Friday, 11 October 2024

ހިތް އެދޭހާ ކަމެއް.. (31 ވަނަބައި)

"ޢަހަރެންނާ ދުރުގަ ހުރޭ ރާހިލް… ސްޓޭ އަވޭ ފްރޮމް މީ" ރާހިލް ކުރިއަށް އަޅައިލި ފިޔަވަޅު ހުއްޓުނީ ޝައިނާ ބަދަލުގައި ފަހަތަށް ފިޔަވަޅެެއް އަޅައިލުމުންނެވެ. އިތުރަށްއެތަނުގައި މަޑުކުރުނެއްނެތި އެދިޔަގޮތަށް ގޮސް އޭނާ ކޮޓަރިއަށްވަދެ ދޮރު ތަޅުލައިފިއެވެ.

***************

ކެބިންގެ ބިއްލޫރިފާރުން ބޭރަށް ބަލަހައްޓައިގެންހުރި ރިއާންގެ ނަޒަރު ހުއްޓިފައިވަނީ އޮފީހުގެ ދޮރުމަތީގައިހުރި ސައިކަލުތަކުން ސައިކަލެއްގެ މަތީގައި އިން ރާހިލްއަށެވެ. މެންދުރުގެ ގަދަ ހޫނާއި ރަތްދައްކާ އަވީގެ އަސަރު ރާހިލްއަށް ކުރަމުންދާކަށް ދަލާއެކު ތަތްލައިފައިވާ ގަމީހުން ހެކިދެއެވެ. އެހެނެއްކަމަކު އޭނާ އިނީ އެތަނުން ގުޑާވެސްނުލަން ހިތުލައިގެން ކަހަލައެވެ.

"ޔެސް.." ދޮރުގައި ޓަކި ޖަހައިލިއަޑު އިވުމާއެކު ރިއާން އެއަޑަށް ޖަވާބުދާރީވަމުން މޭޒުދޮށުގައި އިށީނދެލިއެވެ.

"ސިގްނޭޗަރ އެއް ހޯދާލަންވެގެން" އެތެރެއަށް ވަދެގެން އައި ޝައިނާ އަތުގައި އޮތް ފައިލު ރިއާންގެ މޭޒުމަތީގައި ބާއްވައިލިއެވެ. ރިއާން މަތިމަތިން އެ ގަނޑުތަށް ބަލައިލުމަށްފަހު އޭގައި ސޮއެކޮށްލިއެވެ. އެކަން ނިމުމާއެކުހެން ޝައިނާ ފައިލް ހިފައިގެން އެތަނުން ދިޔުމަށް ހިނގައިގަތެވެ.

"ޝައިނާ" ރިއާންގެ އަޑަށް ޝައިނާގެ ފިޔަވަޅުތައް ހުއްޓުނެވެ. "އިފް ޔޫ ޑޯންޓް މައިންޑް.. އެއްޗެކޭ ހީ ނުކޮށް މިދިމާ ބޭރު ބަލާލަބަ" ރިއާން ފަހަތުގައިހުރި ބިއްލޫރި ގަނޑަށް އިޝާރާތްކޮށް ބުންޏެވެ. ޝައިނާ ލަސްފިޔަވަޅުތަކެއްގައިގޮސް އެބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. އެފަދަ ހޫނުވަގުތެއްގައި ހިޔަލެއްނެތި ގަދަ އަވީގައި އިން ރާހިލް ފެނުމާއެކު އޭނާގެ ހިތަށްވެސް އެކަމުން އަސަރުތަކެއްކުރިއެވެ.

"ކޮންމެ ދުވަހަކު މެންދުރުއްސުރެން އެ އިންނަނީ އެތަނުގަ. އެނގޭ އަހަރެންނަކާ ބެހޭކަމެއް ނޫންކަންވެސް…. އެކަމަކު އަހަރެންނަށް ހީވަނީ ރާހިލްގެ ވާހަކަ އަޑު އަހާލުމަކުން ޝައިނާއަކަށްވެސް ގެއްލުމެއް ނެތްހެން" ރިއާން ބުންޏެވެ. ޝައިނާ ބޯ ޖަހައިލުމަށްފަހު އިތުރަށް އެތަނުގައި މަޑުނުކޮށް ނުކުމެގެން ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ރިއާން ދެއްކި ވާހަކަ އަޑު ނީވޭ ކަހަލައެވެ. އެވާހަކަތައް އެއްކަންފަތުން ވައްދައިލިހެން އަނެއް ކަންފަތުން ނެރެލިއެވެ. ވާނީވެސް އެހެންތާއެވެ. ރާހިލްއަށް އިތުުރު ފުރުސަތެއް ދޭކަށް އޭނާ ގަސްތެއްނުކުރެއެވެ.

އޭގެ ދެތިން ގަޑިއެއްހާއިރުފަހުން ރިއާން އޮފީސް ނިންމާފައި ނުކުތް އިރުވެސް ރާހިލް ހަމަ އެ އިންތަނުގައި އިނެވެ. ރިއާންއަށް ކެތްވީ އެހިސާބަށެވެ. އެކުވެރިޔާ އެތަނުން ދުރަށް ގެންދިޔުމުގެ މަސައްކަތްފެށިއެވެ.

"ރާހިލް.. މޭން.. ހިނގާ ދާން.. ތިއީ ކޮންކަމެއް؟ އަހަރެން ވަރަށް އެއްޗެކޭ ނުބުނަށް ހުރެފީމެއްނު.. ދެން އެކަމަކު ތިއީ ފުކެއް ބޮޑުވަރު.. ޔޫ ހޭވް ނެވަރ ބީން ދިސް ޕެޓީ.. އެވެސް އަންހެނަކާހެދި.. ޝައިނާގެ ގޮތް އަހަރެމެން ދެމީހުނަށްވެސް އެނގޭނު.. ޝައިނާ ގޮތެއް ދުލެއް ނުކުރާނެ. ކުރަންޏާ ހަފްތާއެއްވާއިރު ކުރާނެއްނު؟ ތި ކުރަނީ ބޭކާރު ކަމެއް" ރިއާން އައިސް ރާހިލްގެ އަތުގައި ހިފައި ދަމަށް ފެށިއެވެ. ނަމަވެސް ރިއާންއާއެކު ނުދާން ރާހިލް ގަދަހަދަން ފެށިއެވެ.

"ރިއާން ޕްލީޒް.. އަހަރެން މިތާ ބައިންދާ.. ލެޓް މީ ޑޫ ދިސް" ރާހިލް އެދުނެވެ. ރިއާން ގަބޫލުނުކުރެވިފައި ދެފަރާތަށް ބޯހޫރައިލިއެވެ.

"ރާހިލްއަށް ހަމަ ނޭނގެ—"

"ޝައިނާ!!!" ރިއާންގެ ވާހަކަ ނުނިމެންދެން ދޮރުން ނުކުތް ޝައިނާ ފެނުމާއެކު ރާހިލް އެދިމާލަށް ހިނގައިގަތެވެ. ޝައިނާ ހިނގުން އަވަސް ކޮށްލިތަން ފެނި އެހެން ދުވަސްދުވަހާއި ހިލާފަށް ޝައިނާގެ ފަހަތުން ހިނގުމުގެ ބަދަލުގައި ރާހިލް ސައިކަލު ސްޓާރޓް ކޮށްލަމުން އޭގަށް އެރިއެވެ. އަވަސް ސްޕީޑެއްގައިގޮސް އޭނާ ސައިކަލު ހުއްޓާލީ ޝައިނާގެ ކުރިމައްޗަށް ވާގޮތަށެވެ. ޝައިނާއަށް ހިނގުން މަޑުޖައްސާލަން މަޖުބޫރުވިއެވެ. ރާހިލް ސައިކަލުން ފައިބައިގެން އައިސް ޝައިނާގެ އަތުގެ މުލައްދަނޑީގައި ހިފައިލި ވަގުތު ޝައިނާ އެ އަތް ފޮޅުވައިލުމަށްފަހު ދުރަށް ދާން ހިންގައިގަތެވެ.

"ޝައިނާ.. ޝައިނާ ޕްލީޒް މަޑުކޮށްބަ.. ޝައިނާ ބޭނުން އެއްޗެއް އަހަރެންނާ ދިމާލަށް ކިޔާ! ހަޅޭއްލަވާ! ބޭނުންގޮތެއްހަދާ! އެކަމަކު ތިހެން އަހަރެން ދުރުކޮށްނުލާ.. އާދޭސްކޮށްފަ މިބުނީ އެންމެ ފަހަރަކު އަހަރެންނާ އަނގައިން ބުނެބަލަ" ރާހިލް އެދުނެވެ. ރާހިލްގެ އަތުތެރެއިން އޭނާގެ އަތް މިންޖުކުރެވޭތޯ ޝައިނާ މަސައްކަތް ކުރަމުންދިޔައެވެ. އޭރު އެމަގުން ދަތުރުކުރަމުންދިޔަ ގިނަ ބައެއްގެ ސަމާލުކަންވެސް އެދެމީހުނަށް ލިބެމުންދިޔައެވެ.

"އައި ތިންކް އައި ހޭވް ސްޕޯކަން އިނަފް ރާހިލް.. ދޫކުރޭ! ރާހިލް މޮޔަވީތަ؟ މިއީ މަގުމައްޗޭ" ހަފްތާއެެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ޝައިނާގެ އަޑު އިވުމާއެކު ރާހިލް މޮޔައެއްހެން ހިނިތުންވެލިއެވެ. ޝައިނާއަށް އެމަންޒަރުފެނި ހައިރާންވިއެވެ. "އޯ ގޯޑް.. ރާހިލް ޔޫ އަރ ރިއަލީ ކްރޭޒީ!!"

"ފައިނަލީ… ޝައިނާގެ އަޑުވެސް އަހަރެންނަށް ނީވޭތާ ހަފްތާއެއްވީ… އަހަރެން މޮޔަނުވިއްޔާ ދެރައެއްނު. އަހަރެން ހީކުރީ ޝައިނާ ދެން ދުވަހަކުވެސް އަހަރެންނާ ވާހަކަ ނުދައްކާނެކަމަށް. އިޓް ކިލްޑް މީ." ރާހިލް އަސަރާއެކު ބުންޏެވެ.

"އޯހް ޕްލީޒް ސޭވް އިޓް. ތި ފޮނި ބަސްތައް އިތުރަށް އަޑު އަހާކަށް އަހަރެން ބޭނުމެއްނޫން" ޝައިނާ ކަޅި އަނބުރައިލަމުން  ހިނގައިގަތީ ދުރަށެވެ. ނަމަވެސް ރާހިލް މިފަހަރުވެސް ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ.

"ޝައިނާ ޕްލީޒް.. ތިހެން އަހަރެންނަށް ހަދާއިރު ހަމަ އެކައްޗެއްވެސް ހިތަށް ނާރަނީތަ؟" ރާހިލް ދެރަވެފައި އެހިއެވެ.

"އާން.. އަހަރެން ރާހިލްގެ މޫނުވެސް ދެކޭކަށް ބޭނުމެއްނޫން. އަޑު އިވިއްޖެތަ؟" ޝައިނާ ހިތުގައިވާ އިހުސާސްތައް ފޮރުވައިލަމުން ބުންޏެވެ.

"ތިހެނެއް ނުވާނެ.. އަހަރެންގެ މައްޗަށް ޝައިނާ ތިހާ ހިތްހަރެއް ނުވާނެ.. ޕްލީޒް ޝައިނާ.. ޝައިނާއާ ނުލާ އަހަރެންނަކަށް ދެން މިކަމެއް ނުވާނެ… މިބުނީ ލައިފް.. މިވީ ހަފްތައެއްހާ ދުވަސް ތެރޭ އަހަރެންނަށް އެކަން ޔަގީންވެއްޖެ… ޝައިނާއާނުލާ އަހަރެން އެންމެ ދުވަހަކުވެސް ދިރިހުންނާނެ ގޮތެއް އަހަރެންނަކަށް ނޭނގުނު.." ރާހިލް އޭނާގެ އަތުގައި އޮތް ޝައިނާގެ އަތްތިލައިގައި ތުންފަތް ޖައްސައިލިއެވެ.

ޝައިނާއަކަށް އެ އަތް ދުރުކޮށްލާކަށް ނުކެރުނެވެ. ރާހިލްއަށް ފަސްދީ ހިނގައިގަންނާކަށް ނުކެރުނެވެ. ކުރިމަތީގައިހުރީ އޭނާ ދުނިޔޭގެ ހުރިހައި އެއްޗަކަށްވުރެވެސް އެމީހެއްދެކެ ލޯބިވާ އިންސާނާއެވެ. އެ އަތުގެ ހޫނުކަމުގެ ތެރެއިން އޭނާގެ އަތް ދަމައިގަންނާނެހާ ހިތްވަރެއް ޝައިނާއަކަށް ނުލިބުނެވެ.

"މެރީ މީ؟" ރާހިލް އަތުގެ ކުޑަވައި އިނގިލީގައި އަޅައިފައިވާ ރިހި އަނގޮނޓި ވަކިކޮށްލަމުން ޝައިނާއަށް ދިއްކޮށްލިއެވެ.

"ކީކޭ؟" ޝައިނާގެ ހިތް ބާރަށް ތެޅިލިއެވެ. "ރާހިލް.. ތިކަހަލަ ސަމާސާ އެއްވެސް މަޖަލެއްނޫން" ޝައިނާ ބުންޏެވެ.

"ހީކުރަނީ މިއީ ސަމާސާއެއްކަމަށްތަ؟ އަހަރެންގެ ދިރިއުޅުމުގެ ބާކީބައި ހޭދަކުރަން ބޭނުންވަނީ ޝައިނާއާއެކުކަން ޔަގީންވީމަ އިތުރަށް މަޑު ކުރަންވީ ކީއްކުރަން؟ އަހަރެން ބޭނުމީ ކައިވެނި ކުރަން" ރާހިލް ބުންޏެވެ.

"ރާހިލް.. ދެން ޒީ އޯ؟ އެލީޝާ.." ޝައިނާ ބުންޏެވެ. ޖަވާބެއް ދިނުމުގެ ކުރިން އެދެމެދަށް ވެރިވެދާނެ ހުރިހައި ހުރަހަކަށް އޭނާ ވިސްނައިލިއެވެ. އެފަދަ ހުރަހެއް ނެތްނަމަ އޭނާވެސް ރާހިލްގެ އެދުމާ ދެކޮޅު ހަދާކަށް ބޭނުމެއްނުވެއެވެ. ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭ އޭނާގެ ހަޔާތަށް އައިސްފައިވި ފަޅުކަމުގެ އަސްލަކީ ރާހިލް ނެތުން ފިޔަވައި އިތުރު އެހެން ސަބަބެއް ނޫނެވެ. ރާހިލްއެކޭ އެއްފަދައިން ހުދު އޭނާވެސް ރާހިލްގެ ލޯތްބަށް ފެންބޮވައިގެންފައިވާވަރު އިހުސާސް ކުރެވުނެވެ.

"ޝައިނާ ޕްލީޒް.. އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން.. މިރޭ އަހަރެން ޝައިނާ ބަލާ ތިގެއަށް ދާނަން.. އަހަރެންނަށް އިތުބާރު ކުރޭ.. މިރޭ އެ ހުރިހާ ވާހަކައެއް އެނގުމަށްފަހު ދެންވެސް ޝައިނާ އަހަރެންނާއެކު އުޅެން ބޭނުން ނެތިއްޔާ މި އަނގޮޓި މިރޭ އަހަރެންނަށް ރައްދުކޮށްދީ" ރާހިލްގެ އަނގޮޓި ޝައިނާގެ އަތުތެރެއަށް ލައިދިނެވެ. "އައި ލަވް ޔޫ." ރާހިލް ޝައިނާގެ ނިއްކުރިއަށް އަވަސް ދޮނެއް ދިނުމަށްފަހު އެތަނުން ދިޔައެވެ. އޭރުވެސް ޝައިނާ ހުރީ ހުރިފިޔަވަޅުމަތީގައި ހުއްޓުން އަރައިފައެވެ. ހީވެސް ނުކުރާހާ އަވަހަށް ހަޔާތުގެ އެހާ ބޮޑު ނިންމުމެއް ނިންމަން ޖެހުމުން އޭނާގެ ސިކުނޑީގައިވަނީ ހައިޖާނެއް އުފެދިފައެވެ. އެހެންކަމުން އެރޭގެ ވަގުތުތައް ހިނގަމުންދިޔައީ މާ އަވަހަށޭވެސް އޭނާއަށް ހީވާންފެށިއެވެ.

ގަޑިން އަށެއްޖެހުމާ ކައިރިވެފައި ވަނިކޮށް ރާހިލް އޭނާ ބަލައިއައެވެ. މި ދެވެނީ ކޮންތާކަށްތޯވެސް އެހުމެއްނެތި އޭނާ ހިމޭންކަން އިހްތިޔާރުކުރީ އެންމެ ފަހު ފަހަރަށްކަމަށް ރާހިލްގެ ބަހަށް އިތުބާރު ކުރުމުގެ ނިޔަތުގައެވެ. ސައިކަލު ހުއްޓާލީ އާރް.އެލް އިމާރާތުގެ ކުރިމައްޗަށެވެ. އަށްވަނަ ފަންގިފިލާއަށް ހުއްޓުނު ލިފުްޓުން ނުކުމެ ސިޑިއާ ދިމާލަށް މިސްރާބުޖެހުމާއެކު މިދެވެނީ އިމާރާތުގެ ޓެރަހަށްކަން ޝައިނާއަށް އެނގުނެވެ. ޝައިނާގެ ހަނދާނަށް އައީ ރާހިލް އޭނާ އެތަނަށް ގެނެސް އޭނާއަށް ލޯބި ހުށަހެޅި ރޭގެ ހަނދާންތަކެވެ. އޭނާ ވަގުތުން ރާހިލްއަށް ފަސް އެނބުރި ލިފްޓާދިމާލަށް ހިނގައިގަތެވެ.

"މަޑުކޮށްބަ" ރާހިލް ޝައިނާގެ އަތުގައި ހިފިއެވެ.

"ނޫޅެން މަޑުކުރާކަށް.. އަހަރެން އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާކަށް ބޭނުމެއްނޫން… ރާހިލް ހީކުރަނީ ކޮންމެ ފަހަރަކު މައްސަލައެއްޖެހުނީމަ އަހަރެން ހިތްހަމަ ޖައްސާލަން ކޮށްދޭ މޮޅު ކަމަކުން ނޫނީ ދޭ މާބޮނޑިއަކުން އެކަން ހަނދާން ނެތޭނެ ކަމަށްތަ؟" ޝައިނާ ބުންޏެވެ.

"މިއީ އެކަހަލަ ކަމެއް ނޫނޭ.. އަހަރެން ޝައިނާ ގެނައީ މީހަކާ ބައްދަލުކޮށްލަން.. ޕްލީޒް.. ހަމަ ކުޑައިރުކޮޅަކަށް" ރާހިލް ބުންޏެވެ. ޝައިނާ ހިތްހަމަނުޖެހިފައި ރާހިލްގެ ކުރިއަށްހުރެ ހަރު ފިޔަވަޅުތަކެއްގައި ސިޑިން އަރަން ފެށިއެވެ. އެ ފައިވާނުގެ އަޑުންވެސް ރާހިލްއަށް އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު އަންގައިދޭން އުޅޭ ކަހަލައެވެ. މައްޗަށް އެރުމާއެކު އޭނާގެ ސަމާލުކަށް ހުއްޓުނީ ޓެރަހުގެ ވަށާފާރުގައި އަތް އަޅުވައިލައިގެން އޭނާއަށް ފުރަގަސްދީގެންހުރި އަންހެންކުއްޖާއަށެވެ. އެކުއްޖާގެ ރަންކުލައިގެ އިސްތަށިގަނޑު ފެނުމާއެކު އެއީ ކާކުކަން އޭނާއަށް ކަށަވަރުކުރެވުނެވެ. އެކުއްޖާއާ މާ ދުރުނޫން ހިސާބެއްގައި ރިއާންވެސް ހުއްޓިލައިގެން ހުއްޓެވެ.

"އެލީ—ޝާ" ޝައިނާ ލޯ އަޅައިލުމާއެކު ރާހިލް އެލީޝާގެ ނަން ފުރިހަމަކޮށްލިއެވެ. އޭނާ އެލީޝާއަށް އާންމުކޮށް ކިޔައި އުޅެނީ "އެލީ" އެވެ. ނަމަވެސް އެދެމެދުގައި އެއްޗެސް ވަރެއްގެ ގާތްކަމެއް ނެތްކަން ޝައިނާއަަށް ދެއްކުމުގެ ގޮތުން އޭނާ އެލީޝާގެ ފުރިހަމަނަން ބޭނުންކުރިއެވެ. އެލީޝާ ފަހަތައް އެނބުރި ޝައިނާއާ ކުރިމަތިލަމުން ހިނިތުންވެލިއެވެ. އަދި ސަލާމަށް އަތް ދިއްކޮށްކޮށްލިއެވެ. ޝައިނާ އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ރިއާންއަށް ބަލައިލުމަށްފަހު އެލީޝާއާ ސަލާމްކުރަމުން އަމިއްލައަށް ތައާރަފުވެލިއެވެ.

"ޝައިނާ"

"ޔެސް.. އަހަރެންނަށް އެނގޭ.. ޕްލީޒް ހޭވް އަ ސީޓް…" އެލީޝާ އެތަނުގައި ކުޑަޖަހާފައިހުރި މޭޒުގެ ވަށައިގެންހުރި ހަތަރު ގޮނޑިއަށް އިޝާރާތްކޮށްލިއެވެ. ޝައިނާއާ ރާހިލް އެކަކު އަނެކަކާއި ކުރިމަތިވާހެން އިށީނުމުން އެލީޝާ އެދެމެދުގައިހުރި ގޮނޑީގައި އިށީނެވެ. ޝައިނާގެ ފަރާތުން އުއްމީދުކުރި ރަހްމަތްތެރިކަމުގެ ބަދަލުގައި ލިބުނު ބީރައްޓެހިކަމުގެ ސަބަބުން އޭނާ ދައްކަން އުޅޭ ވާހަކަ ދެއްކުމަށް ޖެހިލުންވި ނަމަވެސް ރާހިލްގެ އިޝާރާތަށް އެލީޝާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބޯ ޖަހައިލިއެވެ.

"އަހަރެން ޝައިނާއާ ބައްދަލުކޮށްލަން ބޭނުންވީ ހަޤީގަތުގަ ޝައިނާގާތުން ވަރަށްބޮޑު ކަމަކު ކިޔަންވެގެން.. އެކަމަކު އޭގެ ކުރިން ސާފުކޮށްދޭން ބޭނުން… އަހަރެންނާއި ރާހިލްގެ ދެމެދުގަ ތި ހީކުރާކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ.. އަދި އަހަރެން ދުވަހަކުވެސް ރާހިލްއާމެދު އެފަދަ ނަޒަރަކުން ނުވެސް ދެކޭނަން.. އެކަމަކު އަހަރެންނަށް މި ކައިވެނި ވަރަށް މުހިއްމު. ޝައިނާގެ ރުހުން ނުލިބޭ ގޮތަކަށް ރާހިލް މި ކައިވެންޏެއް ނުކުރާނެ.. އެހެންވެ އަހަރެންނަށް ޝައިނާގެ ރުހުންވެސް ވަރަށް މުހިއްމު.." އެލީޝާގެ ވާހަކަ ޝައިނާއަކަށް ފަހުމެއްނުވިއެވެ. އޭނާގެ ނިތަށް ގިނަވެގެންދިޔަ ރޫތަށް އެކަމުގެ ހެއްކެއްގެ ގޮތުގައި އެލީޝާއަށް ފުދުނެވެ. އެލީޝާ ޖެހިލުންވެފައި އިނދެ ޝައިނާގެ އަތުގައި ހިފައި ގެންގޮސް އެލީޝާގެ ބަނޑުގައި ޖައްސައިލިއެވެ.

"ތްރީ މަންތްސް" ޝައިނާއަށް އެލީޝާ އެ ބުނަންއުޅޭ ވާހަކަ ފަހުމުވާކަށް ސުކުންތެއްވެސް ނުނެގިއެވެ. ނަމަވެސް އޭނާއަށް އެކަން ފަހުމުވީ މުޅިން ގޯސްކޮށެވެ. ދެލޯ ބޮޑުކޮށްލަމުން ރާހިލްއާ ދިމާލަށް ބަލައިލެވުނެވެ. ޝައިނާއާ ރާހިލްގެ ގުޅުމަށް އަދި ވާނީ އެންމެ ދެމަސްދުވަހެވެ. އޭގެ ކުރިން ރާހިލް އެލީޝާއާއެކު؟؟– ސިކުނޑިއަށް ވެރިވި ހިޔާލު ފޮހެލުމަށްޓަކައި ޝައިނާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކުރިންވެސް ތި ވާހަކަ އަހަރެންގާތު ބުނިނަމަ.. އަހަރެންގެ ފަރާތުން އެއްވެސް ހުރަހެއް ނާންނާނެ.. ތިއީ ތި ދެމީހުންގެ ކަމެއްނު.. އަހަރެންގެ ބަހެއް ތިކަމުގަ ބޭނުމެއް ނުވާނެ" ޝައިނާ އިސްޖަހައިލިއެވެ. އެއީ އޭނާއާ ރާހިލް ގުޅުމުގެ ކުރިން ހިނގައިފައިވާ ކަމަކަށްވާތީ އެކަމުގައި އޭނާއަކަށް ރާހިލް ކުށްވެރިކުރެވޭކަށްވެސް ނެތެވެ. ނަމަވެސް ޝައިނާގެ ވާހަކައިން އެލީޝާއާއި ރާހިލްއަށް އެކަކު އަނެކަކާދިމާލަށް ބަލައިލެވުނެވެ. ދެމީހުނަށްވެސް ޝައިނާއަށް ވިސްނުނުގޮތް ރޭކައިލިއެވެ.

"ނޯ ނޯ ނޯ ޔޫ އަރ ގެޓިންގް އިޓް ރޯންގް" ރާހިލްއާ އެލީޝާ އެއްފަހަރާ ބުންޏެވެ.

"ޝައިނާ… އަހަރެން ރާހިލް ގާތުގައިވެސް ބުނެފަ އޮންނާނީ އަހަރެންގެ ލޯބިވެރިޔާގެ ވާހަކަ.. ޖޯޝުއާ.. ޖޯޝްއާ އަހަރެން ގުޅިގެން އުޅޭތާ މިހާރު އަހަރުތަކެއްވެއްޖެ. އެއީ އަހަރެންގެ އާއިލާ ވަރަށް ނުރުހޭ ގުޅުމެއް.. އެމީހުން ބުނާ ގޮތުގައި ޖޯޝްއަަކީ މި އާއިލާއާ އެއްހަމައަކަށް އާދެވޭ ވަރަށްވުރެ ނިކަމެއްޗެއް.. ފަގީރެއް.. އެކަމަކު އަހަރެން ޖޯޝްދެކެ ވަރަށް ލޯބިވޭ.. އަހަރެން ޖޯޝްއަށް ބަލިވެ އިންކަން އެނގުނު ހިސާބުން މަންމަމެން އަހަރެން މާލެ ގެނައި. ދަރި ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވީ އަހަރެން ކިޔަވަނީ ސިއްހީ ދާއިރާއިން ކަމަށްވެފަ އަހަރެންނަށް އެ ހުރިހާ ބޭހަކާއި ހުރިހާ ގޮތްތަކެއްގެ ހަގީގަތް އެނގޭތީ" އެލީޝާ އިނގިރޭސިބަހުން ކިޔައިދިނެވެ.

"ތިކަމާ ރާހިލްއާ އޮތީ ކޮން ގުޅުމެއް؟" ޝައިނާ ހިތްހަމަނުޖެހުނެވެ. އެލީޝާ ބޭނުންވަނީ އެހެންމީހެއްގެ ދަރިއެއް ރާހިލްގެ ބޮލުގައި އަޅުވަން ހެއްޔެވެ؟ އަންހެންކުއްޖަކަށް އިހުސާންތެރިވުމުގެ ގޮތުން އެހެން ކޮންމެ ފިރިހެނަކު އިސްނަގައިގެން އެފަދަ ކަމެއްކުރި ކަމުގައި ވިޔަސް ޝައިނާއަކީ އެމީހަކަށް ތައުރީފުކުރާނެ މީހެކެވެ. ނަމަވެސް އެއީ ރާހިލްއަށް ވީތީ އޭނާއަށް އަމިއްލަ އެދުން އިސްކުރެވުނެވެ. އޭނާ ފިޔަވައި އިތުރު އެއްވެސް މީހަކަށް އެއްވެސް ގޮތަކުން ރާހިލްގެ ހިއްސާއެއް ލިބޭކަށް އޭނާ ބޭނުމެއްނޫނެވެ. ކަންނުވެ ވާ ނަމެއްގައި ވިޔަސްމެއެވެ.

"އަހަރެންގެ އާއިލާއަކީ ވަރަށް ނުފޫޒުގަދަ އާއިލާއެއް. އެމީހުން އަހަރެންދެކެ ލޯބިވިޔަސް ހުރިހާ ކަމެއް ކުރަންޖެހޭނީ އެމީހުން ހިތް ރުހޭހާ ގޮތަށް. ހާއްސަކޮށް މަންމަ. މަންމަމެން އަހަރެން އަލުން ޤައުމަށްދާނެ ފުރުސަތެއް ނުދިން.. އަހަރެން ބޭނުން ޖޯޝް ކައިރިއަށްދާން.. ޖޯޝްއަށް މި ހަބަރު އަންގަން.. އަހަރެން ޖޯޝްއާ ކައިވެނި ކުރަން ބޭނުން.. ލޯބިލޯބި އާއިލާއެއް ޖޯޝްއާއެކު ބިނާކުރަން ބޭނުން.. ޝައިނާ.. އަހަރެންނަށް މިކަން ވާން އޮތީ މަންމަމެންނާ ވަކިވެގެން. ރާހިލްއާ ކައިވެނި ކުރީމަ މަންމަމެން އަހަރެންގެ ހުރިހާ ކަމެއް ރާހިލްގެ އަތްމައްޗަށް ދޫކޮށްލާނެ. އޭރުން އަހަރެންނަށް ރާހިލްއާއެކު ޖޯޝް ކައިރިއަށް ދެވޭނެ. ޝައިނާ.. އާދޭސްކޮށްފަ މިބުނީ.. އަހަރެންނަށް މި ދަރިފުޅުގެ ބައްޕައާ ގުޅެން އެހީވެދީ.. ދެލޯބިވެރިން ގުޅެން އޮންނަ ހުރަހަކަށް ޝައިނާ ވާން ބޭނުންތަ؟" އެލީޝާ ބުންޏެވެ. ޝައިނާއަށް ދުރުގައިހުރި ރިއާންއަށް ބަލައިލެވުނީ ގޮތެެއް ނިންމަން އޭނާއަށް އެހީވެދޭށޭ ބުނާ ފަދައަކުންނެވެ. އެހެންނަމަވެސް ރިއާންގެ އަސަރެއްނެތް މޫނުން އޭނާއަށް އެއްވެސް ކަމެއް ދޭހަކުރާކަށް ނޭނގުނެވެ.

"އަހަރެން ބުނިހެން.. ހަމަ ކުޑަކުޑަ ދުވަސްކޮޅެއް ލަވް… އެހެންނޫނަސް ޝައިނާ ހާސްވާންވި އެއްވެސް ސަބަބެއް ނެތެއްނު. އެލީޝާ ބަލިވެ އިންދާ ކުރާ ކައިވެންޏެއް ޝަރުއީގޮތުން ހުއްދައެއްވެސް ނުވާނެ. އަހަރެން ދެންވެސް ވާނީ ހަމައެކަނި ޝައިނާގެ މީހަކަށް" ރާހިލްގެ ވާހަކަ ޝައިނާއަށް ގަބޫލުކުރެވުނެވެ. އޭނާ އެއްފަހަރު ރާހިލްއަށް އަނެއްފަހަރު އެލީޝާއަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާއަށް ރާހިލްގެ ގޮތް ރަނގަޅަށް އެނގެއެވެ. ރާހިލްއަކީ މައުސޫމް ހިތްހެޔޮ ހިތެއްގެ ވެރިއެކެވެ. އިންސާނިޔަތަށް ރަހުމު ހުންނަ މީހުނަށް ކުލުނު ހުުންނަ މީހެކެވެ. އެއީ ހުދު އޭނާވެސް ރާހިލްގެ އެންމެ ގަޔާވާ އެއްސިފައެވެ. އެލީޝާއަށް އެހީވާނެ ފުރުސަތުލިބި އެކަން ނުކުރެވިއްޖެނަމަ އުމުރު ދުވަހު ރާހިލްއަށް އެކަމުން އުނދަގޫވާނެކަން ޝައިިނާއަށް އެނގެއެވެ. އެހެންނޫނަސް ތުއްތު ކުއްޖަކާއި އެކުއްޖާގެ ބައްޕައާ ގުޅުމަށް ކަނޑައިިދެވޭ ރާސްތާއެއްގެ ހުރަހަކަށް ވާން އޭނާ އެއީ ކާކު ހެއްޔެވެ؟ އެތަށް ގޮތަކަށް ވިސްނުމަށްފަހު ޝައިނާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އެލީޝާގެ މޫނުން އުފާވެރި ހިނިތުންވުމެއް ފާޅުވިއެވެ.

"ތެންކްޔޫ ސޯ މަޗް ޝައިނާ.. ތިކޮށްދިން ކަންތައް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ" އެލީޝާ އިންގޮނޑިން ތެދުވެގެން އައިސް ޝައިނާގެ ގައިގައި ބައްދައިލިއެވެ. ޝައިނާވެސް ހިނިތުންވެލަމުން އެލީޝާގެ ގައިގައި ބައްދައިލުމަށްފަހު ލޯތްބާއެކު އެލީޝާގެ ބަނޑުގައި ފިރުމައިލިއެވެ. އެލީޝާ އަލުންގޮސް ގޮނޑީގައި ހަމަޖެހިލުމާއެކު ޝައިނާ ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އެދުވަހު ހަވީރު ރާހިލް އޭނާއަށް ދިން އަނގޮޓި ދަބަހުން ނަގައި ރާހިލްއަށް ދިއްކޮށްލިއެވެ.

"މިރޭ އެ ހުރިހާ ވާހަކައެއް އެނގުމަށްފަހު ދެންވެސް ޝައިނާ އަހަރެންނާއެކު އުޅެން ބޭނުން ނެތިއްޔާ މި އަނގޮޓި މިރޭ އަހަރެންނަށް ރައްދުކޮށްދީ "

ރާހިލްގެ ހަނދާނަށް އައީ އޭނާއަށް ބުނެވުނު ޖުމްލައެވެ. މީގެ މާނައަކީ ޝައިނާ ދެން އިތުރަށް އޭނާއާއެކު އުޅެން ބޭނުން ނުވެއޭ ހެއްޔެވެ؟ އޭނާއަށް ޝައިނާ ދިއްކޮށްގެންހުރި އަނގޮޓިއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭގައި އަލުން ހިފާނޭހާ ހިތްވަރު ހޯދަން މަސައްކަތް ކުރަމުންދާ ކަހަލައެވެ. ޝައިނާއާ ވަކިވުމުގެ ހިޔާލުން އޭނާގެ ހިތުގައި ގަދަރިހުމެއް އުފެދި ލޮލުން ދިލަ ނަގަން ފެށިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭގައި ހިފުމަށް އަތް އުފުލައިލި ވަގުތު ޝައިނާގެ އަނެއްއަތް އޭނާގެ ކުރިމަތިގައި ނުފުށުން ބާއްވައިލިއެވެ.

"އަނގޮޓި އަޅުވާ ނުދޭނަންތަ؟ ނޫނީ މިވެސް އަޅަންވީ އަހަރެން އަމިއްލައަށްތަ؟" ޝައިނާ ބުންޏެވެ.

ރާހިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެއްފަހަރު ރިއާންއަށް އަނެއްފަހަރު އެލީޝާއަށް ބަލައިލުމަށްފަހު އަވަސްއަވަހަށް އެ އަނގޮޓި އަތުލައި ތުރުތުރު އަޅަމުންދިޔަ އަތަކުން ޝައިނާގެ ވައަތުގެ ކަށިއިނގިލީގައި އަނގޮޓި އަޅުވައިލައިދިނެވެ. އޭނާގެ ހަރަކާތްތަކުގައިވަނީ އަވަސްކަމެވެ. އެންމެ ސުކުންތެއް ލަސްކޮށްފި ނަމަވެސް ޝައިނާ ގެއްލިދާނޭ ހީވާކަހަލައެވެ.

ރާހިލް ގޮނޑިން ތެދުވެގެންއައިސް ޝައިނާގެ ގާތުގައި ހުއްޓުމާއެކު ޝައިނާވެސް އިންތަނުން ތެދުވެ ރާހިލްގެ ކަނދުރާގައި ދެއަތް އަޅުވައިލަމުން ބައްދައިލިއެވެ. ރާހިލްގެ ލޮލުން ނަގަމުންދިޔަ ދިލައިގެ އަސަރު ކެނޑުނު ނަމަވެސް އެދެލޮލަށް ގިނަވެފައިވާ ކަރުނަތައް އުފާވެރި ކަރުނަތަކެއްގެ ސިފައިގައި ފައިބައިގަތެވެ.

"ތެންކްޔޫ" ރާހިލް ޝައިނާގެ ކަރުގައި މޫނުފޮރުވައިލިއެވެ.

"ރާހިލް.. ދެން އަޅެ މިކަހަލަ ހެޕީ ޓައިމްސްގަ ނުރޯނެ" ޝައިނާ ރާހިލްއާ ދުރުވެލަމުން ރާހިލްގެ ކަރުނަތައް ފޮހެލައިދިނެވެ.

"އަައި ވޯޒް ސޯ ސްކެއަޑް" ރާހިލް ނޭފަތް ދަމައިލަމުން ބުންޏެވެ. އޭރު ރިއާންއަށް ހުރެވުނީ އޭނާގެ ކުރިމަތިން ފެންނަމުންދިޔަ ރާހިލްއަކީ ކާކުކަންވެސް ނޭނގިފައެވެ. ރާހިލް އެންމެ ފަހުން ކަރުނައަޅާ ރުއި ދުވަހެއް އޭނާގެ ހަނދާނުގައިވެސް ނެތެވެ. މިއީ އޭނާގާތު އަބަދު ހީހީފައި އުޅ ޭރަހްމަތްތެރިޔާ ހެއްޔެވެ؟ ލޯބީގެ ސަބަބުން އިންސާނާ މިހާވެސް ފިނޑި ބަލިކަށި މީހަކަށް ހަދާލާނަމަ މުޅި އުމުރަށްވެސް އޭނާ އެފަދަ ޖަޒުބާތަކަށް ވަައްސަލާމެވެ. ހަމަ އެހެން ހިތަށް އެރުމާއެކު ރިއާންގެ ލޯމައްޗަށް ސިފަވީ ޒީވާގެ ހިނިތުންވެފައިވާ މޫނެވެ. ދެމީހުން އެކުގައި ފިލްމު ބަލަންތިބި ރޭގެ ހަނދާންތަކެވެ. ފިލްމު ނިމެންދިޔަ ވަގުތު ޒީވާ ރޯންފެށުމުން ހަނދާނެގޮތެއް ނޭނގި އޭނާއަށް ގަނޑުވެފައި އިނދެވުނު ގޮތެވެ. އެފަދަ ހިޔާލުތައް ގިނަވާން ފެށުމުން ރިއާން އަވަސް އަވަހަށް ބޯ ހޫރައިލުމަށްފަހު ސިކުނޑި ހަމައަކަށް އަޅުވައިލިއެވެ.

"އޯ އެމް ޖީ.. ކޮންގްރެޓްސް ޔޫ ބޯތް.. ފޮޓޮއެއް ނަގަންވާނެއްނު؟ މިކަހަލަ މޯމެންޓްސް ޖެހޭނެ ކެޕްޗަރ ކުރަން. ކަމޯން ގަރލް ޝޯ ޔޯރ ރިންގް" އެލީޝާ ހީވަނީ އުފަލުން އުދުއްސައިގަނެފާނެ ހެންނެވެ. ޝައިނާ އެލީޝާގެ އެދުމަށް އަތުގައި އޮތް އަނގޮޓި ދައްކައިލަމުން ފޮޓޮއަށް ހުއްޓިލިއެވެ. އޭނާގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. އެ ނިންމުމަކީ އޭނާ މިއަދު އެތައް ގަޑިއެއް ވަންދެން ވިސްނުމަށްފަހު ނިންމި ނިންމުމެކެވެ. ރާހިލްއާ ވަކިން އޭނާ ހޭދަކުރި ހަފްތާއެއްހާ ދުވަހުގެ ވޭނާއި އެކަނިވެރިކަން މުޅި އުމުރުދުވަހު އިހުސާސްކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އެފަދަ ދިގު ދުވަސްތަކެއް އަލުން އަންނާކަށް ބޭނުމެއްނޫނެވެ. ރާހިލް އޭނާދެކެ އިންތިހާއަށް ލޯބިވާކަން އެނގިހުރެ ހުދު އޭނާގެ ހިތުގެ ގޮވާލުމަށް ބީރު ކަންފަތެއްދޭކަށް ނުކެރުނެވެ. އޭނާ ބޭނުންވަނީ މިހާރު ވީހާލެއްގައިވެސް ރާހިލްގެ އަންބެއްގެ ގޮތުގައި އިނުމަށެވެ. ރާހިލްގެ މިލްކަކަށްވުމަށެވެ. ރާހިލް ގެއްލިދާނެކަމުގެ ބިރުގައި އޭނާގެ ހަޔާތުގެ އެންމެ ދުވަހެއްވެސް ހޭދަކުރާކަށް އޭނާއަކަށް ކެތެއްނުވާނެއެވެ.

************

"ވަޓް؟؟ ސިސް ހަމަ ރަނގަޅަށްވެސް މޮޔަވީތަ؟ ތިއީ ކިހާވަރެއްގެ ކަމެއްކަން އެނގޭތަ؟ ސިސްގެ ލައިފްގެ ތިހާބޮޑުކަމެއް އެހާ އަވަސް އަރުވައިލައިގެން އަދި އެވެސް ދުނިޔެއަށް ސިއްރުން ކުރުމަކީ އަދި ބުއްދިވެރިގޮތެއް ނޫން!!" ޝިމާންއަށް ޝައިނާ ކައިވެނި ކުރަންއުޅޭކަމުގެ ހަބަރު ލިބުމާއެކު ޝޮކަކަށްދިޔައެވެ.

"ޝިމާން ބުނީމެއްނު. ބޭބެ ސިސްއަށް ގޯސްކޮށް ޓްރީޓް ކުރާނެހެނެއް ހިއެއްނުވެޔޭ" ޝައިނާ ބުންޏެވެ.

"އެއީ މި އެލީޝާއެއްގެ މާ ކުރިންނެއްނު؟ މިހާރު އަހަރެންނަކަށް އެކަހަލަ އިތުބާރެއް ނުކުރެވޭ" ޝިމާން ހަގީގަތް ހާމަކުރިއެވެ.

"އެކަމަކު އަހަރެންގެ ފުރިހަމަ އިތުބާރު ރާހިލްއަށް އެބަ އޮތް. ޝިމާންއަކީ އަހަރެންގެ ހަމައެކަނި އާއިލާއަށްވީތީ އަހަރެންނަށް ޝިމާންގެ ރުހުން ވަރަށް މުހިއްމު. އެކަމަކު އެ ރުހުމާނުލާވެސް އަހަރެން މި ކައިވެނި ކުރަން ބޭނުން" ޝައިނާގެ އަޑުގައިވަނީ ސާބިތުކަމެވެ.

"އެހެންވިއްޔާ އަހަރެންނާ ތިވަރުގެ މޮޔަކަމެއްގެ ވާހަކަ ދެއްކީ ކީއްކުރަން؟ އަހަރެންގެ ރުުހުން މާ މުހިއްމެއް ނޫނެއްނު؟" ޝިމާން ހިތްހަމަނުޖެހިފައިހުރެ ގޮނޑިން ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

"ޝިމާ—" ޝައިނާގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން ޝިމާންގޮސް ކޮޓަރިއަށް ވަދެ ބާރަށް ދޮރުޖެހިއެވެ. އެ އަޑު މުޅި އެޕަރޓްމެންޓްގެ ތެރެއަށް ގުގުމައިލިއެވެ.

**************

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެވެ. ޒީވާ އުޅޭ ހޮސްޕިޓަލުގެ ކުރިމައްޗަށް ރިއާންގެ ކާރު ހުއްޓައިލިއިރު ރިއާންގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމާއި ނިދި ގެއްލިފައިވާ ކަމުގެ އަސަރުތަކެވެ. ޒީވާއަށް ދިމާވި ހާދިސާގެ ސީ.ސީ.ޓީ.ވީ. ފުޓެޖް ފެނުނީއްސުރެން އޭނާގެ ހާލަކީ އެއީއެވެ. ޒީވާ ދަންވަރު ޑިއުޓީއަށްދާ ރޭރޭގެ ނިދިން އޭނާ ވަނީ މަހްރޫމްވެފައެވެ. ޒީވާ ޑިއުޓީއަށް ހުންނަ ވަގުތުގައިވެސް ކޮންމެވެސް ބަހަނާއެއްގައި އަބަދު ޒީވާއަށް މެސެޖްކުރެވެއެވެ. ކޮންމެހެންވެސް ޒީވާ ނިމޭ ގަޑިއަށް ބަލާ އާދެވޭތޯ ނުވަތަ ޑްރައިވަރު ފޮނުވޭތޯ މަސައްކަތްކުރެއެވެ. ކިތަންމެ ފަހަރަކު ޒީވާގާތު ވަޒީފާއަށް ނުނިކުތުމަށް ބުނަން ހިތުލި ނަމަވެސް ޒީވާ އޭނާއާމެދު ގޯސް ގޮތަކަށް ދެކިފާނެކަމަށް އެ ހިޔާލު ދޫކޮށްލަނީއެވެ. ހާލަތު ކޮންމެ ގޮތަކަށް އޮތަސް ޒީވާގެ މިނިވަންކަމަށް އެޅޭ ހުރަހަކަށްވާކަށް އޭނާ ބޭނުމެއްނުވެއެވެ.

ރިއާންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ހިލަމެއް ނުވާހާލު ޒީވާއަށް ރިއާންގެ ފަރާތުން ލިބެމުންދިޔަ އަޅާލުން ގުޅުވެންފެށީ އެދެމީހުންގެ ދެމެދުގައި އުފެދެމުން އައި ރަހްމަތްތެރިކަމާއެވެ. އެ ގާތްކަމާއި އަޅާލުމުގެ އަސްލަކީ ރިއާންގެ ހިތުގައި އޭނާގެ މައްޗަށް އުފެދެމުންދާ އިހުސާސްތަކެއްކަމުގައި ގަބޫލުކުރަން ހުދު ޒީވާވެސް ބޭނުންވެއެވެ. ނަމަވެސް ދެމީހުން އެކުގައި ހޭދަވާ ވަގުތު ރިއާންގެ ފަރާތުން ފެންނަ ދުރުކަމާއި ބީރައްޓެހިކަން އެ އުއްމީދުތައް ފުނޑުކޮށްލައެވެ.

ރިއާން އާފުރިލަމުން ގަޑިއަށް ބަލައިލިއެވެ. މިވަގުތު ޒީވާ ނުކުމެއްޖެނަމަ ގެއަށްގޮސް ހުކުރަށް ދިޔުމުގެ ކުރިން އޭނާއަށް ދެގަޑިއެއްހާއިރު ނިދާލެވޭނެހާ ވަގުތު އޮންނާނެއެވެ. ނަމަވެސް ޒީވާގެ އިންތިޒާރުގައި ރިއާން އިންނަތާ ވިއްސަކަށް މިނަޓު ފާއިތުވި އިރުވެސް ޒީވާގެ ހިލަމެއް ނުވިއެވެ. ދެފަހަރެއްގެ މަތިން ޒީވާގެ ފޯނަށް ގުޅަންކުރި މަސައްކަތް ބޭކާރުވެއްޖެއެވެ. އިސާހިތަކު ހާސްކަމާއި ބިރުވެރިކަމުގެ އޮއެވަރެއް ރިއާންގެ ހިތުތެރޭގައި ދަތުރުކުރިއެވެ. ކާރުން ފައިބައިގެން ހޮސްޕިޓަލާއި ހިސާބަށް ދެވުނުއިރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ނަމަވެސް ޒީވާ މަސައްކަތްކުރާ ފަންގިފިލާއަށް އެރުމަށްފަހު އެތަނުގައިއިން ނަރުސްކުއްޖާއާ ވާހަކަ ދެއްކުމުގެ ކުރިން މީހާ ހަމައަކަށް އެޅިލިއެވެ.

"ހައި..އަމްމް. އައިޝް ދޯ؟؟ ޒީވް—"

"ޔެސް އެމަރޖެންސީ ކޭސްއެއް ޑިސްކަސްކޮށްލަން ވެގެން ޑޮކްޓަރ ކައިރީގަ ވީ.. ވައަތްފަރާތުން ތިންވަނަ ކޮޓަރި" އައިޝާ ހިނިތުންވުމަކާއެކު ރިއާންއަށް މައުލޫމާތު ދިނެވެ. ބަދަލުގައި ރިއާންވެސް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އައިޝާދިން އިރުޝާދާ އެއްގޮތަށް ކުރިއަށް ދިޔައެވެ. މާބޮޑު ވިސްނުމަކާނުލައި ދޮރު ހުޅުވައިލި ވަގުތު ފެނުނު މަންޒަރުން އޭނާގެ ބުމަ ގޮށްޖެހުނެވެ. މީގެ އިރުކޮޅެއްކުރިން ހިތުގައި ރަސްކަންކުރަމުންދިޔަ ބިރުވެރިކަމުގެ އިހުސާސް ފިލައިގެންގޮސް ބުނެދޭން ނޭނގޭފަދަ އެހެން އިހުސާސެއް އުފެދުނެވެ. މޭޒުގެ ދެފަރާތުގައިތިބި އައިދަންއާއި ޒީވާގެ ދެމެދުގައި ތަނަވަސް ޖާގައެއް އޮތް ނަމަވެސް މޭޒުމަތީގައި ނުފުށުން ބާއްވައިލެވިފައިވާ އައިދަންގެ އަތުގެ ކުޑަހުޅާއި ދިމާލުގައި ޒީވާގެ ކަންފަތަށް ހެޔޮވަރުކުރެވިފައިވާ ޑޮކްޓަރުންގެ ކަށިގަނޑު ޖައްސައިލައިގެން އިން މަންޒަރަކީ ރިއާންއަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވިއެވެ.

ރިއާން ފެނުމާއެކު ދޮރަށް ފަސްދީގެން އިން ޒީވާއަށް އައިދަން އިޝާރާތެއް ކޮށްލިއެވެ. ޒީވާ ގޮނޑިން ތެދުވެ ރިއާންއަށް ހިނިތުންވެލިއެވެ. އަދި ކަށިގަނޑު ބޭއްވުމަަށްފަހު ދަބަސް ހިފައިގެން ރިއާންއާއެކު ހިނގައިގަތެވެ. ނަމަވެސް ފެނުނު މަންޒަރުގެ ސަބަބުން ހިތްހަމަ ނުޖެހިފައިހުރި ރިއާން ޒީވާއަށް ފަސްދީ ހިނގައިގަތުމަށްޓަކައި ފިޔަވަޅުތައް އަވަސްކޮށްލިއެވެ.

"ރިއާން..ރިއާން.. މަޑުކޮށްބަލަ. ހާދަ ބާރަކަށޭ ތި ހިނގަނީ" ރިއާން މަޑުކުރީ ލިފްޓާއި ހިސާބުގައެވެ.

"ފޯނު ކޮބާ؟" ރިއާންގެ ސުވާލާއެކު ޒީވާ ދަބަހުގައި އޮތް ފޯނު ނަގައި ސްކްރީން އޮންކޮށްލިއެވެ.

"ސައިލެންޓަށް ލެވިފަ އޮތީ.. މިހާ ހެނދުނު ވީމަ އަހަރެން ހީކުރީ ޑްރައިވަރ ކަމަށް އަންނާނީ.. ރިއާން އަންނާނެކަން އެނގުނު ނަމަ—"

"ޒީވާ ވަކި މީހަކާއެކު ޕްރައިވަސީ ބޭނުންވާއިރު އަހަރެން ކައިރި ނާންނާށޭ ބުނެލިނަމަ" ރިއާން މަސައްކަތްކުރީ އޭނާގެ އަޑުގައިވާ ހިތްހަމަނުޖެހުން ފޮރުވުމަށެވެ. ހިނދުކޮޅަކަށްވިޔަސް ކައިވެންޏަށްފަހު އޭނާއާ ޒީވާގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ މަތިން ހަނދާންނެތުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނާ އެއްބަސްވީ ކައިވެނީގެ ސަބަބުން ޒީވާގެ ހަޔާތެއްް ވަކި ބަދަލެއް ނާންނާނެކަމުގައެވެ. ޒީވާ ބޭނުން ކޮންމެ ކަމަކަށް ޒީވާގެ މިނިވަންކަން އޮންނާނެ ކަމަށާއި ޒީވާ ބޭނުން ކޮންމެހިނދެއްގައި މިނިވަންކޮށްދޭނެ ކަމުގައެވެ. އޭނާ އެދުނުހާވެސް ކަމަކީ ދުނިޔޭގެ ކުރިމަތީގައި ޒީވާ އޭނާގެ އަގު ހިފެހެއްޓުމަށެވެ. އެކަމަށް ފުށޫއަރާފަދަ ގޮތަކަށް އާންމު ތަނެއްގައި ޒީވާ އެއްވެސް ގޮތަކަށް ނޫޅޭކަން އޭނާއަށް އެނގެއެވެ. ޒީވާއެކޭ އެއްފަަދައިން އޭނާއަށްވެސް އޭނާ ބޭނުން ކޮންމެ ކަމަކަށް މިނިވަންކަން އެބައޮތެވެ. ދެން އޭނާ އޭހާ ހާސްވާންވީ ކީއްވެހެއްޔެވެ؟ ޒީވާގެ އުޅުމާމެދު ހިތްހަމަ ނުޖެހެންވީ ކީއްވެހެއްޔެވެ؟ ފަހަރެއްގައި އެއީ އައިދަންއަށް ވީތީ ކަމުގައީވެސް ވެދާނެއެވެ. އައިދަންއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ މާ ގަޔާވާ މީހަކަށް ނުވެއެވެ.

"ރިއާން." ލިފްޓުން ފޭބުމާއެކު ރިއާން އަނެއްކާވެސް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ޒީވާ ދުވެލައިފައި އައިސް ރިއާންއާ އެއްހަމަ ކުރިއެވެ. "ރިއާން މަޑުކޮށްބަލަ" ރިއާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓަމުން ޒީވާ އެދުނެވެ.

"ރިއާންއަށް އަދި ކުރެވިގެން ތި އުޅެނީ ކުށްހީއެއް.. އަހަރެން ވަކި މީހަކާއެކު ޕްރައިވަސީއެއް ބޭނުމެއްނޫނޭ" ޒީވާ ބުންޏެވެ.

"އެހެންވެތަ އެމަރޖެންސީ ކޭސް ޑިސްކަޝަނެއްގެ ނަމުގަ ގޮސް އައިދަންގެ އަތުންނާ ހިތުންނާ ވިންދު ބަލަން އިނީ؟ ތި ހުރިހާ ސަކަރާތެއް ނުޖެހިޔަސް އަހަރެން ޒީވާ މިނިވަންކޮށްދީފާނަމޭ" ރިއާން ހިތްހަމަނުޖެހިފައި އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. އޭނާ ޒީވާއަށް ފިލަން ބޭނުންވާ ކަހަލައެވެ. ނަމަވެސް އޭނާ ފިލަން މަސައްކަތްކުރަނީ ފެނުނު ހަގީގަތުންކަމެއް ނުވަތަ ހިތުގައި އުފަންވި ބީރައްޓެހި އިހުސާސުންކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭރު އެމީހުނަށް ތިބެވުނީ ކާރު ބާއްވައިފައި އޮތް ހިސާބާ ފުދޭވަރަކަށް ކައިރީގައެވެ.

"ރިއާން. ރިއާންއަށް އެނގެއެއްނު އަހަރެން އަބަދުވެސް ސިއްހީ ދާއިރާއިން ކިޔަވަން ޝައުގު ހުންނަވަރު.. އައިދަން އަހަރެންނަށް ބައެއް އެއްޗެހި ކިޔާދޭ.. ކޭސް ޑިސްކަސްކޮށް ނިންމާފަ އެހެންވެ އެކި ކަހަލަ ވިންދު ދެނެގަންނާނެ ގޮތް ކިޔާދިނީ.. އެކްސްޕެރިމެންޓެއް ކޮށްލީ.. އައިދަންއާއި އަހަރެންނާ ދެމެދަކު އެއްވެ—"

ޒީވާގެ ވާހަކަ މެދުކެނޑުނީ ރިއާން ޒީވާގެ މުލައްދަނޑީގައި ހިފައި ގެނައި ކުއްލި ހަރަކާތާއެކު ޒީވާގެ ބުރަކަށި ކާރުގައި ޖައްސައިލުމުންނެވެ. ޒީވާ ސިހިފައި ދެލޯ ބޮޑުކޮށްލަމުން ރިއާންއާ ދިމާލަށް ބަލައިލިއެވެ. އެ ކުއްލި ހަރަކާތުގެ ސަބަބުން އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ހިނގައިދިޔަ ކަންތަކާމެދު ރަނގަޅަށް ވިސްނައިނުލެވެންދެން ރިއާން އެއްއަތުން ޒީވާގެ ކޮނޑުގައި ހިފައި އިތުރަށް ކާރަށް ތަތްކޮށްލިއެވެ. އަދި އަނެއްއަތުން ޒީވާގެ އަތްތިލައިގައި ހިފައިލުމަށްފަހު އެ އަތްތިލަ ގެނެސް ރިއާންގެ މޭގައި ޖައްސައިލިއެވެ. ރިއާންގެ ހިތުގެ ވިންދު އިހުސާސްވާން ފެށުމާއެކު ޒީވާއަށް ހިންދިރުވައިލެވުނެވެ. ރިއާން ބުނެދޭން އެ މަސައްކަތްކުރަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މީގެ އިރުކޮޅެއްކުރިން އޭނާއަށް އަޑުއިވުނު އައިދަންގެ ވިންދާއި މުޅިން ތަފާތު އަވަސްކަމެއް ރިއާންގެ ހިތުވިންދުން އިހުސާސްވަނީ ކީއްވެހެއްޔެވެ؟ އަނެއްކާ ރިއާންގެ ސިއްހީ މައްސަލައެއް ހުންނަނީބާއެވެ؟

"ނެކްސްޓް ޓައިމް ޔޫ ވޯންޓް ޓު ޓްރައި ސަމްތިންގް އޯރ ލާރން ސަމްތިންގް.. ޔޫޒް މީ.. އެކްސްޕެރިމެންޓް ވަޓެވަރ ޔޫ ވޯންޓް އޮން މީ.. ފަހަރެއްގާ އަހަރެންނަށް އެކަމުން ގޯސް މާނައެއް ނުނަގާ ހުރެވިދާނެ.. އެކަމަކު އެހެން މީހަކަށް ޒީވާގެ ހަރަކާތްތަކުން ގޯސް މާނައެއްނެގި ޒީވާއާއެކު ފުރުސަތެއް އޮތްހެން ހީވާނަމަ އެކަމުގެ އުނދަގޫ ފޯރާނީ ހަމަ ޒީވާއަށް. ޒީވާ އެމީހަކާއެކު އުޅެން ބޭނުން ނުވާހާ ހިނދަކު އެއީ ޒީވާވެސް ބޭނުންވާނެ ގޮތެއްހެން ހިއެއްނުވޭ. މިއީ އަހަރެން ޒީވާއަށް ރަނގަޅަކަށް ބުނާ ވާހަކައެއް ކަމުގައި ބަލާ!" ރިއާން ޒީވާގެ އަތް ތިރިކޮށްލުމަށްފަހު ޒީވާ އެރުމަށްޓަކައި ކާރުގެ ދޮރުފަތް ހުޅުވައިލައިދިނެވެ.

އެވީ ކިހިނެއްހެއްޔެވެ؟ ކާރަށް އެރިއިރުވެސް ޒީވާއަށްވަނީ ރިއާންގެ ހަރަކާތްތަކުން ސިހުމެއް ލިބިފައެވެ. އެއަށްވުރެންބޮޑަށް ރިއާން ދެއްކި ވާހަކަތަކުން ސިހުމެއް ލިބިފައެވެ. ދޮރުފަތް ލައްޕައިލުމަށްފަހު ރިއާން އައިސް ޑްރައިވަރު ސީޓަށް އަރައި ދުއްވައިލިއިރުވެސް ޒީވާ އިނީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ރިއާންވެސް އޭނާގެ އާންމު ބަސްމަދު މިޒާޖަށް ރުޖޫއަވެއްޖެ ކަހަލައެވެ. އެހެން ކޮންމެ ދުވަހެކޭވޭސް އެއްފަދައިން ގެއާއި ހިސާބަށް ދެވުނު އިރުވެސް އެދެމެދުގައިވަނީ ހިމޭންކަމެވެ.

************

"އަހަރެންނަކަށް އަދިވެސް ހިއެއްނުވޭ ސިސް ތި ނިންމީ ރަނގަޅު ނިންމުމެއް ހެނެއް.. ގަބޫލުކުރަން ދޮންބެވެސް ސިސް ދެކެ ލޯބިވާކަން އެކަމަކު މިވަރު ބޮޑުކަމެއް އެންމެނަށް ސިއްރުން—"

"އިޝްކޯ.. ދެން ތިހާވަރަށް ނުވިސްނަބަ. މިއީ އަހަރެންނާއި ރާހިލްގެ ދިރިއުޅުމެއްނު.. ބަޔަކަށް މިކަން އެނގުނަސް ނޭނގުނަސް ވާނެ ފައިދާއަކީ ކޮބާ؟ އަހަރެމެން ދެމީހުންވެސް މިހާރު ބޭނުންވަނީ މެރީކުރަން. އިޝްކޮ އުފަލެއް ނުވޭތަ އަހަރެން ފަހަރިއަކަށް ވާން އުޅޭތީވެސް؟" ޝައިނާ ދެރަވާކަމަށް އެކްޓު ޖައްސައިލިއެވެ.

"އުފާވެޔޭ ސިސް. ވަރަށް އުފާވޭ.. އެކަމަކު އެލީޝާއާ ކައިވެނިކުރަންވެސް ނިންމާފަ އޮތް އިރު.. ދޮންބެ ސިސްއާ ދޭތެރޭ ފަރުވާކުޑަކޮށްފިއްޔާ އޯ.. ސިސްއަށް ދޮންބެގެ ފަރާތުން ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން.." އިޝްވާ ބުންޏެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"އިޝީ.. އަހަރެން ރާހިލްއާއެކުވިއްޔާ ކޮންމެ ހާލެއްގަވިޔަސް ހުންނާނީ އުފަލުގަ. ދެން ތިވާހަކަ ނުދައްކާ. ބަލާބަ. މި ކުލަ ރީތި ދޯ" ޝައިނާ ފިހާރައިގެ ތެރެއިން ފެނުނު ފޮތިފޭލި ދައްކައިލަމުން ބުންޏެވެ. އެދެމީހުން ތިބީ ޝައިނާގެ ކައިވެނީގެ ހެދުން ފެހުމަށް ބޭނުންވާ ފޮތި ގަތުމަށް ފިހާރައިގައެވެ. ޝައިނާ ދެއްކި ގަދަ ފެހުކުލައިގެ މަހުމާ ފޮތިގަނޑަށް ބަލއިލަމުން އިޝްވާވެސް ބޯ ޖަހައިލިއެވެ.

"މާނު މިހާރު އޯކޭވެއްޖެތަ؟" އިޝްވާ އަހައިލިއެވެ. ރާހިލްއާ ޝައިނާގެ ކައިވެނިން ނުކުންނަ ނަތީޖާ ގޯސް ވެދާނޭ އޭނާގެ ހަވަނަ ހިއްސު ބުނަމުން ގެންދިޔަ ނަމަވެސް އެ ކައިވެނީގެ ކަންތައްތަކުގައި އޭނާ ނުހަނު އެއްބާރުލުން ދޭން ބޭނުންވެއެވެ.

"ހޫމް. ފުރަތަމަ ވަރަށް ދެކޮޅުހެދި. ބުނި މިހާ ބޮޑު ކަމެއް ސިއްރުން ކުރުން ރަނގަޅެއްނުވާނޭ.. އެކަމަކު ކުރީރޭ ރަންކިޔަން ފޮނުވީމަ އެހިސާބުން އޯކޭ ވެެއްޖެ. އެނގުނީ ކަންނޭނގެ އަހަރެންގެ ނިންމުން ބަދަލެއް ނުވާނެކަން. " ޝައިނާ ބުންޏެވެ.

"ސިސް. އަހަރެންވެސް މާނުއާ އެއްބަސް.. މިވަރު ބޮޑުކަމެއް… އެޓްލީސްޓް ދޮންތިއަށް އަންގާލަންވީނު" އިޝްވާ ބުންޏެވެ.

"އިޝްކޮއަށް ހީވަނީތަ ޒީ އަށް އެނގުނިއްޔާ މަޑުން ހުންނާނޭ؟ މިކަން ސިއްރު ކުރާނެ ފުރުސަތު ދޭނެޔޭ؟ ޒީ ހީކުރާނީ ރާހިލް އަހަރެންނަށް ދެރައެއް ނޫނީ ދޯކާއެއް ދޭން އުޅޭކަމަށް" ޝައިނާ މެޝިނުގައި ކާޑު ޖައްސައިލުމަށްފަހު ފައިސާ ދައްކަމުން ބުންޏެވެ.

"ދެން އެހެންވިއްޔާއޯ؟ ދޮންބެ ސިސްއަށް ދެރައެއް ނޫނީ ދޯކާއެއް ދިނިއްޔާއޯ؟" އިޝްވާ ތަކުރާރު ކުރިއެވެ.

"އިޝްކޮ ޕްލީޒް. އަހަރެންގެ ހަޔާތުގަ މިހާތަނަށް ލިބުނު އެންމެބޮޑު އުފަލަކީ ރާހިލް.. ރާހިލް އަހަރެން އުފަލުގަ ގެންގުޅޭނެޔޭ.. އަހަރެން ރާހިލްއަށް އިތުބާރު ކުރަން." އިޝްވާގެ ކަންބޮޑުވެފައިވާ މޫނަށް ބަލައިލަމުން ޝައިނާ ޔަގީންކަން ދިނެވެ. ނަމަވެސް އިޝްވާއާއެކު އެގެއާ ހިސާބަށް ދިޔައިރުވެސް އޭނާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާއާ އެލީޝާއާދެމެދު ދެކެވުނު ވާހަކަތައް އެނގިއްޖެނަމަ އިޝްވާގެ އިތުރުން ޝިމާންގެ ކަންބޮޑުވުންވެސް ފިލައިގެން ދާނެއެވެ. ރާހިލްއާ އެލީޝާގެ ކުރެވެންއުޅޭ ކައިވެންޏަކީ އަސްލެއް ނެތް ކައިވެންޏެއްކަން އެނގުމުން އެމީހުންވެސް ހިތްހަމަ ޖެހޭނެއެވެ. އެވާހަކަތައް އިޝްވާއާ ހިއްސާކުރަން ބޭނުންވި ކަމުގައި ވިޔަސް އެއީ އޭނާ ކުރުން އެންމެ ރަނގަޅުކަންތައް ނޫންކަމުގައި ޝައިނާއަށް ވިސްނުނެވެ.

"ސިސް ނުވަންނާނަންތަ؟ ނޫނީ އަހަރެން ބުނެފާނަން ދޮންބެ ކައިރި ސިސް ގެއަށް ގެންގޮސްދޭން ފައިބާށޭ" އިޝްވާ ދޮރާށިގެ އަތްގަނޑުގައި ހިފަހައްޓައިލަމުން ބުންޏެވެ.

"ނޫނޭ. ހިނގާލާފަ ދާނީ. .ޓޭކް ކެއަރ އިޝްކޯ" ޝައިނާ ދިޔަތަން ބަލަން ހުރުމަށްފަހު އިޝްވާ ދޮރުން އެތެރެއަށް ދެމިގަތެވެ. އެޕަރޓްމެންޓް ހުންނަ ފަންގިފިލާއަށް ލިފްޓު ހުއްޓާލުމާއެކު ލިފްޓަށް އަރަން އައި ރާހިލް އޭނާއަށް ފެނުނެވެ.

"ތި އައީތަ މިހާ އަވަހަށް؟ ކޮބާ އަހަރެންގެ ވައިފް؟" ރާހިލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އަހައިލިއެވެ.

"އަދި ނުވޭނު ވައިފް އަކަށް. ދެމީހުން ކުރެ އެކެއްވެސް" އިޝްވާ ފޫހިގޮތަކަށް މޫނު ހަދައިލުމަށްފަހު އެތަނުން ދާން އުޅުމުން ރާހިލް ހިފެހެއްޓިއެވެ.

"އިޝްކޮ ދެން ތީ ކޮންކަމެއް އަދިވެސް ހިތްހަމަ ނުޖެހިފަތަ؟" ރާހިލް އަހައިލިއެވެ.

"ސިސްގެ ފެމެލީއެއް ނެތީމަ.. ބައްޕައެއް ނެތީމަ.. މީހަކަށް ނާންގާ ކޯޓުން ވަލީއާ ހުރިހާ ކަމެއް ނިންމާލެވޭނެތީ ދޯ ދޮންބެ ތި ފާޑަށް ސިސް ހައްލާލައިގެން އީޒީ ޓާގެޓަކަށް ހަދައިގެން ތި އުޅެނީ.. ބުނަން… ދޮންބެގެ ފަރާތުން ސިސްއަށް ކުޑަވެސް ދެރައެއް ލިބިއްޖެއްޔާ–"

"އެނގެޔޭ އެނގެޔޭ.. އިޝްކޮވެސް ދޮންތިވެސް ދުވަހަކުވެސް ދޮންބެއަށް މާފު ނުކުރާނެކަން. އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެ. އަހަރެންނަށް އިތުބާރު ކުރޭ. ޕްލީޒް.. އަހަރެން އިޝްކޮ ކައިރި ބުނީ އެންމެ ކަމަކު.. އެހާ ބޮޑު ދުވަހެއްގަ ޝައިނާ ގާތު ޒީވާވެސް ނުހުންނާނެ. އިޝްކޮ ޝައިނާގާތު ހުރެދެއްޗޭ. އޭޒް އަ ގަރލް."

"ނުބުންޏަސް އަހަރެން ސިސްއާ އެކު ހުންނާނަން" އިޝްވާގެ ޖަވާބާއެކު ރާހިލް ހިނިތުންވެލިއެވެ.

"ބައެއްފަހަރު ހީވޭ ދޮންބެއަށްވުރެވެސް ބޮޑަށް އިޝްކޮ ލޯބިވަނީ ސިސް ދެކެއޭ" ރާހިލް ދެރަވާކަމަށް ހެދުނެވެ. ނަމަވެސް ޝައިނާއާމެދު އިޝްވާ ބަހައްޓާ ގާތްކަމާމެދު އޭނާ ހިތާހިތުން އުފާކުރެއެވެ.

"ހޫމް.. ދެދުވަސްފަހުން ސިސް ވާނީ އަހަރެންގެ ފަހަރި އަކަށްނު" އިޝްވާ ރައްދުގައި ބުންޏެވެ.

"މާ ކުރިންވެސް ތިކަން އޮތީ ތިހެނެއްނު. އަހަރެން ޝައިނާ އާ ދިމާ ނުވިނަމަވެސް ވީހީ ފަހަރިއަކަށްނު؟ އަހަރެންނާ ޝައިނާ މީ އިޝްކޮއާ ޝިމާންއަށްވުރެވެސް ފަހުގެ ކަމެއްނު…." ރާހިލް ދިމާކޮށްލިއެވެ.

"ދެންންންން" އިޝްވާ އަތުގައި އޮތް ދަބަހުން ރާހިލްގެ އަތުގައި ބޮނޑިއެއް އަޅުވައިލިއެވެ. ރާހިލް ހެމުންހެމުން ގޮސް ލިފްޓަށް އެރުމާއެކު އިޝްވާވެސް ގޭތެރެއަށް ވަނެވެ.

 

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހުނ… ރިއާންއަށް ކޮންވަރެއްތަ މިވަނީ. ޖެލަސް ވާނެކަމެއް ނެތޭ ކޮންމެހެން… ރާހިލްވެސް ޝައިނާއާ އިނދެފަ ރިއާންއަކަށް ނޫން ވާނީކީ އަނެއްކާ.. ވަރަށް ރީތި މިބައިވެސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު