Monday, 07 October 2024

ހިތް އެދޭހާ ކަމެއް.. (28 ވަނަބައި)

އެލީޝާ ގެނެސްދިން ފެންތަށި އެއްނޭވައިން ހުސްކޮށްލުމަށްފަހު ރާހިލް އަނެއްކާވެސް ދިޔުމުގެ އިޒުނައަކަށް އެދުނެވެ. އެވަގުތު އެލީޝާ ގެނައި ހަރަކާތާއެކު ރާހިލްއަށް އިރުކޮޅަކު ހަރަކާތްކޮށްލަންވެސް ނޭނގިފައި ހުރެވުނެވެ. އެލީޝާގެ ހޫނު ތުންފަތް އޭނާގެ ތުންފަތުގައި ބީހިލި ވަގުތު އޭނާއަށް އެލީޝާގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ.

**************

"އަހަރެން ގައިގަ އަތްނުލާތި! ކޮންމެހެން އަހަރެން ނެތަކަސް ރާހިލްއަށް ކަމެއް އުނިވާހެނެއް ހިއެއްނުވެއެއްނު.؟" ކޮނޑުގައި އޮތް ރާހިލްގެ އަތް ފޮޅުވައިލަމުން ޝައިނާ ކުރިއަށް ދެތިން ފިޔަވަޅު އަޅައިލިއެވެ. އެދެމީހުން ތިބީ ޝައިނާ ނިދާ ކޮޓަރީގައެވެ.

"ދެން އަޅެ ހެޔޮނުވާނެ.. ކޮންމެ ކަމެއްގަ މިހެން އާދޭސް ކުރަން ނުޖައްސާ އަހަރެން ކިޔާ އެއްޗެއް އެންމެ ފަހަރަކުވެސް ގަބޫލުކޮށްބަލަ. އަހަރެން ގަސްތުގަ ލަވް އަކަށް އެހެން ނަހަދާނެއެއްނު" ރާހިލް ގޮތް ހުސްވެފައިހުރެ ޝައިނާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.

"އަހަރެންވެސް ހިއެއް ނުކުރަމޭ ރާހިލް ދެ ރޭ ދެ ދުވަސް ވަންދެން ތިހެން އަހަރެންނަށް ހަބަރެއްނުވެ ހުންނާނެކަމަށް. އަހަރެން ކަންބޮޑުވާނެވަރު ރާހިލްއަށް ނޭނގެނީތަ؟ ކުޑަމިނުން އަހަރެން ކޮށްލި އެންމެ މެސެޖަކަށް ޖަވާބެއް ދިން ނަމަ. އަހަރެން ރާހިލްގެ ހަބަރެއް ހޯދާނީ ކިހިނެއް؟ ޒީއަށް އަހަރުމެންގެ ކަމެއް އެނގެނީކީ ނޫން.. ދެންހުރީ ރިއާން.. އެއީ މަސައްކަތުގެ ގޮތުން އަހަރެންގެ ވެރިމީހާ.. ރިއާން ގާތު އަހާކަށް ނުކެރޭނެ… އިޝްކޮ އެދަނީ ފެށުނީއްސުރެން އަހަރެންނަށް ރާހިލްގެ އުޅުން ހުންނަ ގޮތާމެދު އިންޒާރު ދެމުން.. ރާހިލް ކޮބާހޭ އަހާލާއިރަށް އިޝްކޮ އެބަ ބުނޭ ގޭގަައޭ.. އެއަށްވުރެން އިތުރަށް އަހަން ކެރޭނެތަ؟ ރާހިލް.. އަހަރެން ހީކުރީ އެހެން އެންމެނެކޭ އެއްގޮތަށް ރާހިލް އަހަރެންވެސް.."

"ވަޓް؟ ނޯ.. އަހަރެން ޝައިނާ އެހާ ފަސޭހައިން ދޫކޮށްލާނޭ ހީވަނީތަ؟ ޝައިނާއާނުލާ އަހަރެންނަށް އެހާ ފަސޭހައިން އުޅެވިދާނޭ ހީވަނީތަ؟" ރާހިލް ފަހަތުން އައިސް ޝައިނާގެ ގައިގައި ބައްދައިލިއެވެ.

"ހީވަނީކީނޫން.. ޔަގީން.. ދެދުވަސް ވަންދެންވެސް ތި އުޅުނީނު؟ އުނދަގުލެއް ނޫނެއްނު؟" ޝައިނާ ހިތްހަމަނުޖެހިފައި ބުންޏެވެ.

"ދެން ޕްލީޒް ލަވް… ބުނެފީމެއްނު އަހަރެން ވަރަށް ގަދަޔަށް ބޮލުގަ ރިއްސާތީ ހަބަރެއް ނުވެވުނީއޭ" ރާހިލް ބުންޏެވެ.

"ތިއީވާ ވަރެއްގެ ރިހުމެއް ދޯ.. ދެދުވަސް ވީއިރުވެސް ރަނގަޅު ނުވާ ރިހުމެއް.." ޝައިނާ މަލާމާތުގެ ރާގެއްގައި ބުންޏެވެ.

"ދެން އަހަރެން ރަނގަޅުވެފަ ލަވްއާ ވާހަކަ ދައްކަން މަޑުކޮށްލީއޭ.. ދެން އެކަމަކު އެހެން ނަހަދާނަން.. އެހެންނޫނަސް ލަވް ހާސްވަނީ ކޮންކަމަކާތަ؟ އިޝީ ބުނިހެން އަހަރެން އޮތީވެސް ގޭގައެއްނު.. ބޭރަށްވެސް ނުކުތީކީ ނޫން. އަދިވެސް އަހަރެންނަށް އިތުބާރު ނުކުރަނީތަ؟" ޝައިނާއާ އަތުގައި ހިފައި އޭނާއާ ކުރިމަތިވާނެހެން އަނބުރައިލަމުން ރާހިލް އެހިއެވެ.

"އިތުބާރު ކުރަމޭ.. ދެން އެކަމަކުވެސް.. އަ މިސްޑް ޔޫ.. ދެން އެގޮތަށް ބިރު ނުގަންނަވައްޗޭ.. މިހާރު ބޯ އޯކޭތަ؟" ޝައިނާގެ އަޑުގައިވި ހަރުކަށިކަން އެއްކޮށް ފިލައިދިޔައެވެ.

"ހޫމް. ތިހެން ލޯބިން ބަލާލީމަވެސް މިހާރު ރިހުން އެއްކޮށް ފިލައިފިހެން ހީވަނީ.." ރާހިލް ހިނިތުންވެލަމުން ޝައިނާގެ އަތުގައި ބޮސްދިނެވެ.

"އަޅެ މިހެން ލޯބިން ބަލާލާތޯ ދެދުވަސް މަޑުނުކޮށް ކުރިންވެސް އައިނަމަ" ޝައިނާ ތުން އަނބުރައިލަމުން ބުންޏެވެ.

"ދެން މިހާރު މި އައީ އެއްނު. އައިމަ ދެން ލޯބިން ދޮނެއްވެސް ނުދޭނަންތަ؟" ރާހިލް ޝައިނާގެ ދަތްދޮޅިގައިހިފައި އިސް އުފުލައިލިއެވެ. އެއާއެކު ކޮޓަރީގެ ތެރެއިން ދެމީހުންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ.

**************

ދަންވަރު ޑިއުޓީ އޮންނަ ހަފްތާއަކަށްވާތީ މެންދުރުގެ ވަގުތު ޒީވާ ގޭގައި އިނީ އޭނާ ގެންގުޅޭ ވާހަކަފޮތަށް ގެއްލިފައެވެ.  ދެފަހަރަކު އެޕަރޓްމެންޓްގެ ބެލް އަޅައިލި އަޑު އިވުމުން އޭނާ ތެދުވެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެހިސާބަށް ދެވުމުގެ ކުރިން އެދޮރު ހުޅުވައިލެވުނެވެ. އެތެރެއަށް ވަދެގެންއައި ޖޫލިޔާފެނި އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"ޖޫލީ.. ބުނެވެސް ނުލާ އަނެއްކާ ކޮން ކަމަކު؟" ޒީވާ އަހައިލިއެވެ.

"މީ ގެ ސާފުކޮށްފަ ކުޑަ ސާހިބްގެ އޮފީސް ގަމީސްތައް ދޮވެ އިސްތިރި ކޮށްލަންވެގެން" ޖޫލީ ބުންޏެވެ. 

"އޯހް.. ރިއާން ބުނީތަ؟ އަހަރެން ކައިރި ބުނެލި ނަމަވެސް—"

"ނޫނޭ.. އާންމުކޮށް ރިއާން އަމިއްލައަށް ދޮވެ އިސްތިރި ކުރާނެ.. އޮފީހަށްދާ ރަސްމީ ހެދުންތައް އެކަނި އަހަރެން ކޮންމެ ދެ ހަފްތާއަކުން އައިސް ދޮވެ އިސްތިރި ކޮށްދެނީ" ޖޫލިޔާ ބުންޏެވެ. ޒީވާ އެންމެރަނގަޅޭ ބުނެ ބޯ ޖަހައިިލިއެވެ. އޭރު ޖޫލިޔާ ރިއާންގެ ކޮޓަރި ދޮރު ހުޅުވައިލުމަށްފަހު ދާ ގަމީސްތައް ހިފައިގެން ނުކުންނަނީއެވެ.

ޒީވާއަށް ފަހަތައް ޖެހިލެވުނެވެ. އޭނާގެ ކޮޓަރި ރިއާންއާ ވަކި ކުރިފަހުން އޭނާ އަދި ރިއާންގެ ކޮޓަރިއަށް ވަދެފައެއް ނުވެއެވެ. ރިއާން ގޭގައި ނޫޅޭ ވަގުތެއްގައިވެސް ކޮޓަރި ތަޅުލާފައި ދާތީ ޒީވާއަށް އެ ކޮޓަރިއަށް ވަނުން މަނާ ކަމުގައި ދެކެވުނެވެ. ނަމަވެސް ޖޫލިޔާ އަތުގައި އެ ކޮޓަރީގެ ތަޅުދަނޑި އޮތްތަން ފެނުމުން ޒީވާއަށް އާދަޔާހިލާފު ބީރައްޓެހިކަން އިހުސާސްވާން ފެށިއެވެ.

"އަހަރެން މިދިޔަ ހަފްތާ ނޫން ކުރީ ހަފްތާގަ އައި އިރު ޒީ ނޫޅޭ" ޖޫލިޔާ ބުންޏެވެ.

"އެ ވާނީ ޑިއުޓީގަ ކަމަށް.. ޖޫލީ.. ޖޫލީއަށް އެގޭގެ ކަންކަން ބަލަހައްޓަމުން މިކޮޅަށް އަންނަންވެސް ކިހާ އުނދަގޫވާނެ.." ޒީވާ ބުންޏެވެ.

"ނޫނޭ.. ރިއާން އަހަރެންނަށް ފައިސާ ދޭ.. އަހަރެން ދަރިފުޅު ކޮލެޖްގަ އުޅޭތީއާއެކު އަހަރެން އިތުރު މަސައްކަތް ކުރަން ބޭނުން" ޖޫލިޔާ ބުންޏެވެ. ޒީވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޖޫލިޔާ އެބުނި ފަދައިން ކަން އޮތްނަމަ އޭނާއަށް ޖޫލިޔާގާތު އެގެއަށް ނައުމަށް ބުނެވޭކަށް ނެތެވެ.

"އެހެންވިއްޔާ ޖޫލީ ދޭ ގޭތެރެ ސާފުކޮށްލަން.. އެހާ ހަޑިއެއްވެސް ނުވާނެ. ރިއާންގެ އެއްޗެހި އަހަރެން އަތަށް ގެނޭ.. އަހަރެން ދޮވެލާދޭނަން" ޒީވާ ބުންޏެވެ.

"އެކަމަކު ރިއާން—"

"އަހަރެން ރިއާން ގާތަކު ނުބުނާނަމޭ.. ޖޫލީގެ އާމްދަނީއަށް ހުރަސް އެޅޭ ކަމެއް އަހަރެން ނުކުރާނެއެއްނު؟ އެކަމަކު އަހަރެންވެސް ހިތްހަމަޖެހޭނެ ރިއާންގެ ކަންކަން މީހަކަށް ދޫކޮށްނުލާ އަހަރެން އަމިއްލައަށް ކުރަން" ޒީވާގެ އެދުމަށް ދެކޮޅު ހަދާކަށް ޖޫލިޔާއަކަށް ނުކެރުނެވެ. ދެމީހުން އެކުގައި ގޭތެރޭގެ މަސައްކަތްތައް ކޮށް ނިންމައިލުމަށްފަހު ޖޫލިޔާ އެގެއިން ދިޔައީ ރިއާންއަށް ޒީވާފަދަ އަންބަކު ދެއްވީތީ ޝުކުރު ކުރާ ހާލުގައެވެ.

***************

"ކީކޭ؟ ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ދެން ރާހިލް ޝައިނާގާތު ތިވާހަކަ ނުބުނަންތަ؟" ރިއާންގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.

"ނުބުނަން.. އަހަރެން ޝައިނާއާ އެކަހަލަ ވާހަކައެއް ދައްކާނީ ކޮން ދުލަކުން؟ އަހަރެން.. އަހަރެންނަކަށްވެސް ނޭނގެ އެގަޑީ ވީގޮތެއް ހަމަ ހުވާ.. އެކަމަކު ދެން ވީ ކަމެއްވީ.. އެވާހަކަ ނުދައްކާ.. އެއީ އަހަރެންނަށް މާ މުހިއްމު ވާހަކައެއްނޫން .. އަހަރެންގެ މުސްތަގްބަލް އޮތީ ޝައިނާއާއެކު" ރާހިލް ބުންޏެވެ.

"އެކަމަކު އަބަދަކު ސިއްރެއް ނުވާނެ.. އެެހެންމީހެއްގެ ފަރާތުން އެނގުމަށްވުރެން ރާހިލް ބުނިއްޔާ މާ ރަނގަޅުވާނެ" ރިއާން އިރުޝާދުދިނެވެ.

"ކޮން އެހެން މީހެއް؟ އެލީޝާއަކީ ޝައިނާއާ ގުޅުމެއް އޮންނަ މީހެއްނޫން.. ދެން ހުރީ ރިއާން.. ރިއާން ނުބުނާހާ ހިނދަކު ޝައިނާއަކަށް އެނގޭނެ ގޮތެއް ނޯންނާނެ" ރާހިލް ނިއްކުރީގައި ދެއަތުން ހިފަހައްޓައިލިއެވެ. "އަހަރެން ދަނީ.. މިތަނުގަ އިނދެގެންވެސް ބޯ ގޮވުން ނޫން ކަމެއް ނުވޭ" އޭނާ ބުންޏެވެ.

ރާހިލް ދިޔަ ދިމާލަށް ބަލަން އިނުނަށްފަހު ބޯ ހޫރައިލަމުން ރިއާން މަސައްކަތުގެ ތެރެއަށް ވަދެގަތެވެ. އެކަން މެދު ކަނޑައިލީ ގަޑިއެއްހާއިރު ފަހުން ނުދަންނަ ނަންބަރަކުން އޭނާއަށް އައި ފޯން ކޯލަކުންނެވެ. "ހަލޯ." ރިއާން ޖަވާބުދިނެވެ.

"އާނ… އަހަރެން ގުޅާލަންވެސް އުޅެފިން.. ހަފްތާއެއް ފާއިތުވިއިރުވެސް ހަބަރެއް ނުވީމަ ހީކޮށްގެން މިހިރީ ހަމްޒާގެ ހިޔާލު ބަދަލުވީއޭ.. އެންމެ ރަނގަޅު.. ނީމް ކިޔާ ކުއްޖަކު އެބަ ފޮނުވާލަން ގޭޓް ކައިރިއަށް އެކުއްޖާއާ ހަވާލުކޮށްލާ" ރިއާން ބުންޏެވެ.

ޕެންޑްރައިވް އަތަށް ލިބުމާއެކު ރިއާން އަވަސްވެގަތީ ގޮތްނޭނގޭ ޑިވައިސްތައް ޖެހުމަށްޓަކައި އޭނާ ގެންގުޅޭ ރިމޯޓް ލެޕްޓޮޕުން އޭގައިވާ ފުޓެޖްތައް ބެލުމަށެވެ. އެދުވަހުގެ ހުރިހާ ފޫޓެޖްއެއް ފަރުވާތެރި ކަމާއެކު ބަމުންދިޔައިރު ފައިގައިވާ މަޑު ތުރުތުރުންވެސް އޭނާގެ ހިތް އަވަސްވެފައިވާ މިންވަރު ބަލައިލި މީހަކަށް އެނގިގެންދާނެއެވެ. ކުއްލިއަކަށް ފުޓެޖް ނިވިގެންދިޔަތަން ފެނި ރިއާންއަށް ދެފަހަރަކު ލެޕްޓޮޕްގެ ފިއްބަރީގައި ތަޅައިގަނެވުނެވެ.

އިރުކޮޅެއްފަހުން ފޫޓެޖް އަލުން ރޯލުވާން ފެށި ވަގުތު ފެނުނު މަންޒަރުން ދެލޯ ނިއްކުރިއަށް އެރި ކަހަލައެވެ. ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހިލިއިރު އޭނާގެ ނޭވާވެސް ހުއްޓުނުހެން ހީވިއެވެ. އާނއެކެވެ. ޒީވާގެ ގައިގައި ބޯވައެއްހެން ތަތްވެގެން އޮތް މީހަކު ކުއްލިއަކަށް ޒީވާ ދޫކޮށްލުމަށްފަހު އެތަނުން ދުއްވައިގަތް މަންޒަރެވެ. ނަމަވެސް ރިއާންއަށް އެންމެ ބޮޑު އަސަރެއްކުރީ އެވަގުތު ޒީވާހުރި ގޮތް ފެނުމުންނެވެ. ދިރުމެއްނެތް މޫނުމައްޗެކެވެ. ލައިގެންހުރި ޔުނީފޯމް ވީދިފައިވާލެ ބޮޑުކަމުން އެ ހަށިގަނޑުގައި ފޭރާމެއް ނެތް ފަދައެވެ.  ޒީވާގެ ބަނޑުން ހޯސްލާފައި ލޭ އަންނަމުން ދިޔަތަން ފެނުނެވެ. ކުއްލިއަކަށް ދުވެފައި އަައި އައިޝާ ޒީވާގެ ގައިގައި ބައްދައިލި ވަގުތު ދެމީހުން އެކުގައި ބިންމައްޗަށް ތިރިވިތަން ފެނުނެވެ. އިތުރަށް އެ މަންޒަރު ބެލުން ރިއާންއަކަށް ކުޅަދާނައެއް ނުވިއެވެ. ދެލޯ މަރައި ތަގުޅިކޮށްލަމުން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލެވުނެވެ. ލޮލުން ދިލަ ނަގަމުންދާހެންވެސް ހީވާން ފެށިއެވެ. އާންމު ތަނެއްގައި ޒީވާއަށް އެފަދަ ގެއްލުމެއް ދޭން ކެރުނީ ކާކަށް ހެއްޔެވެ؟

ރިއާން އެ ފުޓެޖް ފެށޭ ހިސާބު ދެވަނަ ފަހަރަށް ބެލީ އެމީހާ ލައިގެންހުރި އަންނައުނު ފާހަގަ ކުރުމަށެވެ. ފުޓެޖްގެ ކަޅުކޮށް ފެންނަ ހިސާބަކީ ކަރަންޓު ދިޔުމުގެ ސަބަބުން ގެއްލިފައިވި ހިސާބުކަން އޭނާ ދެނެގަތެވެ. އެއަށްފަހު ކަރަންޓު ދިޔަ ވަގުތުގެ ކުރިން ހޮސްޕިޓަލަށް އެމީހާ ވަންނަތަން ފެންނަ ފުޓެޖް ހޯދިއެވެ. އޭރު އޭނާގެ މޫނުމަތީގައި އެ މާސްކެއް ނެތެވެ. ރިއާން ރަނގަޅަށް ފޫޓެޖް ޒޫމްކޮށްލުމަށްފަހު ބަލައިލިއެވެ. އެއީ ކާކުކަން ސާފުކޮށް ފެނުމާއެކު މާ ދުރުނޫން ހަނދާނެއް އޭނާގެ ސިކުނޑީގައި ކޮށްޓައިލިއެވެ. އިސާހިތަކު އޭނާގެ ނިތަށް ރޫތަށް ގިނަވެ ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައެވެ.

*************

ރާހިލް އަންނާނެ އިރަކަށް ގަޑި ގުނާލަ ގުނާލައި ސޯފާގައި އިން ވާފިޔާގެ އިންތިޒާރަށް ނިމުމެއް އައީ އެރޭގެ ދަންވަރު ދޭއް ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. ގޭގެ ދޮރުހުޅުވައިލުމަށްފަހު އެތެރެއަށް ވަތް ރާހިލް އެތަނުގައި އިން ވާފިޔާ ފެނުނުކަމަށްވެސް ހަދައިލުމެއްނެތި ސިޑީގެ ހަރުފަތްތަަކުން އަރައިގެންގޮސް ކޮޓަރިއަށް ވަދެ ގެެއްލުނެވެ. ވާފިޔާގެ މޫނުމައްޗަށް މާޔޫސްކަން ވެރިވި ކަމުގައި ވިޔަސް އޭނާގެ ހިތްވަރު އެލުވައިލުމެއްނެތެވެ. ފައިގައި ހުންނަ ރިހުމުގެ ސަބަބުން އާންމުކޮށް އެ ސިޑިން އަރައި ނޫޅުނު ކަމަށްވިޔަސް މިރޭ އޭނާއަކަށް އިތުރުގޮތެއްނެތެވެ. ރާހިލްއާ ވާހަކަ ނުދައްކައި ފަރުޖެހޭކަށް ނެތެވެ.

"މޯމް؟" ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަތް ވާފިޔާ ފެނުމާއެކު ރާހިލްއަށް ތެދުވެވުނެވެ.

"މަންމަ ކީއްކުރަން ސިޑިން އެރީ؟ އަހަރެންނަށް ގޮވާލިނަމަ" ރާހިލް ބުންޏެވެ.

"ދަރިފުޅު މަންމަ ނުފެންނާތީކީ ނޫނެއްނު އަޅާނުލާ މައްޗަށް އެރީ؟" ވާފިޔާ އެނދުގައި އިށީންނަމުން ބުންޏެވެ. ރާހިލް އެކަމާ ވަކި އެއްޗެކޭ ނުބުނުމުން އެދެމެދަށް އާދަޔާހިލާފު ހިމޭން ކަމެއް ވެރިވިއެވެ.

"ދަރިފުޅާ.. ބައްޕަދެއްކި ވާހަކަ—"

"މަންމާ ޕްލީޒް.. އަހަރެން ކައިރި އެހެން ކޮންމެ ކަމަކު ބުންޏަސް އަހަރެން އިތުރު ވިސްނުމަކާއިނުލާ މަންމައަށް އެކަމެއް ކޮށްދޭނަން.. އެކަމަކު ތިހެން ނަހަދާ.. ބައްޕަގެ އެ ހުށަހެޅުން ގަބޫލުކުރަން އަހަރެންނަށް މަޖުބޫރު ނުކުރޭ" ރާހިލް ދެއަތް އިސްތަށިގަނޑުގެ ތެރެއަށް މަހައިލަމުން އެނދުގައި އިށީނެވެ.

"އެއީ ހަމަ ދަރިފުޅަށްވެސް ރަނގަޅަ—"

"ހެޔޮނުވާނެ.. އަހަރެން ކިތަށް ފަހަރުތަ ބުނަންވީ އަހަރެން ލޯބިނުވާ މީހަކާ އެއްކޮށް ދިރިއުޅުމެއް ނުފެށޭނޭ؟ އެހެންނޫނަސް އަހަރެން ލޯބިވާ ކުއްޖެއްހުރޭ.."

"ރާހިލް… ރާހިލް ހީކުރަނީ ތި ބުނާ ކުދިންދެކެ ރާހިލް ލޯބިވަނީ ކިހިނެއްކަން މަންމައަށް ނޭނގެނީ ކަމަށްތަ؟ ބަލަ ދަރިފުޅުގެ އުމުރުންވެސް މިހާރު ސައްބީސް އަހަރުވީ.. މިހާރު ވަގުތު ޖެހިއްޖެއެއްނޫންތަ؟ ތި ގެންގުޅޭ ވަގުތީ ލޯބިވެރިންނަށްވުރެން ތިމާއަށް ވަފާދާރީވާނެ އަންބެއް ހުރުމަކީ ދަރިފުޅުވެސް މާ ހިތްހަމަޖެހޭނެ ކަމެކޭ.." ވާފިޔާ ވިސްނައިދޭން މަސައްކަތްކުރިއެވެ.

"ހުއްޓާލާ.. ހެޔޮ މަންމަ ކޮންމެ އެެއްޗެއް ކިޔަސް… ތިބުނާ ވަފާދާރީ އަންބަކީ އެލީޝާތަ؟ އަހަރެން އަމިއްލައަށް ތިބުނާ އަންބަކު އިހްތިޔާރު ކުރުމުގެ ފުރުސަތު ނުދޭންވީ ކީއްވެ؟ އިޝްވާވެސް ޒީވާވެސް އުޅެނީ އެމީހުން ލޯބިވާ މިހުނާ އެކީއެއް ނޫންތަ؟ އަބަދުވެސް އަހަރެންގެ އުފަލަަށް ހުރަސްއަޅަށް ނާޝިދު ބޭނުންވަނީ ކީއްވެތަ؟ އެކު އުޅޭތާ ވިހި އަހަރު ވީއިރުވެސް އޭނައަށް އަހަރެންނާ ދޭތެރޭ އަމިއްލަ ދަރިއެއްހެން ނުދެކެވުނު… އަހަރެންގެ ހުރި ހަމައެކަނި މީހަކީ މަންމަ.. އެކަމަކު ތިއީ މަންމަ ކޮންމެހެން އަހަރެންނަށް ހެޔޮއެދިގެން ދައްކާ ވާހަކަތަކެއް ނޫން. ތީ މަންމަ އިނދެގެން އުޅޭ އެ ދަހި ގޮތެއްނެތް ފިރިހެނާ—"

"ރާހިލް!" ރާހިލްގެ ވާހަކަ މެދުކެނޑިގެންދިޔައީ ކަންފަތްމައްޗަށް އަރައިގެންދިޔަ ވާފިޔާގެ އަތުގެ ހޫނު ހަމަލާއަކުންނެވެ.

"ރާހިލް ހަނދާން ނެތުނީތަ ނާޝިދު އަހަރެމެންނަށް ވެދިން އިހުސާންތެރިކަން؟ އަހަރެމެން ތިންމައިން ނަރަކައަކުން ސަލާމަތްކޮށްދީގެން އަމާން އައްސޭރިއަކަށް ގެނެސްދިނީ ނާޝިދުކަން؟ އެ އަނދިރި ދުވަސްތައް ފަސްއަޅައި މާޒީގެ ތެރެއަށް ވަޅުލުމަށްފަހު ރާހިލް މިހާރު އެއް ބައްރުން އަނެއްބައްރުން ތި އުދުހޭހާ މުއްސަނދި ދިރިއުޅުން ރާހިލްއަށް ހޯދައިދިން ބައްޕައަކީ ނާޝިދުކަން؟ ވީއިރު މި ކަމަކީ ނާޝިދު މީގެ އެތަށް އަހަރެއްކުރިން ހިތުލައިގެން އުޅޭ ކަމެއްކަން އެނގިހުރެ ރާހިލް އެކަން ފުރިހަމަ ނުކޮށްދޭންވީ ކީއްވެ؟ އާމިރުގެ އަންހެނުންނާ އޭނާގެ އާއިލާ މިކަމަށް އެއްބަސްކުރުވަން ނާޝިދު މަސައްކަތް ކުރާހާ ކިހާ ދުވަހެއް. އެމީހުން ޝަރުތެއް ކަނޑައަޅައި އެކަމާ އެއްބަސްވީމަ ރާހިލް ތިއުޅެނީ ނާޝިދުގެ ނަސީބަށް އެޅޭ ހުރަހަކަށްވާންތަ؟ ހުރި ލަދު ހަޔާތްކުޑަކަން ދެކިބަަލަ.. ގެރި ބަކަރިވެސް އެއަށް ކާންދީ ހަދާ މީހާ ދަންނާނެ… ރާހިލް އެލީޝާއާ އިނދެގެން ލިބޭނެ ދެރައެއް ނޯންނާނެ"

"އަހަހަ ހަހަހަ ހަހަ" ކުއްލިއަކަށް އަޑުވީއްލާ ހޭންފެށި ރާހިލްއަށް ބަލަން އަޖައިބުވެފައި ވާފިޔާ ހުއްޓެވެ.

"އަހަހަ. ކޮންގްރެޓްސް މޯމް.. ޔޫ ހޭވް ޑަން އިޓް. އަހަރެންގެ އުމުރުން މި ވީހާ ދުވަހެއް ވަންދެން އަހަރެން ގަބޫލުކުރީ ޕާރފެކްޓް ޕޭރެންޓް ޑަޒް އެގްޒިސްޓް ކަމަށް.. އެންޑް ދެޓް ޕަރފެކްޓް ޕޭރެންޓް އިޒް މައި މޯމް ކަމަށް.. ބަލާލި ކޮންމެ ރައްޓެއްސެއްގެ ހަޔާތުން އަހަރެންނަށް ފެންނަމުންދިޔައީ މައިންބަފައިންގެ އުއްމީދުތައް ނޫނީ އެބިއުސް އެމީހުނަށް ތަހައްމަލް ނުކުރެވޭ ދަރަޖައަށް ގޮސްގެން ވަކި ހިސާބަކުން އެމީހުނާ އޮންނަ ގުޅުން ހީނަރުވާތަން.. ބަޓް މައި މޯމް އެންޑް އައި. ވީ ވަރ ޕާފެކްޓް.. އެކަމަކު މިރޭ އަހަރެންނަށް އެނގިއްޖެ ތިބުނާވަރު އަމިއްލައެދުން ނެތް މަންމައެއް ބައްޕައެއްވެސް ނޫޅޭކަން.. ޔޫ ނޯ ވަޓް މޯމް؟ ދެޓް ސްލެޕް.. އިޓް ޑިޑްންޓް ހަރޓް މީ.. ނޮޓް ވަން ބިޓް.. މަންމަގެ ތި ހަމަލާއަކުން އަހަރެންނަށް ކުޑަވެސް ތަދެއް އިހުސާސެއްނުވޭ! ވަޓް ހަރޓް މީ އިޒް ދަ ފޫލިޝް އެންޑް ސެލްފިޝް ރީޒަން ބިހައިންޑް ދެޓް.. ނާޝިދުގެ ރުހުމަށްޓަކައި އަހަރެންގެ އުފަލާއި ދިރިއުޅުން ގުރުބާންކުރަންޖެހޭ ހިސާބަށް މަންމަ ހިނގައްޖެ ކަމަށްވާނަމަ.. އަދި ތި ހުރިހާ އެއްޗެއް އަހަރެންނާ ދިމާލަށް ކިޔަންޖެހޭ ހިސާބަށް މަންމަގެ ވިސްނުން ހިނގައްޖެ ކަމުގައިވާނަމަ ޔޫ ހޭވް ފެއިލްޑް އޭޒް މައި މޯމް" ރާހިލް ހިތުގެ އުދާސްތައް ބަންޑުން ކޮށްލިއެވެ. ވާފިޔާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ރާހިލް މަންމަ މި ދައްކާ ވާހަކަ އަޑު އަ–" ރާހިލް އަތް ދަމައިލައި އިތުރަށް ކުރިއަށް ނައުމަށް ވާފިޔާއަށް އިޝާރާތް ކުރިއެވެ. ހިތި ގޮތަކަށް ހީލުމަށްފަހު އެއްޗެއް ފަހުމް ކުރަން އުޅޭ ފަދައިން ބޯ ޖަހައިލިއެެވެ. އަދި އެންމެ އަވަހަށް އަތުޖެހުނު ޓީޝާޓު ބޮލަށް މަހައިލަމުންގޮސް ކޮޓަރިން ނުކުތެވެ. އެ ގެއިންވެސް ނުކުތެވެ. ވަކި މިސްރާބެއްނެތި ސައިކަލަށް އަރައި ސްޓަރޓް ކޮށްލެވުނުއިރު އޭނާގެ ހިޔާލުގައި ވަނީ މީގެ ހަތަރުދުވަސްކުރިން ހިނގައިދިޔަ ކަންތައްތަކެވެ.

ހަތަރު ދުވަސްކުރި…

އެލީޝާ ގެނެސްދިން ފެންތަށި އެއްނޭވައިން ހުސްކޮށްލުމަށްފަހު ރާހިލް އަނެއްކާވެސް ދިޔުމުގެ އިޒުނައަކަށް އެދުނެވެ. އެވަގުތު އެލީޝާ ގެނައި ހަރަކާތާއެކު ރާހިލްއަށް އިރުކޮޅަކު ހަރަކާތްކޮށްލަންވެސް ނޭނގިފައި ހުރެވުނެވެ. އެލީޝާގެ ހޫނު ތުންފަތް އޭނާގެ ތުންފަތުގައި ބީހިލި ވަގުތު އޭނާއަށް ސިހިފައި އެލީޝާގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ. އަދި އެލީޝާ ދުރަށް ކޮށްޕައިލިއެވެ. އޭރު ރާހިލްގެ ބުމަ ގޮށްޖެހިފައިވިއެވެ. އެ މޫނުމަތިން ފެންނަމުންދިޔައީ ރުޅިވެރިކަމެވެ. އެލީޝާގެ ހަށިގަނޑު ފާރުގައި ޖެހުމާއެކު ހަށިގަނޑަށް ލޮޅުން އަރައިގެން ދިޔަނަމަވެސް އޭނާ ރާހިލްއާ ކުރިމަތިލިއެވެ.

"ވަޓް ދަ ފަ*! އެލީޝާ މޮޔަވީތަ؟ ކީކޭ ހިތަށް އަރައިގެން ކުރި ކަމެއްތީ؟" ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ.

"ކިހިނެއްވީ؟ މިއީ ރާހިލްވެސް ބޭނުންވެގެން އުޅުނު ކަންތަކެއް ނޫންތަ؟" އެލީޝާގެ އަޑުގައިވެސް ވަނި ހިތްހަމަނުޖެހުމެވެ.

"ކީކޭ؟ އެލީޝާއަށް ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ އައި ހޭވް އަ ގަރލްފްރެންޑް އެންޑް އައި ލަވް ހަރ" ރާހިލް ބުންޏެވެ.

"އަހަހަހަ. ލޯތްބަކީ ރާހިލްއަށް އެއްވެސް އަގެއްހުރި އެއްޗެއްތަ؟ އެހެންވިއްޔާ ރާހިލް އަހަރެންނާ ކައިވެނިކުރާން އެއްބަސްވީ ކީއްވެ ޔޫ ޑޯންޓް ލަވް ހަރ އިނަފް!" އެލީޝާ ބުންޏެވެ.

"އެލީޝާ ކީކޭ ތި—"

"ރާހިލް ކޮންމެހެން އަހަރެންނާ ކައިވެނި ނުކުރިޔަސް އަހަރެން ރާހިލް ބޭނުންވާ ކަންތައް ފުއްދައިދީފާނަމޭ.. އަހަރެން ރާހިލްއާ ކައިވެނި ކުރާކަށް ބޭނުމެއްނޫން.. އަހަރެން ޖޯޝުއާ ދެކެ ލޯބިވާކަން ރާހިލްގާތު ނުބުނަންތަ؟" އެލީޝާ ބުންޏެވެ. އެދެމީހުން ދިޔައީ ހަމަ ރަނގަޅަށްވެސް ޒުވާބުކުރަމުންނެވެ.

"ދެން ކޮންހާ އިތުރު ވާހަކައެއްތަ؟ އެލީޝާ އައިސް އަހަރެންގެ ގަޔަށް ބޮލަށް އަރައިގަންނަން ޖެހޭ ސަބަބެއް އަހަރެންނަކަށް ނުފެނޭ. އަނެއްކޮޅުން އަހަރެން މިހިރީ ތި ބުނާ ކައިވެންޏެއްގެ ވާހަކައެއް ހަމަ އަޑުއެހިތާ" ރާހިލް ހުރީ ހަމަ ރަނގަޅަށްވެސް ރުޅި ގަދަވެފައެވެ.

އެލީޝާއަށްވެސް ކަމުގެ ވާނުވާ ރޭކައިލީ އަދިކިރިޔާއެވެ. އާމިރާއި ނާޝިދުގެ އެ ނިންމުމުގައި ރާހިލްގެ އަތެއް ނެތްކަން އެނގުމާއެކު އެލީޝާ ރުޅިމަޑުކޮށްފައި ރާހިލްއާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ.

"ރާހިލް.. ދެން ކީއްވެ؟ ތީގެ މާނައަކީ ރާހިލް އަހަރެންނާ ކައިވެނި ކުރާކަށް ނޫޅެމޭތަ؟ ދެން ބައްޕަމެން ކީއްވެ؟" އެލީޝާގެ ސުވާލަށް ޖަވާބު ދިނުމަކީ މުހިއްމުކަމެއް ކަމުގައި ރާހިލްއެއް ނުދެކުނެވެ. ހުދު އޭނާއަކަށްވެސް އެ ސުވާލުގެ ޖަވާބެއް ނޭނގެއެވެ. އެލީޝާ އެކަނިމާއެކަނި ފިކުރު ކުރުމަށް ދޫކޮށްލުމަށްފަހު އޭނާ ދިޔައީ އެ ޖަވާބުތައް ހޯދުމަށެވެ.

ގެއަށްއައިސް ހުސްކޮށްއޮތް ސިޓިންގްރޫމްގައި އޭނާ މަޑުކޮށްގެން އިނީ ނާޝިދުމެން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެއީ މާ ގިނަ އިރެއްގެ އިންތިޒާރަކަށް ނުވިއެވެ. ގޭގެ ދޮރު ހުޅުވައިލުމަށްފަހު ވަތް ނާޝިދު ފެނުމާއެކު ރާހިލް އިށީނދެ އިން ގޮނޑިން ފުންމައިގެންގޮސް ނާޝިދުގެ ކުރިމަތީގައި ހުއްޓުނެވެ.

"ޒީވާގެ ކަންތަކުގަ ކަލޭ ބޭނުންވިގޮތް ނުވީމަ ދެން ނީލަން ކިޔަން އިނގުނު އެއްޗަކީ އަހަރެންގެ ދިރިއުޅުން ދޯ؟" ކުއްލިއަކަށް ރާހިލްފެށި ވާހަކައާއެކު އެތަނުގައިހުރި އިޝްވާއާއި ވާފިޔާއަށްވެސް ސިހުން ލިބުނެވެ. ނަމަވެސް ވެގެން އުޅޭގޮތް ރޭކައިލުމާއެކު ވާފިޔާ އަވަސްވެގަތީ ރާހިލް ހަމަޖެއްސުމަށެވެ.

"ރާހިލް.. ދަރިފުޅާ ހަމަ ޖެހިބަލަ.. ތި ދައްކަން އޮތް ވާހަކައަކިއްޔާ ރީތިކޮށްވެސް ދެއްކޭނެއެއްނު؟" ރާހިލްގެ އަތުގައި ހިފެހެއްޓި ވާފިޔާ ބުންޏެވެ.

"މަންމައަކަށް ނޭނގޭނެ މީނަ އާމިރުބެ މެންނާ ދައްކައިގެން އުޅޭ ވާހަކައެއް.. އެލީޝާއާއި އަހަރެން ކައިވެނި ކުރާނޭ ކިޔައިގެން އުޅެނީ" ރާހިލް ބުންޏެވެ. އެއަޑު އިވުނު އިޝްވާއަށްވެސް ދެލޯ ބޮޑުކޮށްލެވުނެވެ.

"ދަރިފުޅާ ހަމަޖެހިބަލަ! މަންމައަށްވެސް އެކަން އެނގެޔޭ.. އެކަމުގަ ގޯހެއް ނެތެއްނު؟ އެލީއަކީ ކިހާ ރީތި ކިހާ އޯގާތެރި ކުއްޖެއް؟ މަންމަ ވަރަށް ހިތްހަމަ ޖެހޭ" ވާފިޔާ ބުންޏެވެ.

"މަންމާ އެކަމު ދޮންބެ—"

"މިއީ އިޝްވާއަކާ ބެހޭ ވާހަކައެއްނޫން.. އިޝްވާ މިތަނުން ދޭ" އިޝްވާ ބުނަން އުޅުނު ޖުމްލަ ނާޝިދު މެދުކަނޑައިލުމާއެކު އިޝްވާ ރުޅިމޫނު ހަދައިލަމުން އެތަނުން ދިޔައެވެ.

"ނީންނާނަން! އަހަރެން އިންނާނީ އަހަރެން ބޭނުންމީހަކާ! އަހަރެން ލޯބިވާ މީހަކުވެސް ހުރެދާނެއެއްނު؟" ރާހިލް ބުންޏެވެ.

"ރާހިލް.. ދަރިފުޅު ތި އުޅޭ ދޯދިޔާ އުޅުން ދޫކޮށްލާފަ ދުވާލަކު ލޯބިވެރިއެއް ގެންގުޅުމަށްވުރެން މިގޮތް މާ ބޮޑަށްވެސް ރަނގަޅުވާނެއެއްނު.. މިއީ ނާޝިދުވެސް ވަރަށް ބޭނުން ކަމެއް.. އެކޮޅުގެ ހޮސްޕިޓަލެއް މިތަނުގަ ހުޅުވައިިގެން އެތަނުގެ މަންފާ ކުރާނީ ހަމަ އަހަރުމެނެގެ އާއިލާއަކަށް ނޫންތަ؟ ޒީވާއަށްވެސް އޭރުން މި ވިޔަފާރީގަ ހަރަކާތްތެރިވެވޭނެ… ދަރިފުޅަށްވެސް އެގޮތް ރަނގަޅެއްނޫންތަ؟ ނިކަން އަހަރެމެންނަށް ނާޝިދު ވެދިން ހެޔޮކަމަށްޓަކައިވެސް ދަރިފުޅު މިކަމަށް އެއްބަސްވެބަލަ.. މަންމަމެން ދަރިފުޅަށް ދެރައެއްލިބޭ ކަމަކު ނުކިޔަމެއްނު. އެ ހޮސްޕިޓަލްގެ 50% މިލްކުވެރިއަކަށްވާނީ ހަމަ ދަރިފު-" ވާފިޔާ ބުންޏެވެ. ރާހިލްގެ ރުޅިގަނޑު ފަޅައިގެންދިޔަ ކަހަލައެވެ.

"ކިހާ ދެރަކަމެއްތަ؟ ވިޔަފާރި ވިޔަފާރި ވޯޓު މަޖިލިސް ފައިދާ!! މި ނޫން އެއްޗެއް ނެތީތަ؟ މީނަ ކައިރިން ދަސްކޮށްގެން މިހާރު މަންމަވެސް އެގޮތަށް ވާހަކަދައްކަން ފެށީތަ؟ އަހަރެންނަށް ވަރިހަމަ ތިކަން ވިޔަސް ނުވިޔަސް.. އަހަރެން އެލީޝާއާ ކައިވެނި ކުރާނެ ގޮތެއް އެއީ ނެތް ގޮތެއް.. ކަލޭ…" ރާހިލް ނާޝިދާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.

"ވާފިޔާ! މިއީ އަހަރެންނާ ރާހިލްއާ ދެމީހުންވެ މެދުގަ އޮތް ކަމެއް! ވާފިޔާ އިހަށް ދޭ!" ނާޝިދު ބުންޏެވެ.

"އެކަމަކު ނާޝިދު—"

" ވާފިޔާ!!" މިފަހަރު ނާޝިދު ގޮވައިލުމާއެކު ވާފިޔާ އިތުރަށް މަޑުނުކޮށް އެތަނުން ދިޔައެވެ.

"ރާހިލްއަކަށް އިތުރު އެއްވެސް ގޮތެއް ނެތް.. އަހަރެންނާ އާމިރު މި ހުރިހާކަމެއް ހަމަޖައްސައިފިން.. އަހަރެން ކަލޭމެނަށްޓަކައި ވެދިން އިހުސާންތެރިކަމުގެ އަގު އަދާކުރަން އެނގޭ ގޮތަކީ ތިއީތަ؟ ކަލޭމެން ބޮޑެތިކޮށް މީހުނަށް ހެދީމަ ބަދަލުދޭން އެނގެނީ ތިހެންތަ؟ ހަނދާންކުރާތި އެ ހެޔޮކަމާ އެއްވަރަށް އަހަރެންނަކީ ކިހާ ނުލަފާ މީހެއްކަން.. ރާހިލް ތި ރައްޓެހި ވެގެން އުޅޭ ކުއްޖަކާ ދުރު ކުރާނީ ކިހިނެއްކަން މަށަށް އެނގޭ.. އޭނައަކީ ކޮން އާއިލާއެއްގެ ކިހާ ފެންވަރެއްގެ މީހެއްކަން އަހަރެންނަށް އެނގޭ.. އެކުއްޖާއަށް އިތުރު ނިކަމެތި ކަމެއް ލިބެން ރާހިލް ބޭނުންވަނީތަ؟" ނާޝިދު ވާހަކަދެއްކީ ކައިރިއަށް ހުއްޓިލި ރާހިލްއަށް އިވޭ ވަރަށް އެކަނި ކަމުގައިވިޔަސް އެ އަޑުގަައިވަނީ ހަރުކަށިކަމެވެ. އޭރު އެދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކައެއް ނޭނގި ވާފިޔާ ކަންބޮޑުވެފައި ހުއްޓެވެ.

"ބުނަން؟ ކަލެއަކަށް އޭނައަކަށް އެއްކަމެއްވެސް ކުރާކަށް ނުކެރޭނެ! އޭނައަށް ހިމާޔަތްދޭނީ އަހަރެން.. އިރާދަ ކުރެއްވިއްޔާ އަހަރެން ކަލެއަކަށް ދަރާފައެއް ނޫޅޭނަން.. ކަލޭދިން ހުރިހާ ހަރަދަކަށްވާ ފައިސާ ރައްދުކޮށްދޭނަން.. އެކަމަކު އެލީޝާއަކާ ނީންނާނަން.. އަޑު އިވިއްޖެތަ؟"

"އެ ފައިސާ ރާހިލް ހޯދާފަ ދެނީ ވަޅަކުންތަ؟ މިހާރުވެސް ތި އުޅެނީ އަހަރެންގެ ވަޒީފާގައޭ…" ނާޝިދު ބުންޏެވެ.

"އަހަރެން ކަލޭގެ ވަޒީފާ ދޫކޮށްލައިފިން.. އަދި އަހަރެން އެ ފައިސާވެސް ކަލެއަށް ދޭނަން.. އެކަމަކު އެލީޝާއަކާ ނީންނާނަން!" ރާހިލް ފަހުބަސް އިއްވައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.

"އިޝީ.. އިޝީ.." ރާހިލް އިޝްވާގެ ކޮޓަރީގެ ދޮރުގައި ޖަހައިލިއެވެ. އިޝްވާ ދޮރު ހުޅުވައިލުމަށްފަހު ރާހިލް އަވަސް އަވަހަށް އެކޮޓަރީގެ ތެރެއަށް ދެމިގަތެވެ.

"ދޮންބޭ.. އެއީ ކޮންކަމެއް؟"

"އިޝީ.. މިއިން އެއްވެސް ވާހަކައެއް އިވުނު ކަމަށް ނަހަދާތި އެނގޭ.. ދެޓް ވޯޒް ކޮމްޕްލީޓް ބުލްޝިޓް.. އަހަރެން އެލީޝާއާ  ކައިވެނި ކުރެވޭނެ ގޮތެއް އެއީ ނެތްގޮތެއް.. އިޝްކޮވެސް ޝިމާންގާތު ބޭކާރު ވާހަކަ ދައްކައިގެން ޝައިނާގެ ކަންފަތާ ހަމައަށް ބޭކާރު ވާހަކައެއް ދާކަށް އަހަރެން ބޭނުމެއްނޫން" ރާހިލް ބުންޏެވެ. އިޝްވާ ރާހިލްގެ މޫނަށް ބަލައިލިއެވެ. ރާހިލްގެ މޫނުމަތީގައި އެއްވެސް ހާސްކަމެއްގެ ކުލަވަރެއް ނެތެވެ. ވާފިޔާއާއި ނާޝިދު ދެއްކި ވާހަކަތަކަކީ އޭނާގެ އެއްކަންފަތުން ވަދެ އަނެއްކަންފަތުން ނުކުމެ ގޮސްފައިވާ ވާހަކަތަކެއް ކަހަލައެވެ.

"ދޮންބޭ.. ސިސްއަށް ދެރައެއް ނުދެއްޗޭ" އިޝްވާ ކުރިއަށް ޖެހިލައި ރާހިލްގެ އަތުގައި ހިފަހައްޓައިލިއެވެ.

"އޮފްކޯސް ސްވީޓްހަރޓް.. ނެވަރ" ރާހިލްވެސް އިޝްވާގެ ގައިގައި ބައްދައިލަމުން ބުންޏެވެ. ނަމަވެސް އޭނާ ދިޔައީ ކުރިއަށް ވާނެ ގޮތަކާމެދު ވިސްނަމުންނެވެ. ނާޝިދަކީ ކަމަކަށް ހިފައިފިނަމަ އެކަމެއް ނުކޮށް ދޫކުރާވަރު މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ. މޫނުމަތިން ހަމަޖެހުން ދައްކައިގެން ހުއްޓެއްކަމަކު ހިނގައިދިޔަ ކަންތަކާއި ނާޝިދުފަދަ އާރާއި ނުފޫޒު ހުރި މީހެއް އެ ދިން އިންޒާރުގެ ސަބަބުން އޭނާގެ ހިތް ޝައިނާއަށްޓަކައި ބިރުގަންނަމުންދިޔައެވެ.

**************

ހެޑްސެޓް އަޅައިގެން ސިޓިންގްރޫމްގެ ސޯފާގައި އިޝްވާއާ ވާހަކަ ދައްކަންއޮތް ޝިމާން ސިއްސައިގެންދިޔައީ ބާރުބާރަށް މީހަކު ދޮރުގައި ތަޅައިގަތް އަޑަށެވެ. އަވަސް އަވަހަށްގޮސް ދޮރު ހުޅުވައިލި ވަގުތު ހައިރާންކަމެއް ލިބުނީ ކުރިމަތީގައިހުރި ރާހިލް ފެނުމުންނެވެ. އެ ހައިރާންކަން އިތުރުވީ ރާހިލް ދޮރު ބޮޑަށް ކޮއްޕަައިލުމަށްފަހު އެތެރެއަށް ވަދެ ހަމަ އެބާރު މިނުގައިގޮސް ޝައިނާގެ ކޮޓަރީގެ ދޮރުގައި ތަޅައިގަތުމުންނެވެ. ރާހިލްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފެންނަން ހުރީތީ ޝިމާން އެކަމާ ބަހެއް ބުނާކަށްނޫޅުނެވެ. ޝައިނާއާ ދެމީހުން މައްސަލައެއް ޖެހުނީ ކަމުގައި ދެކުނެވެ. އެވަގުތު ޝައިނާ އާފުރެމުން ކޮޓަރީގެ ދޮރު ހުޅުވައިލިތަން ފެނުނެވެ. ރާހިލް އެ ދޮރުން އެތެރެއަށް ދެމިގަތީ ޝައިނާގެ ލޯވެސް ރަނގަޅަށް ނުހުޅުވިގެން އުޅެނިކޮށެވެ. ހުރިހާކަމެއް ހިނގައިދިޔަ އަވަސްކަމުން ހުރިތަނުން ގުޑިލަންވެސް ނޭނގިފައިހުރި ޝިމާންއަށް ހޭވެރިކަމެއްވީ ކޯލުގައި އިން އިޝްވާ ގޮވައިލުމުންނެވެ. އޭނާ ހިނގައިދިޔަ ކަންތައް ކުރުގޮތަކަށް އިޝްވާއާ ހިއްސާކުރިއެވެ.

"ރާހިލް! ރާހިލް! ކިހިނެއްތަވީ؟ ރާހިލް އަހަރެން ވަރަށް ބިރުގަނޭ އެބަ އިނގޭ.. ރާހިލް! ދޫކޮށްބަ! ނޮޓް ފަނީ ރާހިލް! ތި ވެގެން އުޅޭ ގޮތެއް ރީއްޗަށް ކިޔައިދީބަލަ"  ޝައިނާ އޭނާގެ ގައިގައި ބާރަށް ބައްދައިލައިގެންހުރި ރާހިލްގެ މޭގައި އަތްއަޅައި ކޮށްޕައިލަމުން ބުންޏެވެ. ނަމަވެސް ރާހިލް ގުޑިލަންވެސް ހިތަށް ނާރާކަހަލައެވެ. އެންމެފަހުން ޝައިނާވެސް ހަތިޔާރު ބަހައްޓަމުން ރާހިލްގެ ގައިގައި ބާރަށް ބައްދައިލިއެވެ. އޭރު އޭނާގެ ހިތް އާދަޔާހިލާފު ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ރާހިލްއަށް ވެގެން އުޅޭ ގޮތަކާއިމެދު ވިސްނެމުންދިޔައެވެ. އެ މޫނުމަތީގައިވަނީ ކަންބޮޑުވެފައިވާކަމުގެ އަސަރުތަކެވެ. އެހެން އިރުކޮޅަކު ތިބުމަށްފަހު ރާހިލް ޝައިނާއާ ދުރުވެލަމުން ލޯތްބާއެކު ޝައިނާގެ ނިތުގައި ބޮސްދިނެވެ. 

"ދެން ބުނެބަލަ.. ކިހިނެއްތަވީ؟ މިއޮށް ދަންގަޑީ ރާހިލް މިގެއަށް ތި އައީ؟ ކިރިޔާއެއްނު އަހަރެން ބިރުން ހަލާކުނުވީ" ޝައިނާ ނޭވާ ހަމައާކަށް އަޅުވައިލަމުން ބުންޏެވެ. އޭރުވެސް އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ.

"ކަމެއްނުވޭ.. މާބޮޑަށް މިސްވީ" ރާހިލް ޝައިނާގެ އަތުގައި ހިފައިގެނެސް އެނދުގައި ބޭންދިއެވެ.

"އެހެންނުވާނެ.. ކޮންމެވެސް ކަމެއް ވެއްޖެ" ޝައިނާ ގަބޫލެއް ނުކުރިއެވެ. ރާހިލްއަށް އެކަން އެނގި ފުންނޭވާއެއް ދޫކޮށްލިއެވެ.

"ހޫމް. މާބޮޑު ކަމެއްނުވޭ.. މަންމައާ ކުޑަ ދެބަސްވުމެއް ހިނގީ" ރާހިލް އިސްޖަހައިލަމުން ބުންޏެވެ.

"އޯ ގޯޑް.. ރާހިލް އަޅެ ތިއީ ކުޑަކުއްޖެއްތަ؟ މަންމައާ ދެބަސްވާ ކޮންމެ ފަހަރަކު ގެއިން ނުކުމެގެން އަންނަން.. އަހަަރެންނަކަށް ހަމަ ބުނާނެ އެއްޗެއްވެސް ނޭނގޭ ތިކަމަކާ.. މަންމައަށް ރާހިލް ދާނެ ތަނެއްވެސް އަންގާނުލާ ތިހެން އައިމަ މަންމަ ނުބުންޏަސް އަސްލު ކިހާ ހާސްވާނެ.. އަސްލު މަންމަ ރާހިލްދެކެ ވަރަށް ލޯބިވޭ.. އިޝީއާއި ޒީވާއަށްވުރެވެސް—"

"އަހަރެން ދެން ބުނަންވީތަ މި ދަނީ ޝައިނާ ކައިރިއަށޭ؟" ރާހިލް ބުންޏެވެ.

"ދެން އެހެނެއް ނޫނެއްނު—"

"ހިނގާ އަހަރެމެން ދެމީހުންގެ ވާހަކަ މަންމަމެނަށް އަންގަން… މަންމައަށާ ޒީވާ އަށާ.." ރާހިލް ބުންޏެވެ.

"ރާހިލް. ދެން އަޅެ. އަބަދު ތިވާހަކަ ދައްކަނީ ކީއްވެތަ؟ އަހަރެން އަދި ތައްޔާރެެއްނޫން.. ރާހިލް ހީކުރީ އެއީ ވަރަށް ފަސޭހަ ކަމެއް ކަމައްތަ؟ ވާފިޔާއްތަ އަހަރެން ގަބޫލު ނުކުރިއްޔާ އޯ؟ ދެން ޒީ.. އަހަރެންމީ ޒީގެ ބެސްޓް ފްރެންޑް ރާހިލް.. ތީ ޒީގެ ދޮންބެ.. ދެއަރ އިޒް ނޯ ވޭ ޝީލް ޓޭކް ދިސް ކޫލް—"

"އެއީ ކީއްވެ؟ މައްސަލައަކީ ކޮބާތަ؟ ޒީ ވަކި މިހާރު މެރީ ކޮށްގެން އުޅެނީ އަހަރެންގެ ބެސްޓްފްރެންޑަކާ ނޫންތަ؟ ދެން މަންމަ؟ މަންމަ ޝައިނާދެކެ ކިހާ ލޯބިވޭ" ރާހިލް ބުންޏެވެ.

"އަހަރެންނަށް އެނގެޔޭ ވާފިޔާއްތަ ލޯބިވާކަންވެސް.. އެކަމަކު މިއީ ކިހާ ތަފާތުކަމެއްކަން ނޭނގެނީތަ؟ އަނެއްކޮޅުން ޒީ ހީކޮށްފާނެ ރިއާންއާއި ޒީ މެރީ ކުރީމަ މިއީ ރާހިލް ޖެއްސުމަށް ކުރާ ކަމެކޭ.. ރާހިލް އަހަރެންނަކާ ސީރިއަސްއެއް ނުވާނޭ.. އައިމް ޖަސްޓް އަނަދަރ ގަރލްއޭ" ޝައިނާ ކަންބޮޑުވުން ފާޅުކުރިއެވެ.

"އަހަރެންނަކަށް ދެން އިތުރަށް ޝައިނާ މިކަމަށް ރުއްސަން ކުރާނެ ކަމެއް ނޭނގޭ.. ޝައިނާ ބޭނުންވަނީ އަބަދުވެސް މި ގުޅުން ސިއްރުކޮށްފަ ބާއްވަންތަ؟ އަހަރެންނާ އެއްކޮށް އުޅެން ޝައިނާ ބޭނުންނުވަނީތަ؟ އެހެންވެތަ އަދިވެސް އަހަރެންދެކެ ލޯބިވާކަމަށް ނުބުނެވިގެން ތި އުޅެނީ؟ އަހަރެންދެކެ ލޯބި ނުވަނީތަ؟ ޝައިނާގެ ލޯބި ހާސިލްކުރަން އަހަރެން އިތުރަށް ކުރަންވީ ކޮންކަމެއްތަ؟" ރާހިލް ހިތްހަމަ ނުޖެހިފައި ޝައިނާގެ އަތުން ދޫކޮށްލިއެވެ.

"ރާހިލް.. އަޅެ އެހެނެއް ނޫނޭ.. އަދި އަހަރެންނަށް ވަގުތުކޮޅެއްދީ.. ޕްލީޒް.. އަދި އަހަރެމެންގެ ގުޅުމަށް އަދި ދެމަސްވެސް ނުވެއެއްނު؟" ޝައިނާ ބުންޏެވެ.

"އެކަމަކު އަހަރެން ޝައިނާދެކެ ލޯބިވާތާ ހާދަ ދުވަހެއް ވެއްޖެޔޭ.. ކުރިން ނުބުންޏަސް.. ޝައިނާ އަބަދުވެސް އަހަރެންނަށް ހާއްސަ.. ފުރަތަމަ ދުވަހުން ފަށައިގެންވެސް އަހަރެންގެ ސަމާލުކަން ޝައިނާއަށްދެވުނު.. ފުރަތަމަ ހިތަށް އެރި ހާދަ ފޮންޏޭވެސް.. އެކަމަކު ދެން ނޭނގެ. ފުރަތަމަ އެއްޗެއް ހީވާން  ފެށީ ދައްތަމެން އެކްސިޑެންޓް ވި ދުވަހު. އެދުވަހު ހީވި ހަމްދަރުދީއޭވެސް. އެކަމަކު މިހާރު އެނގޭ އެއީ ލޯބިކަން.. އައިވް ލަވްޑް ޔޫ ސިންސް އައި ލެއިޑް މައި އައިޒް އޮން ޔޫ ސިކްސް މަންތްސް އެގޯ.. ޝައިނާއަށް ދެރައެއްދޭކަށް ނޫނީ ގުޅުން ކަނޑާލާކަށް އަހަރެން ބޭނުމެއް ނޫން" ރާހިލްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.

"އަހަރެންނަށް އެނގެޔޭ ރާހިލް ލޯބިވާވަރު. ރާހިލް ކޮންމެހެން ކިޔާދޭކަށް ނުޖެހޭނެ… އަހަރެންނަށް އަދި ކުޑަ ދުވަސްކޮޅެއްދީ.. ޕްލީޒް" ޝައިނާގެ ވާހަކައަށް ރާހިލް ބޯ ޖަހައިލިއެވެ.

"އަހަރެން… އަހަރެން ވާހަކައެއް ބުނަންވެފަ އެބައޮތް" ރާހިލް ޖެހިލުންވެފައި ބުންޏެވެ. ނަމަވެސް އޭނާއަކަށް އިތުރަށް އެވާހަކަަ ކުރިއަކަށް ނުގެންދެވުނެވެ.

"އަހަރެން އަޑު އަހާށޭ މީނީ" ޝައިނާ ރާހިލްގެ އަތް މަތީގައި އަތް ބާއްވައިލިއެވެ.

އަޖައިބެކެވެ. ދުވަހަކުވެސް ވާހަކައެއް ބުނަން މިހާ ހާސްވެގެން ރާހިލްއެއް ނޫޅޭ ވިއްޔާއެވެ. މިވާނީ ވަރަށްބޮޑު ވާހަކައަކަށްތާއެވެ. ޝައިނާ ހިތްވަރުދޭ ފަދައަކުން ރާހިލްއަށް ބަލައިލަމުން ބޯ ޖަހައިލިއެވެ. ނަމަވެސް ޝައިނާއާ ހަތަރުކަޅި ހަމަކޮށްލުމުން ރާހިލްގެ ހިތްވަރު އިތުރަށް އެލިގެންދިޔައެވެ. އެ މައުސޫމް ހިތް ހަލާކުކޮށްލަން އޭނާއަށް ކުޅަދާނަވާނީ ކީހިނެއް ހެއްޔެވެ؟

"އަހަރެން.. އަހަރެން ވަރަށް ލޯބިވޭ ޝައިނާދެކެ" ޝައިނާއަށް ހިނިގަނޑު ހިފަހައްޓައިނުލެވުމުން ރާހިލްގެ އަތުން އޭނާގެ އަތް ދަމައިގަތުމަށްފަހު ބާރުބާރަށް ހޭންފެށިއެވެ.

"ސިރިއަސްލީ؟ ތިހެން ބުނަންތަ އަޅެ ރާހިލް އެހާ ހާސްވެގެން ތި އުޅުނީ؟" ޝައިނާ ހިނިގަނޑު އޮއްބައިލަމުން ބުންޏެވެ. ރާހިލްވެސް ހިނިތުންވެލަމުން ޝައިނާގެ އުނގުގައި ބޯ އަޅައިލިއެވެ.

"ބަލާބަލަ. އަހަރެން ބިރު ގަންނަވާ ނިދި ހަލާކުކޮށްލާފަ މީނަ ހަމަޖެހިލިވަރު" ޝައިނާ ރާހިލްގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލައި އެ ބޮލުގައި ފިރުމައިލަމުން ބުންޏެވެ. އެވަގުތު ރާހިލްގެ ފަރާތުން އިވުނީ މަޑު ހީނލުމެއްގެ އަޑެވެ. ރާހިލްގެ ހާސްކަން ފިލުވައިލެވުނީތީ ޝައިނާވެސް ހިތްހަމަޖެހުނެވެ. އެހެނަސް ހިތުގެ ކަނަކުން ރާހިލް މިރޭ އޭނާގާތު ބުނަން އުޅުނީ އެހެންވާހަކައެކޭ ހީވަމުން ދިޔައެވެ. މީގެ ކުރިންވެސް ރާހިލް ކޮންމެ ދުވަހަކު އެތަށް ފަހަރަކު ޝައިނާދެކެ ލޯބިވާކަމަށް ބުނެފައިވެއެވެ. ވީއިރު މިރޭ އެހެން ބުނާކަށް އެހާ ހާސްވާންވީ ސަބަބެއް ނެތްތާއެވެ.

"ރާހިލް.. އަސްލު އަހަރެންގާތު ދެންމެ ބުނަން އުޅުނީ ކީކޭ" ހިޔާލުތަކުން ދުރުވެލަމުން ޝައިނާ އަހައިލިއިރު ރާހިލްވަނީ ފުން ނިންޖެއްގެ ތެރޭގައެވެ. ޝައިނާވެސް ކުޑަކޮށް ހިނިތުންވެލަމުން ރާހިލްގެ ބޯދަށަށް ބާލީހެއް ލައްވައިދިނުމަށްފަހު ނިތްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ރަނގަޅުކޮށްލިއެވެ.

"ގުޑް ނައިޓް ލަވް" ރާހިލްގެ ނިއްކުރިއަށް ބޮސްދިނުމަށްފަހު ޝައިނާ ވައިއަޑުން ބުނެލިއެވެ. ގަޑި ބަލައިލިއިރު ފަތިސް ނަމާދަށް ގޮވަން މާ ގިނައިރެއް ނެތީތީ އާދުވަހަކަށް ތައްޔާރުވާން ފެށިއެވެ.

ހެނދުނުގެ ކޮފީއާއެކު ސޯފާގައި އިންއިރުވެސް އޭނާގެ ހިޔާލުގައި އެނބުރެމުން ދިޔައީ ރޭގައި ހިނގައިދިޔަ ކަންތައްތަކެވެ. ރާހިލް ބުނަންއުޅެފައި ނުބުނި ވާހަކަތަކެވެ. އޭނާއަށް ހޭވެރިކަމެއްވީ ޝިމާންއައިސް ލޯ ކުރިމަތިން އަތް ހޫރައިލުމުންނެވެ.

"ކޮންކަމަކަށް ގެއްލިފަ؟" ޝިމާން އެހިއެވެ.

"ކަމެއްނުވޭ" ޝައިނާ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއެވެ.

"އެހެންނުވާނެ. ކީއްވެޔޯ ރޭގަ ބޭބެ މިގެއަށް އައީ؟" ޝިމާން ގޮތްދުލެއް ނުކުރިއެވެ.

"އަހަރެންނަކަށްވެސް ނޭނގެ. އެކަމާއެއްނު މި ވިސްނެނީ. ޝިމާން މާ އިރާ ކޮންތާކަށްތަ؟ މުބާރާތްވެސް ނިމިއްޖެއެއްނު؟" ޝިމާން ލައިގެންހުރި ބާސްކެޓްބޯލް ޖަރޒީފެނި ޝައިނާ އަހައިލިއެވެ.

"މިއީ ރައްޓެހިންނާއެއްކޮށް ހަމަ ކުޅެލަންދާން.. ސިސް. ނެތްތަ ފަންޑެއް؟" ޝިމާން ބޯ ކަހައިލަމުން އެއްސެވެ.

ޝިމާންއާ ދިމާލަށް ލޯ އަޅައިލުމަށްފަހު ޝައިނާ ދެފަރާތަށް ބޯ ހޫރައިލަމުން ކޮޓަރިއާ ދިމާލަށް ދިޔައެވެ.

"އަސްލު މީ—" ޝައިނާގެ ފަހަތުން ކޮޓަރިއަށް އައި ޝިމާންގެ ވާހަކަ ހުއްޓުނީ ކުއްލިއަކަށް ޝައިނާ އަޑު މަޑުކުރަން އިޝާރާތްކުރާ ބީދައިން އަމިއްލަ ތުންފަތުގައި އިނގިލި ޖައްސައިލުމުންނެވެ. އެވަގުތު އެނދުގައި ނިދާފައި އޮތް ރާހިލް ޝިމާންއަށް ފެނި އެކަމާ ސުވާލެއް ކުރަން އުޅުނު ނަމަވެސް ޝައިނާ އައިސް ދިން ފަސް ސަތޭކަ ރުފިޔާގެ ނޫޓު ފެނުމާއެކު ސުވާލު ހަނދާން ނެތުން ކަހަލައެވެ. ހެވިފައިހުރެ ޝައިނާއަށް ޝުކުރު އަދާކުރަމުންގޮސް ގޭގެ ބޮޑުދޮރުން ނުކުތެވެ. ޝައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ރާހިލްވެސް އެގޭގައި ހޭދަކުރި ފުރަތަމަ ދުވަސް ކަމަށްވުމާއެކު ތަންކޮޅެއް ރަނގަޅަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް އަވަސްވެގަތެވެ. އެ މަސައްކަތުގައި މާގިނައިރެއްނުވަނީސް ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ. މިއޮށްފަދަ ގަޑީގައި އަންނާނީ ކާކުބާއޭ ހިތައި ދޮރު ހުޅުވައިލިއިރު ކުރިމަތީގައިހުރި ޒީވާފެނި އޭނާއަށް ފުދޭވަރެއްގެ ހާސްކަމެއް ލިބުނެވެ.

"ޒީވް.. ހާދަ ނުގަޑިއެއްގަ.. އަނެއްކާ ކަމެއް ލައިގަތީތަ؟" ޝައިނާ ބުންޏެވެ.

"އައްދެ. އަހަރެން މީހަކާ އިނޭ ކިޔާފަ ހާދަ ދުރެކޭ ދޯ ތި ކޮށްލީ؟ ވަންނަންވެސް މިހާރު ނުބުނަނީތަ؟" ގޭގެ ދޮރު އިތުރަށް ހުޅުވައިލުމަށްފަހު އެތެރެއަށްވަދެ ސޯފާގައި އިށީންނަމުން ބުންޏެވެ. ޝައިނާއަށް ލޮލުގެ ހިމަކޮޅުން ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލެވުނެވެ. މިފަދަ ވަގުތެއްގައި ރާހިލް ހޭލައިގެން ކޮޓަރިން ނުކުތިއްޔާ އޭނާގެ ޒަމާން ދިޔައީއެވެ. އެހެން ނުވޭތޯ ހިތާހިތުން ދުއާ ކުރަމުން އޭނާއައިސް އަލުން ސައި ތައްޔާރު ކުރަން ފެށިއެވެ.

 

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަޅޭ ށައިނާޔައް ތިކަންއިނގިއްޖިއްޔާ
    ކިހިނެއްބާވާނީ މިނާސިދުމީ ހާދަގޯސްމީހެކޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު