16 ފެބުރުވަރީ 2025

ހިތް އެދޭހާ ކަމެއް.. (45 ވަނަބައި)

ރިއާން ގެނައި ކުއްލި ހަރަކާތާއެކު އެސްފިޔަ ޖަހާލާފަދަ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޒީވާ ރިއާންގެ ގައިދަށު ކޮށްލިއެވެ. ޒީވާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނު ނަމަވެސް ރިއާންގެ ހުނުމުގެ އަޑާއެކުވެ އެ އަޑު ފަނޑުވެގެންދިޔައެވެ. ރިއާން ލޯތްބާއެކު ޒީވާގެ ކަނދުރާގައި ބޮސްދިނެވެ. އެއަށްފަހު ޒީވާގެ ފަރާތުންވެސް އިވިގެންދިޔައީ ލުއިލުއި ހީނލުމެއްގެ އަޑެވެ.

****************

ގިނަ ދުވަސްތަކަކަށްފަހު އޮފީހަށް ނުކުމެވުމުން ރިއާންގެ ހިތަށް ހަމަޖެހުން ލިބުނު ކަމުގައިވިޔަސް އޭނާގެ ހިތަށް ދިޔައީ އާދަޔާހިލާފު ފަޅުކަމެއް އިހުސާސްކުރެވެމުންނެވެ. މަސައްކަތަށް ސަމާލުކަންދޭން އުޅުނު ކަމުގައިވިޔަސް އިރުއިރުކޮޅާ ކައިރީގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލެވެއެވެ. ޒީވާގެ މަތިން މާބޮޑަށް ހަނދާންވަނީއެވެ. ދުވަހުގެ މެންދުރާ ކައިރިވިއިރު ދެފަހަރެއްގެ މަތިން އޭނާއަށް މިހާރުވެސް ޒީވާއަށް ގުޅައި ހާލުބަލައި އެކި ވާހަކަ ދެއްކިއްޖެއެވެ. އެހެންވެ އޭނާ ދިޔައީ އިތުރަށް ޒީވާއަށް އުނދަގޫ ނުކޮށް އިނދެވޭތޯ މަސައްކަތްކުރަމުންނެވެ. ނަމަވެސް އޭނާގެ އަމަލުތައް ނަފްސުގެ އިޚްތިޔާރުން ބޭރުވެފައިވާ ކަހަލައެވެ. ކައިރީގައި އޮތް ފޯނު ނަގައި އެދުވަހުގެ ތިންވަނަ ފަހަރަށް ޒީވާއަށް ގުޅައިލިއެވެ.

"ހެލޯ. ހާދަ ވަރަކަށޭ ތި ހާލު ބަލަނީ" ފޯނު ނެގުމާއެކު ޒީވާ ޖެއްސުމުގެ ރާގެއްގައި ބުންޏެެވެ.

"ސޮރީ ސޮރީ. އޮޅިގެން.. މި.. ކޮބާތަ މި.. މި.. މި އޮފީސް ޒިވާންގެ ނަންބަރު. މި މީސްމީހުންގެ ނަން އެއްގޮތް ކަމުންވެސް" ރިއާން އަވަސްއަވަހަށް ވާހަކަ އޮޅުވައިލަމުން ފޯނު ކަނޑައިލިއެވެ.

ޒީވާއަށް ހިނިއައިސްފައި ކެނޑުނު ފޯނާ ދިމާލަށް ބަލަންހުރެ ބޯ ހޫރައިލެވުނެވެ. އަދި އިސްއުފުލައިލައި އޭނާގެ ކުރިމަތީގައި އިން ނީމްއަށް ބަލައިލިއެވެ.

"މިއޮފީހުގަ އުޅޭތަ ޒިވާން ކިޔާ މީހެއް؟" ޒީވާ މަޖާވެލައިފައި ނީމްގާތު އަހައިލިއެވެ. ނީމް ކުޑަކޮށް ވިސްނައިލުމަށްފަހު ނޫނެކޭ ބުނުމާއެކު ޒީވާ އޭނާ އިށީނދެ އިން ގޮނޑިން ތެދުވެ ނީމްއަށް ހިނިތުންވެލިއެވެ. އަދި އެތަނާ ހައެއްކަ ފޫޓު ދުރުގައިހުރި ރިއާންގެ ކެބިންގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭނާ އެ އޮފީހަށް އައިސް އިންތާ މިހާރު ވިއްސަކަށް މިނަޓު ފާއިތުވެފައިވާއިރު އެހުރިހާއިރު އޭނާ އިނީ ރިއާންގެ ކެބިންގެ ބޭރުގައެވެ. ނީމްއާ ވާހަކަދައްކައިލުމަށެވެ.

ކެބިންގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެގެން އައި ޒީވާފެނި ރިއާންއަށް ދެފަހަރަކު އެސްފިޔަ ޖަހައިލެވުނީ އެއީ އޭނާއަށް ފެންނަ ބިލާހެއް ނޫންތޯ ޔަގީންކުރުމަށެވެ. ނަމަވެސް ޒީވާގެ ދެލޯ އޭނާއާ ބައްދަލުވި ވަގުތު ހަދިޔާކޮށްލި ހިނިތުންވުމުން ހިތް ކަތިލެވިގެންދިޔުމާއެކު ރިއާންއަށް އެއީ ބިލާހެއްނޫންކަން ކަށަވަރުވިއެވެ. އަދި އަވަސްއަވަހަށް އޭނާ އިށީނދެ އިން ގޮނޑިން ތެދުވިއެވެ.

"މިއަދުގެ ތާރީހު ފްރޭމްކޮށްފަ މި ކެބިންގަ އަޅުވަން ޖެހޭނެ ދޯ" ކެބިންގެ މެދެއްހާ ހިސާބަކުން ރިއާން ޒީވާއާ ބައްދަލުކުރިއެވެ.

"އެއީ ކީއްވެ؟" ޒީވާ ކުރިއަށް ހިނގައިގަންނަމުން އަހައިލިއެވެ.

"މިއަދަކީ ޒީވް އަހަރެންގެ ވައިފްގެ ގޮތުގަ މި އޮފީހަށް އަދި މި ކެބިންއަށް އައި ފުރަތަމަ ދުވަހެއްނު" ރިއާން ޒީވާގެ އަތުގައި ހިފައިގެން ގޮސް އޭނާ އިށީނދެއިން މޭޒުކައިރިއަށް ހުއްޓިލުމަށްފަހު އެތަނުގައި އޭނާއަށް ހާއްސަކުރެވިފައިވާ ބޮޑު ގޮނޑި ޒީވާ އިށީނުމަށްޓަކައި ދުރުކޮށްލައިދިނެވެ.

"އެކަމަކު މިއީ ދެން އެހާ ހާއްސަކަމެއް ނޫނެއްނު އަހަރެން ކުރިންވެސް އައިމެއްނު" ޒީވާ އެ ގޮނޑީގައި އިށީންނަމުން ބުންޏެވެ.

"އަހަހަހަ. މިއީ ހާދަ ބޮޑު ގޮނޑިއެކޭ ދޯ؟ ވަރަށް މަޖާ. މިހާރު ހީވަނީ ރާނީއެއްހެން" ޒީވާ އުފާވެލައިފައި ބުންޏެވެ. އެ މޫނުމަތީގައިވި މައުސޫމުކަންފެނި ރިއާންއަށްވެސް ހީނލެވުނެވެ. ހިނދުކޮޅަކަށްވެސް ޒީވާއަށް ގޯނާކޮށްނުލައި ދުރުގައިހުރުން އޭނާއަށް ދަތިކަމަކަށްވިއެވެ. އެހެންކަމުން ޒީވާ އިށީނދެއިން ގޮނޑި އޭނާއާ ކުރިމަތިވާނެހެން އަނބުރައިލުމަށްފަހު ގޮނޑީގެ ދެއަތްގަނޑުގައި ހިފަހައްޓައިލަމުން ޒީވާއާ ދިމާލަށް ގުދުވެލިއެވެ.

ރިއާންގެ އެ ގާތްކަމުގެ ސަބަބުން ޒީވާގެ ހިތް ބާރަށް ތެޅިލިއެވެ. ބަނޑުގައި ކޮކާ އުދުހެންފެށިކަމުގެ އިހުސާސެއްކުރުވިއެވެ. އެދެމެދުގައިވާ ބީރައްޓެހިކަމާއި ލަދުވެތިކަމުގެ ފަރުދާ މިހާރު ކެހިފައި ވިޔަސް އަދިވެސް ރިއާންގެ ކޮންމެ ހަރަކާތަކުން ޒީވާގެ ހިތާ ކުޅެލަނީ އޭނާ ރިއާންދެކެ ލޯބިވި އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްގޮތަށެވެ. ރިއާން ނުހަނު ލޯތްބާއެކު ޒީވާގެ ކޯތާފަތަށް ބޮސްދިނުމަށްފަހު ދުރުވެލި ވަގުތު ޒީވާ ރިއާން އަޅައިގެންހުރި ޓައިގައި ހިފައި ގާތަށް ދަމައިލިއެވެ. އޭރު އެކެއްއަނެކެއްގެ ހޫނު ނޭވާ އިހުސާސްވާހާ ގާތަށް އެދެމީހުންގެ މޫނުވަނީ ގާތްވެފައެވެ. ޒީވާ އެދެމެދުގައިވާ ދުރުމިން ނައްތާލަން އުޅުނު ވަގުތު ރިއާން އެކަމަށް ހުރަސްއެޅިއެވެ.

"ކިހިނެއްވީ؟ މިއީ ގައިމު މިދުވަސް ހާއްސަކޮށްލަން ލިބޭނެ ފުރުސަތެއް ނޫންތަ؟"

"އެކަމަކު ދެން ވެދާނެ ކަމަކަށް އަހަރެންނަކަށް ޒިންމާއެއް ނުނެގޭނެ އެނގޭ؟" ރިއާން އިންޒާރުދިނެވެ. ޒީވާ މައްސަލައެއްނެތޭ ބުނުމުގެ ގޮތުން ދެކޮނޑު އަރުވައިލިއެވެ.

"ބޭބީ ޕްލީޒް.. ނީމް!" ރިއާން ޒީވާއަށް ހަނދާންކޮށްދިނެވެ.

"ނީމްއަކަށް ނޭނގޭނޭ. އައި ވިލް ބީ ސައިލެންޓް" ޒީވާ ބުންޏެވެ.

"އަހަހަހަ. ޒީވް ބުނާނީ ތިހެން. އެކަމަކު މިހާރު އަދި އަހަރެން މިހިރީ މުޅިން ރަނގަޅުވެފަ. އޭރު ނުވެވުނު ސައިލެންޓެއް މިހާރަކު ނުވެވޭނެ ދޯ" ރިއާން އެއްމިޔަކަނިން ހިނިތުންވެލިއެވެ. އެ ހަނދާންކޮށްދިނުމާއެކު ޒީވާގެ މޫނަށް ލަދުން ޖަންބުކުލަ އަރައިގެންދިޔައެވެ. އެވަގުތު ވެގެންދިޔައީ މީހަކު ކެބިންގެ ދޮރުގައި ޓަކިޖަހައިލި އަޑަށެވެ.

"ޔެސް. އެހެމް.. ޔެސް ކަމް އިން" ރިއާން އަވަސްއަވަހަށް ތެދުވެ ކަރުކެހިލުމަށްފަހު ހަށިގަނޑު ސީދާކޮށްލަމުން ބޭރަށް އިވޭވަރަށް ގޮވައިލިއެވެ. އެތެރެއަށް ވަދެގެން އައި ނީމް ފެނުމާއެކު ރިއާންއަށް އެ ދައްކަން އައި ވާހަކަ އެނގުނު ކަހަލައެވެ.

"ހެނދުނު ބުނީމެއްނު ސީޝެލްސް ޕްރޮޖެކްޓްގެ އަޕްޑޭޓެއްގެ ވާހަކަ؟ ކޮބާ އޭގެ ހަބަރެއް ބަލާލެވުނުތަ؟" ރިއާން ކައިރީގައި ހުއްޓިލި ނީމްގާތު އަހައިލިއެވެ.

"ޕްރޮޖެކްޓް ބިޑަށްލާން އެކޮޅުން ނިންމީ. ނެކްސްޓް ވީކްގަ ބިޑް އޮތީ" ނީމް ޖަވާބުދިނެވެ.

"ވަޓް؟ އެއީ ކީއްވެ؟ އަހަރުމެން ފޮނުވި ޕްރޮޕޯސަލް ކަމުނުދިޔައީތަ؟ ނެގޯޝިއޭޓް ކުރަން އެކޮޅަށް ދިޔައީ ކޮންބައެއް؟" ރިއާންގެ ނިތަށް ރޫތައް ގިނަވިއެވެ. ނީމްއާއި ރިއާންގެ ވާހަކަ ނިމެންދެން ޒީވާ ފޫހިވެފައި އިނެވެ.

"މައްސަލައެއްނެތް. އަހަރެން ތިކަންތަކާ އުޅޭނަން. މިއަދު ދެން މި ދަނީ ޒީވް ގޮވައިގެން ބޭރަށް. އިތުރު ކަމެއް އެބައޮތްތަ؟" ރިއާން އަހައިލިއެވެ.

"ވެލްފެއަރ ރިކުއެސްޓެއް" ނީމް ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް ބުންޏެވެ.

"ކޮންކަހަލަ؟ ތަންކޮޅެއް އަވަސްކޮށްލަބަލަ" ރިއާން އަތު ކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ބުންޏެވެ.

"ބޭސްފަރުވާގެ އެހީއަކަށްއެދި… 67 އަހަރުގެ ފިރިހެނެއް. ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހިގެން ފައިސާގެ އެހީއަކަށް އެދިފަ އޮތީ" ނީމް ބުންޏެވެ. އެއާއެކު ރިއާންގެ މޫނުމައްޗަށް ފޫހިކަމުގެ އަސަރު ވެރިވިއެވެ.

"ތިކަހަލަ ކަންކަމުގަ އަމަލުކުރަންވީ ގޮތް އަހަރެން ނީމްއަކަށް ކިޔައެއް ނުދެންތަ؟ ތިބުނީ ތި މީހެއްގެ އުމުރަކީ 67 އަހަރޭ. ކީއްކުރާ ކިޑްނީއެއް؟ އިތުރު ފަސްއަހަރު ނޫނީ ހައަހަރު ދުނިޔޭގަ ބަހައްޓާފަ ވަޅުލާންތަ؟ ރިޖެކްޓް." ރިއާންގެ ޖަވާބާއެކު ނީމްގެ އިތުރުން ޒީވާގެ މޫނަށް އަރައިދިޔަ ކުލަވަރު ފެނުނުނަމަ އޭނާ ދެވަނަ ފަހަރަށް އެޖަވާބާމެދު ވިސްނައިލާނެކަން ގައިމެވެ.

"އެކަމަކު.."

"ނޯ އިފްސް އެންޑް ބަޓްސް ނީމް"

ނީމްއަށް ބަސްހުއްޓިފައި ރިއާންއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނު އިރު ރިއާންގެ ޖަވާބު އިވި ޒީވާގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. އިންސާނަކާ ދޭތެރޭ ރިއާން މިހާ ރަހުމު ކުޑަވެދާނެ ކަމާމެދު އޭނާއަށް ކުޑަކޮށްވެސް ވިސްނައިލެވިފައެއް ނެތެވެ. ކުރިމަތީގައި މިހުރި ހިތްހަރު އިންސާނަކީ ހަމަ އޭނާގެ ލޯބިވާ ފިރިމީހާބާއޭ ޒީވާގެ ހިތަށް އެރިއެވެ. ނުވަތަ އޭނާ ރިއާންދެކެ ވީ ލޯބި މި ހުރިހާ ދުވަހު އޭނާ ކަނުމީހަކަށް ހެދީ ހެއްޔެވެ؟ ކުރިން ރިއާންގެ ފަރާތުން މިފަދަ ނޭދެވޭ ސިފައެއް އޭނާއަށް ފާހަގަ ނުކުރެވުނީ ކީއްވެހެއްޔެވެ؟

ކޮންމެއަކަސް ޒީވާ މަސައްކަތްކުރާ ދާއިރާގެ ގޮތުންކަންވެސް ނޭނގެއެވެ. ރިއާންގެ އެ ބަހަކީ އޭނާއަށް ވަރަށް އަސަރުކުރި ބަހަކަށްވެއްޖެއެވެ.

"އިތުރު ކަމެއް ނެތިއްޔާ ނީމް މިއަދުގެ ބާކީބައި މަޑުނުކުރިޔަސް ރަނގަޅުވާނެ. ޒީވް.. ހިނގާ ދާން"

ރިއާން ޒީވާގެ އަތުގައި ހިފައިލިއިރުވެސް ޒީވާއަށް ހުރެވުނީ ހަރަކާތެއް ކޮށްލަން ނޭނގިފައެވެ. އެތަނުގައި ހުރި ނީމްގެ ހަރަކާތަށް ކުއްލިއަކަށް ބަދަލުވެ ހަލުވިކަމާއެކު އެ ކެބިންއިން ނުކުންނަން ދިޔަ ގޮތާއި އޭރު އެ މޫނުމަތީގައިވި މާޔޫސްކަން ޒީވާއަކަށް ސިއްރެއް ނުވިއެވެ. ޒީވާ ރިއާންއާއެކު އެ ކެބިންއިން ނުކުތްވަގުތު ދުރުގައި އިން ނީމް ދެލޯ ފުހެލިތަން ޒީވާއަށް ރަނގަޅަށް ފެނުނެވެ. އެހެންކަމުން ރިއާންގާތު އެބަ އަންނަން ކަމުގައިބުނެ އޭނާ ނީމްއާ ދިމާލަށް ހިނގައިގަތެވެ. ރިއާން ލިފްޓަށް އެރިތަން ބަލަން ހުރުމަށްފަހު ޒީވާގޮސް ނީމް ގާތަށް ހުއްޓިލިއެވެ.

"ނީމް.. އޯކޭތަ؟" ޒީވާގެ އަޑަށް ނީމް ދިޔައީ ސިއްސައިގެނެވެ. އަވަސްއަވަހަށް ބޯ ޖަހައިލިއެވެ.

"ނީމް ކަމަކާ ދެރަވެފަ ހުރިހެން ހީވާތީ އަހަރެން މި އައީ.. އަނެއްކާ ރިއާންގާތު ދެންމެ ދެއްކީ ނީމް ދަންނަ މީހެއްގެ ވާހަކަތަ؟" ޒީވާ އޭނާގެ ހީވުމުގެ މައްޗަށް ބުރަވެހުރެ ސުވާލުކުރިއެވެ.

"ހްމްމް. ބައްޕަގެ ވާހަކަ. ޖަވާބު އަންނާނީ އެގޮތަކަށް އޭރުވެސް އަހަރެންނަށް އެނގުނު. އެކަމަކު އަހަރެންނަށްވެސް އިތުރުގޮތެއް ނެތީމަ އަހަރެން.." ނީމް އެވާހަކަ އިތުރަށް ކުރިއަށް ގެންދާކަށް ގަސްތެއްނުކުރިއެވެ.

"އައިމް ސޯ ސޮރީ ނީމް. ރިއާންގެ ފަރާތުން އަހަރެން މަޢާފަށް އެދެން. އަހަރެންނަށް ނީމްގެ އެކައުންޓް ނަންބަރު ފޮނުވާލަބަ. އަހަރެންނަށް ވީ ވަރަކުން އަހަރެން އެހީވާނަން" ޒީވާ ނީމްއަށް އެހީވާން ބޭނުންވިއެވެ.

"ނޫން ޒީ.. އަހަރެންނަށް އެނގޭ މިއީ ކުންފުނީގެ ޕޮލިސީ އޮންނަ ގޮތްކަން. އެކަމަކުވެސް ރިއާން އެހެން ބުނީމަ އަހަރެން ވަރަށް ފޫހިވެއްޖެ. ރިއާން ދޭ އެއްވެސް ފައިސާއެއް އަހަރެންގެ ބައްޕައަށް ހަރަދުކުރާކަ-"

"މިއީ ރިއާންދޭ ފައިސާއެއްނޫނޭ ނީމް. އަހަރެންގެ ފައިސާ. ރިއާންގެ ފަރާތުން ލިބިފަހުރި އެއްވެސް ފައިސާއެއް އަހަރެން ނީމްއަށް ނުދޭނެކަން ޔަގީންކުރަން.. އެހެންވީމަ މިއީ އަހަރެންވެދޭ އެހީއަށް ކަމަށް ދެކިލާ" ޒީވާ ބުންޏެވެ.

މިހާރުވެސް އަދި ކުރިންވެސް ޒީވާއަކީ ލިބޭ މުސާރައިން ގޭގެ ހަރަދުތައް ބަލަހައްޓަންޖެހޭ މީހަކަށް ނުވާތީއާއެކު އޭނާއަަށްވަނީ ފުދޭވަރަކަށް ފައިސާ އެއްކުރެވިފައެވެ. އެ ފައިސާ ހެޔޮކަމަކަށް ބޭނުންކުރުމަކީ އޭނާ އަބަދުވެސް ބޭނުންވާގޮތެވެ. ވީއިރު ބޭނުންޖެހިފައިވާ މީހަކަށް އޭގެއިން އެހީވުމަކީ އޭނާއަށް ލިބޭނެ އުފަލެކެވެ.

"މިހާރު ވަރަށް ގިނަ ފައިސާ އެއްކުރެވިއްޖެ. އިތުރަށް ބޭނުންވަނީ 4000 ޑޮލަރު. މާނައަކީ ބައި ލައްކައެއްހާ ރުފިޔާ. އަހަރެން ޒީއަށް އެ އަނބުރާ ދައްކާދޭނަން" ނީމް ބުންޏެވެ.

"ތިވަރު އަހަރެންނަށް އަނބުރާ އަގު އަދާނުކުރާގޮތަށްވެސް ދެވިދާނެ. ނީމް ތިކަމާ އަޅާނު-"

"ތެންކްޔޫ ސޯ މަޗް ޒީ. ޒީ އަހަރެމެންގެ އާއިލާއަށް ތިކޮށްދިނީ ވަރަށްބޮޑު ކަމެއް. ތިކަން އަހަރެން އަބަދުވެސް ހަނދާނުގަ ބަހައްޓާނަން." ޒީވާގެ ވާހަކަ ނުނިމެންދެން ނީމް މޭޒުގެ އަނެއްފަރާތުން ނުކުމެގެން އައިސް ޒީވާގެ ގައިގައި ބައްދައިލިއެވެ. ޒީވާ ހިނިތުންވެލަމުން ނީމްގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

**************

ކާރުގައި އިންއިރު ޒީވާއާއި ރިއާންގެ ދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެވެ. އެހެނަސް ހިމޭންކަމުގެ ދުނިޔެއަކަށް އާދަވެފައިވާ ރިއާންއަށް އެކަމުން އެއްވެސް އުނދަގުލެއް ނުވާކަހަލައެވެ. ކުރިމަތީގައި އޮތް މަގަށް ބަލަން އިނދެ އެއްއަތުން ކާރު ދުއްވަމުންދިޔައިރު އޭނާގެ އަނެއްއަތުން ޒީވާގެ އަތުގެ އިނގިލިތަކާއި ކުޅެލައި ކުޅެލައި އިނެވެ. ރިއާންއަށް ކަމެއް ގޯސްވެއްޖެކަން ރޭކައިލީ ކުއްލިއަކަށް ޒީވާގެ އަތް އޭނާގެ އަތުތެރެއިން ދަމައިގަތުމުންނެވެ. އޭނާ ބަލައިލިއިރު ޒީވާގެ ނަޒަރު ހުއްޓިފައިވަނީ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށެވެ.

"ކަމެއް ގޯސްވީތަ؟" ރިއާންއަށް އަހައިލެވުނެވެ.

"ރިއާން ބުނެބަލަ. ކަމެއް ގޯސްވެއްޖެތަ؟" ޒީވާގެ އަޑުގައިވަނީ ނުރުހުމެވެ. އެއީ އޭނާއަށް ޒީވާގެ ފަރާތުން މަދުން ނޫނީ ނުފެންނަ ސިފައެއްކަމުން ރިއާން އޭނާއަށް ކުރެވުނު ކަމަކާމެދު ވިސްނައިލިއެވެ.

"އޮފީހުގަ ނީމްއާ ދިމާލަށް އެހެން ބުނެވުނީމަތަ؟" ރިއާން ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން އަހައިލިއެވެ.

"އެއީ ބުނެވުނު އެއްޗެއް ނޫނެއްނު. ރިއާން ގަސްތުގަ ބުނި އެއްޗެއްނު. އަހަރެން ހިތަށް އަރާ ހިތެއްގެ ބަދަލުގަ ތި މޭގަ އޮންނަނީ ހިލަގަނޑެއް ބާއޭ. އަހަރެންގެ މަންމަ ނޫނީ ބައްޕައަށް އެދުވަސް އަޔަސް ރިއާން ދޭނީ ހަމަ އެ ޖަވާބުތަ؟" ޒީވާގެ އަޑުގައިވަނީ މަލާމާތެވެ. ރިއާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"އަހަރެންނަކަށް އެހާބޮޑު މައްސަލައެއް ނުފެނޭ. އެއީ އަހަރެން އޮފީހާ ހަވާލުވުމުގެ މާ ކުރިންސުރެން ކަންކަން އޮންނަގޮތް.. އެހެންނޫނަސް އަހަރެންނަށް ބުނެވުނީ ދޮގެއްތަ؟ އެއީ ކިހާ ބޭކާރުކަމެއް" ޒީވާއަށް ހުރީ ރިއާންގެ ވާހަކަ ގަބޫލު ނުކުރެވިފައެވެ.

"ބަލަ އެއީވެސް ކޮންމެވެސް މީހެއްގެ ބައްޕައެއް ނޫނީ ކާފައެކޭ. އެ އާއިލާގެ އުފަލަށްޓަކައި ދެވޭ ބައިލައްކަ ނޫނީ ލައްކައެއްހާ ރުފިޔާއަކުން ރިއާންގެ މުދަލާއި މާލަށް ކުޑަވެސް ލޮޅުމެއް އަންނާނެހެން އަހަރެންނަކަށް ހިއެއްނުވޭ" ޒީވާގެ ވާހަކަ ރިއާންއަށްވެސް ފަހުމު ވާންފެށިއެވެ.

"ދެން އެކަމަކުވެސް އަހަރެންނަށް އެއޮތީ އެގޮތަށް ބުނެވިފަ. އަހަރެން އިތުރަށް ނީމްއަކާ ތިވާހަކައެއް ނުދައްކާނަން" ރިއާންގެ އަޑުގައިވަނީ ހަރުކަށިކަމެވެ. އޭނާއަކީ ބުނާބަހުގައި ފަހަތައް ޖެހޭ މީހަކަށް ނުވާތީ އޭނާއަށް ބުނެވުނު ބަސް ފިޔަވާލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެކަމުން ޒީވާގެ ގާތަށް ރުޅިއައެވެ. އޭނާވެސް ގޮތް ދޫކުރާކަށް ބޭނުމެއްނުވިއެވެ.

"އަހަރެން މިވަގުތު ރިއާންއާ އެއްކޮށް ދާކަށް ބޭނުމެއްނޫން. މިތަނަށް މަޑުކުރޭ. އަހަރެންބުނާ އެއްޗަކަށްވުރެ އަދި ހާލުގަ ޖެހިފައި އޮންނަ ބަލިމީހަކަށްވުރެވެސް ރިއާންއަށް މުހިއްމީ ރިއާންގެ އީގޯ އެއްނު؟ ގޮތުގަ ހިފެހެއްޓުމެއްނު؟ އަހަރެން ދާނަން އިރުކޮޅަކުން" ޒީވާ ބުންޏެވެ.

"އެކަމަކު-"

"ނޯ އިފްސް އެންޑް ބަޓްސް ރިއާން.." ޒީވާ ރިއާންއަށް އަމާޒުކޮށްލީ މީގެ ވިއްސަކަށް މިނަޓުކުރިން ރިއާން ނީމްއާ ދިމާލަށްބުނި ބަސްތަކެވެ. ރިއާންއަށް މިފަހަރު ޒީވާގެ ކައިރިން ކުރި ނުލިބޭނެކަން ސާފުވިއެވެ. އެހެންކަމުން ޒީވާ އެދުނު ފަދައިން މަގުގެ އެއްފަރާތަކަށް ކާރު މަޑުކޮށްލިއެވެ.

ޒީވާ ކާރުން ފައިބައިގެން އެ ދިޔަގޮތަށް އެތަނުގައިހުރި ފިހާރައަކަށް ވަނުމުން ރިއާން ކާރުގެ އަރިމަތީގައިހުރި ލޯގަނޑުން ފަހަތް ބަލައިލިއެވެ. އެ ކާރުގެ ފަހަތުން އައި ސައިކަލުގައި އިން ޒީވާގެ ހަށިފާރަވެރިޔާ ރިއާންއަށް ބޯ ޖަހައިލުމަށްފަހު އެތަނުގައި ސައިކަލު މަޑުކޮށްލިއެވެ. ރިއާން ކާރު ދުއްވައިލީ އެމީހާގޮސް ޒީވާ ވަތް ފިހާރައަށް ވަނުމުންނެވެ. އޭނާގެ މިސްރާބު އަނެއްކާވެސް ހުރީ އޮފީހާ ދިމާލަށެވެ.

ކެބިން ހުންނަ ފަންގިފިލާއަށް ދެވުނު އިރު އެތަނުގައި ނީމްއެއް ފެންނާކަށް ނެތެވެ. އަމިއްލަ ކެބިންއަށް ވަނުމުގެ ބަދަލުގައި ރިއާން ސިޑިން ތިރިއަށް ފޭބިއެވެ. އަދި މުވައްޒަފުންނާ ބެހޭ ޑިޕަރޓްމެންޓްގެ ދޮރު ހުޅުވައިލިއެވެ.

"ނީމް ދިޔައީތަ؟" ރިއާން އެތަނުން ފުރަތަމަ ފެނުނު ކުއްޖާގާތު އަހައިލިއެވެ.

"އާން. އިތުރު ކަމެއް ނެތިއްޔާ ދިޔަސް އެންމެ ރަނގަޅޭ ސަރ ބުނުއްވިކަމަށް އެންގީ" އެކުއްޖާ ކަންބޮޑުވެފައި އޭނާގެ ގާތުގައި އިން ކުއްޖާއަށް ބަލައިލިއެވެ. އަނެއްކާ ނީމް ފޮނުވާލުމަކީ އެމީހުނަށް ހެދުނު ގޯހަކަށް ވެދާނެތީ ބިރުގަތެވެ. ނީމްއަކީ ކޮލެޖަށްވެސް ދާ ކުއްޖަކަށާ ވާތީއާއެކު ރިއާން ގިނަފަހަރަށް ވަޒީފާގެ ކަންކަމުގައި ނީމްއަށް ލުއިދޭކަން އެނގި އެމީހުން ނީމް ހުއްޓުވަން ނޫޅުނީއެވެ.

"ހްމްމް އަހަރެން ބުނީމޭ އެހެން. ނީމް ބުނި މިކޮޅަށް އައިސްފަ އޮތް ވެލްފެއަރ ރިކުއެސްޓެއްގެ ވާހަކަ. 67 އަހަރުގެ މީހެއް" ރިއާންގެ ވާހަކަ ނުނިމެންދެން އެކުއްޖާ ސިސްޓަމުގައި އެކަމާގުޅޭ މައުލޫމާތު ހޯދުމަށް ޓައިޕުކުރަން ފަށައިފިއެވެ.

"ލައްބަ. ރިކުއެސްޓް ކެންސެލް ކޮށްފަ އިނީ މިހާރު" އެކުއްޖާ ބުންޏެވެ.

"ނީމް މާދަން އައިމަ ބުނޭ ރިކުއެސްޓް އަލުން ހުޅުވާލާށޭ..  ފައިނޭންސަށް އޭތި ޕްރޮސެސްކުރަން އަންގާލާތި" ރިއާން އެތަނުން ދާން ފިޔަވަޅެއް އަޅައިލިއެވެ. ނަމަވެސް އެކުއްޖާ ރިއާންއަށް ގޮވައިލަމުން ހުއްޓުވިއެވެ.

"ސަރ ނީމް މާދަމައިން ފަށައިގެން ހުންނާނީ އެއްމަސްދުވަހުގެ ޗުއްޓީއެއްގަ. ސަރ އަދި މިއަދު އޮފީހަށް ނުކުތީމަ އެވާހަކަ ދަންނަވާނުލެވިފަ އޮތީ. ނީމް އަންނަންދެސް ރައުހާ ޕީ.އޭ އަކަށް ހުންނާނީ"

"އެއްމަސް ދުވަހޭ؟ އެއީ ކީއްވެ އެހާ ދިގު ޗުއްޓީއެއް؟" ރިއާންގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ.

"ނީމްގެ ބައްޕަގެ ކިޑްނީ ޓްރާންސްޕްލާންޓަށް ބޭރަށް ފުރާނެ މިރޭ.. އެހެންވެ ނީމްވެސް ބައްޕައާއެކު ދާންޖެހޭތީ"އެ

ކުއްޖާގެ ޖަވާބާއެކު ރިއާންއަށް ހީވީ މީހަކު އޭނާގެ ކަންކަށިމަތީގައި ވަރުގަދަ އެތިފަހަރެއް ވީއްލައިލިހެނެވެ. އޭނާ ކެބިންގައި ދެއްކި ވާހަކައަށްފަހު ނީމްގެ މޫނުމަތިން ފެނުނު މާޔޫސްކަން މިހާރު އޭނާއަށް ދޭހަކުރެވިއްޖެއެވެ. ނީމް އޭރު އޭނާއާ އެ ދެއްކި ވާހަކައަކީ ނީމްގެ ބައްޕަގެ ވާހަކަތާއެވެ. އަނެއްކާ ޒީވާއަށް އެކަން އެނގޭބާއެވެ. ރިއާންއަށް ބުނެވުނު ބަސްތަކުން ނީމްއަށް ކުރާނެ އަސަރު ރިއާންއަށް އަންދާޒާވެސް ކޮށްލާކަށް ނޭނގުނެވެ.

"އެހެންވިއްޔާ ރައުހާ ކައިރީގަ ބުނޭ އެ ރިކުއެސްޓް އޯޕަން ކޮށްލާފަ ފައިނޭންސަށް ފޮނުވާލަން.." އިރުކޮޅަކު ގަބުއަރާފައި ހުރުމަށްފަހު ރިއާން ވާހަކަދެއްކިއެވެ. އަދި އެކުއްޖާގެ ޖަވާބަކަށް މަޑުކުރުމެއްނެތި އެތަނުން ނުކުމެގެން ދިޔައެވެ.

***************

ހަވީރުގެ ހިތްގައިމު ވަގުތެވެ. އޮފީހުން އައި އިރު ގެނައި ހެދިކާ ކޮތަޅު މޭޒުމަތީގައި ބެހެއްޓުމަށްފަހު ޝައިނާ ބަދިގެއަށްވަނީ ސައިތައްޓެއް ގިރައިލުމަށެވެ. އެވަގުތު ކޮންމެވެސް ދިމާލަކުން ފޯނެއް ވައިބްރޭޓްވާން ފެށިހެން ހީވެ ޝައިނާ ފަރާތްފަރާތަށް ކަޅި ހިންގައިލިއެވެ. ކާމޭޒު މަތީގައި އޮތް ޝިމާންގެ ފޯނު ފެނުމާއެކު އަލުން އަނބުރައި އެދިމާލަށް ހިނގައިގަތެވެ. ފޯނަށް ގުޅަމުންދިޔައީ އިޝްވާއެވެ. ހަދާނެގޮތެއް ނޭނގިފައި ޝައިނާއަށް އެ ކޯލު ކެނޑެންދެން ބަލަހައްޓައިގެން ހުރެވުނެވެ. އިޝްވާގެ 11 ކޯލު މިސްވެފައިވާތަން ފޯނުން ފެނުމާއެކު ޝައިނާ އަޑުގައި ނެތްތަނަށް ޝިމާންއަށް ގޮވައިލިއެވެ.

"ޔާރައްބީ ތަނެއްގަ ރޯވީތަ؟" ޝިމާން ތެޅެމުން ފޮޅެމުން ކޮޓަރިން ނުކުމެގެން އައިސް ޝައިނާގާތަށް ހުއްޓުނެވެ. ޝައިނާ އަތުގައި އޮތް ފޯނު ދައްކައިލުމާއެކު ޝިމާންއަށް ވެގެން އުޅޭގޮތް ރޭކައިލިއެވެ.

"ޝިމާން އަދިވެސް އިޝީއާ ވާހަކަ ނުދައްކަނީތަ؟" ޝައިނާއަށް ހިތްހަމަ ނުޖެހިފައި އަހައިލެވުނެވެ.

"މިރޭ ބުނާނަން" ޝިމާން ފޯނު އަތުލުމަށްފަހު އެތަނުގައިހުރި ހެދިކާ ކޮތަޅު ހިފައިގެން ސޯފާއާ ދިމާލަށް ހިނގައިގަތެވެ.

"ތިއީ ޝިމާން ރަނގަޅަށް ވިސްނާފަ ކުރާ ކަމެއްތަ؟ އިޝީ ދެރަވާނެވަރު ޝިމާންއަށް ނޭނގޭތަ؟"

ޝައިނާގެ ބަސްތައް ޝިމާންގެ ކަންފަތައް ނީވޭކަހަލައެވެ. އެންމެފަހުން ޝައިނާ ހިތްހަމަނުޖެހިފައިހުރެ ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އޭނާ މިވަގުތު ޝިމާންގެ މޫނުވެސް ދެކެން ބޭނުން ނުވާކަހަލައެވެ.

"އަޅެ ސައިތައްޓެއްވެސް ހަދާ ނުދިންތަ؟" ޝައިނާ ލެއްޕި ދޮރަށް ބަލައިލަމުން ޝިމާން މަޑުމަޑުން ބުންޏެވެ. އަދި ޗޮކެއްކަނޑައިލަމުން ފޫހިގޮތަކަށް ގޮސް އަމިއްލައަށް ސައި ތައްޓެއް ތައްޔާރުކޮށްލިއެވެ. އެހިފައިގެން އައިސް ސޯފާގައި އިށީންނަމުން ފޯނު ނަގައި މިރޭ ބައްދަލުކޮށްލުމަށް އެދި އިޝްވާއަށް މެސެޖެއް ފޮނުވައިލިއެވެ. ސައިތަށި ތުނބުގައި ޖަހައިލި އިރު އޭނާގެ ހިޔާލުގައި އެނބުރެމުންދިޔައީ މިރޭ އިޝްވާއާ ދިމާވެ ދައްކާނެ ވާހަކަތަކެވެ.

އެއްބަސްވެވިފައިވާގޮތުގެ މަތިން ޝިމާން އެރޭ އިޝްވާއާ ބައްދަލު ކުރުމަށްޓަކައި އިޝްވާމެން ގޭދޮށަށް ދިޔައެވެ. އޭނާގެ ސައިކަލު އެގޭގެ ކުރިމައްޗަށް ހުއްޓައިލިއިރު އިޝްވާ އޭނާގެ އިންތިޒާރުގައި ބޭރަށް ނުކުމެ ހުއްޓެވެ.

"ތި ކޯއްޗެއް؟" އިޝްވާގެ އަތުގައި އޮތް ހުދުކުލައިގެ ބޭރު ނުފެންނަ ކޮތަޅަށް ބަލައިލަމުން ޝިމާން އަހައިލިއެވެ.

"ގޮސްފަ ދައްކާނަން. ދެން ހިނގާބަލަ" އިޝްވާ ސައިކަަލަށް އަރައި ހަމަޖެހިލިއެވެ. އެމީހުންގެ މިސްރާބުހުރީ މާލެއާ ހުޅުލެއާ ދެމެދު މީހުން ދަތުރުކުރުމަށް އަޅައިފައިވާ ދާލަމާ ދިމާލަށެވެ.

މަޑުދުވެލީގައި ސައިކަލު ގޮސް ހުޅުމާލޭގެ ބީޗް ސަރަހައްދަށް މަޑުކޮށްލުމުން އިޝްވާ ސައިކަލުން ފޭބިއެވެ. ޝިމާން ސައިކަލު ޕާކު ކޮށްލުމަށްފަހުގައި އައިސް އިޝްވާގެ ގާތަށް ހުއްޓުމާއެކު އިޝްވާ ޝިމާންގެ އަތުގައި ހިފައިގެން ގޮނޑުދޮށަށް ފޭބިއެވެ. ބިޔަގަސްތަކުގެ ހިޔާ އެޅިފައިވާ އެ ގޮނޑުދޮށްވަނި ކޮކާ ހަނދުވަރުގެ ރިހި އަލިން ދިއްލައިލެވިފައެވެ.

ދެޒުވާނުން އެކުގައި ވެލިގަނޑުމަތީ އިށީނުމާއެކު އިޝްވާ އޭނާ ގެނައި ކޮތަޅުން ނެގި "ދަ ލޭކަރޒް" ގެ ބާސްކެޓްބޯޅަ ޖަރޒީއެއް ޝިމާންއަށް ދިއްކޮށްލިއެވެ. ޝިމާން އެ ރަނގަޅަށް ނިއުޅައިލުމަށްފަހު ބަލައިލި ވަގުތު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

"އިޝީ.. މިއީ" ޝިމާންއަކަށް ގަބޫލެއް ނުކުރެވުނެވެ.

"ހްމްމް. ތި ހީވީ ރަނގަަޅަށް. ބައްޕަ މިފަހުން ޔޫ.އެސް އަށް ދިޔަ ދަތުރުގަ ލޭކަރޒް މެޗެއް ބަލަން ގޮސްފަ ގެނެސްދިން ޖަރޒީއެއް ތިއީ.. މާނުގެ ފޭވަރިޓެއްނު" އިޝްވާ ބުންޏެވެ.

އާނއެކެވެ. އެއީ އޭނާއަށް އެންމެ ކަމުދާ ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ ސޮއި ކޮށްފައިވާ އެ ޓީމުގެ ޖަރޒީއެކެވެ.

"އެކަމަކު މިއީ އިޝީގެވެސް ފޭވްއެއްނު؟" ޝިމާންއަށް އެ ހަދިޔާ ގަބޫލުކުރަން އުނދަގޫވިއެވެ.

"ދެން ބާއްވަބަލަ. ނޫނީ އިޝީ ދެރަވާނެ. އެހެންނޫނަސް މާނު އަތުގަ އޮތުމަކީ ހަމަ އިޝީގެ އަތުގަ އޮތުމެއްނު؟ އިޝީ މާ އުފާވާނޭ" އިޝްވާ ހިނިތުންވެލަމުން ޝިމާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އެ ހިނިތުންވުންފެނި ޝިމާންއަށް ހިންދިރުވައިލެވުނެވެ. އޭނާގެ ސަބަބުން އިޝްވާގެ އެ ރީތި ހިނިތުންވުން ފިލައިދާކަށް މާ ގިނައިރެއްނެތެވެ.

"މާނު.. ކޮންއިރަކުން މެރީ ކުރާނީ؟" އިޝްވާގެ ސުވާލާއެކު ޝިމާންގާތަށް އިޚްތިޔާރަކާނުލައި ހޭންފެށުނެވެ.

"އެހެހެ. އިޝީ ދައްކާވާހަކަ. އަދި މިއުޅެނީ ޖޮބްވެސް ރަނގަޅަށް ސްޓަރޓް ނުވެގެނެއްނު. އަދި ކިރިޔާ ކޯސް ފެށުނީ.. ކިހިނެއްވީ ކުއްލިއަކަށް މެރީކުރާ ހިޔާލު ތި އައީ؟" ޝިމާން އަހައިލިއެވެ.

"ނޭނގެ. މާނު މިހާރު ވަރަށް ދުރު. ހީވަނީ އިޝީ ގަސްތުގަ ދުރުކޮށްލާހެން. ވަރަށް ދެރަވޭ.. އެނގޭ އެކަމަކު ކިޔަވަމުން ޖޮބް ސްޓަރޓް ކުރީމަ ބިޒީ ވާނެކަންވެސް. އެކަމަކުވެސް ނޭނގެ. އިޝީ ހަމަ ހާސްވަނީ. އަބަދުވެސް ހުންނަނީ ހިތްބިރުގަނެފަ. އަނެއްކާ މާނު އިޝީ ދޫކޮށްލާ ކަހަލަ ހިޔާލެއް އެބަ ކުރަންތަ؟" އިޝްވާ ކުޑަކޮށް ބޯ ހިއްލައިލުމަށްފަހު ޝިމާންއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

ޝިމާންގެ ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ. އޭނާ ދައްކަން އައި ވާހަކަ މުޅިން ހަނދާންނެތުނެވެ. އިޝްވާގެ ލޮލުން އޭނާއަށް ފެންނަމުންދިޔައީ އެހިތުގައި އޭނާގެ މައްޗަށް އޮތް ސާފު ތެދުވެރި ލޯތްބެވެ. އޭނާގެ ސަބަބުން އެމައުސޫމު ހިތުގައި ކޫރުމެއް އެޅޭކަށް ޝިމާން ބޭނުމެއްނޫނެވެ.

"ނެވަރ ބޭބް. ދުވަހަކުވެސް ދޫކޮށްލާކަށް ބޭނުމެއްނޫން. އެއަށްވުރެން މާބޮޑަށް ލޯބިވޭ." ޝިމާން އިޝްވާގެ ކޮނޑުގައި އެއްއަތް ވަށައިލަމުން އޭނާއާ ގާތްކޮށްލިއެވެ. ނަމަވެސް ކޮންމެފަހަރަކު ދިރިއުޅުމަކީ ތިމާ ބޭނުންވާ ގޮތަކަށް ބައްޓަންކުރެވޭނެ އެއްޗެއް ނޫނެވެ. އިޝްވާއަށް އެވީ ވައުދުގައި އޭނާއަށް ހިފެހެއްޓޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

"ސޮރީ" ޝިމާން އިތުރުކޮށްލިއެވެ.

"ކީއްވެ؟" އިޝްވާ އަހައިލިއެވެ.

"ދުރުކޮށްލެވުނީމަ. ވަގުތު ނުދެވުނީމަ" ޝިމާން ބުންޏެވެ.

"އިޓްސް އޯކޭ މާނޫ" އިޝްވާ ޝިމާންގެ ނަމަށް ދަމައިލައިފައި ބުންޏެވެ. "ބަލާބަލަ ހަނދު ރީތިކަން" އިޝްވާ އުޑަށް އިޝާރާތްކޮށް ބުންޏެވެ.

"ތިއީ މާ ރީތި ހަނދެއްނު" ޝިމާން އިޝްވާގެ ކަންފަތްދޮށުގައި ބުނެލިއެވެ.

"ޗީޑި އިޔު. ކިޔާ އެއްޗެހި. ސޯ ޗީޒީ. ދެން ނުކިޔާތި ތިކަހަލަ އެއްޗެހި" އިޝްވާ މޫނަށް ޖައްސައިލި ވައްތަރުފެނި ޝިމާންއަށް ހެވުނެވެ.

"އޯކޭ އޯކޭ. ދެން ބޭބެހާ މޮޅެއް ނުވާނެދޯ" ޝިމާން ބުންޏެވެ.

"ދޮންބެގެ ވާހަކަ ނުދައްކާ. އެ އޮފީސް ދަތުރަކަށްވެސް އެ ދިޔައީ އެ އެލީޝާއެއް ގޮވައިގެން. ސިސްއަށް ކިހިނެއް ވެފަތަ އެ ހުންނަނީ؟" ދެމީހުންގެ ވާހަކައިގެ މައުޟޫއު ބަދަލުވެގެންދިޔައެވެ. އެލީޝާއާ ގުޅިގެން އިޝްވާ ވާހަކަދައްކާގޮތް ބަލަން ޝިމާންއަށް އިނދެވުނީ މަޖާވެފައެވެ.

މާގިނައިރެއްނުވެ ޖެހެމުންދިޔަ މަޑު ވައިރޯޅީގައި ތެތްފިނިކަމެއްގެ އަސަރު ހިއްޕައިލިއެވެ. ބޯވިލާތަކުން ޖައްވު ބަނަކޮށްލައި ފަލަކުގައި ވިދަމުންދިޔަ ހަނދާއި ތަރިތައް އެވިލާތަކުގެ ނިވަލުގައި ފޮރުވައިލައިފިއެވެ. އިންޒާރަކާނުލައި އޮއްސައިލި ވާރޭގެ ތިކިތަކުން ގޮނޑުދޮށް ތެންމައިލުމާއެކު އިޝްވާގެ އަތުގައި ހިފައިގެން ތެދުވެ ޝިމާން ހިޔަލަށް ދުއްވައިގަތެވެ. ކުރިއަށްވުރެ ބޮޑަށް ދެޒުވާނުން ގަސްގަނޑުގެ ނިވަަލަށް ވަނެވެ.

"ހިނގާ ތެމެން" އިޝްވާ އިރުކޮޅަކު ވެހެމުން ދިޔަ ވާރެއަށް ބަލަން ހުރުމަށްފަހު ބުނެލިއެވެ. ދެން ފެނުނީ ޝިމާންގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި އޭނާ އެ ވާރޭގެ ތެރެއަށް ދުއްވައިގަތްތަނެވެ. އިޝްވާގެ މޮޔަކަން ހިތަށް އަރުވައިލަމުން ޝިމާންއަށް ހެވިފައި ދެފަރާތަށް ބޯހޫރައިލެވުނެވެ.

އިޝްވާ ވާރެއާ ތެމެމުންގޮސް ކަކޫތާ ފެނަށް މޫދަށް އެރުމުން ޝިމާން އިޝްވާ ހުއްޓުވަން އަވަސްވެގަތެވެ. ސަކަރާތެއްގަ ޖެހިއްޖެނަމަ އިޝްވާގެ ކަންތައްތައް ހުންނަގޮތް އެންމެ ރަނގަޅަށް އެނގޭ މީހަކީ އޭނާއެވެ. އެ ދާގޮތަށް މޫދަށް އެރިގެން ކަނޑާ ހިސާބަށް ދެވޭއިރުވެސް އިޝްވާއަކަށް ނޭނގޭނެއެވެ. ޝިމާން ދެފަހަރަކު އިޝްވާއަށް ގޮވައިލުމުންވެސް އިޝްވާއަކަށް އެ އަޑު އިވުނުހެން ހިއެއްނުވެއެވެ. އެހެންކަމުން އޭނާ އަތުގައި އޮތް ކޮތަޅު ބިންމަތީގައި ބޭއްވުމަށްފަހު ގަހުގެ ހިޔާދަށުން ނުކުމެގެންގޮސް އިޝްވާ ހުއްޓުވިއެވެ.

"އިޝީ..ނޯ.. މޫދަށް ނޭރޭނެ" އިޝްވާގެ އަތުގައި ހިފައި އެއްގަމަށް ގެންނަމުން ޝިމާން ބުންޏެވެ. "ބަލަ އެންމެފަހުން އަހަރެންވެސް މިޖެހުނީ ތެމެން.. އިޝީއަށް އެނގެއެއްނު މޫދަށް އެރޭއިރުވެސް މިއީ ރޭގަނ-"

ކުއްލިއަކަށް ޝިމާންގެ ބަސްތައް ހުއްޓުނީ އިޝްވާ ކުރިއަށް ޖެހިލައި ގެނައި އަވަސް ހަރަކާތާއެކު އޭނާގެ ކޯތާފަތުގަައި ތުންފަތް ޖައްސައިލުމުންނެވެ.

"ލެޓްސް ޑާންސް؟" އިޝްވާ ޝިމާންގެ އަތުގައި ހިފައި ދަމައިގަތެވެ. ދެންމެ އެދެމެދުގައި ހިނގައިދިޔަ ކަންތަކުގެ އެއްވެސް ނިޝާނެއް އެމޫނު މައްޗަކުނެތެވެ. ޝިމާންގެ ފަރާތުން ބަދަލުގައި އެފަދަ ކަމަކަށް އުއްމީދުކުރާކަމުގެ ކުލަވަރެއް ފެންނާކަށް ނެތެވެ. ޝިމާން މިފަހަރު ހިނިތުންވެލީ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބިގެންދިޔައީތީ އެކަމުގެ ހިތްހަމަ ޖެހުމުގައެވެ. އާނއެކެވެ. އޭނާ އިޝްވާ މުޅިއުމުރަށްވެސް ގެންގުޅޭނަމެވެ. މިފަދަ ލޯބިވެތި ކުއްޖެއް އޭނާގެ ހަޔާތަށް އައުމަށްފަހު ދޫކޮށްލުމުގެ ހިޔާލު އޭނާގެ ސިކުނޑިއަށް އައީ ކިހިނެއްބާއެވެ؟

***************

"ހަމަ ތެދެއް މިބުނީ. އަހަރެން މި ހުންނަނީ ސިކުނޑި ސުމަކަށް ދާވަރުވެފަ. ހާދަ ވަރަކަށް މަސައްކަތްކޮށްފީމޭ ޝިމާންއަށް ވިސްނާދޭން" ފަރުނީޗަރު ފިހާރައެއްގެ ސޯފާގައި އިށީނދެލުމަށްފަހު ތެދުވަމުން ޝައިނާ ކައިރީގައިހުރި ޒީވާގާތު ބުންޏެވެ.

އެމީހުން އެތަނަށް އައިސް އުޅުނީ ޝައިނާމެން ގޭގެ ސޯފާ ބަދަލުކުރުމަށްޓަކައި ރަނގަޅު ސޯފާއެއް ހޯދުމަށެވެ. ޝިމާންގެ އުޅުން ހުންނަގޮތުގެ ވާހަކަ ޒީވާގާތު ނުދައްކަން އުޅުނު ނަމަވެސް އޭނާއަކަށް އެކަން ކާމިޔާބެއް ނުވިއެވެ. ޒީވާއަށް ނޭނގޭ އޭނާގެ ހަޔާތުގެ ސިއްރުތައް މިހާރުވެސް މާގިނަވެއްޖެއެވެ. އިޝްވާއަކީ ޒީވާއަށް ކިހާ މުހިއްމު މީހެއްކަން އެނގިހުރެ އިޝްވާއާ ގުޅޭ ވާހަކައެއް ޒީވާއަށް ސިއްރުކުރުމަކީ އޭނާ ބޭނުންގޮތެއް ނޫނެވެ.

"ޝިމާން އިޝްވާއަށް ދެރަގޮތެއް ހަދައިފިއްޔާ އަހަރެން ޒީއަށް ދައްކާނީ ކޮން މޫނެއް. ރާހިލްވެސް ވަރަށް ހިތްހަމަ ނުޖެހޭނެ" ޝައިނާ ބުންޏެވެ.

"އަޅާނުލާބަލަ. އެއީ އަހަރުމެންނަކަށް ބާރު ފޯރުވޭނެ ކަންތައްތަކެއް ނޫނެއްނު. އެހެންނޫނަސް ތިކަމުގަ ޝައިނާއަށް ކުރެވޭނެ ކަމެއް ނެތެއްނު. ޝައިނާއާ މޫނުކެނޑެންވި ސަބަބެއް ނެތެއްނު" ޒީވާ ބުންޏެވެ. "ޝައިނާއަށް އެނގޭތަ ކޮން އިރަކުކަން ޝިމާންގެ އުޅުން ބަދަލުވާންފެށީ.. ނީމްއާ ދިމާވި ފަހުންތަ؟ ނޫނީ އަނެއްކާ ދައްތަމެންގެ އެކްސިޑެންޓް.."

"ނޫން ނޫން. ނީމްއާ ދިމާވުމުގެ މާ ކުރިންވެސް ޝިމާން ބަދަލުވާން ފަށައިފި. އެކަމު ބޮޑުދައިތަމެން ނިޔާވިފަހުންވެސް އެމީހުން އުޅުނީ ކިހާ ލޯބިން؟" ޒީވާގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ބުންޏެވެ. އެސުވާލާމެދު ވިސްނާލަން އޭނާއަށް މަޖުބޫރުވިއެވެ. އެއާއެކު ބިރާއި ކަންބޮޑުވުން އެކުލެވިގެންވާ ރާޅެއް އޭނާގެ މޭގައި ދަތުރުކޮށްލި ކަހަލައެވެ. އާނއެކެވެ. ޝިމާންއާއި އިޝްވާގެ ގުޅުން ބޮޑަށް ހީނަރުވާންފެށީ އޭނާއާއި ރާހިލްގެ ކައިވެންޏަށް ފަހުގައެވެ.

ހިޔާލުތަކުގައިހުރެ ޝައިނާ ހިނގަމުންދިޔައީ އެތަނުގައި ހުރި ބޮޑު އަލަމާރިއަކާ ދިމާލަށެވެ. ޝައިނާއަކަށް އެ އަލަމާރިއެއް ނުފެނެއެވެ. ޒީވާއަށް އެކަން ފާހަގަވިއެވެ.

"ޝައި" ޝައިނާގެ އަތުގައި ހިފައި ގާތަށް ދަމައިލަމުން ޒީވާ ގޮވައިލިއެވެ.

ޝައިނާ އައިސް ޒީވާގެ ގައިގައި ޖެހުމާއެކު ޒީވާއަކަށް ފިޔަވަޅުތައް ކޮންޓްރޯލްއެއް ނުކުރެވުނެވެ. ދެމީހުން އެކުގައިގޮސް ޖެހުނީ ޒީވާގެ ފަހަތުގައި ހުރި ހިމަ ދިގު ފޮތް ހަރުގަނޑެއްގައެވެ. ހަމަ ޖެހުމާއެކު އެ ހަރުގަނޑު ދެފަރާތަކަށް ކިރިލާފައި ވެއްޓެން އައީ ކުރިއަށެވެ. ޒީވާއާ ޝައިނާއަށް އެތަނުން ދުރަށް ޖެހިލެވުނު ނަމަވެސް ހަރުގަނޑު އެ ވެއްޓެންދިޔަ ގޮތަށް ގޮސް މައިތިރިވީ ކުރިން ޝައިނާ އެ އަލަމާރިއަކާ ދިމާލަށް ހިނގަމުންދިޔަ އަލަމާރިއަށެވެ. އެ އަލަމާރީގެ ދޮރުފަތުގައިހުރި ބޮޑު ލޯގަނޑުގައި އެ ހަރުގަނޑު ޖެހުނު ވަގުތު އެ ލޯގަނޑު ތަޅައިގެންގޮސް ދޮރުފަތް ހަލާކުވެއްޖެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ފިހާރައިގައި ތިބި ހުރިހާ މުވައްޒަފުންނާއި ކަސްޓަމަރުން ބޯތައް އެދިމާލަށް އެނބުރުނެވެ. ޒީވާއާއި ޝައިނާއަށް ލިބުނު ސިހުމާއި ހައިރާންކަމުގައި ދެލޯ ބޮޑުކޮށްލައިގެން ހުރެވުނީއެވެ. ލަދު ގަންނަންވެސް ނޭނގިފައެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރިއާން ދުލުންބަހެއް ބޭރުކުރުމުގެކުރިންމިބުނެވެނީކިހާވަރެއްގެ
    އެއްޗެއްކަމާމެދުވިސްނާލާނަމަތިހެންނުވީސްދެނވެސްއެކަހަލަ
    އެއްޗެއްނުބުނާތިމީހަކާދިމާލަށްމުއްސަނދިކަމަކީވެސްމާތްﷲ
    އިރާދަކުރައްވާމީހަކަށްދެއްވާއެއްޗެއް

  2. ކޮބާ ރާހިލް ދިޔަ ދިޔައިނުން އަންނާކަށް ނޭނގުނު ދޯ. މި ވާހަކައިގަ މިއުޅެނީ އެއްވަރުގެ ސޮރުންތަކެއް. އެކަކަށް އަނެކަކު ދުލެއްނުކުރޭ. ރީތި މިބައިވެސް. ދެންއޮތް ބައި އަވަހަށް ގެނެސްދެއްޗޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު