8 ފެބުރުވަރީ 2025

ހިތް އެދޭހާ ކަމެއް.. (44 ވަނަބައި)

މިނެޓެއްހާއިރަށް ދެމިގެންދިޔަ އެ ވަގުތުކޮޅަށްފަހު ދެމީހުން އެކަކުއަނެކަކާ ދުރުވެލިއިރު އެދެމީހުންނަށް ދިޔައީ މާނޭވާ ލެވެމުންނެވެ. ހިނދުކޮޅެއްގެ މަޑުޖެހިލުމަށްފަހު ޒީވާ އެކަން ތަކުރާރުކޮށްލުމަށްޓަކައި އަނެއްކާވެސް ރިއާންއާ ގާތްވެލިއެވެ. އެހެނަސް މިފަހަރު ރިއާންގެ ހަރަކާތްތައް ތަފާތެވެ. ޒީވާ ބޭނުންވި ފުރުސަތު ނުދިނުމަށްޓަކައި ރިއާން މޫނު އަނބުރައިލިއެވެ.

ޒީވާއަށް ހީވީ މީހަކު އޭނާގެ މޭގައި އަތްއަޅައި ޗިސްކޮށްލިހެނެވެ. އެ މޭގެ ތެރޭގައިވާ ހިތް ފިއްތައިލިހެނެވެ. ރިއާން އެފަދަ ގޮތަކަށް ކަންތައް ކުރަންވީ ސަބަބެއް އޭނާއަކަށް ހަމަހިލާ ނުވިސްނުނެވެ. ކުރިން ދުވަހަކުވެސް އޭނާގެ ހިތުގައި ޖެހިފަައިނުވާ މިންވަރަށް ރިއާންގެ އެ ހަރަކާތައެކު އޭނާގެ ހިތުގައި ޖެހުނެވެ. އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތައް އޭނާގެ ހިތްވަރުގެ މައްޗަށް ގަދަވެގަތުމަށްޓަކައި ހަނގުރާމަފެށިއެވެ. އެ ހަނގުރާމައިގައި އެ ކަރުނަތަކަށް ކާމިޔާބު ލިބިދާނެހެން ހީވާން ފެށުމާއެކު ޒީވާ އެތަނުން ދުރަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް ހުއްޓުނީ އެވަގުތު ރިއާން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ޒީވާއަށް ކެތްކޮށްލެވުނީ އެހާވަރަށެވެ. ދެތުންފަތް ފޫއަޅުވައިލައި ނުކުތް ޒީވާގެ ގިސްލުމުގެ އަޑު ރިއާންގެ ކަންފަތުގައި ޖެހުނެވެ. އެ އަޑު ހިންދައިލުމަށްޓަކައި ޒީވާ ތިރީ ތުންފަތުގައި ދަތްއަޅައިލިއެވެ. އެހެނެއްކަމަކު އޭނާ ހިފަހައްޓަމުންދިޔަ ކަރުނަތައް އޭނާއަށް ބޭވަފާތެރިވިއެވެ. އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ. ޒީވާއަށް ހަމަރަނގަޅަށްވެސް ރޮވެން ފެށުނެވެ. ރިއާންގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަންނަން އުޅުނެވެ. ރިއާން އޭނާއަކަށް އެ ފުރުސަތެއް ނުދިނެވެ.

"އައިމް ސޮރީ.. ޕްލީޒް ދޫކުރޭ" ރިއާންއަށް ފުރަގަސްދީގެން ހުރެ ޒީވާ ބުންޏެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލި މަންޒަރު ޒީވާއަށް ނުފެނުނު ކަމުގައިވިޔަސް އޭނާގެ އަތަށް ދޫ ނުދިނުމުން ޒީވާއަށް ރިއާން އެއަތުން ދޫކޮށްލުމުގެ ހިޔާލެއް ނުގެންގުޅޭކަން އެނގުނެވެ.

"ރިއާން ތިހާލުގަ އަމިއްލައަށް ދޫކޮށްލާފަ ދިޔުމުގެ އެއްވެސް ވިސްނުމެއް އަހަރެންގެ ނެތް.. ރިއާން ކަންބޮޑުވަނީ އެކަމާ ކަމުގައި ވަނީނަމަ ކަންބޮޑުނުވޭ. އަހަރެން ހުންނާނަން. އެކަމަކު މިރޭ އަހަރެންނަކަށް މިތާކު ނުހުރެވޭނެ. މިރޭ އަހަރެން ވަރަށް ދެރަވެ ލަދުގަނެއްޖެ. އަސްލު ރިއާންގެ ނުރުހުމުގަ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން- މިއޮއް ހުރިހާދުވަހު އަހަރެން ހީކުރީ އަހަރެން ރިއާންއަށް ހުރިހާ ކަމެއް ފުރިހަމަވާނެ އިތުރު ގޮތެއް އޮތީތީ އަހަރެންނާ ދުރުގަ ހުންނަނީ ކަމަށް. ކުރީދުވަހު ހޮސްޕިޓަލުގަ ނަޝްވާ ދެއްކި ވާހަކަތަކަށްފަހު އަހަރެންނަށް އޮޅުނީ. އަހަރެން މިރެއަށް ތައްޔާރުވިވަރު ރިއާންއަކަށް ނުފެނޭތަ؟ އެކަމަކު މިހާރު އެނގިއްޖެ މައްސަލައަކީ އަހަރެންކަން. ރިއާން އަހަރެންނާ ގާތްނުވަނީ އޭރުވެސް މިހާރުވެސް އެއްވެސް ވަރަކަށް އަހަރެންނާ ގަޔާނުވާތީކަން.. ދެން ކީއްވެތަ ތިވަރަކުން ރިއާން އެހެން އަންބަކު ނުހޯދާ ތި–"

ޒީވާގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް ރިއާން ޒީވާ އޭނާއާ ގާތަށް ދަމައިލުމުންނެވެ. ޒީވާ ދެލޯ މަރައިލީ އެދެލޮލުގައިވާ ހިތާމަ ރިއާންއަށް ފޮރުވުމަށެވެ. ރިއާން އަތުގެ ނުފުށުން ޒީވާގެ ކޯތާފަތުގައި ފިރުމައިލިއެވެ. ޒީވާ ލޯ ހުޅުވާާކަށް ގަސްތެއް ނުކުރިއެވެ. ރިއާން އެކަމަށް ފަރުވާލެއް ނުބަހައްޓައި ޒީވާގެ މޫނުގައި ބޮސްދޭންފެށިއެވެ. ޒީވާގެ ކަރުން ފެށިގެން ތިރިއަށް ރިއާންގެ ތުންފަތް ދަތުރު ކުރަންފެށިއެވެ.

"އަދިވެސް ޒީވާއަށް ހީވޭތަ އަހަރެން ގަޔާނުވާހެން؟" ރިއާން އިސްއުފުލައިލައި ޒީވާގެ މޫނަށް ބަލައިލިއެވެ. ރިއާންގެ އަޑުގައިވާ އަސަރުތައް ދޭހަކުރަން ނޭނގިފައި ޒީވާއަށް ހުރެވުނެވެ. އެ އަޑުގައި ހިތާމައިގެ އަސަރުވާހެން އޭނާއަށް ހީވީ ކީއްވެބާއެވެ؟

"ޒީވް ހަނދާން ނެތުނީތަ އެންމެ ފަހުން އަހަރެން ޒީވްއާ މިކަހަލަ ގޮތަކަށް ކައިރިވި ދުވަހު.. އެރޭ ކަން ހިނގިގޮތް؟" ރިއާން ހިންދިރުވައިލިއެވެ. އެއީ އޭނާއަކަށް ދައްކަން މާ ފަސޭހަ ވާހަކައެއް ނޫނެވެ. "އައިމް ރިއަލީ ސޮރީ.. އަހަރެން މި ހުންނަނީ ޒީވްގެ މާފު ހޯދާނެ ގޮތެއްވެސް ނުވިސްނިފަ.. ޒީވްގެ މަޢާފު އަހަރެންނަށް ނުލިބެންދެން އަނެއްކާ އެކަހަލަ ކަމެއް–"

"ރިއާން! މިހާރު ތިއީ ކޮން ވާހަކައެއް؟ ތިއީ ރިއާން ދައްކާ ބަހަނާއެއް! އެހެންނޫނަސް ރިއާން ތިހިރީ އަހަރެންނަށް އަނިޔާއެއްދެވޭވަރު ހާލަތެއްގައެއް ނޫނެއްނު" ރިއާންގެ ވާހަކަ ޒީވާ މެދުކަނޑައިލިއެވެ. ރިއާންއަށް ޒީވާގެ ވާހަކަ ނަގައިގަންނާނެ ގޮތެއް ނޭނގިފައި ހުރިހެން ހީވެ ޒީވާ ރިއާންގެ މޫނުގައި ދެ އަތުން ހިފަހައްޓައިލިއެވެ.

"ޔެސް ރިއާން. އައި ފޮރގިވް ޔޫ" ޒީވާ ޔަގީންކަންދިނެވެ. ރިއާންއަށް ހުރީ ގަބޫލު ނުކުރެވިފައެވެ. ޒީވާއަކީ އެހާ ހިތްހަރު ކުއްޖެއް ނޫންކަން އެނގިހުރެވެސް އެ ފޯނުކޯލަށްފަހު އޭނާއަށް އިތުރަށް މަޢާފަށް އެދެން ނުކެރިފައިހުރީ ކަމުގެ ބޮޑުމިނަށް ވިސްނާލުމަށްފަހުގައެވެ. އޭނާގެ ހާލަތައް ހަމްދަރުދީވެ ޒީވާ މަޢާފު ކޮށްފީމޭ ބުނެފާނެކަމުގެ ބިރުގައެވެ.

"ޒީވް..ޒީވްއަށް ހަމަ ޔަގީންތަ؟ ތިއީ މިދުވަސްކޮޅު އަހަރެންނާމެދު ހަމްދަރުދީވާތީ ބުނާ އެއްޗެއް ނޫންތަ؟" ރިއާންއަކަށް އަދިވެސް އެވާހަކަ ގަބޫލެއް ނުކުރެވެއެވެ.

"ރިއާން ބުނެބަލަ؟ އަހަރެން ރިއާންދެކެ އިންތިހާއަށް ލޯބިވޭ.. އެނގޭ ރިއާންއަށްވެސް ކަންތައް ކުރެވުނު ގޮތާމެދު ދެރަވެފަ ހުރިކަން. ދެން އަހަރެންނަށް ރިއާންއަށް މާފުނުކޮށް ހުރެވޭނީ ކިހާ ދުވަހެއް ވަންދެން؟" ޒީވާ ބުންޏެވެ.

"އެކަމަކު އެވަރުގެ ކަމަކަށް އެހާ އަވަހަ–"

"ދެން އަހަރެން މާފު ނުކުރަންވީތަ؟" ޒީވާ ހިތްހަމަ ނުޖެހިފައި އަހައިލިއެވެ.

"ނޫނޭ. އެއްގޮތަކަށްވެސް އެހެނެއްނޫން" ރިއާން ހިނިތުންވެލިއެވެ. އަދި ލޯތްބާއެކު ޒީވާގެ މެދުހަށީގައި ހިފައި އޭނާއާ ގާތަށް ދަމައިލުމަށްފަހު އުނގުގައި ބައިންދައިލިއެވެ.

"އެހެންވިއްޔާ ބުނެބަލަ. ކިހާ ވަރަކަށް މި ރެއަށް ތައްޔާރުވިންތަ؟" ރިއާން ޒީވާގެ ކަނދުރާގައި މޫނު ފޮރުވައިލަމުން ދިމާކުރުމުގެ ރާގެެއްގައި އަހައިލިއެވެ. ޒީވާގެ މޫނަށް ލަދުން ޖަންބުކުލަ އަރައިގެން ދިޔައެވެ. ރިއާންއަށް އެކަންވީ އޭނާ ގަޔާވާ ހިތްގައިމު ކަމަކަށެވެ. އިތުރަށް ޒީވާ ލަދުން މޯޅިކޮށްލަން ބޭނުންވިއެވެ.

"ޒީވާ ތި ހެދުމުގަ ހުރެ މިކޮޓަރިއަށް ވަނީއްސުރެން އަހަރެންނަށް މި ވަމުންދާ ގޮތް އެނގެން ބޭނުންވޭތަ؟ އިތުރަށް އެންމެ ހިނދުކޮޅަކަށް ދުރުގަ ހުރި ނަމަވެސް އަހަރެންގެ ހަމަބުއްދިއާމެދު ސުވާލު އުފައްދާވަރަށް އަހަރެންގެ ހާލަތު ދިޔައީސް ކަންނޭނގެ" ޒީވާ ލައިގެންހުރި ޖެކެޓު އެހަށިގަނޑާއި ވަކިކޮށްލަމުން ރިއާން ޒީވާގެ ކަންފަތްދޮށުގައި ބުނެލިއެވެ. އެވަގުތު ޒީވާގެ އަޑުން އިވިގެންދިޔަ ލައްޒަތުގެ މަޑު އާހާއެކު ރިއާންގެ ހަށިގަނޑުގެ ހިއްސުތައްވެސް އުޅާހަށް ދެމިލިކަހަލައެވެ. އޭނާގެ ހަރަކާތްތައް އަވަަސްވާން ފެށިއެވެ. އެއިން ކޮންމެ ހަރަކާތަކަށް ޒީވާގެ ހަށިގަނޑު ހޭލަންފަށައިފިއެވެ.

ރިއާންގެ ހާލަތައް ބަލައި ހުރެދާނެ ދަތިތަށް ވިސްނި ޒީވާ އިސްނަގަަައި އެހަރަކާތްތަކުގެ ލަގަނާ ހަވާލުވިއެވެ. ރިއާންގެ ކޮނޑުގައި އަތްއަޅައި އެނދަށް ވައްޓައިލިއެވެ. ރިއާންގެ ބުރަކަށި އެނދުގެ މަޑުތަންމަތީގައި ޖެހުމާއެކު ރިއާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ބަލާކަށް ނުހުރެ ޒީވާގެ އަތަށް ދަމައިގަންނަމުން ޒީވާ އޭނާގެ ގައިމައްޗަށް ވައްޓައިލިއެވެ.
ދެމަފިރިންގެ ސަކަރާތާއި ލޯބީގެ ތެރޭގައި އެ ދެމެދުގައިވި ބީރައްޓެހިކަމާއި ލަދުގެ ފަރުދާވެސް ކެހިގެން ހިނގައްޖެއެވެ. ކުރިން ދުވަހަކުވެސް އިހުސާސް ކުރެވިފައި ނުވާފަދަ މަސްތީ އުފާތަކުން އެ ދެހިތް ފުރި ބަންޑުންވާން ފަށައިފިއެވެ. ކައިވެނީގެ ފޮނިމީރުކަމުގައި ދެހިތް ހުޅުދާން ވާންފަށައިފިއެވެ.

****************

"ވަރަށް އުފާވެއްޖެ މިހާ ދުވަހަށްފަހު ހީވެސް ނުކޮށް ހުއްޓާ ޝައިނާ މިކޮޅަށް އައިސްލީމަ.. ސެޝަންގެ ތެރެއިން މެރީކުރި ވާހަކަ ބުނީމަ އެނގިއްޖެ ވެޑިންގެ ކަންތައްތަކާ ބިޒީ ވެގެންކަން ނާދެވުނީ" ހޮސްޕިޓަލުގެ ކައުންސެލިންގް ރޫމެއްގައި އިން ޑޮކްޓަރު އައުފާ ސެޝަން ނިންމައިލުމަށްފަހު ކުރިމަތީގައި އިން ޝައިނާއަށް ބުނެލިއެވެ.

ޝައިނާ ހިނިތުންވެލަމުން އައިސް އައުފާގެ ގޮނޑި ކައިރީގައި އިށީނެވެ. އަދި އޭނާ ގެނައި ހަދިޔާ ކޮތަޅު އެތަނުގައި ހުރި ތިރި މޭޒުމަތީގައި ބަހައްޓައިލިއެވެ. އެއަށްފަހު 7 މަހަށްދާ އައުފާގެ ބަނޑުގައި ފިރުމައިލިއެވެ.

"ޕްރެގްނަންޓް އިރު މަންމިއަށް ރެސްޓް ދޭން ވާނެއްނު ދޯ ބޭބީ" ޝައިނާ އައުފާގެ ބަނޑާ ދިމާލަށް ގުދުވެލުމަށްފަހު ބުންޏެވެ. އައުފާއަށް އެކަން މަޖާވެ ހޭން ފެށިއެވެ. "ކޮން އިރަކުންތަ ޗުއްޓީއަށް ދަނީ؟" ޝައިނާ އިސް އުފުލައިލައި އައުފާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.

"އަންނަ މަސް ފެށޭ ހިސާބުގަ ދާގޮތަށް މެޓަރނިޓީ ލީވް ނިމުނީމަ ދެން އަންނާނީ. އެކަމަކު ދެން މިފަހަރު ވިހެއިމަ ދެކުދިންނަށް ވީ. އަދި އަނެއް ކުއްޖާވެސް ވަރަށް ކުޑަ. ފަހަރެއްގާ ކެރިއަރ އިން ބްރޭކެއް ނަގަންވެސް އެބަ ވިސްނަން. ޝައިނާ އެކަމަކު ހާސް ނުވައްޗޭ! އެނގޭ މިހާރު މެރީކޮށްގެން އުޅެންޏާ ހަޒްބަންޑްގެ ފަރާތުންވެސް އިމޯޝަނަލް ސަޕޯރޓް ލިބޭނެކަން. އެކަމަކު ކައިވެންޏަކީވެސް ފާޑެއްގެ އެއްޗެއް. ފިރިމީހާގެ ފަރާތުންވެސް ހިތްހަމަ ނުޖެހޭ ކަމެއް ފެނި ޝައިނާއަށް އަހަރެންގެ އެހީއެއް ބޭނުންވާ ދުވަހަކުން އަހަރެން އަބަދުވެސް ހުންނާނީ ހަމަ އެންމެ ކޯލެއްގެ ދުރުގަ" އައުފާގެ ވާހަކައަށް ޝައިނާ ބޯ ޖަހައިލިއެވެ.

"ބޭބީ ވިހެއުމަށްފަހު އައުވެސް ގުޅާލައްޗޭ.. އަހަރެން ބޭނުންވާނެ ވިޒިޓް ކޮށްލަން." ޝައިނާ ބުންޏެވެ. އެ މޫނުގައިވާ ހިތާމައިގެ އަސަރު އައުފާއަކަށް ސިއްރެއް ނުވިއެވެ. އޭނާއަށް އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުވެސް ރަނގަޅަށް އެނގެއެވެ.

"ދެން ޝައިނާ. މާ ބޮޑަށް ނުވިސްނަބަލަ. އިރާދަކުރެއްވިއްޔާ ޝައިނާއަށްވެސް ބޭސް ހުއްޓާލާފަ ބޭބީ އަކަށް ޓްރައި ކުރެވިދާނެއެއްނު. އަޅެ ޑޮކްޓަރާ ވާހަކަ ދައްކާލަބަލަ. ގައިމުވެސް އަހަރެންނަށް ފެންނަގޮތުގަ ޝައިނާ މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ." އައުފާ ބެލީ ތެރަޕިސްޓަކަށްވުރެން ބޮޑަށް ރަޙްމަތްތެރިއެއްގެ ގޮތުގައި ޝައިނާއާ ވާހަކަ ދެއްކޭތޯއެވެ.

"ހްމްމް އެނގޭ. އެކަމަކު އަހަރެން ބިރުގަންނަނީ." ޝައިނާ ބުންޏެވެ.

އައުފާ ފުންނޭވާއެއް ދޫކޮށްލިއެވެ. ޝައިނާގެ ބިރު އެއްފަރާތެއްގައި ބޭއްވުމަށްފަހު ޝައިނާގެ ފިރިމީހާވެސް އެފަދަ ހިރާސްބޮޑު ކަމަކަށް އެއްބަސްވެދާނެ ކަމާމެދު އޭނާއަށް ޝައްކެވެ. ޝައިނާ ދެއްކި ވާހަކަތަކުންވެސް އޭނާއަށް އެމީހަކު ޝައިނާދެކެ ލޯބިވާވަރު ވަނީ އެނގިފައެވެ. ޝައިނާގެ ފުރާނައަށް ނުރައްކާވާކަހަލަ ގޮތަކަށް ރާހިލް ނިންމުމެއް ނިންމައިފާނެއޭ އޭނާގެ ހިތެއް ނުބުނެއެވެ. އެހެންކަމުން އައުފާ ދެން އިތުރަށް އެވާހަކަ ދައްކާކަށް ނޫޅުނެވެ.

އައުފާއާއެކު އޮތް ސެޝަން ނިންމައިލުމަށްފަހު ޝައިނާ ހޮސްޕިޓަލުން ނުކުމެ ޝިމާންއަށް ފޯނުކުރިއެވެ. އާދައިގެ މަތިން ޝިމާން ދެތިން ރިންގާއެކު ފޯނު ނެގިއެވެ.

"ހަލޯ މި ކައިރިކޮށްލީ. ހަމަ މިނެޓެއް ވާނީ" ޝިމާން ފޯނަށް ޖަވާބު ދިންގޮތަށް ބުންޏެވެ. ދެން ފެނިގެންދިޔައީ އެ ބުނެވުނު ބަހާ އެއްގޮތަށް މިނެޓެއްހާއިރުތެރޭ ޝިމާން އައިސް ޝައިނާގެ ކުރިމައްޗަށް ސައިކަލު ހުއްޓައިލި ތަނެވެ.

ޝައިނާ ސައިކަލަށް އެރުމާއެކު ޝިމާން މިސްރާބުޖެހީ ގެއާ ދިމާލަށެވެ. އާދައިގެ މަތިން ސައިކަލުގައި ތިބި އިރު އެކި ކަންކަމާމެދު ވާހަކަ ދައްކަމުންދިޔައެވެ. މިގޮތުން ގޭގެ މަގާ އަރައި ހަމަވިތަނާހެން ޝައިނާގެ ހިޔާލު ބަދަލުވެ ޝިމާންއާ ސުވާލެއް ކޮށްލިއެވެ.

"ޝިމާން ކައިފިންތަ؟"

"ނޫން. ދެން ގެއަށް ގޮސްފައެއްނު ކާނީ." ޝިމާން އާދައިގެ ރާގެއްގައި ބުނެލިއެވެ.

"ގެއަކުން ނޫން.. ހިނގާބަލަ ބޭރަށް ކާން ޖައްސާލަން. އާ ރެސްޓޯރެންޓެއް ކަހަލަ ތަނެއްވެސް ނުހުޅުވާތަ؟" ޝައިނާގެ ސުވާލާއެކު ޝިމާންއަށް ސައިކަލު މަޑުކޮށްލެވުނެވެ.

"ކިހިނެއްވީ؟" ޝައިނާ އަހައިލިއެވެ. ޝިމާން ކަމެއްނުވެޔޭ ބުނާފަދަ ގޮތަކަށް ދެކޮޅަށް ބޯ ހޫރައިލުމަށްފަހު އަނެއްކާވެސް ސައިކަލު ދުއްވާލިއެވެ.

"ސިސް އެހެން ބުނި އަޑު އިވުނީ ރަނގަޅަށްތޯ ޔަގީން ކޮށްލީ. އާން އެހެނެއްނު ވާނީ. މިނޫނިއްޔާ އަހަރެން ބޭރަށް ކާންދާން އާދޭސްކުރިޔަސް ބުނާނެ ވިއްޔާ ގޭގަ ހުރީ ކައްކާފައޭ. މިއަދުވެސް ގޭގަ ކައްކާފަހުރީމަ އަހަރެން ހީކުރީ މިހާރު ސިސްވެސް މަންމަ ގޮތައް–"

ޝިމާންގެ ވާހަކަ ކުއްލިއަކަށް މެދުކެނޑުނެވެ. ޝައިނާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ވާނީވެސް އެހެންތާއެވެ. ޝިމާންގެ މައިންބަފައިން އެކްސިޑެންޓެއްގައި މަރުވި ހާދިސާއަށް މިހާރު އަށްމަސް ފާއިތުވެފައިވާއިރު މިއީ އޭނާއަށް މިދިޔަ ހައެއްކަ މަހެއްހާ ދުވަސްތެރޭ ޝިމާން އެއިން މީހެއްގެ ވާހަކަ ދެއްކި އަޑު އިވުނު ފުރަތަމަ ފަހަރެވެ. އިޚްތިޔާރަކާނުލައި ޝައިނާގެ ދެލޯ ފެންކަޅިވިއެވެ. އެދެމީހުންގެ މަތިން ހަނދާންވި ނަމަވެސް މިފަހަރު އޭނާގެ ހިތް ބޮޑަށް ރޯލީ ޔަތީމު ޝިމާންއަށް ވިސްނައިލުމަށްފަހުގައެވެ. އެވާހަކަތައް ނުދެއްކި ކަމުގައިވިޔަސް ޝަފިއްޔާމެން ނެތުމުގެ ފަޅުކަން ޝިމާންއަށް އިހުސާސް ކުރެވޭކަން ޝައިނާ ދެނެހުއްޓެވެ.

"ކޮން.. ކޮން ތާކަށްތަ ދާނީ؟ ސިސް ބުނެބަލަ" ޝިމާން ކަރުކެހިލަމުން ވާހަކަ ދެއްކިއެވެ. މޭގައި އުފެދުނު ދިލަން ފިލުވައިލުމަށްޓަކައި ހިންދިރުވައިލިއެވެ.

"ޝިމާން ބޭނުން ތަނެއް ރަނގަޅުވާނެ. އަހަރެން ދޭނަން"

ޝައިނާ ގޮވައިގެން މާލޭގެ އެކި މަގުތަކުގައި ދުއްވުމަށްފަހު އެންމެ ފަހުން ޝިމާންވަނީ މާލޭގެ މެދެއްހާ ހިސާބުގައި ހުންނަ އިންޑިއަން ރެސްޓޯރަންޓަކަށެވެ. ފިސާރި ރަނގަޅަށް ކައިލާނަމޭ ހިތައި ބޮޑު ބިރިޔާންޏަކަށް އޯޑަރު ދިނުމަށްފަހު ހަމަޖެހިލި ވަގުތު ޝައިނާ ފެށި ވާހަކައިން އޭނަގެ މުޅި މޫޑު ހަރާބުވިއެވެ.

"ޝިމާން މިހާރު ނީމްއާ މާ ގާތްވެގެން ތި އުޅެނީ ކީއްވެތަ؟ އިޝްކޮއަށް އެނގިއްޖެއްޔާ ވަރަށް ދެރަވާނެ." ޝައިނާ ފެށީ ސީދާ މައުލޫއިންނެވެ.

"ކަމެއްނުވޭ. އިޝީއަށްވެސް ހަބަރުވަން. އިޝީ ސިސް ކައިރީގަ އެއްޗެކޭ ބުނީތަ؟" ޝިމާންގެ ބުމަ ގޮށްޖެހުނެވެ.

"އިޝްކޮ ނުބުންޏަސް އަހަރެންގެވެސް ދެލޯ ސަލާމަތުން އެބަހުއްޓޭ.. ޝިމާން ތި ގޮތް ދޫކޮށްލާ! ތިއީ ރަނގަޅު ގޮތެއް ނޫން! އިޝްކޮއާ އެއްކޮށް އުޅެން ބޭނުން ނެތިއްޔާވެސް އެކަން ވީހާވެސް އަވަހަކަށް ބުނަންވާނެ" ޝައިނާ ބުންޏެވެ.

"ބުނާނަން"

"ކޮން އިރަކުން؟"

"ވަރަށް އަވަހަށް"

ޝިމާންގެ ޖަވާބާއެކު ޝައިނާއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ އެވާހަކަ ދެއްކީ އެއްވެސް ހާލެއްގައި އެ ގުޅުން ކަނޑައިލުމަށް ޝިމާންއަށް ހިތްވަރުދޭކަށެއް ނޫނެވެ. ޝިމާންގެ އުޅުން އިސްލާހު ކުރޭތޯއެވެ. އެހެނަސް ކަންތައް މި ހިނގައިދިޔައީ ކިހިނެއްް ހެއްޔެވެ؟

"ޝިމާން ހަމަ އަސްލުވެސް ނީމްދެކެ ލައިކް ވަނީތަ؟" ޝައިނާއަށް އަހައިލެވުނެވެ.

"ވަޓްސް ނޮޓް ޓު ލައިކް؟ ލައިކް ނުވާވަރު ސިފައެއް ނެތެއްނު؟ އިޝްވާއަށްވުރެ ވަކި ހުތުރީތަ؟ އުޅުން ގޯހީތަ؟ އަހަރެންނަށް ނީމް މާ ބޮޑަށްވެސް ކަމުދޭ" ޝިމާން ބުންޏެވެ.

ޝައިނާއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭރު ކުރިމަތީގައި އިން ޝިމާން ފާޑަކަށް އިސްޖަހައިލައިގެން ފޯނާ ކުޅެން އިނެވެ. އިޝްވާއާ ދޭތެރޭ އެފަދަ މޭރުމަކުން ވާހަކަ ދެއްކުމަކީ އޭނާއަށްވެސް އުނދަގޫ ކަމެކެވެ. ނަމަވެސް އޭނާ އިޝްވާއާ ވަކިވުމުގެ ސިއްރުވަނީ އޭނާގެ ހިތުތެރޭގައި ފޮރުވައިފައެވެ. އެކަމުގެ ސަބަބަކީ ހަމައެކަނި ނީމްއެއް ނޫނެވެ. ނީމްއާ ދިމާވުމުގެ މާ ކުރިއްސުރެންވެސް އޭނާ ދިޔައީ އެދުވަހަށް ތައްޔާރުވަމުންނެވެ.

"ދެން ކޮން އިރަކުންތަ މިކަންތައް ނިމެނީ؟" ތަނަށް ވެރިވެފައިވި ހިމޭންކަން ފޫދުއްވައިލުމަށްޓަކައި ޝިމާން ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. ޝައިނާވެސް ފަސްއެނބުރި އެމީހުނާ ޖެހިގެން މޭޒެއް ދޫކޮށްލުމަށްފަހު އިށީނދެ އިން މީހާއަށް ބަލައިލިއެވެ. ކަޅުކުލައިގެ ގަމީސް ފަޓުލޫނުގައި އެތަނުގައި އިނީ ޝައިނާގެ ހަށިފާރާވެރިޔާއެވެ. ޝައިނާއަށް ހިސާބަކަށް ނުރުހުންވެފައި ތުން އަނބުރައިލެވުނެވެ.

"ނޭނގެ. ރާހިލް ކައިރި ބުނެގެން ދެފަހަރެއްގެ މަތިން ރިއާންގާތު އެވާހަކަ ދައްކައިފިން. އިތުރު އެއްހަފްތާ މަޑު ކުރާށޯ ބުނީ.. ދެން އަޅާނުލާ.. ތަހުގީގުވެސް ވަރަށް ބާރަށް އެބަ ކުރިއަށް ދެއެއްނު؟" ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން ޝިމާން އަނެއްކާވެސް ފޯނަށް ނަޒަރު ހުއްޓައިލިއެވެ.

****************

މެންދުރުގެ ހޫނުން ޖައްވުގައި އާވި އަރަމުންދިޔަ ވަގުތެވެ. ބެލްކަނީގެ ބިއްލޫރި ދޮރުފަތް ކަހައިލުމަށްފަހު ޒީވާ ބޭރަށް ނުކުމެލީ އެތަނަށް ތިރިކުރަމުންދިޔަ ކޮތަރުތަކަށް ކާންދޭނެ ހަނޑޫކޮޅެއް ހިފައިގެންނެވެ. އަތުގައިވާ ކޮތަޅުން ހަނޑޫމުށެއް ނަގައި ބެލްކަނިން ބޭރަށް ދިއްކޮށްލުމާއެކު އެތަނަށް އައި ދެތިން ކޮތަރު ޒީވާގެ އަތަށް ތިރިކޮށްލިއެވެ. ޒީވާ ސިހިފައި ކުޑަކޮށް ހަޅޭއްލަވައިގަތުމަށްފަހު ބޯޖެހިތާ ނަގޫ ޖަހަމުންއައިސް އެތެރެއަށް ވަނެވެ. އެމަންޒަރު ބަލަން އިން ރިއާން ޕަކަޕަކަލާފައި ހީގަތެވެ. އަދި އެހާމެ އަވަހަށް ހުނުން ހުއްޓާލީ ޒީވާ ބުމަ ގޮށްޖަހައިލުމަށްފަހު ރިއާންއަށް ލޯ އަޅައިލުމުންނެވެ.

"ކީއްވެ ހެނީ؟" ޒީވާ އަހައިިލިއެވެ.

"ކާކު؟ އަހަރެންނެއް ނުހެން؟ އަނެއްކާ ކިހިނެއްވީ؟" ރިއާން ދުރު ބަލައިލަމުން ކަމެއް ނުފެންނަ ކަމަށް ހެދުނެވެ. ނަމަވެސް އޭނާއަށް އެގޮތުގައި ކެތްކޮށްލެވުނީ އިރުކޮޅަކަށެވެ. ޒީވާ އުޅުނުގޮތް ހަނދާންވުމާއެކު އަނެއްކާވެސް ޕަކަޕަކަލާފައި ހޭންފެށިއެވެ.

"ދެން ރިއާން!" ޒީވާ ރާގެއްލައިފައި ރިއާންއަށް ގޮވައިލިއެވެ.

"ވަރަށް ފޫހިވޭ.. އެ އެއްޗެހި ބަނޑުހައިވެގެން އުޅޭހެން ހީވާތީ އަހަރެން އެވަރަކުން ކާންދޭން ނުކުތީވެސް" ޒީވާ އައިސް ރިއާންއާ ޖެހިގެން ކަހަލަ ގޮތަކަށް ސޯފާގައި އިށީނދެ ރިއާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

"ބަނޑުހައިވަނީ ހަމައެކަނި ކޮތަރުތަ؟ އަހަރެން މިހާރު ތިބުނާ ކޭކެއްގެ އިންތިޒާރުގަ އިނދެ އިނދެ ބަނޑުން އަޑުކިޔަން ފަށައިފި"

"އޯހް ނޯ" ކުއްލިއަކަށް ޒީވާއަށް ކަށްޓެއް ޖެހިފަދައިން އިންތަނުން ތެދުވެވުނެވެ. ޒީވާއަށް އެވީގޮތެއް ނޭނގިފައިހުރެ ރިއާންއަށް ޒީވާއާ ދިމާލަށް ބަލައިލެވުނެވެ.

"އަޅެ ކޭކު" ޒީވާ ނޭފަތް ދަމައިލުމަށްފަހު އަވަސް އަވަހަށް ބަދިގޭގައިހުރި އަވަނާ ދިމާލަށް ދުއްވައިގަތެވެ.

ރިއާންވެސް އިންތަނުން ތެދުވެ އެއްއަތުގައިވާ އަސައެއްގެ އެހީގައި ލަސްފިޔަވަޅުތަކެއް އަޅަމުން ޒީވާގެ ފަހަތުން ގޮސް ކިޗަން އައިލެންޑް ކައިރިއަށް ހުއްޓިލިއެވެ. އޭރު ޒީވާ އަވަނުން ނެގި ކޭކު އެތަނުގެ މަތީގައި ބަހައްޓައިލަނީއެވެ. ރިއާންއަށް ވާނުވާ ނޭނގިފައިހުރެ ޓްރޭގައިހުރި ކަޅުކުލައިގެ ކޭކަށް ބަލަހައްޓައިގެން ހުރެވުނެވެ. މިއީ އޭނާއަށް މިއިން ޒަމާނަކުވެސް ފެނިފައިވާ ޒާތެއްގެ ކޭކެއް ނޫނެވެ. އަނެއްކާ މިއީ ކޮންކަހަލަ–

ކުއްލިއަކަށް ރިއާންގެ ދެބުމަ ހިއްލިގެންދިޔަ ގޮތުން އޭނާއަށް ވާނުވާ ރޭކައިލައިފިކަން ކަށަވަރުވިއެވެ. މަޑުމަޑުން އިސް އުފުލައިލައި ޒީވާއަށް ބަލައިލިއިރު ޒީވާ ތުން ބިންދައިގެން ހުރިގޮތުން ހީވީ ދެންމެ ދެންމެ ރޮއެގެންފާނެހެނެވެ. އެހެންކަމުން ރިއާންއަށް ހިނިގަނޑު ހިފަހައްޓާލަން މަޖުބޫރުވެ ތުން ބައްދައިލަމުން ދުރުދުރަށް ކަޅިއެއްލަން ފެށިއެވެ. މިފަހަރުވެސް އޭނާއަށް އެގޮތުގައި ކެތްކޮށްލެވުނީ މަދު ސިކުންތުކޮޅެކެވެ. ހިފަހައްޓައިގެން އުޅުނު ހިނިގަނޑު ބޭޒާރުވާން އުޅޭކަން އެނގި އެކަން ސިއްރު ކުރުމަށްޓަކައި ގަދަކަމުން ކެއްސައިލިއެވެ. އަދި އުނދަގުލުން ނަމަވެސް އެތަނުގައި ހުރި އުސް ގޮނޑިއެއްގައި އިށީނެވެ.

"ވަރަށް ހިނިއައިސްފަ ދޯ ތީނީ؟" ޒީވާ އަހައިލިއެވެ. ރިއާންއަށް ކެތްކޮށްލެވުނީ އެހިސާބަށެވެ. ހޭންފެށުމާއެކު ޒީވާ ބޮޑާހާކަމުން އައިސް ރިއާންގެ އަތުގައި ބޮނޑިއެއް އެޅިއެވެ.

"ކޭކު އެނދީ. ރިއާން ކީއްވެ ނުބުނީ އަނދާ ވަސް ދުވި އިރުވެސް؟" ޒީވާ ދެރަވެލާފައި ރިއާންގެ މޭގައި ލައްވެލިއެވެ.

"އަހަރެންނަށް ކިހިނެއް އެނގޭނީ ކޭކު އަނދާވަސް؟ އަހަރެން މިއީ ކޭކު އަޅާ މީހެއްވެސް ނޫނެއްނު؟ ޒީވްއަކަށްނު އެނގޭނީ" ރިއާން ލޯތްބާއެކު ޒީވާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

"އަހަރެން ރޯގާ ޖެހިފަ ހުރީމަ ވަހެއް ނުދުވާ.." ޒީވާ ރިއާންއާ ދުރުވެލަމުން ބުންޏެވެ.

"އެއީ މައްސަލައެއް ނޫނޭ ޒީވް.. އެއްޗެއް ހުންނަގޮތަކުން އެ އެއްޗަކުން ލާނެ ރަހައެއް ނޭނގޭނެއެއްނު" ރިއާން ކައިރީގައިހުރި އުލާއި ސަމްސާ އަޅުވާފައިހުރި ސެޓުން އުލެއް ނަގައި ކޭކަށް ހަރައިލިއެވެ.

"ނޯ ރިއާން ހޫނު… ވާ… ނެ" ޒީވާގެ ވާހަކަ ނުނިމެންދެން ރިއާން އެ އުލުން ނެގި ކޭކުފޮއްޗެއް އަނގައަށް ލައިފިއެވެ. އެއާއެކު ރިއާންގެ ދެލޯ ތަލައަށް އެރިއެވެ. ހީވީ އަނގައިގައި އަނގުރު އަލިފާންގަނޑެއް ޖެހުނުހެނެވެ. އޭނާގެ ދޫ ހަމަ ރަނގަޅަށްވެސް ފިހުނެވެ. ޗޫސްދަމަން ފެށުމާއެކު ޒީވާ އަވަސްވެގަތީ ފިނި ފެންތައްޓެއް ރިއާންއަށް ގެނެސްދިނުމަށެވެ. ރިއާން އެއްނޭވާއިން އެ ފެންތަށި ހުސްކޮށްލިއެވެ. އޭގައިހުރި ފިނިކަމުގެ އަސަރު އަނގައިގެ ތެރެއަށް ބާރު ހިންގައިލިއެވެ. ނަގަމުންއައި ދިލައަށް ލުއިކަމެއް ލިބުނެވެ.

"މިހާރު އޯކޭތަ؟" ރިއާންގެ ހަރަކާތްތަށް ހަމަޖެހުނުހެން ހީވެ ޒީވާ އަހައިލިއެވެ. ރިއާން މަޑުމަޑުން ބޯ ހޫރައިލިއެވެ.

"އަޅޭ ދެން ކިހިނެއް ހަދާ–"

ޒީވާގެ ވާހަކަ މެދުކެނޑުނީ ރިއާން ކުއްލިއަކަށް ޒީވާގެ އަތުގައި ހިފައި މަގަތަށް ދަމައިލުމަށްފަހު ޒީވާގެ ތުންފަތުގައި ބޮސްދިނުމުންނެވެ.

"މަޗް ބެޓަރ" ރިއާން މަޑުމަޑުން ބުނެލިއެވެ. ޒީވާއަށް ސިހިފައި ދުރަށް ޖެހިލެވުނު ނަމަވެސް ރިއާން އެކަމަށް ޖާގައެއް ނުދިނެވެ. ދެމަފިރިންނަށް އެލޯބީގެ ވަގުތުކޮޅުގެ ތެރެއަށް ޢަރަގުވެފައި ތިބެވުނީ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލައި އެތެރެއަށް ވަދެގެން އައި މީހުންގެ ފިޔަވަޅުތަކުގެ އަޑުވެސް ނީވޭ މިންވަރަށެވެ.

"ފޯރ ދަ ލަވް އޮފް ގޯޑް! ގެޓް އަ ރޫމް!" ކުއްލިއަކަށް އިވިގެންދިޔަ ރާހިލްގެ އަޑަށް ޒީވާއާ ރިއާން ސިހިފައި ދުރަށް ޖެހިލިއެވެ. އޭރު އެމީހުންނާ ދިހަވަރަކަށް ފޫޓު ދުރުގައި އަނެއްފަރާތައް އެނބުރި ދެލޮލުގައި އަތް އަޅައިގެންހުރި ރާހިލް އެމީހުންނަށް ފެނުނެވެ. ރާހިލްއާއެކު އިތުރު ދެމީހަކު ހުރިއިރު އެދެމީހުންވެސް ތިބީ މިހާރު ރިއާންމެންނަށް ފުރަގަސްދީގެނެވެ.

"މިއީ އަހަރެންގެ އަމިއްލަ ގެއޭ.. އެހެންނޫނަސް ބެލް ހުންނާނީ ބޭނުމެއްގަ!" ރިއާން ރައްދުދިނެވެ.

ޒީވާގެ މޫނަށް ލަދުން ޖަންބުކުލަ އަރައިގެން ދިޔައެވެ. އިތުރަށް އެތަނުގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރާކަށް ނޫޅުނެވެ. އިސްއުފުލައި އެތަނުގައި ތިބި މީހުނަށް ބަލައިލުމެއްވެސް ނެތި ދުވެފައިގޮސްވަނީ ކޮޓަރިއަށެވެ. ޒީވާ ދިޔުމާއެކު އެމީހުން އައިސް ރިއާންގާތަށް ހުއްޓިލިއެވެ. ރާހިލްއަށް އައިލަންޑް މަތީގައިހުރި ކޭކު ޓްރޭ ފެނުމާއެކު ސުވާލު އުފެދިފައި ރިއާންއަށް ބަލައިލިއެވެ.

"ތިވާހަކަ ނުދައްކާ.. ދީބަލަ ވޮލެޓު" އެ ކޭކު ފެނުމާއެކު ރާހިލްގެ މޫނުމައްޗަށް އަރައި ފައިބައިގެންދިޔަ ކުލަވަރު ފެނުމާއެކު ރިއާން ބުންޏެވެ.

"އެ ކީއްކުރަން؟" ރާހިލް ސުވާލުކުރިއެވެ.

"ތި ދީބަލަ. އަހަރެން ވަގަށް ނަގާވަރު އެއްޗެއް ތި ވޮލެޓަކު ނޯންނާނޭ" ރިއާން ރާހިލްގެ އަތުން ވޮލެޓު ޖަހައިގަތެވެ. އަދި ވޮލެޓު ހުޅުވައިލުމަށްފަހު ރިއާންގެ އެޕަރޓްމެންޓަށް ވަނުމަށް ރާހިލްއަށް ދީފައި އޮންނަ ކީކާޑު ނަގައި ދުރުގައި ބާއްވައިލިއެވެ.

"ތިއީ ކޮންކަމެއް؟" ރާހިލް ހިތްހަމަނުޖެހުނެވެ.

"އަހަރެން ރާހިލްއަށް ދިން އެއްޗެއް އަހަރެން ބޭނުންވީމާ އަތުލުމަކުން ގޯހެއް ނެތެއްނު؟ އެހެންނޫނަސް މިއީ މިހާރު އަހަރެން އެކަނި އުޅޭ ތަނެއްނޫން. ބޭނުން އިރަކު ވަންނާނެ އެކްސެސް ދީފައެއް ނުބޭއްވޭނެ" ރިއާން ބުންޏެވެ.

"ރިއަލީ؟ އަހަރެމެންގެ 20 އަހަރުވީ އެކުވެރިކަމުގެ މައްޗަށް ޒީވާތަ ތި އިސްކުރަނީ؟" ރާހިލް ފިލްމީ ރާގެއްގައި އަހައިލިއެވެ.

"ތިއީ ސުވާލެއްވެސް އޮތް ކަމެއްތަ؟" ރިއާންގެ އަޑުގައިވަނީ ހަމަޖެހުމެވެ. އެއާއެކު އެތަނުގައި ދެން ތިބި ދެމީހުން ކަމަށްވާ އާދައިގެ ހެދުމުގައިހުރި ފުލުސް އޮފިސަރުގެ އިތުރުން މޯޑުވެސް ހޭންފެށިއެވެ.

"ދެން ކިޔާބަލަ. ހިއެއްނުވޭ ޒީވް ނުކުންނާނެ ހެނެއް" ރިއާން ކޮޓަރީގެ ދޮރަށް އަވަސް ކަޅިއެއް އެއްލުމަށްފަހު އެތަނުގައި ހުރި ފުލުސް އޮފިސަރަށް ބުނެލިއެވެ. އޭނާ ކޮނޑުގައި އަޅުވައިފައި އޮތް ބެކްޕެކުން ލެޕްޓޮޕެއް ނަގައި ރިއާންގެ ކުރިމަތީގައި ބެހެެއްޓިއެވެ. އެ ލެޕްޓޮޕުން އޭނާ ހުޅުވައިލީ ރިއާންއަށް ހަމަލާދިނުމުގައި ހަރަކާތްތެރިވި ތިންމީހުންގެ މައުލޫމާތު ހިމެނޭ ފައިލްތަކެކެވެ. ރިއާން އެ ތިންމީހުންގެ ފޮޓޯތައް ބަލައިލިއެވެ. އެތަނުން ތިންވަނަ މީހާގެ ފޮޓޯ ފެނުމާއެކު ރިއާންގެ ހަރަކާތް ހުއްޓުނެވެ. ކުރިން އޭނާއަށް ފެނުނު ދެމީހުންގެ މަތިން އެއްކޮށް ހަނދާން ނެތުނުކަހަލައެވެ. ބުމަގޮށްޖަހައިލަމުން ރާހިލްއަށް ބަލައިލިއިރު ރާހިލްވެސް ހައިރާންވެފައި ރިއާންއަށް ބަލަހައްޓައިގެން ހުއްޓެވެ. އެމީހަކާގުޅޭ މާބޮޑު ތަފްސީލުތަކެއް ނޭނގުނަސް އެއީ ރާހިލްވެސް ދަންނަ މޫނެކެވެ.

"ތިއީ އަހަރުމެން ގެ ކައިރީގަ އުޅުނު–"

"ފައިސަލް" ރާހިލްގެ ވާހަކައަށް ރިއާން ބޯޖަހައިލިއެވެ.

"އޭނަ ކީއްވެ ރިއާން؟" ރާހިލްއަކަށް ނުވިސްނުނެވެ. ފައިސަލް ޒީވާއާ ދޭތެރޭ ދެކޭގޮތާއި ޒީވާއާ ދޭތެރޭ ކަންތައް ކުރިގޮތުގެ ވާހަކަތަކަކީ ރާހިލްއަށް އެކަމުގެ މާބޮޑު ހަގީގަތްތަކެއް އެނގޭ ވާހަކަތަކެއް ނޫނެވެ. އެރޭ ހޮސްޕިޓަލުގައި ޒީވާގެ މައްޗަށް އަތްގަދަކުރަން އުޅުނު މީހަކީ ފައިސަލްކަން އެނގޭ ހަމައެކަނި މީހަކަށްވެސް ހުރީ ރިއާންއެވެ. އެހިޔާލު އާވެ އެމަންޒަރުތައް ސިކުނޑިއަށް ފެނުމާއެކު ރިއާންއަށް ކަތުރު ކަށިގަނޑަށް ބާރުކޮށްލެވުނެވެ.

"އެންމެ ރަނގަޅު ދިޔަސް. އަހަރެން ގުޅާލާނަން.. އަދި ބުނަން ޒީވާއަށް މިކަމުގެ އެއްވެސް ހަބަރެއް އަންގައިގެން ނުވާނެ!" ރިއާންގެ އަޑަށް ހަރުކަށިކަން ވެރިވިއެވެ. އޭނާއަށް ހަމަލާދިން މީހަކީ ފައިސަލްކަން އެނގިއްޖެނަމަ ޒީވާއަށް ވާނެގޮތް އޭނާއަށް އަންދާޒާވެސް ކޮށްލާކަށް ނޭނގެއެވެ. މިހާރުވެސް އޭނާއާ އެރޭ  ބައްދަލުކުރަން އެއްބަސް ވެވުނީތީ ޒީވާ ދަނީ އެރޭގަ ހިނގި ހާދިސާއާމެދު އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. އެވިސްނުން އޭނާއަށް ބަދަލުކުރެވުނީ އެތަށް ދުވަހެއްގެ މަސައްކަތުންނެވެ. އިތުރަށް ޒީވާގެ ހިތުގައިވާ ލަކުނެއް އައު ކުރާކަށް ރިއާން ބޭނުމެއްނޫނެވެ.

"ޒީވާއަށް ސިއްރު ކުރަންވީ ކީއްވެ؟" ރާހިލް އަހައިލިއެވެ.

"އަހަރެން ބުނީތީ! ސުވާލެއް ނުކޮށް އެކަން ވާނެތަ؟ ރާހިލްވެސް ޒީވާއަށް އެނގެން ޖެހޭ ކިތަންމެ ކަމެއް ނާންގާ ހުންނަމެއްނު. ހަނދާންކުރާތި މިކަން ޒީވާއަށް އެނގިއްޖެއްޔާ ރާހިލްއާއި ޝައިނާގެ ކައިވެނީގެ ވާހަކަވެސް ޒީވާއަށް އެނގޭނެ!" ރިއާން އިންޒާރުދިނެވެ.

ރާހިލްއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ މޯޑު އޭނާގެ ކޮނޑުގައި އަތް އަޅުވައިލުމަށްފަހު ގަދަކަމުން ކަހަލަ ގޮތަކަށް އެމީހުނާއެކު އޭނާ ގެންދިޔައެވެ. ރިއާންގެ މިޒާޖަށް ވެރިވި ކުރީގެ ސީރިއަސްކަން ފެނި އެމީހުން ބޭނުންވީ އަވަހަށް ރާހިލްވެސް ގޮވައިގެން އެތަނަށް ދާށެވެ. އެމީހުން ދިޔުމާއެކު ރިއާން ކައިރީގައި އޮތް ފޯނު ނަގައި ވަޓްސްއެޕް ނަންބަރަކަށް ގުޅައިލިއެވެ.

"ހަލޯ ސިރާޖު. އާން.. އާން އަހަރެން މީ.. މިހާރު ރަނގަޅު. އޮފީހަށް ނުކުމެވޭވަރު ވެލީމަ ވަރަށް އަވަހަށް ގުޅާލާނަން. އަހަރެންގެ ފޯނުކޯލަކަށް ތައްޔާރުވެ ހުންނާތި!" ރިއާން ކޯލު ކަނޑައިލިއެވެ. ޒީވާ އެގޭގައި އުޅެނިކޮށް އޭނާ ސިރާޖާ ދައްކަން އޮތް ވާހަކައެއް ނުދެއްކޭނެއެވެ. އެވަރުގެ ހިރާސްބޮޑު ކަމެއް އޭނާ ކުރާކަށް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވާ ވާހަކަތައް ހަމަޖެހިލައިގެން ދެއްކޭނީ ގޭތެރޭގެ މާހައުލުން ބޭރުގައިކަމަށްވާތީ ކޯލު ކުރުކޮށްލިއެވެ.

*****************

"ކީކޭ؟ ފައިސަލް އޭ؟" ޝައިނާއަށް ހައިރާންވެފައި އޭނާގާތު އިން ރާހިލްގާތު އަހައިލެވުނެވެ. ރާހިލް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"ޒީ އާ ހެދި އުޅުނު ފައިސަލް؟ އެއްކަލަ ތި ގެ ކައިރީގަ އުޅުނު ފައިސަލް؟" ޝައިނާ އަނެއްކާވެސް ޔަގީން ނުވެފައި އަހައިލިއެވެ.

"އާނއެކޭ އާނއެކޭ.. އަހަރެންނަށްވެސް މާލެއަށް އައިތާ ކައިރި ހީވި އޭނަ ފާޑަކަށް ޒީއަށް ކަޅި އަޅާހެން. މިވަރު ވާނެކަމަކަށް ހިއެއްނުކުރަން. އެއްކަލަ ބާބެކިޔު އޮތް ރޭ ފައިސަލް ބަންދުކުރި ގޮތަށް ނުފެނޭދޯ؟ އެއްކަލަ ފާޑެއްގެ އައިދަންއެއް ދިޔައެއްނު ބާބެކިޔު އެއް؟" ރާހިލްއަށް މޫނުމައްޗަށް ފޫހިވައްތަރެއް ޖައްސައިލެވުނެވެ.

"ސާބަސް. ރާހިލްއާއި ރިއާންއާ ހާދަ ވަރަކަށޭ ދޯ އައިދަން ދެކެ ތި ރުޅި އަންނަނީ. ޕިސްޕިސް" ޒީވާ އޭނާއަށް ކިޔައިދީފައިވާ ވާހަކަތަކުގެ މައްޗަށް ބުރަވެހުރެ ރިއާންވެސް އެތަނަށްލަމުން ޝައިނާ ބުނެލިއެވެ. ރާހިލްގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. އެންމެފަހުން ޝައިނާ ކުރީގެ މައުޟޫއަށް ރުޖޫއަވިއެވެ.

"އަހަރެންނަށް އެނގޭ އޭރުވެސް ފައިސަލްއަށް ހުރީ ވަރެއް ވެފަކަން. އޭނަހުރީ ޒީއާ އިންނަން ހިފާލާފަ. އެކަމަކު ހައިރާންވަނީ ރިއާންކަހަލަ މީހަކަށް އެވަރުކަމެއްގަ ހަމަލާދޭން ކެރުނީތީ" ޝައިނާ އަތުގައި އޮތް ޕޮޕްކޯން ކޮތަޅު ރާހިލްއަށް ދިއްކޮށްލިއެވެ. އޮފީސް ނިންމައިލުމަށްފަހު އެދެމީހުން އައިސްތިބީ މާފަންނާ ދިމާލުގައި އޮންނަ ތޮށިގަނޑު މަތީގައެވެ.

"ދެން ކީއްކުރާނީ؟ ވީކަމެއް ވެ ނިމުނީ! އޭނަކަން އެނގުނީމަ އެއްބަސްވެއްޖެ ބޮޑީގާޑްސްވެސް ފޮނުވާލަން. ޒީއަށް އެކަނި މިހާރު މީހަކު ހުންނާނީ" ރާހިލް އެކޮތަޅުގައި ހިފަހައްޓައިލަމުން ކުރިމަތީގައި އޮތް އުދަރެހަށް ނަޒަރުހުއްޓައިލިއެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އެ އުދަރެހުގެ ތެރެއަށް ގެއްލެމުންދިޔަ ދުވަހުގެ ފަހުދޯދިތަކުން ޖައްވުގައި ފަތުރައިލައިފައިވަނީ މޮޅު މުސައްވިރަކަށްވެސް ކުރަހަން ނުކުޅެދޭނެފަދަ ރީތި ތަސްވީރެކެވެ. ތެޔޮފާންލައިފައިވާ ކަނޑުގެ ލޮނުގަނޑުގައި ބީހެމުންދިޔަ އެ ދޯދިތަކުގެ ވިދުވަރުން އެ ކަނޑުގައި ރިހި ތަރިތަކުގެ ސާލެއް ފަތުރައިލައިފައިވާ ފަދައެވެ. ބަލައިލަން ކިތަންމެހާވެސް ހިތްހަމަޖެހޭ މަންޒަރެކެވެ. އެހިތްގައިމު ވަގުތު އޭނާ ދައްކަން އުޅޭ ވާހަކައިގެ ސަބަބުން ޝައިނާއަށް ނުތަނަވަސްކަމެއް ލިބިދާނޭ ހީވި ނަމަވެސް ރާހިލް ފުންނޭވާއެއް ދޫކޮށްލީ އެއީ ކޮންމެހެންވެސް ދައްކަންޖެހޭ ވާހަކައެއް ކަމުންނެވެ.

"އަހަރެން ބުނީމެއްނު އޮފީސް ދަތުރެއްގެ ވާހަކަ؟ ޗުއްޓީ ހަމަޖެހޭނީ ދަތުރު ނިންމާފަ ކަމަށްވަނީ. އޭރުން އެލީ ގޮވައިގެން ރަޝިޔާއަށް ގޮސްފަ ހުރިހާ ކަމެއް ނިންމާލާފަ އައިސް އިރާދަކުރެއްވިއްޔާ އަހަރެމެންނަށް ހަމަޖެހިލައިގެން އުޅެވޭނެ" ރާހިލް އޭނާގެ އަތާ ގުޅުވައިލައިފައިވާ ޝައިނާގެ އަތުގައި ބޮސްދެމުން ބުންޏެވެ.

"ކޮންއިރަކުން ފުރަނީ؟" ޝައިނާ އަހައިލިއެވެ.

"އަންނަ ހަފްތާތެރޭ އޮފީސް ޓްރިޕަށް ފުރަންޖެހޭ. ސިންގަޕޯރ އަށްދަނީ.. އިތުރު އެކަކަށް ދެވިދާނެ.. އެހެންވެ މި ވިސްނަނީ އެލީވެސް ގޮވައިގެން ގޮސްލަން. އޭރަށް ހުސްކޮށް ދުވަހެއް ލިބުނިއްްޔާ އެލީ އެކޮޅުގަ ޑޮކްޓަރަށް ދައްކާލާފަ ބޭބީ ޝޮޕިންގްވެސް ކޮށްލެވޭނެއެއްނު؟ އެލީ ކުޑަކޮށް ބަލިކޮށް އުޅެނީވެސް" ރާހިލްގެ ވާހަކަތައް އަޑުއަހަން އިން ޝައިނާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގޮސް މޫނުމަތި މިލައި މޯޅިވެގެން ދިޔައެވެ. ހިތުގައި ހަސަދައިގެ އޮއެވަރެއް ދަތުރުކޮށްލީ އެއްވެސް އިޚްތިޔާރަކާނުލައެވެ.

ރާހިލް އެ ދަތުރުގައި އެލީޝާ ގެންދަންޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. މާބަނޑު އަންހެނުންނަށް ކުރާ ފަރުވާތައް ރާއްޖޭގައިވެސް ރަނގަޅު ފެންވަރެއްގައި ކުރެވެއެވެ. އެހެންނޫނަސް އަވަސް މުސްތަޤްބަލެއްގައި އެލީޝާ ގޮވައިގެން އުޅެނީ ރަޝިޔާއަށްވެސް ދާކަށް ނޫން ހެއްޔެވެ؟ ޝައިނާގެ ހިތުގައި އުފެދުނު ހިތްހަމަ ނުޖެހުން ފޮރުވައިލި ނަމަވެސް އެހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. އޭނާއާއި ރާހިލް ކައިވެނި ކުރިފަހުން އެކަހެރިކޮށް ތަނަކަށް ދަތުރުކޮށްފައެއް ނުވެއެވެ. ހަމަ އެހެންމެ ސިންގަޕޫރަކީ އޭނާ ކިހާ ދާހިތްވާ ގައުމެއްކަން ރާހިލްއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. އެ ފުރުސަތު އެލީޝާއަށް ދިނީތީ ޝައިނާ ފާޑަކަށް ތުންއަނބުރައިލިއެވެ.

ރާހިލްއާއި އެލީޝާއަށް ސިންގަޕޫރަށް ފުރައިގެން ދެވޭވަރުވީ އޭގެ ދެތިންދުވަސް ފަހުންނެވެ. ފުރައިގެން ދިޔުމަށްފަހުގައިވެސް ރާހިލް އޭނާއަށް ގުޅައި ވާހަކަދައްކައި ހަދާނޭ ކަމަށް ޝައިނާއަށް އުއްމީދު ކުރެވުނެވެ. ނަމަވެސް ހީކުރިގޮތާ ހިލާފަށް ރާހިލްގެ ފަރާތުން އިހުސާސްވާންފެށީ ދުރުކަމެވެ. އޭނާއަށް ގުޅާލެވޭ މަދު ފަހަރެއްގައިވެސް ރާހިލް މަސްއޫލުވެ އުޅެނީ އޮފީހުގެ ކޮންމެވެސް މަސައްކަތެއްގައެވެ. ނުވަތަ އެލީޝާގެ ކޮންމެވެސް ކަމެއްގައެވެ. ޝައިނާގެ ދުލުން ކުރާ ޝަކުވާގެ ދެތިން ބަހެއްވެސް ރާހިލްގެ އެއްކަންފަތު ވަދެ އަނެއްކަންފަތުން ނުކުމެގެން ދާކަހަލައެވެ. އަމުނާލާ ލޯބީގެ ދެތިން ފަށުވި އިބާރާތަކުން ހުރިހާ ކަމެއް ހަމަޖައްސައިލައެވެ. ޝައިނާގެ ސިކުނޑި ސުމަކަށްދާން ކައިރިވެފައި ހުރިނަމަވެސް އޭނާއަށް އެހާ ކަންތައްތައް ބޮޑުކޮށްލަން ނުކެރެނީ ރާހިލްއަކީ އެއްވެސް ކަމެއްގައި ސީރިއަސްވާ މިޒާޖެއްގެ މީހެއް ނޫންކަން އެނގޭތީއެވެ. އެދުވަސްކޮޅު ޒީވާގެ ހުރިހާ ވަގުތެއްހެން ރިއާންގެ ގާތުގައި ހޭދަކުރަން ޖެހުމުންނާއި އިޝްވާގެ މައްސަލައިގައި ގޭތެރެއިން ޝިމާންއާ އޮންނަ ގުޅުން ހީނަރުވެފައިވާތީ ޝައިނާއަށް އިހުސާސްވީ އިންތިހާ އެކަނިވެރިކަމެވެ.

އެހެންދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ޝައިނާ މެންދުރުގެ ހުސްވަގުތުކޮޅަށް ބޭރަށް ދިޔުމުގެ ބަދަލުގައި އޮފީހުގެ ކެންޓީނު ހުންނަ ފަންގިފިލާގެ މޭޒެއްގެ ދޮށުގައި އިށީނެވެ. އަދި ފޯނު ނަގައި ރާހިލްއަށް މެސެޖުކޮށްލުމަށް ތައްޔާރުވެލިއެވެ. އޭނާގެ ހަރަކާތްތަށް ހުއްޓުނީ ކެންޓީނުން ކޮފީއެއް ހިފައިގެން އައިސް އޭނާގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީން ނީމް ފެނުމުންނެވެ. ޝައިނާއަށް ބުމަ ގޮށްޖަހައިލަމުން ނީމްއާ ދިމާލަށް ބަލައިލެވުނެވެ. އެހެންޏާ އެބެލުމުގައި ހުންނަ ހިތްހެޔޮކަމާއި ގާތްކަމެއް މިފަހަރަކު ނެތެވެ. ނީމްއަށް އެކަން ފާހަގަ ކުރެވުނީ ކަންނޭނގެއެވެ. ބުމަ އަރުވައިލަމުން ތުނބުގައި ޖަހައިގެން އިން ކޮފީތަށި ތިރިކޮށްލިއެވެ.

"ޝައިއަށް ކަމެއް ވެފަތަ؟ އަހަރެންނަށް ހާދަ ހީވެޔޭ މިހާރަކަށް އައިސް ޝައި އަހަރެންދެކެ ހިތްހަމަ ނުޖެހިފަ ހުންނަހެން" ނީމް ބުންޏެވެ.

"ތިހެން ހީވަންޏާ އަހަރެން ހިތްހަމަ ނުޖެހޭގޮތަށް ނީމްއަށް ކުރެވެނީ ކޮންކަމެއްކަންވެސް އެނގެންވާނެ" ޝައިނާގެ އަޑުގައިވާ ރުންކުރުކަން އިވި ނީމްއަށް ސިހުމެއް ލިބުނެވެ. ވިސްނާ ވިސްނާވެސް ޝައިނާ ހިތްހަމަ ނުޖެހޭކަހަލަ ގޮތަކަށް އޭނާއަށް ކުރެވުނީ ކޮންކަމެއްކަން އޭނާގެ ހަނދާނަކަށްނައެވެ.

"އަހަރެންނަކަށް ނުވިސްނުނު ތި ބުނަން އުޅޭ އެއްޗެއް" ނީމް މައުސޫމުކަމާއެކު ބުންޏެވެ.

"އެހެންވިއްޔާ އެނގޭ ގޮތަށް ކިޔާދެންތަ؟ މިއީ އަހަރެން ނީމްދެކެ ރުޅިއަންނާތީ ބުނާ ވާހަކައެއް ނޫން. އަދި އަހަރެންނަކީ އާންމުކޮށް ޝިމާންގެ އަމިއްލަ ކަންކަމަށް އަތްބާނާ މީހެއްނޫން. އެކަމަކު ނީމްއާއި ޝިމާން ބައްދަލުވުމުގަ އަހަރެންގެވެސް ހިއްސާއެއް އޮތީތީ އަހަރެން މިއަދު މިވާހަކަ މިދައްކަނީ. ޝިމާން އިޝްވާއާ ރައްޓެހިވެގެން ނޫޅޭނަމަ އަހަރެން އުފަލާއެކު ނީމް މި އާއިލާއަށް ބަލައިގަންނާނަން. އެކަމަކު މިވަގުތަށް ތިއީ އަދި ރަނގަޅުގޮތެއްނޫން" ޝައިނާ ބުންޏެވެ.

ނީމްގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. އެހެންކަމުން ޝައިނާ އިތުރަށް އެތަނުގައި މަޑުނުކޮށް ދިޔައީ ނީމް އެކަންތަކާމެދު ވިސްނުމަށް ދޫކޮށްލަމުންނެވެ.

******************

އުޑުތިލަމަތިން އެނދުގައި އޮށޯވެލައިގެން އޮވެ އަތުގައި އޮތް ވާހަކަފޮތް ކިޔަމުންދިޔަ ޒީވާގެ ސަމާލުކަށް އިރުއިރުކޮޅާ އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން ރިއާންއަށް ހުއްޓެމުންދިޔައެވެ.

އޭނާއަކީ އާންމުކޮށް ފޮތެއްގެ އަވައިގައި ޖެހިއްޖެނަމަ މީހަކު އައިސް ބޮލާއި ކަނދުރާ ވަކިކޮށްލިޔަސް ނޭނގޭ މިންވަރަށް އެ ފޮތެއްގެ ދުނިޔެއަށް ގެއްލޭ މީހެކެވެ. ނަމަވެސް މިރޭ އޭނާއަކަށް އެކަން ކާމިޔާބެއް ނުވިއެވެ. މާދަމައަކީ މީގެ ދޮޅުމަހެއްހާ ދުވަސްކުރިން ހިނގައިދިޔަ މާރާމާރީއަށްފަހު ރިއާން ފުރަތަމަ އޮފީހަށް ނުކުންނަ ދުވަހެވެ. އަދިވެސް ރިއާންގެ ރައްކާތެރިކަމާމެދު އޭނާގެ ހިތް ބިރުގަންނަނީ އެޔެއް މިއެއް ބަލައިފައެއްނޫނެވެ. އެކަން އެކަންޏެއްވެސް ނޫނެވެ. ހޮސްޕިޓަލުގައި ރިއާން ބޭއްވުނު ދެތިން ހަފްތާއަށްފަހު ގޭގައި އެދެމެފަރިން ހޭދަކުރި މަހެއްހާ ދުވަހަކީ ޒީވާގެ ހަޔާތަށް އައި އެންމެ އުފާވެރި އެންމެ ފުރިހަމަ ދުވަސްތަކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރިއާންއާއެކު އެގޭގެ ހަތަރުފާރުގެ ތެރޭގައި ކުރަހާލެވުނު އެތަކެއް ލޯބީގެ ހަނދާނެއް އޭނާގެ ސިކުނޑީގައި ފިލްމެއްގެ މަންޒަރުތަކެއްގެ ފަދައިން ތަކުރާރު ވަމުންދިޔައެވެ. ނަމަވެސް މަސައްކަތުގެ މާހައުލަށް ނުކުމެވުމާއެކު ރިއާން އަނެއްކާވެސް އޭނާއާމެދު އިހުމާލުވެ އެދެމެދުގައިވާ ބީރައްޓެހިކަން އިއާދަވެދާނެ ކަމަށްޓަކައިވެސް އޭނާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ.

"ތިހެން ދުރުގަ އޮވެ ބަލަންޏާ އަހަރެންނަކަށް މަސައްކަތެއް ނުކުރެވޭނެ އެނގޭ؟" ރިއާން ސައިޑް ކަބަޑު މަތީގައިހުރި ކޮފީތަށި ނަގައި ތުނބުގައި ޖަހައިލަމުން ބުންޏެވެ. އޭނާގެ ބަސްތައް ޒީވާއަށް އަމާޒުވި ކަމުގައިވިޔަސް އޭނާގެ ދެލޯ އަދިވެސް އަމާޒުވެފައިވަނީ އުނގުމަތީގައިހުރި ލެޕްޓޮޕަށެވެ.

ޒީވާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ގަތްލަދާއެކު ރަތްވެގެންދިޔަ މޫނު ރިއާންއަށް ފޮރުވައިލުމަށްޓަކައި އަތުގައި އޮތް ފޮތް މޫނުގައި އަޅައިލިއެވެ. އެވީ ކިހިނެއް ހެއްޔެވެ؟ މިހުރިހާއިރު ރިއާން ގައިމު ބަލަން އިނީ ލެޕްޓޮޕަކަށްނޫން ހެއްޔެވެ؟ އެނދުގެ ބޮޑުކަމާހުރެ އެދެމެދުގައި ފުދޭވަރެއްގެ ބޮޑު ޖާގައެއްއޮތެވެ. އެހާ ފަސޭހައިން ރިއާންގެ ލޮލުގައި އޭނާގެ ހަރަކާތްތައް އަޅައިގަތީ ކިހިނެއްހެއްޔެވެ؟

ޒީވާ ފުންނޭވާއެއް ދޫކޮށްލިއެވެ. މިހާރުދެން އޭނާ މިއޮތީ ވާނޭ ވަރަކަށް ބޭޒާރުވެފައެވެ. ދެން އިތުރަށް އެކަން ނުވާކަމަކަށް ހަދައި އޮތުމުގެ ބޭނުމެއްނެތެވެ.

ޒީވާ ލަސްލަހުން ތެދުވެ އޭނާ ގެންގުޅުނު ފޮތް އެނދުމައްޗަށް ދޫކޮށްލުމަށްފަހު ރިއާންގެ ގާތަށް ޖެހިލިއެވެ. އަދި ރިއާންގެ ލެޕްޓޮޕް އެފޮތާ ޖެހިގެން ބެހެއްޓުމަށްފަހު ރިއާންގެ އުނގުގައި އިށީނދެލިއެވެ. ޒީވާގެ ގާތްކަމަށް މަރުހަބާ ކިޔުމުގެ ގޮތުން ރިއާންވެސް އަތުގައިހުރި ކޮފީތަށި ސައިޑްކަބަޑު މަތީގައި ބެހެއްޓިއެވެ.

"ވަރަށް މިސްވާނެ.. ބަލައިގެން އުޅެއްޗޭ.. އެހާ ބުރަކޮށް މަސައްކަތް ނުކުރާތި މިދުވަސްކޮޅު.. ޔޫ ނީޑް ރެސްޓް" ޒީވާ ރިއާންގެ ކަނދުރާގައި ދެއަތް ވަށައިލަމުން ބުންޏެވެ.

"އައިލް މިސް ޔޫ ޓޫ ބޭބީ. ތެންކްޔޫ ސޯ މަޗް.. ފޯރ އެވްރީތިންގް. ޒީވްއާ ނުލާ އަހަރެންނަކަށް މިކަމެއް ނުވީސް." ޒީވާގެ ނިއްކުރިމައްޗަށް ވެއްޓިފައިއޮތް އިސްތަށިކޮޅު ކަންފަތުގައި އަޅުވައިލަމުން ރިއާން ބުންޏެވެ.

"ޝުކުރު އަދާނުކުރޭ.. ޝުކުރު އަދާކުރާނީ އަގު އަދާކޮށްދޭންޖެހޭ ކަންކަމަށް. ޝުކުރު އަދާކުރަންޏާ އަގެއް ކިޔަން ޖެހިދާނެ އެނގޭ" ޒީވާ ސަމާސާ ރާގެއްގައި ބުނެލިއެވެ.

"ކިޔާ.. ޒީވް ކޮންމެ އަގެއް ކިޔަސް އިރާދަކުރެއްވިއްޔާ އަހަރެންނަށް ދެވޭނެ" ރިއާންވެސް އެ ސަމާސާގައި ބައިވެރިވިއެވެ.

"ހްމްމް. އައި ކޭން ތިންކް އޮފް އަ ފިއު ރީޕެއިމެންޓް މެތަޑްސް" ޒީވާގެ އަޑަށް ލާނެތްކަން ވެރިކޮށްލަމުން ރިއާންއާ އިތުރަށް ގާތްވެލިއެވެ.

"ވެލް އައިމް އޯލް އޯޕެން ފޯރ ނެގޯޝިއޭޝަންސް. އަފްޓަރ އޯލް އިޓްސް މައި ގޭމް" ރިއާން ގެނައި ކުއްލި ހަރަކާތާއެކު އެސްފިޔަ ޖަހާލާފަދަ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޒީވާ ރިއާންގެ ގައިދަށު ކޮށްލިއެވެ.

ޒީވާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނު ނަމަވެސް ރިއާންގެ ހުނުމުގެ އަޑާއެކުވެ އެ އަޑު ފަނޑުވެގެންދިޔައެވެ. ރިއާން ލޯތްބާއެކު ޒީވާގެ ކަނދުރާގައި ބޮސްދިނެވެ. އެއަށްފަހު ޒީވާގެ ފަރާތުންވެސް އިވިގެންދިޔައީ ލުއިލުއި ހީނލުމެއްގެ އަޑެވެ.

 

 

= ނުނިމޭ =

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވަރަށް ރީތި މިބައިވެސް. އަދިވެސް ރިއާންއަށް ހަމަލާއެއް އައިސްފާނެތީ ބިރުގަނޭ އެބަ. ރާހިލް އެންޑް ޝިމާން ތިހެންނޫޅެ ކޮންމެވެސް އެއްކޮޅެއްގަ ޖައްސާ ދެން…..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު