Tuesday, 18 June 2024

ހިތް އެދޭހާ ކަމެއް.. (47 ވަނަބައި)

ޝައިނާގެ އެހަރަކާތާއެކު ރާހިލްގެ ދުލުގައި ތަޅެއް އެޅުވި ހިތުވިންދު އަވަސްވެލިއެވެ. އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްގޮތަށް އަދިވެސް ޝައިނާގެ ކޮންމެ ހަރަކާތަކަށް އޭނާގެ ހިތް ދީއްލައިލާ ގޮތް ހިތަށް އެރުމާއެކު އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.

********************

މަސައްކަތް ބުރަ ދުވަސްކޮޅަކަށް ވާތީއާއެކު ރިއާންއަށް އެރޭވެސް ގެއަށް އާދެވުނީ ފުދޭވަރަކަށް ލަހުންނެވެ. ޒީވާ އެގޭގައި އުޅޭތޯ ނޫޅޭތޯ ބަލައިލަންވެސް އޭނާގެ ހަނދާނުން ކައްސައިލިއެވެ. ފޯނުގައިހުރެ އަވަސްފިޔަވަޅުތަކެއްގައި ކޮޓަރީގެ ދޮރާ އަރައި ހަމަވިވަގުތު އެތެރެއިން އެދޮރު ހުޅުވައިލުމަށްފަހު ނުކުތް ޒީވާފެނި ރިއާންގެ ފިޔަވަޅުތައް ހުއްޓުންއެރިއެވެ. ޒީވާގެ އަތުގައިހުރީ ރިއާންގެ ކޮޓަރިއަށް ޒީވާ ބަދަލުވި ފަހުން ގެނެސްފައިހުރި ބައެއް ހެދުންތަކާއި ތުވާއްޔާއި ޓެޑީބެއާއެކެވެ. ޒީވާ ރިއާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެތަނުން ނުކުމެގެންގޮސް ވަނީ ޒީވާގެ ކޮޓަރިއަށެވެ. ރިއާން އަވަސް އަވަހަށް ފޯނު ކަނޑައިލުމަށްފަހު ޒީވާގެ ފަހަތުން ހިނގައިގަތެވެ. އޭރު ޒީވާ ކޮޓަރީގެ އެތަންމިތަން ތަރުތީބު ކުރަމުންދިޔައެވެ.

"ބަދަލުވީތަ؟" ރިއާން ކަރުގައި އަޅައިފައި އޮތް ޓައި ދޫކޮށްލަމުން ދޮރުފަތުގެ ކަނީގައި ލެގިލިއެވެ.

"ހްމްމް.. މިހާރު މާ ފަސޭހައެއްނު ދޯ" ޒީވާ އެބަސްތައް ރައްދުކުރީ ރިއާންއަށް ވައްބަސް ޖެހުމުގެ ނިޔަތުގައި ކަމަށްވިޔަސް ރިއާން ހީކުރީ ޒީވާއަށް ފަސޭހަވާނެތީ އެވާހަކަ ބުނީކަމަށެވެ. އެހެންވެ އޭނާ ފާޑަކަށް އަބުއި ވެފައިހުރެ ޒީވާގެ ވާހަކައަށް ބޯ ޖަހައިލިއެވެ.

"ހެލްޕް.. ހެލްޕެއް ބޭނުންތަ؟ އަހަރެން ކީއްކޮށްދޭންވީ؟" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރިއާން އަހައިލިއެވެ.

"ނޫނޭ.. މި ނިންމާލީ.. ދެން މިރޭ ފެންވަރާލައިގެން ނިދާލާނީ" ޒީވާ އެންމެ ފަހު ބާލީހުގެ އުރަ ބަދަލުކޮށްލުމަށްފަހު އައިސް ދޮރުކައިރީގައި ހުއްޓިލުމާއެކު ރިއާން އެތަނުން ދިޔުމަށްޓަކައި ފަހަތައް ފިޔަވަޅެއް އަޅައިލިއެވެ. ޒީވާ ހިނިތުންވުމަކާއެކު އެދޮރު ލައްޕައިލިއިރުވެސް ރިއާންއަށް ހުރެވުނީ ހިނގައިގަންނަން ނޭނގިފައެވެ. އެހެންނަމަވެސް ކޮޓަރީގެ ތަޅުލެވުނު އަޑު އިވުމާއެކު ރިއާން ފައި ދަމަމުން ކަހަލަގޮތަކަށް އަމިއްލަ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު އެނދުގެ އެއްފަރާތެއްގައި އިށީނދެލި ޒީވާގެ ނަޒަރު ސީދާވެފައިވަނީ އޭނާގެ ކުރިމައްޗަށް ވާގޮތަށްހުރި ހުދު ފާރަށެވެ. އެއީ އޭނާ މިހާރުއިން ކޮޓަރިއާ ރިއާންގެ ކޮޓަރި ވަކިކޮށްދޭ ފާރެވެ. އޭނާއާ ރިއާންގެ ދެމެދުގައި މިހާރުވަނީ އެފާރުގެ ދުރުމިން އެކަނި ކަމުގައިވިޔަސް ރިއާންގެ އަމަލުތަކުން ޒީވާއަށް އިހުސާސްކުރެވެމުންދިޔައީ އެތައްހާސް މޭލެއްގެ ދުރުމިނެވެ. އެންމެފަހަރަކުވެސް އޭނާ ހުއްޓުވަން ނޫޅުނީތީ އެކަމާ ހިތުގައި ޖެހުނެވެ.

ޒީވާ އިރުކޮޅެއްވަންދެން އެތަނުގައި އިނުމަށްފަހު ތުވާލި ހިފައިގެން ފާހަނައާ ދިމާލަށް ހިނގައިގަތް ވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހައިލިއެވެ. ޒީވާ ތެޅިތެޅިއޮތް ހިތަކާއެކުގޮސް ދޮރު ހުޅުވައިލިއެވެ. ބަސްބުނާނެހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ރިއާންގެ ހޫނު ދެއަތްތިލަ އޭނާގެ އުނަގަނޑުގައި ވަށައިލުމާއެކު އެ ހޫނު ތުންފަތުން އޭނާގެ ތުންފަތް ގައިދުކޮށްލިއެވެ. އެ ހަރަކާތްތަކުގައިވާ އަވަސްކަން ޒީވާގެ ހިތްވެސް އަވަސްކުރުވިއެވެ. އެފިރުމުންތަކުގެ ތެރެއަށް ދެ ނަފްސު ބެހިގެންދާކަށް މާގިނައިރެއް ނުވިއެވެ.

"ރިއާން.. ދަނީތަ؟" އެނދުން ތެދުވި ރިއާން ފެނުމާއެކު ޒީވާ ގައިގައި އަޅައިފައި އޮތް ބެޑްޝީޓްގައި މޭމަތިން ހިފަހައްޓައިލަމުން އަނެއްއަތުން ރިއާންގެ އަތުގައި ހިފަހައްޓައިލިއެވެ.

"ހްމްމް.. މާދަމާ އެއީ ވަރަށް ބިޒީ ދުވަހެއް.. ރަނގަޅަށް ނިދާލަން ބޭނުން.. ޒީވްވެސް މާ ދަންވަންދެން ހޭލާ ނޫޅެއްޗޭ" ރިއާން ޒީވާގެ ނިއްކުރީގައި ބޮސްދިނުމަށްފަހު ބިންމަތީގައި އޮތް ގަމީސް ނަގައި ކޮނޑުމަތިން އަޅުވައިލަމުން އެތަނުން ނުކުންނަން ހިނގައިގަތެވެ.

ޒީވާ ހިތުގައި ޖެހުނެވެ. ދުވާލުގެ ހަތަރުދަން ފާއިތުވާއިރު ރިއާންގެ މަސައްކަތްތައް ހުންނަގޮތުން އޭނާއާ ރިއާން ގިނަފަހަރައް ބައްދަލުވެސް ނުވެއެވެ. ވުމާއެކު އޭނާ އުއްމީދުކޮށްގެން ހުރީ އެރޭގެ ބާކީބައި ރިއާންއާއެކު ހޭދަކުރުމަށެވެ. ރިއާންގެ އަތުތެރޭގައި އޮވެ ނިދައިލުމަށެވެ. ރިއާން އެފަދަ ގޮތަކަށް އޭނާ ދޫކޮށްލައިފައި ދާން ނިންމީތީ ހިތުގައި އެތައްހާސް ޝަކުވާއެއް އުފެދުނެވެ. ނަމަވެސް އެ ޝަކުވާތައް އޭނާގެ ދުލާ ހިސާބަށް ގެންނަން ބޭނުންނުވީ އޭނާއަކީ މިޒާޖުގައިވެސް އެހާ ޝަކުވާގިނަކުރާ ޒާތުގެ މީހަކަށް ނުވާތީއެވެ. ރިއާންގޮސް ކޮޓަރީގެ ދޮރުން ނުކުންނަންދެން ބަލަހައްޓައިގެން އޮތުމަށްފަހު ޒީވާ ދެލޯ މަރައިލިއެވެ. ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމާއެކު ނިދީގެ ތެރެއަށް ފީނައިގަންނާކަށް މާ ގިނައިރެއް ނުނެގިއެވެ.

ހެނދުނު ހޭލެވުމާއެކުވެސް ޒީވާގެ ދެލޯ އެންމެ ފުރަތަމަ ހޯދާލީ ރިއާންއެވެ. މުޅި ގޭތެރެއިންވެސް ރިއާންގެ ހިލަމެއް ފެންނަން ނެތުމުން ޒީވާއަށް ފޫހި ގޮތަކަށް ތުންއަނބުރައިލެވުނެވެ. ރޭގަނޑު އެހާ ލަހުން އައިސްފައިވެސް ހަމަ މިހާ ފަތިހު ދާން ޖެހޭހެއްޔޭ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ހިތާހިތުން ރިއާންއާ ދިމާލަށް ކުދި ކިޔަމުން ޑިއުޓީއަށްދާން ނުކުތުމުގެ ކުރިން އޭނާ އެކަން ހަނދާންކޮށްދޭން ފައިރޫޒަށް ގުޅައިލިއެވެ. އޭރު ފައިރޫޒް ޑިއުޓީއަށް ރިޕޯޓް ކުރަން ބާކީ އޮތީ ވިއްސަކަށް މިނަޓެވެ. ފައިރޫޒް އަންނަންދެން ސޯފާގައި މަޑުކޮށްލައިގެން އިންދައި އޭނާއަށް ވާފިޔާގެ ކޯލެއް އައެވެ.

"މަންމާ.. ހާދަ ހެނދުނަކާ؟ ކަމަކުތަ؟" ޒީވާ ފޯނުން ވާފިޔާދައްކާނެ ވާހަކައަކަށް އިންތިޒާރު ކުރުމެއްނެތި އަހައިލިއެވެ.

"ހޫމް ދަރިފުޅު ހޭލާ އުޅޭނެކަން އެނގޭތީއޭ މި ގުޅީވެސް. މިރޭ އައިސްބަލަ ނިކަން މިގެއަށް ރިއާންވެސް ގޮވައިގެން.. ބައްޕައަށް ގޮނޑި ކާމިޔާބުވީމަ އެކަން ފާހަގަކޮށްލަން ވާނެއެއްނު" ވާފިޔާ ބުންޏެވެ. ޒީވާ ހުރީ އިއްޔެ އެ އިންތިހާބެއް ބޭއްވުނުކަންވެސް ހަނދާން ނެތިފައެވެ. ނާޝިދު ކުރިމަތިލި ދާއިރާއަކީ އޭނާއަށް ވޯޓުލެވޭ ދާއިރާއަށް ނުވާތީއާއެކު އޭނާއަކީ އެއްވެސް އިރެއްގައި މާ މީހުން އެއްވެއުޅޭ ތަންތަނަށް ދާ މީހަކަށް ނުވާތީ އޭނާއަށް ވޯޓުލާން ދިޔުމަކީ މާ މުހިއްމު ކަމެއް ނޫނެވެ. ދެން އަމުދުން އެކަހަލަ ކަމެއް ހަނދާންވާނީވެސް ވަކި ކިހިނަކުން ހެއްޔެވެ؟

"އާނ ދޯ.. ކުރީ ފަހަރު ބޭއްވިގޮތަށް ޕާޓީއެއް ނޫންތަ ބާއްވަނީ؟" ޒީވާ އަހައިލިއެވެ.

"ނޫނޭ.. ޕާޓީވެސް ބާއްވަންވާނެ. އެކަމަކު އިހަކަށް ގާތްމީހުނަށް ގޭގަ ސައެއް ބާއްވާލަނީ.. ޝީރީންމެންވެސް އަންނާނޭ.. ދަރިފުޅު ވާނެ އަންނަން" ވާފިޔާ ބުންޏެވެ.

"މަންމަ އިރުކޮޅަކުން ގުޅާލަބަ.. އަހަރެން ރިއާންއަށް ގުޅާފަ އަހާލާނަން އެނގޭ. މިވަގުތު މި ދަނީ.. ފައިރޫޒް ބަލާ އައިސްފި" ޒީވާ ފޯނުކޯލު ކުރުކޮށްލިއެވެ. އަދި ފައިރޫޒްގެ ކޯލަށް ޖަވާބުދެމުން ތިރިއަށް ފޭބުމަށްޓަކައި އަވަސްވެގަތެވެ.

ޑްރައިވަރު ސީޓުގައި އިން ފައިރޫޒް އައިސް ދޮރު ހުޅުވައިލައި ދިނުމާއެކު ޒީވާ ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލަމުން ރިއާންއަށް ގުޅަން މަސައްކަތް ކުރިއެވެ. ފޯނުނަންބަރަށް ގުޅި ކޯލުން ފޯނު ނިއްވައިލެވިފަިއވާކަން ބުނުމާއެކު ޒީވާ އިތުރަށް ރިއާންއަށް ގުޅަން ނަހަދައި ގުޅީ ނީމްގެ ނަންބަރަށެވެ. ދެފަހަރަކު ފޯނު ރިންގުވުމާއެކު ފޯނު ނެގީ ރައުހާއެވެ.

"ހަލޯ؟ ރިއާން އުޅޭތަ؟" ޒީވާ އަހައިލިއެވެ.

"ތީ ކާކު؟" ރައުހާ ރުންކުރު ރާގެއްގައި އަހައިލިއެވެ.

"ޒީވާ.."

"އޯހް. ސޮރީ މޭމް.. ސަރ ފަތިހުގެ ފްލައިޓުން ސީޝެލްސްއަށް ވަޑައިގަތީ.. އެކޮޅުގަ ދެދުވަހެއްވަރު ވާނެކަމަށް ބެލެވެނީ." ރައުހާ މިފަހަރު ވާހަކަދެއްކީ އަދަބުވެރިކަމާއެކުވެ. "އަޅުގަނޑަށް ހީވަނީ ކުއްލިއަކަށް ދާން ޖެހުނީމާ މޭމްއަށް އަންގާ ނުލެވުނީހެން"

ޒީވާއަށް އެތައްއިރަކު ރައުހާގެ ވާހަކަ ގަބޫލުނުކުރެވިފައި އިނދެވުނެވެ. ނުވަތަ އޭނާގެ ހިތް އެވާހަކަ ގަބޫލުކުރަން ބޭނުންނުވަނީއެވެ. ރޭގައިވެސް ރިއާންއަށް ޒީވާއާ އެތަކެއް ވާހަކައެއް ހިއްސާކުރާނެހާ ވަގުތުލިބުނެވެ. ނަމަވެސް ބޯޑަރު ހުރަސްކޮށް އެތައްހާސް މޭލެއްގެ ދުރުގައިވާ ގައުމަކަށް ދިޔައިރުވެސް ރިއާންއަށް އެއީ އޭނާގާތު ބުނުން މުހިއްމު ވާހަކައެއް ކަމުގައި ނުދެކުނެވެ. އަނގަބަހުން އަންގައި ނުލެވުނު ނަމަވެސް މިފަދަ ފަންނިއްޔާތު ކުރިއަރައިފައިވާ ޒަމާނެއްގައި އޭނާއަށް މެސެޖެއް ކޮށްލުންވާނީ ކީއްހެއްޔެވެ؟ އޮފީހުގެ މުވައްޒަފުންނަށް ރިއާންގެ ކަންކަން އަންގާ ވަރަށްވެސް އޭނާއަކަށް ނާންގައެވެ. އޭނާއަކީ އެހާވެސް ބޭކާރު މީހަކީހެއްޔެވެ؟ ރިއާންގެ އަމަލުތައް ހުންނަ ގޮތާމެދު ކިތަންމެ ކެތްތެރިވާން މަސައްކަތް ކުރިނަމަވެސް މިފަހަރު ޒީވާގެ ދެލޯ ފެންކަޅިވިއެވެ.

"ފައިރޫޒަށްވެސް އެނގޭ ދޯ ރިއާން ފަތިހު ފުރިކަން؟" ޒީވާއަށް އިހުސާސްވަމުންދިޔަ އެކަނިވެރިކަމާއި ރުޅިވެރިކަމުގެ އަމާޒުފަތްގަނޑަކަށްވީ ކާރު ދުއްވަން އިން ފައިރޫޒެވެ. ފައިރޫޒް ކާރުގެ ކުރިމަތީގައިވާ ލޯގަނޑުން ޒީވާގެ މޫނަށް ބަލައިލިއެވެ. އެ ދެލޮލުގައިވާ ޝަކުވާއާއި އުދާސްތައް ފެނި އޭނާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ނަމަވެސް އޭނާގެ ހިމޭންކަމުން ޒީވާއަށް އެ ސުވާލުގެ ޖަވާބުލިބުނެވެ.

"އަހަރެންނަށް އެކަނިދޯ ނޭނގެނީ؟ އަހަރެން މިއީ ކާކު؟"
ޒީވާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި މިފަހަރުވެސް ފައިރޫޒް އިޚްތިޔާރުކުރީ ހިމޭންކަމެވެ. ޒީވާއާއި ރިއާންގެ ދެމެދުގައި ޖެހޭ މައްސަލަތަކުގައި ޖަވާބުދާރީވުމަކީ އޭނާގެ ޒިންމާއެއް ނޫނެވެ. ދަތުރު ނިމެންދެން އެ ހިމޭންކަމުގައި އިނެވެ. އޭނާ ގޮސް ހޮސްޕިޓަލުގެ އަންޑަރގްރައުންޑް ޕާކިންގްގައި ކާރު ޕާކު ކޮށްލުމަށްފަހު ޒީވާއާއެކު ހޮސްޕިޓަލުގެ ޒީވާ މަސައްކަތްކުރާ ފަންގިފިލާއަށް ދިޔައެވެ. އެވަގުތު އޭނާއަށް އަނެއްކާވެސް ވާފިޔާގެ ކޯލު އައެވެ.

"އާނ މަންމާ.. މިރޭ ރިއާންއަކަށް ނުދެވޭނެ.. ރިއާން މިވަގުތު މާލެއަކު ނެތް.. ބުރާސްފަތި ދުވަހު ކަންނޭނގެ އަންނާނީ.. އާނ.. ހުކުރު ދުވަސް ރަނގަޅުވާނެ.." ވާފިޔާ ކޮންމެހެންވެސް ރިއާން ގެންނަން އެދި ކުރުނުކުރުމުން ޒީވާ އެއްބަސްވިއެވެ.

****************

"ހަމަތެދެއް މި ބުނީ ސިސް.. މި ދޮންތި އަދި އަހަރެން ބުނީމަ ގަބޫލެއް ނުކުރާނެ. އަހަރެންނަށް ހަމަ ޔަގީނޭ އެ އެލީޝާ ބަނޑުބޮޑުކަން. އެހެންވެ ކަންނޭނގެ ދޮންބެ އެހާ އަވަސް އަރުވާލައިގެން އިނީވެސް.. އެނގޭ މަންމަ އޭނަ ވަރަށް ލޯބިންކަން ގެންގުޅެނީ. އެކަމަކު އެހާ އަވަހަށް ގައިގެ އެތަން މިތާ މަސްޖަހާލާފަ ފަލަވާނެތަ؟ އަޅެ ސިސް އަހާބަލަ ދޮންބެ ކައިރިން" އިޝްވާ ބުންޏެވެ.

"މި އިޝްކޮ ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް.. ޝައިި އަދި ދޮންބެއާ ރައްޓެއްސެއްކަމަކު އެކަހަލަ ވާހަކައެއް ދައްކަން ކެރޭނެތަ؟ އެހެންނޫނަސް ކައިވެނީގެ ކުރިންވެސް ދޮންބެގެ އުޅުން ހުންނަގޮތް އެނގެއެއްނު. އަހަރެން ސަރޕްރައިޒްއެއް ނުވާނެ ތިއީ ތެދަކަށް ވިޔަސް. އެކަމަކު ޔަގީން ނުކޮށް ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ" ޒީވާ ރައްދުދިނެވެ.

ހުކުރު ދުވަހުގެރޭ ކަމަށްވުމާއެކު އެމީހުންތިބީ އެއްބަސްވެފައިވާ ގޮތުގެ މަތިން ނާޝިދުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި އެގޭދޮށުގައެވެ. ގެއަށް އައިސް އުޅޭ މެހެމާނުން ގޭގެ ސިޓިންގްރޫމް ފުރާލައިފައިވާތީ އިޝްވާއާއި ޝައިނާގެ އިތުރުން ޒީވާ ތިބީ ޓެރަހުގައި ހުންނަ އުނދޯލީގޭގައެވެ.

"އެކަމަކު އޭރުން އެ ކައިވެނި ވެލިޑެއް ނުވާނެއެއްނު؟" އިޝްވާ އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު ބުންޏެވެ.

"ތިކަމާ ވިސްނާނީ އެމީހުނެއްނު.. ތިއީ ތެދަކަށްވިއްޔާ ބޭބީ ލިބުނީމަ ފަހުން މެރީކުރާގޮތެއްވެސް ހަދާފާނެއެއްނު" ޒީވާ ބުންޏެވެ.

"ތެދެއް އިޝްކޯ.. ތިއީ ދެން ކޮންވާހަކައެއް؟ އިޝްކޮ އެލީދެކެ ކިތަންމެ ފޫހިވިޔަސް ޔަގީންނުކޮށް ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ" ޝައިނާވެސް ޒީވާއާ އެއްބަސްވިއެވެ.

"އަހަރެންނަކަށް ނޭނގެ އިޝްކޮ މިހާ އެލީދެކެ ފޫހިވާ ސަބަބެއް.. އަޅެ ޝައި ބުނެބަލަ އެލީގެ ގޯސް ސިފައެއް ފެނުނުތަ؟ އެލީއަކީ ކްރިސްޓިއަނެއްކަން އެނގިހުރެ ދޯ ދޮންބެ އެ މެރީކުރީވެސް. ދޮންބެއަށް ރަނގަޅިއްޔާ އޯކޭ އެއްނު. އެއީ އިޝްކޮއަކާ ބެހޭކަމެއް ނޫނެއްނު" ޒީވާ އެލީޝާ ދިފާއުކުރިއެވެ.

"ދެން ނޭނގެ. ފޫހި ވައިބްގަނޑެއް ލިބެނީ.. ތިމީހުން މިގޭގަ ނޫޅޭތީ ނޭނގެނީ." އިޝްވާ ފޫހި ގޮތަކަށް ތުން ދަމައިލުމަށްފަހު އުނދޯލީގައި އޮށޯވެލަމުން ޝައިނާގެ އުނގުގައި ބޯ އަޅައިލިއެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އިޝްވާގެ ބޮލުގައި ފިރުމައިލިއެވެ. އިޝްވާ އެހާވަރަށް އެލީޝާދެކެ ފޫހިވާކަން އެނގިހުރެ އިޝްވާއަށް އެ ކައިވެނީގެ ސަބަބު ސިއްރުކޮށްފަ ބާއްވަން ޖެހޭތީ އޭނާ ނުހަނު ދެރަވެއެވެ. އެހިޔާލުތަކުގައި އިނުމަށްފަހު އޭނާ އިސްއުފުލައިލީ އެދިމާލަށް އަންނަ ފިޔަވަޅުތަކެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ރާހިލްއަށް ޝައިނާ ފެނުމާއެކު ހިނިތުންވެލުމަށްފަހު އުނދޯއްޔާއި ޖެހިގެންހުރި ޖޯލީގައި އޮތް ޒީވާއާ ވާހަކަދެއްކިއެވެ.

"ޒީ.. ރިއާން ކޮބާ؟"

"އަހަރެންނަށް ކިހިނެއް އެނގެނީ؟ އަހަރެންގާތު ބުނެފައެއް ނޫނޭ ދާތާކަށް ދަނީ. އަހަރެންނަށް އެނގޭނީ ގޮސްފަ އަންނަ ފަހުންނެއްނު"

ޒީވާ ހުރީ އަދިވެސް ރިއާން ފުރައިގެންދަމުން އޭނާއަށް އަންގާނުލީތީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. ނުވިތާކަށް އެތަނަށް ގޮސްފައިވެސް ރިއާން އެންމެ ފަހަރަކުވެސް ޒީވާއަށް ގުޅައި ހާލު ބަލާލައިފައެއްވެސް ނުވެއެވެ. ޒީވާގެ އަޑުގައިހުރި ރުންކުރުކަން އިވި ރާހިލްއަށް އިތުރު އެއްޗެކޭ އަހާކަށް ނުކެރުނެވެ. އަވަސްއަވަހަށް އެތަނުން ދާން ފިޔަވަޅެއް އަޅައިލުމާއެކު ޒީވާ އަނެއްކާވެސް ވާހަކަދެއްކިއެވެ.

"ތިރީގަ ނެތްތަ؟ އަހަރެން އައި އިރު އިން ބައްޕަގާތު" ޒީވާ ބުންޏެވެ.

"ނޭނގެ. ތިރީގަ މަޑުނުކޮށް އައި ގޮތަށް މިތަނަށް މިއައީ" ރާހިލް ބުނެލިއެވެ.

"ނޭނގޭނެ ނޭނގޭނެ. އަބަދު އެލީޝާއަށް ހޭހަން ކޮށްދޭން ކޮޓަރީގަ އޮންނަންޏަކާ ނޭނގޭނެއެއްނު" އިޝްވާ މޫނުކުނިކޮށްލަމުން ބުންޏެވެ.

ޝައިނާއާއި ޒީވާ ތިބީ އިޝްވާ އެހާ އަދަބުކުޑަ ގޮތަކަށް ރާހިލްއާ ވާހަކަދެއްކީތީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރާހިލްއަށް ހާސްވެފައި ބަލައިލެވުނީ ޝައިނާގެ މޫނަށެވެ. ޝައިނާ ލޯ މަރައިލުމަށްފަހު ދެކޮޅަށް ބޯ ހޫރައިލަމުން އެކަމާ އަޅައިނުލުމަށާ އިޝާރާތް ކުރިއެއްކަމަކު މިފަހަރު ރާހިލްއަކަށް މަޑަކުން ނުހުރެވުނެވެ. އިޝްވާއާއި އޭނާ މިފަހަކަށް އައިސް އެގޭތެރެއިން ދިމާވާ ކޮންމެ ފަހަރަކީ އިޝްވާ އޭނާއަށް އެފަދަ ގޮތަކަށް ބަހެއް އެއްލާ ފަހަރެކެވެ. އެއިން ކޮންމެ ފަހަރަކު އޭނާ އެކަން ހަޖަމުކޮށްލައިގެން ހުންނަނީ އެއީ އިޝްވާގޭ ހިތުގައި ޝައިނާއަށް އޮންނަ ލޯބީގެ މައްޗަށް ބުރަވެހުރެ ބުނާ ބަސްތަކެއްކަން އެނގޭތީއެވެ. ނަމަވެސް ޝައިނާގެ ކުރިމަތީގައި އޭނާއާމެދު ޝައްކު އުފެދޭހެން އެކަހަލަ ވާހަކަ ދެއްކުމުގެ ޖާގައެއް ރާހިލް އިޝްވާއަކަށް ނުދޭނެއެވެ.

"މިހާރު ތިދަނީ މާ މައްޗަށް! ބުނަންވާ އެއްޗެއްސާ ނުބުނަންވާ އެއްޗެސް ހުންނާނެ. ތިބުނީ ނުބުނަންވާ އެއްޗެއް" ރާހިލް ރުޅިއައިސްފައި އިޝްވާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ހީވީ ދެންމެ ދެންމެ އިޝްވާއާ ކުރިމަތިލުމެއް ހިންގައިލައިފާނެ ހެނެވެ. ޒީވާއަށް ހާސްވެފައި އޭނާ އިށީނދެ އިން ޖޯލިން ތެދުވެވުނު އިރު ޝައިނާ އެއްއަތުން އިޝްވާގެ ގައިގައި ހިފަހައްޓައިލައިގެން އިނފެ އަނެއްއަތުން ރާހިލްގެ ބަނޑުގައި އަތްއަޅައި ދުރަށް ކޮށްޕައިލިއެވެ.

"ރާހިލް ޖަސްޓް ލީވް" ޝައިނާ ހިތްހަމަ ނުޖެހިފައި ރާހިލްއަށް ލޯ އަޅައިލިއެވެ. ރާހިލް ނުރުހިފައިހުރެ އެތަނުގައި ތިބި ތިންމީހުންގެ މޫނަށް ބަލައިލުމަށްފަހު ސިޑިން ފައިބައިގެން ދިޔައެވެ.

*****************

ވާފިޔާމެން އުޅޭ ބައިގެ ދޮރު ލައްޕައިލުމަށްފަހު ބޭރަށް ނުކުތް ރިއާންއަށް ސިޑިން ދުވެފައި އައި މީހެއްގެ ހިލަންވުމާއެކު އިސްއުފުލައި ބަލައިލިއެވެ. އޭނާގެ ކައިރިއަށް އައިސް ހުއްޓުނު ރާހިލްގެ މޫނުމަތީގައިވި ހިތްހަމަނުޖެހުން ފެނި ރިއާން ކިހިނެއްވީހޭ އަހާލާ ފަދައަކުން ބުމަ އަރުވައިލިއެވެ.

"ނުވޭ ކަމެއް.. މި އިޝްކޮ އަބަދު އަހަރެންނާ ދިމާލަށް މޮޅެތި ބަސް އުކާވަރުން ބޯ ގޮވާފަ މި ހުންނަނީ.. ދެންމެ ޝައިނާ ހުއްޓާވެސް.." ރާހިލް ކަންހިނގައިދިޔަ ގޮތް ކިޔައިދިނުމުން ރިއާން ހިނިގަނޑަކުން ފުއްދާލީއެވެ. އޭރު ލިފްޓުވެސް އައިސްފައި މީހަކު ނާރައިގެން ލެއްޕިއްޖެއެވެ. ދެމީހުން ތިބީ ހަމަ ރަނގަޅަށްވެސް ވާހަކައިގައި ޖެހިފައެވެ.

"ދެން އަޅާނުލާ.. ކޮންތާކަށްތަ ތި ދަނީ؟ ފައިސަލް އަދިވެސް އުޅޭ މިތާ ކައިރީގަ. އެކަން މިހާރު ނުބަލަނީތަ؟" ރާހިލް އަހައިލިއެވެ.

"ނޫނޭ. ސިރާޖު ބުނީ އެކަން ވަރަށް އަވަހަށް ނިންމާލެވޭނެޔޯ.. ކުރިން ކުރިހެން ދޯދިޔާކޮށް ކަމެއް ނުކުރަން ވެގެން މިފަހަރު ތަންކޮޅެއް ގިނަ ދުވަސް ނަގަނީ. ޔޫ ނޯ.. ގުޑް ތިންގްސް ޓޭކް ޓައިމް.. އެފަހަރުވެސް ހަމަސްދުވަހަށޭ ބުނިމީހާ ފަސްމަސްތެރޭ ހުރީ މިނިވަން-" ރިއާންއަށް ވާހަކަ މެދުކަނޑައިލެވުނީ ކުއްލިއަކަށް ރާހިލްގެ މޫނުމައްޗަށް އެރި ހައިރާންކަމުގެ ކުލަވަރު ފެނުމުންނެވެ. "އޭންޑް އައި ޑިޑްންޓް ޓެލް ޔޫ ދެޓް ޑިޑް އައި؟" ރިއާން ނިންމައިލަމުން އަހައިލިއެވެ.

"ވަޓް ދަ– ޔެސް ބްރޯ؟ ކުރިންނޭ؟ ތިބުނީ ކުރިންވެސް ފައިސަލް ބަންދުކުރީ؟"

"ޝްޝްޝް. ތަންކޮޅެއް މަޑުން ވާހަކަދައްކަބަލަ" ރާހިލްގެ އަޑު ބާރުވާން ފެށުމުން ރިއާން އޭނާގެ އަތުގައި ހިފަމުން ގޭގެ ދޮރާ ތަންކޮޅެއް ދުރަށް ގެންދިޔައެވެ.

*****************

ރާހިލް ދިޔަދިމާލަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ޒީވާ އެތަނުން ހިނގައިގަތީ އިޝްވާގެ ވާހަކަ ހުރިގޮތާމެދު އަޅައިނުލުމަށް ރާހިލްއަށް ނަސޭހަތްތެރިވުމަށެވެ. ރާހިލްއާ އިޝްވާއާ ދެމެދުގައި އެކަހަލަ ކަމެއްގައި ހަމަނުޖެހުމެއް އޮތުމަކީ އޭނާ ބޭނުންގޮތެއް ނޫނެވެ. ނަމަވެސް ސިޑީގެ މެދަކާ ހިސާބަށް އާދެވުނުވަގުތު ރިއާންއާއި ރާހިލްގެ އަޑު ކަންފަތުގައި ޖެހުމާއެކު ޒީވާގެ ހަރަކާތްތައް ލަސްވިއެވެ. އެ ފިޔަވަޅުތަކުގައިހުރި ލުއިކަމުގެ ސަބަބުން ރިއާންއަކަށްވެސް އަދި ރާހިލްއަކަށްވެސް އޭނާ އައިކަމެއް ނޭނގެއެވެ. ލަސްލަހުން ސިޑީގެ އެންމެފަހު ހަރުފަތާ އަރައި ހަމަވިއިރު ޒީވާއަށް އެމީހުންގެ ވާހަކަތައް ސާފުކޮށް އިވެމުން ދިޔައެވެ.

"ތިބުނީ ކުރިންވެސް ފައިސަލް ބަންދުކުރީ؟"

"ޝްޝްޝް. ތަންކޮޅެއް މަޑުން ވާހަކަދައްކަބަލަ"

"ރިއާން މޮޔަވީތަ؟ މިހާރު އެނގިއްޖެ ފައިސަލް ރިއާންގެ ދުވަސް ދުއްވާލަން ބޭނުންވީ ކީއްވެކަން… އޭނަ މިތާ އުޅުނަސް ރިއާންއަކަށް ވި އުނދަގުލެއް ނެތެއްނު؟ ކީކޭ ހިތަށް އަރައިގެން އެކަހަލަ މީހެއްގެ ބޭޑް ސައިޑަށް ތި އެރީ؟" ރާހިލް ހިތްހަމަނުޖެހުނެވެ.

"އޭނަގެ ގޮތް އެނގެންޏާ ރާހިލް ތިހެނެއް ނުބުނާނެ. ހަމަ ނޭނގެނީތަ އޭނަ ޒީއަށް ކުރިހާ އުނދަގޫ؟ އަހަރެންވީ އެކަމާ ފިޔަވަޅެއް ނާޅައި ދެއަތް އުރާލައިގެން ހުންނަންތަ؟" ރިއާން އަމިއްލަ ނަފްސު ދިފާއުކުރިއެވެ.

"އެކަމަކު އެއީ ރިއާންއާ ޒީގެ ކައިވެންޏަށްވުރެވެސް މާ ކުރީގެ ކަމެއްނު؟ މިހާރު ވީގޮތް ރަނގަޅުތަ؟ ދެންވެސް މަޝްވަރާކޮށްގެން ތިކަން ހައްލުކުރަން އަހަރެންނަށް ފެންނަނީ. ނޫނީ އަނެއްކާވެސް އެއްއަހަރު ދެއަހަރު ބަންދުގަ ހުރެފަ މިނިވަންވެގެން އައިސް ވަޅިއެއް ޖެހީމަތަ ރިއާންއަށް ވިސްނޭ-"

ރާހިލްގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް އޭނާގެ ފަހަތުން އެއްޗެއް ވެއްޓުނު އަޑު އިވުމުންނެވެ. ރާހިލް އެއްފަރާތަށް ޖެހިލި ވަގުތު ރިއާންއަށްވެސް ސިޑިކައިރީގައިހުރި ޒީވާފެނި ސިހުމެއް ލިބުނެވެ. ބިންމައްޗަށް ވެއްޓިފައި އޮތީ ޒީވާގެ ފޯނެވެ.
ރިއާން ހަލުވިކަމާއެކު ޒީވާގާތަށް ހިނގައިގަތެވެ. ނަމަވެސް ރިއާންއަށްއޭނާ ހުރި ހިސާބަށް އާދެވުމުގެ ކުރިން ޒީވާ ދުވެފައިގޮސް ލިފްޓަށް އަރައިފިއެވެ. އޭރު ރާހިލްވެސް ހާސްވެފައިހުރެ ރިއާންގާތަށް އަތުވެއްޖެއެވެ.

"އޭރުވެސް އަހަރެން ބުނީމެއްނު އަޑު މަޑުކުރާށޭ! މިހާރު ހިތްހަމަ ޖެހިއްޖެތަ؟" ރާހިލްގެ ކޮނޑުގައި އަތް އަޅައި ދުރަށް ކޮއްޕައިލަމުން ރިއާން އެއްސެވެ.

"ރިއާން ހަމަޖެހިބަލަ.. ޒީ ކޮންތާކަށް އެ ދިޔައީ؟" ރާހިލް އެހި ސުވާލާމެދު ވިސްނައިލެވުނު ވަގުތު ރިއާންގެ ހަރަކާތްތައް ގަނޑުވިއެވެ. އަވަސް އަވަހަށް ކައިރީގައިހުރި ލިފްޓުގެ ސްވިޗަށް އޮބައިލަމުން ފޯނު ނަގައި ފައިރޫޒަށް ގުޅައިލިއެވެ. އޭނާ ފައިރޫޒް ފޮނުވައިލީ އެދުވަހަކީ އޭނާއާއެކު ޒީވާ އެގެއަށް އައި ދުވަހަކަށް ވާތީއާއެކު އެގޭގައި ގިނައިރު ވާނެކަން އެނގޭތީއެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވުނީތީ އޭނާއަށް މިހާރު މޮޔަ ހީވަމުންދިޔައެވެ. އެހެންނޫންނަމަ ޒީވާ ފޭބިއިރު ފައިރޫޒް ތިރީގައި ހުރީހެވެ.

"ހަލޯ ފައިރޫޒް. ވަރަށް އަވަހަށް އާދެބަ.. ޔެސް ޒީވާ މެން ގެއަށް" ރިއާން ރާހިލްއާއެކު ލިފްޓަށް އަރަމުން ބުންޏެވެ.

******************

"އޭ އޭ ބަލާބަލަ ފަހަތް.." މަގުގެ އަނދިރި ކަންމައްޗެއްގައި މަގަށް ފުރަގަސްވާގޮތަށް ސައިކަލުގައި އިށީނދެ އިން ފައިސަލް އޭނާގެ އެކުވެރިޔާގެ ބަހަށް ފަސްއެނބުރި ބަލައިލިއެވެ. ދުވެފައި އެދިމާލަށް އައި ޒީވާ ފެނި ހިނދުކޮޅަކަށް ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައި ހުރެވުނު ނަމަވެސް ނިކަން އަވަހަށް ސައިކަލުން ތެދުވެ އަތުގައި އޮތް ސިނގިރޭޓު ނޭވާކޮޅަށް ދަމައިލުމަށްފަހު ކައިރީގައި ހުރި އެކުވެރިޔާގެ އަތަށް ދިނެވެ. ފަހަތަށް އެނބުރުމާއެކު އޭނާގެ ކަންކަށިމައްޗަށް އަމާޒުވީ ޒީވާގެ އަތުގެ ހޫނު ހަމަލާއެކެވެ. ފައިސަލްގެ ހަށިގަނޑު އަރިއަޅައިލި ވަގުތު ގާތުގައިހުރި އެކުވެރިޔާ ޒީވާއާ ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ. ފައިސަލް އެކަން މަނާކުރަމުން ހަށިގަނޑު ސީދާކޮށްލިތަނާހެން އަނެއްކާ އަނެއްފަހަރު ޒީވާގެ އަތުގެ ހަމަލާއެއް އެ ކަންކަށިމައްޗަށް އަރައިފިއެވެ. އެހެނަސް މިފަހަރު ފައިސަލް އަރި އަޅައިލުމުގެ ކުރިން ޒީވާ ފައިސަލްގެ ގިރުއާނުގައި ހިފައި ކޮޅަށް ނެގިއެވެ.

"އޭތް ކިހިނެއް ވެގެންތަ ތި އުޅެނީ؟" ޒީވާގެ އަތް ފޮޅުވައިލަމުން ފައިސަލް ފެލިގަތެވެ.

"ވެގެން އުޅޭގޮތް ނޭނގޭތަ؟ ތިއީ ހާދަ ފިނޑި އަނިޔާވެރި މީހެކޭ ދޯ؟ އަހަރެންގެ ފިރިމީހާގެ ދުވަސް ދުއްވާލައިގެން އަހަރެން ލިބޭނެކަމަށްތަ ހީކުރީ؟ ހީކުރީތަ ސަލާމަތް ވެވިދާނެކަމަށް އޭން؟" ޒީވާގެ އަޑުވެސް ވަކި މަޑެއްނޫނެވެ. އެތަނުންދާ ބައެއް މީހުނަށް އެތަނުގައި ކަމެއް ހިނގާކަން އެނގިހުރެވެސް އެކަމާ މާބޮޑު ފަރުވާލެއްނުދެއެވެ. އެ އަނދިރި ކަންމަތީގައި ތިބޭމީހުންގެ އެކަހަލަ ކަންކަމަށް ހޭނިފައިވުމުގެ ސަބަބުން އެކަމާ އަޅާނުލައި ކުރިއަށްދަނީއެވެ.

"ކިހިނެއްވީ؟ އެއޮތީ ޖަހާފަ! މަރުނުވިކަން ދެރައީ! އަދިވެސް ޖަހާނަން! ކީއްކުރެވޭނީ؟ އަނެއްފަހަރު ޖަލަށް ފޮނުވާނީތަ؟ ބުނަން! ޒީވާ ތިއީ މަގޭ މީހެއް!" ފައިސަލް ޒީވާގެ ކަރުގައި ހިފައި އޭނާއާ ގާތަށް ދަމައިލި ވަގުތު ޒީވާއަށް އެ ކުރަން އުޅޭކަންތައް އެނގި އަނގަމަތީގައި އަތްއެޅިއެވެ. އެހެންކަމުން ފައިސަލްގެ ތުންފަތް ޖެހުނީ ޒީވާގެ އަތުގެ ނުފުށުގައެވެ. ފައިސަލްގެ މޫނުމައްޗަށް ވެރިވީ މަލާމާތުގެ އަަސަރުތަކެކެވެ.

"ކިހިނެއްވީ ނުދޭނީތަ؟ ވަރަށް ފިރިމީހާ ވެފަދޯ ތި ހުންނަނީ؟ ބަލަ އޭނައަށްވުރެން ކުރިން ތި ލޯބި ލިޕްސް ޓޭސްޓް ކޮށްލަން ލިބުނީ މަށަށޭ.. ހަނދާނެއް ނެތްތަ؟ ބޭބީޑޯލް؟"

ފައިސަލް އޭނާއާ މުހާތަބުކުރި ވަނަން އިވުމާއެކު ޒީވާ ހުއްޓުން އެރިއެވެ. އެވާހަކަތައް ދޭހަވުމާއެކު ނުވަމަސް ކުރިން ހިނގައިދިޔަ ހާދިސާގެ ބަނަހަނދާންތަކުން ސިކުނޑި ފުސްކޮށްލިއެވެ. މީގެ ސުކުންތުކޮޅެއް ކުރިން ފައިސަލްގެ ޖުރިމަތީގައި ދައްކަމުންދިޔަ ހުރިހާ ހިތްވަރަކާއި ގަދަކަމެއް ވެއްޔަށްވެ ދިޔަ ކަހަަލައެވެ. ނަފްސުގެ މައްޗަށް ވެރިވެގަތް ބިރުވެރިކަމުގައި މުޅި ގައިން ހީބިހި ނަގައިގަތެވެ. ފައިސަލް ފަހުން ދެއްކި އެއްވެސް ވާހަކައެއް އޭނާއަކަށް ނީވެއެވެ. ދެން އޭނާއަށް ފެނުނީ އައި ނައި ތަނެއް ނޭނގި ރިއާން ފައިސަލް ދުރަށް ކޮށްޕައިލުމަށްފަހު ފައިސަލްގެ އަތުތެރެއިން އޭނާ މިނިވަންކުރި މަންޒަރެވެ. އެއަށްފަހު ރާހިލް ފައިސަލްގެ މޫނުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލި މަންޒަރެވެ.
ރިއާން ޒީވާގެ ގައިން ދޫކޮށްލުމަށްފަހު ފައިސަލްއާ ދިމާލަށް ފިޔަވަޅެއް އަޅައިލިއިރު އައިސްފައިވާ އަލިފާން ރުޅިން އޭނާގެ ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ.

"ރިއާން.. ނޮޓް ނައު.. ބަލާބަ ޒީ. ހިނގާ ޒީ ގޮވައިގެން ގެއަށް" ރިއާންގެ އަތުގައި ހިފަހައްޓަމުން ރާހިލް ބުންޏެވެ.

ރިއާން ޒީވާއާ ދިމާލަށް ބަލައިލުމާއެކު އޭނާ އައިސްފައިވާ ރުޅިވެސް ފިލައިދިޔައެވެ. ޒީވާގެ ހުރީ އޭނާ ހީކުރި ވަރަށްވުރެވެސް ގޯސް ހާލަތެއްގައެވެ. ގަބުވެފައި ހުރި މީހެއް ފަދައިން އެއްދިމާލަކަށް ބަލަހައްޓައިގެން ހުރިއިރު އެ ދޮން މޫނުވަނީ ބިރުން އިތުރަށް ހުދުވެފައެވެ.

"ޒީވް.. ޒީވް.. ޒީވާ" ރިއާން ޒީވާގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

"ރިއާން" ޒީވާ ދެފަހަރަކު އެސްފިޔަ ޖަހައިލަމުން ރިއާންއަށް ގޮވައިލިއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

"ޝްޝްޝް.. ޔޫ އަރ އޯކޭ ބޭބީ" ރިއާން ޒީވާ ގެނެސް މޭގައި ލައްކޮށްލިއެވެ.

"ލެޓްސް ގޯ ރިއާން" ރާހިލްގެ ވާހަކައަށް އެއްބަސްވެ ރިއާންވެސް ނިންމީ ވީހާވެސް އަވަހަށް ޒީވާ އެތަނުން ދުރަށް ގެންދިޔުމަށެވެ. އޭނާގެ އަތުގައި އޮތް ކާރުގެ ތަޅުދަނޑި ރާހިލްއާ ދިމާލަށް އެއްލުމާއެކު ރާހިލް އެ ހިފައިގެން ކާރުގެ ޑްރައިވަރު ސީޓަށް އެރިއެވެ.

ރިއާން ޒީވާއާއެކު އެރީ ކާރުގެ ފަހަތަށެވެ. އަދި ޒީވާގެ ކޮނޑުގައި އެއްއަތް ވަށައިލުމަށްފަހު އެނާގެ ގަޔާއި ކައިރިކޮށްލިއެވެ. ޒީވާ މަޑުމަޑުން ރިއާންގެ ކޮނޑުގައި ބޯ އަޅައިލުމާއެކު ރިއާން ޒީވާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. ޒީވާގެ ރުއިން ވެސް ކުޑަކޮށް ހަމައަކަށް އެޅެން ފެށިއެވެ.

"ރިއާން.. އެހީމެއްނު ކާކުހޭ؟ އޭނަ އެއީ.. އެއީ ހަމަ އެމީހާ" ކާރު ނައްޓައިލުމާއެކު ޒީވާ ވާހަކަދައްކަން ފެށިއެވެ. އެ އަޑު ކުރެހިފައިވުމާއެކު ކާރުގެ ތެރެއަށް އިވެނީ ހަމަ ކިރިޔާއެވެ.

"ރިއާން.. ރިއާންއަށް އެނގޭ ދޯ؟؟ ކީއް.. ކީއްވެ އަހަރެންގާތު ނުބުނީ؟" ރިއާންގެ ފަރާތުން ހައިރާންކަމުގެ އެއްވެސް އިޝާރާތެއް ނުވުމުން ޒީވާ އަހައިލިއެވެ.

"ޕްލީޒް.. ދެން އެކަމާ ނުވިސްނަބަަ. ނިދާލަން ޓްރައި ކޮށްލަބަ އެނގޭ" ރިއާން އެދުނެވެ. އެ ހަނދާންތަކަށް ޒީވާގެ ސިކުނޑި އެނބުރިދާނެ އެއްވެސް ހިޔާލެއް ޒީވާ ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާއަށް ވެގެންވަންޏާ ޒީވާގެ ހަޔާތައް އެރޭގެ ކުޑަވެސް ހިޔަންޏެއް އެޅުނަކަ ނުދޭނެއެވެ.

 

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ށައިނާޔާ ރާހިލްގެ ކަންތައް ޒީއަށް އިނގިއްޖިއްޔާ
    ކިހިނެއްބާވާނީ ވ.ރީތިމިބައިވެސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު