭނާއަށް އެއްލައިލާން ނުކެރުނީކަމެވެ. އިރުކޮޅެއްވަންދެން ދެއަތުގެ ތެރޭގައި އެ ރަބަރުކޮޅު އެތަށް ގޮތަކަށް ގެންގުޅުމަށްފަހު ރިއާން އޭތިކޮޅު އޭނާގެ ވައަތުގެ ކުޑަހުޅުގައި އަޅުވައިލިއެވެ. އިރުއިރުކޮޅާ އެ ރަބަރު ދުރަށް ދަމައިލުމަށްފަހު އަތުގެ ހަންގަނޑަށް ފިއްލާނެހެން  ދޫކުރަމުން ދިޔައިރު އޭނާގެ ސިކުނޑީގައި ޒީވާގެ ކައިވެންޏާ ގުޅޭގޮތުން ޝައިނާ ކުރީދުވަހު ބުނި ބަސްތައް ތަކުރާރު ވަމުން ދިޔައެވެ. އެއާއެކު އޭނާގެ އަތުގެ ހަރަކާތްވެސް އަވަސްވަމުން ދިޔައެވެ. އެ ވިސްނުމުގައިހުރެ އަތުކުރީގައި އެ ރަބަރު ޖެހި ފިއްލަމުންދާ ހިސާބު ފާހަގަވެ ރަތްވަމުންދިޔައިރުވެސް އޭނާއަށް އެކަން ރޭކައިނުލައެވެ. އެ ސިކުނޑީގެ ތެރޭގައި ހިނގަމުންދިޔަ ހައިޖާނުގަނޑު ބޮޑުވެ ބޮލަށް ބާރުކުރާ ހިސާބަށް ދިޔުމާއެކު ރިއާން ހަޅޭލައްވައިގަންނަމުން ކައިރީގައިހުރި ރެޑްބުލްދަޅު ނަގައި ބަނޑިކޮށްލުމަށްފަހު އަތުގެ ކޮޅަށް ހޫރައިލިއެވެ.

***********

ކޮޓަރީގެ ސީލިންގުގައި އަޅުވައިފައިވާ ފަންކަލަށް ބަލަހައްޓައިގެން ފުންހިޔާލަކަށް ގެއްލިފައިއޮތް ޒީވާގެ ކައިރީގައި އިށީނދެލައިގެން އިން ޝައިނާ އިރުއިރުކޮޅާ ޒީވާގެ ނަމުން ގޮވައިލައެވެ. އޭނާ ދިޔައީ މެސެޖުގެ ޒަރީޔާއިން ކޮންމެވެސް ވެޑިންގް ޕްލޭނަރަކާ ވާހަކަދައްކަމުން ކަމަށްވާތީ އިރުއިރުކޮޅާ އެކި ކަންކަމުގައި ޒީވާގެ ހިޔާލު ހޯދަމުންދިޔައެވެ. ނަމަވެސް އެކަމަށް ޒީވާގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބެއެވެ. މަޑުމަޑުން ބުނެލާ ހޫމްއެއްގެ އަޑު ފިޔަވައި އިތުރު އަޑެއް ޒީވާގެ ފަރާތަކުން ނީވެއެވެ.

"ޒީ.. ދެން އަޅެ މިކަމާ ވެބަަލަ.. މީ ޒީގެ އަމިއްލަ ވެޑިންގެއްނު" ޝައިނާ ޒީވާގެ އަތުގައި ހިފައި ތެދުކުރިއެވެ.

"ދެން އަޅެ ޝައިއަށް ފެންނަ ގޮތެއް ހަދާބަލަ. އޯކޭވާނެ. އިޓްސް ނޮޓް ލައިކް އައިމް މެރީއިންގް މައި ޑްރީމް މޭން އޯރ ސަމްތިންގް" ޒީވާ ފާޑަކަށް ތުން އަނބުރައިލަމުން އަނެއްކާވެސް އޮށޯތެވެ.

"ޒީ..އަޅެ ޑްރީމް މޭން ނުލިބުނަކަސް ހަމަ އެހާ ޑްރީމީ އެހެން މީހެއްވެސް ލިބިދާނެއެއްނު.. ޒީ ހަމަ އެއްވެސް ވަރަކަށް އެއީ ކާކުކަން ބަލައިލުމުގެ ޝައުގެއް ނެތްތަ؟" ޝައިނާ ޒީވާ ގާތު އޮށޯވެލިއެވެ.

"އޭނަ ނުލިބޭނެކަން އެނގޭހާ ހިނދަކު އެހެން ކޮންމެ މީހެއް ލިބުނަސް ފަރަގަކީ ކޮބާ؟؟ އަހަރެންގެ ހިތަށް އަރާހަމަ އޭނަގެ ހިތަށް އެކައްޗެކޭވެސް ނާރަނީބާއޭ"

ޒީވާގެ އަޑުގައިވާ ހިތާމަ ޝައިނާއަށް ފާހަގަ ކުރެވުނެވެ. އަދި ޒީވާ އެދައްކަނީ ކާކުގެ ވާހަކަ ކަންވެސް އެނގުނެވެ.

"އަހަރެންނަކަށް ކިޔާދޭކަށް ނޭނގޭ މި ވާ ގޮތެއް. އަހަރެން މޫވް-އޮން ކުރަން ހާދަ ބޭނުމޭ.. މީހަކަށް ނޭނގުނަސް އަހަރެންގެ ހިތުގަ ހާދަ ވޭނެއް އަޅައޭ. ރިއާން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އެތައްހާސް ފަޅިއަކަށް ކުދިކުދިވެގެންދާ ކަހަލަ. އެ ކެބިންގަ ހުރިއިރުވެސް.. އެންމެ ފަހަރަކު.. ހަމަ އެންމެ ފަހަރަކު ރިއާން އަހަރެންގާތު މި ކައިވެނި ނުކުރާށޭ ބުންޏަސް އަހަރެން މި ކައިވެންޏެއް ނުކުރާނަން" ޒީވާގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ނީރައިލިއެވެ. ޝައިނާވެސް ޒީވާގެ ހާލާމެދު ދެރަވިއެވެ. ހިތްވަރުދޭން ބޭނުންވިއެވެ. އޭނާ ބިރުގަންނަ އިތުރު ކަމެއްވެސް އެބައޮތެވެ. ރާހިލް ބުނި ފަދައިން ރިއާންއަށް ކައިވެނީގެ ހަބަރު ލިބޭ އިރަކުން އެކައިވެންޏަށް އިންކާރު ކޮށްފާނެ ކަމަށެވެ. ނުވަތަ ކައިވެނީގެ ފަހުންވެސް ޒީވާ އެ ބޭނުންވާ ލޯބި ރިއާންގެ ފަރާތުން ނުލިބިދާނެ ކަމަށެވެ.

"ޒީ.. އަހަރެން ތިކަމާ ބުނާނީ ކީކޭ؟ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް" ޝައިނާ ޒީވާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލައިދިނެވެ. ޒީވާވެސް ޝައިނާގެ ވާހަކައަށް ބޯ ޖަހައިލިއެވެ.

"ޒީ..ޒީ.. އެބަ އުޅެންތަ؟" ކުއްލިއަކަށް ރާހިލް ޒީވާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. "ޝައިނާވެސް އެބަ އިނިން ދޯ. ޒީ. މި ގަމީސް އިސްތިރި ކޮށްލަދީބަ. ރިއާން ބުނެގެ-"

"އަމިއްލައަށް އިސްތިރި ކޮށްބަލަ" ޒީވާގެ އަޑުގައި އެހެންޏާ ނުހުންނަ ރުންކުރުކަން ރާހިލްއަށްވެސް ފާހަގަވިއެވެ.

"އަހަރެން ފެންވަރާލަން ވާއިރަށް މި އިސްތިރި ކޮށްލަދިނިއްޔާ އަވަސްވާނެއްނު؟ ވަރަށް އަވަހަށް ރިއާން ބުނެގެ-"

"ހޫން ތި މިތާ ބާއްވާފަ ދޭ. އެބަދަން އިސްތިރިކޮށްދެން" ރާހިލްގެ ވާހަކަ ނުނިންމެންދެން ޒީވާ ބުންޏެވެ. ޒީވާ އެހާ އަވަހަށް އެކަން ކޮށްދޭން އެއްބަސްވުމުގެ ސަބަބުން ރާހިލް ހައިރާންވި ނަމަވެސް ގަމީސް އެނދުމައްޗަށް އެއްލުމަށްފަހު އޭނާ އެތަނުން ދިޔައެވެ.

"ރިއާން ރިއާން ރިއާން!! ބޯ ފަޅައިގެން ދާ ވަރުވޭ. ކޮންމެ ދެޖުމްލަ ދޭތެރެއިން އޭނާގެ ނަން ނުކިޔަކަސް ވެދާނެއެއްނު. ޝައި ބުނާހެން ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް.. މީހަކާ އިނދެގެން ދިޔައިމަ އަބަދު އަހަރެންނަށް އެނަން އިވިއިވިއެއް ނުުހުންނާނެ އެއްނު" ޒީވާ ރާހިލްގެ ގަމީސް އަތަށް ބޮނޑިކޮށްލަމުން އެނދުން ތެދުވިއެވެ. އޭރު އައިސްފައިވާ ރުޅީގެ ސަބަބުން އޭނާ ހީވީ ދެންމެ ދެންމެ ރޮއެގެންފާނެހެނެވެ.

"ލީވް އިޓް ޒީ.. ތި ހާލަތުގަހުރެ ޒީ ނުކުންނާނެ ކަމެއް ނެތް.. އަހަރެން ތިކަން ކޮށްލަދޭނަން. ޒީ އިހަކަށް ހަމަޖެހިލަން މިތާ މަޑުކޮށްލާ.. ބޭނުންވަރަކަށް ވިސްނާލާ…ރޮއެލާ.." ޝައިނާ ޒީވާއަށް ފެންތައްޓެއް އަޅައިދިނުމަށްފަހު އެނދުގައި ބޭންދިއެވެ. އަދި ޒީވާގެ އަތުގައިއޮތް ގަމީސް ހިފައިގެން ކޮޓަރިން ނުކުމެ ހޯލްވޭ ނިމޭ ހިސާބުގައި ހަދައިފައިވާ ކުޑަ ލޯންޑްރީއާ ދިމާލަށް މިސްރާބު ޖެހިއެވެ.

އިސްތިރި ކުރާ މޭޒުމަތީގައި ގަމީސް ފަތުރައިލި ވަގުތު ޝައިނާގެ ސިކުނޑިއަށް ވެރިވީ ކޮންކަހަލަ ވަސްވާހެއް ކަމެއް ނޭނގެއެވެ. މަޑުމަޑުން ރާހިލްގެ ގަމީސް ނަގައި ނޭފަތާ ގާތްކޮށްލިއެވެ. ރާހިލްގެ ގައިން އަބަދުމެ ދުވާ މީރު ސެންޓުގެ ވަސް އެ ގަމީހުގައި ހަރުލައިފައި ހުއްޓެވެ. އެއީ ޝައިނާއަށް އަބަދުވެސް ވަރަށް ކަމުދާ ވަހެކެވެ.

"ގޯޝް.. ޖަސްޓް ސޭ ޔެސް އެޓް ދިސް ޕޮއިންޓް" ކުއްލިއަކަށް ޝައިނާ ސިއްސައިގެން ދިޔައީ ފަހަތުން އިވުނު އިޝްވާގެ އަޑަށެވެ. އިޝްވާގެ އަޑުގައިވާ ނުރުހުމުގެ އިތުރުން އިޝްވާގެ މޫނުމަތީގައިވި ނުރުހުންވުން ޝައިނާއަށް ފާހަގަވިއެވެ،

"ޕްލީޒް އިޝީ.. ޔޫ އަރ އެކްޓިންގް ސޯ ސްޓުޕިޑް" ޝައިނާ ބުންޏެވެ. އިޝްވާ އިތުރަށް ޝައިނާއަށް ރައްދު ދިނުމެއްނެތި އެތަނުގައި ހިއްކަން އަޅައިފައިހުރި ހެދުންތަކެއް ހިފައިގެން ނުކުތެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރާހިލްގެ ގަމީސް އިސްތިރި ކުރަން ފެށިއެވެ. އެކަން ނިމުމަކާ ގާތްވެފައި ވަނިކޮށް ފަހަތުން މީހެއްގެ ހިލަމެއްވިހެން އޭނާއަށް ހީވިއެވެ. މޭޒަށް އެޅިގެންދިޔަ ބިޔަ ހިޔަނީގެ ސަބަބުން ފަހަތް ނުބެލި ކަމުގައި ވިޔަސް އޭނާއަށް އެއީ ކާކުކަން އެނގުނެވެ.

"ރާހިލް" ޝައިނާއަށް ރާހިލް އެތަނުގައި ހުރިކަން އެނގޭކަން އަންގައިލިއެވެ.

"ހެއި ޑަރލިންގް.. ކޮބާ އިސްތިރިކޮށް ނުނިމޭތަ؟" ރާހިލް ޝައިނާއަށް ފެންނާނެހެން މޭޒުގެ އެއްފަޅީގައި ހުއްޓިލަމުން އަހައިލިއެވެ.

"މި ނިމެނީ. ހާދަ އޮފިޝަލްކޮށް.. ތާކަށް ދާން ޖެހުނީތަ؟" ޝައިނާ ހިނިތުންވެލަމުން އަހައިލިއެވެ.

"ހްމްމް. ސޯ އެޕެރެންޓްލީ ދަ ގަރލް އައި ލައިކް ވޯންޓްސް އަ ވެރީ ރެސްޕޮންސިބަލް މޭން.. އެހެންވެ އެކަހަލަ މީހަކަށް ވެވޭތޯ މި އުޅެނީ.." ރާހިލް ބުންޏެވެ.

"މަޑުކޮށްބަ؟؟ ޖޮބް އިންޓަރވިއު އަކަށް ދަނީތަ؟" ޝައިނާ ހައިރާންވެފައި އަހައިލިއެވެ.

"ނޯޕް.. އައިމް ޓޭކިންގް އޯވަރ ދަ ކޮމްޕެނީ ފައިނޭންސަސް" ރާހިލް އާދައިގެ ގޮތަކަށް ބުނެލިއެވެ.

"ވަޓް؟؟ނާޝިދުބެގެ ކޮންޕެނީތަ؟" ޝައިނާ އަހައިލިއެވެ.

"ހްމްމް.. ނޮޓް އަ ފްލެކްސް ބަޓް ޔޫ އަރ ލުކިންގް އެޓް އިޓްސް ސީ.އެފް.އޯ އެފެކްޓިވް ފްރޮމް ޓުޑޭ." ރާހިލް ދެކޮނޑު އަރުވައިލަމުން ބުންޏެވެ.

"ރާހިލް މީތަ ރާހިލް އެދުވަހު ބުނި ބޮޑު ކަމަކީ؟؟ އަޅޭ.. އަހަރެންނަށް މިހާ ބޮޑު ކަމަކަށް އަވަސް އަރުވައިލަން ރާހިލްއަށް ޕްރެޝަރ ކުރެވުނީތަ؟" ޝައިނާ ކަންބޮޑުވިއެވެ.

"ނޫނޭ ހާސްނުވޭ… ދިސް ވޯޒް ގޮނަ ހެޕެން ސޫނަރ އޯރ ލޭޓަރ.. މިއަދު ނުވިއްޔާ މާދަންވެސް ވާންހުރި ކަމެއްމީ.. އަހަރެން ހަގީގަތުގައި މިކަންތައް ކުރަން ބޭނުން ނުވާތީ ލަސްކުރެވުނީ.. އެކޮޅުގަވެސް އިތުރަށް 3 އަހަރު މަޑުކުރެވުނީ.. ސިޔާސީ މީހުންގެ ވިޔަފާރީގެ ކަންކަން ހުންނާނެ ގޮތް އެނގެއެއްނު. މޭ އައި؟" ރާހިލް ފަހަތުން އައިސް ޝައިނާގެ ބަނޑުގައި އެއް އަތް ވަށައިލަމުން ހުއްދަހޯދިއެވެ.

ރާހިލްގެ އެ އެދުމަށް ޝައިނާއަށް ބޯ ޖަހައިލެވުނީ ކީއްވެކަމެއް ނޭނގުނެވެ. ރާހިލްގެ މަޖުބޫރީ ހާލަތު އިވިފައި އޭނާއަށް ރާހިލްއާމެދު ހަމްދަރުދީ ވެވުނީ ކަމުގައިވެސް ވެދާނެއެވެ. ރާހިލް މަޑުމަޑުން އެއް އަތުގެ އެހީގައި ޝައިނާގެ ހަށިގަނޑު ރާހިލްގެ ގާތަށް ދަމާލުމާއެކު ޝައިނާގެ ބުރަކަށިގޮސް ރާހިލްގެ ތަނަވަސް މޭގައި ޖެހުނެވެ. ޝައިނާގެ ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. އިތުރު ހަރަކާތެއް ގެނައުންވެސް ދަތިކަމަކަށް ވެފައި ވަނިކޮށް ރާހިލްގެ ތުންފަތް އޭނާގެ ކަރުގައި ބީހިލި ކަމުގެ އިހުސާސް ކުރެވުނެވެ. އެއާއެކު ޝައިނާ ސިހިފައި ރާހިލްއާވީ ފަރާތަށް އެނބުރިލިއެވެ.

"ސްޓޮޕް އިޓް ރާހިލް.. މީހަކު އައިސްދާނޭ.." ޝައިނާ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ބުނެލިއެވެ.

"ލެޓް ދެމް… އަހަރެންނަށް މައްސަަލައެއް ނެތޭ ކޮންމެ މީހަކަށް އެނގުނަސް…. ގޯޝް އައިމް ސޯ އޮބްސެސްޑް ވިތް ޔޫ" ރާހިލް ޝައިނާގެ އަތުގައި ހިފަހައްޓައިލިނަމަވެސް ޝައިނާ އަތް ދަމައިގަތެވެ.

"ރާހިލް ތި އުޅެނީ ކިހިނެއްތަ؟ އަހަރެން ބޭނުންވާ ވަރަކަށް ވަގުތު ދޭނަމޭ ކިޔާފަ ރާހިލް ތި ކަންތައްކުރަނީ ރާހިލް ބޭނުން ގޮތަކަށް ނޫންތަ؟ ރާހިލްގެ އަމިއްލަ ނަފްސު ނޫން އިތުރު މީހަކާ ދޭތެރޭ ވިސްނާލާނެ ވަގުތެއް ރާހިލްއަށް ވޭތަ؟ ފުރަތަމަ މިކަހަލަ ބޮޑު ވާހަކައެއް އަހަރެންނާ ދެެއްކި އިރުވެސް މިކަމުގެ ޓައިމިންގްއާ ދޭތެރޭ އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ ޒީގެ ކައިވެނީގެ ވާހަކަ ދައްކާފަ އޮއްވާ އަހަރެން މިކަންތަކުގަ އުޅެން ޖެހޭނެކަން އެނގިހުރެ އިތުރަށް އަހަރެންގެ ބޯ ގޮއްވަންވެގެންތަ؟" އިތުރު މީހަކަށް ނީވޭނެހާ މަޑުން ވާހަކަ ކުރިއަށް ގެންދިޔުމަށް ޝައިނާ މަސައްކަތް ކުރަމުން ދިޔައެވެ.

"ހުވާ މި ކުރީ އަހަރެންގެ ބޯ ފަޅައިގެން ދާ ވަރުވޭ.. އެއްކޮޅުން ޒީ އަށް ބޮޑު ސިއްރެއް ބާއްވައިގެން އުޅޭއިރު އަނެއްކޮޅުން ރާހިލްއަށް ދޭނެ ޖަވާބެއް ވިސްނަން!! އަނެއްކޮޅުން އިޝީގެ ރުޅި—"

"އިޝީގެ ރުޅި؟؟ އިޝީ ކިހިނެއްވީ؟؟ ޝިމާންއާ ރުޅިވީތަ؟" ރާހިލް ސުވާލު ކުރިއެވެ.

"އަޅާނުލާ. ރާހިލް ހެޔޮނުވާނެ. އަހަރެންނަށް ކަމެއް ކޮށްދެންޏާ އަހަރެން ވަކި ޖަވާބެއްދެން ދެން ރާހިލް އަހަރެންނާ ދުރުގަ ހުރެދީ. ރާހިލް ނާންނަންދެން އަހަރެންނަށް މިގޭގަ އުޅުމަށް އޮތްފަދަ މިނިވަންކަމެއް ދީ…" ޝައިނާ އިސްތިރި ކޮށް ނިންމައިލި ރާހިލްގެ ގަމީސް ދިއްކޮށްލަމުން ބުންޏެވެ.

"އަހަރެން އުޅޭތީ އުނދަގު ވަނީތަ؟ އަހަރެން ޝައިނާއާ ގާތް ނުވާންވީތަ؟" ރާހިލް ގަމީހުގައި ހިފަމުން ބުންޏެވެ. ރާހިލް ދެރަވެފައި އެހެން ބުނެލިގޮތުން ޝައިނާގެ ހިތަށް ނޭނގޭ އުނދަގުލެއް ކުރުވިއެވެ. އެކަންވީ ޝައިނާގެ ބޮލުގެ ރިހުން އިތުރަށް ގަދަވި ކަމަކަށެވެ. އިސާހިތަކު އޭނާއަށް ރާހިލްދެކެ ރުޅި އާދެވުނެވެ.

"ނުބުނިއްޔާ ހަމަ ނޭނގެނީތަ އުނދަގޫވާކަމެއް އޭން؟ އަހަރެންނަކަށް ރާހިލް ގާތްވީމާ ރާހިލް އަތްލީމަ ކަމަކު ނުދެޔޭ އަޑު އިވިއްޖެތަ؟ ކިތައް ފަހަރުތަ ބުނަންވީ އަހަރެން ރާހިލްއާ ދެތެރޭ އެހެނެއް ނުދެކެމޭ ތީ ހަމައެކަނި އަހަރެންގެ ރައްޓެއްސެކޭ؟ ކިތަންމެ ދުވަހެއް ދިނަސް އަހަރެންގެ ޖަވާބެއް ބަދަލެއް ނުވާނޭ…. ކީއްވެގެންތަ ރިޖެކްޝަން ހަޖަމުނުކުރެވިގެން ތި އުޅެނީ؟ ކިހާބޮޑު އުނދަގުލެއްތަ މީ ދެން"

ޝަައިނާގެ ރުޅިވެރި ބަސްތައް ރާހިލްއާ އަމާޒު ކުރުމަށްފަހު ޝައިނާ އެތަނުން ނުކުމެގެން ދިޔައެވެ. ހަމަ ދިޔުމާއެކުހެން ރާހިލްއަށް ދަތްކުނޑި ވިކައިލަމުން އަތުގައި އޮތް ގަމީސް ބޮނޑިކޮށްލައި މޭޒުމައްޗަށް ހޫރައިލެވުނެވެ. ގޮތްނޭނގޭ ދިލަ ރިހުމެއް މޭގައި އުފެދިގެން ދިޔުމުން ދެލޯ މަރައި ތަގުޅި ކޮށްލުމަށްފަހު ފާރުގައި ދެއަތް ވިއްދައިލަމުން ހިންދިރުވައިލެވުނެވެ. މިނެޓެއްހާއިރު ފަހުން އެދެލޯ ހުޅުވައިލިއިރު ފަނޑުރަތްކަމެއް އޭނާގެ ދެލޮލުގައި ވިއެވެ. އެއީ ރުޅިވެރިކަން ބާއެވެ. ނުވަތަ އެ މޭގައިވާ ދިލަ ރިހުމުގެ އަސަރު ލޮލާއި ހަމައަށްވެސް ފޯރަނީ ބާއެވެ. އެޖަވާބު ހޯދާކަށް އޭނާއައެއް ނޫޅުނެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ހަރުފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށްވަނެވެ. ބާރަށް ޖެހި ދޮރުގެ އަޑު މުޅި ގޭގައި ގުގުމާލިއިރު ގޭގެ ފާރުތަކަށްވެސް ލޮޅުން އަރައިގެންދިޔައެވެ.

"އަސްތަޤްފިރުއްﷲ. ޕިސްޕިސް.. މަށަށްވާ މިހިރީ ދަރިއެއް ލިބިފަ" ކާގެއަށް ވަދެގެން އައި ޒީވާއާއި ޝައިނާއަށް އިވޭނެވަރަށް ބަދިގޭގައި އުޅުނު ވާފިޔާ ބުނެލިއެވެ.

"ދޮންބެއަށް ކިހިނެއްވީބާ؟ ވަރަށް ދުވަސްވެއްޖެ ގައިމު ތަންކޮޅެއް މައިތިރިކޮށް އުޅޭތާ.. ޝައި އައި އިރު އޯކޭ ކޮށްތަ ހުރީ؟" ޒީވާ ޝައިނާ ގާތު އަހައިލިއެވެ.

"އާނ އަހަރެން އައި އިރު ހުރީ އޯކޭކޮށް" ޝައިނާ ޒީވާއާ ހަތަރުކަޅި ހަމަ ނުކުރުމަށް މަސައްކަތް ކުރިއެވެ. ރާހިލްއާ ދިމާލަށް ކިޔުނު އެއްޗެއްސާމެދު ވިސްނަންފެށިއެވެ.

***********

"ރާހިލް..ދެން ތީ ކޮންކަމެއް؟ ތިހެން ހަރޓްބްރޯކެން ޕެތެޓިކް މީހެއްހެން ނޯވެ ތެދުވޭ!! އަވަސް އަވަސް.. މިހިރީ ސައިތަށި" ރިއާން ސޯފާގައި ބަނޑުވަތަށް އޮތް ރާހިލްގެ އަތުގައި ހިފައި ދަމަމުން ބުންޏެވެ.

"އައިމް ސަޗް އަ ލޫޒަރ" ރާހިލް ތެދުވެ ރިއާން ދިން ސައިތަށީގައި ހިފިއެވެ.

"ލޫޒަރ އަކަށް ވެވޭނީ ތިވަރަކަށް.. ގައިމުވެސް އަހަރެން ދަންނަ ރާހިލްއަކީ އަންހެންކުއްޖަކު ނުލިބުނޭ ކިޔާފަ މި ކެބިންގެސޯފާއަށް ޖެހިގަނެގެން ދިރިއުޅުމާމެދު އުއްމީދު ކަނޑާލައިގެން އޮންނާނެ ރާހިލްއެއްނޫން!! ރާހިލްއެއްނު އެހެންޏާ ބުނަނީ އަންހެނުން ހުހެއް ނުވެއެއް ނޫންހޭ؟ ދެން ތިފާޑަށް ނޯވެ ތެދުވޭ.. ތި ދެން ކޮންކަމެއްތަ؟ ލައިންގް ދެއަރ ވިތް ސޫސައިޑް އިން މައިންޑް ޖަސްޓް ބިކޮޒް ސަމް ގަރލް ރިޖެކްޓެޑް ޔޫ" ރިއާން ބުންޏެވެ.

"ޝީ އިޒް ނޮޓް ޖަސްޓް ސަމް ގަރލް އެނގޭ. އެންޑް އައިމް ނޮޓް ސޫސައިޑަލް.. ނޭނގޭ.." ރާހިލް ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި މަޑުމަޑުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓައިލިއެވެ.

"މައި ހެޑް ހަރޓްސް"

"ފްރޮމް ޔޯ އޯން ސްޓުޕިޑިޓީ"

"ސީރިއަސްލީ.. ރިއާންއަކަށް ނޭނގޭނެ މި ފީލިންގްއެއް" ރާހިލް ޗޮކެެއް ކަނޑައިލަމުން ސައިތަށި ތުނބުގައި ޖަހައިލިއެވެ.

"ތެދެއް.. އަހަރެންނަކަށް ނޭނގޭނެ.. އެކަމަކު އައި ވަރންޑް ޔޫ!! އަހަރެން ބުނީމެއްނު އޭރުވެސް ޝައިނާއަށް އިންޓްރެސްޓް   ހުރިކަން ނުދައްކާހާ ހިނދަކު ވަރަށް ރަނގަޅުވާނޭ.. އިންޓްރެސްޓް ދައްކާ ހިސާބުންނޭ ގޯސް ވަނީ.. އެހިސާބުންވެސް ދުރުގަ ހުރިނަމަ" ރިއާން ބުންޏެވެ.

"މީ އަހަރެންގެ މައްސަލަތަ؟؟ އައި ޑިޑްންޓް ޗޫޒް ޓު ލައިކް ހަރ." ރާހިލް އަމިއްލަ ނަފްސު ދިފާއުކުރިއެވެ.

"ބަޓް ޔޫ ޗޯޒް ދަ ސިޗުއޭޝަންސް ދެޓް މޭޑް ޔޫ ލައިކް ހަރ. ފުރަތަމަވެސް އަހަރެން ބުނި ދުވަހުން ފަށައިގެން ދުރުގަ އުޅުނުނަމަ ތިހެން ނުވީހެއްނު. އަބަދު ކައިރީގަ އުޅެ ފޯލް ވީމަ ދެން ކުރާނެ ކަމެއް ނޯނެނާނެ”

"ދެން ހެވޭ. އަދި ލޯބިވެގެން ދުރުނުވެވޭ ހިސާބަކަށް ނުދެއެއްނު؟ ރިއާން ކީކޭތަ ތި ކިޔަނީ؟ ތީ ރިއާން ގަބޫލުވެސް ކުރާ ކަންތައްތަކެއް ނޫނެއްނު؟ ގަބޫލުކުރަން އަހަރެން ޝައިނާއާ ގަޔާވާކަން. އެހާ ބިންނަން އުނދަގޫ މަލެއްވީމަ ޝައުގުވެރިވީ ކަމަށްވެސް ވެދާނެ. އެކަމަކު އިއްޔެ ޢަހަރެންނާ ދިމާލަށް އެހެން ބުނިގޮތް.. އިޓް ވޯޒް ސޯ މީން.. އައި ވޯޒް ސޯ..ސޯ.."

"ހަރޓް؟" ރާހިލްއަށް ނުބުނެވިގެން އުޅުނު ޖުމްލަ ރިއާން ފުރިހަމަ ކޮށްލައިދިނެވެ.

"ޔާ..ޔާ އައި ވޯޒް ހަރޓް.. ޑޭމްން.. ކިހިނެއް؟؟ އަހަރެން އަސްލުވެސް؟" ރާހިލްއަށް ގަބޫލުނުކުރެވިފައި އަހައިލިއެވެ.

އޭނާއަކީ މީހުންކިޔާ އެއްޗެއްސަށް އަޅާލާ މީހެއްނޫނެވެ. މީހަކު އޭނާއާ ދޭތެރޭ ކަންތައްކުރާ ގޮތަކަށް ފަރުވާ ބަހައްޓާ މީހެއްނޫނެވެ. ވަކިން ހާއްސަކޮށް އޭނާގެ ހަޔާތަށް އައިސްފައިވާ އަންހެންކުދިންގެ ކަންކަމުގައި އޭނާއަކީ އާދަޔާހިލާފަށް ކަންކަން ބޮލަށްފަސޭހަކޮށްލާ މީހެކެވެ. ނަމަވެސް ޝައިނާގެ ބަސްތަށް ކޮށި ތީރެއްހެން އައިސް އޭނާގެ ހިތަށްހެރި އަނިޔާވަމުންމިދަނީ ކީއްވެހެއްޔެވެ؟

"ތެދެއް.. ތީ އަހަރެން ގަބޫލު ނުކުރާ ކަންތައްތަކަކަށް ވެދާނެ.. އެކަމަކު ރާހިލްއަށް ތި ވެގެން އުޅޭ ގޮތަށް ދޭނެ އިތުރު ނަމެއް އަހަރެންނަކަށް ނޭނގުނު.. އައި މީން ރާހިލް.. ތިބުނީ ބުޅަލެއްވެސް އުރާލީމޭ؟؟ އަަހަރެންނަށް އެނގޭ އެއީކީ މާ ބޮޑު ކަމެއްނޫންކަން އެކަމަކު ޝައިނާ ނޫން އިތުރު މީހަކަށް ރާހިލްގެ އަތަށް ގަދަކަމުންވެސް ބުޅަލެއް ލާދެވޭނެހެން އަހަރެންނަކަށް ހިއެއްނުވޭ.. އަހަރެންނަށް ޔަގީން ޝައިނާ އެކަނި ނޫންކަން ރާހިލް ރައްޓެހިވި ކުދިންގެ ތެރެއިން ބުޅަލާހެދި އުޅެނީ. އަދި ޝައިނާއާ ރައްޓެހިވެސް ނުވޭ… އަހަރެން ހަނދާންވޭ ކުޑައިރު ރާހިލް ބުޅާދެކެ ލޯބިން ބުޅަލެއް ގެންގުޅެން އުޅުނު ހަނދާން… އެކަމަކު ރާހިލްގެ އެލަރޖީ އެކަމަށް ތަން ނުދިނީ.. އޭގެ ފަހުން މިހާރު 15 އަހަރު ވީއިރު ރާހިލް ދުވަހަކުވެސް ބުޅަލެއްގަ އަތްލިންތަ؟ ފަހުން ވާނެގޮތް އެނގިހުރެ އެވަރުގެ ކަމެއް ކުރިއިރު ރާހިލްހުރީ ހަމަހޭގަ ހެނެއް އަހަރެންނަކަށް ހިއެއްނުވޭ.." ރިއާން ބުންޏެވެ.

ރާހިލްއަށް އެ ވާހަކަތަކާމެދު ވިސްނައިލެވުނެވެ. ހަގީގަތުގައިވެސް އޭނާގެ ހިތުގައި ޝައިނާއާމެދު ލޯތްބޭ މި ކިޔާ އިހުސާސް އުފެދެންފެށީބާއެވެ؟

"އަހަރެންނަކަށް މިފަހަރު ސަލާމަތެއް ނެތްދޯ؟ ޝައިނާ އަހަރެންނަކާ ނުގުޅޭނެ. ދެން ކިހިނެއް ހަދާނީ؟" ރާހިލް ދެއަތް މޫނުގައި ހާކައިލަމުން އަހައިލިއެވެ. ރިއާން ނޭނގެއޭބުނެ ކޮނޑުއަރުވައިލަމުން އޭނާގެ ކޮފީތަށި ތުނބުގައި ޖަހައިލިއެވެ.

ދެ އެކުވެރިންގެ ދެމެދަށްވެސް ވެރިވެފައިވަނީ ހިމޭންކަމެވެ. ރާހިލް ގޮނޑީގެ ކުރިއަށް ޖެހިލައި ދެކަކުލުގައި އުޅަނބޮށި އަޅުވައިލުމަށްފަހު ދެއަތުގެ އިނގިލިތަކުން އޭނާގެ ނިއްކުރި މަސާޖުކުރަން ފެށިއިރު ރިއާން އޭނާގެ އަތުކުރީގައިވާ ގަޑިއާ ޖެހިގެން އަޅާފައިއޮތް ހިމަ ކަޅުކުލައިގެ ބޮލުގަ އައްސާ ރަބަރަށް ދަމާލަައި ދަމާލައި އިނެވެ. ދެމީހުންގެ ސިކުނޑިވެސް ހިސާރުކޮށްފައިވަނީ އެތަކެއް އޮޅުން އަރައިފައިވާ ހިޔާލުތަކުންނެވެ. ނަމަވެސް އެ ހިޔާލުތަކުން މިންޖުވާނެ ގޮތެއް އެއިން އެކަކަށްވެސް ނޭނގޭކަހަލައެވެ.

************

ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު ރާހިލް އޭނާއާ އަލަށް ހަވާލުވި ކުންފުނީގެ މާލީ މަސައްކަތްތަކުގައި މަސްއޫލުވަމުންދިޔައެވެ. އަނެއްކޮޅުން ޝައިނާ ދިޔައީ ޒީވާާގެ ކައިވެނީގެ ތައްޔާރީތައް ކުރިއަށް ގެންދަމުންނެވެ. ޕްލޭނަރުންނާ ވާހަކަ ދެއްކުމުން ފަށައިގެން ހެދުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ޝައިނާ އަވަދިނެތި އުޅެމުންދިޔައެވެ. އެހެނަސް ޒީވާގެ ފަރާތުން އެއިން އެއްވެސް ކަމަކަށް އެއްބާރުލުމެއް ނުލިބެއެވެ. ޝައިނާ ބުނެފިނަމަ އެދުވަހަކު އޭނާ ދާން ޖެހޭ ތަނަކަށް ދަނީ ޗާބީ ދީފައިވާ ބުދެއް ފަަދައިންނެވެ. މި ކައިވެންޏަކީ ޒީވާއަށް އެއްވެސް މާނައެއްނެތް ކައިވެންޏެއްކަމަށް އޭނާ ޝައިނާގާތު ބުނަމުން ދިޔައެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. ޒީވާގެ ކައިވެނީގެ ހެެދުމާއެކު އެރުމަށް ހަމަޖެހިފައިވާ ފައިވާން ހެޔޮވަރު ކުރުމަށް ދިޔުމާމެދު ދެމީހުންގެ މެދުގައި ޒުވާބު ކުރަމުންްދިޔައެވެ.

"ދެން އަޅެ އަހަރެންގެ ފަޔާ ޝައިގެ ފަޔާ ހުރީ ކޮން ތަފާތެއްތަ؟ ޝައި ގޮސްފަ ޝައި އަށް ރީތި އެއްޗެއް ގަނެބަލަ. އަހަރެން ދިޔަސް ހަމަ ޝައި ވިއްޔާ ޗޫސް ކުރާނީ" ޒީވާ ފޫހިގޮތަކަށް ބުނެލުމަށްފަހު އޭނާ ކިޔަން އިން ވާހަކަފޮތް އަނެއްކާވެސް ހުޅުވައިލިއެވެ.

"ދެން ޒީ ކީއްތަވާނީ ހަމަ އެންމެ ފަހަރަކުވެސް ބޮޑާހާކަން ނީނދެ އެއްފަހަރު ބުނީމަ އެތަނަކަށް ދިޔައިއްޔާ؟ މީ އަހަރެންގެ ވެޑިންގްތަ ނޫނީ ޒީގެ ވެޑިންގްތަ؟" ޝައިނާ މަސައްކަތްކުރީ ޒީވާއަށް ވިސްނައިދޭށެވެ.

"އަހަރެންނަށްވެސް އޮޅޭ އެބަ.. އަހަރެންނަށްވުރެން ބޮޑަށް ޝައިހެން ހީވަނީ މި ވެޑިންގަށް އެކްސައިޓް ވެގެން ތި އުޅެނީ" ޒީވާ ހިތްހަމަ ނުޖެހުނެވެ. އެއާއެކު ޝައިނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޒީވާގެ ހިޔާލު ބަދަލު ނުވާނެކަން އެނގިހުރެ ވާހަކައިގެ ރާގު ބަދަލުކޮށްލިއެވެ.

"އޯކޭ ޒީ.. ޔެސް ގަބޫލުކުރަން ޒީއަށް މި ވެޑިންގް އެހާ ހާއްސަ ނޫންކަން.. އެކަމަކު ތިބުނާހެން އަހަރެން ވަރަށް އެކްސައިޓަޑް. އޯޕެން ބަޖެޓް ވެޑިންގެއް ލިބުމަކީ އަހަރުމެން ޕްލޭނަރުންނަށް ހުވަފެނެއް ކަހަލަ ކަމެއް.. ސޯ ޕްލީޒް މިކަމަށް އެއްބާރުލުން ދީބަ" ޝައިނާ އާދޭހުގެ ރާގެއްގައި ބުންޏެވެ. ހުދު އޭނާއަކީވެސް ޕަރޓީތަކާއި ހަފްލާތައް ރާވާ ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށްވުމާއެކު އޭނާހުރީ ހަގީގަތުގައިވެސް އެފަދަ ފުރުސަތެއް ލިބުނީތީ އުފަލުންނެވެ. މާލެއާ ކައިރި ހިސާބު ތަކުގައިހުރި އާރް.އެލް ގެ ރިސޯޓް ތަކުގައި ބޭއްވޭ ކައިވެނީގެ ހަފްލާތަކަކީވެސް ސީދާ އޭނާގެ ރޭވުމާއި ބެލުމުގެ ދަށުން ކުރިއަށް ގެންދާ ހަފްލާތަކެވެ. ނަމަވެސް މިފަދަ ގޮތަކަށް ހުޅުވާލެވިފައިވާ ބަޖެޓެއްގައި ޕާޓީއެއްގެ ހުރިހާ ކަމެއް ކުރުމަށް އޭނާއަށް ލިބިފައި މިވަނީ މުޅިން އައު ފުރުސަތެކެވެ.

"ޝައިއަށް އަހަރެންނާ ބެހޭ ހުރިހާ ކަމެއް އެނގޭއިރު ކޮންމެހެން އަހަރެން އެއްބާރުލުން ނުދިނަކަ-"

"ރާހިލް." ޒީވާގެ ވާހަކަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް އެކޮޓަރީގެ ދޮރުމަތިން ހުރަސްކުރި ރާހިލްފެނި ޝައިނާ ގޮވައިލިއެވެ. ރާހިލްއަށް އެކަމުން ކުޑަސިހުމެއް ލިބުނު ނަމަވެސް ދެތިން ފިޔަވަޅު ފަހަތައް އަޅައިލަމުން ޒީވާގެ ކޮޓަރީގެ ދޮރު ކައިރިއަށް ހުއްޓިލިއެވެ.

"ބަލާބަ މި ޒީ.. ފައިވާން ޓެސްޓްކުރަން ނުދާންވެގެން ގަދަ ހަދަނީ.. މީ އަޅެ ޒީގެ އަމިއްލަ ވެޑިންގޭ" ޝައިނާ ބުންޏެވެ.

"ޒީ. ދާންވާނެ އެއްނު؟" ރާހިލް ކަރުގައިވާ ޓައި ދަމައިލައި ހެޔޮވަރުކޮށްލަމުން ބުނެލިއެވެ.

"ދެން ވަރަށް ފޫހިވޭ. ދޮންބެގާތު ކުޓުވިއެކޭ ކިޔާފަ އަހަރެން ދާނެ ކަމަށް ހީކުރަނީތަ؟" ޒީވާ ރުޅިއައިސްފައިހުރެ އަތުގައި އޮތް ފޮތް އެނދުމައްޗަށް ޖެހުމަށްފަހު ގޮސް ފާހަނައަށްވަދެ ތަޅުލިއެވެ.

"ކޮންއިރަކުތަ ދާން އޮތީ؟" ރާހިލް ފަޓުލޫނުގެ ޖީބުން ނެގި ގަޑި އަތުކުރީގައި އަޅައިލަމުން އަހައިލިއެވެ.

"މާދަން ހަވީރު 5 ޖަހާއިރު. އަހަރެން އޮފީސް ނިމެންވާއިރަށް އެތަނަށް އަންނާށޭ ބުނަން ޒީ ގާތު އުޅުނީ.." ޝައިނާ ބުނެލިއެވެ.

ރާހިލްގެ ފުރިހަމަ ސަމާލުކަން އަތުކުރީގައިވާ ގަޑި ހެޔޮވަރު ކުރުމަށް ދެވިފައިވިނަމަވެސް އެ ކުޑަ ހަރަކާތުންވެސް ޝައިނާގެ ހިތުގެ ތެޅުން އަވަސްކުރުވިއެވެ. އޭނާގެ ނަޒަރު ރާހިލްއާ ވަކިކުރެވޭގޮތެއް ނުވިއެވެ. ރީތި ވަރަކަށް ގަޔަށް ހިފައިލައިފައިހުރި އަޅިކުލައިގެ އޮފީސް ގަމީހާއި ކަޅުފަޓުލޫނުގައި ހުރި ރާހިލްގެ ހިތްގައިމުކަމަށް އޭނާގެ ހިތުން ތައުރީފު އޮހެމުން ދިޔައެވެ.

"އެކަމާ އަޅާނުލާ.. އަހަރެން ކޮންމެވެސް ގޮތަކުން މާދަން ޒީ ގޮވައިން ދާނަން.. މިވަގުތަށް ގޮސްލީ.. ގަޑިޖެހޭތީ މިދަނީ" ރާހިލް ޝައިނާއަށް ބަލައިލުމެއްވެސް ނެތި އެތަނުން ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ފަހަތުން ޝައިނާ ގޮވައިލި އަޑު އިވުނެވެ.

"ރާހިލް"

"ޑޭމްއިޓް" ރާހިލްއަށް މަޑުމަޑުން ބުނެވުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަތުކުރީގައިވާ ގަޑިއަށް ބަލައިލިއެވެ. މީޓިންގް ފެށެން ބާކީ ފަނަރަ މިނަޓުވެސް ނެތެވެ. މިވަރުން ދަންޏާ އޭނާ ގަޑި ޖެހޭނެކަން އެނގުނެވެ. ނަމަވެސް ޝައިނާ ގޮވައިލައިފިނަމަ އެނޫން ދިމާލަކަށް އޭނާގެ ފިޔަވަޅުތަށް އަނބުރައިލުމަކީ އޭނާގެ އިހުތިޔާރުގައި ނެތްކަމެއް ކަހަލައެވެ. މިފަހަރުވެސް އޭނާއަށް މަޖުބޫރުވީ ފަހަތައް އެނބުރުމަށެވެ. އޭރު ޝައިނާ އޭނާގެ ކުރިމަތީގައި ހުއްޓިލައިގެން ހުއްޓެވެ.

"މިހާރު ކިހިނެއްވީ؟" ރާހިލް އަހައިލިއެވެ.

"ކަމެއްނުވޭ" ޝައިނާ އެއްއަރިއަކަށް ޖެހިފައިވާ ރާހިލްގެ ޓައި ރަނގަޅުކޮށްލަދެމުން ބުންޏެވެ. އަވަސް ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް އާދެވުނީ ގަމީހުގެ ގިރުއާނުވެސް ރީތި ނުކޮށްކަން ރާހިލްއަށް އެނގުނީ ޝައިނާ އެކަންވެސް ކޮށްލައިދިނުމުންނެވެ.

އެ ހުރިހައި ކަމެއްހިނގައި ދިޔައިރުވެސް ރާހިލް އެންމެ ފަހަރަކުވެސް ޝައިނާއާ ހަތަރުކަޅި ހަމަނުކުރާކަން ޝައިނާއަށް ފާހަގަކުރެވުނެވެ. އިސް އުފުލައިލައިގެންހުރި ރާހިލްގެ ނަޒަރު ހުއްޓިފައިވަނީ މާދުރު ހިސާބަކަށެވެ. އެކަމުގެ ސަބަބުން ޝައިނާގެ ހިތުގައި ރިއްސައިލީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ޝައިނާގެ ހަރަކާތްތަށް ދިގުލާން ފެށިހެން ހީވުމާއެކު ރާހިލް ހަމަ އެހުރިގޮތަށް ދުރަށް ނަޒަރު ހުއްޓައިލައިގެންހުރެ ކަރު ކެހިލިއެވެ. ޝައިނާ ގާތްވެލުމާއެކު އެދެމެދަށް ވެރިވަމުންއައި އުދާސްކަމުގެ ހޫނު އޭނާގެ ހައްޓަށް ކުރަން ފަށައިފިއެވެ.

"ނިމުނީ" ޝައިނާގެ އަނގައިގައި އެ ލަފްޒުގެ އެއްބައި އޮއްވައި ރާހިލް ޖެހި ދުމެއްހެން ގޮސް ސިޑިން ފައިބައިގެން ދިޔައެވެ. އޭނާއަށް ހަމަޖެހިލައިގެން ނޭވާއެއްވެސް ލެވޭވަރުވީ ގެއިން ނުކުތުމަށްފަހުގައެވެ. ލިފްޓަށް އެރުމަށްފަހު ލޯގަނޑުގައި ލެގިލަމުން ދެލޯ މަރައިލިއެވެ. ކޮންމެދުވަހަކު ޝައިނާ ފެނި އިވޭ ހިސާބުގައި އުޅެންޖެހުމުގެ ސަބަބުން އޭނާގެ ހިތާއި ސިކުނޑިއަށްވާ އުނދަގޫ ބަޔާންކޮށްދޭކަށް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާއަކަަށް ޝައިނާގާތު އެގެއަށް ނާންނަން ބުނެވޭކަށްވެސް ނެތެވެ. އެދުވަހު ޝައިނާއާ ދޭތެރޭ ހިނގައިދިޔަ ކަންތަކަށްފަހު އޭނާ ވީހާވެސް ޝައިނާއާ ދުރުން އުޅެން މަސައްކަތްކުރަމުންދާކަން ޝައިނާއަށް ނުފެންނަނީ ބާއޭވެސް މިއަދު އޭނަގެ ހިތަށްއެރިއެވެ. ނުވަތަ އެކަން އެނގިހުރެވެސް ޝައިނާ އެ ރަހްމަތްތެރިކަން ދަމަހައްޓަން ބޭނުންވަނީ ބާއެވެ. އެހެންކަމަށްވާނަމަ ޝައިނާ ޖެހޭނީ އެކަމުގެ މަތިން ހަނދާން ނައްތާލާށެވެ. އޭނާގެ ހިތުގައި ޝައިނާގެ ރަހްމަތްތެރިކަމަށް ޖާގަ ދެވެން ނެތްކަން އޭނާ ވާނީ ސާފުކޮށް ބުނެދީފައެވެ.

"ބްރަދަރ.. އަހަރެންނަށްޓަކާ ކަމެއް ކޮށްދީބަ ޕްލީޒް" ގޭގެ ދޮރާށިން ނުކުތް ރާހިލް ރިއާންއަށް ގުޅައިލިއެވެ.

"ޔެސް؟" ރިއާން ޖަވާބުދިނެވެ.

"މާދަމާ ފަހެއްގެ ފަހަށްހުރި ހުރިހާ ކަމެއް ރީޝެޑިއުލް ކޮށްލަންވީ.. އަހަރެންނާއެކު ތަނަކަށްދާން.." ރާހިލް އެދުނެވެ.

"ކޮންތާކަށް؟" ރިއާން އަހައިލިއެވެ.

"މިގަޑީގަ ލަސްވެގެން މި ދަނީ.. މާދަން ކިޔާދޭނަން.." ރާހިލް ފޯނު ކަނޑައިލުމަށްފަހު ސައިކަލަށް އަރައި ދުއްވައިލިއެވެ.

***********

"ކީކޭ؟؟ޒީވާ ކައިވެނި ކުރަނީއޭ؟؟ ކާކާ؟؟" ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަހައްޓައިފައިވާ ހިލަ ބަސްތާތަކެއްމަތިން ފުންމާލައިގެން އައިސް ފައިސަލް އޭނާއަށް އެ ހަބަރު ގެނެސްދިން ރަހްމަތްތެރިޔާގާތު މަޑުކޮށްލިއެވެ.

"އާނ ފައިއްޓޭ!! މަވެސް ޔަގީންކޮށްފަ މި ބުނީ! މި އުޅެނީނު ރިޔާޒް ލަތީފެެއް؟ އޭނާގެ ދަރިއާ. އެންމެ ފަހުން މުއްސަނދި އާއިލާއެއްގަ ހުރި އަމީރެއްނު އެ ހޯދީ؟ މަ އޭރުވެސް ކައެ ކައިރި ބުނިން ތިކަމާ ނޫޅޭށޭ ތި ދާނީ ހަމަ ފަނުފުލުންނޭ.." އޭނާ ބުންޏެވެ.

"ޗި! ތި ހަމަ ހީވާގޮތް! ޒީވާ ވާނީ މަގޭ މީހަކަށް! ނުވެއްޖެއްޔާ ގަދަކަމުންވެސް ހޯދާނަން..އެނގިއްޖެތަ؟ އެނގިއްޖެހޭ؟؟" ފައިސަލް އޭނާގެ އެކުވެރިޔާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ. އެއަށްފަހު އަނެއްކާވެސް އެ ބަސްތާތަކުގެ މަތީގައި އިށީނުމަށްފަހު ސިނގިރޭޓެއް ރޯކޮށްލިއެވެ.

"މަ ހުއްޓާ ޒީވާއަކަށް އެހެން އެކަކާވެސް ނީނދެވޭނެ" ސިނގިރޭޓުގެ ދުންތައް ދޫކޮށްލަމުން ފައިސަލް އޭނާގެ ފޯނުގައި އިން ޒީވާގެ ފޮޓޮއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.

 

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަހަރެމެންގެ ޒީއަށް ދެވަނަ ފަހަރަށް އަނިޔާއެއް ލިބޭތަން ދެކޭކަށް ކެތެއް ނުވާނެ. އެކަމަކު ތި ފައިސަލެއް އުޅޭކަމެއްވެސް ރިއާން އަކަށް ނޭނގޭވިއްޔަ. ރާހިލް ތިހަދަނީ ހަމަ ރަނގަޅަށް. ޝައި އާ ވީހާވެސް ދުރުން އުޅެންވީ. ޝައިވެސް މާ ފޮނިބޮޑުވެގެން މިހާރު އެއުޅެނީ… ނޭނގެ މި ހަތަރު މީހުން މިއުޅޭ ގޮތުން މިފަހަރު ވަރަށް މާޔޫސް ވެއްޖެ. ސަޅި މިބައިވެސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ