"ކޮން އެހީއެއް ރިއާން. ރިއާންއަށް ވަކި ކުރެވޭނީ ކީއް؟ އަހަރެންނާ އިންނާނީތަ؟ އޭން؟ ދުރުގަހުރޭ!!" ޒީވާއަށް ރުޅިއައިސްފައި އަހައިލެވުނެވެ. ރިއާންގެ އުޅުން ހުރިގޮތުން އޭނާގެ ރުޅިގަނޑު ފަޅައިގެން ނުގޮސްހުރީ ހަމަ ކިރިޔާއެވެ. ރިއާން ހީކުރަނީ މިއީ އޭނާއަށް ރިއާންއާއެކު ހިއްސާކުރަން މާ ފަސޭހަ މައުލޫއެއް ކަމަށްހެއްޔެވެ؟
"ޔެސް.. މެރީ މީ.."
ރިއާންގެ ޖުމުލައާއެކު ޒީވާއަށް ކުއްލި ސިހުމެއް ލިބުނެވެ. ނަމަވެސް ރިއާންގެ ފަރާތުން ދެން އިވިގެންދިޔަ ވާހަކަތަކުގެ ސަބަބުން އައި ރުޅިއާއެކު އޭނާގެ ލޭ ކެކިގަތެވެ.
"އަހަރެންނަކަށް ނޭނގެ މި ކައިވެންޏަށް އެއްބަސްވާން ޒީވާއަށް އޮތީ ކޮން މަޖުބޫރެއްކަމެއް. އެކަމަކު އެއީ ކޮންމެ ކަމަކަށްވިޔަސް އަހަރެންނަށް އެކަމަށް ނިމުމެއް ގެނެސްދެވިދާނެ. މިއީ ނާޝިދުބެގެ ވިޔަފާރިއެއްގެ ބޭނުމަށް ނޫނީ ސިޔާސީ ބޭނުމަށް ކުރާ ކަމެއް ވިޔަސް ނާޝިދުބެމެންނަށް އަހަރެންނަށްވުރެން ރަނގަޅު ޑީލެއް ނުހޯދޭނެ! އަހަރެންނަށް ޔަގީން އެމީހުން އެއްބަސްވާނެކަން. އެންޑް ޔޫ ޑޯންޓް ހޭވް ޓު ކޮމްޕްރޮމައިޒް… ޒީވާގެ ދިރިއުޅުން މިކަމަށް ގުރުބާން ކުރާކަށް ނުޖެހޭނެ! އެ މަޖުބޫރީ ހާލަތެއް ނިމޭހާ އަވަހަކަށް ޒީވާ ބޭނުން އިރަކުން އަހަރެން ޒީވާ މިނިވަން ކޮށްދޭނަން" ރިއާންއަށް ވިސްނުނު އެންމެ ރަނގަޅުގޮތް ޒީވާއާ ހިއްސާކުރިއެވެ. އޭނާ އުއްމީދުކުރީ އެހިޔާލަށް ޒީވާ ތާއީދު ކުރާނެ ކަމުގައެވެ. ނަމަވެސް އޭނާއާ އަމާޒުވެދިޔަ ޒީވާގެ ރުޅިވެރި ނަޒަރުފެނި ރިއާންއަށް އެއީ ކުށްހީއެއްކަން ޔަގީންކުރެވުނެވެ.
"ރިއާން ހީކުރީތަ ކައިވެންޏަކީ ކުޅޭ ކުޅިވަރެކޭ؟ ބޭނުންވީމަ އިނދެފަ ބޭނުންވީމަ ވަރިވެފަ.. ހީކުރީތަ އަހަރެން އެއްވެސް ވަރަކަށް މިކަމުގަ ރިއާންގެ ހަމްދަރުދީ ބޭނުންވާނޭ؟ ރިއާންގެ ހިތުގަ އަހަރެންނާ ދޭތެރޭ އިހުސާސްތަކެއް އުފަން ނުވުމަކީ ރިއާންގެ ކުށެއްނޫނޭ! އެއީ ކޮން ޒަމާނެއް؟ މިހާރު އަހަރެންގެ ހިތުގަވެސް ރިއާންއާ ދޭތެރޭ އެއްވެސް އިހުސާސެއް ނެތް! އެދުވަހު އެހެން ހެދުނީތީ އަހަރެންނާ ދޭތެރޭ ހަމްދަރުދީވެ އެކަން ފޫބައްދަން ކޮންމެހެން މިކަމަށް ހައްލެއް ހުށަހަޅާކަށް ރިއާންއަކަށް ނުޖެހޭނެ! ރިއާން ބުނިހެން އިޓް ވޯޒް ޖަސްޓް އަ ސްޓުޕިޑް ކްރަޝް! ރިއާންގެ ހަމްދަރުދީ އަހަރެން ބޭނުމެއްނޫން!" ޒީވާ ރިއާން ދުރަށް ކޮށްޕައިލުމަށްފަހު އެޕަރޓްމެންޓްގެ ތެރެއަށް ވަދެގަތެވެ.
"ރިއަލީ ޒީވާ؟ އަރ ޔޫ ދިސް ޑެސްޕެރޭޓް؟ އަހަރެން ބުނާ އެއްޗަކުން ގޯސް މާނައެއް ނަގައިގެންވިޔަސް ޒީވާ އަމިއްލައަށް ތި ނިންމުން ރަނގަޅުކަން ސާބިތު ކޮށްްދޭން ތިއުޅެނީ ކިހާ ވަރެއްގެ އިތުބާރެއް ނުވެސް ދަންނަ މީހަކަށް ކުރާތީތަ؟" ރިއާންވެސް ޒީވާގެ ފަހަތުން އެ ގެއަށް ވަނެވެ.
"އެއްވެސް އިތުބާރެއް ނުކުރަން! އެކަމަކު ކާކަށްތަ އެނގެނީ އަހަރެންގެ ނަސީބެއް؟ އަހަރެންގެ ލޯތްބާއި އޯގާތެރިކަމުގެ ބާރުގަ އެމީހެއްގެ ހިތް އަހަރެންގެ މައްޗަށް ލެނބުންވެސް އެކަށީގެންވޭ… ތި ބުނަނީ ރިއާންއަށް ނުވެވުނިއްޔާ އަހަރެންދެކެ ލޯބިވާނެ އިތުރު މީހަކު ނުވާނެއޭތަ؟ އަހަރެންދެކެ ލޯބިވުމަކީ މީހަކަށް ހަމަ އެހާވެސް އުނދަގޫ ކަމެއްތަ؟" ޒީވާ ސިޓިންގްރޫމްގެ ލައިޓްތައް ދިއްލައިލުމަށްފަހު އެތެރެއަށް ހިނގައިގަތެވެ.
"ޒީވާ ޕްލީ—"
"އާހް" ރިއާންއަށް ޒީވާގެ އަތުގައި ހިފައިލެވުނު ވަގުތު ޒީވާއަށް ވޭނީ އާހަކާއެކު އަތް ދަމައިގަނެވުނެވެ. ނަމަވެސް ރިއާންގެ ލޮލުގައި ޒީވާގެ އަތުގެ ކުޑަހުޅާ ހިސާބުން ނޫފައިގެންފައިވާ ހިސާބު އަޅައިގަތެވެ. އޭނާއަށް އަތްލެވުނީ ކުރިން މަގުމަތިން ދިމާވިއިރު ފައިސަލް ހިފަހައްޓައިގެންހުރި އަތުގައިކަން ހަނދާންވިއެވެ. ފައިސަލްގެ ސަބަބުން ޒީވާއަށް ލިބުނު އަނިޔާ ފެނުމާއެކު ރިއާންގެ ބޮލަށް ރުޅިވެރިކަން ސަވާރުވިއެވެ. އަދި ޒީވާއާ ދައްކަމުންދިޔަ ވާހަކަވެސް ހަނދާން ނެތުނެވެ.
"އިޓްސް އޯކޭ އައިމް ފައިން" ރިއާންގެ ނަޒަރުން ފޮރުވަން އުޅޭކަހަލަ ގޮތަކަށް އަތް ފުރަގަހަށް ލަމުން ޒީވާ ސިޑިން މައްޗަށް އަރަައިގެންގޮސް ކޮޓަރިއަށް ވަނެވެ. އެއާއެކު ރިއާންގެ ބުމަ ގޮށްޖެހިގެންދިޔައެވެ. ޖީބުގައިވާ ފޯނު ނެގުމަށްފަހު "ޑީ.ސީ.ޕީ" ޖަހައިފައިވާ ނަންބަރަކަށް ގުޅަމުން އެ އެޕަރޓްމެންޓުން ނުކުތެވެ.
***************
ރިއާންގެ ވާހަކަތަކުން ލިބުނު ނުތަނަވަސްކަން ފިލުވައިލައި ހަމަޖެހިލުމަށްޓަކައި ޒީވާ ކޮޓަރިއަށް ވަދެވުމާއެކު ފެންވަރައިލުމަށް އަވަސްވެގަތެވެ. އަދިވެސް އޭނާގެ ބަސްނާހާ ހިތް ވިންދު ޖަހަމުންދަނީ ރިއާންއަށްޓަކައި ކަމުގައިވިޔަސް ދެން އިތުރަށް ރިއާންއާމެދު ނުވިސްނުމަށް ޒީވާގެ ސިކުނޑިއަށް މަޖުބޫރު ކުރަމުންދިޔައެެވެ. އެހެންކަމުން ފެންވަރައި ނިންމައިލުމަށްފަހު އޭނާ އަވަސްވެގަތީ ކޮޓަރި ސާފުކުރުމުގައި މަސްއޫލުވުމަށެވެ. އޭނާގެ މަސައްކަތައް ހުރަސްއެޅުނީ ބައިގަޑިއެއްހާއިރުފަހުން ޝައިނާއާއި އިޝްވާ އައިސް އެ ކޮޓަރިއަށް ވަނުމުންނެވެ.
"ދޮންތީ.. މިތާ ތެރޭ ބަންދުވެގެން ކީއްތަ ތިކުރަނީ؟ އަހަރެންނާ ސިސްއާ އެކަނިމާއެކަނި މި އައީ ޓެރަސްވެސް ސާފުކޮށްފަ" އިޝްވާ ވަތްގޮތަށް ޝަކުވާ ކުރަން ފެށިއެވެ.
"އެކަންޏޭ؟ ކޮބާ ދެންތިބި މީހުން؟" ޒީވާ ނިސްބަތްކުރީ ޝިމާންއާ ރާހިލްއަށެވެ.
"ދޮންތި ދިޔައިރަށް ނޭނގެ ރިއާންބެ ގެއްލުނު ތަނެއްވެސް. ދެން ދޮންބެއާއި މާނުވެސް މިތާ ތިރީގަ ހިނގައިގެން އުޅޭ ކަންތައްގަނޑުގެ ވާނުވާ ބަލާށޭ ކިޔާފަ ދިޔަގޮތަށް ހަބަރެއްވެސް ނުވި." އިޝްވާ އެނދަށް ވެއްޓިގަންނަމުން ބުންޏެވެ.
"ތިރީގަ ކިހިނެއްވީ؟" ޒީވާ އެހިއެވެ.
"ޒީއަށް ނޭނގޭތަ؟ ފައިސަލްމެން ހައްޔަރުކޮށްގެން ގެންދަނީއެއްނު. ފުލުހުންގެ ވެހިކަލްވެސް އައިސް އެބައޮތް" ޝައިނާ ކޮޓަރީގެ ކުޑަދޮރާއި ކައިރިވެލަމުން ބުންޏެވެ. ޒީވާވެސް ޝައިނާގާތަށް ގޮސް އިތުރަށް ދޮރުފޮތިގަނޑު ކަހައިލަމުން ތިރިއަށް ބަލައިލިއެވެ. އޭރު އެއްވެފައިވާ ގިނަބައެއްގެ ކުރިމަތީގައި ފައިސަލް ހައްޔަރުކޮށްގެން ގެންދަނީއެވެ.
"ހާދަ ކުއްލި ގޮތަކަށޭ ދޯ" ޒީވާއަށް ބުނެވުނެވެ.
"ސާބަސް. އެކަހަލަ ކަންކަން ވާނީ ކުއްލިއަކަށޭ.. އެހެންނޫނަސް ކީއްކުރާ ފައިސަލްއެއްތަ؟ އޭނަ ދޮންތިއަށް ކިހާ އުނދަަގޫކުރޭ ދޯ ސިސް؟ ރަނގަޅަށް ކަންނޭނގެ ތިވީ.. ތިއެއްނޫނޭ! ހިނގާބަލަ މިރޭ ގަރލްސް ނައިޓަށް ކަމެއް ކުރަން!! ޕިއްޒާ އޯޑަރު ކުރަންވީނު؟ ނަސީބެއްނު ދޮންތި ރޫމްގަ ޓީވީއެއް ހަރުކުރިކަންވެސް. ކޮން ފިލްމެއް ބަލާނީ؟ ބިރުވެރި އޯކޭދޯ؟" އިޝްވާ ޓީވީ ހުޅުވައިލިއެވެ.
****************
"ތި ބުނަނީ ރިއާންއަށް ނުވެވުނިއްޔާ އަހަރެންދެކެ ލޯބިވާނެ އިތުރު މީހަކު ނުވާނެއޭތަ؟ މީހަކަށް އަހަރެންދެކެ ލޯބިވުމަކީ އެހާވެސް އުނދަގޫ ކަމެއްތަ؟"
އޭސީގެ މަޑުފިނި ހިފައިލައިފައިވާ ކާރުގެ ތެރޭގައި ދެލޯ މަރައިލައިގެން އިންއިރު ރިއާންގެ ސިކުނޑީގައި ޒީވާގެ ބަސްތަށް ތަކުރާރުވަމުން ދިޔައެވެ. އެވާހަކަތަކުގެ ތެދުކަން ޙުދު އޭނާއަށްވެސް އިހުސާސްވެއެވެ. ޒީވާފަދަ ކުއްޖެއްދެކެ ލޯބިވާނެ ކިތަންމެ މީހަކު ވާނެކަމާއި ޒީވާއަށް އެ ކައިވެނި އުފާވެރި ކައިވެންޏަކަށް ހެދިދާނެކަން އޭނާއަށް ގަބޫލުކުރެވެއެވެ. އެކަމަށްޓަކައި އޭނާ އުފާކުރަން ޖެހޭނެކަން އެނގިހުރެވެސް އޭނާގެ ސިކުނޑި ހާސްވާން ފެށިއެވެ. އޭރު އޭނާގެ ހަނދާންތައް ދަތުރުކުރަމުންދިޔައީ އޭގެ އަށް އަހަރު ކުރިއަށެވެ.
އެއީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ ހަނދާނުން ފޮހެލަން ދަތިރެއެވެ. އެންމެ ސަބަބެއް ދެ ސަބަބަކާއި ލައިގެނެއް ނޫނެވެ. މެލޭޝިޔާގައި އެއްއަހަރުގެ ޑްރަގް ރިހެބިލިޓޭޝަން ފުރިހަމަ ކުރުމަށްފަހު ރިއާން މާލެ އައީ ރާހިލްގެ އޭލެވެލް ގްރެޖުއޭޝަން ޕާޓީގައި ބައިވެރިވުމަށެވެ. ރިއާންއަށް އެ ޕާޓީ ވެގެންދިޔައީ އޭނާއާއި ރާހިލްގެ ހީނަރުވެފައިވި ގުޅުން އާރޯކުރާނެ ފުރުސަތެއް ކަމުގައެވެ. އެރެއަކީ ވާފިޔާއާއި ނާޝިދުވެސް ރަށުގައި ނެތް ރެއެއް ކަމަށްވުމާއެކު ޕާޓީ ބޭއްވުމަށްޓަކައި އެގެ އޮތީ ހިތަކަށް ލިބިފައެވެ. އެހެންކަމުން ރާހިލްގެ އޭލެވެލް އަދި ދުވަސްވަރުގެ ރަހްމަތްތެރިންގެ އިތުރުން ޒީވާގެ ގިނަ ރަހްމަތްތެރިންތަކެއްވެސް ބައިވެރިވި ޕާޓީއެއްކަމުގައި އެ ޕާޓީ ވެގެން ދިޔައެވެ. އަދި އުއްމީދު ކުރި ފަދައިން އެ ޕާޓީ ވެގެން ދިޔައީ ރިއާންއާއި ރާހިލްގެ ރަހްމަތްތެރިކަމުގެ އާފެށުމަކަށެވެ.
ކަންތައްތައް ބަދަލުވެގެން ދިޔައީ ޕާޓީ ނިމުމަކާއި ގާތްވެފައި ވަނިކޮށް ރިއާންއަށް ލިބުނު ސިއްރު ނޯޓެއްގެ ސަބަބުންނެވެ. ނޯޓު ގެނެސްދިނީ ޒީވާއާއެކު އައިސްއުޅުނު ޒީވާގެ އެކުވެރި ކުއްޖެކެވެ. ނޯޓުގައިވަނީ ކޮންމެވެސް މީހަކު ގޭގެ ޓެރަހުގައި އޭނާގެ އިންތިޒާރުގައި ހުރި ކަމަށެވެ. ރިއާންގެ ހިތުގައި އެއީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން އުފެދުނެވެ. ފަހަރެއްގައި އަހަރެއްގެ މެދުކެނޑުމަކަށްފަހު ދިމާވުމުން އިތުރަށް ވާހަކަދައްކައިލަން ބޭނުންވާ ރަހްމަތްތެރިއެެއްކަމުގައިވެސް ވެދާނެއެވެ. އެތަނުން ނުކުތުމުގެ ކުރިން އޭނާ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އޭރު ހުރީހާ އެންމެން ސިޓިންގްރޫމްގައި ކުރިއަށްދިޔަ ފޯރިގަދަ ވީޑިޔޯގޭމް މުބާރާތުގެ ތެރެއަށް ވަދެ ގެއްލިފައި ތިއްބެވެ.
ރިއާން ގޭގެ ޓެރަހަށްއަރައި ވަށައިގެން ހޯދައިލިއެވެ. އޭނާ ހައިރާންވީ އެ ނޯޓުގައިވާ ފަދަ އެއްވެސް މީހެއްގެ ނިޝާނެއް ޓެރަހުގައި ނެތުމުންނެވެ. ނަމަވެސް ހަމަހިމޭންކަން ފެތުރިފައިވާ ޓެރަހުން ފައިބައިގެން ޕާޓީގެ ހަލަބޮލިކަމުގެ ތެރެއަށް ދާކަށް އޭނާގެ ހިތެއް ނޭދުނެވެ. ޖައްވުގައި އެނބުރެމުންދިޔަ ފިނި ވައިރޯޅިއަށް މަރުހަބާ ކިޔަމުން އޭނާ ޓެރަހުގެ ރެއިލިންގްގައި އަތް އަޅުވައިލިއެވެ. އެގޮތުގައި އޭނާއަށް ހުރެވުނީ މަދު ވަގުތުކޮޅަކަށެވެ.
"ރިއާން" ފަހަތުން އިވިގެން ދިޔަ ޒީވާގެ އަޑަށް ރިއާން ސިހިގެންދިޔައެވެ.
"ޒީވްތަ؟ ކިރިޔާއެއްނު ސިއްސައިގެންގޮސް ނުވެއްޓުނީ… މިތާ ކީއްކުރަނީ؟ ޕާޓީ އޮތީ ތިރީގައެއްނު" ރިއާން ޒީވާއާ ކުރިމަތިލިއެވެ.
"އަހަރެންނޭ ރިއާންގާތު އަންނަންބުނީ" ޒީވާ ރިއާންއާ ގާތަށް ދެތިން ފިޔަވަޅު އަޅައިލަމުން ބުންޏެވެ.
"ތިރީގަ މާ މީހުން ގިނަވީދޯ؟" ރިއާން ހިނިތުންވެލިއެވެ. އޭނާއެކޭ އެއްފަދައިން ޒީވާއަކީވެސް މީހުން ގިނަ ތަންތަނަށްދާން ބޭނުންވާ މީހެއް ނޫންކަށް އެނގޭތީ އޭނާއަށް ވިސްނުނު ގޮތަކީ އެއީއެވެ.
"ހްމްމް ތިވެސް ސަބަބެއް.. އެކަމަކު ތިއަށްވުރެން ބޮޑަށް އައި މިސްޑް ޔޫ ރިއާން.." ޒީވާ ކުރިއަށް ޖެހިލައި ރިއާންގެ އަތުގައި އެލިގަތެވެ. ރިއާން ހިނިތުންވެލިއެވެ. ނަމަވެސް ޒީވާގެ ވާހަކަ އެހިސާބަކުން ނުނިމުނެވެ.
"ރިއާން. ރިއާން ކީއްވެ ކުއްލިއަކަށް ދިޔައީ.. އަހަރެން ކިހާ އެކަނިވާނެ… ދޮންބެއަށްވުރެވެސް އަހަރެންނާ ކްލޯޒް އީ ރިއާންއެއްނު؟ ރިއާން އެއްވެސް ވަރަކަށް އަހަރެން މަތިން މިސް ނުވަނީތަ؟" ޒީވާ އިސްޖަހައިލަމުން ޝަކުވާ ކުރިއެވެ.
"ހޭ… ޗިން އަޕް ޕްރިންސަސް… އަހަރެން ހަމަ ކޮންމެހެންވެސް ދާންޖެހުނީ އިނގޭ.. ސަބަބެއްނެތި އަހަރެން ޒީވްއާ ރާހިލްއާ ދޫކޮށްލާފަ ނުދާނެއެއްނު" ރިއާން ޒީވާގެ ދަތްދޮޅީގައި ހިފައި އިސް އުފުލައިލަމުން ބުންޏެވެ.
"ދެން ނުދާނަންތަ؟" ޒީވާ އެހިއެވެ.
"ޒީވް.. ތީ ކޮންކަމެއް؟ ތީ ދެން ތިކަހަލަ ކޫސަނި ޝަކުވާ ކުރާ ކުއްޖެއްވެސް ނޫނެއްނު؟ ބަލާބަ ތީ މިހާރު އަހަރެންނާ އެއްކޮށް ފިލަފިލާ ކުޅެން އުޅުނު ކުޑަކުޑަ ޒީވާއެއް ނޫނޭ. ޔޫ އަރ 16.. ގެޓް ޔޯރ އޯން ފްރެންޑްސް… އަބަދަކު އަހަރެންނެއްވެސް ޒީވްގެ ލައިފަކު ނުހުންނާނެއެއްނު؟" ރިއާން ޒީވާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"އެކަމަކު އެއީ ކީއްވެ؟ ނޫން ރިއާން! ރިއާން އަހަރެންގެ ލައިފްގަ ނެތް ދުވަހެއް ބަލާކަށާ އަހަރެން ބޭނުމެއްނޫން! ރިއާން ޕްލީޒް.. މިދިޔަ އެެއް އަހަރު އަހަރެން ދިރިހުރިގޮތް ރިއާންއަށް އެނގޭތަ؟ ރިއާންގެ އެއްވެސް ހަބަރެއް ނޭނގި.. އަހަރެން ހުރީ މޮޔަވާން ކައިރިވެފަ.. ދެން އިތުރަކަށް އެހެނެއް ނޫޅެވޭނެ ރިއާން… ޕްލީޒް… ރިއާން ދަންޏާ އަހަރެން ގޮވައިގެންދޭ" ޒީވާ ކުއްލިއަކަށް ރިއާންގެ އަތް ގެނެސް މޭގައި ޖައްސައިލިއެވެ. އެ އަޑުގައިވާ އާދޭސްއިވި ރިއާންއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. ޒީވާ ބުނި އެެއްޗެެއް އޭނާއަށް ރަނގަޅަށް ފަހުމް ނުވާ ކަހަލައެވެ.
"ކީކޭ ތި ކިޔަނީ؟" ރިއާންއަށް އަހައިލެވުނެވެ.
"ރިއާންއަށް ހަމަ އަދިވެސް ނޭނގެނީތަ؟ ރިއާން އައި ރިއަލީ ލަވް ޔޫ" ޒީވާ ބުންޏެވެ.
"އައި ރިއަލީ ލަވް ޔޫ ޓޫ ޕްރިންސަ—"
"ނޫން ރިއާން.. ޕްލީޒް.. ރިއާން ތި ބުނާ މާނައިގައެއްނޫނޭ އަހަރެން ރިއާންދެކެ ލޯބިވަނީ! އަހަރެން ހަނދާންވާން ފެށީއްސުރެވެސް އަހަރެން ރިއާންއާ ވަރަށް ގަޔާވޭ… އެކަމަކު ރިއާން ދުވަހަކުވެސް އަހަރެންނާ ދޭތެރޭ ކޮއްކޮއެއްގޮތުގަ ނޫނީ ނުދެކޭކަން އަހަރެންނަށް އެނގޭ.. ރިއާން.. އައި…. ރިއާން ނެތްއިރުގަ އަހަރެންނަށް އެނގުނީ މިއީ ކިހާ ފުން އިހުސާސްތަކެއްކަން.. ރިއާންނެތި އަހަރެންގެ ދިރިއުޅުން ފަޅުވެފަ އޮތްވަރު އެނގޭނީ އަހަރެންނަކަށްނު؟ އަހަރެންގެ ހަށިގަނޑުން ބައެއް އުނިވެފައިވާފަދަ… ރިއާން.. އަހަރެން ރިއާން ދެކެ ވަރަށް—"
"ޒީވް ނޯ.. ޑޯންޓް ސޭ އިޓް" ރިއާން ޒީވާގެ ވާހަކަ މެދުކަނޑައިލިއެވެ. ހާސްވެފައިހުރެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލަމުން އޭނާ ޒީވާއާ ދުރަށް ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.
"ކީއްވެ ޒީވް؟ ކީއްވެ؟ އަހަރުމެންގެ މި ބޮންޑަކީ ކިހާ ވަރުގަދަ ކިހާ ސްޕެޝަލް ބޮންޑެއް؟ ޕްލީޒް.. ޕްލީޒް ޑޯންޓް ޑޫ ދިސް ޓު އަސް! ޑޯންޓް ރުއިން ޔޫ އެންޑް އައި!" ރިއާންގެ އަޑުގައިވަނީ އާދޭހެވެ.
"ރިއާން އަޅެ އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ.. އަހަރެން އެއްވެސް ގުޅުމެއް ހަލާކެއް ނުކުރަމޭ! މީ އަހަރުމެންނަށް އާ ފެށުމެއްކަމަށް ވިސްނަބަލަ! އަހަރެން މި ވާހަކަ މި ބުނީ އަހަރެންގެ ގައިގަހުރި ހުރިހާ ހިތްވަރެއް މިކަމަށް ލައިގެން! ތިގޮތަށް އަހަރެންނަށް ފުރަގަސްނުދީ! އަހަރެންނަށް ހެވޭ ރިއާން ބޭރަށް ދިޔަސް.. އަހަރެން އިންތިޒާރު ކުރާނަމޭ… ޕްލީޒް ސޭ ޔެސް" ޒީވާގެ ވާހަކަ ނިމުންއިރު އެދެލޮލުގައި ވިދަމުންދިޔަ އުއްމީދުފެނި ރިއާންއަށް އުނދަގޫވިއެވެ. ޒީވާގެ އަތް ފޮޅައިލަމުން ދުރަށް ހިނގައިގަތެވެ.
"ޒީވާ މޮޔަވީތަ؟ ތީ ޑެލިއުޝަންއެއް.. ޒީވް ޕްލީޒް. އަހަރެންމީ ޒީގެ އެކުވެރިޔެކޭ.. ބޭބެއެކޭ.. ތިއުޅެނީ އަހަރެން ދިޔައިމަ އިހުސާސްވި އެކަނިވެރިކަން ލޯބީގެ ގޮތުގަ ޒީވްއަށް ކޮންފިއުޒް ވެގެން.. ނޫނީ އިޓްސް ޖަސްޓް އަ ސްޓުޕިޑް ޓީނޭޖް ކްރަޝް!" ރިއާން ޒީވާގެ ވާހަކަ ގަބޫލެއް ނުކުރިއެވެ.
"ރިއާން ގަބޫލުކޮށްބަލަ! އަހަރެންގެ ހިތުގަ މި އިހުސާސްތައް އުފެދުނީ އިއްޔެކު މިއަދަކު ނޫނޭ.. އަހަރެން ދުވަހަކުވެސް ތިބުނިފަދަ އެކުވެރިއެއް ނޫނީ ބޭބެއެއްގެ ގޮތަކަށް ރިއާންއާ ދޭތެރެއަކު ނުދެކެން.. އެއަށްވުރެ އަހަރެންނަށް ރިއާން ހާއްސަ" ޒީވާ ކުރިއަށް އަޅައިލި ފިޔަވަޅު ހުއްޓުނީ ރިއާން އަތް ދަމައިލައި އިތުރަށް ކުރިއަށް ނައުމަށް ބުނުމުންނެވެ.
"ދުރުގަ ހުރޭ.. ޗީ…ޒީވާ ލަދެއް ނުގަނޭތަ؟ ޒީވް..ޒީވާ ތިކަހަލަ ގޮތަކަށް އަހަރެންނާ ދޭތެރޭ ހިތައްވެސް އަރުވަންވީ ކީއްވެ؟ އަހަރެންގެ ފަރާތުން ކޮން އިޝާރާތެއް ލިބިގެން؟"
"ރަހްމަތްތެރިއެއްގެ ފަރާތުން ލިބެންޖެހޭ އޯގާތެރިކަމާއި އިހުސާންތެރިކަން ފިޔަވައި އިތުރު ކަމެއް ރިއާންގެ ފަރާތުން އަހަރެންނަކަށް ނުލިބޭ.. އަހަރެންގެ ހިތުގަ މި އިހުސާސްތައް އުފަންވީ އެކަމުގަ ރިއާންގެ އެއްވެސް ހިއްސާއަކާ ލައިގެނެއް ނޫން" ޒީވާ އިސްޖަހައިލިއެވެ.
"އެހެންވިއްޔާ ތީ އަހަރެންނަކާ ބެހޭކަމެއްނޫން… ތި އިހުސާސްތައް ނެރޭނެ ގޮތަކަށްނެރެ ހިތުން އެއްލާލާ. އަހަރެންނަކީ ޒީވާ ތި ހީކުރާހާ މާތް އިހުސާންތެރި މީހެއްނޫން.. އެހެންނޫނަސް ތީ އަދި ކުޑަ ކުއްޖެކޭ. މާ ގިނައިން ފިލްމާއި އޭތިމީތި ބެލިގެން ތި އުޅެނީ…. އަހަރެން މިތަނަށްގެނައީ ތިވާހަކަ ދައްކަން ކަމަށް ވަންޏާ މިތާކު ހުންނާކަށް ނެތިން" ރިއާން ޓެރަހުން ފޭބުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާގެން ޒީވާ އައިސް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.
"ރިއާން ހެޔޮނުވާނެ. އަހަރެން މި ވޭތުވެދިޔަ އެއްއަހަރު ތެރޭގަ ރިއާންގެ މަތިން ހަނދާން ނައްތާލަން ކުރި މަސައްކަތް ދެނެވޮޑުގެންވާނީ މާތް ރަސްކަލާނގެ… ހެޔޮނުވާނެ އަހަރެންނަށް ފުރުސަތެއްދީ.. އަހަރެންގެ އުމުރު ހަގުކަމުގައިވިޔަސް އަހަރެންވާ ލޯތްބަކަށް އުނިކަމެއް ނާންނާނެ…" ޒީވާ އެދުނެވެ.
"ތީ ޒީވާއަށް ހީވާގޮތް. ޒީވާ ހީކުރަނީ ތިބުނާ އިޝްޤީ ލޯތްބަކީ ވަރަށް މައުސޫމު އެއްްޗެއްކަމަށްތަ؟ ޒީވާގެ ލޯބީގަ ކިތަންމެ އުނިކަމެއް ހުންނާނެ. ނިކަން އަމިއްލަ މީހާއަށް ބަލާލަބަލަ! ތި ހަށިގަނޑުން ޒީވާއަށް އުނިކަމެއް ނުފެނޭތަ؟ މިހިރަ ފިލައިން ހަދައިފައިވާ ދޮރެކޭ ޒީވާގެ ހަށިގަނޑެކޭ ހުރި ތަފާތަކީ ކޮބާ؟ އެއްވެސް ބައްޓަމެއް ރީތިކަމެއް އެބަހުރިތަ؟ އެހެންވީމަ ބުނެބަލަ ޒީވާގެ އޭޖް މެޓާއެއް ނުވޭތަ؟ ޒީވާއަށް އަންހެނެއްގެ ހައިިސިއްޔަތުން އަހަރެންގެ ހިތްހަމަ ޖައްސާ ދެވޭނެތަ؟" ރިއާން މަލާމާތުގެ ރާގެއްގައި ފޮނުވާލި ބަހުގެ ހަމާލާތައް ޒީވާގެ ހިތަށް ހަންޖަރުތަކެއްހެން އެރިކަހަލައެވެ.
"އެހެންވީމާ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު އުނދަގުލަށް ވާން ނޫޅެ ގެޓް އޯވަރ މީ.. ޔޫ އެންޑް އައި؟ ނެވަރ!" ރިއާންގެ ވާހަކަ ނިންމައިލުމަށްފަހު ދުރަށް ހިނގައިގަތެވެ. އެވަގުތު ފަހަތުން އިވެންފެށި ޒީވާގެ ގިސްލުމުގެ އަޑު އިވި ރިއާންގެ ހިތް ކޮށި ވަޅިއަކުން ކޮށައިލިކަމުގެ އިހުސާސްކުރެވުނެވެ. ޒީވާ ރޯތަން ބެލުމަކީ އަދި އެހުމަކީވެސް އެއްވެސް އިރެެއްގައި އޭނާއަށް ފަސޭހަކަމެއް ނޫނެވެ. އެ ކަރުނަތައް ފޮހެދިނުމުގައި އަބަދުވެސް ޒީވާއާ އެންމެ ގާތުގައި ހުންނަ މީހަކީ އޭނާއެވެ. ނަމަވެސް މިރޭ އެކަރުނަތަކުގެ ފަހަތުގައިވާ ސަބަބަކީ އޭނާކަން އެނގި ރިއާންއަށް އެކަމުން އާދަޔާހިލާފު ބީރައްޓެހި އިހުސާސެއް ކުރެވެމުންދިޔައެވެ. ސިޑިން ފައިބަން ފެށިއިރުވެސް ޒީވާގެ އަޑު ފަނޑު ނުވެ އެއްވަރަކަށް އިވެމުންދާތީ ރިއާންއަށް ޒީވާ އޭނާގެ ފަހަތުން އަންނަކަން އެނގުނެވެ. އިރުކޮޅެއްގެ ތެރޭގައި ޒީވާ އަނެއްކާވެސް އައިސް ރިއާންގެ އަތުގައި އޮޅުލައިގަތެވެ.
"ރިއާން ޕްލީޒް.. ތިގޮތަށް އަހަރެންގެ ހިތުގަ ޖައްސާފަ ނުދޭ.. ރިއާން އަހަރެންނަށް ދީފަދާ އެންމެ ފަހު ހަނދާނަކީ ތި އަނިޔާވެރި ބަސްތައް ކަމުގައި ވާކަށް އަހަރެން ބޭނުމެއްނޫން… ތިހެން ނަހަދާ.. ރިއާން އަހަރެންނާ ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކުނަސް އަހަރެންގެ ލޯތްބަށް ފުރުސަތެއްދީ.. އަހަރެން ރިއާން ބުނި ގޮތަކަށް ބޭނުންކަމެއް ކުރާނަން.. ރިއާން ކިތަންމެ ދުރުގަ ހުއްޓަސް އަހަރެންގެ ފަރުވާލެއް ނެތް" ޒީވާ ރޮވިފައިހުރެ ރިއާންގާތު އާދޭސް ކުރިއެވެ.
"ކިހާ ބޮޑު ނުހުރޮއްޕާނެއްތަ އޭން؟ މަ ބޭނުމެއް ނޫނޭ ބުނީމާވެސް ކަލެއަކަށް އަޑެއް ނީވޭތަ؟ ބަ* އެކޭ މީ ދެން" ކުއްލިއަކަށް ރިއާން އައި ރުޅީގައި ޒީވާ ދުރަށް ކޮއްޕައިލިއެވެ. އަދި ހަމަ އެސިކުންތުގައި އޭނާއަށް އެ ބުނެވިދިޔަ ބަސްތަކާމެދު ވިސްނި ޒީވާއާމެދު ހަމްދަރުދީ ވެވުނެވެ. އެހެނަސް ގައިގެ ހުރިހާ ހިތްވަރަކާއެކު ރިއާންގެ ފިޔަވަޅުތައްވެސް ބަހައްޓަމުން ދިޔައީ ކުރިއަށެވެ. ކިތަންމެ ފަހަރަކު ޒީވާ ގާތަށް ގޮސް ޒީވާ މަސަލަސްކުރަން ބޭނުންވިޔަސް އޭނާއަށް ފަސް އެނބުރެވޭކަށް ނެތެވެ. މާފަށް އެދެން ބޭނުންވިޔަސް ޒީވާއަށް އިތުރު އުއްމީދެއް ދޭކަށް ބޭނުމެއްނޫނެވެ. ޒީވާގެ މައުސޫމުކަމަށް އެޅޭ ހިޔަންޏަކަށް ވާކަށް އޭނާ ބޭނުމެއްނޫނެވެ. ޒީވާ އެބުނާފަދަ ގުޅުމަކަށް ދޭނެ ޖާގައެއް އޭނާގެ ހަޔާތަކު ނެތެވެ. އެހެންނޫނަސް އެފަދަ ނަޒަރަކުން ޒީވާއާމެދު ދުވަހަކުވެސް ދެކެވިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެވެއެވެ. ޒީވާގެ ބޮލަށް އެފަދަ ވަސްވާހެއް ވަންނަންވީ ކީއްވެބާއެވެ.
ރިއާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަދާނެ ގޮތަކާ ދޭތެރޭ ވިސްނެން ފެށިއެވެ. ޒީވާއަށް އޭނާގެ މަތިން ހަނދާން ނައްތާނުލެވެންޏާ ދެން އޮތް ގޮތަކީ ޒީވާގެ ހިތުގައި އޭނާއަށްޓަކައި ނަފްރަތުގެ ހުޅު ރޯކުރުމެވެ. ރިއާންގެ ލޮލުގައި އަޅައިގަތީ އެވަގުތު ޒީވާމެން އުޅޭ ބައިން ނުކުމެގެންދިޔަ ޒީވާގެ ރަހްމަތްތެރި ނަޝްވާއާއި އިތުރު ދެކުއްޖެކެވެ. އޭގެ ތެރެއިން ނަޝްވާއަކީ ހުއްޓުމެއްނެތި އޭނާއަށް އުނދަގޫކޮށް ހަދާ އޭނާގެ ފަހަތުން ނެއްޓެން ނޭނގިގެން އުޅޭ ކުއްޖެއްކަމުން ރިއާންއަށް އެނގެނީ ނަޝްވާގެ ނަން އެކަންޏެވެ. އޭނާ ބުނެފިނަމަ ނަޝްވާ ހުންނާނީ ކަނޑަށްވެސް އެރެން ތައްޔާރަށްކަން ރިއާންއަށް އެނގެއެވެ.
"ނަޝް!" ރިއާން ތަންކޮޅެއް ބާރަށް ނަޝްވާއަށް ގޮވައިލިއަޑަށް ޒީވާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭރު ނަޝްވާ ދެންތިބި ދެކުދިން ލިފްޓުގައި ފޮނުވައިލުމަށްފަހު ރިއާންއާ ދިމާލަށް ހިނގައިގަންނަނީއެވެ.
"ރިއާން.. ހީ ނުކުރަން ރިއާން އަހަރެންނަށް ގޮވާލާނެ ކަމަކަށް.. ރިއާން ޕާޓީން ނުކުތްތަން ފެނިގެން ދާންވެސް އުޅުނިން. އެކަމަކު ޒީ ދިޔަތަން ފެނުނީމަ ބްރަދަރ އެންޑް ސިސްޓަރ ބޮންޑިންގް ޓައިމް ދޭން ވެގެން ނުދިޔައީ…" ނަޝްވާ ރިއާންއަށް ހަނދާންކޮށްދިނީ މުޅި ދުނިޔެވެސް ރިއާންއާއި ޒީވާގެ ގުޅުމަށް ނިސާބަތްކުރާގޮތެވެ. ނަމަވެސް އެހެން ހުރިހާ ފަހަރަކާ ހިލާފަށް މިފަހަރު ރިއާންއަށް އެކަމުން އުނދަގޫ ވިއެވެ. އެކަން ބަދަލުވުމަށް އޭނާގެ ހިތްއެދުނީ ކީއްވެކަމެއް ނޭނގެއެވެ. އޭރު ސިޑީގައިހުރި ޒީވާއަށް ރިއާން ނަޝްވާގެ ކަންފަތް ދޮށުގައި ވާހަކައެއް ބުނެލިތަން ފެނުނެވެ. ހަމައެއާއެކު ނަޝްވާގެ ދެލޯ ބޮޑުކޮށްލަމުން ހިނިތުންވެލިތަން ފެނުނެވެ.
"ވަޓް ހާދަ ކުއްލިއަކަ—"
"އަހަރެންނަކަށް ވަގުތެއްނެތް! ޓެލް މީ.. ޔެސް އޯރ ނޯ؟" ރިއާން ނަޝްވާގެ ވާހަކަ މެދުކަނޑައިލިއެވެ. އަދި ލޮލުގެ ހިމަކޮޅުން ސިޑީގައި އެދިމާ ފެންނާނެހެން ހުރި ޒީވާއަށް އަވަސް ނަޒަރެއް ދިނެވެ.
"ވަޓް؟ އައި މީން އޮފްކޯސް ޔެސް ބަޓް–" ނަޝްވާގެ ހުއްދަ ލިބުމާއެކު އިތުރު ވާހަކައެއް އަޑުއަހާކަށް ރިއާން ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް ރިއާންގެ ހޫނު ދެތުންފަތުގެ ތެރޭގައި ނަޝްވާގެ ތުންފަތް ގައިދުކޮށްލުމާއެކު ނަޝްވާގެ ދެކޮނޑުގައި ހިފައި ފާރުގައި ޖައްސައިލިއެވެ. އެމަންޒަރު ފެންނަ ހިސާބުގައިހުރި ޒީވާގެ ހިތަށް ހީވީ ހޫނުފެން އެއްޗެއް އޮއްސައިލެވުނުހެނެވެ. ހައިކަން ނުފިލައިގެން އުޅޭ ސިންގާއެއްް ފަދައިން ރިއާން ނަޝްވާގެ މޫނާއި ކަރުދޮށުގައި ބޮސްދީ އޮޅުލަމުންދިޔަ މަންޒަރުފެނި މޭގައި އަތް އަޅައިލަމުން ސިޑިމަތީގައި އިށީނދެވުނެވެ. ރިއާންގެ އަތް ޖެހިލުންވުމަކާއިނުލާ ނަޝްވާގެ ކޮންމެ ވަނާއެއްގައި ބީހެމުންދިޔައިރު އެހަރަކާތްތަކުގައިވާ ފަރިތަކަން ފެނި ޒީވާއަށް އޭނާގެ ހަށިގަނޑަށް ނިސްބަތްކޮށް ރިއާން ދެއްކި ވާހަކަތަކުގެ ތެދުކަން އިހުސާސްވިއެވެ. ނަޝްވާއާ ބަލާއިރު ޒީވާގެ ހަށިގަނޑަކީ ހަމަ ސުމެއްކަމުގައި އަމިއްލައަށްވެސް ގަބޫލުކުރެވުނެވެ. ރިއާންގެ އަތް ނަޝްވާ ލައިގެންހުރި ޓޮޕްކޮޅުގެ ފަސްބަޔާއި ދިމާލުން އެތެރެއަށްދިޔަތަން ފެނި ޒީވާއަށް އިތުރަށް އެމަންޒަރު ބަލާކަށް ކެތެއްނުކުރެވުނެވެ. ކަރުނަތައް ފޮހެލައި އިންތަނުން ތެދުވުމަށްފަހު އަލުން އަނބުރައި ސިޑިން މައްޗަށް ދުއްވައިގަތެވެ.
——————————————
ކުއްލި ސިހުމަކާއެކު ރިއާންއަށް ދެލޯ ހުޅުވައިލެވުނީ ޖެހިގެން އޮތް ސީޓުގައިއޮތް ފޯނުގެ ރިންގުގެ އަޑަށެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ތުނިކޮށް ފަޅަން ފަށައިފައިވާ ތުނބުޅީގައި ފިރުމައިލަމުން އޭނާއަށް އައި ވަޓްސްއަޕް ކޯލަށް ޖަވާބު ދިނެވެ. "ޔެސް؟"
"ތިކޮޅުން ވިދާޅުވި ގޮތަށް ހުރިހާ ކަމެއް ނިމިއްޖެ.. އެމީހާއަކީ ކުރިންވެސް އެކި ކަހަލަ ކުދި ކުށްތަކުގެ ރިކޯޑު އޮތް މީހެއް. އެކަމަކު.."
"އެކަމަކު ކިހިނެއްވީ؟ ބުނަން ސިރާޖު.. އަހަރެން ބޭނުން ވީހާވެސް ގިނަ ދުވަހަށް އޭނަ ގެއްލުވާލަން" ރިއާންގެ ބުމަ ގޮށްޖެހުނެވެ.
"ފައިސަލްގެ އާއިލާއިން އެބަހުރި މެޑިކަލް ރިޕޯޓުތަކެއް ފޮނުވާފަ! އޭގަ ބުނާގޮތުން އޭނާ ކްލީންކޮށް ހުންނަތާ ހަތްމަސްވީ.. މިކޮޅުންހެދި ޑްރަގް ޓެސްޓަކަށްވެސް ޕޮޒިޓިވްއެއްނޫން… ޕްލާންޓްކުރި އެއްޗެހީގެ އެހީގަ ވަކި ކަމެއް ސާބިތުނުކޮށް ހައެއްކަ މަސް ދުވަސް ޖެހިދާނެހެން ހީވަނީ" ސިރާޖު ބުންޏެވެ.
"ތިވަރުވެސް މިހާރަށް ފުދޭނެ… މާދަން އޮފީސް ގަޑީގަ އައިމަ ގޮތެއް ހަމަޖައްސާލަދޭނަން" ރިއާން ކާރުން ފޭބިއެވެ.
"އަޅުގަނޑަށް އެއްޗެއް ނުދިނަސް ހެޔޮ.. އަޅުގަނޑުގެ އަގު އެހެން ފަހަރަކަށް ބާއްވަމާ.. އެކަމަކު ގްރާމް ހަމަވާވަރަށް އެއްޗެއް ހޯދުންވީ ފުދޭވަރަކަށް އުނދަގޫ ކަމަކަށް.. އެހެންވީމަ ޕްލާންޓްކުރި ސްޓަފްއަށް ޕޭ ކޮށްލަދެއްވަނިކޮށް އޯކޭވާނެ" ސިރާޖު ޖަވާބުދިނެވެ.
"ތިކަން ހަމަޖެހޭނެ. އެކަމަކު ބުނަން.. ޑީލަރަށް އަހަރެންނަކީ ކާކުކަން އެނގިގެން ނުވާނެ." ރިއާން ބުންޏެވެ.
"މައްސަލައެއްނެތް. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ ފައިސަލް ކަހަލަ ހަރމްލެސް ކްރިމިނަލްއެއް ތިޔަބޭފުޅާގެ ބޭޑް ސައިޑަށް އެރީ ކިހިނެއްބާއޭ؟" ސިރާޖުގެ ޝައުގުވެރިކަން ސިއްރެއް ނުކުރިއެވެ.
"ދެން ތިވާހަކަ އެެހެން ފަހަރަކަށް ބާއްވަމާ.. މިވަގުތު ބޭއްވީ.." ރިއާން ފޯނު ކަނޑައިލުމަށްފަހު ގެއަށް ވަނުމަށްހުރި ދެތިން ހަރުފަތުގެ ސިޑި ގިރާކޮށްލިއެވެ. އަދި ދޮރުވާނަށް ބޯ ޖަހައިލުމަށްފަހު އެތެރެއަށް ވަނެވެ.
ގޭގެ ބޮޑުކޮޓަރި ހުސްކޮށް އޮތްތަން ފެނި ހިތާހިތުން ޝުކުރު ކުރަމުން އެތަނުގެ އެއްފަރާތުގައިވާ ހައިބަތުހުރި މަރބްލް ތަޅުމުގެ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ސިޑިއާ ގާތްވަމުންދިޔަ ވަރަކަށް އެންމެ ތިރީ ހަރުފަތް ކައިރިން އޭނާއަށް ރިޔާޒްގެ ލެއިން ތަތްތެޅިފައިވާ ހަށިގަނޑު އަދިވެސް ފެންނަ ކަހަލައެެވެ. އެރޭ ރިޔާޒް އޭނާގެ އެހީއަށް އެދި އަތް އުފުލައިލިތަން އިއްޔެ ހިނގި ކަމެއްހެން ހަނދާނުގައި ކުލަވިއެވެ. ނަމަވެސް ރިއާން އެކަމާ ވިސްނާކަށް މާގިނައިރަކު މަޑުކުރާކަށް ނޫޅުނެވެ. އެއަށްވުރެބޮޑަށް މިރޭ އޭނާގެ ސިކުނޑި ހަލަބޮލިކުރުވައިފައިވަނީ އެހެން ހިޔާލަކުންނެވެ. ޒީވާގެ ހިޔާލުންނެވެ. އަވަސް ފިޔަވަޅުތަކެއްގައިގޮސް އޭނާވަނީ އެގޭގައި އޭނާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށެވެ. އޭނާގެ ޅަދުވަހުގެ ހަނދާންތަކާއި ގުޅިފައިވާ ކޮޓަރިއަށެވެ. އެއަށްފަހު ލައިގެންހުރި ޓީޝާޓު ބާލައި ދުރަށް ހޫރައިލުމަށްފަހު ގައިގެ ހުރިހާ ހަކަތައެއް ހުސްވެފައިވާ މީހެއްހެން ކަންނެތްކަމާއެކު އެނދުމައްޗަށް ވެއްޓިގަތެވެ.
***********
އެހެން ދުވަސްދުވަހާއި ހިލާފަށް ފަތިސް ނަމާދަށް ހޭލުމަށްފަހު އަލުން ނިދީގެ ތެރެއަށް ފީނައިގަތުންވީ ޝައިނާއަށް އުނދަގޫ ކަމަށެވެ. ފަހަރުގައި އެއީ އޭނާ ނިދާތަން ބަދަލުވުމުން ވާ އުނދަގުލެއްކަމުގައި ޝައިނާ އަމިއްލަ ޟަމީރަށް ވިސްނައިދިނެވެ. ނަމަވެސް މިއީ އޭނާ ޒީވާމެންގެ ގޭގައި ނިދާ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެހެނަސް އޭނާއަކަށް ހަމަ ނިދޭގޮތެއްނުވިއެވެ. އެނދުގައި ފުރޮޅިލައި ފުރޮޅިލައި އޮތުމަށްފަހު އެންމެ ފަހުން އޭނާގެ ދެފަރާތުގައި އޮތް އިޝްވާއާއި ޒީވާއަށް އުނދަގޫ ނުވާނެހެން އެނދުން ތެދުވެގެން އައިސް ކޮޓަރީގެ ދޮރު ހުޅުވައިލަމުން ނުކުތެވެ. ސިޑިއާ ދިމާލަށް ދިޔުމުގެ ކުރިން އެތެރެއަށްހުރި ރާހިލްގެ ކޮޓަރީގެ ދޮރަށް ބަލައިލެވުނެވެ. އޭނާއަށް އެ ވަމުންދާ އުނދަގުލަކީ އެއީބާއެވެ؟ އެހައި ގިނަދުވަހަށްފަހު ރާހިލްއާ އެއްފުރާޅެއްގެ ދަށުގައި އެރޭ ހޭދަކުރަން ޖެހުމުން އޭނާއަށް ހަމަޖެހުން ނުލިބެނީބާއެވެ؟ އެކަމަކު އެހެން އެކަން ވާންވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. އަމުދަކުން ފަތިހުގެ ވަގުތަކީ ރާހިލް ގޭގައިވެސް އުޅޭ ވަގުތެއް ނޫންވިއްޔާއެވެ؟
ބޭކާރު ހިޔާލުތައް ބޮލުން ނެރެލުމަން ޝައިނާ އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ގޮސް ބަދިގެއަށް ހިނގައިގަތެވެ. އިރުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލި ސައިތައްޓާއެކު ކާނެ ބިސްކޯދު ޕެކެޓެއް ކަބަޑުން ނަގައިގެން އައިސް ފޯނުން އިންސްޓަގްރާމަށް ވަދެލަމުން ކާމޭޒު ދޮށުގައި އިށީނެވެ. ސައިތަށި ހުސްވުމާ ގާތްވެފައިވަނިކޮށް އޭނާއަށް މީހެއްގެ ހިލަމެއްވިހެން ހީވެ ފަހަތަށް ބަލައިލެވުނެވެ. އަނދިރިކޮށްލައިފައިވާ ބަދިގެއާއި ސިޓިންގްރޫމް ވަކިވާނެހެން ކަހައިލެވޭގޮތަށް ހުރި ދޮރު ކައިރިން ބިޔަ ހިޔަންޏެއް އޭނާއަށް ފެނުނެވެ. އެހިޔަނީގެ އިސްކޮޅަށް ބަލައި އޭނާއަށް އެއީ ކާކުކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އިރުކޮޅެއްގެ ތެރޭގައި ބަދިގޭގެ ފަނޑުއަލީގެ ތެރެއިން ފާޅުވި ރާހިލްގެ ސޫރަ ފެނި އޭނާއަށް ހައިރާންކަމެއް ނުލިބުނީ އެހެންވެއެވެ. ނަމަވެސް ރާހިލްއަށް އެވަގުތު އެތަނުން ޝައިނާ ފެނުންވީ ހައިރާންވި ކަމަކަށެވެ. އޭނާއަށް ޝައިނާ ފެނުމާއެކު ހުރިފިޔަވަޅު މަތީގައި ހުއްޓެވުނެވެ.
"ގުޑް މޯރނިންގް" ޝައިނާ ރާހިލްގެ ނުތަނަވަސްކަން ފިލުވައިލުމަށްޓަކައި ހެނދުނުގެ ސަލާންކުރިއެވެ. ރާހިލްގެ ފަރާތުން ވަކި ރައްދެއް ނުލިބުނެވެ. އޭނާ މަޑުމަޑުން ހިނގައިލައިފައި ގޮސް ޝައިނާއަށް ފުރަގަސްދެމުން ވޯޓަރ ޑިސްޕެންސަރުގެ ކައިރިއަށް ހުއްޓިލިއެވެ. އަދި އަތުގައި އޮތް ފެންހުސްކުރި ފުޅިއަށް އޭގެން ފެންއަޅަން ފެށިއެވެ.
"މިއަދު ދުވަން ނުދާ ދުވަހަކީތަ؟" މިފަހަރުވެސް ރާހިލްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ޝައިނާ ފޫހިވެފައި ތުންއަނބުރައިމުން އިސްޖަހައިލި ނަމަވެސް އެގޮތުގައި އިނދެވުނީ މަދު ސިކުންތުކޮޅަކަށެވެ. އޭނާގެ ލޯ އަމިއްލަ އިހްތިޔާރުން ބޭރުގައި ރާހިލްގެ ބުރަކައްޓާއި ކޮނޑުގެ މަސްތަކަށް ދަތުރުކުރަންފެށިއެވެ. އޭނާގެ ހަނދާނަށް އައީ އޮފީސް ދަތުރުގައި އެންމެ ފުރަތަމަ ރާހިލް އޭނާދެކެ ރުޅިއައިސްގެން ވާހަކަދެއްކުން ހުއްޓައިލި ދުވަހުގެ ހަނދާނެވެ. އެދުވަހު އޭނާ ކުރަހަން އިންދާ ރާހިލް ކޮޓަރިން ނުކުމެގެން އައި ހަނދާނެވެ. އެހެން ގެއްލިފައި އިންދާ ރާހިލް ފެންއަޅައި ނިންމައިލުމަށްފަހު އޭނާއާ ކުރިމަތިލިއެވެ. އަދި ދެތިން ފިޔަވަޅު ކުރިއަށް ޖެހިލައި ޝައިނާއިން މޭޒުގެ އަނެއްފަރާތުގައި ހުއްޓިލަމުން ފެންފުޅި އަނގަޔާ ދިމާލަށް އަރިކޮށްލިއެވެ. ދިރުވައިލަމުންދިޔަ ކޮންމެ ފެންފޮދަކާއެކު ރާހިލްގެ ކަނދުރާ ހަރަކާތްތެރިވާ ގޮތް ބަލަން ޝައިނާއަށް އާގަމަވެފައި އިނދެވުނެވެ. އޭނާއަށް އެކަން ހިތްގައިމު ކަމަކަށްވީ ކިހިނެތްކަމެއް އަދި ކީއްވެކަމެއް ނޭނގުނެވެ.
"ގުޑް މޯރނިންގް" ރާހިލް ފެންފުޅި މޭޒުމަތީގައި ބެހެއްޓުމަށްފަހު އޭގެ މަތި ބާރުކޮށްލިއެވެ. ޝައިނާ ރާހިލްގެ އަޑަށް ސިއްސައިގެން ދިޔައެވެ.
"އަދިވެސް މިގޭގަތަ؟" ނިދީގެ ސަބަބުން ބަރުވެފައިވާ ރާހިލްގެ އަޑު ކަންފަތުގައި ޖެހުނު ވަގުތު ޝައިނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއަޑުގައި އެހެންޏާވެސް ހުންނަ ފިރިހެންވަންތަކަމުގެ އަސަރު އެތަށް ގުނައެއް އިތުރުވެފައިވާ ކަހަލައެވެ.
"ޒީމެންނާއެއްކޮށް އޯވަރނައިޓެއް ބޭއްވީ.. ރާހިލް ދުވަން ނުދަނީތަ؟" ޝައިނާ ކުރިން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.
"ހުމްމް… މިއަދު ދުވަންދާނެހާ ހަކަތައެއް ނެތް." ރާހިލް އޭނާ ލައިގެންހުރި އަޅިކުލައިގެ ހަރުވާޅުގެ ދެޖީބަށް އަތްޖަހައިލަމުން ބުންޏެވެ.
"ދެން ނިދާލަން ދޭބަ. މިކަހަލަ ފިނި ފަތިހެއްގަ ނިދާލީމަ އެނގޭނީ އޭގެ އަރާމުކަން." ޝައިނާ ސައިޖޯޑުގެ ފުލުގައިވާ ސައިފޮދު ހުސްކޮށްލުމަށްފަހު ގޮނޑިން ތެދުވެ ސިންކާދިމާލަށް ހިނގައިގަތެވެ. އެވަގުތު ޝައިނާއާ ދިމާލަށް ބަލައިލި ރާހިލް ލައިލައިހުރި ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. ޝައިނާ ލައިގެންހުރި ހެދުން އޭނާގެ ލޮލުގައި އަޅައިގަތީ އަދި ކިރިޔާއެވެ. އެއީ ކަކުލާއި ހިސާބަށްހުރި ކަޅުކުލައިގެ ސެޓިން ނިދާހެދުމެކެވެ. ހެދުމުގެ އަތަށް ލައިފައިވާ ހިމަ ވާކޮޅުގެ ސަބަބުން ހާމަވެފައިވާ ކޮނޑާއި ކަނދުރާ އަދި މޭމަތީގެ ބޮޑުބައެއް ބޭރުން ލައިފައިވާ ލޭސް ޖެކެޓުގެ ތުނި ފޮތީގެ ތެރެއިންވެސް ހާމަވަމުން ދިޔައެވެ. ޝައިނާގެ އޮޅަލި ކުލައިގެ އޮމާން ހަށިގަނޑު އެ ލޭހުގެ ތެރެއިން ފެންނައިރު އާދަޔާހިލާފު ހިތްގައިމު ގޮތެއް ހުއްޓެވެ.
ތަށި ދޮވެލުމަށްޓަކައި ޝައިނާ ސިންކުކައިރީގައި ހުއްޓިލި ވަގުތު ރާހިލްގެ ލަސްފިޔަވަޅުތައް އެދިމާލަށް ހަރަކާތްކުރަން ފެށިއެވެ. އޭނާ މަޑުމަޑުނަގޮސް ޝައިނާގެ ފަހަތުގައި މަޑުކޮށްލިއެވެ. އަދި ދެއަތް ހިއްލައިލައި ޝައިނާގެ އުނަގަނޑުގައި ހިފަހައްޓައިލިއެވެ.
"އަސްލު ރޭގަނޑުގެ ނިންޖަކީ ފަތިހުގެ ނިންޖާ ބަލާއިރު އެކައްޗެއްވެސް ނޫން.. އަހަރެންނަށް ޔަގީން މިރޭ ނިދާލިއްޔާ ރާހިލް ދުވަހަކުވެސް ފަތިހު ދުވަން ނުދާނެކަ-" ކުއްލިއަކަށް ޝައިނާއަށް ސިހިފައި ފަހަތަށް އެނބުރެވުނީ އޭނާގެ އުނަގަނޑުގައި މީހަކު ހިފެހެއްޓުމުންނެވެ. އޭނާއަށް ހަޅޭއްލަވައިނުގަނެވުނީވެސް ހަމަކިރިޔާއެވެ. އެވަރު ކަމަކަށް ވިސްނައިގެންހުރި ރާހިލް އަވަސް ހަރަކާތަކާއެކު އެއްއަތުން ޝައިނާގެ އަނގަ ނިވާކުރަމުން އަނެއް އަތުގެ ޝަހާދަތް އިނގިލި އަމިއްލަ ތުންފަތުގައި ޖައްސައި އަޑު މަޑުކުރުމަށް އިޝްރާތްކުރިއެވެ.
ޝައިނާ ހަމަޖެހުުނުހެން ހީވުމާއެކު ރާހިލް ދެއަތް ތިރިކޮށްލައި ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން އަނެއްކާވެސް ޝައިނާގެ އުނަގަނޑުގައި ހިފަހައްޓައިލިއެވެ. ޝައިނާއަށް ހާސްވެފައި ރާހިލްގެ މޫނަށް ބަލައިލެވުނެވެ.
"ރާހިލް! ތިއީ ކޮންކަމެއް؟" ރާހިލްގެ އަތްތިލަ ޝައިނާގެ ފަލަމަސްގަނޑުގައި ބީހިލުމާއެކު ޝައިނާއަށް ސިހިފަައި އަހައިލެވުނެއެވެ.
"އައި ވިޝް އައި ނޯ ވަޓް އައިމް ޑުއިންގް ޝައި.. އައި ވިޝް އައި ނޯ.." ރާހިލް މަޑުމަޑުން ބުންޏެވެ. ޝައިނާއަށް ރާހިލްއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. މޫނުމަތިން ފިލައިނުދާ ނިދީގެ އަސަރުގެ ސަބަބުން ރާހިލްގެ ދެލޯ އިތުރަށް ކުޑަހެން ހީވާއިރު އާދަޔާހިލާފު މަސްތެއް އެދެލޮލުގައިވާހެންވެސް ޝައިނާއަށް ހީވިއެވެ. އަދި ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުން ނިއްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިތަކުގެ ހިޔަނިން އެފަނޑުއަލީގައި ރާހިލްގެ ހިތްގައިމުކަން އިތުރުވެފައިވާހެން ހީވިއެވެ.
"ރާހިލް މިހެން އުޅޭކަށްނުވާނެ.." ރާހިލްގެ އެ ގާތްކަމުގެ ސަބަބުން އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވަން ޝައިނާ މަސައްކަތް ކުރިއެވެ.
"އަހަރުމެން ގޮތަކަށް ނޫޅެމެއްނު ޝައި" ރާހިލްގެ ހާލަކީވެސް ހަމަ އެއީއެވެ.
"ޕިސް ދެން ރާހިލް!! ޝައި އޭ ނުކިޔަބަލަ!" ޝައިނާ ބުމަ ގޮށްޖަހައިލަމުން ރާހިލްއާ ދުރަށް ޖެހިލިއެވެ.
"ކީއްވެ؟ އެންމެންވެސް ކިޔަނީ ޝައި އެއް ނޫންތަ؟ ޝައިގެ ހުރިހާ ރައްޓެހިން" ރާހިލް އެއްމިޔަކަނިން ހިނިތުންވެލިއެވެ.
"އެކަމަކު ރާހިލްއެއް ނުކިޔަމެއްނު؟ ދެންވެސް ނުކިޔަބަލަ! ދެން އެ މާތަށް ފޮނުވުންވެސް ހުއްޓާލަން ވެއްޖެއެއްނު.. އަހަރެން އެ ބަހައްޓާނީ ކޮންތާކު؟" ޝައިނާ އިސް ޖަހައިލަމުން ބުންޏެވެ.
"ޝައިނާއާ ދިމާލަށް ބުނެވުނު ބަސްތަކުގެ ސަބަބުން އަހަރެންނަށް މި ފީލްވާ ގިލްޓް ފިލައިގެން ދަންދެން މާ ފޮނުވާނަން… އަހަރެން ޝައިނާގެ މައާފު ބޭނުން" ރާހިލް ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.
"ރާހިލް އެއްވެސް ކަމަކާ ގިލްޓީ ވާކަށް ނުޖެހޭނެ.. އެއްވެސް މަައާފެއް ބޭނުމެއްނުވާނެ… އަހަރެން ބުނީމެއްނު ވީ އަރ ޖަސްޓް.."
"ފްރެންޑްސް؟" ރާހިލް އެޖުމްލަ ފުރިހަމަ ކޮށްލައިދިނެވެ.
"ސޭ އިޓް ޝައިނާ.. އައި ޑެއަރ ޔޫ!! ނިކަން އެއްފަހަރުވެސް އަހަރެންނާ ހަތަރުކަޅި ހަމަކޮށްފަ ތި ދުލުން ބުނެބަލަ.. އަހަރެންމީ ޝައިނާގެ ރައްޓެއްސެކޭ!! އައި ޑެއަރ ޔޫ!!" ރާހިލް އޭނާއާ ޝައިނާއާ ދެމީހުންގެ މެދުގައިވި ޖާގަ ނައްތައިލަމުން ޝައިނާގެ ދަތްދޮޅީގައި ހިފައި އިސް އުފުލައިލިއެވެ. ރާހިލްއާ ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު ޝައިނާއަށް ހިންދިރުވައިލެވުނެވެ. އެ ނިދި އަޑުގައިވާ މަސްތުކަމާއި މޮޑިމޮޅިކަމާއެކުގައިވެސް ޝައިނާއަށް އެ އަޑުގައިވި ސާބިތުކަން އިހުސާސްވަމުންދިޔައެވެ.
"މައްސަލައެއް ނެތް.. ޝައިނާ އަޑުއަހަން ބޭނުންނަމަ އަހަރެންގެ ދުލުން ބުނެދީފާނަން އަހަރެންނަކީ ޝައިނާގެ ރައްޓެއްސެކޭ، އެކަމަކު އޭގަ އެކުލެވިގެންވަނީ ކިހާވަރެއްގެ ހަގީގަތެއްކަން ޝައިނާ އަހަރެންނަށް ބުނެދޭންވާނެ" ރާހިލްގެ އަޑުގައިވަނީ އާދަޔާހިލާފު ސާބިތުކަމެކެވެ.
"ޝައިނާ ހަނދާންވޭތަ އަހަރެންގެ ލޯބިވެރިޔާއާއެކު އެޕަރޓްމެންޓުން ފެނިގެން އެރޭ ޝައިނާ އައި ރުޅި؟ އަހަރެންގެ ލޯބިވެރިޔާއާއެކު ކޮޓަރީގަ ހުއްޓާއައިސް އަހަރެންގެ ރިލޭޝަންޝިޕް ޝައިނާ ރޫޅާލިގޮތް؟ އަހަރެން ހުމާ ފިހިފިހި އޮއްވާ އަހަރެންނަށް ހޭހަންކުރަން މުޅި ރޭ ހޭދަކުރިގޮތް؟ މިއީ ހަމަ ކޮންމެ ރައްޓެއްސަކާމެދުވެސް ޝައިނާގެ އަމަލުތައް ހުންނަގޮތް ކަމަށްވާނަމަ ގަބޫލުކުރަން އަހަރެންނަކީ ޝައިނާގެ ރައްޓެއްސެއްކަމަށް.." ރާހިލްގެ ހޫނު ނޭވާ އިހުސާސްވާހާ ގާތަށް މޫނު ކައިރިވުމާއެކު ޝައިނާއަށް ލޯ މަރައިލެވުނެވެ.
"އިފް ސޯ ޔެސް.. އައި އޭމް ޔޯރ ފްރެންޑް.. ދެޓް ފްރެންޑް ދެޓް ކޭން މޭކް ޔޫ ކްލޯޒް ޔޯރ އައިޒް ބައި ކްލޯޒިންގް ދިސް ޑިސްޓަންސް… ދެޓް ފްރެންޑް ދެޓް މޭކްސް ޔޫ ބްރެތްލެސް ވިތް އަ ޓަޗް…. ދަ ފްރެންޑް ދެޓް ނޯޒް ދަ ޓޭސްޓް އޮފް ދީސް ސްވީޓް ލިޕްސް" ރާހިލް ފަރުވާތެރިކަމާއެކު ޝައިނާގެ ދަތްދޮޅީގައި ހިފަހައްޓައިލައިގެންހުރި އަތުގެ ބޮޑުވައި އިނގިލިން ޝައިނާގެ ތުންފަތުގައި ފިރުމައިލިއެވެ. އެ ތުންފަތުގެ ފިނިކަމާއި އޮމާންކަން އިހުސާސްކުރެވުނު ވަގުތު އޭނާގެ އަރުތެރެ ހިކެމުންދާކަމުގެ އިހުސާސެއްކުރެވި ހިންދިރުވައިލެވުނެވެ. "ސޯ ޓެލް މީ.. އަހަރެންނަކީ ހަމައެކަނި ޝައިނާގެ ރައްޓެއްސެއްތަ؟" ޝައިނާއަކަށް އެ ސުވާލުގެ ޖަވާބެއް ނުދެވުނެވެ.
"ޝައިނާއަށް ނޭނގެނީތަ އަހަރެންނަށް މިވާވަރު؟ ނޫނީ އެނގިހުރެވެސް އަހަރެން އިމްތިހާނު ކުރަނީތަ؟ އަރ ޔޫ ޓްރައިންގް ޓު މޭކް މީ އިންސޭން ޝައިނާ…" ރާހިލް ޝައިނާގެ ކަރުގައި ވަސްގަނެލަމުން ލޯތްބާއެކު ބޮސްދިނެވެ. އެ ތުންފަތުގެ ހޫނުކަން އިހުސާސްވުމާއެކު ޝައިނާއަށް ދެލޯ މަރައިލެވުނެވެ. ރާހިލްގެ ހޫނު ނޭވާ ކަރުދޮށަށް އެޅުމާއެކު ޝައިނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ރާހިލް ދެންމެ ބުނި ފަދައިން ރާހިލްގެ ކޮންމެ ބީހުމެއް ޝައިނާގެ ހިތް އަވަސް ކުރުވަމުން ދިޔައެވެ. އެކަން ސިއްރުކޮށް އަވަސް ވަމުންދިޔަ ނޭވާ ހަމައަކަށް އެޅުވުމަށްޓަކައި ޝައިނާއަށް ފަހަތުގައިހުރި ކަބަޑުސެޓުގެ ދާރައިގައި ހިފަހައްޓައިލެވުނެވެ.
"ރާ..ރާހިލް"
"ޗޮކްލެޓް.. ޔޫ ސްމެލް ލައިކް ޗޮކްލެޓް.. މައި ފޭވްރިޓް" ޝައިނާ ލައިގެންހުރި ޖެކެޓުގެ އެއްއަތް ތިރިއަށް ކަހައިލަމުން ރާހިލް ޝައިނާގެ ކޮނޑުގައި ބޮސްދިނެވެ. އެއާއެކު ޝައިނާގެ ފަރާތުން ލުއި ހީލުމެއްގެ އަޑު އިވުނެވެ.
"ފޭވްރިޓޭ އަހަރެންނަށް ޔަގީން ރާހިލް ތީ ޗޮކްލެޓް ކާ މީހެއްވެސް ނޫންކަން.. ހެލްތް ފްރީކް" ރާހިލްގެ ބީހުންތަކުގެ ސަބަބުން އަވަސް ވެފައިވާ ނޭވާއާއެކު އޭނާގެ އަޑު ނުކުންނަނީ ހަމަ ކިރިޔާއެވެ.
"ހޭއި ޗޮކްލެޓް އިޒް ހެލްތީ.." ރާހިލް ބުންޏެވެ. އޭނާގެ ހޫނު ތުންފަތް އެއްވެސް ހުރަހަކާނުލައި ޝައިނާގެ ކަރުގައި ބީހެމުން ދިޔައެވެ.
"ރާހިލް ކާން ބޭނުމިއްޔާ ކޮންމެ އެއްޗެެއްވެސް ހެލްތީ ދޯ؟ ދެން ދޫކޮށްލާ.. މީހަކު އަތުވެދާނެ" ޝައިނާ ހާސްވިއެވެ.
"މައި ސިސްޓަރސް ސްލީޕް ލައިކް ޑެޑް.. ޕްލަސް.. އަ ފިއު ކިސަސް އެންޑް ކޮންފެޝަންސް ވޯންޓް ރުއިން އަވަރ ފްރެންޑްޝިޕް ރައިޓް؟" ރާހިލްގެ އަޑުގައިވަނީ މަލާމާތެވެ.
"ރާހިލް.. އެކަމަކުވެސް ދެން ހުއްޓާލާ.." ޝައިނާގެ ބަހާއި އަމަލުން ބުނެދެމުންދިޔައީ ތަފާތު ދެވާހަކައެކެވެ. އޭނާގެ ދުލުން ރާހިލްގާތު ހުއްޓާލަން އެދުނު ކަމަށްވިޔަސް އިރުކޮޅެއްފަހުން އޭނާގެ ދެއަތުން ރާހިލްގެ ކަނދުރައިގައި ވަށައިލިއެވެ. ހަމަ އެވަގުތު ޝައިނާގެ ބަހަށް އިޖާބަ ދިނުމުގެ ގޮތުން ރާހިލްގެ ހަރަކާތްތަށް ހުއްޓައިލިއެވެ. އަދި މައިނޭވާ ލެވިފައިވާ ހާލު ޝައިނާގެ ނިއްކުރީގައި ނިއްކުރި ޖައްސައިލިއެވެ.
ރާހިލްއާ ހަތަރުކަޅި ހަމަވި ވަގުތު ޝައިނާއަށް މަޑުމަޑުން ރާހިލްގެ މޫނުގައި އަތްބީއްސައިލެވުނެވެ. އެ އިޝާރާތަށް ރާހިލްގެ ލޯ މެރިގެން ދިޔަތަން ފެނި އެއީ އޭނާއަށް ލިބުނު ދައުވަތެއް ކަމަށް ދެކެވުނެވެ. އަދި ރާހިލްގެ މޫނާ އިތުރަށް ގާތްވެލިއެވެ. ޝައިނާގެ އިސްނެގުމާއެކު ދެތުންފަތް ބީހިލި ވަގުތު ރާހިލްއަކަށްވެސް ދެކޮޅެއްނެހެދުނެވެ. ޝައިނާއަށްޓަކައި އެ ހަށިގަނޑުގައިވާ އެދުން އެނާގެ ހަމަބުއްދީގެ މައްޗަށް ކުރި ހޯދަން ފެށިއެވެ. ވައިރޯޅިއަކަށްވެސް ދަތުރު ނުކުރެވޭނެ ވަރަށް އެ ދެމެދުގައި އޮތް ހިމަ ޖާގަ ނައްތައިލިއެވެ. ޝައިނާގެ ހަށިގަނޑާ އަމާޒުވާންފެށި އެ އަތުގެ ބީހުންތަކުގައި އޭނާގެ އަމިއްލަ އިހްތިޔާރެއް ނުވާކަހަލައެވެ. އެއިން ކޮންމެ ބީހުމަކަށް މަރުހަބާ ކިޔަމުންދިޔަ ޝައިނާއަށްވެސް ރާހިލް އޭނާއަށް ބޭނުންވެފައިވާ ވަރު އިހުސާސް ކުރެވެމުންދިޔައެވެ. ނަމަވެސް ކުއްލިއަކަށް ޝައިނާގެ ދެތުންފަތް ފޫ އަޅުވައިލައި ނުކުތް ލައްޒަތުގެ އާހާއެކު ރާހިލްއަށް ހަމަބިމަށް ފޭބުނު ކަހަލައެވެ. ސިއްސައިގެންގޮސް ލޯ ހުޅުވައިލަމުން ޝައިނާއާ ދުރަށް ޖެހިލިއެވެ.
"އައި.. އައިމް ސޮރީ ޝައިނާ.. އަހަރެންނަށް މާފުކުރޭ.. އަހަރެން މިގޮތެއް ބޭނުމެއްނޫން… އަހަރެން ހާދަ މަސައްކަތް ކުރަމޭ އެބަ ދުރުގަ ހުންނަން.. އަހަރެންގެ ކަރުގަ ދަންމަޅިއެއް އެޅުވިފައިވާ ކަހަލަ.. ދުރަށްދާން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ހާދަ ވޭން އަޅައޭ.." ރާހިލް އަވަސް ވެފައިވާ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ޝައިނާގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ.
"އައި ފީލް ސަފޮކޭޓެޑް ޝައިނާ.. އައިމް ލޫޒިންގް އިޓް.. އަހަރެން…." ރާހިލް ދެލޯ މަރައި ތަގުޅިކޮށްކަމުން ބުންޏެވެ. އޭރު އެތެރެހަށީގައިވާ އުދާސްތަށް ކޮންޓްރޯލްކުރުމަށްޓަަކައި އަވަސް ފުން ނޭވާތަކެެއް ލަމުން ދިޔައެވެ.
"ރާހިލް… ރާހިލް އޯކޭތަ؟" ޝައިނާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ. ކުރިއަށް ޖެހިލައި ރާހިލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ.
"ހަމަ ނޭނގޭނީތަ؟ އަހަރެންނަށް އެނގޭ ޝައިނާއަކީ އަހަރެންގެ ބަސް ގަބޫލުކުރާ ވަރަށްވުރެ މާ ބޯހަރު މީހެއްކަން. އެކަމަކު މިފަހަރު އަހަރެންގެ ބަސް ގަބޫލުކުރޭ! ޝައިނާ އަހަރެންނާ ގުޅެން ބޭނުން ނުވަންޏާ ތިގޮތަށް އަހަރެންގެ އިހުސާސްތަކާ ނުކުޅޭ.. ޕްލީޒް ލީވް.. ހެލްޕް މީ ޕްރޮޓެކްޓް މައި ސެނިޓީ" ރާހިލް އޭނާގެ މޫނުގައިވާ ޝައިނާގެ އަތްތިލައިގައި ހިފައިލަމުން ބޮސްދިނެވެ. ޝައިނާ އެ ބަސް ގަބޫލުކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ކުއްލިއަކަށް ރާހިލްއަށް އެ އައި ބަދަލެއް އޭނާގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. އެހެންކަމުން ހަދާނެގޮތް ހުސްވެފައިވާ މީހެއްފަދައިން އޭނާ ރާހިލް އެދުނު ގޮތަށް އެތަނުން ދިޔައެވެ.
ޝައިނާ ދިޔުމާއެކު ރާހިލް ކަބަޑުސެޓުގައި އަތް އަޅުވައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އެހާ ފަސޭހައިން އޭނާގެ އަމަލުތަކުގެ ލަގަން ދޫވީތީ އެކަމާ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައެވެ. އޭނާވެސް މާ ގިނައިރަކު އެތަނުގައި މަޑުކުރާކަށް ގަސްދެއް ނުކުރިއެވެ. މީހާ ހަމައަކަށް އެޅުމުން އޭނާ ގެނައި ފެންފުޅި ހިފައިގެން އަލުން ކޮޓަރިއަށްދާން މިސްރާބުޖެހިއެވެ.
***********
ރިއާންއަށް ހޭލެވުނީ މެންދުރު ބާރަޖެހުމާ ގާތްވެފައި ވަނިކޮށެވެ. އޭނާއަށް އޮވެވުނީ އަމިއްލަ އެޕަރޓްމެންޓްގައި ނޫންކަން އެނގުމާއެކު ފުންމައިގެން އެނދުން ތެދުވެވުނެވެ. އަވަސް އަވަހަށް ފެންވަރައިލައިގެން ޖީންސާއި ޓީޝާޓު ގަޔަށް މަހައިލަމުން ކޮޓަރިން ނުކުތީ ގޭގެ އިތުރު މީހަކަށް ފެނުމުގެ ކުރިން އެގެއިން ނުކުމެވޭތޯއެވެ. ނަމަވެސް ސިޑިން ފައިބައިގެން އައި އިރު ގޭގެ ސުފުރާއާ ދިމާލުންއައި މީރުވަސް ނޭފަތުގައި ޖެހުމާއެކު އޭނާގެ ބަނޑުން އަޑުކިޔައިލިއެވެ. ރޭގެ ބާބެކިޔުގައިވެސް އޭނާއެއް މާރަނގަޅަކަށް ނުކައެވެ. ނުކައި ހުންނަތާ ސައުވީސް ގަޑިއިރަށްވުރެ ގިނައިރުވެފައިވުމާއެކު ބަނޑުހައިހޫނުކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ރިއާން އޭނާގެ ފިޔަވަޅުތައް ކާގެއާ ދިމާލަށް އަނބުރައިލިއެވެ.
ރިއާން ފެނުމުން ރިޔާޒާއި ޝީރީންގެ މޫނުމަތިން ހައިރާންކަމުގެ އަސަރުތައް ފެންނަންފެށިއެވެ. އެއީ އެމީހުން އާދޭސް ކޮށްގެން ނޫނީ އެގެއަށް ވަދެލާ މީހެއް ނޫންވިއްޔާއެވެ. އެހެންކަމުން އެދެމީހުނަށްވެސް ތިބެވުނީ ރިއާން ފެނުމުން ބަސްހުއްޓިފައެވެ.
"މޯނިންގް" ރިއާން އެދެމީހުނަށް ބަލައިލުމެއްނެތި ކާމޭޒު ދޮށުގައި އިށީންނަމުން ތައްޓަށް ކާންއަޅަން ފެށިއެވެ.
"ދަރިފުޅު ބަލީތަ؟" ޝީރީން ކަންބޮޑުވެފައި އަހައިލިއެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތައް ބޯ ހޫރައިލިއެވެ. ރިއާންގެ ކެއުމުގައިހުރި އަވަސްކަންފެނި ޝީރީނަށް ރިއާން ބަނޑުހައިވެފައިވާ މިންވަރު ދެނެގަނެވުނެވެ. އޭނާ ރިއާންއަށް ޖޫސްތައްޓެއް އަޅައިދިނުނަށްފަހު މޭޒުގެ ދުރުގައިހުރި ތަށިތައްވެސް ރިއާންއާ ގާތަށް ޖައްސައިދިނެވެ.
"ކޮބާ އެއްކަލަ ކަން–" ރިޔާޒްގެ ވާހަކަ މެދުކެނޑުނީ ކައިރީގައި އިން ޝީރީން ރިޔާޒަށް ލޯ އަޅައިލުމުންނެވެ. ރިއާން ކެއުން ހުއްޓައިލައިފާނެ ކަމުގެ ބިރުގައި ރިއާން ކައިނިމުމުގެ ކުރިން އެއްވެސް ވާހަކައެއް ނުފެށުމަށް ޝީރީން އިޝާރާތް ކުރިއެވެ. ރިޔާޒް އެކަމާ އެއްބަސްވެ ބޯ ޖަހައިލިއެވެ. އަދި ރިއާން ކައިނިމެންދެން މަޑުކޮށްލިއެވެ.
"ކީކޭ؟" ރިއާން ކައި ނިންމައިލުމަށްފަހު އެއްނޭވާއިން ފެންތަށި ދަމައިލަމުން އެއްފަހަރު ރިޔާޒަށް އަނެއްފަހަރު ޝީރީނަށް ބަލައިލިއެވެ. ޝީރީނާއި ރިޔާޒްގެ ސިކުނޑީގައި ސުވާލުމާކު ޖެހިގެންދިޔައެވެ. "އެއްޗެއް ބުނާކަށްނު އުޅުނީ؟ އަހަރެން މީނީ އަޑު އަހަން" ރިއާން ބުންޏެވެ.
"ދައްކަން އުޅުނީ ކުރީރޭވެސް ދެއްކި ވާހަކަ" ރިޔާޒް ބުންޏެވެ.
"ރިއާން.. ރިއާން ހީކުރީ ރިއާންގެ ތި އެކަނިވެރިކަން އަހަރެމެން ދެމަފިރިންނަށް ނުފެންނަ ކަމަށްތަ؟ ދަރިފުޅު އުފަލުގަ ހުންނަން އަހަރުމެން ހާދަ ބޭނުންވެޔޭ.. މިއީ ހަމަ ދަރިފުޅަށް ރަނގަޅަކަށް ދައްކާ ވާހަކައެއް" ޝީރީން މަޑުމައިތިރިކަމާއެކު ރިއާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
"އަހަރެންގެ މައްސަލައެއްނެތް! ދައްތަމެނަށް ފެންނަ ކުއްޖަކު ހޯދާފަ ހުރިހާ ކަމެއް ހަމަޖައްސާ. އަހަރެންގެ ވަކި ޝަރުތެއް ނެތް. ކޮންމެ މީހެއްވިޔަސް އަހަރެންގެ ފަރުވާލެއް ނެތް" ރިއާން ކޮޅަށް ތެދުވެ ނެޕްކިން މޭޒުމަތީގައި ބާއްވައިލިއެވެ. އޭނާގެ ރައްދު އިވުނުހިނދު ޝީރީންގެ އިތުރުން ރިޔާޒްގެ މޫނުމަތީގައިވެސް ސުވާލުމާކު ޖެހުނެވެ. ރިއާންގެ ހިޔާލު އެހާ އަވަހަށް ބަދަލުވާން މެދުވެރިވީ ކޮން ސަބަބެއްބާއެވެ؟
"މިވަގުތައް ގޮސްލީ. ޖޫލީ.. ދަނީ އެނގޭ" ރިއާން ޖޫލިޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
އެހެންވީމަ ކުރިންވެސްރިއާންޒީވާދެކެ
ލޯތްބެއްނުވޭތާއެކަމަކުވެސްރިއާންނުޖެހޭނެތާ
ޒީވާކުރިމަތީގައެކުއްޖާޔާއެކުއެގަނޑުގަންނާކަށެއް
ދެންފަހަރެއްގައޭނަޒީވާޔާއިނދެވިއްޖެއްޔާމު
ލޯބިވެވިދާނެކަންނޭގެދޯއަސްލުމަގޭކުރިންރައްޓެހިވި
ފިރިހެންކުއްޖާވެސްމަށައްކުރިމަލާމާތެއްރިއާންވެސް
ޒީވާޔައްކޮއްފައެއޮތީ
އަޅޭ😢
އަސްލު ކުރިން ހީކުރެވުނު ގޮތަކަށް ނޫން ރިއާންގެ ކެރެކްޓަރ މިހާރު މިފެންނަނީކީ. މިހާރު މިވީގޮތުން ބޭނުމެއްނުވޭ އެހާ ފަސޭހައިން ރިއާންއަށް ޒީ ލިބޭކަށް. ބޭނުންވަނީ ޒީ ކައިރިން ރިއާން ވަރަށް ވަރަށް އާދޭސް ކުރުވާން. ޒީގެ ލޯތްބަށް އެދި ރިއާން ތެޅިފޮޅޭގޮތް ކިޔާލަން ބޭނުންވަނީ. އެކަމް ރިއާންގެ ކެރެކްޓަރ ބޭޑް ނުކުރައްޗޭ. އެެހެންވިއްޔާ ވަރަށް ދެރަވާނެ. ވަހަކަ ވަރަށް ސަޅި އިނގޭ. ❤
ފޮނި ފިރިހެނެންނު މި ރިއާންއަކީ. ޒީ… ނިކަން ތިހުރި އަންހެންކަން ދައްކާލަބަލަ..
ރިއާން ޒީވާގެ ސިފައަށް އެކުރި މަލާމާތް ބަލައެއް ނުގަނެވޭ. އަންހެނަކު އަންހެނަކަށްވަނީ ހަމައެކަނި އެމީހެއްގެ ހުންނަ ރީތި ސިފަޔާ ހަށިގަނޑުގެ ބައްޓަމަކުން ނޫނެންނު. އަދި ފިރިހެނުން އުފާކޮއްދިނުމަށް ގެއްގުޅޭ އުކުޅުތަކުގެ ކުޅަދާނަ ކަމަކުންވެސް ނޫން. ރިއާންގެ މަންމައަށް ރިއާންގެ ބައްޕަ ކަންތައްކުރި ގޮތުން ހީކުރީ ރިއާންއަކީ އަންހެނުންނަށް ވަރަށް ގަދަރުކުރާ ޒުވާނެއްކަމަށް. އެކަމަކު މިފެނުނީ އޭގެ ދިމާ އިދިކޮޅެންނު.
ކޮބާތޯ އަނެއް ޕާޓް؟