" މިވަގުތައް ގޮސްލީ. ޖޫލީ.. ދަނީ އެނގޭ" ރިއާން ޖޫލިޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ.
***********
ޒީވާމެންގެއިން އެނބުރި އައިސް ގެއަށް ވަނުމަށް ތައްޔާރުވެލި ޝައިނާއަށް އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ދޮރުގެ ކުރިމަތީގައި ބާއްވައިފައިވާ މާބޮނޑިއާއި އަސްދޫނީގެ އިތުރުން ކަޕްކޭކް ފެނުނެވެ. ތަފާތަކީ އެހެން ދުވަސްދުވަހާ ހިލާފަށް މިއަދުގެ މާބޮނޑީގައިވާ ރީނދޫ ފިނިފެންމާތަކުގެ ފިޔަތަކުގެ ކޮޅުގައި ރަތްކުލައެއް ހުރުމެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ޝައިނާ އެހިފައިގެން އެތެރެއަށްވަނެވެ.
"އަނެއްކާވެސް؟" ސޯފާގައި އޮށޯވެގެން އޮތް ޝިމާންއަށް ޝައިނާގެ އަތުގައިހުރި ސާމާނުތައް ފެނި އަހައިލެވުނެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބޯ ޖަހައިލިއެވެ. އަދި ޝިމާންގާތު ވަކިން ހުރި ގޮނޑީގައި އިށީނެވެ.
"މިއަދުގެ ކަޕްކޭކް ދޭންވީނު އަހަންނަށް" ޝިމާން ބުންޏެވެ.
"މީ އަހަރެންގެ އެއްޗެކޭ" ޝައިނާ ކަޕްކޭކްގެ މަތި ނެގުމަށްފަހު އޭގައި ދަތް އަޅައިލިއެވެ.
"ސިސް ދެން ތީ ކޭކު ކާ މީހެއްވެސް ނޫނޭ" ޝިމާން ޝަކުވާ ކުރިއެވެ.
"އެހެންވިޔަސް މި ކޭކު ކަމޭ" ޝައިނާ އަސްދޫނީގެ ފަހަތުގައިވާ ނޯޓު ކިޔައިލިއެވެ. ނޯޓު ކިޔަން އިން ޝައިނާ ކުއްލިއަކަށްް ސިހުނީ ޝިމާންގެ އަޑު އިވުމުންނެވެ.
"ޔެލޯ ފަލަވަރ ވިތް ރެޑް ޓިޕްސް.. ފްރެންޑްޝިޕް ޓަރނިންގް ޓު ލަވް" ޝިމާން ފަރުވާތެރި ކަމާއެކު މާބޮނޑިއަށް ބަލައިލަމުން ބުންޏެވެ.
"ވަޓް؟ ޝިމާންއަށް ތި ހުރިހާ އެއްޗެއް އެނގެނީ ކިހިނެއް" ޝައިނާ މާބޮނޑި ޖަހައިގަތެވެ. އޭނާއަށްވެސް މަލާ ބެހޭގޮތުން ނޭނގޭ މައުލޫމާތެއް ޝިމާނަށް އެނގެނީ ކިހިނެއްހެއްޔެވެ.
"އަހަރެންގެވެސް ގަރލްފްރެންޑެއް ހުރެޔޭ.. މަލާގުޅޭ ހޯމްވޯކް ހަދާނެއެއްނު. ގަބޫލު ނުކުރަންޏާ ގޫގުލް ކުރޭ" ޝިމާން އާދައިގެ ގޮތަކަށް ބުނެލިއެވެ. ބަދަލުގައި ޝިމާންއާ ދިމާލަށް ދޫ ނެރެލުމަށްފަހު ޝައިނާ ހެވިފައިހުރެ ކޮޓަރިއަށް ވަނެވެ. މިހާރު އެކޮޓަރީގެ ޑްރެސިންގްޓޭބަލާއި އޭނާ ފަހަން ބޭނުންކުރާ މޭޒުގެ މަތި ފުރައިލެވިފައިވަނީ ކޮންމެ ދުވަހަކު އޭނާއަށް ލިބެމުންދާ މަލުގެ ގުލްދަސްތާތަކުންނެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަލަމާރިން ދަމައިލި ކުޑަ ވަތްގަނޑަށް އަސްދޫނިލިއެވެ. އަދި އެވަގުތު އެވަތްގަނޑުގައިހުރި ނޯޓުތައްފެނި އެ ކިޔައިލިއެވެ. އެންމެ ފުރަތަމަ ދުވަސް ފިޔަވައި ދެން ކޮންމެ ދުވަހަކުވެސް ލިބިފައިވަނީ ކުރުކުރު މާނަފުން ނޯޓުތަކެވެ. ޝައިނާ ހެވިފައި އިނދެ އެ ނޯޓުތައް ކިޔައި ނިންމައިލިއެވެ. އޭނާއަށް ރާހިލްގެ މޮޔަކަމާމެދު ވިސްނައި ހެވުނެވެ. ވަކިން ހާއްސަކޮށް އެއިން ކޮންމެ ނޯޓެއްގައި "ފްރެންޑް" އެ ލަފްޒު ބޭނުންކޮށްފައިވާ މަޖާޒީ ގޮތްފެނި ހީނލެވުނެވެ. ނަމަވެސް އެގޮތުގައި މާ ގިނައިރު ކުރުމެއްނެތި ނޯޓުތަށް ކަބަޑަށްލައި ދޮރު ލެއްޕުމަށްފަހު އޭނާގެ ދުވަހާއިގެން ކުރިއަށް ދިޔައެވެ.
************
ނިދިފައި އޮތް ރިއާންއަށް ސިއްސައިގެންގޮސް ހޭލެވުނީ ބާލީސް ދަށުގައިއޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނަށް އަރައިފައިވާ "އެޗް.އާރް.މޯޑު" ގެ ނަމުން ސޭވް ކުރެވިފައިވާ ނަންބަރު ފެނި ފޫހިކަމާއެކު ފޯނު ބޭއްވުމަށްފަހު އަނެއްކާވެސް ނިދުމުގެ ތެރެއަށް ފީނައިގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް ހުއްޓުމެއްނެތި އަންނަމުންދިޔަ ކޯލްގެ ސަބަބުން އޭނާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.
"ކީކޭ މޯޑު؟" ރިއާން ރުންކުރު ކަމާއެކު ފޯނަށް ޖަވާބުދިނެވެ.
"ރިއާން އޮފީހަށް ނާންނާތީ" އެކޮޅުން އިވުނު ޖަވާބާއެކު ރިއާންއަށް ފޫހިގޮތަކަށް ކަޅި އަނބުރައިލެވުނެވެ.
"އަޖައިބެއް ނުވާނެތަ؟ މަގޭ އޮފީހަކަށް މަ ނުގޮސްގެން މަ ވަޒީފާދީފަ ހުންނަ އެޗްއާރް މެނޭޖަރެއް ގުޅާކަށް ނުޖެހޭނެ" ރިއާން ހިތްހަމަ ނުޖެހިފައި ހަޅޭލަވައިގަތެވެ.
"ރިއާން.. ތި ހީވަނީ އަދި ގޯސްކޮށް. އަހަރެންނަށް ވެގެންވަންޏާ ރިއާން އަހަރެއް ވަންދެން އޮފީހަށް ނައިސް ހުއްޓަސް ހާލު ބަލާލަން ނޫނީ ނުގުޅާނަން. އަންނާށެކޭވެސް ނުބުނާނަން.. އެކަމަކު މިހާރު ހަފްތާއެއް ވީ.. އެކަކަށްވެސް ރިއާންއަށް ގުޅޭ ގޮތެއް ނުވޭ.. ރިއާންގެ ސޮއި ހޯދަންހުރި ބައިވަރު ފައިލްތައް ހުރީ ޕެންޑިންގްގަ.. މުވައްޒަފުން އައިސް ކޮށަނީ އަހަރެންގެ ބޮލުގަ" މޯޑު މަސައްކަތްކުރީ ރިއާންއަށް ވިސްނައިދެވޭތޯއެވެ.
"ބަލަ އަހަރެން ހަފްތާއެއް އޮފީހަށް ނުގޮސް ހުއްޓޭ ކިޔާފަ ވިޔަފާރި ހުއްޓެންޏާ އަހަރެން ކުރި ހުރިހާ މަސައްކަތެއް ބޭކާރެއްނު؟ ވެރިއެއްގެ ގޮތުގަ އަހަރެން ފެއިލްވީނު؟" ރިއާން އެނދުން ތެދުވެ ކޮޓަރިން ބޭރަށް ހިނގައިގަތެވެ. ކިޗަން އައިލެންޑް މަތީގައި ބޭއްވި ފޯނު ސްޕީކަރަށްލުމަށްފަހު އުނަގަނޑުން ފައިބައިފައިވާ ޖިންސު އަރުވައިލިއެވެ. އެ ޖިންސު ރިއާންގެ އުނަގަނޑުގައި ހަރުލަނީ ކިރިޔަކިރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ އުނަގަނޑުން ތިރިއަށް ސޮއްސާލައިފާނެހެނެވެ. ނަމަވެސް އެއީ މީގެ ހަފްތާއެއް ކުރިން އޭނާގެ ގަޔަށް ހެޔޮވަރަށްހުރި ޖިންސެކެވެ.
"އެހެނެއްނޫން ރިއާން.. ހުރިހާ ސްޓާފުންނަކީވެސް އިންޑަސްޓްރީ ލެވެލްގަ އެންމެ ޓްރެއިންޑް އެންމެ ރަނގަޅު ސްޓާފުން.. ރިއާން ނެތަސް މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ… އެކަމަކު.."
"އެކަމަކު ކީއްވީ؟ މައްސަލައަކީ ކޮބާ؟" ރިއާން އައިސް-އަލަމާރިން ނެގި އާފަލުގައި ދަތް އަަޅައިލުމަށްފަހު އަތުގައި އޮތް ސިނގިރޭޓު ރޯ ކޮށްލިއެވެ.
"ރިއާން.. މައްސަލައަކީ ރިއާން މިތަނަށް އައިއްސުރެން ހުރިހާ ކަމެއް ރިއާންގެ ސީދާ ބެލުމުގެ ދަށުން ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވާތީ.. އިތުރު އެއްވެސް މީހަކަށް އިތުބާރު ކުރަން ބޭނުންނުވާތީ.. އެކަން ރިއާން އެގޮތަށް ހަމަ ޖެއްސިއިރު މިކަން މިހެން ވާނެކަމަށް ވިސްނާނުލެވުނީ ކަމަށްވެދާނެ.. ރިއާން އަހަރެއްވަންދެން ޗުއްޓީއެއް އަދި ސަލާމެއް ނުނަގާ ހަފްތާއަކު ހަތްދުވަސް މަސައްކަތްކުރާތީ ކުރިން އެކަކަށްވެސް އެކަން ފާހަގަ ނުވީ.. ސްޓާފުންނަށް އެ ދަތިތައް ދިމާނުވީ.. މީގެކުރިން ރިއާން ރާއްޖެއިން ބޭރުގަ ހުއްޓަސް މެއިލްއިންް ކޮންޓެކްޓް ކުރެވޭ. އެކަމު މި ހަފްތާ އެއްކޮށް މެއިލްވެސް އޮފްލައިންގަ. އަހަރެން މިހާރު އެބަ ކަންބޮޑުވޭ. ރިއާން އޯކޭތަ؟" މޯޑު އަހައިލިއެވެ.
"ހޫމް އަހަރެން ރަނގަޅޭ.. ބަަލަން ހުރި ޑޮކިއުމެންޓަކިއްޔާ މެއިލް ކޮށްލާ. އަހަރެން އީ ސިގްނެޗަރ ދޭނަން…" ރިއާން ފޯނު ކަނޑައިލިއެވެ. އެއަށްފަހު އަލުން އަނބުރާގޮސް ކޮޓަރީގެ އެނދުމައްޗަށް ވެއްޓިގަތެވެ.
އެ ކޮޓަރީގެ ތަރުތީބުވަނީ ގެއްލިފައެވެ. އެނދުގެ ބާލީސްތަކާއި ބެޑުޝީޓުތަށް އެގޮތް މިގޮތަށް އެނދުމައްޗާއި ބިންމަތީގައި ހޫރާލެވިފައި ހުއްޓެވެ. އެނދާ އިންވެގެންހުރި ސައިޑް ކަބަޑުގެ މަތީގައި ހުސްކުރި ކޮފީއާގެން ހިކިފައިވާ ޖޯޑުތައް ފުނިޖެހިފައިވާއިރު ބިންމަތި ފުރާލެވިފައިވަނީ ހުސްކޮށްފައިވާ ލުއިކާނާ ޕެކެޓު ތަކުންނާއި ސިނގިރޭޓް ފިލްޓަރުތަކުން އަދި ކައިފައިވާ އާފަލުތަކުގެ ކަރުގަނޑުތަކުންނެވެ. އެ ކޮޓަރި ފެނުނު މީހަކަށް އެއީ އިންސާނަކު ދިރިއުޅޭ ތަނެއްބާއޭ ސުވާލު އުފެދޭ ދަރަޖައަށް ކޮޓަރީގެ ހާލަތުވަނީ ވެއްޓިފައެވެ. ވަކިން ހާއްސަކޮށް އެއީ ރިއާންފަދަ ޝަހްސުހުރި "ބޭފުޅެެއް" އުޅޭ ތަނެއް ކަމުގައި ބުނެފިނަމަ ގަބޫލުކުރާނެ އެކަކުވެސް ނުހުންނާނެކަން ގައިމެވެ. ނަމަވެސް ތަނުގެ ހާލަތަކަށް ރިއާންގެ ފަރުވާލެއް ނެތްކަހަލައެވެ. ފަހަރެއްގައި އެކޮޓަރިއަށްވުރެން ބޮޑަށް އޭނާގެ ހަޔާތް އެފުށްމިފުށަށް ޖެހިގެންދާ ކަމުގެ އިހުސާސް އޭނާއަށް ކުރެވެނީ ކަމުގައި ވެދާނެއެވެ. އެއީ ކީއްވެގެން ކުރެވޭ އިހުސާސެއްކަމެއް އޭނާއަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ޒީވާއާއެކު ހިނގައިދިޔަ ކުރިމަތިލުމުގައި ޒީވާގެ ފަރާތުން އިވުނު ބަސްތަކަށްފަހު އޭނާއަށް އިތުރު ކަމަކާމެދު ވިސްނަން އުނދަގޫވެފައިވާކަމެވެ. މަސައްކަތަށް ސަމާލުކަންދޭން އުނދަގޫވެފައިވާ ކަމެވެ. އޭނާގެ ސިކުނޑީގައި އެއްވެސް ކަމަކާމެދު ވިސްނާނެހާ ހިތްވަރު ނެތްކަހަލައެވެ. ފިކުރު ކުރަމުންދާކަމުގެ ނިޝާންތައް ރިއާންގެ ހަށިގަނޑުންވެސް ފެންނަން ހުއްޓެވެ. އިހަށްވުރެން އަނަރޫފަވެފައިވާ ހަށިގަނޑާއި ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުގެ އިތުރުން ފަރުވާކުޑަކޮށްލެވިފައިވާ ތުނބުޅީގެ ސަބަބުން މީހާގެ ސިފަވަނީ ގެއްލިފައެވެ.
ބޮލުގައި އުފެދިފައިވާ ގަދަރިހުމަށް ކެތްކުރަމުން ރިއާން ފޯނު ނަގައި އޭގައިވާ ނަންބަރަކަށް މެސެޖުކުރުމަށް ތައްޔާރުވިއެވެ. ހިނދުކޮޅަކަށްވިޔަސް ސިކުނޑީގައިވާ ހިޔާލުތަކުން ދުރުވެ އެހެން ދުނިޔެއަކަށް ނޭވާލާން ނަފްސު ގޮވައިލަމުން ދިޔަކަހަލައެވެ. ނަމަވެސް އޭނާގެ ޟަމީރު އެކަމާ އެއްބަހެއް ނުވިއެވެ. ކުރިން ކުރި ކުށް ތަކުރާރުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. އެކަމާ މިހާ ދުރަށް އާދެވިފައިވަނިކޮށް ޝައިތާނާގެ ބަހަށް އިޖާބަދީ އަލުން އެމަގު ހިޔާރުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. އެހެންކަމުން އެނަންބަރު ފޯނުން ޑިލީޓް ކޮށްލުމަށްފަހު ބޯމަތީގައި ބާލީސް އަޅައިގެން އޮށޯތެވެ.
***********
އެޕަރޓްމެންޓްގެ ބެލް ރިންގުވާން ފެށުމާއެކު ޝައިނާ އަވަސް ފިޔަވަޅުތަކެއްގައިގޮސް ދޮރުހުޅުވައިލިއެވެ. ބޭރުގައިހުރި ރާހިލްއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެތެރެއަށް ވަނުމަށް އިޝާރާތްކުރިއެވެ.
"ޒީ ބުނެގެން އިޝީއާ ދެމީހުންގެ ހެދުން ބަލާ…. މިގަޑީ ބްރޭކަށް އަންނާނެކަން އެނގޭތީ މި އައީ" ރާހިލް ކަރުގައި އޮތް ޓައި ނަގައި އޮޅައިލުމަށްފަހު ފަޓުލޫނުގެ ޖީބަށްލިއެވެ.
"ޔެސް ޔެސް..ހަމަ ނުކުންނަަން އުޅެނިކޮށް ތިއައީ.. އާދޭ" ޝައިނާ ރާހިލްއާއެކު ގޮސް ކޮޓަރިއަށްވަނެވެ. އަދި ފަހާފޮށި ކައިރީގައިހުރި ކޮތަޅެއްނަގައި ރާހިލްއަށް އެދިއްކޮށްލިއެވެ. އޭރު ރާހިލް ހުރީ ޝައިނާގެ ކޮޓަރީގެ އެތަން މިތަނުގައި ބަހައްޓައިފައިވާ ޓުކުރި ތަކުގައިހުރި ފިނިފެންމާތަކަށް ބަލަން ހެވިފައެވެ.
"ރާހިލްގެ މާބަގީޗާއަށް މަރުހަބާ! ހަމަ ތެދެއް ރާހިލް. ދެން މިކަންތައް ހުއްޓަން ވެއްޖެއެއްނު." ޝައިނާ ގެ ވާހަކައަށް ރާހިލް ސަމާލުކަން ދޭހެނެއް ހިއެއް ނުވެއެވެ.
"ރީއްޗެއްނޫންތަ؟" ރާހިލް ކޮތަޅުގައި ހިފަމުން ޝައިނާއަށް ހިނިތުންވެލިއެވެ. ޝައިނާ ދެފަރާތައް ބޯ ހޫރައިލީ ރާހިލްއަށް ވިސްނައިދޭން އުޅުމަކީ ބޭކާރު ކަމެއްކަން އެނގުމުންނެވެ. އޭނާ ރާހިލްއާއެކު އެގެއިން ނުކުތުމަށް ހިނގައިގަތެވެ.
"އަހަރެން ގެންގޮސްދީފާނަން. ކާރުގަ މި އައީ. އެހާ ދުރަކު ނޫން ޕާކުވެސް ކުރީ" މަގުމައްޗަށް ނުކުމެވުމާއެކު ރާހިލް ޝައިނާގާތު ބުންޏެވެ. ޝައިނާ އެކަމާ އެއްބަސްވީ ޝިމާން ސައިކަލުގައި ގޮސްވުމުގެ ސަބަބުން އޭނާ ދާން ޖެހޭނީ ހިނގައިފައި ކަމަށްވާތީއެވެ.
ކާރުގައި ދެމީހުން އެންމެ ފުރަތަމަ މިސްރާބުޖެހީ ޒީވާމެން އުޅޭ ހޮސްޕިޓަލާ ދިމާލަށެވެ. އެ ހޮސްޕިޓަލްހުރި ހިސާބާ ގާތްވުމުން ޝައިނާ ޒީވާއަށް ފޯނުކުރީ އެކޮތަޅު ބަލައި ނުކުތުމަށެވެ. ހައިރާންކަމެއް ލިބުނީ ޒީވާއާއެކު އައިދަންވެސް ނުކުތުމުންނެވެ. އެދެމީހުން ޝައިނާ އިން ފަރާތުގެ ލޯގަނޑާއި ކައިރިވެލި ވަގުތު ރާހިލް އެ ލޯގަނޑު ތިރިކޮށްލައިދިނެވެ.
"އިޝީގެ ހެދުންވެސް އޮންނާނެދޯ… އައިދަން ޝައިއަށް ގޮވާލަން ބޭނުންވާތީ މި ގެނައީ.. ޝައި މަތިން މާބޮޑަށް މިސްވީއޯ.." ޒީވާ ޝައިނާ ދިން ކޮތަޅުގައި ހިފަމުން ބުންޏެވެ.
"އަޅޭ ދެޓްސް ސޯ ސްވީ–" ޝައިނާގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން ރާހިލް ކާރު ދުއްވައިލިއެވެ.
"ރިއަލީ ރާހިލް؟ ވާހަކައިގެ މެދުތެރެއިން ތިހެން ހަދާކަށް ނުވާނެއްނު" ޝައިނާ ބުންޏެވެ.
"ފަހަތުގަ ޓްރެފިކް އޮތީމަ" ރާހިލްގެ ވާހަކަ ޔަގީން ކުރުމަށްޓަކައި ޝައިނާ ފަހަތް ބަލައިލިއެވެ. އެތަނުގައި އެންމެ ދެރަމިނުން ކާރެއްވެސް ނެތެވެ. ސައިކަލުތަކަށް ދެވޭނެ ހުސްޖާގަ މަގުގެ އެއްފަޅީގައި އޮތްވެސްމެއެވެ. "އެހެންނޫނަސް. އަހަރެން ޝައިނާ ސަލާމަތްކޮށްދިނީތީ ޝުކުރު އަދާކޮށްބަލަ… ޝައިނާ ކޮންމެހެން އޭނާއަށް ނައިސްވާކަށް ނުޖެހޭނެ. ހީ އިޒް ނޮޓް އިވަން ޔޯ ޓައިޕް" ރާހިލްގެ ވާހަކައަށް ޝައިނާގެ ސަމާލުކަން ހުއްޓުނެވެ.
"ހީ އިޒް. އެހެންނޫނަސް ރާހިލްއަށް ކިހިނެއް އެނގެނީ އެއީ އަހަރެންގެ ޓައިޕްކަމެއް ނޫންކަމެއް؟" ޝައިނާ ބުންޏެވެ.
"ހީ އިޒް ނަތިންގް ލައިކް މީ.. ސޯ ހީ އިޒް އޮބްވިއަސްލީ ނޮޓް ޔޯ ޓައިޕް" ރާހިލް ބުންޏެވެ. ޝައިނާގެ ބަސްހުއްޓުނެވެ. ރާހިލްގެ ޖަވާބަށް ދޭނެ ރައްދަކާމެދު ވިސްނާކަށްވެސް ނޭނގުނެވެ.
"ހާދަ ފޮންޏެކޭ ދޯ ތި ވަނީ.. ތީ ހީވާ ގޮތް… ރާހިލް އެތަށް ގޮތަކުން އައިދަންއާ އެއްގޮތް" ޝައިނާ ބުންޏެވެ.
"މިސާލަކަށް؟" ރާހިލް ސުވާލު ކުރިއެވެ.
"ފުރަތަމަ ކަމަކަށް ތި ދެމީހުނަކީވެސް ފްލަރޓްކުރުމުގަ އަރާތިބި ދެމީހުން" ޝައިނާ ބުންޏެވެ.
"އައި އޭމް އަ ޗޭންޖްޑް މޭން އޯކޭ؟ މަޑުކޮށްބަ ތިބުނީ އައިދަން ޝައިނާއާ ފްލަރޓް ކުރެޔޭތަ؟" ރާހިލްގެ ނިތަށް ރޫތައް ގިނަވިއެވެ.
"ސާބަހޭ.. އަހަރެން އައިދަންއަކާ ތިހީކުރާހާ ގާތެއް ނޫނޭ. މި ކިޔަނީ ބާބެކިޔު އޮތް ދުވަހުގެ ވާހަކަ. ދެން ހެޔޮ. މާދަން ކޮންމެހެންވެސް ރިއާން ގެންނައްޗޭ.. ނޫނިއްޔާ އިޝްކޮގެ ޕްލޭން ފަނި ވާނެ." ޝައިނާ ބުންޏެވެ.
"މި އިޝީވެސް ހާދަމޮޅޭ ދޯ.. އަދި ކިރިޔާ އެޑަލްޓަކަށްވީ އެކަމަކު މިހާރާލައި އަހަރުމެން އެންމެންގެ ތެރޭ އެ ބޮސީވަނީ އޭނަ" ރާހިލް ބުންޏެވެ. އޭރު އެމީހުނަށް އާރް.އެލްގެ ބިލްޑިންގްއާ ހިސާބަށް އާދެވިއްޖެއެވެ.
"ސާބަހޭ އިޝީގެ ދޮންތަގެ ވެޑިންގޭ.. އިޝީ މަޖާކުރަން ބަހައްޓަބަލަ.. ކީއްވެ މިތަނަށް ކާރު ތި ވައްދަނީ؟" އާރް.އެލްގެ ޕާކިންގް ޒޯނަށް ރާހިލްގެ ކާރު ވައްދަން ފެށުމާއެކު ޝައިނާ ސުވާލުކުރިއެވެ.
"ރިއާން އުޅޭތޯ ބަލާލަން ވަދެލަން މި ދަނީ.." ރާހިލް ބުންޏެވެ. އޭނާއަށް ރިއާންގެ ފޯނަށް ނުގުޅޭތާ ހަފްތާއެއްވުމާ ގާތްވަނީއެވެ. ކާރު ޕާކުކޮށްލުމަށްފަހު ދެމީހުންއެކުގައި އާރް.އެލް އިމާރާތަށްވަނުމަށް ހިނގައިގަތެވެ. ޝައިނާ އޭނާ މަސައްކަތްކުރާ ފަންގިފިލައަށް ދިޔުމަށް އަވަސްވެގަތްއިރު ރާހިލް ދިޔައީ ރިއާންގެ ކެބިން ހުންނަ ފަންގިފިލާއަށެވެ.
"ހައި ނީމް…ރިއާން އުޅޭތަ؟" ކެބިންގެ ބޭރުގައި އިން ރިއާންގެ އެސިސްޓެންޓް ގާތު ރާހިލް އަހައިލިއެވެ. އެކުއްޖާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ރިއާން އައިމަ ބުނާތި އަހަރެން އެތެރޭގަ އެބަ އިނޭ" ރާހިލް ކެބިންގެ ދޮރު އެތެރެއަށް ކޮށްޕައިލަމުން ބުންޏެވެ.
"ސަރ އޮފީހަކަށް ނުދުރުވޭ" ނީމްގެ ޖަވާބާއެކު ރާހިލްގެ ފިޔަަވަޅުތައް މަޑުޖެހިލިއެވެ.
"ވަޓް؟ ރިއާން؟ ޔަގީންތަ؟" ރާހިލްއަކަށް ގަބޫލެއް ނުކުރެވުނެވެ. ހަށިގަނޑުގަ ނޭވާ ހިނގާހާ ހިނދަކު ރިއާން އޮފީހަށް ނައިސް ނުހުންނާނެއެވެ.
"ލައްބަ. ހަފްތާއެއްވީ އޮފީހަށް ނުދުރުވާތާ. ކުރީދުވަހު އަޅުގަނޑު ގުޅާލީމަ މެސެޖްކުރި ޑޫ ނޮޓް ޑިސްޓަރބް ޖަހާފަ" ނީމް އިތުރަށް އޮޅުން ފިލުވައިދިނެވެ.
"އޯކޭ.. އަހަރެން ގުޅާލާނަން" ރާހިލް ފޯނު ނަގައި ރިއާންގެ ނަންބަރަށް ގުޅައިލަމުން ބުންޏެވެ. އަށެއްކަ ފަހަރު ގުޅުނު އިރުވެސް ރިއާންގެ ފޯނަކުން ޖަވާބެއް ނުދެއެވެ. ރާހިލްގެ ސިކުނޑީގައި ސުވާލުތައް ފުނި ޖެހެމުން ދިޔައެވެ. ކައިވެންޏަށް މިހާ ވަގުތު ކުޑަތަންވެފައި ވަނިކޮށް ރިއާން މި ގެއްލުނީ ކޮންތާކަށް ހެއްޔެވެ. ޗުއްޓީއަކަށް ރިސޯޓަކަށް ދިޔައީބާއެވެ. ހިތާހިތުން ރިއާން ރާއްޖޭގަ ހުރިތޯ ދުއާކުރަމުން ރާހިލް ކާރުގައި މިސްރާބުޖެހީ ރިއާން އުޅޭ އެޕްރޓްމެންޓަށް ދިޔުމަށެވެ.
ވިއްސަކަށް މިނެޓުފަހުން ރާހިލް ހުރީ ރިއާން އުޅޭ އެޕަރޓްމެންޓްގެ ދޮރުމަތީގައެވެ. ވޮލެޓުގައިވާ ކީކާޑު ނަގައި ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ހިނގައިގަތެވެ. މައިދޮރު ނިވައިވާނެހެން ހުރި ތަނބުގެ ބިއްދޮށުން ނުކުމެވުނު ވަގުތު އެތަން އޮތް ހާލަތުފެނި ރާހިލްގެ ދެލޯ ނިއްކުރިއަށް ނޭރީ ހަމަކިރިޔާއެވެ. ސޯފާގެ މައްޗަށް އެއްލައިލެވިފައިވާ ރަޖަލާއި ކޮފީމޭޒުމަތީގައި ހުސްކޮށްފައިހުރި ރެޑްބުލްދަޅުތަކާއި ސިނގިރޭޓު ފޮށިތައްފެނި މިއީ ހަމަ ރިއާން ދިރިއުޅޭތަންބާއޭ އޭނާގެ ހިތަށް އެރިއެވެ. ރިއާންގެ ހާލާމެދު ކަންބޮޑުވެފައިހުރެ ރާހިލްގޮސް ރިއާން ނިދާކޮޓަރީގެ ދޮރުގައި ޓަކިދޭން ފެށިއެވެ.
"ރިއާން.. އޭތް.. ދޮރު ހުޅުވަބަލަ.. ރިއާން… ރިއާން.." ދެތިން ފަހަރަކު ގޮވައިލުމުންވެސް ޖަވާބެއް ނުލިބުމުން ރާހިލް ތަންކޮޅެއް ބާރަށް ދޮރުގައި ތަޅައިގަތެވެ. އިރުކޮޅެއްފަހުން ރިއާން ނިދިމޫނަކާއެކު ދޮރުހުޅުވައިލިއެވެ. ދެލޯ ކުޑަކޮށްލަމުން ކުރިމަތީގައިހުރި ރާހިލްއަށް ބަަލައިލިއިރު ރިއާންއަށް ކޮޅަށް ހުރުންވެސް ދަތިކަމަކަށް ވެފައިވާކަހަލައެވެ.
އެއްވެސް ހަމައެއްނެތި ދެފަރާތައް ކިރިލަ ކިރިލާހުރި ރިއާންފެނި ރާހިލްގެ ނިތަށް ރޫތައް ގިނަވިއެވެ. އޭނާ ރިއާން ކޮށްޕައިލުމަށްފަހު ތެޅިތެޅިއޮތް ހިތަކާއެކު އެކޮޓަރީގެ ތެރެއަށް ވަދެގަތީ އޭނާގެ ހިތް އެ ބިރުގަންނަފަދަ މަންޒަރެއް އެތަނުން ނުފެންނާނެކަމަށް އުއްމީދު ކުރަމުންނެވެ. ތަރުތީބު ގެއްލިފައިވާ ކޮޓަރީގެ ހާލަތުފެނި އޭނާގެ ހިތުގައިވި ވަހުމްތައް އިތުރަށް ފުންވިއެވެ.
"ވަޓް ދަ ހެލް ރާހިލް! ނުވެއްޓުނީ ކިރިޔާއޭ!" ރާހިލް ކޮށްޕައިލުމުގެ ސަބަބުން އަރި އަޅައިލި ރިއާން ހިތްހަމަނުޖެހިފައި ބުންޏެވެ.
"ކިހިނެއްވީ؟ ހަފްތާއެއްވަންދެން މިތާ ތެރޭ އޮވެ ކީއްތިކުރަނީ؟ ރިއާން… އަހަރެންނަށް މި ހީކުރެވޭ ކަންތަކަކީ ދޮގެކޭ ބުނޭ"
ރާހިލްގެ ވާހަކަ ރިއާންއަކަށް ފަހުމެއް ނުވިއެވެ. "ކޮންކަމެއްތަ؟" އޭނާ އަހައިލިއެވެ.
"ރިއާން.. އަރ ޔޫ ބެކް ޓު ޔުއަރ އޯލްޑް ހެބިޓްސް. ކުރިން އުޅުނު އުޅުމަށް ރުޖޫއަވީތަ؟" ރާހިލް އަހައިލިއެވެ. ޒީވާއާ ކައިވެނިކުރުމަށް އެހާ ގާތްވެފައި އޮއްވައި ރިއާންގެ ފަރާތުން އެކަހަލަ ކަމެެއް ފެނިދާނެ ކަމަށްޓަކައި އޭނާގެ ހިތް ބިރުގަންނަންފެށިއެވެ. ރިއާންއަށް ދެންވެސް ރާހިލް ބުނި އެއްޗެއް ފަހުމްވީ އިރުކޮޅެއް ފަހުންނެވެ. ހަމައެއާއެކު އޭނާގެ ނިދިވެސް ފިލައިދިޔައެވެ. ވަގުތުން ރާހިލްގެ ވާހަކައާމެދު ހިތްހަމަ ނުޖެހުނެވެ.
"ވަޓް؟ ނޫން!! ރާހިލް ތިކަހަލަ އެއްޗެއް ހިތަށްވެސް އަރަންވީ ކީއްވެ؟ އައި ހޭވް ބީން ކްލީން ފޯ ސިކްސް.. ސެވެން ޑޭމްންޑް އިޔަރސް މޭން. އަދިވެސް އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟" ރިއާންގެ އަޑުގައިވާ ސާބިތުކަމުން އޭނާއަށް ރިއާން އެ ހެދީ ތެދުކަން ޔަގީންވިއެވެ.
"އޯކޭ އޯކޭ ސޮރީ.. އަހަރެން އަސްލު ހާސްވީ.. ގެއަށް އައި އިރު މިހެން އޮތީމަ.. ކޮޓަރިވެސް.. ދެންމެ ތި އޮފީހަށް ވަދެލިއިރަށް ނީމް ބުނީ ރިއާން އޮފީހަށް ނާންނަތާ ހަފްތާއެއްވީއޭ.." ރާހިލް ބުންޏެވެ.
"އަޖައިބެއް ދޯ.. ތީ އަހަރެންގެ މުވައްޒަފެއް ނޫނޭ.. އަމިއްލަ އޮފީހަށް ދާއިރުވެސް އާރް.އެލްއަށް ކޮންމެހެންވެސް ވަންނަންޖެހޭދޯ" ރިއާން ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ.
"ކީއްކުރާނީ.. ހިތް އޮތީ އެތަނުގައޭ.." ރާހިލް ހުވަފެނީ ރާގެއްގައި ބުންޏެވެ.
"ހިތޭ ތި ކިޔަނީ އެ އޮފީހުގަ އުޅޭ ފަސްފޫޓޫ ފަސް އިންޗީގެ ރުޅިގަދަ ‘ސަންތި’ އަކަށްތަ؟" ރިއާން އައިސްއަލަމާރި ހުޅުވައިލުމަށްފަހު އާފަލެއް ނަގައިގެން ބެލްކަންޏަށް ނުކުމެ ސިނގިރޭޓެއް ރޯކޮށްލިއެވެ. ރާހިލްއަށް އެކަމުން ލިބިގެންދިޔަ ހައިރާންކަން ސިއްރެއް ނުކުރެވުނެވެ.
"ތިދެން ހާދަ ހެެއްވާ ކަމެކޭ. އާފަލާއި ސިނގިރޭޓާ" ރާހިލް ރިއާންގާތަށް ގޮސް ބެލްކަނީގެ ރެއިލިންގްގައި ބުރަކަށި ޖައްސައިލިއެވެ.
"އޭން އެޕަލް އަ ޑޭ.. ކީޕްސް ދަ ޑޮކްޓަރ އަވޭ" ރިއާން އަތުގައި އޮތް އާފަލު ރާހިލްއަށް ދައްކައިލިއެވެ. އަދި އެތެރެއަށް ދަމައިލި ސިނގިރޭޓުގެ ދުންތައް ބޭރުކޮށްލަމުން އާފަލުގައި ދަތް އަޅައިލިއެވެ.
"މިހާރު މިގޭގެ ކޮންމެ ތަނެއް ބަލައިލިޔަސް އަހަރެންނަށް ފެންނަނީ ހުސް ސިއްހަތައް ގެއްލުން ލިބޭކަހަލަ ލުއިކާނާއާއި ދަޅާއި ސިނގިރޭޓު ހުސްކުރި ފޮށިތައް.. ބަޓް ޝުއަރ.. އެން އެޕަލް އަ ޑޭ ކީޕްސް ދަ ޑޮކްޓަރ އަވޭ ރައިޓް؟" ރާހިލް ދެފަރާތައް ބޯ ހޫރައިލިއެވެ. ރިއާންގެ ފަރާތުން އެެއްވެސް ރައްދެއް ނުލިބުނެވެ.
"ބުނަން.. ތިހެން އަނގައިން ނުބުނެ ހުރެގެން އަހަރެންނަށް އެއްވެސް ކަމެއް ފޮރުވޭނޭ ހީނުކުރައްޗޭ.. އަހަރެން ރިއާން ދަންނަންފެށީ އިއްޔެކު މިއަދަކު ނޫން.. އެކަމަކު އަހަރެންނަށް އެނގޭ އެއްކަމަކީ ރިއާންއަކީ ސާފުތާހިރު މީހެއްކަން. އަހަރެންނަށްވެސް ދެންމެ ގޯސް މާނައަކުން ވިސްނުނީ އެހެންވެ. މިއީ ރިއާންގެ އަސްލު ސިފައެއްނޫން.. ރިއާން ނިކަން އަމިއްލަ ލޮލުން ދެކިބަލަ މިތަން އޮތް ގޮތް. ހުދު އަމިއްލަ މީހާ ހުރިގޮތް.. ރިއާން އެންމެ ފަހުން ފެންވެރި ދުވަހެއް ހަނދާން އެބަހުރިތަ؟ ޕްރޮޕަރ މީލްއެއް ކެއި ދުވަހެއް ހަނދާން އެބަހުރިތަ؟"
"ހުކުރުދުވަހުގެރޭ ބައްޕަމެންގޭގަ ނިދާފަ.. ހޮނިހިރުދުވަހު މެންދުރު ފެންވަރައިން ކައިގެން އައީ" ރިއާންގެ ޖަވާބު އިވުމާއެކު ރާހިލް ހިމޭންވިއެވެ.
"އެގޭގަ ކަމެއް ހިނގީތަ؟" ރާހިލް ފުންވިސްނުމަކަށްފަހު އަހައިލިއެވެ.
"ނޫން.. ބުނަމާ ދެން މިދުވަސްކޮޅު އަހަރެން ކުޑަކަންތައްގަނޑަކާ ޑީލް ކުރަނީއޭ އޯކޭ؟" ރިއާން އެވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއްނުވިއެވެ.
"ދެން މިއީތަ ތި ޑީލް ކުރާ ގޮތަކީ.. ކަމޯން ރިއާން މީ ދެން ޓީނޭޖް އުމުރެއް ނޫނެއްނު.. ތި އަދި ކޮންމެ ކަމަކަށްވިޔަސް ނިކަން އަހަރެންނާވެސް ހިއްސާކުރެވޭނެއެއްނު.. ޕުޓް އޮން އަ ސްމައިލް އެންޑް ގެޓް އައުޓް ދެއަރ.. ލިވް..ލާފް..ލަވް" ރާހިލް އޭނާގެ އުފާވެރި ރާގުގައި ބުނެލިއެވެ.
"ލައިފް އިޒް ނޮޓް އޯލް ސަންޝައިން އެންޑް ރެއިންބޯޒް ބްރަދަރ" ރިއާން ރައްދުގައި ބުނެލިއެވެ.
"އިފް އިޓްސް ރެއިނިންގް ބީ ދަ ސަންޝައިން އެންޑް މޭކް އަ ރެއިންބޯ" ރާހިލް ރިއާންގެ ކޮނޑުގައި ޖަހައިލަމުން ބުންޏެވެ. ރިއާން ބުމަ އަރުވައިލުމަށްފަހު ރާހިލްއަށް ބަލައިލިއެވެ.
"ގެޓް އައުޓް.. އައި ޑޯންޓް ވޮނަ ޑިސްކަސް ރެއިންބޯޒް ވިތް ޔޫ" ރިއާން ބޯ ހޫރައިލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
"ކުރަން އައި ތަހުގީގް ނިމުނީ ކަމަށްވަންޏާ ދެން ދޭ.. ގަބޫލު ނުކުރެވެންޏާ އޯކޭ ގެ ބަލާ ފާސް ކުރިޔަސް.. އަހަރެންގެ މައްސަލައެއްނެތް" ރިއާން ސިޓިންގްރޫމްގައިހުރި ސޯފާއަށް ވެއްޓިގަތުމަށްފަހު ދެލޯ މަރައިލިއެވެ. ބޮލާއި މޭގައި ހިފައިފައިވާ ރިހުން ކަނޑުވައިލުމަށްޓަކައި ދުނިޔޭގެ ހަގީގަތުން ރެކިގަނެ ނިދީގެ ތެރެއަށް ފީނައިގަތުމަށް ތައްޔާރުވެލިއެވެ.
"ނޫނޭ.. އަހަރެން އަސްލު އުޅުނީ ކަމަކު ކިޔަންވެގެން.. މާދަމައަށް ކަމެއް ރާވާފަ އެބައޮތްތަ؟" ރާހިލް ވަކިންހުރި ގޮނޑީގައި އިށީންނަމުން ސުވާލުކުރިއެވެ.
"އައި ސްވެއަރ ރާހިލް!! ދެން އިތުރަށް އަހަރެންގާތު އެންމެ ފަހަރަކުވެސް ޒީވާއޭ ބުނިއްޔާ އައިލް–" ރިއާން ލޯ މަރައިގެންއޮވެ ބުނި ޖުމްލަ ފުރިހަމަ ނުކުރެވެންދެން ރާހިލް ވާހަކަދެއްކިއެވެ.
"ޒީގެ ބްރައިޑް ޓު ބީ މާދަމާ އޮންނާތީ ހަވީރު އައިސްދޭށޭ ބުނަންވެގެން" ރިއާންއަށް ދެލޯ ހުޅުވައިލެވުނެވެ. އަދި ތެދުވެ ގޮނޑީގައި އިށީނުމަށްފަހު ރާހިލްއާ ކުރިމަތިލިއެވެ.
"ރާހިލް މޮޔަވީތަ؟ ތި ކަންކަމުގަ އުޅެނީ ހުސް އަންހެންވެރިންނޭ" ރިއާން ބުންޏެވެ.
"އަހަންނަށްވެސް އެނގެޔޭ.. ދެން އެކަމަކު އަހަރެން ކައިރި އެމީހުން ބުނެފި ފޮޓޯ ނަގާދޭން ދާން. އަހަރެން އެކަނިވެފަ ހުންނާކަށާ ބޭނުމެއްނޫނޭ މޭން. މާދަން ޖައްސާލަދީބަ އަހަރެން ގުޅީމަ." ރާހިލް އެދުނެވެ.
"ކޮންމެވެސް އެހެން މީހަކަށް ގުޅާ.. އަހަރެން ބިޒީ.. އަހަރެންނަކަށް ނުވާނެ ތިކަހަލަ ކޫސަނި ކަންކަމެއް.. އެހެންްނޫނަސް ރާހިލްގެ ކޮއްކޮއެއް ކައިވެނި ކުރާތީއޭ ކިޔާފަ އަހަރެން ދެން މިވީ ތި ހުރިހާ ކަމެއްގަ އުޅެންތަ؟ އަދި އެވެސް ރާހިލް އަހަރެންނަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާކަށް މިއަދު އެނގުމަށްފަހު.. އެހެންވީމަ ދެން ދޭ" ރިއާން އަނެއްކާވެސް ރަޖާ އަޅަމުން ސޯފާގައި އޮށޯތެވެ.
"އަހަރެން ކިޔައިދީފިންދޯ އަހަރެންނަށް އެހެން ހީކުރެވުނު ސަބަބު. މާދަމާ އައިމަ ރިއާންއަށް އެނގޭނެ ހަގީގަތުގަ އަހަރެން ރިއާންއަށް އިތުބާރު ކުރަނީ ކިހާ މިންވަރަކަށްކަން. ސޯ އައި ވިލް ބީ އެކްސްޕެކްޓިންގް ޔޫ.. އެންޑް ޔާ.. އައުމުގެ ކުރިން ޓޭކް އަ ފަ*ންގް ޝަވަރ" ރާހިލް ގޮނޑިން ތެދުވެ ރިއާންގެ ރަޖަލަށް ދަމައިގަތެވެ.
"ދާށޭ.." ރާހިލް ދެއްކި ވާހަކައިގެ ސަބަބުން ރިއާންގެ ބޮލަށް އުނދަގޫވާންފެށިއެވެ.
"އަހަރެން ނޫޅެމޭ މި މީދާ ކޮށްޓެއް ކަހަލަ ތާކު އިންނާކަށް…. ހަނދާންކޮށް މާދަން 5 ޖަހާއިރަށް ގެއަށް އަންނާތި. އަހަރެން ގުޅާނަން." ރާހިލް އެޕަރޓްމެންޓެގެ ދޮރާއި ދިމާލަށް މިސްރާބުޖެހިއެވެ. "އަހަރެންނަށް ފެނޭ މި ސިނގިރޭޓުގެ ކަންތައްގަނޑުވެސް ރިއާން މަދުކުރަން. ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ" ބިންމަތީގައިހުރި ސިނގިރޭޓު ފިލްޓަރުތަކަށް ބަލައިލަމުން އޭނާ އިތުރު ކޮށްލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި އެތަނުން ނުކުތެވެ.
***********
ހަމަޖެހިފައިވާ ގޮތުގެ މަތިން ޒީވާގެ "ބްރައިޑަލް ޝަވަރ" ގެ އިންތިޒާމްތައް ކުރިއަށް ގެންދެވުނެވެ. ޖާގައިގެ ގޮތުން އެންމެ ތަނަވަސްކޮށްހުރީ ރާހިލްގެ ކޮޓަރި ކަމުގައިވާތީ އެކަމަށްޓަކައި އެކޮޓަރި ތައްޔާރު ކުރުމަށް ނިންމިއެވެ. ކިންގްސައިޒް އެނދުގައި ހުދު ބެޑްޝީޓެެއް އެޅުމަށްފަހު މަޑު ފިޔާތޮށި ކުލައިގެ ފުއްޕާފައިވާ ހަންތައް އެނދުމައްޗަށް އުކައިލިއެވެ. އަދި ބައެއް ހަންތަކަށް ހީލިއަމް އެޅުމަށްފަހު އެނދާ ދިމާލުން މައްޗަށް ދޫކޮށްލިއެވެ. ސީލިންގުގައި މައިތިރިވެފައިވާ ހަންތަކުގައި އައްސައިފައިވާ ރަންކުލައިގެ ރިބަންތައް އެނދަށްވުރެ ދެފޫޓެއްހާ މައްޗަށް ވެޔޮތަކެއްހެން ފައިބައިފައިވެއެވެ.
"ރާހިލް.. އަދިވެސް ރިއާންއަށް ނުގުޅެނީތަ؟" އެތަން ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނު ޝައިނާ ރާހިލް ގާތަށް ޖެހިލަމުން އަހައިލިއެވެ. އޭރު ރާހިލް އުޅުނީ އެނދުގެ ކުރިމައްޗަށް ވާގޮތަށް ބެހެއްޓިފައިވާ ޓްރައިޕޮޑްގައި ކެމެރާ ސެޓްކުރުމުގައެވެ.
"އަހަރެން ވަރަށް ގުޅައިފިން. އަދި ނުނަގާ.. އަދި ދެތިން ފަހަރަކު ގުޅަން މަސައްކަތްކޮށްފަ ދާނީ އޭނަ ބަލާ" ރާހިލް ބުންޏެވެ.
"އަޅޭ.. ދެން ތި ބުނާހާ ވަގުތެއްވެސް ނެތް.. ކޭކުވެސް އެ އައީ މިހާރު.. އައިޝްއާއި ނާނިއާ.. ދޭބަ ކޭކު ބަލާ ތިރިއަށް.. ދަމުން އިޝީ ކައިރި ބުނެލައްޗޭ ޒީ ގޮވައިގެން އަންނާށޭ" ޝައިނާ އެތަނުގައި އުޅުނު ދެކުދިންނަށް އިރުޝާދުދިނެވެ. އެއީ ޒީވާއާ އެއްކޮށް ނަރުހުންގެ ގޮތުގައި މަސައްކަތްކުރާ ޒީވާގެ ގާތް ދެ އެކުވެރިންނެވެ. ޝައިނާއާ މާބޮޑު ގުޅުމެއް ނެތް ދެކުދިން ކަމުގައި ވިޔަސް ފެނިދެނިވެ އުޅޭ ދެކުދިން ކަމުގައި ވާތީ އެދުވަހުގެ އުފަލުގައި އެދެކުދިންވެސް ބައިވެރިކުރުމަށް ޝައިނާ ނިންމީއެވެ.
ކޭކު ހިފައިގެން އައިތާ ގިނައިރެއްނުވެ ޒީވާއާއި އިޝްވާވެސް އެތަނަށް އަތުވެެއްޖެއެވެ. އެއާއެކު އެތަނުގައި ތިބި އެންމެން އެކުގައި "ސަރޕްރައިޒް" އޭ ގޮވައިލިއެވެ.
"އަހަހަހަ. ތެންކްޔޫ ގައިޒް.. އެކަމަކު މި ހެދުން ލެއްވި ހިސާބުންވެސް އެނގިއްޖެ މިކަހަލަ ކޮންމެސް ކަމެއްގަކަން މީ" ޒީވާގެ މޫނުމަތިން ހީކުރިވަރު އުފާވެރިކަމެއް ނުފެނުން ނަމަވެސް އޭނާ ހިނިތުންވެލިއެވެ.
"ދެން ޒީ.. ތި ބޮޑާހާކަން ނުހުރެ އާދެބަލަ. ފޮޓޯ ނަގަން ފެށީމަ ޒީއަށް ވެސް މަޖާ ވާނޭ" ޝައިނާ ޒީވާގެ އަތުގައި ހިފައިގެން ގެނެސް އެންދުމަތީގައި ބޭންދިއެވެ. ތަނުގެ ސެޓް-އަޕްއާ ގުޅޭނެހެން ޒީވާ ލައިފައިވާ މަޑު ފިޔާތޮށިކުލައިގެ ވިދާ ހެދުމުގެ ސަބަބުން އެ ބޮޑު އެނދުގެ މެދަށް އަރައި އިށީންނުން ވީ ހީކުރި ވަރަށްވުރެ އުނދަގޫ ކަމަކަށެވެ. ނަަމަވެސް އެ ހަތަރު ކުދިންގެ އެހީއާއެކު ޒީވާ އެނދުގެ މެދުގައި ބައިންދައިލެވުނެވެ. ޒީވާ ފިޔަވައި ދެން ތިބި ހުރިހާ އަންހެން ކުދިންވެސް ތިބީ ހުދުކުލައިގެ މާމެއިޑް ހެދުމުގައެވެ.
"ފަށަންވީ ދޯ" ޒީވާ އިށީނދެ ނިމުމާއެކު ރާހިލް ކެމެރާގެ ކައިރިއަށް ޖެހިލަމުން އަހައިލިއެވެ. އެވަގުތު އިޝްވާ ދުވެލައިފައިގޮސް ރާހިލް ގާތު ހުއްޓުނެވެ.
"ދޮންބޭ.. ރިއާންބެ ކޮބާ؟ ރިއާންބެ ނައިއްޔާ އިޝީގެ ޕްލޭން އެއްކޮށް ފްލޮޕް" އިޝްވާ ހާސްވެފައި އަހައިލިއެވެ.
"އަދިވެސް ހަބަރެއް ނުވެގެން މި އުޅެނީ.. މަޑުކުރޭ މެސެޖެއް ކޮށްލާނަން" ރާހިލްގެ ޖަވާބަށް ބޯ ޖަހައިލުމަށްފަހު އިޝްވާ ގޮސް އަނެއްކާވެސް ޒީވާމެންގާތު މަޑުކޮށްލިއެވެ.
"ޔަގީން ރިއާންއަށް މި ގުޅާވަރު ނޭނގިގެން ނޫންކަން ފޯނު ނުނަގާ ތި ހުންނަނީ.. އަހަރެން މި ދަނީ ރިއާން ބަލާ" ފޯނުން ފެންނަމުންދިޔަ ރާހިލްގެ މެސެޖަށް ބަލަން އޮތް ރިއާން ފޫހިކަމާއެކު އެނދުން ތެދުވިއެވެ. ރިއާންއަށް ވިސްނައިލެވުނެވެ. އޭނާއަކީ އެތަކެއް މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ ޒިންމާ ކޮނޑު އަޅައިގެން ދިރިއުޅެމުންދާ ޒުވާނެކެވެ. ގޭގެ ހަތަރުފާރު ތެރޭ ބަންދުވެގެން އުޅުމުގެ އިހްތިޔާރެއް އޭނާއަކަށް ނެތެވެ. އޭނާ ކިތަންމެ ފަސްޖެހުނު ކަމުގައިވިޔަސް ކޮންމެވެސް ދުވަހަކުން އޭނާ ޒީވާއާވެސް ކުރިމަތިލާން ޖެހޭނެއެވެ. އަނެއްކޮޅުން ރާހިލް ކިޔަން ފެށިކަމެއް ހުއްޓާނުލާނެކަން އޭނާއަށް އެނގެއެވެ. ކޮންމެއަކަސް އެގެ އެ އޮތް ހާލަތުގައި އަނެއްކާވެސް ރާހިލް އެގެއަށް އައިސް އިތުރު ވާހަކަތަކެއް ދައްކާނެ ފުރުސަތު ދިނުމަށްވުރެން އޭނާ އަމިއްލައަށް އެ ބުނާ ތަނަކަށް ދިޔުންވެސް މާރަނގަޅެވެ.
ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ތުވާލި ހަރުގައި އޮތް ތުވާލި ހިފައިގެން ފަހާނާއަށްވަނެވެ. ފެންވަރާ ތާޒާވެލައިގެން އެންމެ އަވަހަށް އަތު ޖެހުނު ގަމީހާއި ސޯޓު ގަޔަށް މަހައިލިއެވެ. އެއީ ގަޔަށްދޫކޮށްހުރި އިސްތިރިކުރަން ނުޖެހޭޒާތުގެ ހުދު ކެޝުއަލް ގަމީހަކާއި ބެއިޖް ކުލައެއްގެ ސޯޓެކެވެ. އެއަށްފަހު އަލަމާރީގެ ތެރެއިން އޭނާގެ އަތުކުރީ ގަޑިތައް ލައިފައިހުރި ވަތްގަނޑު ހުޅުވައިލުމަށްފަހު އާންމުކޮށް އަޅައި އުޅޭ ރަނާއި ރިހީގެ ކުލަތައް ހިމެނޭ ރޮލެކްސް ގަޑި އަތަށް ހެޔޮވަރު ކޮށްލިއެވެ. އޭނާއަކީ ގަޑި އެޅުމުގައި ފާޑުވެރި ޒުވާނެކެވެ. ކިތަންމެ އާދައިގެ ހެދުމެއްގައި ހުރި ނަމަވެސް އޭނާގެ އަތުކުރީގައިވާ ގަޑިއަކީ ހައިބަތުގެ ރަމްޒަކަށް ހެދުމަށް އިސްކަންދޭ ޒުވާނެކެވެ. ރިއާން ފަރުވާތެރި ކަމާއެކު އެ ވަތްގަނޑު އަލުން ތަޅުލުމަށްފަހު މޭޒުމަތީގައި އޮތް އަވިއައިނާއި ތަޅުދަނޑި ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި އެޕަރޓްމެންޓުން ނުކުތެވެ. ބައިގަޑިއެއްހާއިރުތެރޭ އޭނާއަށް ރާހިލްމެންގެއާ ހިސާބަށް ވާސިލްވެވުނެވެ. ދެފަހަަރަކު ދޮރުގައި ޓަކިޖަހައިލުމުން އެތެރެއަށް ވަނުމަށް ގޮވައިލި އަޑު އިވުނެވެ. ނަމަވެސް އެތެރެއަށް ވަތްވަގުތު ވާފިޔާއާއެކު ބޮޑު ގޮނޑީގައި އިން ޝީރީންފެނި ރިއާންއަށް ހައިރާންކަމެއް ލިބުނެވެ.
"ރިއާން.. ޝީރީން ބަލާތަ ތި އައީ؟" ވާފިޔާއަށް ރިއާން ފެނުމާއެކު ގޮވައިލިއެވެ.
"ނޫނޭ… ދައްތަ މިގޭގަ ކީއްކުރަނީ؟" ރިއާން ގޮނޑި ކައިރިއަށް ހުއްޓިލަމުން ޝީރީންގާތު އަހައިލިއެވެ.
"މީ ހަމަ މިގޭ ކުދިންކޮޅު ދެކިލަންވެގެން.. ދަރިފުޅު ކަމަކުތަ ތި އައީ؟" ޝީރީން އަހައިލިއެވެ.
"މީ ރާހިލް ގުޅީމަ.. އެބަ އުޅޭތަ؟" ރިއާން އަހައިލިއެވެ.
"އާނ އެންމެން އެބައުޅޭ ފާޑެއްގެ ފުއްޕާހަންތަކެއް އެލުވައިގެން އެ ކޮޓަރީގަ.. ނިކަން ބަލާލަން ދޭބަލަ" ވާފިޔާ ހެވިފައި އިނދެ ބުންޏެވެ. ރިއާން ބޯ ޖަހައިލަމުން ސިޑިއާ ދިމާލަށް ހިނގައިގަތެވެ.
"އެސޮރު އަދިވެސް ޝީރީންއަށް މަންމަ ކިޔާކަށް އެއްބަހެއް ނުވޭދޯ" ވާފިޔާ ރިއާން ދިޔުމުން ބުންޏެވެ.
"އާނ.. އަހަރެންވެސް މާ ވަރަކުން އެކަމަކާ ނޫޅެން.. މީ ރިޔާޒަށް ހެދުނު ގޯސް.." ޝީރީން ހިނިތުންވެފައި ބުނެލި ނަމަވެސް އެ އަޑުގައިވަނީ މާޔޫސްކަމެވެ.
"ދެން މާބޮޑަށް ފިކުރުނުކުރޭ.. އެސޮރަށް އަދި ހުރިހާކަމެއް ވިސްނޭނެ… މި ހިތަށް އަރަނީ މިއަދު އަނެއްކާ ވާނީ ކިހިނެއްބާއޭ" ވާފިޔާ ހިތްވަރު ދިނެވެ.
"ވާފިޔާ ކަންބޮޑުނުވޭ.. އަހަރެން މި ވާހަކަ ނާންގާ މަޑުކުރަން ބުނީވެސް ރިއާންއާ ވާހަކަ ދެއްކެންދެން… ކުރީ ދުވަހަކު ބުނެފި ދެން ތިމަންނަ އިންނާނެ މީހަކު ހޯދިޔަސް ވަރިހަމައޭ.. އެހެންނޫނަސް.. ޒީވާގެ ކަމެއްގަ ރިއާން ދެކޮޅު ހަދާނެހެން ހިއެއްނުވޭ." ޝީރީން ބުންޏެވެ.
—————
"ކޮބާ އާދެވޭ ވަރު ވެެއްޖެ ދޯ" ކެމެރާ ހިފައިގެންހުރި ރާހިލްއަށް ކޮޓަރީގެ ދޮރުހުޅުވައިލި ރިއާންފެނި އަހައިލިއެވެ. ރިއާން ވަކި ރައްދެއް ދިނުމެއްނެތި އައިސް ރާހިލްގާތު ހުއްޓިލަމުން އެނދުމަތީ އިށީނދެތިބި މީހުނަށް ބަލައިލިއެވެ. ހުރިހާ ކުދިންގެ މެދުގައި އިން ޒީވާފެނި ރިއާންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރައިލުން ދަތިވިއެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުން އެނދުމަތީގައި ފަތުރައިލައިގެން އަތްމަތީގައި ކޭކު ބަހައްޓައިލައިގެން އިން އިރު ޒީވާ ހީވަނީ ގަނޑުވަރެއްގައި އިން ރަސްދަރިކަނބަލެއްހެނެވެ.
"ދެން އަދިވެސް ފޮޓޯ ނަގާ ނުނިމޭތަ؟ މިހާރު މި ކޭކު ކާހިތުން ހުރެވެނީކީ ނޫން" ދިހަވަރަކަށް މިނެޓަށްފަހު ޒީވާ ބޮޑާހާކަން ފެށިއެވެ.
"ނޫނޭ.. މި ނިމުނީ.. ދެން ހުރީ ޒީ ވަކިން ނަގަން ޖެހޭ ފޮޓޯތައް" ރާހިލް ބުންޏެވެ. އެއަޑަށް ޒީވާގާތު އިން ޝައިނާ ފުންމައިގެން އައިސް ކެމެރާ އަތުލިއެވެ.
"ނިމުނީއޭ؟؟ ކޮބާ..ދައްކަބަ ފޮޓޯތައް.." ޝައިނާ ކެމެރާގައިހުރި ފޮޓޯތައް ބަލަން ފެށިއެވެ.
"އެ ތެދެއް ދައްކަބަ.. މެޑަމްގެ އެޕްރޫވަލް ބޭނުންވާނެއެއްނު" ރިއާން ދިމާކުރުމުގެ ރާގެއްގައި ރާހިލްއަށް ބުނެލިއެވެ. އޭރު ޒީވާގާތު ދެންތިބި ތިންމީހުންވެސް އައިސް އެ ފޮޓޯތައް ބަލަން ފަށައިފިއެވެ. ވަކި ހިސާބަކުން އެވަގުތު ނެގުނު ފޮޓޯތައް ހުސްވެ ތަން ތައްޔާރުކުރި ވަގުތު ކެމެރާ ޓެސްޓުކުރަން ނެގި ފޮޓޯތައް ފެންނަންފެށިއެވެ. އޭގެ ތެރޭގައި ޝައިނާ އެކަނި ހިމެނޭހެން އެކި ކަންކަމުގައި އުޅެނިކޮށް ނަގައިފައިވާ ގިނަ ފޮޓޯތައް ފެނި އިޝްވާގެ އިތުރުން ދެންތިބި ދެކުދިންނަށްވެސް ޝައިނާއާ ދިމާލަށް ބަލައިލެވުނެވެ.
"ކިހިނެއްވީ؟ ފޮޓޯތައް ހަޑީތަ؟ ދެން އަޅެ އަހަރެންވެސް ބަލަން ބޭނުން އެކަމަކު މި ހެދުންގަނޑާއެކު އެނދުން ފައިބަންވެސް އެހާ އުނދަގޫ" ޒީވާ ހެދުމުގައި ހިފަހައްޓައިލަމުން ފައިބަން އުޅުނު ވަގުތު ރާހިލް އެކަން މަނާކުރިއެވެ.
"އަނެއްކާ ފަހުންވެސް ފޮޓޯނަގަން އިށީންނަން ޖެހޭނީ.. ހިނގާދޯ ނިންމާލަން ޒީ ގެ އެކަނި ފޮޓޯތައްވެސް" ރާހިލް ޝައިނާގެ އަތުން ކެމެރާ ޖަހައިގަތުމަށްފަހު ޓްރައިޕޮޑްގައި ސެޓުކޮށްލިއެވެ. އެވަގުތު ހުޅުވައިލެވިފައިވާ ޝައިނާގެ ފޮޓޯފެނި ރާހިލްއަށް ޝައިނާއާ ދިމާލަށް ބަލައިލެވުނީ އޭނާ ކުރަން އުޅުނު ވައްކަމެއް ފަޅާއެރި ފަދައިންނެވެ. އިސާހިތަކު ގަތްލަދުން ރާހިލްއަށް ބޯ ކަހައިލެވުނެވެ.
"އަޅޭ.. ބަލާބަ ޒީ ރީތިކަން މާޝާﷲ.. މިހާރު ވެޑިންގްޑޭގަ ޒީ ބަލާލާހިތުން ހުރެވެނީކީވެސް ނޫން" ޒީވާއާ އެކުގައި މަސައްކަތްކުރާ ރަހްމަތްތެރިންގެ ތެރެއިން އެކަކު ބުންޏެވެ. ރިއާންއަށް އެ އަޑު އިވުމާއެކު އޭނާގެ ބޮލުގައި ރިއްސައިލިއެވެ.
"އަހަރެން މިހިރީ ބޭރުގަ.. ތިކަން ނިންމާލާފަ އާދޭ އިނގޭ" ރާހިލްގެ ކޮނޑުގައި ޖަހައިލަމުން ރިއާން ބުންޏެވެ. އޭނާ އެތަނުގައި ހުންނަން ބޭނުން ނުވީއެވެ.
"އޭ މަޑުކޮށްބަލަ. އަހަރެން މިތާ އެކަނި ނުހުންނަން ވެގެން ދޯ ރިއާންގާތު އަންނާށޭ ބުނީވެސް" ރާހިލް އެކަމަށް ހުރަސް އެޅިއެވެ. ރިއާންއަަށް ދަތްކުނޑި ވިކައިލެވުނު ނަމަވެސް އޭނާ އެތަނުގައި މަޑުކުރަން ނިންމިއެވެ.
"އޯ ނޯ..ދޮންތިގެ ޓިއާރާ.. ރިއާންބޭ.. މި ޓިއާރާ ދިއްކޮށްލަން ދޭބަ.." އިޝްވާ މޭޒުމަތީގައިހުރި ކޮތަޅުން ނެގި ރީތި އަންހެން ތާޖެއް ރިއާންއަތައް ދިއްކޮށްލިއެވެ. އޭރު ދެންއުޅުނު އެންމެންވެސް އުޅުނީ އިޝްވާއާއެކު އެކޮތަޅުން ކޮންމެވެސް އެއްޗެހިތަކެއް ހޭވުމުގައެވެ. އެހެންކަމުން ރިއާން އެއީ މާބޮޑު ކަމެއް ކަމަށް ނަހަދައި ޒީވާ އިން އެނދާ ގާތްވެލަމުން އެ ތާޖު ދިއްކޮށްލިއެވެ. ނަމަވެސް ޒީވާ އިނީ އެ ކިންގް ސައިޒް އެނދުގެ މެދުގައިކަމުން އެ ތާޖުގައި ހިފުމަށް އަތެއް ނުފޯރިއެވެ.
ޒީވާއަށް އަތުގައިހުރި ކޭކުގެ ސަބަބުން ތާޖުގައި ނުހިފޭނެކަން އެނގުނެވެ. އޭނާ އިސްޖަހައިލަމުން ބޯ އަރިކޮށްލީ އޭތި ބޮލުގައި އަޅުވައިދިނުމަށް އިޝާރާތްކުރަމުންނެވެ. ރިއާންގެ އެއްކަކޫ އެނދުގައި އަޅުވައިލަމުން ޒީވާއާ ދިމާލަށް ގުދުވެލިއެވެ. އަދި އެ ތާޖު ޒީވާގެ ބޮލުގައި އަޅުވައިދިނެވެ. ނަމަވެސް ދެން ކަންތައް ވެގެން ދިޔައީ އެދެމީހުންވެސް އުއްމީދު ނުކުރާ ފަދަ ގޮތަކަށެވެ. ބޯމައްޗަށް އޮހިގެން އައި ފިޔާތޮށި ފިނިފެންމަލުގެ ފިޔަތަކާއިއެކު ދެމީހުންގެ މޫނަށް އެޅިގެން ދިޔަ ކެމެރާގެ ފްލޭޝްގެ ސަބަބުން އެދެމީހުނަށްވެސް ސިހުން ލިބިގެން ދިޔައެވެ.
"ސަރޕްރައިޒް" އެންމެން އެކުގައި ގޮވައިލި އަޑުއިވުނެވެ. ޒީވާއާއި ރިއާން ސުވާލު އުފެދިފައި އެމީހުނަށް ބަލަހައްޓައިގެން ތިއްބެވެ.
"ކޮން ސަރޕްރައިޒެއް" ރިއާން އިސްތަށިގަނޑުގައި ހަރުލައިފައިވާ މަލުގެ ފިޔަތައް ފޮޅައިލިއެވެ.
"ދޮންތީ.. މި ރިއާންބެއޭ މީ" އިޝްވާ އުފާވެފައި ބުންޏެވެ.
"އަހަރެންނަށްވެސް އެނގެޔޭ މިއީ ރިއާންކަން" ޒީވާ ހުރި އަދިވެސް ވާނުވާގައެވެ.
"އޯ ގޯޑް. ޕިސް އެހެނެއް ނޫނޭ މި ބުނީ..ބްރައިޑް ޓު ބީ.. ގްރޫމް ޓު ބީ" އިޝްވާ އެއްފަހަރު ރިއާންއަށް އަނެއްފަހަރު ޒީވާއަށް އިޝާރަތްކުރަމުން ބުންޏެވެ. ޒީވާއާއި ރިއާންއަށް ސިހިފައި އެކަކު އަނެކަކާ ދިމާލަށް ބަލައިލެވުނެވެ. އެދެމީހުންކުރެ އެކަކަށްވެސް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ. ޖަވާބުހޯދުމަށްޓަކައި ދެން ޒީވާ ބަލައިލީ ޝައިނާގެ މޫނަށެވެ. ޝައިނާގެ މޫނުގައިވަނި ކަންބޮޑުވުން ފެނި ޒީވާއަށް އެ ކުރަނީ ސަމާސާއެއްނޫންކަން އެނގުނެވެ.
"ނޯ.. ނޯ އިޝީ ނޯ ދޮންބޭ ޕްލީޒް. ބުނޭ ތީ ދޮގެކޭ.. ތީ މަޖަލަކަށް ދައްކާ ވާހަކައެކޭ" ޒީވާ ލައިގެންހުރި ބޮޑު ހެދުން އަތަށް ބޮނޑިކޮށްލައިގެންހުރެ އައިސް ރާހިލްގާތު ހުއްޓުނެވެ.
"ހަމަ ޖެހިބަ ޒީ.. މިއީ އެހާވަރު ކަމެއް ނޫ—"
"ނޫނެކޭ ދޮންބޭ މިއީ.. ދޮންބެއަކަށް ނޭނގޭނެ މިއީ ހާދަ ބޮޑު ކަމެކޭ.. ދޮންބޭ ޕްލީޒް.. ކީއްވެ މިހެން ހެދީ؟؟ ދޮންބެގެ އެކުވެރިކަމަށްވެސް ވިސްނާނުލަންތަ؟ އަހަރެންނަކަށް އޭނައަކާ ކައިވެންޏެއް ނުކުރެވޭނެ އަހަރެން އޭނައަކާ ކައިވެންޏެއް ނުކުރާނަން.." ހާސްވެފައިހުރި ވަރުން ޒީވާގެ ދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.
"ޒީ އަޑު އަހާ–" މިފަހަރުވެސް ޒީވާ ރާހިލްގެ ވާހަކަ ފުރިހަމަ ކުރާނެ ފުރުސަތެއް ނުދިނެވެ. އިތުރަށް މީހަކު ކިޔާނެ އެއްޗަކަށް ބެލުމެއްނެތި ދުވެފައިގޮސް ކޮޓަރިން ނުކުތެވެ.
"ރިއާން-" ރާހިލްއަށް އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދީ ރިއާންވެސް ވާހަކަ ހުއްޓައިލުމުގެ އިޝާރާތެއްގެ ގޮތުން އަތް ހިއްލައިލިއެވެ. ހަރު ފިޔަވަޅުތަކެއްގައި އައިސް ރާހިލްމެން ގާތަށް ހުއްޓުނުއިރު އެދެލޮލުގައިވާ ރުޅިވެރިކަން އެތަނުގައި ހުރި އެކަކަށްވެސް ސިއްރެއް ނުވިއެވެ.
"އަރ ޔޫ ބޯތް ފަ*ންގް ކިޑްސް؟؟؟ ތީ ތަންދޮރު އޮޅުން ނުފިލާވަރު ކުޑަކުދިންތަ؟؟ ހީކުރަނީ މީ ކުޅޭ ކުޅިވަރެއްކަމަށްތަ އޭން؟؟ ޓެލް މީ އިޒް އެވްރީތިންގް އަ ފަ*ންގް ޖޯކް ޓު ޔޫ ބޯތް؟؟" ރިއާން އެއްފަހަރު ރާހިލްއަށް އަނެއްފަހަރު އިޝްވާއަށް ބަލަމުން ވާހަކަދެއްކިއެވެ.
"ބުނަން ރިއާން.. ތިވަރު ވާނެކަމެއް އަހަރެމެންނަކަށް ނޭނގޭ.. ޒީވާވެސް މިހުރިހާދުވަހުު ކޮންމެމީހަކާވެސް އޯކޭ.. ޝީރީން އާންޓީ ބުނީ ރިއާންވެސް އޯކޭ ދީފިއޭ.. އެހެންވީމަ މިތާގަ މައްސަލައަކީ ކޮބާކަމެއް ނޭނގޭ" ރާހިލްގެ ވާހަކަ އިވި ރިއާން ބަސްހުއްޓުނެވެ. އޭނާ ޝީރީން ގާތު އެހެން ބުންޏެއްކަމަކު އޭނާ ކައިވެނި ކުރަން ހޯދާނީ ޒީވާކަމެއް އުއްމީދުކުރާނެ ހެއްޔެވެ؟
"އެންމެ ފަހަރަކު ރާހިލް އަމިއްލައަށް އައިސް އަހަރެންގެ ހިޔާލު ހޯދައިލިނަމަ.. އެންމެ ފަހަރަކު.. އެންޑް ޔޫ" ރިއާން ޝައިނާއާ ދިމާލަށް އެނބުރިލިއެވެ. "މިދެމީހުން ޖަހާ ސަކަރާތް އެގޮތުގަ ބާއްވާފަ އަހަރެން ހީކުރީ ޝައިނާއަކީ މިވަރު ކަމެއްގަ ބައިވެރި ވާނެ ވަރަށްވުރެ ވިސްނޭ މީހެއްކަމަށް. އެނގޭތަ އަހަރެމެން ދެމީހުނަށް ކިހާ ބޮޑު އޮޅުވާލުމެއްކަން ތި އޮޅުވާލެވުނީ؟" ރިއާން ބުންޏެވެ. އަދި ޒީވާއެކޭ އެއްފަދައިން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
"ކޮބާ؟ އަހަރެން އޭރުވެސް އިޝީ ކައިރި ބުނީމެއްނު މީ ރަނގަޅު ގޮތެއް ނޫނޭ.. ސިއްރު ކުރާނެ ކަމެއް ނެތޭ" ޝައިނާ ނިއްކުރީގައި ހިފަހައްޓައިލަމުން ދެކޮޅަށް ހިނގަންފެށިއެވެ. ޒީވާއާއި ރިއާންއަށްވެސް މިކަން ކުއްލިއަކަށް ގަބޫލުކުރަން ކިހާ އުނދަގޫ ވާނެކަން އޭނާއަށް އެނގެއެވެ. ކައިވެންޏާ ކައިރިކޮށް މިހާ ކުއްލިގޮތަކަށް މިކަން އެނގުމަކީ ރަނގަޅުގޮތެއް ނޫންކަން އިޝްވާއަށް ވިސްނައިދޭން އޭނާ ކިހާ މަސައްކަތެއްކުރި ހެއްޔެވެ؟
"ދެމީހުން އައިސް އަހަރެންނާ ދިމާލަށް އެއްޗެހި ކީއިރު ހީވަނީ އަހަރެންހެން މި ހުރިހާ ކަމެއް ރޭވީ.. އަހަރެން މީ މި ހުރިހާކަމެެއް އެންމެ ފަހުން އެނގުނު މީހާ" ރާހިލް ޗޮކެއް ކަނޑައިލަމުން އެނދުމައްޗަށް ވެއްޓިގަތެވެ.
"އަޅެ ދެން ކިހިނެއްް ހަދާނީ؟" އެތަނަށް އައިސް އުޅުނު ޒީވާގެ އެކުވެރި އައިޝް އަހައިލިއެވެ.
"ދެން ކުރެވޭނެ ކަމެއް ނެތް.. އިތުރަށް ވާނެގޮތެއް އެނގޭނީ އެދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކާފަ ބުނާ އެއްޗަކުން" ޝައިނާ ބުންޏެވެ. އެންމެންވެސް ތިބީ ދެންވާނެ ގޮތެއް އެނގުމަށް ކެތްމަދުވެފައެވެ.
***********
ކޮޓަރިން ނުކުމެވުމާއެކު ރިއާން އަވަސްވެގަތީ ޒީވާ ހޯދުމަށެވެ. ހޯލްވޭގެ ދެފަޅި ބަލައިލުމަށްފަހު ޒީވާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ދެފަހަރަކު ޓަކި ޖަހައިލުމުންވެސް ރައްދެއް ނުލިބުމުން ތަޅުގައިހިފައި އަނބުރައިލި ވަގުތު ފަސޭހަކަމާއެކު ދޮރު ހުޅުވިއްޖެއެވެ. ނަމަވެސް ޒީވާ ފެންނާކަށް ނެތެވެ. ސުކުންތެއްވެސް ބޭކާރު ކުރުމެއްނެތި އޭނާ ސިޑިން ތިރިއަށް ދުއްވައިގަތެވެ.
"ޒީވް ދުށިންތަ؟" ތިރީގައިތިބި ވާފިޔާމެންގާތު ރިއާން އެއްސެވެ.
"އާން ދެންމެ ނުކުތީ.. ބޭރަށް ދާނެހެނެއް ހިއެއްނުވޭ އަޅެ ޓެރަސް ބަލާލަބަ" ވާފިޔާ ޖަވާބުދިނެވެ. އޭރު ރިއާން ގޭގެ ދޮރުން ނުކުމެގެން ހިނގަައްޖެއެވެ. ޓެރަހަށް އެރުމާއެކު އޭނާއަށް ދާދި ފަސޭހަކަމާއެކު ޒީވާ ފެނުނެވެ. ޓެރަހުގެ ރެއިލިންގްގައި އަތް އަޅުވައިލައިގެން ބޭރަށް ނަޒަރުހުއްޓާލައިގެން ހުރި ޒީވާއާ ދެތިން ފޫޓު ފަހަތުގައި އޭނާ ހުއްޓުނެވެ. ޒީވާގެ ބޮލުގައި އޭރު އަޅުވައިދިން "ޓިއާރާ" ފައި ކައިރީގައި އޮތެވެ. ރީތި ހުޅިއަކުން ޒީވާގެ ފަންއިސްތަށިގަނޑު ހައްޔަރު ކޮށްލެވިފައިވާއިރު ލައިފައިވާ އޮފް ޝޯލްޑަރ ހެދުމުގެ ސަބަބުން ޒީވާގެ ކޮނޑުގައި ހަރުލައިފައިވާ މަޑު ތުރުތުރު އޭނާއަށް ފާހަގަވިއެވެ. އެއީ ޖެހެމުންދާ ވައިރޯޅީގެ ފިނިން އުފެދިފައިވާ ތުރުތުރެއް ކަމުގައި އޭނާއަށް ލަފާކުރެވުނެވެ.
"ޒީވް.. ޒީ" ރިއާން ދެފަހަރަކު ގޮވައިލުމުންވެސް ޒީވާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ރިއާން ދެފިޔަވަޅެއްހާ ގާތަށް ކުރިއަށް ޖެހިލިއެވެ. ޒީވާގެ ހާމައަށްއޮތް ކޮނޑާއި ކަނދުރާފެނި އޭނާއަށް ހިންދިރުވައިލެވުނެވެ. އެ އޮމާން ކޮނޑުގައި އަތްބީއްސައިލަން ނަފްސު އެދުނު ނަމަވެސް އެވަގުތުގެ ނާޒުކު ކަމާއި ދައްކަން އުޅޭ ވާހަކައިގެ މުހިއްމުކަމަށް ރިއާޔަތްކޮށް އެހިޔާލު ދޫކޮށްލަމުން ހެދުމުގައިވާ ދިގު އަތުގެ ހުރަހާއެކު ޒީވާގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. ރިއާން އުއްމީދުކުރި ފަދައިން ޒީވާގެ ސަމާލުކަން ލިބުނެވެ. ރިއާން އަތްލުމާއެކު ޒީވާ ސިހިފައި ރިއާންއާ ދުރަށް ދެތިން ފިޔަވަޅު އަޅައިލިއެވެ. އަވަސްކަމާއެކު އެދެލޮލުން ފައިބައިފައިވާ ކަރުނަތައް ފޮހެލިގޮތުން ރިއާންއަށް ކުރިން އެ ހަށިގަނޑުގައި ހުރި ތުރުތުރަކީ ރުއިމުގެ ސަބަބުން ހަރުލައިފައިވި ތުރުތުރެއްކަން އެނގުނެވެ.
"އަހަރެންނަށް އެނގޭ ރިއާންއަށް ގަބޫލު ކުރަން އުނދަގުވާނެކަން.. އެކަމަކު ހުވާ ކޮށްފަ މި ބުނަނީ.. މިކަމުގަ އަހަރެންގެ އެއްވެސް ރޭވުމެއް ނެތް.. އަހަރެން ރިއާންގާތު ބުނީމެއްނު ރިއާން ހޯދުމުގެ އެއްވެސް އެދުމެއް މިހާރު އަހަރެންގެ ނެތޭ" ޒީވާ އޭނާގެ ކުށެއްނެތްކަން ސާބިތުކޮށްދޭން މަސައްކަތް ކުރިއެވެ.
"ޒީވް.. ހަމަ ޖެހިބަ.. އަހަރެން ޒީވްއަކަށް އެއްވެސް ކަމެއްގަ ބްލޭމެއް ނުކުރަމެއްނު.. އަހަރެންނަށް އަދިވެސް މިހިރީ ގަބޫލު ނުކުރެވިފަ ބައްޕައަށް ނާޝިދުބެގާތު މިކަހަލަ ވާހަކައެއް ދައްކަން ކެރުނު ކަމަށްވެސް.. އަހަރެން.. އަހަރެންނާހެދި ޒީވް މިހާ މަޖުބޫރީ ހާލަތަކަށް ދިޔައީތީ މާފަށް އެދެން.. އަހަރެން.. އަހަރެން މިވާހަކަ ބައްޕައާ ދައްކާނަން.. ކުރިންވެސް ބުނިހެން ޒީވް ބޭނުންނެތް މީހަކާ ޒީވް ކައިވެނި ކުރާކަށް ނުޖެހޭނެ.." ރިއާން އިސްޖަހައިލިއެވެ. އެއްވެސް ހާލެއްގައި ރިޔާޒް ބުނި ފަދައިން އާއިލީ ވިޔަފާރިއަށް ވާރިސެއް ހޯދުމަށް ބޭނުންކުރާ ހަތިޔާރަކަށް ޒީވާ ހަދާކަށް އޭނާ ބޭނުމެއްނޫނެވެ. އެކަމުގައި އޭނާ ރިޔާޒާ ދެބަސްވާން ޖެހުނު ކަމުގައި ވިޔަސް ފަރުވާލެއްނެތެވެ. އެއީ ރިޔާޒްއާ ދެބަސްވުމެއް ހިނގާނެ ފުރަތަމަ ފަހަރެއްނޫންތާއެވެ. ރިޔާޒް ހީކުރަނީ ޒީވާއަކީވެސް ރިޔާޒް ބޭނުންގޮތަކަށް ކުޅެވޭނެ އެއްޗެއް ކަމުގައި ހެއްޔެވެ؟
"ނޫން ރިއާން.. ރިއާންއަށް ތި ހީވަނީ މުޅިން ގޯސްކޮށް.. މި ވާހަކަ.. މި ވާހަކަ ފުރަތަމަ ދެއްކީ ރިޔާޒްބެއެއް ނޫން.. އަހަރެންގެ ބައްޕަ.. އަހަރެންނަކަށްވެސް ބައްޕަ ކައިވެނީގެ ވާހަކަ ދެއްކީ ކޮންބަޔަކާކަމެއް ނޭނގޭ.. އެނގޭހާވެސް އެއްޗަކީ އެރޭގެ ފަހުން ބައްޕަ ކައިވެނީގެ ވާހަކައެއް ދެއްކިކަން.." ޒީވާ ބުންޏެވެ.
"ކީއްވެ؟ ނާޝިދުބެ ޒީވް ކައިވެނި ކުރުވަން ބޭނުންވަނީ ކީއްވެ؟ މީ މާލީ ނޫނީ ސިޔާސީ މަންފާއަކަށް ކުރާ ކަމެއް ކަމުގައި ވާނަމަވެސް މިކަން އެންމެ ފުރަތަމަ އެނގެން ޖެހޭނެ މީހަކީ އަހަރެންނެއްނު.. އަހަރެންނާ އެކަހަލަ ވާހަކައެއް ދެއްކިޔަސް.. އަހަރެން ދުވަހަކުވެސް ޒީވްއަށްް މިކަހަލަ ކަމަކަށް މަޖުބޫރުވާފަދަ ގޮތަކަށް އެކަހަލަ ޝަރުތެއް ހުށައެއްނާޅާނެ… ދެން ކީއްވެ؟" ރިއާންގެ ސިކުނޑި ސުމަކަށްދާވަރުވިއެވެ. މިފަދަ ކަމެއްގަ ދެ އާއިލާ އެއްބަސްވާންޖެހޭ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. ވިސްނާ ވިސްނާ ސިކުނޑި ސުމަކަށްދާން ފެށިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ވެރިވި ހިޔާލާއެކު އޭނާގެ ހަށިގަނޑު އެކީ އެކައްޗަކަށް ފިނިވެގެން ދިޔައެވެ.
"ޒީވް.. އަރ ޔޫ.. ބައި އެނީ ޗާންސް.. އާރ ޔޫ.. ޕްރެގްނެންޓް.." ރިއާންއަށް ހިންދިރުވައިލެވުނެވެ. އެސުވާލު އެހުމަށްޓަކައި ހަށިގަނޑުގެ ހުރިހާ ހަކަތައެއް އޭނާގެ ދުލުކުރިއަށް ގެންނަންޖެހުނެވެ. ނަމަވެސް އޭނާވަނީ އޭގެ ޖަވާބަކަށް ބޭނުންވެފައެވެ. އެޖަވާބު އޭނާއަށް ލިބިގެންދިޔައީ މޫނުމައްޗަށް ޒީވާގެ އަތްތިލައިން އަރައިގެންދިޔަ ހޫނު ހަމަލާއިންނެވެ.
"ޗީޑި.. ރިއާން ލަދެއް ނުގަނޭތަ ތިވަރު ބޮޑު ތުހުމަތެއް އަހަރެންގެ ބޮލުގަ އަޅުވަން؟ ރިއާން ހީކުރީ އަހަރެން މިއުޅެނީ ރިއާންއަށް އޮޅުވާލައިގެން ހަރާމް ދަރިއެއް ރިއާންގެ ބޮލަށް ޖަހަން ކަމަށްތަ؟ ބައްޕަ އެވާހަކަ ދެއްކީ ސަބަބެއް އޮވެގެން… އަހަރެންނަށް ރަނގަޅަކަށް.. އަހަރެންވެސް ބޭނުންވެގެން.. ގޯސްވީ ވާހަކަ ރައްދުވި ފަރާތް… އަހަރެންގެ ސަބަބުން ހަލާކުވެގެންދާނީ ރިއާންގެ ދިރިއުޅުުންކަން އެނގުނުނަމަ އަހަރެން ދުވަހަކުވެސް މިކަމާ އެއްބަހެއް ނުވީސް… އަހަރެންނަށް ގޮތް ހުސްވީކީވެސް ނޫނެއްނު.. ފައިސަލްވެސްހުރީ އަހަރެންނާ އިންނަން ތައްޔާރަށް.. ރިއާން ކޮންމެހެން ތިކަހަލަ ހަޑިހުތުރު ވާހަކަ ނުދެއްކިޔަސް.. އަހަރެން ބައްޕައާ ވާހަކަ ދައްކައިގެން މި ކައިވެނި ހުއްޓުވާފާނަން" ޒީވާ ބުންޏެވެ. އަދި އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް އެއަށްވުރެން ކުރިން ރިއާންގޮސް ޒީވާގެ ކުރިބެއްދިއެވެ.
"ޒީވާ ހަމަ އެހާވެސް ބޮޑަށް އަހަރެންނަށް ނަފްރަތު ކުރަންތަ؟ އަހަރެންނަށްވުރެ އެ ފައިސަލްއާ އިނުންވެސް ޒީވާގެ ހިތަށް މާ ފަސޭހަދޯ؟ މައްސަލައެއްނެތޭ.. އަހަރެންވެސް މާބޮޑު ޝައުގެއްހުރި މީހެއްނޫނޭ ތީ އެއްވެސް އިރެެއްގަ.. އެކަމަކު ކައިވެންޏެއް ކުރަން ހުރިހާ ކަމެއް ތައްޔާރުކޮށް މިހާ ހަމައަށް ގެންދިޔައިމަ މިފަދަ ކަމަކަށް އަހަރެން ވައްދަންޖެހުނު ސަބަބު އަހަރެންނަށްވެސް އެނގެންޖެހޭނެކަން ގަބޫލުކޮށް އެ ސުވާލު ކުރީ.. ޒީވާއާ ދެތެރޭ ގޯސްކޮށް އެއްޗެއް ހީކޮށްގެނެއްނޫން… ތިބުނާވަރު މަޖުބޫރީއެއް ނެތްނަމަ މިވީހާދުވަހުވެސް ޒީވާއަށް މި ކައިވެނި ހުއްޓުވުނީހެެއްނު.. އަހަރެންނަށް އެނގޭ ޒީވާއަކަށް މީހަކާ ދެކޮޅަށް އަދި ހާއްސަކޮށް ނާޝިދުބެއާ ދެކޮަޅަށް އެއްޗެކޭ ބުނާކަށް ނުކެރޭނެކަން.. ދެން މި އޮތީ އަހަރެންނާ ޖެހިފަ.. ދެން މިވާހަކަ ދައްކާނީ އަހަރެން.. ޒީވާއަށް ކޮންމެހެން ނާޝިދުބެގެ ކުރިމައްޗަށް މި ވާހަކަ ހިފައިގެން ދާކަށް ނުޖެހޭނެ." ރިއާން ބުންޏެވެ. އަދި އެންމެ ފަހަރަކުވެސް ފަސްއެނބުރި ޒީވާއަށް ބެލުމެއްނެތި ސިޑިން ފައިބައިގެން ދިޔައެވެ. ގޭގެ ދޮރުން އެތެރެއަށް ވަދެވުމާއެކު ރިއާން އެންމެ ފުރަތަމަވެސް ގޮސް ހުއްޓުނީ ޝީރީން އިށީނދެއިން ގޮނޑި ކައިރީގައެވެ.
"ބައްޕަ ކޮބާ؟" ރިއާންގެ އަޑުގައިވި ހަރުކަށިކަން ފޮރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"ކިހިނެއްވީ؟" ޝީރީން ކަންބޮޑުވެފައި އަހައިލިއެވެ.
"އަޑެއް ނީވޭތަ؟ ބައްޕަ ކޮބާހޭ؟" މިފަހަރު ރިއާންއަކަށް އެ ހަރުކަށިކަން ސިއްރެއް ނުކުރެވުނެވެ. ޝީރީންއަށް އެކަން އެނގުމާއެކު ކައިރީގައި އިން ވާފިޔާގެ މޫނަށް ބަލައިލުމަށްފަހު އަބުއި ގޮތަކަށް ހިނިތުންވެލަމުން ރިއާން ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.
"ރިއާން.. ދަރިފުޅު ތިގޮތަށް ވާހަކަދެއްކީމާ ވާފިޔާއްތަ ހީކުރާނީ ކީކޭ؟" ޝީރީން ވާފިޔާއަށް ނީވޭނެހާ ސިއްރުން ބުންޏެވެ. އޭރު އެމީހުނަށް ތިބެވުނީ ވާފިޔާއާ މާ ދުރަށް، ގޭގެ ދޮރާ ހިސާބަށް އާދެވިފައެވެ.
"ކިހިނެއްވީ؟ އަހަރެން ވާފިޔާއްތަ ރުއްސަން ޖެހޭ ސަބަބެއް އޮތީތަ؟" ރިއާންގެ ސުވާލާއެކު ޝީރީނަށް ވެގެން އުޅޭގޮތް ރޭކައިލިއެވެ. ރިއާންގެ ރުޅިވެރިކަމުގެ ފަހަތުގައިވާ ސަބަބު ފަހުމްވިއެވެ.
"ދަރިފުޅާ ރިއާ—"
"ކިތައް ފަހަރުތަ އަހަރެން ކަލޭގާތު ބުނަންޖެހެނީ އަހަރެންގެ ބައްޕައާ ކައިވެނި ކުރިޔަކަސް ކަލެއަކީ އަހަރެންނާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނޭ.. އަހަރެންގެ އަމިއްލަ ދިރިއުޅުމާ ގުޅޭ އެއްވެސް ކަމެއްގަ ކަލޭ ހިއްސާވާކަށް ނުޖެހޭނެ.. ދުވަހަކުވެސް ކަލޭ އަހަރެންގެ މަންމައަކަށް ނުވާނެ!! އަޑު އިވިއްޖެތަ؟ އެހެންވީމަ އަހަރެން ކަލެއާ ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ. ދެން އަހަރެން ކުރި ސުވާލަށް ޖަވާބުދީ.. ބައްޕަ ކޮބާހޭ؟؟" ރިއާންގެ ވާހަކަ އިވުމާއެކު ޝީރީން ފެންކަޅިވިއެވެ. ނަމަވެސް އެ ބަލިކަށިކަން ނުދައްކާ އޭނާ ރިއާންގެ ސުވާލަށް ޖަވާބުދިނެވެ.
"ރިޔާޒްވީ ރޫޓިން މެޑިކަލް ޗެކަށް ހޮންގް ކޮންގް ގަ.. އަހަރެން މިފަހަރު ނުދިޔައީ ކައިވެންޏާ ގާތްވެފަ އޮތީމަ" ޝީރީން ބުންޏެވެ.
"ކައިވެނި ކައިވެނި ކައިވެނި… ބޯ ފަޅައިގެންދާވަރުވޭ" ރިއާންއަށް ދަތްކުނޑި ވިކައިލެވުނެވެ. "ބައްޕަ އަންނާނެ އިރެއް އެނގޭތަ؟"
"މާދަންރޭގެ ފްލައިޓްގަ އަންނަން ހަމަޖެހިފަ އޮތީ" ޝީރީން ޖަވާބު އިވުމާއެކު ރިއާން އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި އެގެއިން ނުކުތުމަށް ހިނގައިގަތެވެ.
"ރިއާން.. ދަރިފުޅާ މަޑުކޮށްބަ!" ރިއާންގެ ފަހަތުން އެގޭގެ ދޮރުން ނުކުތް ޝީރީން ގޮވައިލިއެވެ. ނަމަވެސް ރިއާންގެ ފިޔަވަޅުތައް މަޑުޖެހުނީ ލިފްޓާ ހިސާބުންނެވެ. އެންމެ ތިރީ ފަންގިފިލާގައި ހުރިކަމަށް ދައްކާ ލިފްޓު އެހިސާބަށް އައުމަށް ވަގުތު ނަގާނެކަން އެނގިހުރެ ޝީރީން އެވަގުތުގެ ބޭނުން ހިފައި ރިއާންއާ ދައްކަންހުރި ވާހަކަތައް ފެށިއެވެ.
"ރިއާންއަށް ފަހަރެއްގާ ދުވަހަކުވެސް އަހަރެންނަށް މަންމައެއްގެ މަގާމު ނުދެވިދާނެ.. އެކަމަކު އަހަރެން އަބަދުވެސް ރިއާންއާ ދެތެރޭ ދެކެނީ އަދި އަމަލު ކުރަނީވެސް އަމިއްލަ ދަރިއެެއް ފަދައިން… ރިއާންގެ ހުރިހައި އުއްމީދެއްގައި ކުލަޖައްސާދޭން އަހަރެން ކުރާ މަސައްކަތް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ. ފަހަރެއްގާ ރިއާންގެ ހިތުގަ ޒީވާއަށް އޮތް މަގާމާ ދޭތެރޭ ކުށްހީ ކުރެވި ރިއާންގެ އުފާވާނެ ކަމަށް ހީކޮށް މީ ކައިވެންޏަށް އާނއެކޭ ބުނުމަކީ އަހަރެންނަށް ހެދުނު ގޯހަކަށްވެސް ވެދާނެ.. އެކަމަކު އަހަރެން ބުނެލަން ބޭނުން.. ނާޝިދުހުރީ ރިއާން ނޫން އެހެން މީހަކާވިޔަސް ޒީވާގެ ކައިވެނި ކުރުވަން.. ރިއާން ނޫނެކޭ ބުނިއްޔާ އެހެން މީހަކާ އެ ކައިވެނި ކުރެވޭނެ. އެގޮތް ރިއާން ބޭނުންތަ؟ ގޮތްނޭނގޭ ބައެއްގެ އަތްމައްޗަށް ކުޑައިރުގެ ރަހްމަތްތެރިޔާ ދޫކޮށްލަން ރިއާން ބޭނުންތަ؟ އަނެއްކޮޅުން ރިޔާޒަކީ އެއްވެސް ވަރަކަށް މީހެއްގާތު އާދޭސް ކުރާނެ މީހެއްނޫން.. ރިއާން ނޫނެކޭ ބުނެފިނަމަ ދެވަނަ ފަހަރު ރިއާންގާތު މި ކައިވެންޏަށް އެއްބަސް ވާކަށް ރިޔާޒް އާދޭހެއް ނުކުރާނެ… ރިޔާޒްގެ ފަހު ބަހަށްފަހު ދެން ރިއާންއަކަށްވެސް އަލުން މި ކައިވެންޏަށް އެއްބަސްވުމުގެ ޖާގައެއް ނޯންނާނެ.. އޭރަށް ރިއާންއަށްވެސް ޖެހޭނީ ރިޔާޒްދައްކާ ބީރައްޓެހި ކުއްޖަކާ ކައިވެނި ކުރަން.." ޝީރީންގެ ވާހަކަ އަޑު އަހަމުންދިޔަ ނަމަވެސް ލިފްޓު އައުމާއެކު ރިއާން ލިފްޓަށް އަރައި ހަމަޖެހިލަމުން ބޭރުގައިހުރި ޝީރީނާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
"އަދި ވަގުތު އެބަ އޮތް.. އަވަސް އަރުވާލައިގެން ފަހުން ހިތާމަ ކުރަންޖެހޭވަރު ނިންމުމެއް ނިންމުމުގެ ކުރިން މާދަމާރޭ ވަންދެން ވިސްނާލާ.." ލެއްޕެމުންދިޔަ ލިފްޓުގެ ތެރެއިން ޝީރީންއަށް ބަަލަންހުރި ރިއާންގެ ސިކުނޑީގައި ޝީރީންގެ ބަސްތައް ހަރުލިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
އަންޔާސިސް… ކޮބާ އެކާވީސްވަނަބައި. އަނެއްކާ ނޫރްއަށް އެ ބައި ނުފެނުނީ ބާ… އެކަމަކު ވާހަކަ ނެރޭތޯ އަބަދު ބަލަބަލާ މިހުރީ.
އަޅޭ ރިއާންއާ ޒީވާދުރުނުކުރައްޗޭއެދެމީހުން
ގުޅެންވަރައްބޭނުންއަހަރުންވެސް
ބްރޯ މި ރިއާނެއް މަތިން ފޫހިވެއްޖެ މިހާރު. ބަޓް އައި ލައިކް ދަ ޓެންޝަން ބިޓްވީން އެވްރީވަން. ޒީ ޑިޒާވްސް ބެޓާރ
އަވަހަށް އަޕްލޯޑް ކޮށްދިނުން އެދެން ވަރަށް އިހުތިރާމާއި އެކީ
ވާހަކަ އަޕްލޯޑު ކޮއްދީބަ ވަރައް އިންތިޒާރު އެބަ ކުރެވޭ