ރިއާން ނުކުތުމާއެކު ޒީވާގެ ގިސްލުމުގެ އަޑު ބާރުވަމުންގޮސް ބަޑި ފަޅައިގެންދިޔައެވެ. ވޭނީ ރުއިމެއްގެ އަޑު ކޮޓަރީގެ ހަތަރު ފާރު ތެރޭ ހިއްޕައިލައިފިއެވެ. ހިތްވަރުކޮށްފައި ތެދުވެ އެނދުގައި އިށީނދެލި ނަމަވެސް އެނދުން ފައިބާނެހާ ހިތްވަރެއް ޒީވާއަކަށް ނުލިބުނެވެ. ރުޅި އައިސްފައިހުރެ ރޮމުން ރޮމުން އެނދުމަތީގައިވާ ރަޖަލާއި ބާލީސްތައް އެތަން މިތަނަށް ހޫރައިލުމަށްފަހު ހެޑް ބޯޑުގައި ލެގިލިއެވެ. އަދި ރިއާންގެ ހަމަލާއެރި ހިސާބުން މޫނުގައި ހިފަހައްޓައިލި ވަގުތު އަނެއްކާވެސް އޭނާގެ ރުއިމުގެ އަޑު ފަނޑުވަމުންގޮސް މަޑު ގިސްލުމަކަށް ބަދަލުވިއެވެ.
************
ހިމޭން ރެސްޓޯރަންޓްގެ މޫދާދިމާ އައްސޭރި ފަށުގައިހުރި މޭޒެެއްގައި އިށީނދެ އިން ރިއާންގެ ސިކުނޑި ހިޔާލުތަކުން ފުރެމުންދިޔައެވެ. އެހެން އިންނައިރު އެއްފަހަރު ނިއްކުރީގައި އަތުގެ ބޮޑުވައި އިނގިލިން ޖަހައިލައިފިނަމަ އަނެއްފަހަރު ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމައިގެންފާނެއެވެ. ގޮތްހުސްވެފައިވާ ދިރުމެއްނެތް މީހަކު ފަދައިން ދުރުދުރަށް ފެންނަން އޮތް މޫދާއި ފަޅަށް ނަޒަރު ހުއްޓާލައިގެން އިން އިރު އޭނާގެ ކުރީމަތީގައިހުރި ކޮފީތަށިވެސް ހުރީ ގެނައި ގޮތަށެވެ. އޭގައި މިހާރު އެއްވެސް ހޫނުކަމުގެ އަސަރެއް ނެތެވެ.
"ސަރ.. އިތުރު އެއްޗެއް ބޭނުންތޯ؟" އެ ދަން ވަގުތު އެތަނުގައި އުޅުނު ހަމައެކަނި މުވައްޒަފު އައިސް ރިއާންއަށް ފެންތައްޓެއް އަޅައިދެމުން ބުންޏެވެ. އޭނާއަކީ އެތަނުގައި ޑިއުޓީ އަދާކުރާ ސުޕަވައިޒަރެކެވެ. ރިއާން އެމީހާ ގެނެސްދިން ފެންތަށީގައި އަތް ޖަހައިލަމުން ނޫނެކޭ ބުންޏެވެ. ނަމަވެސް އެ ފެންތަށި ތުނބާއި ހަމައަށް ގެނައުމުގެ ކުރިން ހިޔާލު ބަދަލުވެ އަނެއްކާވެސް އެ ތަށި ބަހައްޓައިފިއެވެ. އެތަނުގައި އުޅުނު މުވައްޒަފު މޭޒުމަތީގައިހުރި ކޮފީތަށި ގެންދިޔައެވެ. އޭގެ ދެތިން މިނެޓުފަހުން އަނެއްކާވެސް ހޫނު އާވި އަރައަރައި ހުރި ކޮފީތައްޓެއް ގެނެސް ބަހައްޓައިފިއެވެ. އެގޮތުގެ މަތިން ހައެއްކަ ކޮފީތަށި ގެނެސްފައި ގެންދިޔަ އިރުވެސް ރިއާންގެ އަރުތެރެއިން އެއްޗެއް އެތެރެކުރާކަށް ނޫޅުނެވެ. އިރުކޮޅެއްފަހުން އަނެއްކާވެސް އެތަނުގައި އެ ސުޕަވައިޒަރ އައިސް ރިއާން ގާތަށް ހުއްޓުނެވެ.
"ސަރ.. ޔަގީންތޯ އިތުރު އެއްވެސް އެއްޗެއް ބޭނުން ނޫންކަން؟ ސަމްތިންގް ސްޓްރޯންގް؟" މިފަހަރުވެސް އޭނާ ކުރި ސުވާލަށް ރިއާންގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. އެހެނަސް އެ ހިމޭންކަމުގެ މާނަ އެނާއަށް ނެގުނީ މުޅިން ގޯސްކޮށެވެ. ވާނީވެސް އެހެންތާއެވެ. ރިއާންއަށް ބަލައިލައިފި މީހަކަށް ހީވާނީ އޭނާ ބުނެދޭން ނޭނގޭ އުނދަގުލެއް ތަހައްމަލް ކުރަމުންދާހެނެވެ.
މާގިނައިރެއްނުވެ އެތަނުގައި އުޅުނު މީހާ އަނެއްކާވެސް ތަބަކެއް ހިފައިގެން އަތުވެއްޖެއެވެ. އޭގެ މަތީގައިހުރި ގަނޑުފެން އަޅައިފައިވާ ބިއްލޫރި ތައްޓެއް މޭޒުމަތީގައި ބެހެއްޓުމަށްފަހު ބިއްލޫރި ފުޅިއެއްގައިހުރި އެއްޗެއް ތަށީގެ މެދަކާހިސާބަށް އަޅައިލިއެވެ. އަދި އެ ފުޅިވެސް މޭޒުމަތީގައި ބަހައްޓައިލިއެވެ. ރިއާންއަށް ޖެހިލުންވެފައި އެތައްޓަށް ބަލައިލެވުނެވެ. އެ މުވައްޒަފު ކަންތައް ކުރިގޮތާމެދު ހިތްހަމަ ނުޖެހުން ކަމުގައިވިޔަސް އެގޮތަށް އެ ކަންކުރި ސަބަބު އޭނާއަށް ސާފުވިއެވެ. ޤަބޫލު ކުރަން ޖެހޭ ހިތި ހަގީގަތަކީ އިސްލާމުންގެ ނަމުގައިތިބި ނަމަވެސް އެފަދަ ބީރައްޓެހި މާހައުލަކަށް އާދެވުމުން ގިނަފަހަރަށް އެތަންތަނަށް އައިސްއުޅޭ ދިވެހިން ވަކިން ހާއްސަކޮށް ވިޔަފާރިވެރިން ރަލާއި މަސްތުގެ ދަޅަތަކަށް ހެއްލޭކަމެވެ. އޭނާއަކީ އެތަނުގެ ވެރިޔާކަން އެނގޭނެތީއާއެކު އެ މުވައްޒަފަށްވެސް އެފަދަ ގޮތަކަށް ހީވުމަކީ ގޯހެއްކަމުގައި އޭނާއެެއް ނުދެކެއެވެ.
ރިއާންގެ އަތް މަޑުމަޑުން އެ ތައްޓާއި ދިމާލަށް ހަރަކާތްކުރަން ފެށިއެވެ. ނަމަވެސް އެ ތައްޓާއި ހަމައަށް އަތް ވާސިލްވަމުންދިޔަ ވަރަކަށް އެ އަތުގައި ތުރުތުރުލުމެއް އުފެދެމުންދިޔައެވެ. ކުއްލިއަކަށްގެނައި ހަރަކާތާއެކު ފަޅިސުކުންތުކޮޅެއްގެ ތެރޭގައި އޭނާ އެ ތަށި އަތުގެ ކޮޅަށް ހޫރައިލަމުން ގޮނޑިން ތެދުވިއެވެ. އަދި އެތަނުގައިހުރި ފުޅިވެސް ނަގައި ތަނބަކާއި ދިމާލަށް ހޫރައިލިއެވެ. އޭނާގާތު ހުރި މުވައްޒަފަށް ސިހިފައި ބިންމަތީގައިވާ ތައްޓާއި ފުޅީގެ ފުޅިތޮށިތަކަށް ބަލައިލެވުނެވެ. އޭރު ރިއާންގެ ރުޅިވެރި ނަޒަރު އޭނާއާ އަމާޒުވާން ހުއްޓެވެ.
"ނެވަރ!! ނެވަރ ރިޕީޓް ދިސް އިންފްރަންޓް އޮފް މީ!! ޑޫ ޔޫ އަންޑަރސްޓޭންޑް" ރިއާން ހަޅޭއްލަވައިގަތުމަށްފަހު އަވަސް ފިޔަވަޅުތަކެެއްގައިގޮސް ރެސްޓޯރަންޓުން ނުކުތެވެ. މާޒީގައި އޭނާއަށް ގޯސް އެތައް ރަލާއި މަސްތެއްގައި ޖެހެވިފައި ވިނަމަވެސް އެދުވަސް އަލުން އަނބުރާ އިއާދަ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެރަށުގައިހުރި ބާރ އަށްވެސް އޭނާ ނުދިޔައީ އެފަދަ ކަމަކަށް ބޭނުން ނުވާތީއެވެ.
އަވަސް ފިޔަވަޅުތަކެެެއްގައި ހިނގަމުންދިޔަ ރިއާންއަށް ކޮޓަރި ހުރި ހިސާބަށް އާދެވިއްޖެއެވެ. ނަމަވެސް ޒީވާއާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނަފްސުގައެއް ނެތެވެ. އެހެންކަމުން ކޮޓަރީގެ ބޭރުގައި ޕޫލާ ދިމާލަށް ވާގޮތަށް ބަހައްޓައިފައިހުރި ދިގު ގޮނޑިއެއްގައި އޮށޯވެލިއެވެ. ސިކުނޑިއަށް ކުރަމުންދިޔަ ބާރުގެ ސަބަބުން އޭނާގެ ދެލޮލަށް ނިދި ސަވާރުވާކަށް މާގިނައިރެއް ނުނެގިއެވެ. އޭނާއަށް ހޭލެވުނީ މޫނާއި ދިމާލަށް ފާނޫޒެެއްގެ ފަނޑުއަލި އެޅުނު ކަމުގެ އިހުސާސެއް ކުރެވުމުންނެވެ. ރަނގަޅަށް ދެލޯ ހުޅުވައިލައި ބަލައިލުމާއެކު އެއީ ފާނޫޒެއްގެ އަލި ނޫންކަން އޭނާއަށް ޔަގީން ކުރެވުނެވެ. އެއީ އާދުވަހަކަށް އަރަމުންއައި އިރުގެ އަލިކަމެވެ. އެ އިރުގެ ދޯދިތައް އަމާޒުވަމުންދިޔައީ ސީދާ އޭނާގެ މޫނަށެވެ.
ރިއާން ނިއްކުރީގައި ހިފަހައްޓައިލަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ނަމަވެސް ރަނގަޅަށް ލޯ ނުހުޅުވޭތީއާއެކު ގަޑީގައިވާ ކުދި އަކުރުތަކާއި ކަށިތައް އެ ލޮލުގައި އަޅައެއް ނުގަތެވެ. ގަޑި ބަލައިލުމަށްޓަކައި ފޯނު ހޯދުމަށް ސޯޓުގެ ދެފަރާތުގައި ހުރި ދެ ޖީބުގައި އަތްޖަހައިލި އިރު އެއިން އެއްވެސް ޖީބެއްގައި ފޯނެއް ނެތެވެ. ރޭގައި އަވަހަށް ނުކުންނަން އުޅެގެން އޭނާއަށް ނުކުމެވުނީ ކޮޓަރީގައި ފޯނުވެސް ބާއްވައިފައިތާއެވެ.
އިތުރު ގޮތެެއް ނެތުމާއެކު އޭނާ ޖެހިލުންވެފައިހުރެ ގޮސް ކޮޓަރީގެ ބެލް އަޅައިލިއެވެ. ކޮޓަރީގެ ތަޅު ހުންނާނީ ހުޅުވައިފައިކަން އެނގިހުރެވެސް ޒީވާގެ އިޒްނައާނުލައި އެތަނަށް ވަންނާކަށް ނުކެރުނެވެ. މިނެޓެއްހާއިރު ތެރޭ ޒީވާ އައިސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
ޒީވާގެ މައުސޫމު މޫނު ފެނުމާއެކު ރިއާންއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި އެތިފަހަރެއް ވީއްލައިލިހެނެވެ. ގިނައިރު ރުއިމުގެ ސަބަބުން އެރީތި ދެލޯ ރަތްވެފައި ވާއިރު ނޭފަތުގައިވެސް ކުޑަ ރަތްކަމެއް ހުއްޓެވެ. އެ ދޮންމޫނު އިތުރަށް ފޮއްސިވެ ހުދު އަރައިފައިވާހެން ހީވެއެވެ. އޭނާއަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ނޫފައިގެންފައިވާ ޒީވާގެ ވައަތު ކޯތާފަތެވެ. އެއީ އޭނާގެ އަތުން އަމާޒުވި ހޫނު ހަމަލާގެ ނިޝާނެވެ. ކޯތާފަތުގައި މަޑުރަތްކަމެއް ހުރިއިރު މަޑު ފެހިކަމެއްގެ އަސަރުވެސް ފާޅުވާން ފަށައިފައި ހުއްޓެވެ. ރިއާންގެ ހިތުގައި ބުނެދޭން ނޭނގޭ ރިހުމެެއް އުފެދުނެވެ. ކޮށިވަޅިއަކުން އޭނާގެ މޭ ދެފަޅިއަށް ފަޅައިލެވުނު ނަމަވެސް އެ ވޭނަށްވުރެން ދިލަ ވޭނެއް އޭނާއަށް އިހުސާސް ވާނެހެން ހިއެއްނުވެއެވެ.
ޒީވާއަށް ރިއާން ފެނުމުން ދޮރު އިތުރަށް ހުޅުވައިލުމަށްފަހު އަނބުރާ ކޮޓަރިތެރެއަށް ހިނގައިގަތެވެ. އަދި އެނދުމަތީގައިއޮތް ތުވާލި ނެގުމަށްފަހު ތެތްކޮށް އޮތް އިސްތަށިގަނޑު ހިއްކަން ފެށިއެވެ.
ކޮޓަރިއަށް ވަނުމާއެކު ރިއާންއަށް ފެނުނީ އޭނާ އުއްމީދުކުރި މަންޒަރެއްނޫނެވެ. ނަމަވެސް އެއީ އޭނާ ހައިރާންކުރުވި މަންޒަރެއްވެސް ނޫނެވެ. އެނދުމަތީގައި ތައްޔާރުކޮށް ބަންދުކޮށްފައިހުރި ޒީވާގެ ފޮށި ފެނުނު ވަގުތު އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ.
"މާލެދާން ބޭނުން.. އަހަރެން ފޮނުވާ ދެވިދާނެތަ؟ ޕްލީޒް" ރިއާން އެ ފޮށްޓާއި ނަޒަރު ވަކިކޮށްލަމުން ޒީވާއަށް ބަލައިލިއެވެ. އޭރު ޒީވާ ހުރީ ރިއާންއާ ހަތަރުކަޅި ހަމަ ނުކުރުމަށްޓަކައި އިސްޖަހައިލައިގެނެވެ. ރިސޯޓުގެ ލޯގޯ ޖަހައިފައިވާ ހުދު ކުލައިގެ ސުވެނިއާ ޓީޝާޓަކާއި ނޫކުލައިގެ ސްކިނީ ޖީންސެއްގައި ހުރި އިރު އޭނާ އެހެރީ މާލެ ދާން ތައްޔާރު ވެގެންކަން ރިއާންއަށް އެނގުނެވެ. ރިއާން ބޯ ޖަހައިލިއެވެ. އެކަމާ ދެބަސްވުމުގެ އިޚްތިޔާރެއް އޭނާއަކަށް ނެތެވެ. އެހެންކަމުން ސައިޑްޓޭބަލް މަތީގައި އޮތް ފޯނު ހިފައިގެން އޭނާ ކޮޓަރިން ނުކުތީ ކޮންމެވެސް މީހަކަށް ގުޅައިގެން ޒީވާއަށް ފުރޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. ދެތިން މިނަޓުވީ ފަހުން އޭނާ ކޮޓަރިއަށް ވަދެގެން އައި އިރު ޒީވާ ހުރީ ވެނިޓީ މޭޒުކައިރީގައި ފުނާ އަޅާށެވެ. ރިއާން ޒީވާ ނިމެންދެން ވަކި އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ. ޒީވާ އާދައިގެ މަތިން އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލުމަށްފަހު ރިއާންއާ ކުރިމަތިލިއެވެ.
"މިދުވަސްކޮޅު ސީޕްލޭން އޮންނަނީ ދެދުވަހުން އެއްދުވަހު ކަމަށްވަނީ.. ލޯންޗެއް ހަމަޖެހިދާނެ. މިރޭ މަޑުކޮށްލާފަ ދާންވީނު"
"ލޯންޗް އޯކޭ" ޒީވާ ކުރު ޖަވާބަކުން ފުއްދައިލިއެވެ.
"އެކަމަކު އެއީ ތިން ގަޑިއިރުގެ ދަތުރެއް.. ސީޕްލޭންގަ ދާން މާ ފަސޭހަވާނެއެއްނު" ރިއާން ބުންޏެވެ. ޒީވާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބޯ ޖަހައިލީ ޒީވާ އެދުނުގޮތާ އެއްބަސް ވަމުންނެވެ. އެއާއެކު އެދެމަފިރިންގެ ދެމެދަށް އާދަޔާހިލާފު ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރެއިން ރިއާން ލަސްފިޔަވަޅުތަކެއްގައިގޮސް ޒީވާގެ ގާތަށް ހުއްޓިލިއެވެ. އެވަގުތު ޒީވާ އިތުރަށް ކުޑަވެލި ގޮތުންވެސް ރިއާންގެ އެ ގާތްކަމަށް މަރުހަބާ ނުކިޔާކަން ސާފުވިއެވެ. އެހެނެއްކަމަކު ރިއާން ހިންދިރުވައިލަމުން ޒީވާގެ މޫނުން ނޫފައިގެންފައިވާ ހިސާބުގައި ފިރުމައިލުމަށްޓަކައި އަތް އުފުލައިލިއެވެ. އެކަން ކާމިޔާބު ނުވީ ޒީވާ އެމޫނު އޭނާގެ އަތާއި ދުރުކޮށްލުމުންނެވެ. އަދި އެއަށްފަހު އޭނާއަށް ފުރަގަސްދީ އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އެހެނަސް ހުށިޔާރުކަމާއެކު ރިއާން ޒީވާގެ އަތުގައި ހިފެހެއްޓިއެވެ. ޒީވާ ފިޔަވަޅުތައް ހުއްޓައިލުމާއެކު ހަމަ އެސިިކުންތުގައި އެ އަތުން ދޫކޮށްލިއެވެ.
"ޒީވް.. އައި.. އައިމް ރިއަލީ ސޮރީ.. އެނގޭ އަހަރެންނަކަށް އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެކަން ބަޓް އައިމް ސޮރީ.. އައި ރިއަލީ އޭމް" ރިއާންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރައްދުގައި ޒީވާވެސް ހަމައެކަނި ބޯ ޖަހައިލުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ.
ގަޑިއެއްހާއިރުތެރޭ ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހުނެވެ. ރިއާންއާއި ޒީވާ އެކުއެކީގައި އައިސް ލޯންޗަށް އެރުމާއެކު ލޯންޗު ނައްޓާލައިފިއެވެ. ތިންގަޑިއިރުގެ ދަތުރެއް ކަމުގައިވިޔަސް ދެމަފިރިންގެ ދެމެދަށް ވެރިވެފައިވާ ބީރައްޓެހިކަމުގެ ސަބަބުން ތިންދުވަހަށް ދަތުރު ދިގުވެފައިވާ ކަހަލައެވެ. މުޅި ދަތުރުގައިވެސް ރިއާންގެ ނަޒަރު ހުއްޓިފައިވީ އޭނާއިން ލޯންޗުގެ ފަހަތު ގޮނޑިބަރިއަށްވުރެ ދެ ގޮނޑިބަރި ކުރީގައި އިން ޒީވާއަށެވެ.
ލޯންޗު މާލޭގެ ފަޅުތެރެއިން ވަތްއިރު ރިއާންގެ ޑްރައިވަރު އެދެމަފިރިންގެ އިންތިޒާރުގައި ބަނދަރުކައިރީގައި ހުއްޓެވެ. ރިއާންމެން ފޭބުމުގެ ކުރިން އޭނާ ކާރަށް ފޮށިތައް އަރުވައި ނިންމައިލައިފިއެވެ. ރިއާން ހައިރާންވީ ލޯންޗުން ފޭބުމަށްފަހު ޒީވާ އޭނާއާ ދުރަށް ހިނގައިގަތުމުންނެވެ. ރިއާން ދެފަހަރަކު ޒީވާގެ ނަމުން ގޮވައިލިނަމަވެސް ޒީވާއަށްއެ އަޑު ނީވޭ ކަހަލައެވެ. ނަމަވެސް އެ އަޑަށް މަގުގައި ހިނގާބިނގާވެ އުޅުނު ގިނަ ބައެއްގެ ސަމާލުކަންވެސް ރިއާންއަށް ހުއްޓެމުންދިޔައެވެ. އޭނާއަކީ މީހުން ދަންނަ މޫނަކަށް ވާތީއާއެކު އެމީހުންގެ ލޮލުގައި އޭނާ ފަސޭހަކަމާއެކު އަޅައިގަތެވެ.
"ޒީވް..ޒީވް މަޑުކޮށްބަލަ! ކޮންތާކަށް؟" ރިއާން ދުވެފައިގޮސް ޒީވާއާ އެއްހަމަކޮށްލަމުން ބުންޏެވެ.
"ޓެކްސީއެއް ހޯދަނީ.. އަހަރެން ދާނީ ގެއަށް" ޒީވާ ބުންޏެވެ.
ރިއާންއަކަށް ނުވިސްނުނެވެ. އޭނާގެ ގޭގައިވެސް ޒީވާ ހުންނަނީ ވަކި ކޮޓަރިއެއްގައި ނޫންހެއްޔެވެ؟ އޭގެ އިތުރަށް އޭނާއަކީ މާ ގިނަވަގުތު ގޭގައި ހޭދަކުރާ މީހެއްވެސް ނޫނެވެ. ޒީވާއަށް އެގޭގައި އުޅެން ވާނީ ކޮން އުނދަގުލެއް ހެއްޔެވެ؟ ޒީވާގެ ގެއަށް ޒީވާ އަނބުރައި ގޮސްފިނަމަ ވާފިޔާމެން ހީކުރާނީ ކީކޭ ހެއްޔެވެ؟ އޭނާއަށް ކުރެވުނު އެންމެ ކުށަކާހުރެ މިހިސާބަށް ކަންތައްތައް ގެންދިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
"ޒީވް އަރ ޔޫ ސީރިއަސް؟ މަންމަމެން ހީކުރާނީ ކީކޭ؟"
"ރިއާން އަދިވެސް ތި ވިސްނަނީ މަންމަމެން ހީކުރާނެ އެއްޗަކަށްތަ؟ އެކަމާ ހާސްނުވޭ. އަހަރެން ބުނާނަން މަންމަ މަތިން ހަނދާންވާތީ ގެއަށް ދިޔައީ" ޒީވާ ހައިރާންވިއެވެ.
"އަހަރެން–"
"ސަރ ޓްރެފިކް" ރިއާންގެ ވާހަކަ މެދުކެނޑުނީ ކާރުގައި އައިސް އެތަނަށް ހުއްޓައިލި ޑްރައިވަރު ބިއްލޫރިގަނޑު ތިރިކޮށްލުމަށްފަހު އޭނާއަށް ގޮވައިލުމުންނެވެ. ރިއާން އަދިވެސް އެއްފަހަރު އެ ނިންމުން ބަދަލު ކުރާށޭ ބުނާ ފަދައަކުން ޒީވާއަށް ބަލައިލިއެވެ. ނަމަވެސް ޒީވާގެ ނަޒަރު ހުރީ މާ ދުރަށް ހުއްޓިފައެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކާރުގެ ޑްރައިވަރު އިން ފަޅިއާ ގާތަށް ޖެހިލިއެވެ.
"މެޑަމް ބޭނުން ތަނަކަށް ގެންގޮސްލަދީ އެނގޭ.. އަހަރެން ޓެކްސީއެއްގަ ދާނަން" ރިއާން ޑްރައިވަރަށް އިރުޝާދު ދިނުމަށްފަހު ކާރުގެ ފަހަތުދޮރު ހުޅުވައިލިއެވެ.
"ޒީވް ކާރުގަ ދޭ.. އަހަރެން ޓެކްސީގަ ދާނަން" ރިއާންގެ ވާހަކައަށް ރައްދު ދިނުމެއްނެތި ޒީވާ ކާރުގެ ފަހަތުސީޓަށް އަރައި ހަމަޖެހިލިއެވެ. ޒީވާ އެރުމުން ރިއާން ކާރުގެ ދޮރުފަތް ލައްޕައިލުމަށްފަހު ދުރަށް ޖެހިލިއެވެ. އަދި އެކާރު ގޮސް އޮބައިލަންދެން ބަލަން ހުރުމަށްފަހު އެތަނުން ދިޔަ ޓެކްސީއަކަށް އަތްނެގިއެވެ.
*************
"އާނ. މާދަން ހަވީރު އޯކޭއެއްނު؟ ޔެސް. ޔެސް އިޝްކޮ މަޑުކޮށްލައްޗެ އިނގޭ ދޮންތި އެބަ ގުޅާ.. ހައި ބެސްޓީ!!" އިޝްވާގެ ކޯލު ކަނޑައިލުމަށްފަހު ޝައިނާ ޒީވާގެ ކޯލަށް ޖަވާބުދިނެވެ.
"ހިނގާބަލަ ޗުއްޓީ ހަދާލަން ކޮންމެވެސް ރަށަކަށް ދާން. އޯކޭ ދެ ދުވަހައްވިޔަސް.. ވަރަށް ފޫހިވެގެން މި އުޅެނީ.. މިހެން އުޅެނިކޮށް ބޯ ގޮވާފާނެ" ފޯނުގެ އަނެއްފަރާތުން ޒީވާގެ އަޑު އިވުނެވެ.
"އައްދޭ. ރިސޯޓުގަ އުޅެލާފަ އައިމަ މާލޭގެ ކާރޫބާރޫ ބޮޑު މާހައުލު ކަމުނުދަނީ ދޯ؟ ހޫމް މަހުޖަނުންގެ އަނބިންނަށް ވެވުނީމަ ވާނޭ ތިހެންވެސް. ދެން ދުވަސްކޮޅަކުން އުޅޭ ހިތްވާނީ ސްވިޓްޒަރލޭންޑްގަ.. އެހެނޭ ކިޔާފަ އަހަރުމެން ނިކަމެތިން ކުރާނީ ކީއް؟" ޝައިނާ ދިމާކުރުމުގެ ރާގެއްގައި ބުނެލިއެވެ.
"އައްދޭ. އަހަރެންނަށްވުރެން ޝައިނާ މިހާރުވެސް މާ މުއްސަންޖެއްނު؟ އަހަރެންގެ ވެޑިންގްއިން ލިބުން ޕޭމެންޓް ހުސްނުވަންދެން ދޮންބެގެ ވެޑިންގް" ޒީވާވެސް ވަކި ދުލެއް ނުދިނެވެ.
"ބުނަން؟ ރާހިލްގެ ޕާރޓީއަކުން އަހަރެން އެއްވެސް ޕޭމެންޓެއް ނުނަގަމޭ.. އެއީ ކޮމްޕެނީއަށް ނެގި އިވެންޓެއްނު؟ ޒީގެ ވެޑިންގް އިން ބޮޑުކޮށް ނެގީ ހަމަ ރިއާން ވީމަ. ޝުކުރުކޮށްބަލަ ޑިސްކައުންޓް ކޮށްފަ ނެގީތީވެސް" ޝައިނާ މަޖާވެލައިފައި ބުންޏެވެ.
"އޯކޭ އޯކޭ!! އަހަރެން ޕޭ ކޮށްފާނަމޭ.. ހިނގާބަލަ ވެކޭޝަނަކަށް ނުދެވެންޏާ މޫދަށްވިޔަސް މަޖާގަނޑެއް ހަދައިގެން.. އެލީއާ އިޝްކޮއާވެސް ގޮވައިގެން ދާނީ" ޒީވާ ބުންޏެވެ.
"އޯކޭ. ރާވާފަ އަންގާލަބަ. މިގަޑީގަ ކުޑަކޮށް ބިޒީ އެނގޭ. ހެދުންތައް އިސްތިރި ކުރަނީމި. ބައި ލަވް ޔޫ" ޝައިނާ ފޯނު ކަނޑައިލުމަށްފަހު އޭނާ އިސްތިރިކުރި ހެދުން ކޮނޑެއްގައި އަޅުވައިލިއެވެ.
"ލަވް ޔޫ؟" އެނދުމަތީގައި ލެޕްޓޮޕް ހިފައިގެން އޮފީހުގެ މަސައްކަތެއް ކުރަން އިން ރާހިލް އެއްބުމަ ހިއްލައިލަމުން އަހައިލިއެވެ.
"ސާބަސް! ހަމަ އެތަންކޮޅު އެކަނި ދޯ އަޑު އިވުނީ؟ އޭގެ ކުރިން ދެއްކި ވާހަކަ އަޑު އެހިނަމަ އެނގޭނެ އެއީ ޒީކަން" ޝައިނާ ކަޅި އަނބުރައިލުމަށްފަހު އަނެއްކާ އަނެއް ހެދުން އިސްތިރި ކުރަން ފެށިއެވެ.
"ޒީއޭ؟ ޒީމެން މާލެ އައީތަ؟ އަހަރެން ހީކުރީ މާދަމާ ކަމަށް އެމީހުން އަންނަނީ. ރިއާން ހަބަރެއްވެސް ނުވޭ" ރާހިލް ފޯނު ހޯދައިލުމަށްފަހު ރިއާންގެ ކޯލެއް މިސްވެފައި ވޭތޯ ބަލައިލިއެވެ. ބަދަލުގައި އޭނާއަށް ފެނުނީ ވާފިޔާގެ އެތަށް ކޯލެއް މިސްވެފައި ހުރިތަނެވެ.
ރާހިލްގެ ނިތަށް ރޫތަށް ގިނަވެލިއެވެ. މާލެ އައިއްސުރެން ވާފިޔާ ވަނީ އެތަށް ފަހަރަކު އޭނާއަށް ގުޅައި ގެއަށް އައިސްދިނުމަށް އެދިފައެވެ. ކުރިން އޭނާ ދުވާލުގެ ހަތަރުދަން ބޭރުގައި އުޅުނު ނަމަވެސް މިހާރު ގޭގައި އޭނާގެ އަންބަކު އިންކަން ހަނދާންކުރުމަށް ބުނެފައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނާގެ ނަފްސަށް ވެރިވަނީ އިތުރު ފޫހިކަމެކެވެ.
"މަންމަތަ؟" ޝައިނާގެ ސުވާލަށް ރާހިލް ބޯ ޖަހައިލިއެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އައިސް ރާހިލްގެ ގާތުގައި އިށީނެވެ. "ރާހިލް ދެން އެލީ ގޮވައިގެން ރަޝިޔާއަށް ފުރަނީ ކޮންއިރަކުތަ؟ މި ކަންތައްގަނޑެއް ނިމުނީމައެއްނު އަހަރެމެންނަށްވެސް ހަމަޖެހިލެވޭނީ" އޭނާ ރާހިލްގެ ކޮނޑުގައި ބޯއަޅައިލިއެވެ.
"އޮފީހުން ޖަވާބެއް ލިބުނުހާ އަވަހަކަށް އެލީ ގޮވައިގެން ފުރާނަން.. އިރާދަކުރެއްވިއްޔާ ޝައިނާ އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ" ރާހިލް ޝައިނާގެ ނިއްކުރީގައި ބޮސްދެމުން ބުންޏެވެ.
*************
މެންދަމުން އަލިވެ އެކެއްޖެހުމާއި ގާތްވެއްޖެއެވެ. މަގުތައްމަތި ހިމޭންވެ މީސްތަކުން ތަންމަތިތަކަށް ޖަމާވެއްޖެއެވެ. ނަމަވެސް ހިމޭންކަން ވެރިވެފައިވާ އެޕަރޓްމެންޓްގެ ބޮޑު ސޯފާގައި އެކަނިމާއެކަނި އިން ރިއާންގެ ލޮލުގައި ނިދީގެ ކަންފުޅެެއްވެސް ނެތެވެ. ސިކުނޑީގައި އުފެދިފައިވާ ހައިޖާނަށް ލުޔެއް ހޯދުމަށްޓަކައި އަތުގައި އޮތް ސިނގިރޭޓު ހުލިކުރަމުން ދިޔައިރުވެސް އޭގެ ރާހަތެއް އެ ސިކުނޑިއަށް ކުރާހެނެއް ހިއެއްނުވެއެވެ. މީގެ ކުރިންވެސް އޭނާއަކީ އެތަނުގައި އެކަނި ދިރިއުޅުނު މީހެކެވެ. ހަޔާތުގެ އެއްވެސް ހިސާބެއްގައި އޭނާއަކީ މާ ގިނަބައެއްގެ ތެރޭގައި އުޅުނު މީހެއްނޫނެވެ. އެހެނެއްކަމަކު ކުރިން ދުވަހަކުވެސް އޭނާއަށް އިހުސާސް ނުކުރެވޭ ވަރަށް މިރޭ އޭނާއަށް އެކަނިވެރިކަން އިހުސާސް ކުރެވެމުންދިޔައެވެ. ވިސްނައި ވިސްނައިވެސް ރިއާންއަކަށް އެކަމުގެ ސަބަބެއް ނޭނގުނެވެ. ޒީވާ އެގެއަށް އައި ފަހުންވެސް ޒީވާ ދަންވަރު ޑިއުޓީއަށް ދާ ކިތަންމެ ރެޔެއް އޭނާ އެކަނި އެގޭގައި ހޭދަކޮށްފައިވެއެވެ. ވީއިރު މިރޭ ޒީވާ ނެތުމުގެ ފަޅުކަން އޭނާއަށް މިވަރަށް އިހުސާސްކުރެވެންވީ ކީއްވެހެއްޔެވެ؟ ޒީވާ އޭނާއާ ވަކިވެދާނެ ކަމަށް ހިތްބިރުގަންނަނީ ހެއްޔެވެ؟ އެ ސުވާލުތަށް އަމިއްލަ ނަފްސާ ކުރަމުންދަނިކޮށް ކޮންމެވެސް މީހަކު އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި އަޑަށް އޭނާ ސިހުނެވެ. އޭނާ ފިޔަވައި އެ އެޕަރޓްމެންޓްގެ ކީކާޑު އޮންނާނީ އިތުރު 3 މީހެއްގެ އަތުގައެވެ. މިއީ ހަމަގައިމުވެސް ޖޫލީ އަންނާނެކަހަލަ ގަޑިއެއް ނޫނެވެ. އެހެންކަމަށް ވާނަމަ އެއީ ރާހިލް ނުވަތަ…
ރިއާންއަށް ފުންމައިގެން ގޮނޑިން ތެދުވެވުނު އިރު ޒީވާ އައިސް އޭނާއާ އަރައި ހަމަކޮށްލައިފިއެވެ. ޒީވާއަށްވެސް ރިއާން ފެނުމުން ކުޑަ ސިހުމެއް ލިބުނެވެ. އެހާ ދަންވަންދެން ހުރެފައި އޭނާ އެގެއަަށް އެ އައީވެސް ރިއާން ނިދަން ކޮޓަރިއަށް ވަދެފާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ރިއާންއާ ބައްދަލުވީތީ ޒީވާ އެވަގުތު އެގެއަށް އައި ސަބަބު ސާފުކޮށްދިނެވެ.
"ހެދުންކޮޅެއް ނަގަންވެގެން.. އަހަރެންގެ ފޮށީގަ ގިނައިން ހުރީ ޕާޓީ ހެދުން" ޒީވާ އިސްޖަހައިލަމުން ބުންޏެވެ. ރިސޯޓުގައި މަޑުކުރި ދެރޭވެސް އެކި ހަފްލާތަކަށް ދާން އޮތުމުން އޭނާ އާދައިގެމަތިން ލާކަހަލަ ހެދުމަކަށް ގެންގޮސްފައިވަނީ ވަރަށް މަދު ހެދުމެކެވެ. ރިއާންގެ ޖަވާބަކަށް މަޑުކުރުމެއްނެތި ޒީވާ އެގޭގައި އޭނާއަށް ހާއްސަކުރެވިފައި ހުންނަ ކޮޓަރިއަށް ވަނެވެ.
ޒީވާ ވަނުމުން ރިއާން ލަސްފިޔަވަޅުތަކެއްގައި ގޮސް ބެލްކަންޏަށް ނުކުމެލިއެވެ. އޭނާގެ ސިކުނޑި ހާސްކަމުން ތޮއްޖެހެމުން ދިޔައިރުވެސް އެމޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. ވާނީވެސް އެހެންތާއެވެ. ޒީވާ މަޑު ކުރުވުމަށްޓަކައި ކުރާނެ ކަމެއް ބުނާނެ ބަހެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް ޒީވާއާ މެދު އަމަލުތައް ބެހެއްޓުނު ގޮތާމެދު ޚުދު އަމިއްލަ ނަފްސަށްވެސް މާފު ނުދެވޭނެއެވެ. ނަމަވެސް އޭނާ އެވަނީ ޒީވާގެ ގާތުން މާފަށް އެދިފައެވެ. ދެން އޮތްގޮތަކީ ޒީވާ ނިންމާނެ ގޮތަކަށް ކަން ނިންމުމުގެ އިޚްތިޔާރު ޒީވާއަށް ދޫކޮށްލުމެވެ. ރިއާން އަވަސްވެގަތީ ޒީވާ ނުކުތުމުގެ ކުރިން ރާހިލްއަށް ގުޅުމަށެވެ.
***********
"ރާހިލް.. ރާހިލް.. ފޯނު ނަގާބަލަ ހާދަ ވަރަކަށޭ އެ ގުޅަނީ" ޗާޖަށް ޖަހައިފައިވާ ފޯނު އައިސް ރާހިލްގެ އަތަށް ދިއްކޮށްލަމުން ޝައިނާ ބުންޏެވެ.
"ކާކުތަ؟" ރާހިލް ނިދީގެ ތެރެއިން އާފުރިލަމުން ކަންނެތް ކަމާއެކު ބުންޏެވެ.
"ރިއާން.." ޝައިނާ ބުންޏެވެ.
"ހޫން ނުނެގޭނެ ދެން.. ކަނޑާލާ" ރާހިލް ނިދީގެ ތެރެއަށް ފީނައިގަންނަމުން ބުންޏެވެ.
"އަޅެ ވަރަށް ގިނައިން ގުޅީމައޭ އަހަރެންވެސް މި ބުނީ.. ބޮޑު ކަމެއް ދިމާވެގެން ނޫނީ މިކަހަލަ ގަޑިއެއްގަ ނުގުޅާނެއެއްނު" ޝައިނާގެ ވާހަކަ ކުރުނުކުރާނެކަން އެނގުމުން ރާހިލް އާފުރެމުން ފޯނަށް ޖަވާބުދިނެވެ.
************
ރިއާންގެ ކުރިމަތީގައި ކިތަންމެ ހިތްވަރުދެއްކި ކަމުގައި ވިޔަސް ކޮޓަރިއަށް ވަނުމުން ޒީވާގެ ލޮލުން ކަރުނަތިއްކެއް ނީރައިލިއެވެ. އޭނާ ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގައިލުމަށްފަހު އެނދުގައި އިށީނެވެ. އަދި ހެޑްބޯޑުގައި ހުރި ތަނުން ހަނދުފަޅިއެއްގެ ބައްޓަމަށްވާ ސޮފްޓް ޓޯއީއެއް ނަގައި އޭގައި ބައްދައިލިއެވެ. ހީކުރިގޮތާ ހިލާފަށް އެތަން ދޫކޮށްލައިފައި ދިޔުމަކީ އޭނާއަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންކަމުން ޚިޔާލު ބަދަލުވުމުގެ ކުރިން އޭނާ އެތަނުގައި ހުރި ފޮށްޓަކަށް ބޭނުންވާ ބައެއް ހެދުމާއި އެހެނިހެން ސާމާނު އަޅައިގެން އޭނާ ކޮޓަރިން ނުކުތެވެ. ބޭއިޚްތިޔާރުގައި ކަމަށްވިޔަސް އޭނާގެ ދެލޯ ފުރަތަމަވެސް ހޯދައިލީ ރިއާން ވީ ހިސާބެކެވެ. އެވަގުތު ބެލްކަނީގައިހުރި ރިއާންގެ ހިޔަނި ލޮލުގައި އަޅައިގަތެވެ. ރިއާންގެ ފަރާތުން އިޝާރާތެއް ލިބޭނެކަމުގައި އުއްމީދުގައިހުރެ އެޕަރޓްމެންޓްގެ މައި ދޮރުން ނުކުތުމަށް ހިނގައިގަތެވެ. އޭނާ އެ ދޮރުގެ ތަޅުގައި ހިފައިލި އިރުވެސް ރިއާންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުނެވެ.
ޒީވާގެ ހިތް ޝަކުވާއިން ފުރުނެވެ. އެ ޝަކުވާތައް ބަންޑުންކޮށްލެވިއްޖެނަމަ ހިތަށް ހަމަޖެހުމެއް ލިބިދާނެ ކަމުގެ އުއްމީދުގައި އޭނާ ރިއާން ހުރި ދިމާލަށް ދިޔުމަށްޓަކައި ފިޔަވަޅުތައް އަނބުރައިލިއެވެ.
"ރިއާން!" ޒީވާ ރިއާންގާތަށް ހުއްޓިލިއެވެ. ރިއާން އިސްޖަހައިލިއެވެ. ޒީވާއާ ހަތަރުކަޅި ހަމަކުރާކަށް އޭނާއަކަށް ނުކެރުނެވެ.
"ދަނީ ރިއާން!" ޒީވާގެ ބަސްތައް އަހަން އުނދަގޫވި ކަމުގައި ވިޔަސް ރިއާންއަށް ކުރެވުނުހާވެސް ކަމަކީ ބޯޖަހައިލުމެވެ. ކަރުނަތައް ހިފަހައްޓައިލަމުން ޒީވާ ބެލްކަނިން ނުކުތުމަށް އެޕަރޓްމެންޓްގެ ތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. ނަމަވެސް ކުރިއަށް ހިނގައިގަތުމުގެ ކުރިން އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު އަނެއްކާވެސް އައިސް ރިއާން ގާތަށް ހުއްޓުނެވެ.
"ރިއާން ނުބުނާނަންތަ ނުދާށޭވެސް؟ ނުބުނާނަންތަ؟ އަހަރެން ދާތަން ބަލަން ރިއާންއަށް ހަމަ ތިހާ ފަސޭހަތަ؟" ޒީވާގެ ވާހަކަތަކުން ރިއާންއަށްވެސް އަސަރުކުރިއެވެ. ހިންދިރުވައިލަން އުނދަގޫވާފަދަ ބީރައްޓެހި އިހުސާސެއް ލަގޮނޑީގައި އުފެދެމުންދިޔައެވެ. އެ އިހުސާސްތައް ކޮންޓްރޯލް ކުރުމަށްޓަކައި ޖީބަށް ޖަހައިލެވިފައިވާ ދެއަތް މުއްކަވައިލިއެވެ. ޒީވާގެ އެއްވެސް ވާހަކައަކަށް އޭނާ ރައްދެއް ނުދިނެވެ. ޒީވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރިއާންގެ ކަންތައްތައް ހުންނަގޮތުން އޭނާގެ ގާތަށްވެސް ރުޅިއަންނަން ފެށިއެވެ.
"ރިއާން! އަހަރެން ކިޔާ އެއްޗެއް ނީވެނީތަ؟ ދެންވެސް ތިގޮތް ދޫކޮށްލާކަށް ނުވޭތަ؟ ތި ހިމޭނުން ހުރުމަކުން ރިއާންއަށްވި ފައިދާއަކީ ކޮބާ؟ ތިހެން އަބަދު މީހަކާ އަނގައިން ނުބުނެ ހުރެއެއް ނޫންތަ ކަންތައްތައް މިހިސާބަށް މިދިޔައީ؟" ޒީވާގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. ހިތްހަމަ ނުޖެހިފައިހުރެ ރިއާންގެ އަތުގެ މުލައްދަނޑީގައި ހިފައި ރިއާން އޭނާއާ ދިމާލަށް އަނބުރައިލިއެވެ. ރިއާންއާ ހަތަރުކަލި ހަމަވިވަގުތު އެހުރިހާ އިރެއްވަންދެން އޭނާ ކޮންޓްރޯލް ކުރަމުންދިޔަ ކަރުނަތައް އެއްވެސް ހިފެހެއްޓުމަކާނުލައި ފައިބައިގަތެވެ. އެމަންޒަރު ރިއާންއަށް ފޮރުވުމަށްޓަކައި އޭނާ އިސްޖަހައިލިއެވެ.
"ދެމީހުން މަޝްވަރާކޮށްގެން ކަންތައްތައް ކުރިއަށް ގެންދިޔަނަމަ މިއަދު މިހެނެއް ނުވީސް! ކީއްވެ ރިއާންއަށް އެކަހަލަ ގޮތަކަށް އަހަރެން ގައިގަ ޖަހަން ކެރުނީ؟ ކީއްވެ؟ އަހަރެންނާ ދޭތެރޭ އެހާ އަނިޔާވެރިވިއިރު ރިއާންގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ؟ ހަމަ އެހާވެސް އަހަރެންދެކެ ފޫހިވޭތަ؟" ޒީވާ ރޮޮމުން ރޮމުނާ ނޭފަތް ދަމައިލިއެވެ. ރިއާންގެ ހިތް ފަޅިފަޅިވެގެންދިޔައެވެ. ކިތަންމެ ފަހަރަކު ކުރިމަތީގައިހުރި ޒީވާ އޭނާގެ އަތުތެރެއަށް ގެނެސް މާފަށް އެދެން ބޭނުންވިއެވެ.
"ޔޫ ޑިޑްންޓް ހޭވް ޓު ބީ ސަޗް އަ މޮންސްޓަރ ރިއާން!! ރިއާން އެންމެ ފަހަރަކު ބުނި ނަމަވެސް އަހަރެން ހިތުން ރުހުމުން ރިއާން ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނީސް.. ރިއާން ކިތަންމެ ނޭނގޭކަމަށް ހެދުނަސް އަހަރެން ރިއާންދެކެ ލޯބިވާވަރު މިހޭދަވި ކުޑަ ދުވަސްކޮޅުންވެސް ރިއާންއަށް އެނގޭނެ.. ރިއާން އެންމެ ފަހަރަކު ދެން އެހެނެއް ނުވާނެއޭ ޒީވް މަޑުކުރާށޭ ބުންޏަސް އަހަރެން މަޑުކުރާނަމޭ" ޒީވާ ރޮމުން ރޮމުންއައިސް ރިއާންގެ މޭގައި ލައްވެލިއެވެ.
"ރިއާން ނުބުނާނަންތަ؟" ޒީވާ ކުރެހިފައިވާ އަޑަކުން އަހައިލިއެވެ.
"އައި ކާންޓް ޒީވް.. އަހަރެންގެ ނަފްސުގެ މައްޗަކަށް އަހަރެންގެ އެއްވެސް އިތުބާރެއްނެތް.. އައި.. އައިމް މައި ފާދަރސް ސަން ޒީވް" ރިއާންގެ ވާހަކަ އިވުމާއެކު ޒީވާއަށް ބުމަ ގޮށްޖަހައިލަމުން ރިއާންއާ ދުރުވެވުނެވެ. އެހުރިހާއިރު މަޑުން ހުރެފައިވެސް ރިއާންއަށް ބުނަން އެނގުނީ އެހެން ހެއްޔެވެ؟
"ހައްހަހަހަ. ތިއީތަ ރިއާންއަށް ދައްކަން އެނގުނު ހަމައެކަނި ބަހަނާއަކީ؟ ނޫން ރިއާން.. ރިއާންއަކީ ރިއާންގެ ބައްޕައެއް ނޫން.. ކޮންމެ މީހަކީވެސް އަމިއްލަ މީހެއް.. ރިއާން ތިހެން ވިސްނުމަކީވެސް ރިއާންގެ އަމިއްލަ ފިނޑިކަން.. ތިއީ ބޮޑު ފިނޑިއެއް!! މިހާރު ޔަގީންވެއްޖެ މިގެއިން ދާން މި ނިންމުނު ނިންމުމަކީ ކިހާ ރަނގަޅު ނިންމުމެއްކަން" ޒީވާ އެތަނުން ނުކުތުމަށް ހިނގައިގަތެވެ.
"ޒީވް ޕްލީ-"
"ނޯ" އިތުރަށް ރިއާން ދައްކާ ވާހަކަ އަޑުއަހާކަށް ޒީވާ ބޭނުމެއް ނުވިއެވެ. ސިޓިންގްރޫމްގެ މެދުގައި ބަހައްޓައިފައިވާ ފޮށި ހިފައިގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ނުކުމެވުމުގެ ކުރިން ރިއާންގޮސް ގޭގެ ދޮރު ލައްޕައިލިއެވެ. ޒީވާ ވާނުވާ ނޭނގިފައިހުރެ ރިއާންއަށް ބަލައިލިއެވެ.
"މިހާ ދަންގަޑިއެއްގަ ޒީވް އެކަނި ދާނެ ކަމެއް ނެތް.. އަހަރެން ރާހިލްއަށް ގުޅައިފިން" ރިއާންގެ ވާހަކަ އިވުމާއެކު ޒީވާ އަންތަރީސްވިއެވެ.
"އޯހް ގޯޑް!! ރިއާން ތިހިރީ މޮޔަވެފަތަ؟ އަހަރެން ޓެކްސީއެއްގަ ހިނގައިދާނަމޭ.. އަހަރުމެން ދެމީހުންގެ ދޭތެރޭގަ ޖެހޭ ކޮންމެ މައްސަލައެއް ދޮންބެއަށް އަންގަން ޖެހޭތަ؟" ޒީވާ ކަންބޮޑުވެފައިހުރެ އެޕަރޓްމެންޓްގެ ދެކޮޅަށް ހިނގަން ފެށިއެވެ. އޭނާ ކަންބޮޑުވަނީ އެއިން ވާހަކައެއް ރާހިލްއަށް އެނގިއްޖެނަމަ ރިއާންއާއެކު އޮންނަ އެކުވެރިކަމަށް ކޮށްފާނެ އަސަރަކާމެދުގައެވެ. ރިއާންއަށް ރިއާންގެ ހަމައެކަނި ރަހްމަތްތެރިޔާ ގެއްލި އެކަނިވެރިވެދާނެތީއެވެ.
"އަހަރެން އަދި ރާހިލް ގާތު އެއްވެސް ވާހަކައެއް ނުދައްކަމޭ" ރިއާން އަމިއްލަ ނަފްސު ދިފާއުކުރިއެވެ.
"ރިއާން ހީކުރަނީ ދޮންބެއަކީ އެއްޗެއް ނުބުނިއްޔާ ނޭނގޭވަރު މޮޔައެއް–" ޒީވާގެ ވާހަކަ މެދުކެނޑުނީ އެޕަރޓްމެންޓްގެ ބެލް އަޅައިލި އަޑު އިވުމުންނެވެ. ނަމަވެސް އެދޮރު ހުޅުވަންދެން މަޑުކުރުމުގެ ބަދަލުގައި ރާހިލް އަމިއްލައަަށް ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަނެވެ.
ސިޓިންގްރޫމްގެ މެދުގައި އެކަކު އަނެކަކު ކުރިމައްޗަށްވާގޮތަށް ހުއްޓިތިބި ރިއާންއާ ޒީވާ ފެނި ރާހިލްއަށް ކަމެއް ގޯސްވެއްޖެކަމުގައި ޝައްކު ކުރެވުނެވެ. އެ ޝައްކު ޔަގީނަށް ބަދަލުވީ ޒީވާގެ ފައިކައިރީގައިހުރި ފޮށި ފެނުމުންނެވެ. ރާހިލް ލަސްފިޔަވަޅުތަކެއްގައި އައިސް އެދެމީހުންގެ ގާތަށް ހުއްޓުނެވެ. އޭރު އެ މުޅި ތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ޒީވާ ބުންޏަސް ތެދެއްވާނީ ތެދަކަށް. ރިއާންއަކީ ހަމަ ބޮޑު ފިނޑިއެއް. އެފިނޑިކަން ކަނޑުވާކަށްވެސް ނޫޅުނެ. ރާހިލްއަށް ވެސް ޒީވާ ދިޔަނުދީ ތިޔަގޭގަ ހިފަހައްޓަން އެނގުނިއްޔާ ވެދާނެ. ކިތަންމެ ރަނގަޅު ނަސީބެއް ލިބުނަސް ބަލައިގަންނަން ނޭނގެންޏާ އަތުން ބީވެދާކަށް ގިނަ ދުވަހެއް ނުނަގާނެ. މި ރިއާންއަށް ހެޔޮވިސްނުން ދެއްވާށި…
އަޅޭ ރިއާން ޒީވާ ތިގޭންފޮނުވާނުލާ ޕްލީޒް
ރިއާންއަމިއްލަޔަކަށް ހުރިހާކަމެއްވެސް ރަނގަޅުކުރީމާވާނީ
ކޮންމެހެން ރިއާންގެބައްޕަ އުޅުނުހެން ރިއާންއުޅޭކަށް ނުޖެހޭނެ
އެއީލާޒިމުކަމެއްނޫން ތިވިސްނުންދޫކޮށްލާ ރިއާން ޒީވާޔަށް
ރަހުމްކުރޭ ރީތިމިބައިވެސް.
ކޮބާ ވާހަކަ