ހިތް އެދޭހާ ކަމެއް.. (40 ވަނަބައި)

ރިއާން ލައިގެން ހުރި ގަމީހުގެ ފަހަތް އެއްކޮށް ލެއިން ތަތްތެޅެމުންދިޔައެވެ. އިސާހިތަކު މީހާގެ ގައިން ވަރުދޫވެ ބިންމައްޗަށް ވެއްޓުނެވެ. ދެން ތިބި ދެމީހުންގެ މަސައްކަތް ފެށުނީ އެހިސާބުންނެވެ. އެމީހުންގެ އަތުގައި ހުރި ދަގަނޑު ހޮޅިތަކުން ހުއްޓުމެއްނެތި އޭނާއަށް ހަމަލާދޭން ފެށިއެވެ. އޭގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުވަމުންދިޔައީ އޭނާގެ ބޮލަށާއި ފަޔަށެވެ.

މިނެޓެއްހާއިރު ތެރޭ އެމީހުންގެ މަސައްކަތް ނިންމައިލުމަށްފަހު އެތަން މިތަނަށް ދުވެފިލައިފިއެވެ. ބޮލަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ރިއާންއަށް ވަށައިގެންވާ މަންޒަރުތައް ކުލަވަނީ ހަމަ ކިރިޔާއެވެ. އޭރު އޮފީސް ގޭޓުގެ ބޭރުގައި ހުރި ދޮރުވާނު ދުވަމުން އައިސް ރިއާންއާ އެއްހަމަކުރަނީއެވެ. މަގުމަތިީގައި ހިނގާބިނގާވެ އުޅުނު ދެތިން މީހަކާއި ދުއްވާފައި ދިޔަ ބަޔަކުވެސް އެދިމާލަށް މަޑުކޮށް އޭނާއަށް އެހީވާން ފެށިއެވެ. އޭނާގެ ދެލޯ މެރުނީ ކޮންމެވެސް ބަޔަކު އޭނާ އުފުލައިލައިގެން ކާރަކަށް އެރުވުމުގައި ހަރަކާތްތެރިވަނިކޮށެވެ.

****************

ރިއާން އަންނާނެ އިރަކަށް ހޮސްޕިޓަލުގެ ބޭރު ފާރު ކައިރީގައި މަޑުކޮށްގެންހުރި ޒީވާގެ މޫނުމަތިން މާޔޫސްކަމުގެ ކުލަވަރު ފާޅުވާންފެށިއެވެ. މިހާރު އޭނާ އެތަނުގައި ހުންނަތާ ފަންސަވީސް މިނަޓު ފާއިތުވެ ހިނގައްޖެއެވެ. އަދިވެސް ރިއާންގެ ހަބަރެއް ނުލިބެއެވެ. ދެފަހަރެއްގެ މަތިން ރިއާންގެ ފޯނަށް ގުޅަން ކުރި މަސައްކަތްވީ ނާކާމިޔާބެވެ.

ޒީވާއަށް ފޫހިގޮތަކަށް ތުން އަނބުރައިލެވުނެވެ. އޭނާ އެހާ އަވަހަށް ޑިއުޓީ ނިންމައިލުމަށްފަހު ނުކުތީވެސް ރިއާން މިރޭ އަންނާނެ ވާހަކަ ބުނީތީއެވެ. ރިއާން އަމިއްލައަށް ބައްދަލު ކުރަން ބޭނުންވީތީ އޭނާ ހީކޮށްގެން ހުރީ ގަޑިއަށް އަންނާނެކަމަށެވެ. ނަމަވެސް ރިއާންގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދުކުރުމަކީ ބޭކާރުކަމެއްކަން މިއަދު އޭނާއަށް އެނގިއްޖެއެވެ.

"ޒީ ކޮބާ؟ ހާދަ އަވަހަށް ނިންމާލާފަ ނުކުތް ރެއެއް. ޑްރޮޕެއް ދެންތަ؟" ޑިއުޓީ ނިންމާލާފައި ނުކުތް ނަރުހަކު ޒީވާއަށް ގޮވައިލިއެވެ.

"ނޫނޭ. މިހިރީ ހަސްބަންޑް ބަލާ އަންނަންދެން" ޒީވާ އެކުއްޖާއަށް ހިނިތުންވެލިއެވެ. އެވަގުތު އަވަސް ފަރުވާދޭ ބައިގައި ހަރަކާތް ތެރިވާ ދެތިން ނަރުހަކު ދުއްވާ އެނދެއް ހިފައިގެން އެދިމާލަށް އައެވެ. އެދެމީހުނާއެކު ޑަކްޓަރަކުވެސް އައެވެ. އެ އެންމެންގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.

"ކޮއްކޯ.. މި ކޮންކަމެއް؟" ޒީވާ އެތަނުގައި ހުރި އޭނާއަށްވުރެން އުމުރުން ހަގު ފިރިހެން ނަރުހަކަށް ގޮވައިލަމުން އެއްސެވެ.

"ދެންމެ މާލޭގަ ހިނގި ހާދިސާއަކާ ގުޅިގެން ވަރަށް ހާލުދެރަ ބަލިމީހެއް ގެންނަނީޔޯ.." އެކުއްޖާއަށް އެނގޭ ވަރަކުން އޮޅުން ފިލުވައިދިނެވެ.

"އޯހް. އެކްސިޑެންޓެއްތަ؟" ޒީވާ އަހައިލިއެވެ.

"ނޫނޭ. މާރާމާރީއެއްހެން ހީވަނީ.. 25 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނެއް. ބުރަކަށީގެ 17 ތަނަކަށް ވަޅިން ހަމަލާދީފަ ކަމަށް  ފޯނުކުރި މީހާ ބުނީ.. އަދި އެހެން ބުންޏަސް މިކޮޅުން ބަލާލީމަ ދޯ ވެފައިހުރި ވަރެއް އެނގޭނީ.." އެކުއްޖާ ބުންޏެވެ.

"ސުބްހާނައްﷲ!!" ޒީވާ އަނގަމަތީގައި އަތް އަޅައިލަމުން ބުންޏެވެ. އެވަގުތު އެބުނާ ޓެކްސީއެއް އައިސް އެތަނަށް މަޑު ކޮށްލައިފިއެވެ. އެ ޓެކްސީއާއެކު ވަދެގެން އައި ގިނަ ސައިކަލު ތަކުން ފޭބި މީހުނާއި ހޮސްޕިޓަލްގެ އަވަސް ފަރުވާދޭބައިން ނުކުތް މީހުނާއިގެން އެތަން ތޮއްޖެހުނެވެ. އެމީހުންގެ މަސައްކަތައް އެޅިދާނެ ހުރަހަކަށް ވިސްނައި ޒީވާ އެތަނުން ދުރަށް ޖެހިލިއެވެ. އެ ޒުވާނާ އެނދަށް އަރުވައިގެން ގެންދެވުނު އިރުވެސް އެއްވެފައިވާ މީހުންގެ ސަބަބުން އޭނާއަށް އެބުނާ ޒުވާނާ ފެންނަގޮތެއް ނުވިއެވެ. ނަމަވެސް އެމީހުންގެ ވާހަކަތައް ހުރިގޮތުން އެޒުވާނާއަށް ވަރަށް ބޮޑުވަރު ވެފައިވާކަން އޭނާއަށް ޔަގީންކުރެވުނެވެ.

ހިތާހިތުން އެޒުވާނާއަށް ރަހްމަތްލެއްވުން އެދި ދުޢާ ކުރަމުން ޒީވާ އަނެއްކާވެސް ރިއާންއަށް ފޯނު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ލިބެނީ ހަމަ އެއްޖަވާބެކެވެ. އެންމެފަހުން ރިއާން އަންނަންދެން މަޑުކުރުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ޓެކްސީއެއް ހޯދުމަށްޓަކައި އޭނާ ކުރިއަށް ޖެހިލިއެވެ. އެވަގުތު އައި ނައި ދިމާލެއް ނޭނގި އެތަނަށް އައިސް ހުއްޓިލީ ޝައިނާއެވެ.

"ޒީ.. މިތާ ކީއް ތިކުރަނީ؟" ޝައިނާގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ.

"މިއީ ޑިއުޓީ ނިންމާފައެއްނު. އަހަރެން ކަންނޭނގެ ތި ސުވާލު ޝައިނާއާ ކުރަންވީ.. އެނގޭތަ ދެންމެ މީހެއްގެ ގަޔަށް ވަޅި ޖަހައިގެން މިތަނަށް ގެނެސްފިއެއްނު"

ޒީވާގެ ވާހަކަ އިވުމުން ޝައިނާއަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. ޒީވާއަށް އަދިވެސް ރިއާންއަށް ވީކަންތަކުގެ ހަބަރެއް ނޭނގޭކަން ރޭކައިލިއެވެ.  އޮފީހުގެ ވައިބަރ ގްރޫޕަށް އިމާރާތުގެ ދޮރުވާނަކަށް ހުރި މީހާ ކުރި މެސެޖު ފެނުނުހާ އަވަހަކަށް އޭނާ ހޮސްޕިޓަލަށް އައީ ޒީވާގެ ގާތަށް އައުމަށެވެ. ނަމަވެސް ޒީވާއަށް އަދިވެސް އެ ހަބަރު އެނގިފައިނުވީތީ އޭނާ ބޯ ހާސްވިއެވެ. އެ ހަބަރު ޒީވާއަށް ދޭނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

"ޒީ.. ހިނގާ ގެއަށް.. އަހަރެން ޒީ ބަލާ މި އައީ" ޝައިނާ އަވަސް އަވަހަށް ޒީވާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

"މަޑުކޮށްބަލަ ޝައި. ޝައި ކީއްވެ ތި އައީ؟ އަހަރެން އެހެންނޫނަސް ދާނީ ގެއަކަށްނު؟ ހާދަ ފާޑަކަށޭ ތި އުޅެނީ" ޝައިނާގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަންނަން ނޭނގިފައިހުރި ޒީވާ ބުންޏެވެ.

"ޒީ.. އަހަރެން ގެއަށް ގޮސްފަ ހުރިހާ ވާހަކައެއް ކިޔާދޭނަން.. ދެން އިހަކަށް ހިނ–"

ޝައިނާގެ ވާހަކަ މެދު ކެނޑުނީ ކުއްލިއަކަށް އެޅުނު ކެމެރާތަކެއްގެ އައްޔާއެކު އެތަނަށް އައި ނޫސްވެރިންތަކެއް އެމީހުން ވަށައިލުމުންނެވެ. އޭނާގެ އިތުރުން ޒީވާއަށްވެސް އެކަމުން ލިބުނު ސިހުމުގައި ދެތިން ފިޔަވަޅު ފަހަތައް އަޅައިލެވުނެވެ. އޭރު އެ ނޫސްވެރިންގެ ފޯނުތަކާއި މައިކުތައް އަމާޒުވެފައި ހުރީ ޒީވާއަށެވެ.

"ރިއާންގެ ވައިފް.. މިހާތަނަށް ޑަކްޓަރުންގެ ބަހެއް ލިބިފައިވޭތޯ؟"

"ރިއާންގެ ހަށިގަނޑަށް  ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއްތޯ؟"

"ކިހާ ދުވަހެއްގެ ތެރޭ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވޭތޯ؟"

ކުއްލިއަކަށް ނޫސްވެރިން އޮއްސައިލި ސުވާލުތަކުގެ ސަބަބުން ޒީވާގެ މޫނު ހުދުވެ ހަރަކާތްތައް ގަނޑުވިއެވެ. މަޑުމަޑުން ނަމަވެސް އޭނާއަށް ވެގެންއުޅޭ ގޮތް ރޭކައިލާންފެށިއެވެ. ދެލޯބޮޑުވެފައިހުރެ ޝައިނާއާ ދިމާލަށް ބަލައިލިއިރު އެ މޫނުމަތީގައިވި ހަމްދަރުދީ ފެނި ޒީވާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. ލޮލަށް ބޮނޑިވެގަތް ކަރުނަތަކުގެ ސަބަބުން ޒީވާގެ ދެލޯ ފުސްވާން ފެށިއެވެ. ނޭވާ ހާސްވެ ހަތަރެސްފައި ތުރުތުރުލާން ފަށައިފިއެވެ. ޒީވާގެ ވަށައިގެން ހިނގަމުންއައި ދުނިޔެ ހުއްޓުމަކަށް އައި ކަހަލައެވެ. ނޫސްވެރިން އަހަމުން ދިޔަ ސުވާލުތައް އޭނާގެ ކަންފަތަށް އިވެމުން ދިޔައީ ބިރުވެރި އަޑުތަކެއްގެ ގޮތުގައެވެ. އެ އަޑުތައް މާހައުލުގެ އަޑާއެކުވެ ކަންފަތް ބައްވާން ފެށިއިރު ދެން އޭނާއަށް އިވެމުންދިޔަ ހަމައެކަނި އަޑަކީ އަމިއްލަ ހިތުގެ ތެޅުމުގެ އަޑެވެ.

ހިނދުކޮޅެއްވެސް އެތަނުގައި މަޑުކުރުމެއްނެތި އޭނާ ހޮސްޕިޓަލަށް ވަނުމަށްޓަކައި ދުއްވައިގަތެވެ. ޝައިނާ ހާސްވެފައިހުރެ ޒީވާގެ ނަމުން ދެފަހަރަކު ގޮވައިލި ނަމަވެސް އެއީ ބޭކާރު ކަމެއްކަަން އޭނާއަށްވެސް ވިސްނުނީ ކަންނޭނގެއެވެ. ދެން ފެނުނީ އޭނާވެސް ޒީވާގެ ފަހަތުން ދުއްވައިގަތް މަންޒަރެވެ. އެމީހުންގެ ފަހަތުން އެތަނުގައި ތިބި ނޫސްވެރިން ހޮސްޕިޓަލަށް ވަންނަން ދިމާކުރި ނަމަވެސް ހޮސްޕިޓަލުގެ ސެކިއުރިޓީން އެކަން މަނާ ކުރިއެވެ.

"ޒީ.. ޒީ.. ޒީ މަޑުކޮށްބަލަ" ޝައިނާ ފަހަތުންގޮސް ޒީވާ ހިފަހައްޓަން މަސައްކަތް ކުރިއެވެ.

"ޝައި… އެހެނެއް ނުވާނެ.. ޕްލީޒް.. އެހެނެއް ނުވާނޭ!! އެއީ ރިއާންއަކަށް ނުވާނެ" ޒީވާ ރޮމުން ރޮމުން ޝައިނާގެ އަތް ފޮޅުވައިލުމަށްފަހު އަވަސް ފަރުވާދޭބައިގެ ދޮރާއި ދިމާލަށް ދާން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ޒީވާގެ ހަށިގަނޑަށް އާދަޔާހިލާފު ބާރެއް އަރައިފައިވާ ކަހަލައެވެ. ޝައިނާއަށް ޒީވާގެ ގައިގައި ހިފަހައްޓައިލެވެނީ ހަމަ ކިރިޔާއެވެ. ނަސީބަކުން ރިއާންގެ ހަބަރު ލިބިގެން އެވަގުތު އެތަނަށް އައި އައިޝާގެ އެހީއާއެކު އޭނާއަށް އެކަން ކާމިޔާބު ކުރެވުނެވެ. އޭރު އެތަނުގައި ތިބި ގިނަބައެއްގެ ނަޒަރުވެސް އެމީހުނަށް އަމާޒުވަމުންދިޔައެވެ.

"ޒީ.. ޒީ.. ހަމަޖެހިބަލަ ހެޔޮނުވާ-"

"ޒީ!!" އާއިޝާގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް މާ ދުރުނޫން ހިސާބަކުން އިވުނު ރާހިލްގެ އަޑުންނެވެ. އޭރު ރާހިލް އަވަސް ފިޔަވަޅުތަކެއްގައި އެދިމާލަށް އަންނަނީއެވެ. އޭނާގެ ގާތުގައި އެލީޝާވެސް ހުއްޓެވެ. ރާހިލް އައިސް ކަންބޮޑުވެފައިހުރެ ޒީވާގެ ގައިގައި ބައްދައިލިއެވެ. އޭރު ގިސްލެވޭވަރުން ޒީވާއަށް އަނގައިން ބަހެއްވެސް ބުނެވެނީކީ ނޫނެވެ.

"ޝްޝްޝް.. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" ރާހިލް ޒީވާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

ރާހިލް ޒީވާއާ ހަވާލުވުމުން އައިޝާ މާގިނައިރު އެތަނުގައި މަޑުކުރުމެއްނެތި ގެއަށްދާން ހިނގައިގަތެވެ. ޝައިނާ އެތަނުން ދުރަށް ޖެހިލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށެވެ. އެ ހޮސްޕިޓަލްގެ ގިނަ ހަނދާންތަކަކީ ހުދު އޭނާއަށްވެސް ހިތްދަތި ހަނދާންތަކެކެވެ.

ދުރަށް ފިޔަވަޅެއް އަޅައިލި ވަގުތު ޝައިނާއަށް އެތަނުގައި ހުރި އެލީޝާ ފެނުނެވެ. އެލީޝާ އޭނާއަށް ހިނިތުންވެލިތަން ފެނުމުން އޭނާވެސް ގަދަކަމުން ހިނިތުންވެލިއެވެ. އެލީޝާ އައިސް އޭނާގެ ގާތަށް ހުއްޓިލިއެވެ. ނަނަވެސް އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ތަނަށް ވެރިވެފައިވި ހިމޭންކަން ކަނޑުވައިލާ ހަމައެކަނި އަޑަކީ ޒީވާގެ ވޭނީ ރުއިމުގެ އަޑެވެ.

މާގިނައިރެއްނުވެ އަވަސް ފަރުވާދޭބައިގެ ދޮރު ހުޅުވައިލިއެވެ. ހަމައެއާއެކު ޒީވާ ރާހިލްގެ އަތުން ވީއްލިގަތުމަށްފަހު އެތަނުން ނެރުނު އެނދާ ދިމާލަށް ދުއްވައިގަނެފިއެވެ. އެ އެނދުގައި އޮތް ރިއާން ފެނުނު ވަގުތު ޝައިނާއަށްވެސް ސިހުން ލިބުނެވެ. ރިއާންގެ ހަށިގަނޑު އެކީ އެކައްޗަކަށް ލެއިން ތަތްތެޅިފައިވާއިރު ނޭވާވެސް ލަމުން ދިޔައީ އޮކްސިޖަން މާސްކުގެ އެހީގައެވެ. އަތުގެ އިނގިއްޔަށް ގުޅައިފައިވާ ވިންދުބަލާ މެޝިނުން ގޮވަމުންދިޔަ އަޑުން އެކަނިވެސް އޭނާގެ ހާލަތު ސީރިއަސްކަން ވިސްނައިލައިފި މީހަކަަށް ދެނެގަނެވޭނެއެވެ. އޭނާ ގޮވައިގެން ނުކުތް ޑަކްޓަރުންނާއި ނަރުހުންގެ ހަރަކާތްތައްވެސް ހުރީ އަވަސްކޮށްލާފައެެވެ.

"ރިއާން.. ޕްލީޒް.. ޑޮކްޓަރ ލެޓް މީ ސްޓޭ ވިތް ހިމް" އެތަނުގައި ތިބި ނަރުހުން ޒީވާ އެނދާ ދުރުކުރަން އުޅުމުން ޒީވާ އެދުނެވެ.

"ޕްލީޒް ކްލިއަރ ދަ ވޭ.. ޕޭޝެންޓް އިސް އިން އަ ކްރިޓިކަލް ކޮންޑިޝަން.. ވީ ހޭވް ޓު ޓޭކް ހިމް ޓު ދަ ތިއޭޓަރ އިމީޑިއަޓްލީ" ޑޮކްޓަރު ޒީވާއަށް ދުރަށް ޖެހުމަށް އިރުޝާދު ދިނެވެ.

"ޑޮކްޓަރ އަރަޝް.. އަރަޝް ޕްލީޒް.. އަހަރެންނަށް ވަދެވޭނެތަ؟ އަަހަރެންމީ ސްޓާފެއްނު؟ އައި ވިލް ހެލްޕް.. އައި ވިލް ޑޫ އެނީތިންގް" ޒީވާ ޑޮކްޓަރުގާތުން އެދުނެވެ. އެދެމީހުންގެ ރަހްމަތްތެރިކަމުގައި ވިޔަސް އޭނާ ރިއާންގާތު ބަހައްޓައިދިނުނަށް އެދުނެވެ.

"ޒީ.. ތިހެން ބުނާއިރުވެސް ޒީއަށް އެނގޭނެ ތިއީ ވާނެކަމެއް ނޫންކަން.. ޔޫ އަރ އިމޯޝަނަލީ އެޓޭޗްޑް ޓު ދަ ޕޭޝެންޓް..  އައިމް ސޮރީ ޒީ.. އިޓްސް އަގައިންސްޓް ދަ ރޫލްސް.. އައި ވިލް ގެޓް ދަ ބެސްޓް ޑޮކްޓަރސް ޒީ.. ތިގޮތަށް މަސައްކަތަށް ހުރަސް ނާޅާ އަހަރެމެންނަށް އިތުބާރު ކުރޭ.. ދުޢާކުރޭ.. ގެއްލިގެންދާ ކޮންމެ ސިކުންތެއްވެސް އަހަރުމެންނަށް ވަރަށް މުހިއްމު" އަރަޝް ޒީވާގެ ކޮނޑުގައި އަތް ޖަހައިލުމަށްފަހު އޮޕަރޭޝަން ތިއޭޓަރާ ދިމާލަށް ގެންދިޔަ އެނދުގެ ފަހަތުން ދުއްވައިގަތެވެ.

ޒީވާއަށް ގޮތް ހުސްވެފައިހުރެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލެވުނެވެ. އެތަނުން ހިނގައިގަންނަންވެސް ނޭނގިފައި ހުއްޓައި ރާހިލްއާއި ޝައިނާ އޭނާގެ އަތުގައި ހިފައިގެން ތިއޭޓަރާއި ހިސާބަށް ގެންދިޔައެވެ. އޭރު ޒީވާގެ ރުއިމުގެ އަޑު މަޑުވެފައިވި ނަމަވެސް އަދިވެސް އޭނާއަށް ގިސްލެވެމުންދިޔައެވެ. އެތަނުގެ ވެއިޓިންގް ރޫމްގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޒީވާ ބޭންދުމަށްފަހު ރާހިލް އައިސް ޝައިނާއާއި އެލީޝާގެ ގާތަށް ހުއްޓުނެވެ. އޭނާގެ މޫނުމަތިންވެސް ހިތާމައާއި ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. ކޮންމެ ގޮތަކަށް ކަންތައްތައް ވެފައިވި ނަމަވެސް އެއީ އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. އޭނާގެ އުމުރުގެ ބޮޑުބައެއް އެ ރަހްމަތްތެރިޔަކާއެކު ހިއްސާ ކުރި މިތުރެވެ.

ރާހިލްއަށް ހިތްވަރުގެ އަތެއް ދިއްކޮށްލުމުގެ ނިޔަތުގައި ޝައިނާ ކުރިއަށް ފިޔަވަޅެއް އަޅައިކި ނަމަވެސް އޭނާއަށް މަޑުޖެހިލަން މަޖުބޫރުވީ އޭނާއަށްވުރެން ކުރިން އެލީޝާގޮސް ރާހިލްގެ އަތުގައި ހިފައިލުމުންނެވެ.

"ހާސްނުވޭ ރާހިލް. ރާހިލް ބުނިގޮތަށް ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" އެލީޝާ ރާހިލްގެ ކޮނޑުގައި ފިރުމައިލަމުން ބުންޏެވެ. އެމަންޒަރު ނުބެލުމަށްޓަކައި ޝައިނާ އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ.

ރިއާންގެ ހާލަތު ރަނގަޅުވޭތޯ ހިތާހިތުން ދުޢާކުރާ ހާލު ޒީވާ ރުއިން ހުއްޓާލެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އަޑުން އަޑުނަގާ ނުރޮއި އިން ނަމަވެސް އެދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަކަށް ހުއްޓުމެއް ނާދެއެވެ. އެ ގިސްލުމުގެ އަޑު ފަނޑެއް ނުވެއެވެ. ރިއާންގެ ހިތި ހަނދާންތަކުން އޭނާގެ ހިތް ޒަހަމް ވެފައިވި ނަމަވެސް އެ ޒަހަމް ތަކުގައި ފާރުލެވިފައިވަނީ ކުޑައިރުއްސުރެން މިއަދާ ހަމައަށް ރިއާންއާއެކު ހޭދަ ކުރެވުނު އުފާވެރި ވަގުތުތަކުގެ ފޮނި ހަނދާންތަކުންނެވެ. އެ ޒަހަމްތަކުން ލިބެމުންދިޔަ ވޭނަށްވުރެވެސް އެފާރުތަކުން ނަގާ ދިލައިން އޭނާއަށް ލިބެމުންދާ ވޭން ހާސްގުނަ އިތުރު ވެފައިވިއެވެ. އޭނާ އަދި ރިއާންއާ ވަކިވާކަށް ތައްޔާރެއް ނޫނެވެ.

ޒީވާއަށް އަނެއްކާވެސް ރޮވެން އުޅުމުން ތިރީ ތުންފަތުގައި ދަތް އަޅައިލުމަށްފަހު އަތްދަބަސް މެއާލައި ބޮނޑިކޮށްލަމުން އިސްޖަހައިލިއެވެ. ނަމަވެސް އެވަގުތު އެތަނުގައި ހުރި ކުޑަކުޑަ ޓީވީއިން ދައްކަމުންދިޔަ ކުއްލި ހަބަރުގެ އަޑަށް އޭނާގެ ސަމާލުކަންދެވި އިސްއުފުލައިލިއެވެ. އޭރު ކާރުން ނުކުމެ ފުރޮޅުލީ ގޮނޑިއެއްގައި ހޮސްޕިޓަލަށް ވަންނަން އައި ރިޔާޒްގެ އިތުރުން އޭނާގެ ގާތުގައި ހުރި ޝީރީނާއި ޖޫލީގެ ވަށައިގެން ނޫސްވެރިން ހަރަކާތްތެރިވާ މަންޒަރު ޓީވީއިން ދައްކަމުން ދިޔައެވެ.

"އާދެ އާރް.އެލް ހޯލްޑިންގްސްގެ ހިންގުމާ ހަވާލުވެ ހުންނެވި ހިއްސާދާރު އަދި  ޒުވާން ވިޔަފާރިވެރިޔާ ރިއާން ރިޔާޒް ލަތީފަށް މިރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން އަޅުގަނޑުމެނަށް މިވަނީ އިތުރު ތަފްސީލުތަކެއް ލިބިފައި. މިގޮތުން މިވަގުތު ސްކްރީނުން ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވީ އެކުންފުނީގެ ވެރިޔާ ރިޔާޒް ލަތީފް ހޮސްޕިޓަލަށް ވަޑައިގަންނަވާ މަންޒަރު.. އާދެ ރިޔާޒްއަކީ ޒަހަމްކޮށްލެވުނު ޒުވާނާގެ ބައްޕާފުޅު ކަންވެސް އަޅުގަނޑު ބެލުންތެރިންގެ މައުލޫމާތަށްޓަކައި ފާހަގަކޮށްލަން.. އަޅުގަނޑުމެންގެ ޓީމުން ދަނީ ވީހާވެސް އަވަހަށް ރިޔާޒްގެ ބަހެއް ހޯދޭތޯ މަސައްކަތް ކުރަމުން.. ހަމަ އެހެންމެ މިހާރު ސްކްރީނުން ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވަނީ ހަމަލާދެވުނު ހިސާބުގައިހުރި އާރް.އެލް ހެޑްއޮފީސް ހުންނަ އިމާރާތުގެ ކެމެރާއިން އަޅުގަނޑުމެނަށް ލިބިފައިވާ ސީ.ސީ.ޓީ.ވީ ފޫޓެޖް. އާދެ މި ހަމަލާއަކީ ކެމެރާއާ ފުދޭވަރަކަށް ގާތުން ދެވުނު ހަމަލާއެއްކަން އަޅުގަނޑުމެނަށް މި ފެންނަމުންދާ ސާފު މަންޒަރުތަކުންވެސް އެބަ ކަށަވަރުވޭ.. އަޅުގަ…."

ޓީވީން ދައްކަމުންދިޔަ މަންޒަރު ބަދަލުވެ ފޫޓެޖް އެޅުވުނު ވަގުތު ޒީވާއަށް އޭނާ އިށީނދެގެން އިން ގޮނޑިން ތެދުވެވުނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެ ބިރެއް ފެނުނު ފަދައިން އޭނާ ޓީވީއާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ރިއާން އޮފީހުން ނުކުމެގެން އައި މަންޒަރު ދެއްކިއިރު އޭނާގެ އަތުގައި އެއްޗެހިތަކެއް ހުރިކަން ނޫސްވެރިޔާވެސް ފާހަގަކުރިއެވެ. އެތަނުން އެކައްޗަކީ ކޯއްޗެއްކަން ނޭނގުނު ނަމަވެސް ދެން އޮތީ މާބޮނޑިއެއްކަން ނޫސްވެރިޔާ ބުނުމާއެކު ޒީވާއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. ރިއާންއަށް ކާރު އޮތް ހިސާބަށް އާދެވުމާއެކު ކުއްލިއަކަށް ދުވެފައި އައި މީހާ ރިއާންއަށް ހަމަލާދިން މަންޒަރު ލޮލަށް ފެނުނު ވަގުތު ޒީވާގެ ހިތްވެސް ހުއްޓުނުހެން ހީވިއެވެ.  ފުޓޭޖުން ފެންނައިރު ރިއާން ހުރީ ކެމެރާއަށް ފުރަގަސްދީގެން ކަމަށްވާތީއާއެކު އެމީހާ ހުއްޓުމެއްނެތި ދެމުންދިޔަ ހަމަލާތައް ސާފުކޮށް ފެންނަމުން ދިޔައެވެ. އެ ހަމަލާތައް ދެމުންދިޔައީ މީހަކަށް ގުނާލެވޭނެ ވަރަށްވުރެވެސް މާ އަވަހަށެވެ.

އެ މަންޒަރުތައް ފެންނަމުންދިޔަ ވަރަކަށް ޒީވާގެ ބޮލަށް އެނބުރުން އަރައި ކަކުލުހުޅުން ވާގި ދޫވާން ފެށިއެވެ. ރިއާންގެ ހަށިގަނޑު ބިންމަތީގައި ޖެހުނުތަން ފެނުނު ވަގުތު ޒީވާއަށް ހަޅޭއްލަވައިގަންނަމުން ބިންމަތީގައި އިށީނދެވުނެވެ. އޭގެ ފަހުން އައި މީހުން ރިއާންއަށް ދިން ހަމަލާތައް ނުބެލުމަށްޓަކައި ދެލޯ މަރައި ތަގުޅިކޮށްލިއެވެ.

ޒީވާގެ ބާރު ހަޅޭކުގެ އަޑަށް ދުރުގައި ތިބި ރާހިލްމެންނަށް ސިހުން ލިބުނެވެ. އެމީހުން ދުވެފައި އައިސް ޒީވާ އިންތަނުން ނެގޭތޯ އުޅުނެވެ. އޭރުވެސް ޒީވާ ދެލޯ މަރައި ތަގުޅިކޮށް ދެކަންފަތުގައި އަތް އަޅައިގެން އިނދެ ބާރުބާރަށް ރޮމުން ހަޅޭއްލަވަމުން ދިޔައެވެ. ރާހިލްއަށް ޓީވީ ފެނުނު ވަގުތު ޒީވާގެ ކަންތައް ޝައިނާއާއި އެލީޝާގެ އަތްމައްޗަށް ދޫކޮށްލުމަށްފަހު ފުންމައިގަތީ އޭތަނުގެ ރިސެޕްޝަނުގައި އިން ކުއްޖާއާ ދިމާލަށެވެ.

"ރިމޯޓު ކޮބާ؟ ރިމޯޓު ކޮބާހޭ؟؟" ރާހިލްގެ ބާރު އަޑަށް ސިއްސައިގެންގޮސް އެކުއްޖާ އަވަސް އަވަހަށް ރިމޯޓު ނަގައި ރާހިލްގެ އަތަށް ދިއްކޮށްލިއެވެ. ރާހިލް ޓީވީ ނިއްވައިލުމަށްފަހު ރިމޯޓު އަތުގެ ކޮޅަށް ހޫރައިލިއެވެ.

"މިތާ ބަލިމީހުންނާއި އެމީހުންގެ އަނބިދަރިންނާއި މައިންބަފައިންނާއި ރައްޓެހިން ތިބޭ އިރު މިއީތަ އަޅުވަން އެނގޭ ޗެނަލަކީ؟ އޭން؟ ބަލަ މިއީ ހޮސްޕިޓަލެއް ނޫންތަ؟" ރާހިލް އެކުއްޖާއާ ދިމާލަށް ހަޅޭއްލަވައިގަތުމަށްފަހު އަލުން ޒީވާއާ ދިމާލަށް ހިނގައިގަތެވެ. އޭރު ރިޔާޒްމެންގެ އާއިލާގެ އިތުރުން ވާފިޔާއާއި އިޝްވާ އަދި ނާޝިދުވެސް އެތަނަށް އައިސް ހުއްޓެނީއެވެ.

"ރިއާން ކިހިނެއް؟" ނާޝިދު އައިސް ރާހިލްގެ ކޮނޑުގައި އަތް ބާއްވައިަމުން އަހައިލިއެވެ.

"ތިއޭޓަރަށް ވައްދާފަ." ރާހިލް ކުރު ޖަވާބަކުން ނިންމައިލިއެވެ. އޭރު ވާފިޔާއާއި ޝީރީންގެ އެހީގައި ޒީވާ ނަގައިގެންގޮސް ގޮނޑިއެއްގައި ބައިންދައިފިއެވެ. އެ ދެ މަންމައިންގެ ލޯވެސް ވަނީ ފެންކަޅިވެފައެވެ.

"މަންމާ.. ރިއާން.." ޒީވާ ރޮމުން ރޮމުން ވާފިޔާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ވާފިޔާ ބުރުގަލުގެ ކަނުން ޒީވާގެ ދެލޮލުގައިވާ ކަރުނަތައް ފޮހެލިއިރު ޝީރީން ހަމްދަރުދީއާއެކު ޒީވާގެ ބޮލުގައި ފިރުމައިލިއެވެ.

އެހުރިހައި މަންޒަރެއް ބަލަން ހުރުމުގެ ބަދަލުގައި ރާހިލް އެތަނުން ނުކުމެ އެހެން ފްލޯއަކަށް ދިޔުމަށްޓަކައި ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭނާހުރީ އެކަނިވެލަން ބޭނުންވެފައެވެ. އޭނާ ޖެހިގެންހުރި ފަންގިފިލާއަށް ފޭބުމަށްފަހު އެންމެ އަވަހަށް އެތަނުން ފެނުނު ގޮނޑިބަރިން ހުސް ގޮނޑިއެއްގައި އިށީނެވެ. އަދި ދެކަކުލުގައި އުޅަނބޮށި އަޅުވައިލުމަށްފަހު ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ. ކައިރިން މީހެެއްގެ ހިލަމެއްވިހެން އޭނާއަށް ހީވިއެވެ. އެމީހަކު އައިސް އޭނާގެ ގާތުގައި އިށީންދެލުމަށްފަހު ކޮނޑުގައި އަތް އަޅައިލުމުން އެމީހަކީ ޝައިނާކަން އޭނާއަށް ޔަގީން ކުރެވުނެވެ.

ރާހިލް ބޮލުގެ އިސްތަށިގަނޑުން އަތް ދޫކޮށްލުމަށްފަހު ޝައިނާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ނުރޯން ހިތްވަރުކުރި ނަމަވެސް އޭނާގެ ހިމޭން ކަރުނަތައް ޝައިނާާގެ އިސްތަށިގަނޑުގައި ބޮސްދެމުންދިޔައެވެ. ރާހިލްއަށް ކޮށްފައިވާ އަސަރުފެނި ޝައިނާވެސް ފެންކަޅިވިއެވެ.

"ރާހިލް.. ހިތްވަރު ކުރޭ.. ބީ ސްޓްރޯންގް ލަވް" ޝައިނާ ރާހިލްގެ މޫނުގައި ފިރުމައިލަމުން ބުންޏެވެ.

"ހީ އިޒް މައި ބްރަދަރ ޝައިނާ.. އަހަރެން ހާދަ އެބަ މަސައްކަތް ކުރަމޭ" ރާހިލްގެ ވާހަކައަށް ޝައިނާ ބޯ ޖަހައިލިއެވެ.

"އަހަރެންނަކަށް ނުވިސްނޭ.. އެއީ ކޮންބައެއްތަ؟ ރިއާންއަށް އެވަރު ކަމެއް ކުރަން ކެރުނީ ކޮންބަޔަކަށް؟" ޝައިނާއާ ދުރަށް ޖެހިލުމަށްފަހު ރާހިލް އަމިއްލަ ނަފްސާ ސުވާލު ކުރާ ފަދައަކުން އަހައިލިއެވެ.

"ކޮންމެފަދަ މީހަކަށްވެސް ވެދާނެ.. ރިއާންއާ ވިޔަފާރީގެ ގޮތުން ވާދަކުރާ މީހަކަށްވެސް ވެދާނެ.. މިހާރު ނާޝިދުބެމެންނާ ރިއާންއާ އެއީ އެއް އާއިލާއެއްނު.. ނާޝިދުބެގެ ސިޔާސީ ވާދަވެރިއަކަށްވެސް ވެދާނެ. ރިއާންގެ ކުރީގެ ރައްޓެހިންނަކީވެސް މާ ރަނގަޅު-"

"ނޫން ނޫން. އެއީ މާ ކުރި. މިހާރު ރިއާން ބަދަލުވެއްޖެ. މީގެ އަށް އަހަރު ކުރިން ވެފައިވާ އެއްވެސް ކަމަކަށް ބަޔަކު ބަދަކުހިފާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. ބޮޑަށް ހީވަނީ ތިބުނި ދެކަމުން ކުރެ ކަމެއްހެން.." ރާހިލް ޔަގީންކަމާއެކު ބުންޏެވެ.

"ދެން ނޭނގެ.. އިރާދަކުރެއްވިއްޔާ ރިއާން ރަނގަޅުވާނެ. އޭރުން އަހަރުމެންނަށް ތި ހުރިހާ ސުވާލެއްގެ ޖަވާބު ހޯދޭނެ.. ދެން ދާން ހިނގާ.. މަންމަމެން ހޯދާނެ.. އަހަރެން ފުރަތަމަ ދާނަން" ޝައިނާ ރާހިލްގެ ބޮލުގައި ފިރުމައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.

**************

އޮޕަރޭޝަން ތިއޭޓަރަށް ރިއާން ވައްދައިފައިވާތާ ފަސް ގަޑިއިރު ފާއިތުވެއްޖެއެވެ. ޑަކްޓަރު ދޭނެ ހަބަރެއްގެ އިންތިޒާރުގައި ބޭރުގައި ތިބި މީހުންގެ މޫނުމަތިން ވަރުބަލި ކަމުގެ އަސަރުތައް ފެންނަން ފަށައިފިއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލިބުނު ހިސާބަކުން ގޮނޑިއެއްގައި އިށީނދެ އިނެވެ. ރޮއެ ރޮއެ ވަރުދެރަ ވެފައިވުމުގެ ސަބަބުން ޒީވާގެ ފަރާތުންވެސް ފެންނަނީ ހިމޭންކަމެވެ. ޝީރީންގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮތް އިރު އަތެއް ފައެއް ހަރަކާތްކުރާނެހާ ހިތްވަރުވެސް އޭނާގެ ގަޔަކު ނެތެވެ. ވާފިޔާވެސް އޭނާގެ ކޮނޑުގައި ބޯ އަޅައިގެން ނިދިފައި އޮތް އެލީޝާގެ ބޮލުގައި ފިރުމާލަ ފިރުމާލައި އިނެވެ. ޝައިނާއާއި އިޝްވާ އަދި ރާހިލް އެކުއެކީ އެއްދިމާލެއްގައި އިށީނދެ ތިއްބެވެ.

އިރުކޮޅެއްފަހުން އޮޕަރޭޝަން ތިއޭޓަރުން ނުކުތް ޑަކްޓަރު ފެނުމާއެކު އެތަނުގައި ތިބި އެންމެންގެ މޫނުމަތީގައިވި ނިންޖާއި ވަރުބަލިކަމުގެ އަސަރުތައް ފިލައި ދިޔައެވެ. އެންމެ ކުރިން އެދިމާލަށް ދުވެފައިދިޔަ މީހަކީ ރާހިލްއެވެ. ވަރުދެރަވެފައި އޮތް ޒީވާވެސް ދެފަޔަށް ބާރުލާފައި އެދިމާލަށް ދުއްވައިގަތެވެ.

"ޑޮކްޓަރ… ރިއާން.." ރާހިލް އަވަސް އަވަހަށް އަހައިލިއެވެ.

"ޕްލީޒް.. އަޅުގަނޑާއެއްކޮށް ކެބިންއަށް ދުރުވޭ.." ޑަކްޓަރުގެ އެދުމަށް އެތަނުން ދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ރާހިލްއާއި ޒީވާގެ އިތުރުން ރިޔާޒެވެ.

ކެބިންއަށް ވަތް ވަގުތު އެތަނުގައި ތިބި ފުލުސް އޮފިސަރުން ފެނުމުން ރާހިލްއާއި ޒީވާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ހަމަލާއާ ގުޅޭ ތަހުގީގު މިހާ އަވަހަށް ފަށައިފާނެ ކަމުގައި އެމީހުންނަށް އުއްމީދުވެސް ކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް އެ ހައިރާންކަން ރިޔާޒްގެ މޫނުމަތިން ފެންނަން ނެތީތީ އެ ދެމީހުނަށްވެސް އެއީ ރިޔާޒްގެ ކަމެއްކަން ޔަގީންވިއެވެ. އެތަނުގައި ތިބި އޮފިސަރުންނަށް ބޯ ޖަހައިލުމަށްފަހު ގޮނޑިތަކުގައި ހަމަޖެހިލި ވަގުތު ޑަކްޓަރު ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެ ތިންމީހުންގެ މޫނަށް ބަލައިލިއެވެ.

"އަޅުގަނޑު ދޭން އޮތް ދެ ހަބަރުގެ ތެރެއިން އެއް ހަބަރަކީ އުފާވެރި ހަބަރަކަށްވިޔަސް ދެން އޮތް ހަބަރަކީ އެހާ އުފާވެރި ހަބަރަކަށް ނުވެދާނެ. ތިޔަބޭފުޅުންގެ މޫނުމަތިން ފެންނަ ކަންބޮޑުވުމަށް ލުޔެއް ލިބިދާނެކަމުގެ އުއްމީދުގައި ފުރަތަމަ އުފާވެރި ހަބަރުން ފަށައިގަންނާނަން"

ޑަކްޓަރުގެ ވާހަކަތައް އަޑުއެހުމަށްޓަކައި އެމީހުން ތިބީ ނޭވާ ހިފަހައްޓައިލައިގެނެވެ.

"ރިއާންގެ ހަށިގަނޑަށް ލިބީފައިވާ ޒަހަމްތަކަށް ބެލުމަށްފަހު ޑަކްޓަރުންނަށް ވަނީ ހަށިގަނޑުގެ މުހިއްމު ހުރިހާ ގުނަވަންތަކެއް ސަލާމަތްކުރެވިފަ. ބޮޑަށް ބުރަވެވެނީ އެ ހަމަލާ ދިން ބަޔަކު ބޭނުންވީ ފުރާނަ ދުއްވާލުމަށްވުރެން ބޮޑަށް ރިއާންގެ ހަށިގަނޑަށް އުމުރު ދުވަހުގެ ގެއްލުމެއް ދޭން ކަމުގައި. ފުރާނަ ދުއްވާލުމުގެ ނިޔަތުގައި ފަހަތުން އައިސް ވަޅިން ދޭ ހަމަލާތައް ގިނަފަހަރަށް އަމާޒު ކުރެވެނީ ކަރަށް" މިފަހަރު ވާހަކަދެއްކީ އެތަނުގައި ހުރި ފުލުސް އޮފިސަރެކެވެ.

"އުމުރު ދުވަހުގެ ގެއްލުމެކޭ މި ބުނަނީ ހަޤީޤަތުގައި ރިއާންގެ ހަށިގަނޑަށް އެންމެ ފުންކޮށް ދީފައިވާ ހަމަލާ އަމާޒުވެފައިވަަނީ މައިބަދައާއި ދިމާލަށް." ޑަކްޓަރުގެ ވާހަކައިން ޒީވާއަށް ލިބުނު ސިހުމުގައި އަނގަމަތީގައި އަތް އަޅައިލެވުނެވެ.

"ސެންޓިމީޓަރެެއްހާ ކުޑަ ތަންކޮޅަކުން ހަމަލާ ކަސިޔާރުވެފަ އިނީ.. ރިއާންއަކީ އަސްލު ވަރަށް ލަކީ ޕޭޝަންޓެއް.. އެ ހަމަލާ ސީދާވިނަމަ އުމުރު ދުވަހަށް ރިއާންގެ އުނަގަނޑުން ތިރި ވާގިދިޔުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތީސް. ނަމަވެސް އިރާދަ ކުރެއްވީތީ މި ކުރެވުނު ހަތަރު ގަޑިއިރުގެ އޮޕަރޭޝަން ވަރަށް ކާމިޔާބު"

"އަލްހަމްދުލިއްﷲ" ޒީވާ ހިނިތުންވެލަމުން މާތްރަސްކަލާނގެއަށް ހަމްދުކުރިއެވެ.

"އެކަމަކު" މިފަހަރު ޑަކްޓަރުގެ މޫނުމައްޗަށްއެރި ހާސްކަމުގެ ކުލަވަރު ފެނުމާއެކު ޒީވާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. "ރިއާން ހޭ އަރާނެ ކަމުގެ އުއްމީދު ވަރަށްކުޑަ. ބޮލަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ކޯމާއަކަށް ދިޔުމުގެ ވަރަށްބޮޑު ފުރުސަތެއް އެބައޮތް" ޑަކްޓަރު އެންމެ ފަހުން ބުނެލި ބަސްތަކުން އެތަނުގައި ބޮމެެއް ގޮއްވައިލެވުނު ކަހަލައެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

 1. ދެންރިއާން ހޭއަރާއިރުއޮންނާނީ ޒީމަތިން ހަނދާންނެތިފަ ކަންނޭނގެ
  އެކަމް އެހެންނުވިއްޔާ ކިތަންމެހާވެސް ރަނގަޅު ބައެއްވާހަކަތަކުގަ
  ވާގޮތްވީމަމިބުނީ އަސްލު އެކަމްލިޔާކުއްޖާޔަށްދޯ އިނގޭނީދޯލިޔާނެގޮތް
  އަހަރެންގެ އެދުމަކީ ތަންކޮޅެއް އަވަހަށް ވާހަކަ އަޕްލޯޑް
  ކޮށްދިނުން.ވާހަކަ ވަރަށް ރީތި.

  1. ޒީ… ހިތްވަރު ކުރޭ. ރިއާން ކޮންމެހާލެއްގަ އޮތަސް ޒީ ބަލާނެކަން އިނގޭ. އަދި ކާމިޔާބު ވާނެ. ރީތި މިބައިވެސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *