"ޒީވް-" ރިއާން ޒީވާއާ ގާތަށް ދަމައިލި އަތް ތިރިކޮށްލީ ޒީވާ ސިހިފައި އިތުރަށް ފަހަތަށް ޖެހިލުމުންނެވެ. ރިއާންއަށް ބުމަ ގޮށްޖަހައިލަމުން ޒީވާގެ އެ ހަރަކާތުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބާއިމެދު ވިސްނައިލެވުނެވެ. އެއާއެކު ސިކުނޑިއަށް ވެރިވި ހިޔާލު އޭނާގެ މުޅިގައިން ހީބިހި ނަގުވައިލިއެވެ.
"ޒީވް. މީ އަހަރެންނޭ" ރިއާން ހިންދިރުވައިލަމުން ޒީވާގެ އަތުގައި ހިފަހައްޓައިލިއެވެ. ޒީވާ ފުންނޭވާތަކެއް ލަމުން ބޯ ޖަހައިލިއެވެ.
"އައި.. ސޮރީ.. ހުވަފެނެއް ފެނުނިީ ދެން.. ލޯ ހުޅުވައިލި ގަޑީ ރިއާން ފެނުނީމަ ސިއްސައިގެން ދިޔައީ" ޒީވާ މޫނުމަތީގައިވި ކުލަވަރު ބަދަލުކޮށްލަމުން ހިނިތުންވެލިއެވެ.
"ސޯފާގަ އުނދަގުކޮށް އޮތްހެން ހީވާތީ އަހަރެން އެތެރެއަށް ގެނައީ" ރިއާން އިސްޖަހައިލަމުން ބުންޏެވެ.
"ގޮވާލިނަމަ. އަހަރެންވެސް ރިއާން އާދޭތޯ އޮއްވާ ނިދުނީއޭ" ޒީވާ ބުންޏެވެ.
"ކޮންމެހެން އަހަރެންނަށް މަޑު ނުކުރިޔަސް ރަނގަޅުވާނެ.. އަހަރެންނަށް ބައެއްރޭރޭ އާދެވޭނީ ލަހުން" ރިއާންގެ ވާހަކައަށް ޒީވާ ބޯ ޖަހައިލިއެވެ. ދެމީހުންގެ ތެރޭގައި ފާއިތުވި ހިމޭންކަމުގެ ވަގުތުކޮޅަށްފަހު ރިއާން އެތަނުން ދިޔުމަށްޓަކައި ތެދުވިއެވެ.
"ގުޑް ނައިޓް ރިއާން" ޒީވާ ބުންޏެވެ. ރިއާންވެސް ބަދަލުގައި ރޭގެ ސަލާމް ކޮށްލުމަށްފަހު އެތަނުން ނުކުތީ އަދިވެސް ޒީވާގެ ހަރަކާތަށް އޭރު އައި ކުއްލި ބަދަލާމެދު ހިތުގައި ސުވާލު އުފައްދަމުންނެވެ. ޒީވާ އޭނާއަށް ފޮރުވަމުންދަނީ ކިހާ ވަރެއްގެ ސިއްރެއްތޯ ސުވާލު އުފައްދަމުންނެވެ.
*************
ރާހިލްއާއި ޝައިނާގެ ލޯބި ދުވަހެއް ދުވަހަކަށް އާރުލާ ކުރިފޯދެމުން އައިނަމަވެސް އެދެމީހުންގެ ލޯބީގެ ބާބު ވީ ދުނިޔެއަށް ސިއްރުވެފައެވެ. އެކަމުގެ ހިލަމެއްވާ ބަޔަކަށް ތިބީ ޝިމާންއާ އިޝްވާގެ އިތުރުން ރިއާން އެކަންޏެވެ.
"ރާހިލް.. އަހަރެންނަކަށް ނޭނގެ ކިހާ ދުވަހެއްވަންދެން ކަމެއް ތިކަން ޒީވާއަށް ސިއްރު ކުރަން ނިންމައިގެން ތިހިރީ.. އެކަމަކު ތިހެން އުޅެނިކޮށް ޒީވާއަށް ފަޅާއަރާނެ ދުވަހަކުން ވާނެ ގޮތް ވިސްނާލަބަ. ތީ ޒީވާގެ އެންމެ ގާތް ދެމީހުން.." ފޯނުގެ އަނެއްފަރާތުގައިހުރި ރިއާންގެ ވާހަކަ އަޑުއަހަމުން ރާހިލް ގޭގެ ދޮރު ހުޅުވައިލިއެވެ.
"ވަގުތު ޖެހުނީމަ ބުނާނީއޭ.. ޒީއަށްވެސް ހެންޑްްލް ކުރެވޭނީ ފަހަރަކު ޝޮކްއެއް ދޯ.. ރިއާން މާ ބޮޑަށޭ ތި ވިސްނަނީ.. އަބަދު ޒީގެ ވާހަކަ.. ތިވަރުން ދެން ސީ.އީ.އޯ ކަމުން ރިސައިން ކޮށްފަ ފުލްޓައިމް ޒީ ގާތުގަ ހުންނަންވީނު.." ރާހިލް ދިމާކޮށްލިއެވެ.
"ރާހިލް އަހަރެން މިހެން މި ބުނަނީ ހަމަ ތިދެމީހުނަށް ރަނގަ–" ކުއްލިއަކަށް ރިއާންގެ ވާހަކަ މެދުކެނޑުނީ ފޯނުގެ އަނެއްފަރާތުން ވާފިޔާ ރާހިލްއަށް ގޮވައިލި އަޑާއެކު ރާހިލް ފޯނު ކަނޑައިލުމުންނެވެ.
"ސާބަހޭ.. އެނގިއްޖެ ދޯ ގެއަށް އަންނަން.. ދަރިފުޅު ކިހިނެއްތަ މިހާރު ތި އުޅެނީ؟ ހާދަ ގުޅައިފީމޭ.. ގުޅާ އިރަކިއްޔާ އަބަދު ކޯލް ބިޒީ.." ވާފިޔާ ބުންޏެވެ.
"ދެން މަންމަ ދައްކާ ވާހަކަ.. ޖޮބަށް ނުކުންނަން ފެށީމަ ހަމަ ބިޒީ ވަނީ އޭ.. ދެންމެ ރިއާންއަށް ގުޅައިގެން ހުއްޓާ ގުޅުނީ ކަމަށް ތި ވާނީ. ކޯއްޗެއްތަ ކާން ހުރީ މޯމް..؟" ރާހިލް ވާފިޔާގެ ކޮނޑަށް އަތް ވައްޓައިލިއެވެ.
"އެބަހުރި ލައްކަ އެއްޗެހި ކާން ހަދާފަ.. ދޭ ބަލަ ތި ފެންވަރައިލައިގެން ކާން އަަންނަން.. ބައްޕަގެ ރައްޓެހިންތަކެއްވެސް އައިސް އެބަ އުޅޭ.." ވާފިޔާ ރާހިލް އެތަނުން ފޮނުވައިލިއެވެ. ރާހިލް އާދައިގެ މަތިން ރީތި ރާގަކަށް ތުނބުން ފުމެމުން އައިސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ވެގެން ދިޔައީ އެކޮޓަރިން ނުކުންނަން އައި އަންހެންކުއްޖާވެސް ކޮޓަރީގެ ދޮރު އެތެރެއަށް ވާގޮތަށް ހުޅުވައިލި ވަގުތަށެވެ. އެފަދަ ކަމަކަށް ނުވިސްނައި ހުރި ރާހިލް އަރި އަޅައިލި ވަގުތު އެކުއްޖާގެ ހެދުމުގައި ހިފައި ދަމައިގަނެވުނެވެ. އިސާހިތަކު ރާހިލްގެ ބުރަކަށި ތަޅުންގަނޑުގައި ޖެހުނު ވަގުތު އެކުއްޖާގެ ހަށިގަނޑުވެސް ރާހިލްގެ ގައިމައްޗަށް ވެއްޓުނެވެ.
"އެލީޝާ…" "ރާހިލް…" ދެމީހުނަށް އެކު އެކީ ބުނެވުނެވެ.
"މިތާ ކީއްކުރަނީ؟" ރާހިލް ބުމަ ގޮށްޖަހައިލަމުން އަހައިލިއެވެ.
"މީ ބައްޕަމެންނާ އެއްކޮށް އައިސްފަ.. ބައްޕަ އެބައިން ތިރީގަ އަހަރެން ފާހަނަ ދައްކާށޭ ބުނީމާ ވާފިޔާއްތަ ބުނީ ދާށޯ ކޮންމެ ކޮޓަރިއަކަށް ވަނަސް ފާހަނަ ހުންނާނެޔޯ.. މި ކޮޓަރިއަށް ވަދެވުން މީ ހަމަ އިއްތިފާގެއް.." އެލީޝާ ބުންޏެވެ.
"އޯ އޯކޭ… އާމިރުބެއާ އެލީއާ އެކަނިތަ އައީ؟" ރާހިލް އަހައިލިއެވެ.
"ނޫން. މަންމަވެސް އައި. ދެން ސާބަސް.. ހުރިހާ ވާހަކައެއް ދައްކަނީ މިތާ އޮވެތަ؟" އެލީޝާ ހީނގަތެވެ.
"އާހް ޔެސް ތެދުވަންވީ ދޯ.. އެލީއޭ އަސްލު ތެދުވަންވީ. އޭރުންނެއްނު އަހަރެންނަށް ތެދުވެވޭނީ.." ރާހިލް ބުންޏެވެ.
"ސިލީ.. ތެދުވެވޭނީ ރާހިލް އަހަރެންގެ އަތުން ދޫކޮށްލީމައެއްނު" އެލީޝާގެ ވާހަކަ އިވި ރާހިލްއަށް ގުޅިފައިވާ އެދެމީހުންގެ އަތަށް ބަލައިލެވުނެވެ. ވެއްޓެން ދިޔައިރު ހިފެހެއްޓުނު ގޮތަށް އޭނާއަަށް އަދިވެސް އޮތީ އެ އަތުން ދޫނުކުރެވިއެވެ.
"ސޮރީ" ރާހިލް އަވަސް އަވަހަށް އެ އަތުން ދޫކޮށްލިއެވެ. ދެމީހުންނަށް އެކުގައި ކޮޅަށް ތެދުވެވުނު ވަގުތު އެލީޝާ އެތަނުން ނުކުތުމަށް އަވަސްވެގަތެވެ.
"ދަނީ ދެން.. ސީ ޔޫ އަރައުންޑް.." އެލީޝާ ނުކުންނަމުން ބުންޏެވެ.
"ޔެޕް ސީ ޔޫ.." ރާހިލް ވެސް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެލީޝާ ދިޔުމުން ދޮރު ލައްޕައިލިއެވެ.
**************
ހީކުރިފަދައިން ޖެހިގެން އައި ރޭވެސް ރިއާންއަށް އޮފީހުން އާދެވުނީ ވަރަށް ދަންވި ފަހުންނެވެ. ނަމަވެސް ކުރީ ރެއާއި ހިލާފަށް ސޯފާގައި އިން ޒީވާގެ މޫނުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ރިއާން ފެނުމާއެކު ހިނތުންވުމެއް ހަދިޔާކޮށްލުމަށްފަހު ޓީވީއިން އޭނާ ބަލަމުންދިޔަ ފިލްމަށް ސަމާލުކަން ދިނެވެ. ގަމީހުގެ މޭމަތިން ދެގޮށް ނައްޓައިލުމަށްފަހު ރިއާން ވަރުބަލި ކަމާއެކު އެތަނުގައި އެކަކަށް އިށީނދެވޭނެހެން ހުރި ގޮނޑިއަށް ވެއްޓިގަތެވެ. ޓީވީން ޒީވާ ބަލަމުންދިޔަ އިނގިރޭސި ފިލްމަށް އަވަސް ނަޒަރެއް ދިނުމާއެކު އޭގެ އަލިން ބޮލަށް އެރި ތޫނު ތަދުގެ ސަބަބުން ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ.
"ރިއާން.. ރަނގަޅުތަ؟" ޒީވާގެ ސުވާލަށް ޖަވާބު ދިނުމަށްޓަކައި ބޯ ޖަހައިލަމުން ރިއާން ދެލޯ ހުޅުވައިލަން މަސައްކަތް ކުރިއެވެ. އެވަގުތު އަނެއްކާވެސް އެ ތޫނު ތަދު އިހުސާސްވުމާއެކު އޭނާއަށް ނިއްކުރީގައި ހިފަހައްޓައިލެވުނެވެ.
"ރިއާން…" ޒީވާއަށް ރިއާން ރަނގަޅުނޫންގެން ހީވެ އަނެއްކާވެސް ގޮވައިލިއެވެ.
"ޔެސް އޯކޭ.. ކުޑަކޮށް ބޮލުގަ ރިއްސާލީ" ރިއާން ހިނިތުންވާން މަސައްކަތް ކުރިއެވެ.
"މާ މަސައްކަތް ބުރައީ ދޯ.." ޒީވާ ކަންބޮޑުވެފައި އަހައިލިއެވެ. "ރިއާން އޮފް ދުވަހެއްވެސް ނުނަގަމެއްނު.." ޒީވާގެ ވާހަކައަށް ރައްދުދޭކަށް ރިއާންއެއް ނޫޅުނެވެ. ބޮލުގެ ރިހުމަށް ލުޔެއް ލިބޭތޯ އޭނާ ގޮނޑީގެ ފަހަތަށް ކަރު އެލުވައިލައި ދެލޯ މަރައިލިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ނިއްކުރިމަތިން ފިނިފިނި އަތްތިލައެއްގެ އިހުސާސް ކުރެވި ސިއްސައިގެންގޮސް ލޯ ހުޅުވައިލަމުން އެ އަތްތިލައިގައި ހިފެހެއްޓިއެވެ.
"މީ.. ބޮލުގަ.. މިބުނީ .. ބޯ ކުޑަކޮށް އޯކޭ ވޭތޯ.. މަސާޖް" ރިއާންގެ ކުއްލި ހަރަކާތުގެ ސަބަބުން ސިހުންލިބިފައިހުރި ޒީވާ ހާސްވެފައި ބުންޏެވެ. އޭނާއަކަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ. ރިއާންގެ އިޒްނައާނުލާ އެފަދަ ގޮތަކަށް ގައިގައި އަތްލުމުން ރުޅިއައިސްދާނެ ކަމަށްޓަކައި އޭނާ ބިރުގަތެވެ. އެހެނަސް ހީކުރި ގޮތާއިހިލާފަށް ރިއާން ބޯ ޖަހައިލުމަށްފަހު ޒީވާއާ އެއްބަސް ވެލަމުން ޒީވާގެ އަތްތިލަ ކުރިންވެސް އޮތްހެން އޭނާގެ ނިއްކުރީގައި ބޭއްވިއެވެ.
ޖެހިލުންވެފައިހުރެ ޒީވާ ދެފަހަރަކު ރިއާންގެ ނިއްކުރީގައި ފިރުމައިލުމަށްފަހު އަތުގެ އިނގިލިތަށް ރިއާންގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލިއެވެ. މިފަހަރު ރިއާންއަށް ދެލޯ މަރައިލެވުނީ ބޮލުގައި އުފެދުނު ރިހުމަކުން ނޫނެވެ. ޒީވާގެ ހިމަހޯލި އިނގިލިތަކުން ރިއާންގެ ބޯ މޮޑެދޭން ފެށުމާއެކު ބޮލަށް އިހްސާސްކުރެވިގެންދިޔަ ލުއިކަމުންނެވެ. އެގޮތުގައި އެތަށްމިނަޓެއް ހޭދަވެގެން ދިޔައިރުވެސް ރިއާން ލޯ ހުޅުވާކަށް ނޫޅުނެވެ. ޒީވާގެ އަތް މަޑުމަޑުން ތިރިއަށް ދަތުރު ކުރަމުން އައިސް ރިއާންގެ ކޮނޑުގައި ބީހިލިއެވެ. އޭނާ ޖެހިލުންވެފައިހުރެ ރިއާންގެ ގަމީސް ފޭކޮށްލައި ރިއާންގެ ކޮނޑު މޮޑެދޭން ފެށިއެވެ. އެއާއެކު ރިއާންގެ ފަރާތުން އިވުނު ހިތްހަމަޖެހުމުގެ އާހާއެކު ޒީވާ ހިނިތުންވެލިއެވެ.
"ޓްރެއިންޑް ޕްރޮފެޝަނަލް އަކަށްވުރެވެސް ޒީ މާ މޮޅު" ރިއާން ބުންޏެވެ. ޒީވާގާތަށް ހިނި އައެވެ.
"ތި ބުނާ ގޮތުން ހީވަނީ ރިއާން މިކަމުގަ ވަރަށް ޕްރޮފެޝަނަލްސް ހަޔަރ ކުރާހެން" ޒީވާ ބުންޏެވެ.
"ނޫނޭ.. އެއްފަހަރު ރާހިލް ކިޔާވަރުން އެކޮޅުގަ ފައިނަލްސް ނިންމާފަ ފާޑެއްގެ ސްޕަރ އަކަށް ދިޔައިން. އަހަރެންނަކަށް މާ ކަމަކުނުދޭ. ޒީވް ހާ މޮޅެއް ނޫނޭ އެމީހުންވެސް" ރިއާން ބުންޏެވެ.
"އަހަހަހަ… ދެން ހަމަ ގޯނިފުލަށްލީ ދޯ.. އަހަރެންނެއްކަމަކު ޕްރޮފެޝަނަލަކާ އެއްވަރުވާނީ ކިހިނެއް؟" ޒީވާ ބުންޏެވެ.
"ހަމަ އަސްލުވެސް. ޒީވް ކިހިނެއްތަ އެހާ މޮޅީ؟" ރިއާން އަހައިލިއެވެ.
"ޕްރޮފެޝަނަލީ މިކަމުގަ ނޫޅުނަސް މިއީ ޕްރޮފެޝަންގެ ގޮތުން އަހަރެންވެސް ޕޭޝަންޓުންނަށް ކޮށްދޭ ކަމެކޭ" ޒީވާ ބުންޏެވެ.
"ތިބުނީ؟ ހަމަ ކޮންމެ ޕޭޝަންޓަކަަށްވެސްތަ" ރިއާންގެ ބުމަ ގޮށްޖެހިގެންދިޔައެވެ. ކުއްލިއަކަށް އޭނާ މިހާރު އެއިން މަގާމުގައި އެހެން ފިރިހެނަކު އިނދެފާނެކަމުގެ ހިޔާލުން އޭނާއަށް އުނދަގޫވާން ފެށިއެވެ. ފަހަތުގައި އިން ޒީވާއަށް ރިއާންގެ މޫނަށް އެރި ކުލަވަރުގެ ހިލަމެއް ނުވާ ހާލު މައުސޫމް ކަމާއެކު ރިއާންގެ ސުވާލަށް ޖަވާބުދިނެވެ.
"ހޫމް.. މިހާރު ވިއްސާ ނަރުހަކަށް ބަދަލުވިފަހުން.. ވަރަށްގިނައިން.." ޒީވާގެ ޖަވާބުއިވި ރިއާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
"އަހަރެން ހީކުރީ ޒީ ވޯކް ކުރަނީ އެމަރޖެންސީ ބައިގަ ކަމަށް" ރިއާން ބުންޏެވެ. އޭނާއަށް ދެވުނު ދުވަހުވެސް ޒީވާ ފެނުނީ އަވަސްފަރުވާދޭ ބައިގެ ތެރެއިންނެވެ.
"ހޫމް ކުރިން.. އެކަމަކު އެތަން އެހާ ސޭފް ނޫންވީމަ ބަދަލުވީ" ޒީވާ ބުންޏެވެ.
"ސޭފެއް ނޫނޭ ތިބުނީ ކިހިނެއް؟" ރިއާންގެ ސުވާލާކު ޒީވާގެ ހަރަކާތްތަށް ހިނދުކޮޅަކަށް ހުއްޓުނުހެން ރިއާންއަށް ހީވިއެވެ. އެސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޒީވާ ހިމޭންކަން ހިޔާރުކުރިއެވެ.
"ޒީވާ" ރިއާން ގޮވައިލުމުންވެސް ޒީވާގެ ހަބަރެއް ނުވުމާއެކު ރިއާން ކަންބޮޑުވިއެވެ. އޭނާގެ ކޮނޑުގައި އަޅުވައިފައިވާ ޒީވާގެ އަތް ދުރުކޮށްލަމުން ހަށިގަނޑު ސީދާ ކޮށްލިއެވެ.
"ޒީވް އޯކޭތަ؟" ރިއާން މިފަހަރު ގޮވައިލުމާއެކު ޒީވާ ސިހުނެވެ.
"ކީކޭ؟ ޔެސް.. އޯކޭ.. ނިންމާލީތަ؟ މިހާރު ކުޑަކޮށް އޯކޭވެއްޖެ ދޯ.. ދެން ނިދާލީމަ ރަނގަޅުވާނެ. އަހަރެންވެސް ވަރަށް ނިދި އައިސް-"
"ތި ފޮރުވަން މަސައްކަތްކުރަނީ ކޮންކަމެއް؟" ޒީވާ ވާހަކަ އޮޅުވައިލަން ކުރި މަސައްކަތް ނާކާމިޔާބުވީ ރިއާން އިން ގޮނޑިން ތެދުވެގެން އައިސް ޒީވާގެ އަތުގައި ހިފެހެއްޓުމުންނެވެ. ރިއާންގެ ސުވާލާއެކު ޒީވާގެ މޫނަށް ހާސްކަން ވެރިވިއެވެ. އަދި ރިއާންއާ ހަތަރުކަޅި ހަމަނުކުރުމަށްޓަކައި އިސް ޖަހައިލިއެވެ. އެ ހާސްކަމުގެ ސަބަބުން ޒީވާގެ އަތުގައި އުފެދުނު ތުރުތުރު އިހުސާސްވުމާއެކު ރިއާންއަށްވެސް ކުޑަ ސިހުމެއް ލިބުނެވެ.
"މައްސަލައެއްނެތް.. އަހަރެންނަށް މައާފުކުރޭ.. ކުރަން ނުޖެހޭ ސުވާލެއް ކުރެވުނީ.. އަހަރެންނަށް އަހަރެންގެ ހައިސިއްޔަތު އޮޅުނީ.. ޒީވާ އެއްވެސް ކަމެއް ހިއްސާކުރަން ބޭނުން ނޫންނަމަ…" ޒީވާގެ އަތުން ދޫކޮށްލި ރިއާން ދުރަށް ފިޔަވަޅެއް އަޅައިލިއެވެ. އެވަގުތު ޒީވާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ނޫން ރިއާން.. މިއީ ރިއާންއަށް އެނގެންޖެހޭ ވާހަކައެއް.. އެކަމަކު އަހަރެންނަކަށް މި ވާހަކަ ދައްކާނެގޮތެއް ނޭނގުނު.. ބައްޕަމެން އަހަރެންގެ ކައިވެނި މީހަކާ ހަމަޖެއްސީއޭ ބުނި ދުވަހު އަހަރެން ހީކޮށްގެން ހުރީ އެމީހަކަށް މިވާހަކަ އަންގާނެ ކަމަށް.. އެކަމަކު އެއީ ރިއާންކަން އެނގުނު ހިސާބަށް އަހަރެންނަށް އެނގުނު ރިއާންއަށް އެއްވެސް ކަމެއް ނޭނގޭކަން… ކުޑަމިނުން އަހަރެމެންގެ ކައިވެނި ކުރެވުނު ސަބަބުވެސް… ރިއާން.. އަހަރެން… މީގެ ދެތިންމަސް.. މިބުނީ ހަތަރުމަސްކުރިން… އައި ވޯޒް.. އައި ވޯޒް އެސައުލަޓެޑް. އޯލްމޯސްޓް ރޭ**"
ޒީވާގެ ވާހަކައާއެކު ރިއާންއަށް ހީވީ މީހަކު އޭނާގެ ކަންފަތްދޮށުގައި ބޮމެއް ގޮއްވައިލިހެނެވެ. ރޭގައި ޒީވާއަށް ނިދިން ހޭލެވުނު ވަގުތު އޭނާ ފެނުމުން އެކަހަލަ ގޮތަކަށް ސިހުން ލިބިގެންދިޔައީ މިހެންވެ ހެއްޔެވެ؟ ހިނދުކޮޅަކަށް އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ހުރުމަށްފަހު އޭނާ ޒީވާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ޒީވާ ތުންފިއްތާލައިގެން ހުރިގޮތުން ހީވަނީ ދެންނެ ދެންމެ ރޮއެގެންފާނެ ހެނެވެ.
"ޒީވް އައި.. އައިމް… ޒީ ރެޑީ ނޫން ކަމުގައި ވާނަމަ އަހަރެންނަށް ނުކިޔާދިނަސް.."
"އިޓްސް އޯކޭ ރިއާން.." ޒީވާ ބުންޏެވެ. ރިއާން ބޯ ޖަހައިލުމަށްފަހު ޒީވާ ސޯފާގައި ބޭންދިއެވެ. އެކަންތައް ހިނގައިދިޔަގޮތާއި އެކަން ކުރި މީހެއް އޭނާ އިންތިހާއަށް އެނގެން ބޭނުމެވެ.
"އަހަރެން.. އަހަރެން ހުރީ ދަންވަރު ޑިއުޓީގަ ހުއްޓާ… މުޅި ހޮސްޕިޓަލަކުންވެސް ނޫން.. އަހަރެމެން ތިބި ދިމާލުން ކަރަންޓު ކެނޑުނީ.. އައިޝް ކަރަންޓަށް ވީ ގޮތް ބަލަން ދިޔަ ގަޑީ އޭނަ– އަހަރެ–" ޒީވާއަށް އިތުރަށް ވާހަކަ ދެއްކުންވީ އުނދަގޫ ކަމަކަށެވެ. އެރޭގެ ހަނދާންތައް އާވުމާއެކު ހިތުގައި ފޮރުވިފައި އޮތް އޮތް ބިރުވެރިކަން ތިލަވެ ދެލޯ ފެންކަޅި ވާން ފެށިއެވެ. ރިއާން ޒީވާއަށް ހިތްވަރު ދިނުމުގެ ގޮތުން ޒީވާގެ އަތުގައި ހިފައިލިއެވެ.
"އަހަރެން… އަހަރެން ހީކުރީ ނަފްސާނީ ޕޭޝެންޓެއް ކަމަށް.. އެކަމަކު އޭނަ…." ޒީވާއަށް ގިސްލެވެމުން ދިޔަ ނަމަވެސް އެވާހަކަ ކުރިއަށް ގެންދިޔައެވެ. ޒީވާގެ ދުލުން ކިޔައިދެމުންދިޔަ ކޮންމެ ޖުމްލައަކާއެކު ރިއާންގެ މުއްކަވައިލެވިފައިވާ އަތަށް ބާރު ކުރެވެމުން ދިޔައެވެ. އެއިން ކޮންމެ ލަފްޒެއް ކޮށި ބިއްލޫރިތަކެއްހެން އޭނާގެ މެޔަށް ހެރެމުންދިޔަ ކަހަަލަ ވޭނެއް ހިތުގައި އަޅަންފެށިއެވެ.
"ރިއާން ޕްލީޒް.. ބައްޕަމެންނަށް އެމީހާ އަދިވެސް އަހަރެންނަށް ފާރަލާކަން އެނގިގެން އަހަރެންގެ ހިމާޔަތަށްޓަކައި ކައިވެނި ރޭވިޔަސް.. މިއީ އެއްވެސް ހާލެއްގަ ރިއާން ޔޫޒް ކުރަން ކުރި ކަމެކޭ ހީ ނުކުރައްޗޭ.. އަހަރެން.. އަހަރެން ހިއެއް ނުކުރަން މިހެން ކަންވާނެއެކޭ.. މިއީ ރިއާންއަށް ވާނެއެކޭވެސް.. ރިއާން އައި ވޯންޓެޑް ޓު ޓެލް ޔޫ.. ރިއާން.. އަހަރެން—"
"ޝްޝްޝް.." ޒީވާގެ ހަށިގަނޑު މޭގެ ތެރޭގައި ބޮނޑިކޮށްލަމުން އޭނާ ޒީވާގެ ވާހަކަ ހުއްޓުވިއެވެ. "ތިކަހަލަ ކަމެއްގަ ޒީވް އަހަރެން ޔޫސްކޮށްގެން އަހަރެން ހިތްހަމަ ނުޖެހޭނޭ ޒީވްއަށް ހީވަނީތަ؟ އަހަރެން ކައިރި ކުރިންވެސް ތި ވާހަކަ ބުނެލިނަމަ.. އަހަރެން އޭނަ ހޯދާ-"
"ނޫން ރިއާން.. ދެން އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް.. މާތްﷲގެ މިންވަރުފުޅުގަ އަހަރެން ސަލާމާތްވާން ހުރީތީ އޭނާ ބޭނުންވި ކަމެއް އަހަރެންނަށް ނުކުރެވުނެއްނު.. އަހަރެންނަށް މިހާރު އޭނާގެ އެއްވެސް އުނދަގުލެއް ނުފޯރާ.. އެހެންނޫނަސް މިކަހަލަ ކަމެއްގަ ރިއާންގެ ވަގުތުތައް ބޭކާރު ކުރުމުގެ ބޭނުމަކީ ކޮބާ؟ އެކަހަލަ މީހުންނަކީ ގޮޅީގެ އެއްދޮރުން ވައްދާފަ އަނެއްދޮރުން ބޭރުކުރާ މީހުން.. އެމީހެއް ހޯދަން އުޅެގެން ރިއާންއަށްވެސް އަހަރެންނަކަށްވެސް އޭގެ ފައިދާއެއް ނެތެއްނު" ޒީވާ ބުންޏެވެ. ރިއާން އެކަމާ ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް ޒީވާ އެދުނު ފަދައިން އޭނާއަށް އެކަން ނުބަލާ ދޫކޮށްލެވޭނެ ކަމާމެދު އޭނާއަށް ޝައްކެވެ.
"ބަލާބަލަ. ރިއާން ބުނަނީ ތެދެއް. އަހަރެންނަށް ކަމެއްވާއިރަށް ކުޑަކުދިންހެން ރޮވެނީ. އަހަރެންމީ ބޮޑު ފިނޑިއެއް" ރިއާން އެއަށް ވަކި ރައްދެއް ދޭކަށް ނޫޅުނެވެ. އެއީ އޭނާ ޒީވާއާ ދިމާލަށް ނުބުނާ ވާހަަކަތަކަކަށް ނެހެދޭނެއެވެ.
"ޒީވް މިހާރު އޯކޭތަ؟ އެ ހަނދާންތައް ފިޔަވައި އެކަމުގެ އެއްވެސް ލަކުނެއް ޒީގެ ގައިގަ–" ރިއާންގެ ސުވާލު ފުރިހަމަ ނުކުރެވެންދެން ޒީވާ ބޯ ޖަހައިލަމުން ރިއާންއާ ދުރަށް ޖެހިލިއެވެ.
"އަހަރެން އޯކޭ. އެކަމަކު ދައްކަންތަ؟ މިއީ އެރޭ ވަޅިން އަޅުވާފަ ދިޔަ ތަން" ޒީވާލައިގެން ހުރި ޓީޝާޓު ކުޑަކޮށް ހިއްލައިލުމަށްފަހު ބަނޑުގެ އަރިމަތިން ހުރަހަށް ވާގޮތަށް ހުރި ލަކުނު ރިއާންއަށް ދައްކައިލިއެވެ. ސިޓިންގްރޫމްގައިވާ ފަނޑުއަލީގެ ތެރެއިން އެ ލަކުނު ފާހަގަ ކުރަން އުނދަގޫ ވުމުން ރިއާން އަތުގެ ބޮޑުވައި އިނގިލިން އެތަނުގައި ފިރުމާއިލިއެވެ. ޒީވާގެ އޮމާން ހަންގަނޑުގެ މަތިން ކުރަކިވެފައިވާ ހިސާބު އިހުސާސްވުމާއެކު ރިއާންއަށް ދަތްކުނޑިވިކައިލެވުނެވެ. ޒީވާ އެދުނުވަގުތު އެ މައްސަލަ ދޫކޮށްލަން ވައުދު ނުވެވުނުކަމީ އޭނާގެ ނަސީބޭ ހިތަށް އެރިއެވެ. ޒީވާގެ އެ އޮމާން ހަށިގަނޑުގައި އެފަދަ ކޫރުމެއް އަޅުވައިލި މީހަކު އޭނާއަށް އެހާ ފަސޭހައިން ދޫކޮށްލެވޭނީ ކިހިނެއްހެއްޔެވެ؟ އެ މައުސޫމް ހިތް ދުނިޔޭގެ އަނިޔާވެރިކަމުން ކިލަނބުކޮށްލި މީހަކަށް މައާފުދޭނީ ކިހިނެއްހެއްޔެވެ؟
އެރޭ ޒީވާ ނިދަން ދިޔުމުންވެސް ރިއާންއަށް އިނދެވުނީ އެކަމާމެދު ފިކުރު ކުރުމުގައެވެ. ޒީވާއަށް ދިމާވި ކަންތަކާމެދު އޭނާގެ ހިތް ޝަކުވާއިން ފުރެމުންދިޔަ ނަމަވެސް އެއަށްވުރެން ބޮޑު ރުޅިވެރިކަމެއް އެހިތުގައި އުފެދެމުންދިޔައީ ހަތަރުމަސް ފާއިތުވެ ދިޔައިރުވެސް ޒީވާއަށް އެކަމުގައި އިންސާފު ލިބިފައި ނުވީތީއެވެ. ނާޝިދުފަދަ އާރާއިބާރު ހުރި މީހަކު ގަސްތުގައި ޒީވާގެ ކަންތަކާމެދު ފަރުވާކުޑަ ކޮށްލީތީއެވެ.
*************
ހޮސްޕިޓަލުގެ ހަލަބޮލި މާހައުލުގެ ތެރެއަށް ވަދެގެން އައި ރިއާން ނޭފަތުގައި އަޅައިފައިވާ ކަޅުކުލައިގެ ޑިސްޕޯޒަބަލް މާސްކް ރަނގަޅުކޮށްލަމުން ވަށައިގެން ނަޒަރު ހިންގައިލިއެވެ. އަދި ފޯނުން އޭނާއާ ވާހަކަ ދައްކަމުންދިޔަ މީހާގެ އިރުޝާދާ އެއްގޮތަށް ހިނގަމުންދިޔައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާއަށް ހުރެވުނީ ހޮސްޕިޓަލެގެ ކޮންޓްރޯލް ރޫމްގެ ބޭރުގައެވެ.
"އެމް.ޑީ ހެނދުނު ވިދާޅުވި ރިއާން އަންނާނޭ ރިއާންއަށް އެސިސްޓް ކޮށްލަދޭށޭ.. އެހެންވީމާ އެދިލެއްވި ފަދައިން އަޅުގަނޑު ހުންނާނީ އެދުވަހުގެ ހުރިހާ ފުޓެޖްއެއް ރެޑީ ކޮށްލާފަ.. ވަކި ޓައިމް އެއް ބުނެލަދިނިއްޔާ ފަސޭހަވާނެ" ކޮންޓްރޯލް ރޫމްގެ ތެރެއިން ރިއާންއާ ބައްދަލުކުރި ޒުވާނާ ބުންޏެވެ.
"އާންމުކޮށް ދަންވަރު ޝިފްޓް ފެށޭހިސާބުން ޕްލޭ ކޮށްލަބަ" ރިއާން ގޮނޑީގައި އިށީންނަމުން ބުންޏެވެ. ދެން ފާއިތުވެދިރަ ބައި ގަޑިއެއްހާއިރު އޭނާގެ ފުރިހަމަ ސަމާލުކަން އެ ކެމެރާ ތަކަށް ދެވިފައިވިއެވެ. ނަމަވެސް އެކަން ހިނގިކަމަށް ޒީވާ ބުނާ ހިސާބުގައިހުރި ކެމެރާތައް އެއްކޮށް ބަލައި ނިމުނުއިރުވެސް ރިއާންއަކަށް އެއިން މަންޒަރެއް ނުފެނުނެވެ. ދެވަނަ ފަހަރު އޮޅައިލުމަށްފަހު ފުޓެޖް ޕްލޭ ކުރިއިރު ރިއާންގެ ނަޒަރު ހުއްޓިފައިވަނީ ފުޓެޖްގެ ކަނަށް އަރައިފައިވާ ވަގުތަށެވެ.
"މީގެން ދެ ގަޑިއިރު އެބަ މަދުވެއެއްނު؟" ރިއާން އަޑުގަިއވި ހިތްހަމަ ނުޖެހުން ފޮރުވާން މަސައްކަތްކުރަމުން ބުންޏެވެ.
"އަސްލު މީ ހޮސްޕިޓަލްގެ ކޮންފިޑެންޝަލް ވާހަކައެއް.. އެކަމަކު ރިއާންގެ ވައިފްއާ ގުޅޭ ކަމެއްވީމަ އަހަރެން ބުނެދީފާނަން… އެރޭ މިކޮޅުގަ ހިނގި ކަންތައް ސިއްރުކުރަން އެމް.ޕީ ނާޝިދު އެދިލައްވައިގެން އެވަގުތުގެ ހުރިހާ ފޫޓެޖްއެއް ފުހެލާން ޖެހުނީ" އެ ޖަވާބު އިވުމާއެކު ރިއާންގެ ލޭ ކެކިގަތެވެ. އެހެނަސް ކެތްތެރިކަމާއެކު އެކަން އިތުރަށް ހޯދާނެ ގޮތަކާމެދު ވިސްނަން ފެށިއެވެ.
"އަހަރެންނަކީވެސް މިކަންކަމަށް މާ އާ މީހެއްނޫން.. އަހަރެންނަށް އެނގޭ އަސްލު ފުޓެޖް ފުހެލިޔަސް ބެކަޕް ބަހައްޓާނެކަން ނާޖާއިޒް ބޭނުމަކަށްވިޔަސް.. ކޮބާ ބެކަޕް؟" ރިއާން ސުވާލުކުރިއެވެ.
"ސޮރީ އެކަމަކު ނާޝިދު އެދިލައްވައިގެން ބެކަޕްތައްވެސް ޑިސްޓްރޯއިޑް.. އަޅުގަނޑަކަށް ހިއެއްނުވޭ ދެން އިތުރަށް ރިއާންއަށް މިކަމުގަ ކަމެއް ކޮށްދެވޭނެހެން" އެ ޒުވާނާ ތެދުވެ ރިއާންގެ ސްކްރީނުން ފެންނަން ހުރި ފުޓެޖް ނިއްވައިލިއެވެ. ރިއާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
"ކޮން ނަމެއްތަ ކިޔަނީ؟" ރިއާން އަހައިލިއެވެ.
"ހަމްޒާ"
"އޮލްރައިޓް.. ހަމްޒާ އަހަރެންނާ ފުރަތަމަ ވާހަކަދެއްކި ގޮތުން ހީކުރިން ހަގީގަތުގައިވެސް އަހަރެންނަށް މިކަމުގަ އެހީވާނޭ.. އެކަމަކު އެންމެނަކީވެސް ހަމަ އެއްކަހަލަ ބައެއްތާ؟ އެހެންވީމަ ހަމްޒާ އަގެއްކިޔާ" ރިއާން ބުންޏެވެ.
"ތިބުނީ؟" ހަމްޒާގެ ސިކުނޑީގައި ސުވާލުމާކު ޖެހިގެން ދިޔައެވެ.
"މިބުނީ ހަމްޒާ މި ހުރިހާ ކަމަކާ ހަވާލުވެ ހުންނަ މީހެއްގެ ހައިސިއްޔަތުން ހުރިހާ ބެކަޕްއެއް ނައްތާލުންކަހަލަ މޮޔަކަމެއް ކުރާނެޔޭ އަހަރެންގެ ހިތެއް ނުބުނެޔޭ.. އެހެންވީމަ މިކަމުގަ އަހަރެމެން ދެމީހުންގެވެސް މަގްސަދު ހާސިލްވާނެހެން އިތުރު ބަޔަކަށް ނާންގާ މިކަން ކުރަން ބޭނުމިއްޔާ ހަމްޒާ އަގެއް ކިޔާށޭ. އެކަމަކު އޭގެ ކުރިން ހަނދާންކުރާތި! އަގުދައްކާފަ ކުރާ ކަންކަން އަހަރެންގެ ސިކުނޑީގަ ނޯޓެއް ނުކުރާނެ.. އަގަކާނުލާ ވެދޭ އިހުސާންތެރިކަން އަހަރެން މުޅި އުމުރުދުވަހުވެސް ހަނދާން ބަހައްޓާނެ!" ރިއާން ބުންޏެވެ.
"ބައްލަވާ.. އަޅުގަނޑު ބުނީ ތެދު.. ހުރިހާ ބެކަޕްއެއްވެސް ނައްތާލީ.. އެކަމަކު އަޅުގަނޑަށް އެއްދުވަހުގެ މުއްދަތެއް ދިނިއްޔާ މެއިން ސަރވާއިން އޭތި ރިސްޓޯރ ކުރެވޭތޯ މަސައްކަތްކުރެވިދާނެ.. ޔަގީންކަމެއް ނުދެވޭނެ" ހަމްޒާ އިރުކޮޅެއްވަނެދެން ވިސްނައިލުމަށްފަހު ބުންޏެވެ.
"ތިވަރުވެސް މިވަގުތަށް ފުދޭ… ނިންމާފަ އަހަރެންނަށް ޕެންޑްރައިވް ފޮނުވާލާ ދުވަހު ހަމްޒާއަށް ޕޭމެންޓް ފޮނުވަދޭނަން.." ރިއާން ބުންޏެވެ.
"ނޫނޭ.. އަހަރެން ތި ބޭނުމެއްނޫން.. މީ އަހަރެން ވެދޭ އެހީއެއްކަމުގައި ބަލާ" ހަމްޒާ ބުންޏެވެ. ރިއާން އެންމެ ރަނގަޅޭ ބުނަމުން އެތަނުން ނުކުތީ ހަމްޒާ އެ ބެކްއަޕް ހޯދުމުގެ މަސައްކަތް ފެށުމުންނެވެ.
ހޮސްޕިޓަލުން ނުކުތުމަށް ފިޔަވަޅު ބެހެއްޓި ނަމަވެސް ވަކި ހިސާބަކުން އެ ފިޔަވަޅުތަކުގެ މިސްރާބު އެނބުރިގެން ދިޔައީ ކިހިނެއްކަމެއް ރިއާންއަކަށް ނޭނގުނެވެ. ވިއްސާކޮޓަރި ހުންނަ ފަންގިފިލައަށް އަރައި ކައުންޓަރާ ހިސާބަަށް ދެވުނުއިރު ހުދު އޭނާވެސް ދިޔައީ އެ ނިންމުމާމެދު އަމިއްލަ ނަފްސާ ސުވާލުކުރަމުންނެވެ.
"ހައި."
"ހެލޯ ޔެސް..ޒީ ހޯދަން ދޯ؟" ރިއާންއަށް އިތުރު ބަހެއް ނުބުނެވިގެން އުޅެނިކޮށް އައިޝާ ހިނިތުންވެލަމުން އެހިއެވެ. ރިއާން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"ޒީ މިހާރު އެތެރޭގަ އުޅޭތާ އިރުކޮޅެއްވެއްޖެ" އައިޝާ ބުންޏެވެ.
"ނިމޭނެ އިރެއް އެނގޭތަ؟" ރިއާން ސުވާލުކުރިއެވެ.
"އެހެން ބުނާކަށް ނޭނގޭނެ ދެއްތޯ؟" އައިޝާ ހިނިތުންވެލަމުން ޖަވާބުދިނެވެ. ރިއާން ބޯ ޖަހައިލުމަށްފަހު އެތަނުން ދިޔުމަށްޓަކައި އެޅި ފިޔަވަޅު ހުއްޓުނީ އެވަގުތު ލޭބަރ ރޫމްގެ ދޮރު ހުޅުވުމުންނެވެ. ހުދުކުލައިގެ ރަޖަލަކަށް ލައިފައިވާ ތުއްތު ކުއްޖެއް އުރާލައިގެންހުރެ އެދޮރުން ނުކުތީ ޒީވާ ފިޔަވައި އިތުރު މީހެއްނޫނެވެ.
ޒީވާ އެތުއްތުކުއްޖާގެ މަންމަގެ ނަން އެތަނުގައި އިއްވައިލުމާއެކު އެއާއިލާގެ މީހުން އެދިމާލަށް ދިޔައެވެ. ފަހަރަކު މީހަކު އެ ތުއްތުކުއްޖާ އުރައި ލޯބިކުރަމުންދިޔައިރު އެމަންޒަރު ބަލަންހުރި ޒީވާގެ މޫނުމަތީގައިވި ހިނިތުންވުންފެނި ރިއާންގެ ހިތަށް އާދަޔާހިލާފު ހަމަޖެހުމެއް ލިބުނެވެ. ޒީވާގެ ކޮންމެ ހަރަކާތެއް އޭނާއަށް ފެންނަމުންދިޔައީ ލަސްކޮށްލެވިފައިވާ މަންޒަރެއް ފަދައިންނެވެ. ޒީވާ އެކުއްޖާ އުރައިލުމަށްފަހު އަލުން އެތެރެއަށް ވަންނަން އުޅުނު ވަގުތު ދުރުގައިހުރި ރިއާން ފެނުމާއެކު އެމޫނުމަތީގައި ސުވާލުމާކު ޖެހިގެންދިޔައެވެ. އޭނާ އަތުގެ އިޝާރާތުން ރިއާންގާތު މަޑުކޮށްލުމަށް ބުނަމުން ވިއްސާކޮޓަރީގެ ތެރެއަށް ދެމިގަތެވެ. އޭގެ މިނެޓެއްހާއިރު ފަހުން އޭނާ ނުކުމެގެން އައިސް ރިއާންގާތު ހުއްޓުނެވެ.
"ރިއާން.. ހާދަ ހީނުކުރާ ކަމެކޭމީ.. ރިއާން މިތާ ކީއްކުރަނީ؟ ރައްޓެއްސަކާއެކުތަ؟" ޒީވާ އަހައިލިއެވެ.
"ނޫނޭ.. ކުޑަކަމެއްގަ މިކޮޅަށް އައިސްފަ ދެން ހަމަ ހިތަށް އެރީ ޒީވް ގޮވައިގެން ލަންޗަށް ދާން އަންނާނީއޭ. އަހަރެންވެސް އެކަނި ވީމައާއެކު" ރިއާން ރަކިވެފައިހުރެ ބޯ ކަހައިލިއެވެ.
"އަޅޭ.. އަހަރެން އަދި ނިމެން އިރުކޮޅެއް ނަގާނެ.. ހްމްމްމް. މަޑުކޮށްލައްޗޭ އިނގޭ.. އެބަ ގޮތެއް ހޯދާލަން" ޒީވާ އަވަސް އަވަހަށް އައިޝާމެންތިބި ކައުންޓަރު ކައިރިއަށް ދުވެފައި ދިޔައެވެ.
"އައިޝް.. އަހަރެން މިއަދު ތަންކޮޅެއް އަވަހަށް ލަންޗް ނަގާލަން ދިޔަސް އޯކޭތަ؟ އައިޝް މިކޮޅުގަ ހުންނާނަން ދޯ" ޒީވާ އެދުނެވެ.
"އަނބިގޮއްޔެ ދެކިލާހިތުން ރިއާންއަށް ކެތްނުވީ ދޯ" އައިޝާ ދިމާކޮށްލިއެވެ.
"އެއީތަ ޒީވާގެ ފިރިމީހާ؟ އަދި މި ފެނުނީ.. އެކަމަކު ކަނބުލޯ ބުނަން.. ކައިވެނީގެ ފުރަތަމަކޮޅު ވަރަށް އޮޅުވާނެ… ހޯދަންވެސް އަންނާނެ.. ފެންނަހިސާބުގަ ނެތިއްޔާ އަރުން ކާއެތިކޮޅުވެސް ދިރޭ ކަމަށް ނުހަދާނެ. އަދި ކައިވެންޏަށް ތި ވީ އެންމެ މަހެއްތާ ދޯ… އާކަން ކެނޑުނީމަ ފެންނާނީ އަސްލު ސިފަ" އެތަނުގައި އުޅޭ މެދު އުމުރުގެ ނަރުހެއް ކަމަށްވާ ޒޫނާ ބުންޏެވެ.
"ހޫމް ދެން މި ޒޫނައްތަ ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް.. ޒީ ދޭ.. އަހަރެން ހަމަ ޖައްސާލާނަން" ޒީވާގެ އެދުމަށް އައިޝާ އެއްބަސްވިއެވެ. ޒީވާ އުފަލުން ދުވެލާފައި ރިއާން ގާތަށް ދިޔައެވެ.
"އެބަ އަންނަން އެނގޭ މި ގައުން ޗޭންޖް ކޮށްލައިގެން" ޒީވާ އޭނާ ލައިގެންހުރި ވިއްސާ ކޮޓަރީގައި ބޭނުންކުރާ ގަދަ ފެހިކުލައިގެ ގައުންއަށް އިޝާރާތްކޮށް ބުނެލިއެވެ. ރިއާން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ޒީވާ އައުމާއެކު ދެމީހުން އެކުގައިގޮސް ވަނީ ހޮސްޕިޓަލުގައިހުންނަ އާންމުންނަށް ހިދުމަތްދޭ ކެންޓީނަށެވެ.
"އަރ ޔޫ ޝުއަރ މިތަން އޯކޭ ކަން.. ބޭރަށް ދާންވީނު ލަންޗް ނަގައިގެން އަންނަން" އެތަނުގައި ތޮއްޖެހިފައިވާ މީހުންނަށް ބަލައިލަމުން ރިއާން ބުންޏެވެ.
"ހޫމް. އަހަރެންނަށް ހުސްކޮށް ލިބޭނީ އެންމެ ގަޑިއިރެކޭ.. ބޭރަށްގޮސްފިއްޔާ އަންނަން މާ ލަސްވާނެ.. ކިހިނެއްވީ؟ މިތަން ރިއާންގެ ގިންތިއާ އެއްހަމަ ނުކުރަނީތަ؟" ޒީވާ އަހައިލިއެވެ. އޭރު އެ ދެމީހުންތިބީ ކާއެއްޗެހި އެޅުމަށް ހަމަޖެހިފައިވާ ކިއުގައެވެ.
ރިއާން ވަކި އެއްޗެކޭ ނުބުނެ ގެއްލިފައިވާ ކުޑަކުއްޖެއްހެން އެތަނުގައި ޒީވާގެ ފަހަތުން އުޅެމުން ދިޔައެވެ. ޒީވާ ބުނާ އެއްޗަކަށް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލުން ފިޔަވައި އިތުރު އެއްޗެކޭ ބުނާތަނެއް ނުފެނެއެވެ. ހަގީގަތުގައި އޭނާހުރީ އެތަނުގައި ތިބި މީހުންގެ ލޯތަކުން ސަލާމަތްވާން ބޭނުންވެފައެވެ. ވަކިން ހާއްސަކޮށް ފައިސާ ދައްކާ ކައުންޓަރާ ހިސާބަށް ދެވުނުއިރު އެތަނުގައި ކޭޝިއަރަކަށް އިން ކުއްޖާގެ ލޯ އޭނާއަށް ހުއްޓިފައިވާތަންފެނި ރިއާންއަށް ފޫހިގޮތަކަށް ކަޅިއަނބުރައިލެވުނެވެ. ރިއާންއަށް ގެއްލިފައިހުރި ވަރުން އެކުއްޖާއަށް ޒީވާ އެތަނުގައި ހުރިކަންވެސް ނޭނގޭކަހަލައެވެ.
"އެކްސްކިއުޒް މީ" ޒީވާ ކަރުކެހިލަމުން އެކުއްޖާގެ ސަމާލުކަން ހޯދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކުއްޖާއަށް އެކަމުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ. ޒީވާގެ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ.
"ހެލޯ.. ތި ދެލޮލުން އަހަރެންގެ ފިރިމީހާ ކާނުލިއްޔާ ވެދާނެ.. މިތަނުގަ ބަހައްޓާފަ ތި ހުންނަނީކީ މީހުންގެ ފިރިންނަށް ލޯ އަޅާކަށް ނޫނެއްނު؟" ޒީވާ ހިނިތުންވެލަމުން ތަންކޮޅެއް ބާރަށް އެކުއްޖާއަށް އިވޭނެހެން ބުންޏެވެ. އެއަޑު ރިއާންގެ އިތުރުން ރިއާންމެންގެ ފަހަތުގައި ތިބި މަދު ބަޔަކަށްވެސް އިވުނެވެ. ޒީވާގެފުށުން އިވިގެންދިޔަ ބަސްތަކުން ސިހުން ލިބުނު ނަމަވެސް އެ ބަސްތަކާއެކު އޭނާގެ ބަނޑުގައި ކޮކާ އުދުހޭ ކަހަލަ އިހުސާސެއް ކުރެވިގެން ދިޔަހެން ރިއާންއަށް ހީވިއެވެ. ބޭއިހްތިޔާރުގައި ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވައިލުމަށް މަސައްކަތްކުރެވުނެވެ. ޒީވާގެ ފަރާތުން އެކަހަލަ ހަރުކަށިކަމެއް ފެނުން ވެގެންދިޔައީ ރިއާން ހައިރާންކުރުވި ކަމަކަށެވެ. މީގެ އަހަރުތަކެއްކުރިން އޭނާ އެ ޒީވާއަކާއެކު ވަގުތު ހޭދަކުރަމުންދިޔަ މަޑުމޮޅި އަދި ލަދުރަކި މިޒާޖުގެ ޒީވާއާއި މިހާރު އޭނާގެ ކައިރީގައި މިހިރަ ޒީވާ ހާސްބައި ތަފާތުކަން އެނގިގެންދިޔައެވެ. އެހެނަސް ޒީވާގެ އެ ބަދަލާމެދު އޭނާގެ ހިތްހަމަ ޖެހުނެވެ.
"ސޮރީ" ކައުންޓަރުގައި ފައިސާ ބަލައިގަންނަން އިން ކުއްޖާ އިސްޖަހަިއލަމުން އަގު ހަދަން ފެށިއެވެ.
"ލެޓް މީ ޕޭ" ރިއާން ކުރިއަށް ޖެހިލިއެވެ.
"ނޯ ނޯ.. އަހަރެން ޕޭ ކުރާނީ.. އައި ހޭވް ސްޓާފް ޑިސްކައުޓް" ޒީވާގެ ވާހަކަ ގަބޫލު ނުކުރެވިފައި ރިއާންއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ޒީވާ ހީކުރަނީ އެ ވިހި އިންސައްތަ ޑިސްކައުންޓަކީ އޭނާއަށް މާ މުހިއްމު ޑިސްކައުންޓަކަށް ވާނެ ކަމަށް ހެއްޔެވެ؟ ނަމަވެސް އެންމެފަހުން ޒީވާގެ ބަހަށް ރިއާން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
"ދެޓް ދެއަރ .. ވޯޒް ވައިލްޑް" ކާ އެއްޗެހި ހިފައިގެން އައިސް މޭޒު ދޮށުގައި އިށީންނަމުން ރިއާން ޒީވާގާތު ބުންޏެވެ.
"ކޮން؟" ޒީވާއަށް ވާނުވާ ނޭނގިފައި އަހައިލެވުނެވެ.
"ޒީ އެކުއްޖާ ސައިޒް ކޮށްލިގޮތް.. އަހަރެން ހިއެއް ނުކުރަން ޒީއަށް އެހެން އެއްޗެކޭ ބުނަން ކެރޭނެ ކަމަކަށް" ރިއާން ހިނިއައިސްފައި އިނދެ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އޯ ނޯ.. އަސްލުވެސް އަހަރެންނަށް ވަރަށް ރޫޑް ކޮށްތަ ވާހަކަ ދެއްކުނީ؟ އޯ ގޯޑް.. އަހަރެން މީ އާންމުކޮށް އެއްޗެއް ބުނާ މީހެއްވެސް ނޫން. ދެން ކިހިނެއް ހަދާނީ؟" ޒީވާ ކަންބޮޑުވެފައި މޫނުގައި އަތްއެޅިގޮތުން ރިއާން ހައިރާންވިއެވެ. އެއީ ޒީވާގެ މިޒާޖުގައިވާ ކަމެއް ނޫންނަމަ ކޮންމެހެން އެފަދަ ގޮތަކަށް އެކުއްޖާއަށް ރައްދު ދޭންވީ ކީއްވެހެއްޔެވެ؟ ނަމަވެސް އޭނާއަށް ނޭނގުނުކަމަކީ ޒީވާގެ ހިތުގައި އެންމެކުރިންވެސް އޭނާއަށްޓަކައިވާ ލޯބި އަދިވެސް އެހިތުގައިވާކަމެވެ. އެހެން މީހެއްގެ ނަޒަރު ނުސިޔާރު ގޮތަކަށް ރިއާންއަށް އަމާޒުވެލަންވެސް ޒީވާ ބޭނުންނުވާކަމެވެ.
"ދެން އެކަމާ އަޅާނުލާ.." ރިއާން ބުންޏެވެ.
"އަސްލުވެސް އަހަރެންނަކަށް ނޭނގެ ވީގޮތެއް.. އޭނާ ފާޑަކަށް ރިއާންއަށް ލޯ އަޅަން ފެށީމަ އަހަރެންވެސް ފާޑަކަށް ރުޅި–" ބުނެވުނީ ކީކޭކަން ރޭކައިލުމާއެކު ޒީވާއަށް ދެލޯ ބޮޑު ކޮށްލަމުން ރިއާންއާ ދިމާލަށް ބަލައިލެވުނެވެ. ރިއާންއަށްވެސް ސިހިފައި ޒީވާއާ ހަތަރުކާޅި ހަމަކޮށްލެވުނެވެ. އެދެމެދަށް ވެރިވެގެންދިޔަ ނުތަނަވަސްކަން ފިލުވައިލުމަށްޓަކައި ޒީވާ އިސްޖަހައިލަމުން ކެއުން ކުރިއަށް ގެންދިޔައެވެ. ރިއާން ފާޑަކަށް ހިނިއައިސްފައި އިނދެ އޭނާ ގެނައި ކޮފީތަށީގައި ތުންޖަހައިލިއެވެ.
************
"ސާބަހޭ ދޮންބެއަށް. ދުވަހަކު ގަޑިއަށް ތަނަކަށް ދެވޭކަމަށް ނަހަދާނެ.. ކޮންހާ ރީއްޗެއް ވާކަށްތަ؟ ސިސްވެސް ދަނީކީ ނޫންވިއްޔާ. އިޓްސް ޖަސްޓް އަ ފެމިލީ ޑިނަރ" ރާހިލްގެ ކޮޓަރީގެ ބޭރުގައި ހުރެ އިޝްވާ ގޮވައިލިއެވެ.
"މަމް މެން ކީއްވެތަ ޝައިނާއަށް އިންވައިޓް ނުކުރީ؟ ޝައިނާ ހުންނަގަޑީ އެވަރެއް ނެތިގެން ކިޔާނެ ތިއީވެސް އާއިލާ ކުއްޖެކޭ.. އެކަމަކު ކުޑަމިނުން ފެމިލީ ޑިނަރ އަކަށްވެސް ދައުވަތު ދެނީކީ ނޫން" ގަމީހުގެ އަތް އޮޅަމުން ކޮޓަރުން ނުކުތް ރާހިލް އިޝްވާގާތު ޝަކުވާ ކުރިއެެވެ.
"ޕިސްޕިސް. ތިހާވަރަށް ސިސް މި އާއިލާ މީހަކަށް ހަދަން ބޭނުމިއްޔާ ދޮންބެ އަޅެފަހެ ސިސްއާ މެރީ ކުރަންވީނު؟ އެހެންނޫނަސް މިއީ ބައްޕަ ރޭވި ކަމެކޭ.. މަމް ރޭވި ކަމަކިއްޔާ ޔަގީނުންވެސް ސިސްއަށް ކިޔާނެ ދޯ. ދެންވެސް ތި ހިނގާބަލަ ޝަކުވާ ކުރަން ނުހުރެ.. ދޮންބެއާ އެއްކޮށް ދާން ހުރެގެން އަބަދުވެސް ވާނީ މިވަރު.. ހިތަށް އަރާ މޯމް މެނާ އެއްކޮށް ކާރުގަ ދެވުނު ނަމައޭ" ރާހިލްގެ ކޮނޑުގައި އަތް އަޅައި ކޮށްޕައިލަމުން އިޝްވާ ބުންޏެވެ.
************
"އަހަރެންނަށް އަޑުއިވުނު ކަންނޭނގެ މިއީ ފެމިލީ ޑިނަރއެކޭ" މޭޒުގެ އަނެއްފަރާތުގައި ތިބި އާމިރުގެ ދެމަފިރިންނާއި އެލީޝާއަށް އިޝާރާތް ކުރަމުން ރާހިލް ގާތުގައި އިން އިޝްވާއަށް މެސެޖުކޮށްލިއެވެ.
"އަސްލުވެސް.. މިހެން ވާނެކަން އިނގުނުނަމަ ނުވެސް އަންނާނަން.. ދޮންތިވެސް ބަލާބަލަ އެންމެ ފަހު ވަގުތު ނާންނަންވެގެން ބޯ ދަމައިގަތީނު.. ރަނގަޅަށް ވަންޏާ ދޮންތިއަށް އެނގޭނެ މި މީހުން އަންނަކަން" އިޝްވާ ރައްދުގައި ރާހިލްއަށް މެސެޖެއް ފޮނުވައިލިއެވެ.
"ކީއްވެތަ ބައްޕަ މާވަރަކަށް މި މީހުނާ ދޯޅުވެގެން މި އުޅެނީ؟" ރާހިލް މެސެޖުގައި ލިޔުނެވެ.
"ނޭނގޭތަ؟ ބައްޕަ އުޅެނީ އެމީހުންގެ ތަނެއް މިކޮޅުގަ ހުޅުވަން.. ޕްރައިވެޓް ހޮސްޕިޓަލެއް ނޫނީ ކްލިނިކެއް.." އިޝްވާ ފޮނުވި މެސެޖުގައި އޮތެވެ.
"އެކަމަކު ބައްޕަގެ މެދުފަންތީގެ ވިޔަފާރިއާ ބަލާފަ އެއީ ހާދަ ބޮޑު އިންވެސްޓްމެންޓެކޭ" ރާހިލް ބުންޏެވެ.
"ހޫމް.. އެމީހުން އިންވެސްޓް ކުރާނެއްނު" އިޝްވާގެ މެސްޖުގައި އޮތެވެ. ރާހިލް ހައިރާންވެފައި އެއްފަހަރު އިޝްވާއަށް އަނެއްފަހަރު މޭޒުގެ އެއްފަޅީގައި ތިބެ ވާހަކަ ދައްކަމުންދިޔަ އާމިރާއި ނާޝިދަށް ބަލައިލިއެވެ. ވިޔަފާރިއާ ގުޅޭ އެހާ ބޮޑު ނިންމުނެއް ނިންމަން ގަސްތުކުރާއިރު އޭނާގާތު އެވާހަކަ ބުނެލުން ނާޝިދަށް މުހިއްމު ކަމަކަށް ނުވިތާއެެވެ. އޭނާއަކީވެސް ގައިމު މިހާރު އެ ވިޔަފާރީގައި މުހިއްމު ފަރާތެއް ނޫންހެއްޔެވެ.
"ދަރިފުޅާ.. މާ މަޑުން ތި އިންނަނީ ކިހިނެއްވެފަ؟ ނިކަން މި ކުދިންނާ ވާހަކަ ދައްކާލަބަ" އާމިރު އެލީޝާގާތު ބުންޏެވެ.
"އާނ.. އަހަރުމެންގޭ އިޝްކޮމެންވެސް މީ އެހެންޏާ އެހާ މަޑުން ތިބޭ ބައެއްނޫން.. އަދި ސަފުން ރާހިލްއާ އިޝްކޮއާ ޖެހުނިއްޔާ ހަތަރެސްކަން ހަމަވީ" ނާޝިދުވެސް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
"ބައްޕާ.. ދޮންތަ ކޮބާތަ؟" އިޝްވާ އަހައިލިއެވެ.
"ދޮންތަ މިރޭ ދަންވަރު ޑިއުޓީ އޮތީމަ ނާދެވުނީ.." ވާފިޔާ ޖަވާބުދިނެވެ. އޭރުވެސް އެލީޝާ އެތަނުގައި ބަހެއް ނުބުނެ މަޑުންއިނެވެ. އޭނާގެ މޫނުމަތިން ހަނދު އޮއްސިފައިވާ ފަދައެވެ. ބޮޑު ފިކުރެއްގައި އިން އިރު އެމޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރުތައްވެސް ފާޅުވާން ހުއްޓެވެ.
"އެލީ.. ދަރިފުޅު ރަނގަޅުތަ؟" އާމިރު އަނެއްކާވެސް އަހައިލިއެވެ.
"ނޫން ބައްޕާ.. ވަރަށް ބޮޑަށް ބޮލުގަ ރިއްސަނީ.. އަޅުގަނޑު ބޭނުމީ ގެއަށް ދާން.." އެލީޝާ ބުންޏެވެ.
"ދެން ދަރިފުޅާ.. އަދި ކާއެއްޗެހިވެސް އެ އައީ ދެންމެ.. ނާޝިދުއާ ބައްޕަމެން ދައްކަންޖެހޭ މުހިއްމު ވާހަކަވެސް އެބަހުރި.." އާމިރު ބުންޏެވެ.
"ބައްޕައާ މަންމަ މަޑުކުރޭ.. އަޅުގަނޑު ޓެކްސީއެއް ނަގައިގެން ގޮސްފާނަން" އެލީޝާ ގޮނޑިން ތެދުވިއެވެ.
"ނޫނޭ ނޫނޭ.. ތިގޮތް ކަމަކު ނުދާނެ.. އެލީޝާ އެކަނި ދާނެ ކަމެއްނެތް.. އަދި މާލެތެރެވެސް މާ ރަނގަޅަކަށް އެނގެނީކީ ނޫނެއްނު.. ރާާހިލް.. ދަރިފުޅު އެލީޝާ ގެއަށް ގެންގޮސްދީފަ އިޝްކޮ ބަލާ އަންނަންވީނު؟" ނާޝިދު ބުންޏެވެ. ރާހިލް ހިސާބަކަށް ޖެހިލުންވެފައި އެއްފަހަރު ނާޝިދަށް އަނެއްފަހަރު އިޝްވާއަށް ބަލައިލިއެވެ.
"އަޅުގަނޑު؟"
"ނޫން އޯކޭވާނެ.. އަހަރެން އެކަނި ގޮސްލާނަން" ރާހިލްގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން އެލީޝާ ބުންޏެވެ.
"ނޫނޭ.. ރާހިލް ދާނެ. ދޯ ދަރިފުޅާ؟" ވާފިޔާ ބުންޏެވެ. މަންމަގެ އެދުމަށް ރާހިލްއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އޭނާ ބޯ ޖަހައިލުމަށްފަހު މޭޒުމަތީގައި އޮތް ސައިކަލު ތަޅުދަނޑި ހިފައިގެން އެލީޝާގެ ފަހަތުން ހިނގައިގަތެވެ.
އާދަޔާ ހިލާފު ހިމޭން ދަތުރަކަށްފަހު އެލީޝާމެން އުޅޭ ލަގްޒަރީ އެޕަރޓްމެންޓްތައް ހުންނަ އިމާރާތުގެ ކުރިމައްޗަށް ސައިކަލު ހުއްޓައިލެވުނެވެ. އެހެންދުވަސްތަކު އެލީޝާގެ ފަރާތުން ފެންނަ ސަކަމިޒާޖު ނުފެންނާތީ ރާހިލްވެސް އެރޭ މާގިނަ ވާހަކަތަކެއް ނުދެއްކިއެވެ.
"ގެއަށް ނާރާނަންތަ؟" ސައިކަލުން ފޭބުމަށްފަހު އެލީޝާ ރާހިލްގާތު އަހައިލިއެވެ.
"އިޝްކޮ ބަލާ ދާން ޖެހޭނެއްނު.. އެހެން ފަހަރަކުން ދޯ" ރާހިލް ބުންޏެވެ.
"އަދި އެހާ އަވަހަށް ނުވެސް ނިމޭނެ އެއްނު.. ރާހިލް ޗޫޒް ކުރާނީ ބައްޕަމެން އެ ދައްކާ ބޯރިންގް ވާހަކަތައް އަޑު އަހަން އެތަނަށް ދާންތަ؟ ނޫނީ އަހަރެންނާއެކީ ކޮފީއެއްބޯލަން މަޑުކުރަންތަ؟ އަނެއްކާ ވިޔަފާރި ދާއިރާގަ މަސައްކަތް ކުރާތީ ރާހިލްއަކީވެސް ހަމަ އެހާ ބޯރިންގް މީހަކީތަ؟" އެލީޝާ ދިމާކުރުމުގެ ރާގެއްގައި އަހައިލިއެވެ.
"އަހަހަ. ނޫނޭ.. އެކަމަކު އަހަރެން ނުދަންޏާ އިޝްކޮ އިންނާނީ އެ އެންމެން ތެރޭ ފޫހިވެފައެއްނު" ރާހިލް ހިނިތުންވުމަކާއެކު ބުންޏެވެ.
"ދެން އަޅެ އަހަރެން ވަކި އެކަނިމާއެކަނި ގޭގަ އިންނަން ފޫއްސެއް ނުވާނެތަ؟ ޕްލީޒް… އަހަރެން ބުނީތީ" އެލީޝާ އެވަރަށް އެދުމުން އެލީޝާގެ އެދުމަށް ފުރަގަސްދޭކަށް ރާހިލްއަކަށް ނުކެރުނެވެ. އޭނާ ކައިރި ހިސާބެއްގައި ސައިކަލު ޕާކު ކުރުމަށްފަހު އެލީޝާއާއެކު އިމާރާތުގެ ތެރެއަށް ހިނގައިގަތެވެ..
"މޭކް ޔޯރސެލްފް ހޯމް.. ކޯއްޗެއް ބޭނުމީ؟" އެޕަރޓްމެންޓްގެ ލައިޓްތައް ދިއްލައިލުމަށްފަހު އެލީޝާ އަހައިލިއެވެ.
'ވޯޓަރ އިޒް ފައިން" ރާހިލް އެޕަރޓްމެންޓްގެ ތެރެއަށް ނަޒާރު ހިންގައިލަމުން ބުންޏެވެ. އެފަދަ ވަގުތެއްގައިވެސް އޭނާގެ ހިޔާލުތައްވީ ޝައިނާއާއެކުގައެވެ. ހަނދާނަށް އަންނަމުން ދިޔައީ އެންމެ ފުރަތަމަ އޭނާ ޝައިނާ އުޅޭ އެޕަރޓްމެންޓަށް ވަތް ދުވަހުގެ ހަނދާންތަކެވެ.
އެލީޝާ ގެނެސްދިން ފެންތަށި އެއްނޭވައިން ހުސްކޮށްލުމަށްފަހު ރާހިލް އަނެއްކާވެސް ދިޔުމުގެ އިޒުނައަކަށް އެދުނެވެ. އެވަގުތު އެލީޝާ ގެނައި ހަރަކާތާއެކު ރާހިލްއަށް އިރުކޮޅަކު ހަރަކާތްކޮށްލަންވެސް ނޭނގިފައި ހުރެވުނެވެ. އެލީޝާގެ ހޫނު ތުންފަތް އޭނާގެ ތުންފަތުގައި ބީހިލި ވަގުތު އޭނާއަށް އެލީޝާގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ރިއާންކަންތައް ބޮޑުވޭޒީއައް އެހެންމީހެއްގެފަރާތުން
އަނިޔާލިބުނީމަ އެކަމްއަދިވެސް ރިއާންއަށްޒީދެކެލޯތްބެއްނުވެވޭ
މީކޮންކަހަލަފިރިހެނެއްތައަޅެ ޒީވެސްދެންބުނެބަލަ މިހާރުވެސް
ވަރައްލޯބިވެޔޭ މިއެލީސާމިއުޅެނީކޮންފާޑަކައް ރާހިލްއާ ށައިނާ
ދުރުނުކުރައްޗޭ އަންޔާ
ވަރަށް ރީތި މިބައިވެސް. ރާހިލް އަވަހަށް ތިތަނުން ނިކުމެވޭތޯ ބަލާ. ނޭނގެ ކޯއްޗެއް އަޅާފަކަމެއްވެސް ފެންތަށި އެދިނީ.