Friday, 04 October 2024

ހިތް އެދޭހާ ކަމެއް.. (29 ވަނަބައި)

"ޒީވް.. ހާދަ ނުގަޑިއެއްގަ.. އަނެއްކާ ކަމެއް ލައިގަތީތަ؟" ޝައިނާ ބުންޏެވެ.

"އައްދެ. އަހަރެން މީހަކާ އިނޭ ކިޔާފަ ހާދަ ދުރެކޭ ދޯ ތި ކޮށްލީ؟ ވަންނަންވެސް މިހާރު ނުބުނަނީތަ؟" ޝައިނާގެ އިޒުނައަކާނުލައި ޒީވާ ގޭގެ ދޮރު އިތުރަށް ހުޅުވައިލުމަށްފަހު އެތެރެއަށްވަދެ ސޯފާގައި އިށީންނަމުން ބުންޏެވެ.

ޝައިނާއަށް ލޮލުގެ ހިމަކޮޅުން ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލެވުނެވެ. މިފަދަ ވަގުތެއްގައި ރާހިލް ހޭލައިގެން ކޮޓަރިން ނުކުތިއްޔާ އޭނާގެ ޒަމާން ދިޔައީއެވެ. އެހެން ނުވޭތޯ ހިތާހިތުން ދުއާ ކުރަމުން އޭނާއައިސް އަލުން ސައި ތައްޔާރު ކުރަން ފެށިއެވެ.

"އިއްޔެ ހެނދުނު އަންނާނަމޭ ކިޔާފަ މިއަދު ދޯ ތި އާދެވުނީ..  ސައިބޯންވީނު؟ އަދި އަހަރެންނަށްވެސް އޮފީހަށް ދެވޭނެހާ ވަގުތު އެބައޮތް.." ޝައިނާ ބުންޏެވެ.

"މިހާ ހެނދުނާ މަސްހުނި މޮޑެނީތަ؟ ޝައި ތީ އެހެންޏާ ސައި ހަދާ މީހެއްނޫނެއްނު؟" ޒީވާ ކަބަޑުސެޓުން ނެގި ޖޯޑުގައި އަމިއްލައަށް ސައިތައްޓެއް ހަދަން ފެށިއެވެ.

"މިއީ މިއަދު އަވަހަށް ހޭލެވުނީމަ.. ޒީވެސް ކައިގެން ދާންވީނު" ޝައިނާ ބުންޏެވެ.

"ނޫނޭ. އަސްލު އަހަރެން މި ހަފްތާ ދަންވަރު ޑިއުޓީ.. މިއަދު މާ ހަނދުނަކާ މިގެއަށް މި އައީވެސް ބައްޕަ ސައިބޯން އަންނާށޭ ބުނީމަ އެހާއިރަށް މަޑުކޮށްލަން.. ދެން އެނގެއެއްނު ފަތިހު ނިމުނީމަ ޑިއުޓީ ނިންމާފަ ހުޅުމާލެ ނުދާންވެގެން. އަނެއްކާވެސް އަންނަން ވިއްޔާ ޖެހޭނީ.. ބައްޕަ ކޮންމެވެސް ވާހަކައެއް ދައްކާށޯ.. އެކަމަކު މަންމަ ފާޑަކަށް މިހާރުވެސް އަހަރެންނާ އެވާހަކަ ދައްކައިފި. ޝައިއަށް މިލްކް ޓީ ދޯ؟" ޝައިނާގެ ސައިތަށިވެސް ތައްޔާރު ކޮށްލަދިން ޒީވާ ބުންޏެވެ.

"ހޫމް. މިލްކް ޓީ އޯކޭވާނެ. އަހަރެންވެސް ދެން މި މޮޑެލާފަ މީ ނިންމާލީ.. ފަހުން ރޮށި ފިހެލާނީ" ޝައިނާވެސް ތަށިތައްް ހިފައިގެން ސިންކާއި ދިމާލަށް ޖެހިލަމުން ބުންޏެވެ.

"ހޫމް. އަހަރެން ކީކޭތަ ދެންމެ ކީ؟ އާން ބައްޕަދޯ؟ ބައްޕަ އުޅެނީ މޮޅު ކަމެއް ކޮށްލައިގެންނު. މަންމަ ބުނީމަވެސް އަހަރެން ފުރަތަމަ ގަބޫލެއް ނުކުރަން. އެކަމަކު ރޭގަ ބައްޕަ ގުޅާފަ މިއަދު ވާހަކައެއް ދައްކަން އެބަ އޮތޭ އަންނައްޗޭ ބުނީމަ ޔަގީންވެއްޖެ. ހަނދާންވޭތަ އަހަރެން ވެޑިންގްގަ އުޅުނެއްނު ބްލޮންޑީއެއް؟ އެލީޝާ؟" ޒީވާ ބުންޏެވެ.

"ހޫމް.. އެ ބޭރު ކުއްޖާތަ؟" އެރޭ ރާހިލްއާ ވާހަކަދައްކަންހުރި ކުއްޖާ ޝައިނާގެ ހަނދާނަށް އައެވެ.

"ސާބަސް. އެއީ މުޅިއަކުން ބޭރުކުއްޖެއް ނޫނޭ.. އެކަމަކު ރީތިދޯ؟ ދޮންބެވެސް ވަރަށް ލައިކްވާނެހެން ހީވަނީ. މަންމަ ބުނީ ދޮންބެއާ އެވާހަކަ ވާހަކަދައްކައިފީމޯ. އަނެއްކާ ދޮންބެގެ ޓައިޕްއެއްނު؟ އަބަަދުވެސް ކިޔާނެ ތިމަންނަ އިންނާނީ ބޭރު ކުއްޖަކާއޭ" ޒީވާގެ ވާހަކަ އިވުނު ޝައިނާގެ ބުމަ ގޮށްޖެހިގެންދިޔައެވެ.

"އަދި ނޭނގުނު ތި ކިޔާ އެއްޗެއް" އޭނާ ބުންޏެވެ.

"އެމީހުން މެރީ ކުރާ ވާހަކަ. ބައްޕަ އެވާހަކައޭ މިއަދު ދައްކަން އެ އުޅެނީ.. ދޮންބެ ވަކި އެއްޗެއް ބުނަންދެން ކަންނޭގެ އަހަރެން ކައިރި ނުބުނެ ހުރީ" ޒީވާގެ ޖަވާބާއެކު ޝައިނާ ދޮންނަން ހުރި ތަށި އަތުން ދޫވިއެވެ. އެ ތަށި ވެއްޓި ސިންކުގައި ޖެހުނު އަޑު މުޅިތަނަށް ގުގުމައިލިއެވެ.

"ކިހިނެއް ތި ހެދީ؟" ޒީވާ ކަންބޮޑުވެފައި އަހައިލިއެވެ.

"މި.. މިއީ ތަށި ދޫވީނު.." ޝައިނާ ހަމަޖެހެން މަސައްކަތްކުރަމުން ބުންޏެވެ. ނަމަވެސް އޭރު އޭނާގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. ޒީވާގެ ލަފްޒުތައް ކަންފަތް ކައިރިން ތަކުރާރުކޮށް އިވެމުން ދިޔަހެން ހީވިއިރު އޭގެ ފަހުން ޒީވާ ދައްކަމުންދިޔަ އެއްވެސް ވާހަކައެއް އޭނާއަށް ނީވޭ ކަހަލައެވެ. ސިކުނޑި މަސައްކަތް ކުރަމުންދިޔައީ އޭނާއަށް އެލިބުނު ހަބަރު ބަލައިގަނެވޭތޯއެވެ.

"ދެން.. ދެން ރާހިލް މިހާރު ވަކި ޖަވާބެއް ދިނީތަ؟" ޝައިނާ އެނގެން ބޭނުންވިއެވެ. މިކަމާ ގުޅޭ ވާހަކައެއް ރާހިލް ކުރިން ނުދެއްކީތީ ހިތުގައި ޝަކުވާ އުފެދުނެވެ. ރާހިލް ރޭގެ ދަންވަރު އެގެއަށް އެހެން އައުމުގެ ސަބަބަކީ އެއީތާއެވެ. ދައްކަން އުޅުނު ވާހަކައަކީ އެއީތާއެވެ.

"ހީވަނީ ދޮންބެ އޯކޭ ވާނެހެން. މަންމަ ބުނި އެލީމެން ގެއަށް އަންނަ ދުވަސް ދުވަހުވެސް އެލީއާ ވަރަށް އެއްކޮށޭ އުޅެނީ.. ޑިނަރއަށް ދިޔަރޭވެސް.. އެހެންނޫނަސް ދެން ދޮންބެވެސް މިހާރު މީހަކާ އިނީމާ އެއްނު އެ އުޅޭ އުޅުން ދޫކޮށްލާފަ ހަރުދަނާ ވާނީ.. އެލީއަކީ އަނެއްކާ އެހާ ސްވީޓް ގަރލްއެއް… އެދެމީހުން ނުލާހިކު ގުޅޭ. ނޫންތަ؟" ޒީވާ ހެވިފައި ސައިތަށިން ކޯވަރެއް ދަމައިލިއެވެ.

"ކީކޭ؟އާން.. އާން ޔެސް ދޯ.." ޝައިނާ ބުންޏެވެ.

"ހާދަ ފާޑަކަށް؟ ޝައި އެހާ އެލީ ދެކެ ލައިކް ނުވަނީތަ؟" ޒީވާ ބުންޏެވެ.

"ނޫނޭ.. ދެން ލައިކް ވޭތޯ ނުވޭތޯ ނިންމާހާ ބޮޑަކަށް ނުވެސް އެނގޭދޯ.." ޝައިނާ ހިނިތުންވެލިއެވެ. އޭނާ ޒީވާއަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެލީޝާދެކެ ގަޔާނުވަނީކީ ނޫނެވެ. ރާހިލްއާ ގަޔާވަނީއެވެ. އިތުރު އެހެންމީހަކާ ރާހިލް ހިއްސާކުރެވޭ ވަރަށްވުރެ މާބޮޑަށެވެ.

"ހުރޭ. އެލީ އަހަރެންގެ ފަހަރިއަށް ވީމަ ތިދެމީހުން ފްރެންޑް ކޮށްދޭނަން އިނގޭ.. އަނެއްހެން ވަރަށް ކޫލްވާނޭ އެލީ.." ޒީވާ އިތުރަށް އެލީޝާގެ ވާހަކަ ދައްކަމުން އައި ވަރަކަށް ޝައިނާގެ މޫޑު ހަރާބުވަމުންދިޔައެވެ. ސައިތަށިވެސް އިތުރަށް ކުރިއަށް ގެންދިޔުން އޭނާއަށްވީ އުނދަގޫ ކަމަކަަށެވެ. މޭގެ ތެރޭގައި އެއްޗެއް ތާށިވެފައިވާހެން ހީވާން ފަށައިފިއެވެ.

"ދެން ތި އެލީޝާގެ ވާހަކަ ބާއްވަބަލަ. ޒީމެން މިހާރު ކިހިނެއްތަ؟ މިބުނީ ރިއާންއާ ދެމީހުން" ޝައިނާ މައުލޫ ބަދަލުކޮށްލިއެވެ.

"ރަނގަޅު ހުރިހާ ކަމެއްވެސް.. ރިއާން އަހަރެންނަކަށް ގޯހެއްނޫން.. ވާހަކަވެސް ދައްކާ.. ރަހްމަތްތެރިއަކަށްވެސް ރަނގަޅު.. އެކަމަކު ބައެއްފަހަރު ދުރުކޮށްލާގޮތުން ނޫނީ އެ އަންނަ ސިނގުރުޅިއާހެދި ކުޑަކޮށް ދެރަވޭ." ޒީވާ ބުންޏެވެ.

"ސާބަސް.. އަހަރެން މިބުނީ ތިދެމީހުންގެ ރަހްމަތްތެރިކަން ކިޔާދޭކަން ނޫނެއްނު. މިބުނީ އޭޒް އަ ހަސްބަންޑް.. ދެން އެނގޭނު" ޝައިނާ އެއްލޯ މަރައިލަމުން ބުންޏެވެ.

"ދެން ޝައިނާ ދައްކާ ވާހަކަ. އަހަރެމެން އުޅެނީވެސް ވަކިންނެއްނު. އެހެންނޫނަސް.. މިއީ ލޯބިންކުރި ކައިވެންޏެއްވެސް ނޫން… ހުރިހާ ކަމެއް ނޯރމަލް ވޭތަ؟" ޒީވާގެ މޫނު ލަދުން ރަތްވިއެވެ.

"އެކަމަކު ޒީ ރިއާންދެކެ ލޯބިވެއެއްނު؟ ޒީ އިސްނަގާބަލަ" ޝައިނާ ބުންޏެވެ.

"ދެން ތިހެން ބުނާއިރުވެސް އެނގެއެއްނު އަހަރެންނަކަށް ލާހިކެއްނޫންކަން އެކަހަލަ ކަމެއްގަ އިސްނަގާކަށް.. އެހެންނޫނަސް އެއް އަތް ޖެހިޔަކަސް އަޑެއް ނުކިޔާނޭ ބުނެއެއްނު؟ ރިއާންއަށް އަހަރެންދެކެ ލޯބިވާން މަޖުބޫރު ކުރާކަށް އަހަރެން ބޭނުމެއްނޫން.." ޒީވާގެ އަޑުގައިވި މާޔޫސްކަން ސިއްރެއް ނުވެއެވެ. ޝައިނާ ހިތްވަރުދިނުމުގެ ގޮތުން ޒީވާގެ އަތުގައި ހިފަހައްޓައިލިއެވެ.

"ޒީ 8 އަހަރުވެސް ކެތްކުރީނު. އެ ކެތްތެރިކަމުގެ ނަތީޖާ ކިހާފޮނި؟ މިއަދު ރިއާންއަކީ ހަމަ ޒީގެ މީހެއްނު؟ އަދި ކެތްކޮށްލާ. ރިއާންއަށްވެސް ވަގުތު ބޭނުންވާނެ. ޒީދެކެ ރިއާންއަށް ލޯބި ނުވެވޭންވި އެއްވެސް ސަބަބެއް ނެތް.. އަދި ހަމަ ކުޑަ ދުވަސްކޮޅެއް" ޝައިނާ ބުންޏެވެ.

"ނޫނޭ ޝައި.. ރިއާން އަހަރެންދެކެ ލޯތްބެއްނުވާނެ.. އަހަރެން މިހާރު ތިކަމަކަށް އުއްމީދެއް ނުކުރަން.. އެކަމަކު ހިތްނޭދެއެކޭ ނުބުނާނަން… މިހާރު ކައިރީގަ އުޅޭތީ.. އަބަދު ފެންނާތީ.. އިތުރަށް އެ އިހުސާސްތައް ފުންވާހެންވެސް ހީވޭ.. އެކަމަކުވެސް" ޒީވާ ފުންނޭވާއެއްދޫކޮށްލިއެވެ. "ދެން އެވާހަކަ ބާއްވަމާ.. މިހާރު ހަތްގަޑި ބައިވީނު… ޝައި އަދި އޮފީހަށްވެސް ދާންޖެހޭ ދޯ؟ އަހަރެންވެސް ދެން ދާންވީ ފާހަނައަށް ވަދެލާފަ"

ޒީވާ ތަށި ސިންކަށްލުމަށްފަހު ގޮސް ޝައިނާގެ ކޮޓަރީގެ ތަޅުގައި ހިފައިލަން އުޅުނު ވަގުތު ޝައިނާ ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އިން ގޮނޑިން ފުންމައިގެން އައިސް ޒީވާއަށް ހުރަސްއެޅިއެވެ.

"ޒީ.. މީ.. މި ޝިމާންގެ ރޫމް ފާހަނައަށް ވަދެލަންވީނު" ޝައިނާ ބުންޏެވެ. ޒީވާ ސުވާލު އުފެދިފައި ޝައިނާއަށް ބަލައިލިއެވެ.

"ޔެސް މީ.. މި އަސްލު މި ކޮޓަރީގަ މީދަލެއް އުޅޭތީ އަހަރެންވެސް އެހާ އަވަހަށް ނުކުމެ ދޮރު ލައްޕައިގެން މީނީ.. ނިކުމެދާނެއެއްނު.. އަދި އެކަމާ ނޫޅެވިފަ. ޒީ ދިޔައިމަ ދެން މީދާ ހިފަން އުޅޭނީ" މީދާދެކެ ޒީވާ ބިރުގަންނަކަން އެނގިހުރެ ޝައިނާ ބަހަނާއެއް ހަދައިލިއެވެ.

"ވަޓް؟؟ ނަސީބެއްނު އަހަރެން ދޮރު ހުޅުވުމުގެ ކުރިން ޝައި ބުނިކަން." ޖެހިގެންްހުރި ކޮޓަރީގެ ދޮރު ހުޅުވައިލަމުން ޒީވާ ބުންޏެވެ.

ފަސްމިނެޓެއްހާއިރު ތެރޭ ޒީވާ އެގެއިން ނުކުތުމުން ޝައިނާއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ޒީވާ އެގޭގައި ހުރިހައި ވަގުތު އޭނާ ހުރީ އެ ނޭވާ ހިފަހައްޓައިލައިގެން ކަހަލައެވެ. ނަމަވެސް ހަމައެއާއެކު އޭނާގެ މޫނުމަތި މިލައިގެން ދިޔަތަންވެސް ފެނުނެވެ. ވިސްނަން ނޫޅުނު ކަމުގައި ވިޔަސް ރާހިލްއޭ ކިޔައިގެން ޒީވާ ދެއްކި ވާހަކަތަކާމެދު އޭނާއަށް ވިސްނެމުން ދިޔައެވެ. އޭނާ ދިޔައީ އެވާހަކަތައް ސިކުނޑިން އެއްފަރާތްކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އޭނާ ރާހިލްއަށް ފުރިހަމައަށް އިތުބާރުކުރެއެވެ. ކަމެއް ގޯސްވާން ފަށައިފިނަމަ ރާހިލް އެކަމެއް އޭނާއާ ހިއްސާނުކޮށް ހުރެދާނެއެކޭ އޭނާގެ ހިތެއް ނުބުނެއެވެ. ނަމަވެސް އެ ހިތުގައި ވަހުމުގެ ބޮޅެއް އުފެދެމުންދިޔައީ ހުދު އޭނާއަށްވެސް ފާއިތުވެދިޔަ ހަފްތާގައި ރާހިލް ދެއްކި ބަހަނާތަކާއި އޭނާއާމެދު ބާއްވަމުންއައި ދުރުކަން ހަނދާންވާން ފެށުމުންނެވެ.

އެހިޔާލުތަކުގައިހުރެ އޭނާ ކޮޓަރިއަށްވަނީ ނިދާފައި އޮތް ރާހިލްއަށް ގޮވައި ހޭލެއްވުމުގެ މަގްސަދުގައެވެ. ދެފަހަރަކު ގޮވައިލުމުންވެސް ނިދިން ނުހޭލުމުން އޭނާ ގަސްދުކުރީ އަދި އިރުކޮޅަކު ރާހިލް ނިދާލަން ބޭއްވުމަށެވެ. ކޮޓަރިން ނުކުންނަން ބޭނުންވި ނަމަވެސް އެކަމަށްޓަކައި އޭނާގެ ފައި މަސައްކަތެއް ނުކުރިއެވެ. އަލުން ރާހިލްގެ ގާތުގައި އިށީނދެލިއިރު އެލޯބި ބީވާން އުޅޭކަމުގެ އިހުސާސުން އޭނާގެ ހިތް ބިރުގަންނަށް ފެށިއެވެ. ހިތްހަމަޖެހޭވަރަށް ރާހިލްގެ ނިދިފައިވާ މޫނަށް ބަލައިލުމަށްފަހު ލޯތްބާއެކު ރާހިލްގެ ކޮލަށް ބޮސްދިނެވެ. ދެން ކަންތައް ހިނގައިދިޔަގޮތުން ޝައިނާއަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. ފަޅި ސުކުންތެއްގެ ތެރޭގައި ރާހިލްގެ ގައިމަތިން ފުރޮޅައިލުމަށްފަހު ޝައިނާ ގެނެސް ގައިދަށުކޮށްލި ގޮތުން ޝައިނާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ.

"ރާހިލް!! ސާބަސް ސިއްސައިގެނޭ ދިޔައީ" ޝައިނާ ގައިމަތީގައި އޮތް ރާހިލް ކޮށްޕައިލަމުން ބުންޏެވެ. އެހެނަސް ރާހިލްގެ ހަށިގަނޑަށް ގުޑުމެއްވެސް ނާރައެވެ.

"ދެން އެހާ ކައިރިކޮށްފަ އަހަރެން ހީކުރީ ރިއަލް ކިސްއެއް ދޭނެ ކަމަށް. ތިހެން ހިތްތަޅުވާކަށް ނުވާނެއެއްނު؟" ރާހިލް ބުންޏެވެ.

"ދެން ވަރަށް ފޫހިވެ. ހޭލާ ދޯ އޮތީ" ޝައިނާ ތުންއަނބުރައިލިއެވެ.

"ހޫމް. އެކަމަކު އަދި ނިދާލަން ބޭނުން.. މި އެނދު ހާދަ އަރާމޭ.. މި ބާލީސް އަދި މާ އަރާމު" ރާހިލް ޝައިނާގެ ގައިގައި އިތުރަށް ބައްދައިލިއެވެ.

"ދެން ބަލަ އަހަރެން އޮފީހަށް ދާ ގަޑި ޖެހެނީ.. ރާހިލްވެސް ދެން ތެދުވަން އުޅޭ… އާ ވަޒީފާއަކަށް ނުކުންނަން ވާއިރަށް މީހާ ކަންނެތްވެދާނެ.. އަން.. މިއޮތީ ބުރުހާއި ތުވާއްޔާ" ރާހިލްގެ އަތުތެރެއިން ރެކިގެން އައިސް ޝައިނާ އަލަމާރި ހުޅުވަައިލަމުން ބުންޏެވެ.

"ތޭންކްސް ލަވް.. ހީވަނީ މާދަން ވަކި ގޮތެއްް އަންގާނެހެން.. އަސްލު މާ ހިތްހަމަޖެހޭ އާއިލީ ވިޔަފާރި ތެރެއިން ނުކުމެވުނީމަ" ރާހިލް ޝައިނާގެ ކޮލުގައި ތުންފަތް ޖައްސައިލަމުން ޝައިނާ ދިން އެއްޗެހީގައި ހިފިއެވެ.

ރާހިލް ދިއުމާއެކުހެން ޝައިނާގެ މޫނުމަތީގައިވި ބަނަކަން އަލުން އިއާދަވިއެވެ. އޭނާއަށް އިންތިޒާރު ކުރެވެމުންދިޔައީ ރާހިލް އޭނާގާތު އެލީޝާގެ ވާހަކަ ދައްކާނެ އިރަކަށެވެ. އެފަދަ ހިޔާލުތަކެއްގައިހުރެ ސައި ތައްޔާރު ކުރުމަށްޓަކައި ރޮށި ފިހަން ހުއްޓައި އޭނާއަށް ސިހުމެއް ލިބުނީ ފަހަތުން އައި ރާހިލް އޭނާގެ އުނަގަނޑުގައި ހިފަހައްޓައިލުމުންނެވެ.

"އަނެއްކާވެސް ހަނދާން ނެތުނީ ދޯ؟" ރާހިލް ގެނައި ވޫލްކޮޅުން އާދައިގެ މަތިން ޝައިނާގެ އިސްތަށިގަނޑު އައްސައިލައިދިނެވެ. އެކަމުން އެހެންޏާ ލިބޭ ހިތްހަމަޖެހުމާއި ހިލާފަށް ޝައިނާގެ ހިތުގައި އުފެދުނީ ރިހުމެކެވެ. ރާހިލްގެ ކޮންމެ އާދައަކީ ދެއްކުންތެރިކަމެކޭ އޭނާއަށް ހީވާންފެށީ ކީއްވެ ކަމެއް ނޭނގެއެވެ. ނޫންނަމަ އެހާ މުހިއްމު ވާހަކައެއް އޭނާއަށް ސިއްރުކުރަންވީ ކީއްވެބާއެވެ؟ ފާއިތުވެދިޔަ ދުވަސްތަކު އެލީޝާއާއެކު ބާއްވަމުން އައި ގުޅުން އޭނާއަށް ފޮރުވަންވީ ކީއްވެބާއެވެ؟ ރާހިލް އިތުރަށް އޭނާގެ ގައިގައި ބައްދައިލަމުން ޝައިނާއަށް ކުއްލިއަކަށް ރާހިލްއާ ދުރަށް ޖެހިލެވުނީ އެހެންވެގެނެވެ. އިތުރަށް ރާހިލްގެ ދެއްކުންތެރިކަމުގެ ދަޅަތަކަށް ހެއްލޭކަން އޭނާ ބޭނުމެއް ނުވިއެވެ.

"ރާހިލް.. އަހަރެންނަށް އެއްވެސް ކަމެއް އެބަ ސިއްރުކުރަންތަ؟" ރާހިލް އަމިއްލައަށް ފެނިގެން އެވާހަކަ ދައްކާނެ އިރަކަށް މަޑުކުރަން ހިތުލި ނަމަވެސް ޝައިނާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ.

"ތިހެން އަހާއިރުވެސް އެނގެންޖެހޭނެ ޝައިނާއަށް އެނގެންޖެހޭވަރު ކަމެއް އަހަރެން ސިއްރުނުކުރާނެކަން" ރާހިލް ކައިރީގައި ހުރި ފުއްތަށިން ނެގި ފުއްކޮޅެއް ޝައިނާގެ ކޮލުގައި އުނގުޅައިލަމުން ހިނިތުންވެލިއެވެ.

"ޕިސް. ކިހާ ދެރަކަމެއްތަ؟ ރާހިލްއަށް ހުރިހާ ކަމެއްވެސް ވަނީ މަޖަލަކަށްތަ؟" ޝައިނާ ރުޅިއައިސްފައި ރާހިލްގެ އަތް ހޫރައިލި ވަގުތު އަތުގައި އޮތް ދޭފަތްވެސް ދުރަށް ވިއްސައިގެން ދިޔައެވެ. ރާހިލްއަށް ލިބުނު ސިހުމުގައި ފަހަތައް ފިޔަވަޅެއް އަަޅައިލެވުނެވެ. އޭނާ އެފަދަ ސަމާސާއެއްކުރީ އެއްވެސް ހާލެއްގައި ޝައިނާ ރުޅި އަންނާނެކަމަކަށް ނޫނެވެ. އާދައިގެ މަތިން ލޯބިން ކޮށްލި ސަމާސާއެއްގެ ގޮތުގައެވެ.

"އަހަރެން މިހިރީ އޮފީހަށް ދާން ރީތިވެގެންކަން ރާހިލްއަށް ނޭނގެނީތަ؟ ހިތު ހުރިގޮތަކަށް ކަންތައްކުރާއިރު ދެން ހުންނަ މީހަކާދޭތެރޭ ވިސްނައިލުމެއް ނޯވޭތަ؟" ރާހިލްއަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ޝައިނާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އެ ގުޅުމަށް ހޭދަވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައިވެސް ޝައިނާ އެފަދަ ގޮތަކަށް އޭނާއަށް އަޑުލައިފައި ނުވާތީ ރާހިލް އެކަމުން ހިތުގައި ޖެހުނެވެ. ނަމަވެސް އޭނާ އަމިއްލަ ކުށް ގަބޫލުކޮށް މާފަށް އެދުނެވެ.

"އައިމް ސޮރީ.. އަހަރެންނަށް ވިސްނާ ނުލެވުނީ. ދައްކަބަ" ރާހިލް މޭޒުމަތިން ނެގި ޓިޝޫއިން ޝައިނާގެ ކޯތާފަތް ފޮހެލައިދިނެވެ. ޝައިނާގެ ރުޅިގަނޑު ދިޔަ ހިސާބެއްވެސް ނޭނގުނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރާހިލްއަށް ހިނިތުންވެލިއެވެ. ރާހިލްއާ ދިމާލަށް އަޑުލައިގަނެވުނީތީ އޭނާވެސް ދެރަވާން ފެށިއެވެ.

"ސޮރީ… އެގަޑީ ރުޅި އާދެވުނީ.. ރާހިލް ސައި ބޮއެލައިގެން ގެއަށް ދޭ އިނގޭ.. އަހަރެން މިދަނީ ދާން މިހާރު. ނުވައެއް ޖަހަނީ" ޝައިނާ އުނދުން ނިއްވައިލުމަށްފަހު ފިހުނު ރޮށިއެތި މޭޒުގައި ބެހެއްޓިއެވެ.

"އަހަރެން ގެންގޮސްދެންތަ؟" ރާހިލް ބުންޏެވެ.

"ނޯ އިޓްސް ފައިން.. އަހަރެން ހިނގާލާފަ ދާނަން.. ސައިބޮއެގެން ހަމަ ޖެހިލައިގެން އެނގޭ ގެއަށް ދާނީ" ޝައިނާ ރާހިލްގާތު ބުންޏެވެ. އަދި ޓިޝޫއިން މޫނު ރަނގަޅަށް ފޮހެލުމަށްފަހު މަތި ހަދައިލައި ގަޔަށް ސެންޓު ޖަހައިލަމުން ގެއިން ނުކުތެވެ. އޭރު ރާހިލް ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ. ޝައިނާގެ މިޒާޖަށް އައި ކުއްލި ބަދަލާ އެހެންކަމަކާ ގުޅުމެއްވާހެން އޭނާއަށް ހީވާން ފެށިއެވެ. ސައިބޯން އިން ވަގުތު ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން އޭނާ އަވަސްވެގަތީ ފޯނަށް ޖަވާބު ދިނުމަށެވެ.

"ސާބަހޭ.. ކިހާ ވަރަކަށްތަ މެސެޖު ކުރަންވީ؟ އަހަރެން މި މޮޔަވަނީ މިތަނަށް އައިސް ދޮންތަ ދެއްކި ވާހަކައަކުން. ދޮންބެ ނުބުނެ ހުއްޓާ ދޮންތަ އެއައީ ޝައިނާގާތު ދޮންބެއާ އެލީޝާގެ ވާހަކަ ދައްކާފަ."

"ކީކޭ؟؟" އިޝްވާގެ ވާހަކަ ރާހިލްއަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ އެގޭގައި ހުއްޓާ ޒީވާ އެގެއަށް އައީހެއްޔެވެ؟ އޭނާއަށް އެކަން ނޭނގެންވީ ކީއްވެހެއްޔެވެ؟ ޝައިނާއަށް އެވާހަކަ އިވިފައިވާނަމަ އެކަމާގުޅޭ ސުވާލެއް ނުކުރީ ކީއްވެހެއްޔެވެ؟ ކުއްލިއަކަށް ރާހިލްގެ ބޮލުގައި ޝައިނާ އެގަޑީގައި ކުރި ސުވާލު ކޮށްޓައިލިއެވެ؛

"ރާހިލް.. އަހަރެންނަށް އެއްވެސް ކަމެއް އެބަ ސިއްރުކުރަންތަ؟"

"ތިހެން އަހާއިރުވެސް އެނގެންޖެހޭނެ ލަވްއަށް އެނގެންޖެހޭވަރު ކަމެއް އަހަރެން ސިއްރުނުކުރާނެކަން"

"ޝިޓް ޝިޓް ޝިޓް. އިޝީ އައި މެސްޑް އަޕް" ރާހިލްއަށް އިންގޮނޑިން ތެދުވަމުން ހާސްވެފައި އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ.

"ޔެސް ޔޫ ޑިޑް! ބިގް ޓައިމް! އަހަރެންނަށްވެސް އެނގުނީ ދޮންތަ އައިސް ސިސްވެސް އެލީދެކެ ލައިކްވެޔޭ ކިޔާފަ ކީމަ. ދެންވެސް މިކަން މި އޮތް ވަރަށްވުރެން ބޮޑު ނުވަންދެން ދޭބަލަ ސިސްއަށް ވެގެން އުޅޭގޮތް ކިޔާދޭން" އިޝްވާ ފޯނު ކަނޑައިލިއެވެ.

ރާހިލްއަށް އުޅެވުނު ގޮތްވެސް ނޭނގެއެވެ. އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ޓީޝާޓު ގަޔަށް މަހައިލަމުން ނުކުތެވެ. އޭނާ އެގެއިން ނުކުތުމާއި ސައިކަލުގައި އައިސް އާރް.އެލްގެ ދޮރުމައްޗަށް ހުއްޓައިލުމާދެމެދު ފަސްމިނަޓުގެ ވަގުތު ކޮޅެއްވެސް ހިނގައި ނުދެއެވެ. އެހެން ދުވަސްދުވަހާ ހިލާފަށް ރިއާންގެ ކެބިންއަށް ދިޔުމުގެ ބަދަލުގައި އޭނާ އެންމެ ފުރަތަމަވެސް ދިޔައީ ޝައިނާ އުޅޭ ބަޔަށެވެ. ހުއްޓުމެއްނެތި އޭނާ ޝައިނާގެ ފޯނަށް ގުޅަމުން ދިޔައެވެ. އޭނާ ފެނުމާއެކު އެތަނުގައި ތިބި ގިނަބައެއް ފާޑުކިޔުމުގެ ނަޒަރަކުން އޭނާއާ ދިމާލަށް ބަލަންފެށިއެވެ. ވާނީވެސް އެހެންތާއެވެ. އާދައިގެ ޓީޝާޓަކާއި ސޯޓެއްގައި ހުރެ އޮފީސް އިމާރަތަކަށް ވަދެ ގެއްލިގެންއުޅޭ މީހެކޭ އޭނާއެކޭ ތަފާތެއް ނެތެވެ. އެތަނާއިގުޅޭ އެއްވެސް ރަސްމީ ހައިސިއްޔަތެއް އޭނާގެ ނެތެވެ. ޝައިނާ އިނުމަށް ހާއްސަކުރެވިފައިވާތަން ހޯދަމުން ދަނިކޮށް އެތަނުގައި ހުރި ބިއްލޫރި ކެބިންއެއްގެ ދޮރުގައި "މ. ޝައިނާ – ޖޫނިއަރ އާކިޓެކްޓް" ޖަހައިފައިވާ ބޯޑެއް ހުރިތަން ފެނި ސުކުންތެއްވެސް ލަސްކުރުމެއްނެތި އެތަނުގެ ތެރެއަށް ދެމިގަތެވެ. ނަމަވެސް އެތަނުގައި ޝައިނާގެ ހިލަމެއް ވާކަށްނެތެވެ.

"ހައި.. އެނގޭ މިއޮފީހަށް އަންނަ ރިއާންގެ ފްރެންޑްކަން ތީ.. އެކަމަކު ހިއެއްނުވޭ ރިއާން ނޫނީ ޝައި ނޫނީ އަވަރ ސީނިއަރ އާކިޓެކްޓްގެ ހުއްދައާނުލާ މި ކެބިންއަށް ވަދެވޭނެހެން" ރާހިލް އެތަނަށް ނެރުމަށްޓަކައި އައި މީހަކު އަދަބުވެރިކަމާއެކު ބުންޏެވެ.

"ޝައި..ޝައިނާ ކޮބާ؟" ރާހިލްއަށް އުނދަގުލާއެކު އަހައިލެވުނެވެ. ހުދު އޭނާއަކަށްވެސް އޭނާއަށް ވަމުންދާގޮތެއް ނޭނގެއެވެ. އެފަދަ ކުޑަ ކުޑަ ވާހަކައަކާހުރެ އޭނާއަށް ޝައިނާ ކުރާ އިތުބާރު ގެއްލިދާނެ ކަމާމެދު ބިރުގަންނަން ފެށިއެވެ. އޭނާއަށް ޝައިނާ ގެއްލިދާނެކަމާމެދު ބިރުގަންނަންފެށިއެވެ.

"މީޓިންގްއެއްގަ މިވަގުތުވީ. އަދި ވިއްސަކަށް މިނަ—" އެކުއްޖާގެ ވާހަކަ ނުނިމެންދެން ރާހިލް އެތަނުން ހިނގައިގަތެވެ. ލިފްޓަށް އަރައި އަށްވަނަ ފަންގިފިލާއަށް ނަންބަރު ޖެހިއެވެ. ރިއާންގެ ކެބިންއާ ހިސާބަށް ދެވުނުއިރު ލިބިފައިވާ ހާސްކަމުގެ ސަބަބުން މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އޭރުވެސް އޭނާ ދިޔައީ ޝައިނާއަށް ގުޅަމުންނެވެ.

"ރާހިލް؟" ރިއާން ލެޕްޓޮޕުން ނަޒަރު ވަކިކޮށްލުމެއްނެތި އަހައިލިއެވެ.

"ކޭން ޔޫ؟ ކޭން ޔޫ ކޯލް ހަރ ޕްލީޒް؟" ރާހިލް ލަސްނުކޮށް އެދުނެވެ.

"ކާކު؟" ރިއާން އިސްްްއުފުލައިލަމުން ސުވާލުކުރިއެވެ.

"ޝައިނާ. ޝައިނާ އަހަރެން ގުޅީމަ ފޯނެއް ނުނަގާ. އަހަރެން ބޭނުން ޝައިނާއާ ވާހަކަދައްކަން" ރާހިލް ހާސްވެފައިހުރެ ކެބިންގެ ދެކޮޅަށް ހިނގަންފެށިއެވެ.

"ފޯ ގޯޑްސް ސޭކް ރާހިލް އަހަރެން ކިތަށް ފަހަރުތަ ބުނަންވީ ތި ދެމީހުންގެ ކަންކަމުގެ ތެރެއަށް އަހަރެން ނުވައްދާށޭ؟ އެއީ އަހަރެންގެ މުވައްޒަފެއް! އަހަރެން ބުނަންދޯ އަހަރެންގެ މުވައްޒަފުންނާ އޮން ގުޅުމަކީ ޕްރޮފެޝަނަ– ރާހިލް!! އާރ ޔޫ އޯކޭ؟" ކުއްލިއަކަށް ރާހިލް މޭގައި އަތް އަޅައިގެންހުރެ މޭޒުގައި އަތް އަޅުވައިލިގޮތުން ރިއާންއަށް ގޮނޑިން ތެދުވެ އަވަސް ފިޔަވަޅު ތަކެއްގައި އެދިމާލަށް ދެވުނެވެ.

"ރިއާން.. ޝީ އިޒް.. ޝައިނާއަށް އެނގިއްޖެ… ޝީ އިޒް ގޮނަ ލީވް މީ ރިއާން ޝީ އިޒް ގޮނަ ލީވް މީ.." ރާހިލްގެ ސިކުނޑި ހިތްނޭދޭ ވަސްވާސްތަކުން ވަށާލައިފިއެވެ. ހަތަރު ފަރާތުން ފިތިގެންދާކަމުގެ އިހުސާސެއް ކުރެވި ނޭވާލާން އުނދަގޫވާން ފެށިއެވެ. މެއަށް ބާރުވާން ފެށުމާއެކު އޭނާއަށް އިތުރަށް ކޮޅަށް ހުރުން ދަތިވާން ފެށިއެވެ.

"ރާހިލް.. ބްރޯ.. އޭ ހަމަ ޖެހިބަ… އޭ.. އޭ.. ރާހިލް.. ބްރީތް ރާހިލް..  ވަޓް ދަ ފަ* ބްރޯ ބްރީތް" ރާހިލް މޭގައި އަތް އަޅައިގެން ހުރެ ކަކޫ މައްޗަށް ތިރިވިއިރުވެސް ރިއާންއަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. އޭރު ރާހިލްއަކަށްވެސް ރިއާން ކިޔަނީ ކީކޭ ކަމެއް ނޭނގެއެވެ. އޭނާ ހުއްޓައިނުލާ އެދެމުންދިޔައީ ޝައިނާ ގެނެސްދިނުމަށެވެ.

އެންމެފަހުން ރިއާން ހަތިޔާރު ބަހައްޓައި ޝައިނާއަށް ގުޅަން މަސައްކަތްކުރިއެވެ. އެކަން ނާކާމިޔާބުވުމުން ޝައިނާ އިންނާނީ މީޓިންގްގައިކަން އެނގުމާއެކު މީޓިންގްރޫމްގެ ސްޕީކަރާއި ގުޅުވައިދޭ އިންޓަކޮމް އޮން ކޮށްލުމަށްފަހު ޝައިނާއަށް ގޮވައިލިއެވެ.

"ރާހިލް! ރާހިލް! ހަމަ ޖެހިބަ ހެޔޮނުވާނެ.. ޝައިނާއަށް ގޮވައިފީމޭ! މިތާ އިށީނދެފަ މި ފެންތަށީގަ ހިފާބަލަ.. ފޯރ ގޯޑްސް ސޭކް ދިސް އިޒް ނޮޓް ދަ ޓައިމް އެންޑް ޕްލޭސް ޓު ހޭވް އަ ޕެނިކް އެޓޭކް.." ރިއާންގެ އެހީއާއެކު ރާހިލް ގޮނޑީގައި ބައިންދައި ފެންފޮދެއް ދެވުނެވެ. ރާހިލް ހަމަޖެހެން މަސައްކަތް ކުރާހާލު ރިއާންގެ އިރުޝާދުގެ މަތިން ފުންނޭވާތަކެއް ލާންފެށިއެވެ. އެވަގުތު ކެބިންގެ ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ.

"ރާހިލް.. ހަމަޖެހިބަލަ ޝައިނާ އެ އައީ އެއްނު" ރިއާން ބުންޏެވެ. ކެބިންއަށް ވަތް ޝައިނާއަށް ގޮނޑީގައި އިން ރާހިލް ފެނުމާއެކު އަލުން އަނބުރައިލުމަށްފަހު ނުކުންނަން އުޅުނު ނަމަވެސް ރިއާން އެކަމަށް ހުރަސްއެޅިއެވެ.

"ޝައިނާ ޕްލީޒް.. ޝައިނާއަށް އެނގޭނެ އަހަރެން ކިރިޔާ ގޮތެއް އޮތް ނަމަވެސް މިކަހަލަ ކަމެއްްގަ ނުގުޅާނެކަން.. ޕްލީޒް ޓޯކް ޓު ހިމް. މިއީ އަހަރެންނަށް ދުވަހަކުވެސް ފެނުނު ރާހިލްއެއްނޫން" ރިއާން އެދުނެވެ. ރާހިލްގެ ހާލު ހުރިގޮތުން އޭނާ ހަމަރަނގަޅަށްވެސް ހައިރާންވެ ކަންބޮޑުވިއެވެ. ވުމާއެކު ޝައިނާ އެތަނުގައި ބެހެއްޓުމަށްފަހު އޭނާ ކެބިން އިން ނުކުތެވެ.

ޝައިނާ ލަސްފިޔަވަޅުތަކެއްގައި އައިސް ރާހިލްގެ ކުރިމައްޗަށް ހުއްޓުމާއެކު ރާހިލް ކުށްވެރިއެއް ފަދައިން އިސްޖަހައިލަމުން ޝައިނާގެ އަތުގައި ހިފަހައްޓައިލިއެވެ. އެހެނަސް ޝައިނާ ފެނުނީއްސުރެން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ.

"އައިމް ސޮރީ.. އަހަރެން.. އަހަރެން ކޮންމެހެން ޝައިނާއަށް ފޮރުވާކަށް ނޫ—"

"އެހެންވީއިރު އަހަރެންގާތު ނުބުނީ ކީއްވެ؟" ރާހިލްގެ ބަހަނާތައް އަޑު އަހާކަށް ޝައިނާ ބޭނުމެއްނުވިއެވެ.

"ޕްލީޒް އަހަރެންނަށް އިތުބާރު ކޮށްބަލަ.. އަހަރެން އެކަމަކާ ދުވަހަކުވެސް އެއްބަހެއް ނުވާނަން… ބޭކާރު ވާހަކަތަކެއް ޝައިނާގާތު ދައްކައިގެން ހާސްކުރުވަން އަހަރެން ބޭނުންނުވީ.. އެކަމަކު ތިހެން ކަމެއް ދިމާވީމަ އަހަރެންނާ ވާހަކަ ދެއްކުމުގެ ބަދަލުގަ އަހަރެން ދުރުކޮށްނުލާބަލަ ހެޔޮނުވާނެ" ރާހިލް އާދޭސް ކުރިއެވެ.

"އެކަމަކު އެއީ އަހަރެންނަށްވެސް އެނގުން ހައްގު މިންވަރެއް ނޫންތަ؟" ޝައިނާ ބުންޏެވެ.

"ގަބޫލުކުރަން. އަހަރެންނަށް މައާފުކުރޭ މިވާހަކަ ކުރިން ނުބުނެވުނީތީ. އެކަމަކު އަހަރެމެން ހާސްވާންވި އެއްވެސް ކަމެއްނެތް. އެލީޝާވެސް މިކަމާ އެއްބަހެއް ނޫން.." ރާހިލް ބުންޏެވެ. ރާހިލްގެ ދެލޮލުން ޝައިނާއަށް ރާހިލް އެ ހަދަނީ ތެދުކަން އެނގުނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބޯ ޖަހައިލީ އެންމެ ރަނގަޅޭ ބުނުމުގެ ގޮތުންނެވެ.

"ދެން ތިހެން ނަހަދައްޗޭ ޕްލީޒް. އަހަރެން މޮޔަވެސް ވެދާނެ. ޝައިނާ ހިތްހަމަ ނުޖެހިފަހުރެ އެވާހަކައެއް އަހަރެންގާތު ނުބުނީމަ އަހަރެން ވަރަށް ހާސްވޭ. ހީވަނީ އަހަރެންނަށް ޝައިނާ ގެއްލިދާނޭ. ސޮރީ.." ރާހިލް ޝައިނާގެ ގައިގައި ބައްދައިލިއެވެ.

"އިޓްސް އޯކޭ ރާހިލް.. ދެން ހަމަ ޖެހިލަބަ.. އަހަރެންނަށްވެސް މާ ގިނަ ވަގުތަކު މިތާކު ހުރެވޭކަށް ނެތް.. އޮފީސް ގަޑިއެއްނު.. ދެން ދަނީ އެނގޭ" ޝަައިނާގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން ރާހިލް ބޯ ޖަހައިލިއެވެ.

**************

ރާހިލް ބުނިފަދައިން ދެތިން ދުވަސް ފާއިތުވެދިޔަ އިރުވެސް ޝައިނާއާއި ރާހިލްގެ ދެމެދުގައިވާ ގުޅުމަކަށް އެއްވެސް ބަދަލެއްނާދެއެވެ. އެލީޝާއާ ބެހޭގޮތުން ދެކެވުނު އެއްވެސް ވާހަކައެއްގެ ހިޔަންޏެއް އެދެމީހުންގެ އުފާވެރިކަމަށް އެޅިފައެއް ނުވެއެވެ. އެއީ ނަމަކަށް ދެކެވިފައިވާ ވާހަކަތަކެއް ކަހަލައެވެ. ނަމަވެސް ފަރުދާގެ އަނެއްފަރާތުގައިވަނީ މުޅިން ތަފާތު މަންޒަރެކެވެ. ޝައިނާއާ ރާހިލްގެ ގުޅުމުގެ ހިލަމެއްވެސް ނުވާހާލު އެލީޝާއާއި ރާހިލްގެ އާއިލާ ދިޔައީ އެދެމީހުންގެ ކައިވެންޏަށް ތައްޔާރު ވަމުންނެވެ. މިކަން އެނގި ހާލަތު ބަދަލުވެގެންދިޔައީ އެއްދުވަހެއްގެ މެންދުރުވަގުތު ޝައިނާއަށް އައި ވާފިޔާގެ ކޯލަކުންްނެވެ.

"އެލީޝާއަކީ ވަރަށް ރަނގަޅު ކުއްޖެއް. ދައްތައާ ބޭބެއާ މިތިބީ އެދެކުދިން ގުޅެން ވަރަށް ބޭނުންވެފަ. ދައްތަ މިހާރު ބުނެފިން ރިއާންއާއި ޒީވާއާ ދެކުދިން ގާތުގަވެސް އަޅެ ރާހިލް ރުއްސޭތޯ ބަލާށޭ. އަޅެ މަގޭ ރާހިލްއާ އެލީއާ ކިހާ ގުޅޭތަ؟ އަހަރެން މި ހުންނަނީ ހަދާނެ ގޮތް ހުސްވެފަ. އާމިރުމެންވެސް އުޅެނީ މިހާރު ރާހިލްގެ ޖަވާބު ލަސްވާތީ ހިތްހަމަ ނުޖެހިގެން. ޝައިނާ އަޅެ ނިކަން ރާހިލްއަށް ވިސްނަދީބަލަ. އިރާދަކުރެއްވީތީ ދައްތަގެ ތިން ކުދިންވެސް ޝައިނާގެ ބަސް ގަބޫލުކުރެއެއްނު. މިއީ ރާހިލްއަށްވެސް އެންމެ ރަނގަޅުގޮތްކަން ކިޔައިދީބަލަ" ވާފިޔާ ކައިރީގައިހުރި ޝައިނާގެ އަތުގައި ހިފައިލަމުން ބުންޏެވެ.

ޝައިނާއަކަށް އެކަމަށް ދޭނެ ރައްދެއް ނޭނގުނެވެ. ވާފިޔާގެ ކޯލް ލިބުމާއެކު އޭނާ އެދުވަހު އެގެއަށް އައީ މެންދުރުގެ ކެއުމަށް ދައުވަތު ދެވިފައިވާ މެހެމާނުންތަކެއް އައުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަމުގައި ވާފިޔާއަށް އެހީވުމަށެވެ. ވާފިޔާ އޭނާގާތު މިފަދަ ކަމަކަށް އެދިފާނެ ކަމަށް އުއްމީދުކޮށްގެނެއް ނޫނެވެ. ނަމަވެސް އެވާހަކަތަކާމެދު ޝައިނާއަށް ވިސްނެންފެށިއެވެ. ވާފިޔާގެ އިތުރުން ރާހިލްގެ އާއިލާ އެންމެންކަހަލަ ގޮތަކަށް ރާހިލް އެލީޝާއާ ގުޅެން އެދޭއިރު އޭނާ މިކުރަނީ ކީއްހެއްޔެވެ؟ ފަހަރުގައި ރާހިލްއާއި އެލީޝާގެ ދެމެދުގައިވާ ހުރަކަށްވެހުރެ އޭނާއަށް މި ހެދެނީ ގޯހެެއްބާއެވެ؟ ރާހިލްދެކެ ލޯބިވުމަކީ އޭނާއަށް ކުރެވޭ ކުށެއްބާއެވެ؟

"މަންމާ ހުރިހާ އެއްޗެއް ނިމުނީތަ؟ އެމީހުނާ އެބައާދޭ މިހާރު" ކުއްލިއަކަށް ފަހަތުން އިވިގެންދިޔަ ޒީވާގެ އަޑަށް ޝައިނާ ސިހުނެވެ.

"ހޫމް. މި ޖޫސް ޖަގު އެކަނި ދެން ގެންދަން ހުރީ ދޯ ދައްތާ؟" ޝައިނާ އައިސްއަލަމާރިން ނެގި ޖަގު ހިފައިގެންގޮސް މޭޒުމަތީގައި ބަހައްޓައިލިއެވެ. މާ ގިނައިރެއްނުވަނީސް އާމިރުގެ ދެމަފިރިންނާއި އެލީޝާ އަތުވެއްޖެއެެވެ.

"ޒީ.. އަހަރެން މިދަނީ އިޝީ ކައިރިއަށް އެނގޭ" ޝައިނާ ބޭނުންވީ އެލީޝާމެން ތިބުމުން ވީހާވެސް އަވަހަށް އެތަނުން ދިޔުމަށެވެ. ނަމަވެސް އިޝްވާއާއެކު ކޮޓަރީގައި ފިލްމު ބަލަން އޮއްވައި ޒީވާ އޭނާއަށް ގޮވައިލުމުން އަނެއްކާވެސް ނުކުންނަން ޖެހުނެވެ. ތިރިއަށް ފޭބިއިރު ސޯފާގައި ދެ އާއިލާ މަޝްވަރާއެއްގައި ތިބިތަން ފެނުނެވެ. އޭނާ ފެނުމާއެކު އެތަނުގައި އިން ރިއާން ކަންބޮޑުވެފައި އޭނާއާ ދިމާލަށް ބަލައިލިއެވެ.

"އެލީ.. ދަރިފުޅު ހާސްވާނެ ކަމެއްނެތް.. ރާހިލްއަށް އަދި ނުވިސްނެނީ.. މަންމަ ބުނާ ބަހަކަށް ރާހިލް ދެކޮޅެއް ނުވާނޭ.." އެލީޝާއާއި ޖެހިގެން ކަހަލަ ގޮތަކަށްއިން ވާފިޔާގެ އަޑު އިވުނެވެ.

"ނާޝިދު ތި ބުނިގޮތް އަހަރެންނަށްވެސް ވަރަށް ކަމުދޭ.. އެލީޝާއަކީ އަހަރެންގެވެސް ހުރި ހަމައެކަނި ދަރިފުޅު.. އަހަރެންވެސް ބޭނުންވަނީ ވީހާވެސް ކުލަގަދަކޮށް މިކަން ކުރިއަށް ގެންދަން" އާމިރު ބުންޏެވެ.

"ބައްލަވާ.. އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް. ބޭނުމިއްޔާ އެހެން ރިސޯޓެއްގަވެސް ތިކަން ހަމަޖެެއްސިދާނެ އެކަމަކު ތި ދަންނަވާ ރިސޯޓް ހުޅުވޭނީވެސް އަދި ދެމަހެއްހާ ދުވަސް ފަހުން. އޭގެ ކުރިން އެތަނުގަ ހަފްލާއެއް ބޭއްވުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ." ރިއާން ބުންޏެވެ.

"އެންމެން ކޮން މަޝްވަރާއެއްގަ؟" ކަރުގައި އޮތް ޓައި ދޫކުރަމުން ގޭގެ ދޮރުން އެތެރެއަށް ވަދެގެން އައި ރާހިލް ހެވިފައި އަހައިލިއެވެ. ކަޅުކުލައިގެ ފަޓުލޫނާއިއެކު ދަށަށް ޖަހައިލެވިފައިވާ މެރޫން ގަމީހުގައިހުރި ރާހިލް ފެނުމާއެކު އެތަނުގައި ތިބި އެންމެނަށްވެސް ރާހިލް އައީ އޮފީހުންކަން އެނގުނެވެ. އާނއެކެވެ. އެދުވަހަކީ އޭނާގެ އާ ވަޒީފާގެ ފުރަތަމަ ދުވަހެވެ. މިނިވަންކަމަށްޓަަކައި އެޅުނު ފުރަތަމަ ފިޔަވަޅުގައި އޭނާހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް އެތަނުގައި ތިބި އެލީޝާގެ އާއިލާ ފެނުމާއެކު ރިއާންއެކޭ އެއްފަދައިން އޭނާގެ ދުވަސް ހަރާބުވެ ނިތަށް ރޫތަށް ގިނަވިއެވެ.

"މިދައްކަނީ ޕާޓީ ބާއްވާނެ ތަނެއްގެ ވާހަކަ. ރިއާންމެން އާ އަހަރަށް ހުޅުވަން ހަމަޖެހިފަ އޮތް ރިސޯޓު ވަރަށް ރަނގަޅުވާނޭ އަހަރެން ބުނީ. ރިޔާޒް ބުނި ހުރިހާ ކަމެއް ހަމަޖައްސަދޭނަމޯ.. އެކޮޅުގަ އިވެންޓެއް ބާއްވަންޏާ އޯރގަނައިޒް ކުރުމުގެ ހުރިހާ ކަމެއްވެސް ކޮށްދޭނެޔޯ" ނާޝިދު ބުންޏެވެ. ރާހިލްއަށް ސިހިފައި އެތަނުގައި އިން ޝައިނާއަށް ބަލައިލެވުނެވެ.

"އެކަމަކު އަހަރެން ބުނީމެއްނު—"

"އެކަމަކު ކިހިނެއްވީ؟" ވާފިޔާ ރާހިލްގެ ވާހަކަ މެދުކަނޑައިލިއެވެ. އެތަނުގައި އެލީޝާގެ އާއިލާ ތިއްބައި ރާހިލް އެލީޝާއާ ގުޅުމަށް އިންކާރުކޮށްފާނެކަމަށް އޭނާ ބިރުގަތެވެ. އެހެންވެ އެ ވާހަކަ ކުރިއަށް ގެންދިޔުމަށް ޖަދަލު ކުރާފަދަ އުސޫލަކުން ރާހިލްއަށް ބަލައިލިއެވެ. އޭނާ ހީކުރި ފަދައިން ރާހިލްގެ ދުލުގައި ތަޅުއެޅުވުނެވެ.

"އެކޮޅުގެ ހުރިހާ އިވެންޓްތައް ގެންގުޅޭނީ ޝައިނާ.. އެކަމަކު ޝައިނާ މިދުވަސްކޮޅު ކުޑަކޮށް ބިޒީކޮ—"

"އިޓްސް އޯކޭ ރިއާން އަހަރެންނަށް ވާނެ" ރިއާންގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ބުންޏެވެ. "އަދި ދެމަސްދުވަސް އެބަ އޮތެއްނު. ދެޓްސް ޕްލެންޓީ އިނަފް ޓައިމް" ޝައިނާ ރާހިލްއާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ. އޭނާގެ ވާހަކައިގައި ދެމާނަ އެކުލެވިފައިވާ ފަދައެވެ.

"މާ ރަނގަޅަކަށްނު މި ދިމާވީ. އަހަރުމެންގެ ޝައިނާ ހުރީއްޔާ ހާސްވާކަށް ނުޖެހޭނެ. ނިކަން ބަލާ ޒީވާގެ ޕާޓީވެސް ފުރިހަމަކަން. އަހަރެން ވަރަށް އުފާވެއްޖެ" ވާފިޔާ ހިނިތުންވެފައި ބުނެލިއެވެ. ޝައިނާވެސް ބަދަލުގައި ހިނިތުންވެލިއެވެ.

"އެލީގެ ނަމްބަރ ދޭންވީނު. އޭރަށް ދޯ ހިޔާލެއް ހޯދަން ގުޅާލެވޭނީވެސް.. އިޓްސް ޔޯރ ސްޕެޝަލް ޑޭ" ޝައިނާ އެލީޝާގެ ގާތަށް ޖެހިލައީ ނަންބަރު ހޯދިއެވެ. ރާހިލްއަށް ގަބޫލުނުކުރެވިފައި އެމަންޒަރު ބަލަށް ހުރެވުނުއިރު ރިއާންއަށް ހިތްހަމަނުޖެހިފައި ބަލައިލެވުނީ ރާހިލްއަށެވެ. ރާހިލްގެ ކުރިމަތީގައި މިހުރިހައި ކަމެއް ވެގެންދާން ދޫކޮށްލައިގެން މިހިރީ ކިހިނެއްބާއޭ ރިއާންގެ ހިތަށް އަރަމުންދިޔައެވެ. އޭނާ ރާހިލް ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.

"ރިއާން މޮޔަވީތަ؟ ބައްޕަމެންގެ ވާހަކައަށް އެއްބައި ކިޔާފަ އަހަރެންގެ ޕާޓީއަށް އެރަށް ތި ދިނީ ކީއްކުރަން؟ އަދި އެވެސް އެހުރިހާ ކަމެއް ކުރަން ޖެހޭނީ ޝައިނާކަން އެނގިހުރެ. ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ؟" ރާހިލް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

"އަދިވެސް އަހަރެން ދޯ މި ގޯސްވީ؟ ރާހިލް ހަނދާން ނެތުނީތަ އަދިވެސް ކުންފުނީގެ ޗެއަރމަނަކީ އަހަރެންގެ ބައްޕަކަން؟ ބައްޕަ އެއްބަސްވެފަ އޮއްވާ އެވެސް ނާޝިދުބެގެ ކަމެއްގަ އަހަރެން ދެބަސްވުން ވާނީ ހަމަ ބޭކާރު ކަމަކަށް. އެހެންނޫނަސް މިއީ އަހަރެންނަކާ ބެހޭ ކަމެއްނޫން. ހުރިހާ ކަމެއް ކުރިމަތީގަ ހިނގަމުންދާއިރުވެސް ހައްޕު ކިޔައިގެން ތި ހުންނަނީ ރާހިލް. ދެންވެސް އެހެން މީހުންގެ ކުށް ހޯދާ.. މިކަމާ ނޫނެކޭ ބުނަން ނުކެރިގެން ތި އުޅެނީ ހަމަ ތިމާގެ ފިނޑިކަމުން" ރިއާން ހިތްހަމަ ނުޖެހިފައި ދުރަށް ހިނގައިގަތެވެ.

އެންމެން އެކި ވާހަކައަށްގޮސް ހުސްވިވަގުތު ޝައިނާ އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދުރަށް ހިނގައިގަތެވެ. ރާހިލްއަށް އެ މަންޒަރު ފެނުމާއެކު ޝައިނާގެ ފަހަތުން ހިނގައިގަތެވެ. ޝައިނާއަށް އެކަން އެނގި ސިޑި ގިރާކުރަމުންދިޔަ ދުވެލި އަވަސްކޮށްލިއެވެ. އަދި އެ ދިޔަގޮތަށް ދުވެފައިގޮސް އިޝްވާގެ ކޮޓަރީގެ ފާހަނައަށް ވަދެ ތަޅުލިއެވެ. ލެޕްޓޮޕް ހިފައިގެން އެނދުމަތީގައި އޮތް އިޝްވާއަށް އެކަމުން ކުއްލި ސިހުމެއް ލިބިފައި އައިސް ފާހަނައިގެ ދޮރުގައި ތަޅައިގަތެވެ. ޝައިނާއަކީ ފާހަނައިގައި ތަޅުލާ މީހެއް ނޫންކަން ހުދު އޭނާއަށްވެސް އެނގެއެވެ. އަދި ޝައިނާ ކޮޓަރިއަށް ވަދެގެންއައި ގޮތުން ކޮންމެވެސް ކަމެއް ގޯސްވީކަން އޭނާއަށް ރޭކައިލިއެވެ. ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ލިބިގެންދިޔައީ ހަމަ އެބާރުމިނުގައި އައިސް އެ ކޮޓަރިއަށް ވަން ރާހިލް ފެނުމުންނެވެ.

"ޔޫ؟ ސިސް އަށް ކީއްކޮށްގެން ތިއުޅެނީ؟" އިޝްވާ ރުޅިއައިސްފައި އަހައިލިއެވެ.

"ގެޓް އައުޓް" އިޝްވާއަށް ޖަވާބުދާރީވުމަކީ މުހިއްމަ ކަމެއް ގޮތުގައި ރާހިލްއެއް ނުދެކުނެވެ.

"އިޝީއެއް ނުނިކުންނާނަން.. އިޝީ އޭރުވެސް ނޫނެކޭ ބުނެ ބުނެ އޮއްވާ ތިދެމީހުން ގުޅުނީ. އިފް އެނީތިންގް ހެޕެންޑް އައި ޑިސަރވް ޓު ނޯ" އިޝްވާ ހަރުކަށިވެލިއެވެ.

"އިޝްކޮ ޕްލީސް މީ އިޝްކޮ ތި ހީކުރާހާ ކުޑަ ކަންތައްގަނޑެއް ނޫނޭ" ރާހިލް ބުންޏެވެ.

"އެކަން އަހަރެންނަށްވެސް އެނގެޔޭ! ސިސް އަމިއްލައަށް ސަފޮކޭޓް ވާން ފާހަނައަށްވަދެ ތަޅުލާވަރުގެ ކަމަކަށް ދޮންބެ ކުރީ ކީއްހޭ؟" އިޝްވާ ހަޅޭއްލަވައިގަތެވެ.

"ޝީ ޑިޑް ވަޓް؟" ރާހިލްއަށް އިޝްވާ ބުނީ ކީކޭކަން އެނގުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. ކުރިމަތީގައި ހުރި އިޝްވާ ދުރަށް ކޮށްޕައިލުމަށްފަހުގޮސް ފާހަނައިގެ ދޮރުގައި ތަޅައިގަތެވެ.

"ޝައިނާ.. ޝައިނާ.. މި ދޮރުހުޅުވަބަލަ.. ޝައިނާ ޕްލީޒް" ރާހިލްގެ އަޑުގައިވަނީ އާދޭހެވެ. އެރަށުގައި ހުރިއިރު ޝައިނާ ފާހަނަތެރޭގައި އަނބުރައިގަތް ރޭގެ ބިރުވެރި ހަނދާންތައް އޭނާގެ ސިކުނޑީގައި ކޮށްޓަން ފެށިއެވެ. ޝައިނާގެ ފަރާތުން ރައްދެއް ނުލިބި ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކާއެކު އޭނާގެ ހިތް އަވަސްވެ ސިކުނޑި ހާސްވަމުން ދިޔައެވެ.


= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކިހިނެއްމިހާރުމިވަނީ އަންޔާރާހިލްއާށައިނާހަމަދުރުކުރަނީތަ
    އެހެންނުހަދައްޗޭއަސްލުއަހަރެންކީވާހަކަތަކުގެތެރެއިން
    ފާހަގަކޮއްލެވޭރީތިވާހަކައެއްމީއިނގޭދިގުމިންވެސްވާުނުވާއިނގޭ

  2. ވެޑިން ޕްލޭނަރާ ކައިވެނި ކޮއްލީމަ ނިމުނީނު ދޯ ރާހިލް. އެވެސް ހަމަ ވެދާނެ ގޮތެއް. ހީވޭ އެލީޝާ ފިލާނެހެން އެދުވަހު. ހެހެހެ… ޒީވާގެ ބައި ތަންކޮޅެއް ބޮޑަށް ގެނެސްދީބަލަ. ވަރަށް ރީތި މިބައިވެސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު