Saturday, 15 June 2024

ހިތް އެދޭހާ ކަމެއް.. (46 ވަނަބައި)

"ހަމަ ތެދެއް މިބުނީ. އަހަރެން މި ހުންނަނީ ސިކުނޑި ސުމަކަށް ދާވަރުވެފަ. ހާދަ ވަރަކަށް މަސައްކަތްކޮށްފީމޭ ޝިމާންއަށް ވިސްނާދޭން" ފަރުނީޗަރު ފިހާރައެއްގެ ސޯފާގައި އިށީނދެލުމަށްފަހު ތެދުވަމުން ޝައިނާ ކައިރީގައިހުރި ޒީވާގާތު ބުންޏެވެ. އެމީހުން އެތަނަށް އައިސް އުޅުނީ ޝައިނާމެން ގޭގެ ސޯފާ ބަދަލުކުރުމަށްޓަކައި ރަނގަޅު ސޯފާއެއް ހޯދުމަށެވެ. ޝިމާންގެ އުޅުން ހުންނަގޮތުގެ ވާހަކަ ޒީވާގާތު ނުދައްކަން އުޅުނު ނަމަވެސް އޭނާއަކަށް އެކަން ކާމިޔާބެއް ނުވިއެވެ. ޒީވާއަށް ނޭނގޭ އޭނާގެ ހަޔާތުގެ ސިއްރުތައް މިހާރުވެސް މާގިނަވެއްޖެއެވެ. އިޝްވާއަކީ ޒީވާއަށް ކިހާ މުހިއްމު މީހެއްކަން އެނގިހުރެ އިޝްވާއާ ގުޅޭ ވާހަކައެއް ޒީވާއަށް ސިއްރުކުރުމަކީ އޭނާ ބޭނުންގޮތެއް ނޫނެވެ.

"ޝިމާން އިޝްވާއަށް ދެރަގޮތެއް ހަދައިފިއްޔާ އަހަރެން ޒީއަށް ދައްކާނީ ކޮން މޫނެއް. ރާހިލްވެސް ވަރަށް ހިތްހަމަ ނުޖެހޭނެ" ޝައިނާ ބުންޏެވެ.

"އަޅާނުލާބަލަ. އެއީ އަހަރުމެންނަކަށް ބާރު ފޯރުވޭނެ ކަންތައްތަކެއް ނޫނެއްނު. އެހެންނޫނަސް ތިކަމުގަ ޝައިއަށް ކުރެވޭނެ ކަމެއް ނެތެއްނު. ޝައިއާ މޫނުކެނޑެންވި ސަބަބެއް ނެތެއްނު" ޒީވާ ބުންޏެވެ. "ޝައިއަށް އެނގޭތަ ކޮން އިރަކުކަން ޝިމާންގެ އުޅުން ބަދަލުވާންފެށީ.. ނީމްއާ ދިމާވި ފަހުންތަ؟ ނޫނީ އަނެއްކާ ދައްތަމެންގެ އެކްސިޑެންޓް.."

"ނޫން ނޫން. ނީމްއާ ދިމާވުމުގެ މާ ކުރިންވެސް ޝިމާން ބަދަލުވާން ފަށައިފި. އެކަމު ބޮޑުދައިތަމެން ނިޔާވިފަހުންވެސް އެމީހުން އުޅުނީ ކިހާ ލޯބިން؟" ޒީވާގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ބުންޏެވެ. އެސުވާލާމެދު ވިސްނާލަން އޭނާއަށް މަޖުބޫރުވިއެވެ. އެއާއެކު ބިރާއި ކަންބޮޑުވުން އެކުލެވިގެންވާ ރާޅެއް އޭނާގެ މޭގައި ދަތުރުކޮށްލި ކަހަލައެވެ. އާނއެކެވެ. ޝިމާންއާއި އިޝްވާގެ ގުޅުން ބޮޑަށް ހީނަރުވާންފެށީ އޭނާއާއި ރާހިލްގެ ކައިވެންޏަށް ފަހުގައެވެ.

ހިޔާލުތަކުގައިހުރެ ޝައިނާ ހިނގަމުންދިޔައީ އެތަނުގައި ހުރި ބޮޑު އަލަމާރިއަކާ ދިމާލަށެވެ. ޝައިނާއަކަށް އެ އަލަމާރިއެއް ނުފެނެއެވެ. ޒީވާއަށް އެކަން ފާހަގަވިއެވެ.

"ޝައި" ޝައިނާގެ އަތުގައި ހިފައި ގާތަށް ދަމައިލަމުން ޒީވާ ގޮވައިލިއެވެ. ޝައިނާ އައިސް ޒީވާގެ ގައިގައި ޖެހުމާއެކު ޒީވާއަކަށް ފިޔަވަޅުތައް ކޮންޓްރޯލްއެއް ނުކުރެވުނެވެ. ދެމީހުން އެކުގައިގޮސް ޖެހުނީ ޒީވާގެ ފަހަތުގައި ހުރި ހިމަ ދިގު ފޮތް ހަރުގަނޑެއްގައެވެ. ހަމަ ޖެހުމާއެކު އެ ހަރުގަނޑު ދެފަރާތަކަށް ކިރިލާފައި ވެއްޓެން އައީ ކުރިއަށެވެ. ޒީވާއާ ޝައިނާއަށް އެތަނުން ދުރަށް ޖެހިލެވުނު ނަމަވެސް ހަރުގަނޑު އެ ވެއްޓެންދިޔަ ގޮތަށް ގޮސް މައިތިރިވީ ކުރިން ޝައިނާ އެ އަލަމާރިއަކާ ދިމާލަށް ހިނގަމުންދިޔަ އަލަމާރިއަށެވެ. އެ އަލަމާރީގެ ދޮރުފަތުގައިހުރި ބޮޑު ލޯގަނޑުގައި އެ ހަރުގަނޑު ޖެހުނު ވަގުތު އެ ލޯގަނޑު ތަޅައިގެންގޮސް ދޮރުފަތް ހަލާކުވެއްޖެއެވެ.

ހިނދުކޮޅެއްގެ ތެރޭގައި ފިހާރައިގައި ތިބި ހުރިހާ މުވައްޒަފުންނާއި ކަސްޓަމަރުން ބޯތައް އެދިމާލަށް އެނބުރުނެވެ. ޒީވާއާއި ޝައިނާއަށް ލިބުނު ސިހުމާއި ހައިރާންކަމުގައި ދެލޯ ބޮޑުކޮށްލައިގެން ހުރެވުނީއެވެ. ލަދު ގަންނަންވެސް ނޭނގިފައެވެ. މިނެޓެއްހާއިރުފަހުން ދެމީހުންނަށް އެ ސިހުމުން އަރައިގަނެވުނީ ކައިރިން މީހަކު ކަރުކެލިހި އަޑަށެވެ. އޭރު ހުދުކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ކަޅު ޓައިއެއް އަޅައިގެންހުރި މީހަކު އެމީހުންގެ ފަހަތުގައި ހުއްޓިލައިގެން ހުއްޓެވެ. އެމީހާގެ އިޝާރާތަށް ޝައިނާއާއި ޒީވާ އޭނާގެ ފަހަތުންގޮސް ފިހާރައިގެ ކައުންޓަރު ކައިރިއަށް ހުއްޓުނެވެ. އެމީހާގެ ތައާރަފުން އެނގުނު ގޮތުގައި އެއީ ފިހާރައިގެ އެ ދަންފަޅީގެ ސުޕަރވައިޒަރެވެ.

*************

ގަޑިތަކުން ރޭގަނޑު ނުވައެއް ޖެހުމާ ގާތްވަނީއެވެ. ރިއާން މަސައްކަތްކުރަން އިން ލެޕްޓޮޕް ނިއްވައިލުމަށްފަހު އޭނާ އިން ގޮނޑިން ތެދުވެ ހިންދެމިލިއެވެ. ސިކުނޑިއަށް އާރޯކަމެއް ހޯދައިލުމަށްޓަކައި އޭނާގޮސް ހުއްޓުނީ ކެބިންގެ ބިއްލޫރި ފާރާއި ދިމާލަށް ކުރިމަތިލަމުންނެވެ. ސަރާސަރު ޝަހަރެއްހެން ފެންނަން އޮތް މާލޭގެ އަނދިރިކަމާއި ފަޅުކަން ނައްތާލެވިފައިވަނީ އެކި ކުލަތަކުން ދިއްލާލެވިފައިވާ އިމާރާތްތަކާއި ވެހިކަލްތަކުގެ އަލިންނެވެ. ބަލައިލަން ކިތަންމެހާވެސް ހިތްގައިމު މަންޒަރެކެވެ. އެމަންޒަރުގެ ފުރިހަމަކަން އޭގެ އެންމެ ރަނގަޅަށް ސިކުނޑީގައި ކުރަހައިލަމުން ރިއާން އަތުގައިހުރި ކޮފީތަށި ތުނބުގައި ޖަހައިލިވަގުތު މޭޒުމަތީގައިހުރި ފޯނު ރިންގުވާން ފަށައިފިއެވެ. ވަގުތަކީ އޮފީހުގައި މާގިނަބަޔަކުވެސް އުޅޭނެ ވަގުތެއްނޫނެވެ. އެހެންކަމުން ރިއާން އެ ފޯނު ނެގުމަށްޓަކައި އަވަސްވެގަތެވެ.

"ހެލޯ ސަރ" ފޯނުގެ އަތްގަނޑު ހިއްލައިލުމާއެކު އިވިގެންދިޔައީ ރައުހާގެ އަޑެވެ.

"ރައުހާ؟ އަދިވެސް ގެއަށް ނުދަނީތަ؟" ރިއާން ހައިރާންވެފައި އަހައިލިއެވެ.

"ނޫން ސަރ އަޅުގަނޑު ދެންމެ ގެއަށް ދާން ނުކުތީ އެކަމަކު.. ސަރ.. ސަރ އާ ބައްދަލުކޮށްލަން އައިސް މީހަކު އެބަހުރި. އަންހެންކުއްޖެއް. އަޅުގަނޑަށް އޮފީހުން ނުކުމެވުނު އިރު ސެކިއުރިޓީމީހާ ގާތު ރޯންހުރި ކުއްޖެއް. ވަރަށް ގަދައަށް އަދިވެސް ރޮނީ… އަޅުގަނޑު ވަރަށް މަސައްކަތްކޮށްފިން ހަމައަކަށް އެޅުވޭތޯވެސް. ސަރ އާ ބައްދަލުކޮށްލާށޯ ބޭނުމީ" ރައުހާގެ ވާހަކަ އިވުމާއެކު ރިއާންގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ.

"ކާކު؟ ޒީވާތަ؟"

"ނޫން. މޭމްއެއް ނޫން." ރައުހާ ބުންޏެވެ. ރިއާންއަށް އެހުނީ ކިހާ މޮޔަސުވާލެއްކަން އެނގުނެވެ. އެއީ ޒީވާ ނުވަތަ ޝީރީން ކަމަށްވާނަމަ ސެކިއުރިޓީއިން ހިފަހައްޓަންޖެހޭ ސަބަބެއް ނޯންނާނެއެވެ.

"ސަރ.. ކިހިނެއްތޯ ހަދަންވީ؟" ރިއާންގެ ފަރާތުން ވަކި އިޝާރާތެއް ނުލިބި ލަސްވާން ފެށުމުން ރައުހާ ގޮވައިލިއެވެ.

"އޯކޭ ފޮނުވާ. ރައުހާ ގެއަށްދިޔަސް އެންމެރަނގަޅު" ރިއާން ބުންޏެވެ. ފަހަރެއްގައި އެމީހަކީ ޖޫލީއަށްވެސް ވެދާނޭ އޭނާގެ ހިތް ބުނަމުންދިޔައެވެ.

ރައުހާ އެކެބިންގެ ދޮރު ހުޅުވައިލުމާއެކު އެތެރެއަށް ވަދެގެންއައި ނަޝްވާފެނި ރިއާންގެ ބޮލުގައި ރިއްސައިލިއެވެ. ރައުހާ ބުނިފަދައިން ނަޝްވާ އޭރުވެސް ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ތަރުތީބެއްނެތި ހާވައިލެވިފައިވާއިރު ކަރުނައިގެ ސަބަބުން ފޭދިފައިވާ އަނދުނާއި މޭކަޕްތައް ލޯކައިރިން ފޭދި ކޯތާފަތްމައްޗަށް ފައިބާފައި ހުއްޓެވެ.

"ތިއީ ކޮންކަމެއް؟ ނަޝްވާ ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ؟" ރައުހާ ދަންދެން މަޑުކޮށްލުމަށްފަހު ރިއާން ހިތްހަމަނުޖެހިފައި ބުންޏެވެ.

"ރިއާން ޕްލީޒް. ރިއާންއަކަށް ނުފެނޭތަ އަހަރެން ރިއާންއާހެދި މިހުންނަވަރެއް.. އަހަރެންނަށް ހަމަ އެއްފުރުސަތު ނުލިބޭނެތަ؟ އަހަރެން މޮޔަވެދާނެ ޕްލީޒް" ނަޝްވާ ރޮމުންއައިސް ރިއާން ލައިގެންހުރި ގަމީހުގެ ގޮށްފަތީގައި އެލިގަތެވެ. ނަޝްވާގެ މުށުތެރެއަށް ރިއާންގެ ގަމީސް ބޮނޑިކޮށްލުމާއެކު އެގަމީހުގެ އެންމެ މަތިން ދެތިންގޮށް ނައްޓައިގެންދިޔައެވެ.

"ދުރުގަހުރެ ކިޔާއެއްޗެއް ކިޔާބަލަ! ކީއްވެތަ ގަޔަށްބޮލަށް އަރަނީ؟ ތިއުޅޭގޮތުން އެހެންމީހުން އަހަރެންނާ ދޭތެރޭ ހީކުރާނެގޮތެއް ނޭނގޭތަ؟" ރިއާން ނަޝްވާ ދުރަށް ކޮށްޕައިލަމުން ބުންޏެވެ. މިރޭ ނަޝްވާ އެފަދަ ކަމެއް ކުރުމުން ރައުހާ ދައްކާނެ ވާހަކައެއްވެސް އެނގެނީކީ ނޫނެވެ. އާއްމުކޮށް އޮފީސްތަކުގައި ވެރިންނާ ބެހޭގޮތުން އެކަހަލަ ވާހަކަތައް މުވައްޒަފުންގެ ތެރޭގައި ފެތުރެނީ ދަރެއްގައި އަލިފާން ރޯކޮށްލުމުން ހުޅުހިފާ އުސޫލުންނެވެ. ރައުހާއަކީ ނީމްއެއްނޫނެވެ. ނީމްގެ ވަޒީފާގެ އެއްބަސްވުމާ ރައުހާގެ އެއްބަސްވުން ތަފާތެވެ. އޭނަގެ ޒާތީ ކަންކަމުގައި ނީމްއަށް ކުރެވޭ އިތުބާރު ރައުހާއަކަށް ނުކުރެވެއެވެ. ރިއާން ކަންބޮޑުވެފައިހުރެ ނިއްކުރިއާއި ނޭފަތް ގުޅޭހިސާބުގައި ހިފަހައްޓައިލިއެވެ.

"ރިއާން.. ހަމަ އެންމެ ފުރުސަތެ–"

"އަހަރެން ނަޝްވާއަށް ދޭންޖެހޭ ފުރުސަތެއް ނޯންނާނެ! އަހަރެން ހޮސްޕިޓަލުގަ އޮތްއިރު އަހަރެންގެ އަންހެނުންވާނީ ނަޝްވާއަށް ދޭންޖެހޭ ރައްދެއް އޮތިއްޔާ ދީފަ! އިތުރަށް އަހަރެން ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ! ނަޝްވާ ދެން މިތަނުން ދޭ" ރިއާން ނަޝްވާގެ ވާހަކަ މެދުކަނޑައިލިއެވެ.

"އޯކޭ. ގަބޫލުކުރަން.. އެކަމަކު ރިއާންއަށް އެންމެ ފަހަރަކު އަހަރެންނާއެކު ޑިނަރ އަކަށް ދެވިދާނެތަ؟ އަހަރެން މަންމަމެން ގާތަށް މެލޭޝިއާއަށް ފުރައިގެން ގޮސްދާނަން.. އެކަމަކު ވަން ލާސްޓް ޑިނަރ ވިތް މީ ޕްލީޒް.. އަހަރެންގެ ހިތްހަމަ ޖެހުމަށް" ނަޝްވާ ރޮމުން ގިސްލަމުން އައިސް އަނެއްކާވެސް ރިއާންގެ މޭގައި ލައްވެލިއެވެ.

ރިއާން ދަތްކުނޑި ވިކައިލަމުން އަނެއްކާވެސް ނަޝްވާގެ ކޮނޑުގައި ހިފައި ދުރުކޮށްލިއެވެ. މިފަހަރު ތަންކޮޅެއް މަޑުމަޑުންނެވެ. އަދިވެސް ނަޝްވާގެ ރުއިމަށް ބަދަލެއް ނާންނާތީއެވެ.

މިޖެހުނީ ދެން ކިހާ ދެރަކަމެއްހެއްޔެވެ؟ މި ނަޝްވާއެއްގެ ކައިރިން އަވަހަށް ސަލާމަތެއްވެސް ވެވޭކަށްނެތެވެ. ނަޝްވާގެ ގޮތްދޫނުކުރުމާއި ބުނާ ގަދަބަސްތަކުގެ ކުރިމަތީގައި ރިއާން ކިތަންމެ ހަރުކަށިވި ކަމުގައިވިޔަސް ނަޝްވާގެ ރުއިމުގެ ކުރިމަތީގައި ރިއާންއަށް އެ ހަރުކަށިކަމުގައި ހިފަހައްޓައިލެވުނީ ވަކި އިރުކޮޅަށެވެ. އެއީ ނަޝްވާގެ ފަރާތުން އޭނާއަށް ދުވަހަކުވެސް ފެނިފައިވާ ސިފައަކަށް ނުވާތީ އެކަމުގެ ސަބަބުން އޭނާގެ ބޮލުގެ ރިހުން އިތުރުވިއެވެ. އަވަހަށް ނަޝްވާގެ ކިބައިން ސަލާމަތްވާނެ ގޮތެއް ހޯދަން ބޭނުންވިއެވެ.

"އަހަރެން ނަޝްވާއާއެކު މިރޭ ތިބުނާ ޑިނަރއަކަށް ދިޔައިއްޔާ ދެން އިތުރަށް އަހަރެންނަށް އުނދަގޫ ނުކުރާނަންތަ؟" ރިއާން ހިނދުކޮޅަކަށް ވިސްނައިލަން ހުރުމަށްފަހު އަހައިލިއެވެ.

"ހްމްމް. އަހަރެން ވައުދުވަން. ރިއާންގެ އެންމެފަހުގެ ހަނދާނަކީ އުފާވެރި ހަނދާނަކަށްވާން އަހަރެން ވަރަށް ބޭނުން." ނަޝްވާ ބުންޏެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލިއެވެ.

"މައްސަލައެއްނެތް! ތިކަން ވެދާނެ. އަހަރެން ތިބުނާ ޑިނަރއަކަށް ހިނގައިދާނަން. އަން. ފުރަތަމަ ނަޝްވާ ހަމައަކަށް އެޅިލާ. ތިހެން ހުރެގެން އިތުރު ބައެއްގެ ލޮލުގަ އަޅައިގަންނާކަށް އަހަރެން ބޭނުމެއްނޫން" ރިއާން މޭޒުމަތީގައިހުރި ޓިޝޫފޮށި ނަގައި ނަޝްވާއަށް ދިއްކޮށްލިއެވެ. ނަޝްވާ ރުއިން ހުއްޓާލަން މަސައްކަތްކުރަމުން އޭގައި ހިފިއެވެ. އަދި ރިއާންއަށް ހިނިތުންވެލިއެވެ.

*************

"މިކޮޅުގެ އުސޫލަކީ ކަސްޓަމަރެއްގެ އަތުން މުދަލަކަށް ގެއްލުމެއް ލިބިއްޖެ ހާލަތެއްގަ އެ ގެއްލުމެއްގެ ބަދަލު ހޯދުން. ގަބޫލު ކުރަން ގަސްތުގައި ހިނގައިދިޔަ ހާދިސާއެއް ނޫންކަން.. އެހެންނަމަވެސް އުސޫލުތައް ބަދަލެއް ނުކުރެވޭނެ ދެއްތޯ؟ ހަލާކުވި އަލަމާރި އަކީ މިކޮޅުން ވިއްކާ ބެޑްރޫމް ސެޓެއްގެ އަލަމާރިއެއް. ފޮތް ހަރުގަނޑަށް ލިބުނު ގެއްލުމާއެކު ޖުމްލަ 29200 ރުފިޔާގެ ބަދަލެއް މިކޮޅަށް ދައްކަންވާނެ!" ކަންހިނގައިދިޔަ ގޮތާމެދު ދެފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާގެ ތެރެއިން ސުޕަރވައިޒަރ ބުންޏެވެ.

"އެކަމަކު އެއީ ޑިސްޕްލޭ އައިޓަމެއް ނޫންތަ؟ އޭގެ ބަދަލުވެސް ދޭން ޖެހޭނެތަ؟" ޝައިނާގެ ސުވާލުކުރިއެވެ.

"އާދެ. މިކޮޅުގެ އުސޫލަކީ އެއީ" ސުޕަރވައިޒަރ ބުންޏެވެ.

"ހާދަ ފީކަޅާ އުސޫލެކޭ ދޯ.. އަޅެ ޝައި.. ދެން ކިހިނެއް ހަދާނީ؟ އަހަރެން އަތަކު ނުހުންނާނެ މިހާރު އެވަރެއް." ޒީވާ ކަންބޮޑުވެފައި ޝައިނާގާތު ބުންޏެވެ. އެކަމުން ސަލާމަތްވެވޭނެ އިތުރު ގޮތެއް އޮތްތޯ ބެލުމަށް ޝައިނާގެ ތޫނުފިލި ސިކުނޑިން އަވަސްވެގަތެވެ.

"ކިހާ މުއްދަތެއްގެ ތެރޭގަތަ ފައިސާ ދައްކަން ޖެހޭނީ؟ މިހާރު އެއްބައިދީފަ ފަހުން އަނެއްބައެއް ނުދެވޭނެތަ؟" ޝައިނާ އަހައިލިއެވެ. ޝައިނާގެ އަތުގައިވެސް އެބުނާ ވަރަށް ފައިސާ ނެތުމުން އޭނާ ހުރީ ހާސްވެފައެވެ.

"އަޅުގަނޑުމެންނަށް ތިދެކުދިން މިފިހާރައިން ނުކުތުމުގެ ހުއްދަ ދެވޭނީ ފައިސާ ދެއްކީމަ. ނޫނިއްޔާ ޖެހޭނީ ފުލުހުންނަށް ގުޅަން" އެމީހާ ބުންޏެވެ.

"ނޫން ނޫން ނޫން. އެގޮތް ކަމަކު ނުދާނެ. ޝައި ޕްލީޒް. އަނެއްކާ ފުލުހަށްގޮސް ބަޔާންދީ އެހުރިހާ ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫން. އޭރުން ރިއާންވެސް ލަދު ގަންނާނެއެއްނު. އަހަރެން މިއަދު ރިއާން އަތުން ހޯދައިގެން ފައިސާ ގެނެސްދީފާނަން. އޭނަ ކައިރި ބުނެބަލަ މިއަދު ބާކީބައި ގެނެސްދޭގޮތަށް އެއްބައި ދައްކާފަ ދާން. ފައިސާ ލިބުނީމަ ޝައި ދެއްކި ބައިވެސް އަހަަރެން ދޭނަމޭ" ޒީވާ ޖެހިލުންވެފައި ބުންޏެވެ.

ރިއާން ނީމްއާ ދެއްކި ވާހަކަ އިވުނު ދުވަހަށްފަހު ރިއާންގާތުން ފައިސާގެ ކަމަކު ނުކިޔަން ހިތުލައިގެން ހުރިނަމަވެސް  އޭނާއަށްވެސްވަނީ ގޮތްހުސްވެފައެވެ. އޭނާ އެއްކޮށްފައިހުރި ފައިސާއިން ނީމްގެ ބައްޕަގެ ބޭސްފަރުވާއަށް އެހީވެދީފައިވާތީ މިހާރު އޭނާގެ އަތަކުވެސް އެހާވަރެއް ނެތެވެ. ލިބުނު ގެއްލުމުގެ އެއްބައިގައި ޝައިނާ ހިފަން އުޅުނު ނަމަވެސް ޒީވާއަށް އެގޮތް ކަމުނުދިޔައީ އޭނާއަށް ޝައިނާގެ ހާލަތު ރަނގަޅަށް ވިސްނޭތީއެވެ. މާލޭގައި ދެކޮޓަރީގެ އެޕަރޓްމެންޓަކަށް ކުލި ދައްކައިގެން މަހު މުސާރައަށް ދިރިއުޅޭއިރު މިފަދަ ކަމަކާހުރެ ޝައިނާގެ އަތްމަތި ދަތިވާނެވަރު ޒީވާއަށް ވިސްނުނެވެ.

ޝައިނާ މިފަހަރު ޒީވާއާ ޒުވާބު ކުރަން ނޫޅުނީ ހުދު އޭނާއަށްވެސް އެ ފައިސާ ހޯދޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ. ރާހިލްވެސް އަދި މާލެ އައުމަށް ހަމަޖެހިފައި އޮތީ މާދަމާއެވެ. އެހެންނޫނަސް އެފަދަ ބޭކާރު ކަމަކަށް ރާހިލްގާތުން އެހާ ބޮޑު އަދަދަކަށް އެދުމަކީ ޝައިނާއަށް ކަމުދާނެ ގޮތެއް ނޫނެވެ. އެންމެފަހުން ޝައިނާ ނިންމީ ޒީވާ އެދުނުފަދަ އެއްބަސްވުމަކަށް އާދެވޭތޯ އެ ސުޕަރވައިޒަރާ ވާހަކަދެއްކުމަށެވެ.

"މައްސަލައެއްނެތް. އެކަކު މިތާ މަޑުކޮށްފަ އަނެކަކަށް ފައިސާބަލާ ދެވިދާނެ. އެނޫންގޮތަކަށް އަޅުގަނޑަކަށް އެއްބަހެއް ނުވެވޭނެ. އަޅުގަނޑުގެ ދަންފަޅީގައި ހިނގައިދިޔަ ކަމެއްވީމަ ދަންފަޅި ނިމުމުގެ ކުރިން މިކަން ނިންމާލަން ޖެހޭނެ. މާނައަކީ މިރޭ 10:30 ވުމުގެ ކުރިން ފައިސާ ގެނެސްދޭންވާނޭ."

އެމީހާގެ ވާހަކައާއެކު ޒީވާއާއި ޝައިނާގެ މޫނުމަތިން ފެނިގެންދިޔައީ މާޔޫސްކަމެވެ. މިހާރުވެސް ގަޑިން ނުވައެއް ޖަހަނީއެވެ. މާނައަކީ އެ ފައިސާ ހޯދައިގެން ގެނައުމަށް ބާކީ އޮތީ އެންމެ ގަޑިއެއްހާއިރުކަމެވެ.

"އަޅޭ.. ދެން ކިހިނެއް ހަދާނީ؟ އާން. ޝައި މަޑުކުރޭ.. ރިއާން އަދި އުޅޭނީ އޮފީހުގަ ކަންނޭނގެ. މިދުވަސްކޮޅު ވަރަށް ލަހުން ގެއަށްދަނީ.. މިގަޑީގަ ގޮސްގެން ދިމާވެދާނެ. އަހަރެން ވަރަށް އަވަހަށް އަންނާނަން" ޝައިނާއަށް އެއްޗެއް ބުނުމުގެ ޖާގަ ދިނުމެއްނެތި އޭނާ އަވަސް އަވަހަށް އެތަނުން ނުކުތުމަށް ދުއްވައިގަތެވެ. ޝައިނާ ފިހާރައިގައި ތާށިވީއެވެ. އެއްފަހަރު ފިހާރައިގެ ސުޕަރވައިޒަރަށް އަނެއްފަހަރު ޒީވާ ނުކުމެގެންދިޔަ ދޮރަށް ބަލައިލުމަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

ގާތްގަނޑަކަށް 10 މިނެޓެއްހާއިރުތެރޭ ޒީވާއަށް ކާރުގައި  އާރް.އެލް ހޯލްޑިންގްސްގެ އިމާރާތާ ހިސާބަށް އާދެވުނެވެ. ކާރު ދުއްވަން އިން ހަށިފާރަވެރިޔާއަށް ޝުކުރު އަދާކުރުމަށްފަހު އިމާރާތަށް ވަނުމަށްޓަކައިހުރި ދެތިން ސިޑި ގިރާކޮށްލި ވަގުތު އެތަނުގައި ހުރި ދޮރުވާނަށްވެސް ޒީވާފެނި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ޒީވާ ބަދަލުގައި ހިނިތުންވެލި ނަމަވެސް އެ ހިނިތުންވުން ފިލައިދިޔައީ އެވަގުތު އޮފީހުން އެކުގައި ނުކުތް ރިއާންއާއި ނަޝްވާ ފެނުމުންނެވެ. ރިއާންގެ ނަޒަރު އަތުގައި އޮތް ފޯނަށް އަމާޒުވެފައިވުމުން އޭނާއަށް ޒީވާ ފަހަނައަޅައި ދެވުނު އިރުވެސް އެތަނުގައި ޒީވާ ހުރިކަން ނޭނގުނެވެ. އޭނާއަށްވުރެން ދެތިން ފިޔަވަޅު ފަހަތުގައިހުރި ނަޝްވާއަށް ޒީވާ ފެނުމުން ހަލުވިކަމާއެކުގޮސް ރިއާންއާ އެއްވަރުކޮށްލިއެވެ.

ޒީވާއަށް ނަޝްވާ ފެނުމާއެކު ލިބުނީ ސިހުމެކެވެ. ނަޝްވާގެ ހިސާބަކަށް ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑާއި ފޭދިފައިވާ މޭކަޕްގެ މާނަ ޒީވާއަށް ނެގުނީ މުޅިން ގޯސްކޮށެވެ. އޭނާގެ ހިތް ގޯސްގޮތަކަށް ތެޅިލިއެވެ.

"ރިއާން.." ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައިހުރި ޒީވާއަށް ރިއާންގެ ނަމުން ގޮވައިލެވޭވަރުވީ ރިއާން އޭނާއަށް ފަސްދިންފަހުންނެވެ. އޭނާއަށް ގޮވައިލެވުނީ ކިތަންމެ މަޑުން ކަމުގައިވިޔަސް ރިއާންގެ ކަންފަތުގައި އެ އަޑު އައިސް ލުއި މިއުޒިކެއްފަދައިން ބީހިލިއެވެ. އިސްއުފުލައިލަމުން ވަށައިގެން ހޯދައިލި ވަގުތު ޒީވާ ތަންކޮޅެއް ބާރަށް ރިއާންއަށް ގޮވައިލިއެވެ.

ރިއާން ފަސްއެނބުރުމާއެކު ޒީވާގެ ސަމާލުކަން އެންމެ ފުރަތަމަ ހުއްޓުނީ ރިއާންގެ ގަމީހަށެވެ. އެގަމީހުގެ މޭމަތިން ދެތިން ގޮށް ނައްޓައިގެން ގޮސްފައިވާތަން ފެނި ޒީވާ އަށް ކުރެވެމުންދިޔަ ވަހުމުތަކަށް އިތުރު ބޮޅެއް އިތުރުވެގެންދިޔައެވެ. ހިތުގައި އާދަޔާހިލާފު ރިހުމެއް އުފެދުނެވެ. ޝަކުވާކޮށް ރޯން ބޭނުންވިއެވެ. އެހެނަސް ނަޝްވާގެ ކުރިމަތީގައި އޭނާގެ އިޚްސާސްތައް ބޭޒާރުވިޔަ ނުދިނުމަށްޓަކައި އޭނާ ދިޔައީ ވެވެން އޮތް އެންމެ މަތީ ދަރަޖައަށް ކެތްތެރިވަމުންނެވެ. އޭނާ ބެލީ ވީހާވެސް އަވަހަށް އޭނާގެ ހިޔާލު އެހެން ދިމާލަކަށް އަނބުރާލައި އައި ކަންތައް ނިންމައިލުމަށެވެ.

"ޒީވް.. މިގަޑީ.. މިތާނގަ.. ކީއްކުރަނީ؟" ރިއާން އަވަސް ފިޔަވަޅުތަކެއްގައި ޒީވާގާތަށް ދިޔައެވެ. އޭނާގެ ދެލޮލުން ޖެހިލުންވުމާއި ހައިރާންކަމުގެ ކުލަވަރުތައް ފާޅުވާން ހުއްޓެވެ.

"ރިއާން.. އަހަރެންނަށް ވަރަށް ބޮޑު ކަމެއް ކޮށްދެވިދާނެތަ؟" ރިއާންގެ ސުވާލުތަކަށް ޖަވާބުދިނުން ޒީވާއަކަށް މުހިއްމެއް ނުވިއެވެ.

"ޒީވް.. އަހަރެން"  ނަޝްވާއާ އެކުގައި ފެނުމުން ޒީވާއަށް ކުށްހީއެއް ކުރެވިދާނެ ކަމަށްޓަކައި ރިއާން ކަންބޮޑުވިއެވެ. "ނަޝްވާ އެއީ އަސްލު–"

"އެއްވެސް ސުވާލަކާނުލައި އަހަރެންނަށް 30000 ރުފިޔާ ދެވިދާނެތަ؟ އަހަރެން އެ ދޭނަމޭ. ޕްލީޒް"

މިފަހަރުވެސް ރިއާންގެ ވާހަކަ އަޑުއެހުމުގެ ޝައުގުވެރިކަމެއް ޒީވާގެ ނެތެވެ. ނުވަތަ އެ ބަހަނާތައް އަޑު އަހަން އޭނާ ބޭނުންނެތީއެވެ. މިފަދަ ވަގުތެއްގައި ރިއާން ނަޝްވާއާއެކު އޮފީހުން ނުކުމެގެން ދާންޖެހޭ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. އެކަމާ ގުޅިގެން ރިއާންއަށް ދެއްކޭނީ ބަހަނާ ނޫން އިތުރު ކޯއްޗެއް ހެއްޔެވެ؟

"ކީއްވެ ތިހެން ތިބުނީ؟ ތިހެން ބުނާއިރުވެސް އެނގެއެއްނު އަހަރެން ޒީވްއާ ސުވާލެއް ނުކުރާނެކަން. އަލުން ދޭކަށްވެސް ނުބުނާނެކަން" ރިއާން ޖީބުގައި އޮތް ވޮލެޓު ނަގައި އޭގެއިން ނެގި ޑެބިޓް ކާޑެއް ޒީވާއަށް ދިއްކޮށްލިއެވެ. އަދި ކާޑުގެ ޕިން ނަންބަރުވެސް ޒީވާގެ ފޯނުގައި ޖަހައިދިނެވެ.

"އަހަރެން އަސްލު.. އަސްލު ވީގޮތަކީ-"

"އިޓްސް އޯކޭ ބޭބީ.. ޔޫ ޑޯންޓް ހޭވް ޓު އެކްސްޕްލެއިން" ރިއާންގެ ލަފްޒުތަކުގައިހުރި ގާތްކަމުން ޒީވާއަށް ނުހަނު އަސަރުކުރިއެވެ. އިތުރަށް އެތަނުގައި މަޑުކޮށްފިނަމަ ލޮލުގައި ގިނަވެފައިވާ ކަރުނަތައް ބޭޒާރުވެދާނެ ކަމަށްޓަކައި އޭނާ ނިންމީ އަވަހަށް އެތަނުން ދާށެވެ.

"ތޭންކްސް. ދަނީ އިނގޭ ޝައި އެކަނި ހުންނާނީ.. ވަރަށް ލަސްވެގެން މިދަނީ.." ޒީވާ ދުވެލައިފައި އެ ހަރުފަތްތަކުން ތިރިއަށް ފޭބިއެވެ. އެތަނުގައި ނަޝްވާ ހުރީތީ އަވަހަށް ދާންބޭނުންވެ ބުނި އެެއްޗެއް ނަމަވެސް އޭނާ އެބުނީ މުޅިއަކުން ދޮގެއްވެސް ނޫނެވެ.

"ލެޓްސް ގޯ ރިއާން" ނަޝްވާ އައިސް ރިއާންގެ އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. ޒީވާ ދިޔަތަން ބަލަން ހުރުމަށްފަހު ރިއާން ނަޝްވާއާއެކު ހިނގައިގަތީ ގަދަކަމުން ކަހަލަގޮތަކަށެވެ.

**************

ހުރިހައިކަމެއް ނިންމައިލުމަށްފަހު އެރޭ ޒީވާއަށް ގެއަށްއާދެވުނު އިރު ހުރީ މެންދަންވުމާ ގާތްވެފައެވެ. އޭރުވެސް ރިއާންގެ ހިލަމެއް ގޭތެރެއިން ފެންނާކަށްނެތެވެ. ޒީވާގެ ހިތުގައި އުފެދިފައިވި މާޔޫސްކަން ވޭނަށް ބަދަލުވެ ކަރުނައިގެ ސިފައިގައި އެދެލޮލުން ފައިބާންފެށިއެވެ. ހިތުގައި އުފެދުނު ހާސްކަމާއި ނުތަނަވަސް ކަމުގެ ސަބަބުން އޭނާގެ ދެއަތް ތުރުތުރުލާން ފެށިއެވެ. ހޮސްޕިޓަލުގައި ނަޝްވާ އޭނާއަށް އަމާޒުކުރި ބަސްތައް އޭނާގެ ކަންފަތްދޮށުގައި ތަކުރާރުވާންފެށިއެވެ.

"އައްދޭ. ރިއާން ދެފަހަރަކު އިސްތިރިކޮށްލައި ރުހުމުގެ ލޮލަކުން ބަލާލާއިރަށް ހާދަ ވަރެއްވެފައޭ ދޯ ތި ހުންނަނީ؟ ރިއާންއަށް އަނެއްކާވެސް ދެފައި މައްޗަށް ތެދުވެވުނީމަ ކަލޭ ނުވެސް ފެންނާނެ"

ނަޝްވާގެ އެ ބަސްތަކާމެދު މީގެކުރިން އޭނާއަށް ވިސްނާލެވިފައިނެތް ނަމަވެސް އޭގައި އެކުލެވިގެންވަނީ ކިހާވަރެއްގެ ހަޤީޤަތެއްކަން މިއަދު ޒީވާއަށް އެނގުނެވެ. އެ ހަޤީޤަތުގެ ހިތިރަހަ އޭނާގެ އަރުތެރެއިން އިހުސާސް ވަމުންދާ ކަހަލައެވެ.  މިހާރު ރިއާންއަށް އޭނާގެ ފަރާތުން ފުރިހަމަނުވަނީ ކޮންކަމެއް ހެއްޔެވެ؟ ރިއާންއާއެކު ލޯބިން މިހޭދަކުރެވުނު ދެމަހެއްހާ ދުވަސްތެރޭގައި އެދެމެދުގައި ހިނގާފައިވަނީ އެންމެ ދެބަސްވުމެކެވެ. އެއީ ނީމްއާ ދެކެވުނު ވާހަކަތަކުގެ ސަބަބުން އެދެމެދުގައި ހިނގި ހަމަނުޖެހުމެވެ. އެކަންވެސް ދުވަސްތަކާ އެކުވެ މިހާރު މާޒީވެ ހިނގައްޖެއެވެ. އެކަމުގެ ސަބަބުން ރިއާންއަށް އުނިވީ ކޮންކަމެއް ހެއްޔެވެ؟ ރިއާން ހިތްފުރޭވަރަށް އޭނާގެ ފަރާތުން ލޯތްބާއި އަޅާލުން ނުދޭ ހެއްޔެވެ؟ ރިއާން ބުނި ކޮންމެ ކަމަކަށް އޭނާ ހިތުން ރުހުމުން އެއްބަސްވެފައި ނުވޭ ހެއްޔެވެ؟ އޭނާގެ ފިރުމުންތަކުން ރިއާންގެ ރޭތަށް ފަޅުފިލުވައި ނުދޭހެެއްޔެވެ؟ ވީއިރު ރިއާން އަލުން ނަޝްވާގެ ގާތަށް ދާންވީ ސަބަބެއް އެބައޮތްހެއްޔެވެ؟

ޒީވާގެ ހިތް އެތައްހާސް ޝަކުވާއަކުން ފޯވަމުންދިޔައެވެ. ބޮލުގައި އުފެދިފައިވާ ރިހުން ގަދަވެ ބޮލަށް ބަރުވާން ފެށުމުން ޒީވާ ފައި ކުރުކޮށްލައިގެން ސޯފާގައި އޮށޯވެލިއެވެ. އިސާހިތަކު އޭނާގެ ލޮލަށް ނިދި ސަވާރުވާކަށް މާގިނައިރެއް ނުނެގިއެވެ. އެރޭ ރިއާން އައުމުން އެޝަކުވާތަށް ކުރުމަށްޓަކައި ހިތުއަޅައިގެން އޮތްކަމުގައި ވިޔަސް އެކަން އެގޮތަށް ކުރުމުގެ ފުރުސަތު އޭނާއަކަށް ނުލިބުނެވެ.

ރިއާންވެސް އެރޭ ގެއަށް އައީ ފެނުނު މަންޒަރުގެ ހުރިހާ ތަފްސީލެއް ޒީވާއަށް ކިޔައިދިނުމަށް ތައްޔާރުވެގެނެވެ. އެހެނެއްކަމަކު ސިޓިންގްރޫމްގެ ސޯފާގައި އަރާމުކޮށް ނިދިފައި އޮތް ޒީވާފެނި އުނދަގޫ ކުރާކަށް ރިއާންގެ ހިތް އެއްބަހެއްނުވިއެވެ. އެއީ މިދަންވަރު ޒީވާގެ ނިދި ނަގައިލުމަށްފަހު ދައްކަންޖެހޭވަރު ވާހަކައެއް ކަމަކަށް އޭނާ ނުދެކުނެވެ. އޭނާ ފަރުވާތެރިކަމާއެކު ޒީވާ އަތްދަނޑިމައްޗަށް ހިއްލައިލީ ޒީވާއަށް ކުޑަވެސް އުނދަގުލެއް ނުވާނެގޮތަށެވެ. އަދި ޒީވާ ކޮޓަރިއަށް ގެންދިޔުމަށް އަވަސްވެގަތެވެ. ނަމަވެސް ކޮޓަރީގެ ދޮރާ އަރައި ހަމަވިވަގުތު ރިއާންއަށް އޭނާގެ ފިޔަވަޅުތައް ހުއްޓައިލެވުނެވެ. އެގޭގައި ކުރިން ޒީވާއަށް ހާއްސަކުރެވިފައިވި ކޮޓަރީގެ އެނދުގައި ބާއްވައިލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭނާ އެގޮތަށް އަމަލުކުރީ އެރޭ ފެނުނު މަންޒަރުގެ ސަބަބުން ޒީވާ އޭނާއާމެދު ހިތްހަމަނުޖެހިފައި އޮވެދާނެ ކަމަށް ވިސްނައިގެނެވެ. ޒީވާ ނުރުހޭގޮތަށް ކަމެއް ނުކުރުމުގެ ނިޔަތުގައެވެ.

ފަތިހުގެ ވަގުތެވެ. ފަތިސްނަމާދަށް ހޭލުމަކީ ކަށީގައި ހިފައިފައިވާ އާދައަކަށް ވާތީއާއެކު ޒީވާއަށް އެރޭވެސް ހޭލެވުނެވެ. މިފަހަކަށް އައިސް އޭނާގެ ހުންނަ އާދައިގެ މަތިން އޭނާ ލޯ ހުޅުވައިލުމުގެ ކުރިން އާފުރިލަމުން އެނދުގެ ވައަތްފަރާތަށް ފުރޮޅިލިއެވެ. އެދިމާލަށް އަތްހޫރައިލީ ރިއާން އޮންނާނެ ކަމުގެ އުއްމީދުގައެވެ. ބަދަލުގައި އޭނާއަށް އިހުސާސްވީ ހުސްކަމާއި ފަޅުކަމެވެ. އަވަސްއަވަހަށް ލޯ ހުޅުވައިލަމުން އެނދުގައި އިށީނުމާއެކު އޭނާއަށް އެތަނުގައި ރިއާން ނެތްކަން އެނގުނެވެ.

ކޮޓަރީގެ ވަށައިގެން ޒީވާއަށް ނަޒަރު ހިންގައިލެވޭވަރުވީ އަދި ކިރިޔާއެވެ. ފަނޑުއަލީގެ ތެރެއިން އޭނާއަށް މަރުހަބާ ކިޔަމުން ދިޔައީ ރިއާންގެ ކޮޓަރީގެ އަޅި ކުލައިގެ ފާރުތަކާއި ރަން ބޯޑަރުއެޅި ކަޅު ފަރުނީޗަރުތަކެއް ނޫނެވެ. މަޑު ދަނބުކުލައިގެ ފާރުތަކާއި ހުދުކުލައިގެ ފަރުނީޗަރުތަކެކެވެ. އެއީ އޭނާއަށް އެންމެ ރީތި ކުލަތައް ކަމުގައިވިޔަސް ޒީވާއަށް މިފަހަރު އެކުލަތަކުން އިހުސާސްކުރެވެންފެށީ ބީރައްޓެހިކަމެވެ. އައުކަމެވެ. ޒީވާގެ ހަނދާނަށް ރޭގެ މަންޒަރުތައް ކުަލަވާންފެށިއެވެ. އޭނާއަށް ނިދުނީ ހަމަގައިމުވެސް ސޯފާގައި އޮއްވައެވެ. މިއީ ފާއިތުވެދިޔަ ދެމަހެއްހާ ދުވަސްތެރޭ އޭނާ އެކޮޓަރީގައި ނިދި ފުރަތަމަ ރެއެވެ. އެދުވަސްތަކުގައި އޭނާއަށް އެހެން ނިދިފައި އޮންނަ ރެއެއްގައި ރިއާން އޭނާ ގެންދަނީ ރިއާންގެ ކޮޓަރިއަށެވެ. ވުމާއެކު ޒީވާގެ ހަނދާނަށް އައީ މީގެ ދެތިންދުވަސް ކުރިން ރިއާން އޭނާގާތު ބުނި ބަސްތަކެވެ.

"އަހަރެން މިހާރު ރަނގަޅެއްނު؟ ދެން ޒީވް އަމިއްލަ ކޮޓަރިއަށް ބަދަލުވިޔަސް ރަނގަޅުވާނޭ"

ދެކެވުނު ވާހަކަތަކުގެ ތެރެއިން ރިއާން އެހެންބުނި ސަމާސާ ރާގެއްގައި ކަމަށްވިޔަސް އެއީ ރިއާން އަސްލުވެސް ބޭނުންވިގޮތްތާއެވެ؟ އެހާ އަވަހަށް ރިއާން އޭނާ ދުރުކޮށްލަނީތާއެވެ؟ އެހާ އަވަހަށް ރިއާންގެ ހިތް ބަދަލުވީ ހެއްޔެވެ؟

އެކިހިޔާލުތަކަށް ޢަރަގުވަމުން ދިޔުމުގެ ބަދަލުގައި ނަމާދުކޮށްލައިގެން ޒީވާ ސިޓިންގްރޫމަށް ނުކުތީ ޑިއުޓީއަށްދާންވެސް މާ ގިނައިރެއް ނެތުމުންނެވެ. އޭރު އިރުގެ ފުރަތަމަ ދޯދިތައް ދުނިޔެއާ މަރުހަބާ ކިޔަނީއެވެ. ތަރި ހަނދާއި އަނދިރިކަން އާދުވަހެއްގެ އަލިކަމަށް ތަންދެމުން އޮއްސެނީއެވެ. އެހެނެއްކަމަކު ފަޒާގައި ހިފައިލައިފައިވި ފަތިހުގެ ފިނިކަމަކަށް ބަދަލެއް ނާދެއެވެ.

ކޮޓަރީގެ ބޭރަށް ދެތިން ފިޔަވަޅު އެޅިތަނާހެން ބެލްކަނީގައި އޭނާއަށް ފުރަގަސްދީގެންހުރި ރިއާން ޒީވާގެ ލޮލުގައި އަޅައިގަތެވެ. ލަސްފިޔަވަޅުތަކެއްގައި ޒީވާ ގޮސް ރިއާންގެ ފަހަތުގައި ހުއްޓިލިއެވެ. އަދި އޭނާގެ އަތް މަޑުމަޑުން ހިއްލައިލުމަށްފަހު ރިއާންގެ ހާމައަށްހުރި ބުރަކަށީގައިވާ ތާޒާ ލަކުނުތަކުން ލަކުނެއްގައި ބީއްސައިލިއެވެ. އެއާއެކު ރިއާންއަށް ހީވީ އޭނާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކުރިހެނެވެ. ސިއްސައިގެންގޮސް އަތުގައި އޮތް ސިނގިރޭޓު މުށުތެރެއަށްލައި ނިވާލަމުން ޒީވާއާ ކުރިމަތިލިއެވެ. ސިއްރުކުރަން އުޅުނުކަމުގައި ވިޔަސް މާހައުލުގައި ހިފައިފައިވާ ވަހުގެ ސަބަބުން ޒީވާއަކަށް އެކަން ސިއްރެއްނުވިއެވެ.

"އަތް ދައްކާ" ޒީވާ މަޑުމަޑުން ބުންޏެވެ. މުއްކަވައިލެވިފައިވާ ރިއާންގެ އަތުގައި ހިފަހައްޓައިލިއެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަތް ހުޅުވައިލިއެވެ.

"ޕިސް ޕިސް. ސާބަސް ރިއާންއަށް.. އަތް ފިއްސާލީދޯ.. ތިއީ އަހަރެންނަށް ރިއާންގެ ނޭނގޭ ސިފައެއް ނޫނެއްނު.. ފޮރުވާށޭ ކިޔާފަ މިކަހަލަ ކަންކަން ކުރަންވާނެތަ؟ ތަދުވެސް ނުވޭތަ؟" ރިއާންގެ އަތުން ނެގި ސިނގިރޭޓުބުރި ބިންމައްޗަށް ވައްޓައިލުމަށްފަހު ޒީވާ ރިއާންގެ އަތްތިލައިގައި ފިރުމައިލިއެވެ.

"ބޭބީ ކުރީދުވަހުވެސް ރުޅިއައިމަ" ރިއާން ބުންޏެވެ. އެގޮތަށް ސިނގިރޭޓު ނިވައިލަން އާދައަކަށް ވެފައި ވާތީ އޭނާގެ އަތްތިލައިގައި އެކަހަލަ ކިތަންމެ ތަނެއް ފިހިފައި ހުއްޓެވެ. ބައެއް ތަންތަން ކުޑަކޮށް ރަނގަޅުވެފައިވާއިރު ހީވަނީ އޭނާގެ ހަށިގަނޑުވެސް އެ އަނިޔާއަށް އާދަވެފައިވާހެނެވެ.

"ރުޅި އަންނާނެއެއްނު؟ އަދި ރަނގަޅުވިތާ މާގިނަ ދުވަހެއްވެސް ނުވޭ.. މިހާ އަވަހަށް ސްމޯކް ކުރަން ފެށީ.." ޒީވާ މާޔޫސްވެފައި ބުންޏެވެ.

"ދެން ތިހާ ކަންބޮޑު ނުވެބަލަ. އަހަރެން މިހާރު މުޅިން ރަނގަޅެއްނު. އާދެބަަލަ ކައިރިއަށް. ވަރަށް ފިނިވެފަ ހުއްޓާ ތި އައީވެސް" ރިއާން ޒީވާގެ އަތުގައި ހިފައި އިތުރަށް އޭނާއާ ގާތްކޮށްލަމުން ޒީވާގެ މޫނާ ކައިރިވެލިއެވެ.

"ދެން ޗީޑި ރިއާން. ދުވާ ވަސް" ޒީވާ ތެޅިގެންފައި ރިއާންއާ ދުރަށްޖެހިލިއެވެ. އޭނާގެ އަޑުގައި ހިތްހަމަ ނުޖެހުމުގެ އަސަރު ހުއްޓެވެ. ސިނގިރޭޓުގެ ވަހަކީ އަބަދުވެސް ޒީވާއަށް އަބަދުވެސް ވަރަށް ނުބައި ވަހެކެވެ. ނަމަވެސް ދެންމެ ޒީވާ ރިއާން ދުރުކޮށްލި ގޮތުގައިހުރި ހަރުކަށިކަމުން އިތުރު އެހެން ކަމެއް ގޯސްވެއްޖެކަން ރިއާންއަށް ރޭކައިލިއެވެ.

ޒީވާ ބެލްކަނިން ނުކުމެގެންގޮސްފައި ދެން އައި އިރު އޭނާގެ އަތުގައި ފޯނާއި ރިއާން ރޭގައި އޭނާއަށް ދިން ކާޑުއޮތެވެ.

"ކީއްކުރަން؟ ޒީ އަތުގަ ބާއްވަބަލަ. އަހަރެން ތީގައެއް ދެން ނުހިފާނަން" ރިއާންއަށް ދިއްކޮށްލި ކާޑުގައި ހިފުމެއްނެތި ބުންޏެވެ.

"އަހަރެން ބޭނުމެއްނޫން. ރިއާން ނުހިފަންޏާ ކާޑު ބިންދާލާނީ" ޒީވާ ބުންޏެވެ. އަދި ރިއާންގެ އަތަށް ގަދަކަމުން ކަހަލަ ގޮތަކަށް ކާޑު ލައިދިނުމަށްފަހު މޭމަތިން ދެއަތް ހުރަސްކޮށްލަމުން ބެލްކަނިން ބޭރަށް ނަޒަރު ހުއްޓައިލިއެވެ.

ރިއާންއަށް ޒީވާގެ ހަރަކާތްތައް ގަބޫލުނުކުރެވިފައިހުރެ ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ޒީވާ މިއަދު ހޭލީއްސުރެން މިހާ ހިތްހަމަނުޖެހިފައި ހުންނަނީ ކޮންކަމަކާކަން ވިސްނި އެކަމުގެ ހަގީގަތް ކިޔައިދިނުމަށް އަވަސްވެގަތެވެ.

"އަހަރެން ނީމްއަށް އެހީ ހަމަޖައްސާދިނީމޭ" ރިއާން ބުންޏެވެ.

"ހްމްމް އެނގޭ.. ކުރީދުވަހު ނީމް ގުޅާފަ ބުންޏޭ" ޒީވާގެ އަޑުގައި އަދިވެސް ހުރީ ރުންކުރުކަމެވެ. އާނއެކެވެ. ނީމްގެ ކަންތައް ހިނގައިދިޔަ ފަހުން މިހާރު ޒީވާއާއި އޭނާގެ ގުޅުން ވަނީ ރަނގަޅުވެފައެވެ. ޒީވާ ރުޅިއައިސްގެން އެ އުޅެނީ އެކަމަކާ ނޫނެވެ. ދެން ރިއާން ވާހަކަ ދައްކަންފެށީ ޒީވާގެ ހިތްހަމަނުޖެހުމުގެ އަސްލު ކަމުގަައި ގަބޫލު ކުރެވޭ ދެވަނަ މައުޟޫއަށެވެ.

"ރޭގަ ނަޝްވާ.. ޑިނަރ އަކަން އެކަނި ދިޔައީ.. އަސްލު ވީގޮތަކީ–"

"އިޓްސް އޯކޭ ރިއާން.. ތިވާހަކަ ނުދައްކާ" ޒީވާ ރިއާންގެ ގައިގައި ލައްވެލިއެވެ. އޭނާ ރިއާންގެ ފަރާތުން ބޭނުންވަނީ ލޯތްބާއި ހިތްހަމަޖެހުމެވެ. އެހާ ދިގު އިންތިޒާރަކަށްފަހު އެ ހާސިލްވި ލޯބި ގެއްލޭކަށް އޭނާ ބޭނުމެއްނޫނެވެ. އެލޯބިން ބައެއް ނަޝްވާއަށް އަޅަން ޖެހުނު ކަމުގައި ވިޔަސްމެއެވެ. ނަޝްވާ ބުނިފަދައިން ރިއާންއަށް އެ ހައްޤު އެބައޮތެވެ. ވީއިރު ރިއާންގެ ދުލުން އިތުރު ބަހަނާތަކާއި ދޮގުތަކެއް އަޑުއަހާކަށް އޭނާ ބޭނުމެއްނޫނެވެ.

"ދޮންބެމެން އައިސްފިތަ؟" ޒީވާ މައުޟޫ ބަދަލުކޮށްލިއެވެ.

"މިއަދު ހެނދުނު އަންނާނަމޭ ދޯ ބުނީ.. ފޯނު ބަލާބަލަ.. އޮންނާނެ ކުޑަ ގިފްޓެއް ފޮނުވާފަ" ޒީވާގެ ގައިގައި ފުރަގަހުން ބައްދައިލަމުން ރިއާން ބުންޏެވެ.

ޒީވާ އަތުގައި އޮތް ފޯނު ހުޅުވައިލިއިރު ބޭންކުން އައިސްފައި އޮތް މެސެޖުފެނި އޭނާގެ ދެލޯ ތަލައަށް ނޭރީ ހަމަކިރިޔާއެވެ. ރިއާންގެ އެކައުންޓުންވަނީ އޭނާގެ އެކައުންޓަށް އެއްލައްކަ ދިވެހި ރުފިޔާ ފޮނުވައިފައެވެ.

"ރިއާން.. މިއީ ކުޑަ ހަދިޔާއެއްތަ؟ ދެން އަޅެ އައި ކާންޓް އެކްސެޕްޓް ދިސް" ޒީވާ ބުންޏެވެ.

"ހަދިޔާއެއް އަނބުރާ ރައްދެއް ނުކުރެވޭނެ. ޔޫ އަރ މައި ވައިފް ޒީވް.. އިޓްސް ހައި ޓައިމް އައި ސްޓަރޓް ޓްރީޓިންގް ޔޫ އޭޒް މައިން".

****************

"ހަހަހަހަ. ދޮގުނަހަދާ! ހަމަ ތެދެއްތަ؟ ހާދަ މީހުނެއް ބަލާނޭ ދޯ.. ޝައިނާއަށްވުރެން ބޮޑަށް ޒީ އެނގޭ ތިކަމާ ލަދުގަންނާނީ." ރާހިލްއަށް ހެވޭވަރުން އޭނާ އިން ސައިކަލުމަތިންވެސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

"އަހަރެންނަށްވެސް އެނގުނީ މިއަދު ފައިރޫޒް ގުޅާފަ ބުނީމަ. ޒީ ހަމަ އަދިވެސް ނުބުނޭ. އެރޭވެސް ވަރަށް ހާސްވެފަހުރެ އައިސްބުނީ 30000 ރުފިޔާ ލިބިދާނެހޭ. މިހާރު މި އެނގުނީ ފިހާރައަށް ބަދަލު ދައްކަން ޖެހިގެންކަން އެ އައީ"

ރިއާންއާއި ރާހިލް އެވާހަކަ ދައްކަން ތިބީ އާރް.އެލް އޮފީސްއިމާރާތުގެ ބޭރުގައެވެ. ރިއާން މަސައްކަތް ނިންމައިލުމަށްފަހު އޮފީހުން ނުކުތް ވަގުތު އެތަނުގައި ރާހިލް އިންތަންފެނި އެވާހަކަ ކިޔައިނުދީ ލަހެއް ނުކުރެވުނެވެ.

"އޯކޭ މޭން. އެ ނުކުތީ މަގޭ ސަންތި. މިރޭ ގުޅާނަން އެނގޭ އަދި ތިވާހަކަ ކިޔާފަ ހޭން" އޮފީހުގެ ބިއްލޫރި ގޭޓު ހުޅުވައިލުމަށްފަހު ނުކުތް ޝައިނާ ފެނި ރާހިލް ސައިކަލު އިސްޓާޓު ކޮށްލިއެވެ. ރިއާންވެސް ރާހިލްގެ ވާހަކައަށް ބޯޖަހައިލަމުން މާ ދުރުނޫން ހިސާބެއްގައި އޮތް ކާރާއި ދިމާލަށް ދިޔައެވެ. އޭނާއަށްވުރެން ދެތިން ފިޔަވަޅު ކުރިން ދިޔަ ހަށިފާރަވެރިޔާ އޭނާ އެހިސާބަށް އަރައި ހަމަ ކުރުމުގެ ކުރިން  ކާރުގެ އެތެރެ ބަލައި ފާސްކޮށްލިއެވެ.

"ކޮންކަމަކާ ދެމީހުން މާވަރަކަށް ތިހެނީ" ރާހިލްގެ ސައިކަލު ފަހަތަށް އަރައި ހަމަޖެހިލަމުން ޝައިނާ ރިއާންދިޔަ ދިމާލަށް ބަލައިލިއެވެ.

"ކަމެއްނުވޭ ލަވް.. ބުނެބަލަ. ރޭގަ ކިހާ ވަރެއްގެ ލޯގަނޑެއްތަ ތަޅާލީ؟" ރާހިލްގެ ދިމާކުރުންގަނޑު ފެށޭކަށް ލަހެއް ފަހެއް ނުވިއެވެ.

"ވަޓް؟ ކިހިނެއް ރާހިލްއަށް އެނގުނީ؟" ޝައިނާ ހައިރާންވިއެވެ.

"އަހަރެންނަށްވެސް ހަމަ އެނގޭނެ ގޮތެއް އޮވެދާނެއެއްނު؟" ރާހިލް ބުންޏެވެ.

"ޒީގެ ބޮޑީގާޑް ދޯ ރިއާންގާތު ބުނީ. ރިއާން ދޯ ރާހިލްގާތު ކީ؟ ހާދަ އަނގަގަދައޭ ދޯ މިހާރު ރިއާންވެސް. އަންހެނަކަށް ދޫނުކުރޭ" ޝައިނާ ހިތްހަމަނުޖެހުނެވެ.

"ތިހިރީ ކިޔާ އެއްޗެހި.. ދެން އަހަރެން ތިހެން ރިއާންގާތު ބުންޏަސް ބުނާނެ އަހަރެން އަންހެނަކަށް ދޫނުކުރެއޭ.." ރާހިލް ސަމާސާރާގެއްގައި ބުންޏެވެ.

"ހޫމް. ހަމަ އަންހެނަކަށް ދޫނުކުރޭ" ޝައިނާވެސް ވަކި ދުލެއް ނުދިނެވެ. ދެމީހުން އަލަށް ބައްދަލުވެގެން އުޅުން ދުވަސްވަރުގެ ހަނދާންތައް އާކުރަނީކަހަލައެވެ.

"މައްސަލައެއްނެތް.. އެކަމަކު މިރޭވެސް ހަމަ ތިހެންތަ ބުނާނީ؟" ރާހިލް ކޮށްލި ސަމާސާގައި ފޮރުވިފައިވާ ލާނެތްކަން ދޭހަވުމާއެކު ޝައިނާ ދެލޯ ބޮޑުކޮށްލަމުން ރާހިލްގެ ކޮނޑުގައި ވިކައިގަތެވެ.

"ކިހިނެއްވީ؟ ބަސްހުއްޓުނީތަ؟" ޝައިނާގެ ފަރާތުން ބަހުގެ ރައްދެއް ނުލިބުމުން ރާހިލް އަހައިލިއެެވެ.

"ނޫނޭ. މިރޭގެ އިންތިޒާރުގަ" ރާހިލްގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލުމަށްފަހު ސައިކަލުގެ ކުރީ ލޯގަނޑުން ރާހިލްއަށް ފެންނާނެހެން ޝައިނާ އެއްލޯ މަރައިލިއެވެ. ދެން ބަސްހުއްޓުނީ ރާހިލްއެވެ. ޝައިނާގެ އެހަރަކާތާއެކު އޭނާގެ ދުލުގައި ތަޅު އެޅުވި ހިތުވިންދު އަވަސްވެލިއެވެ. އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްގޮތަށް އަދިވެސް ޝައިނާގެ ކޮންމެ ހަރަކާތަކަށް އޭނާގެ ހިތް ދީއްލައިލާ ގޮތް ހިތަށް އެރުމާއެކު އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ސަޅި މިބައިވެސް. އެކަމަކު އަދިވެސް ރިއާންއަށް އަދިވެސް ޒީވާގެ އިތުބާރެއް ނުހޯދޭ. އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތައް އެބަހުރި ރިއާނޫ….

  2. ރިއާން އަހަންނަކަށް ހިޔެއްނުވޭ ތިކުރިކަމަކުން ދެންވެސް
    އެނަސްވާގެ އުނދަގުލުން ސަލާމަތްވާނެހެނެއް އެކުއްޖާ އެހެން
    ބުންޔަސް އެރޭއެކުއްޖާ އެބޭނުންވިކަންތައް ރިއާންފަރާތުން
    ހާސިލްވެފައޮތްނަމަ ކިތަންމެހާވެސްދެރަ އެންމެހިތުގަޖެހި
    ދެރަވާނީޒީދޯ އެކަންތަކާ ނޭނގެ ދުވަސްކޮޅެއްފަހުން ތިމަންނަ
    މީނީރިއާންގެދަރިއަކަށް ބަލިވެއޭ ކިޔާފަނާންނާނެކަމެއްވެސް
    ފޫހިނަސްވާގަނޑެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު