ހިތް އެދޭހާ ކަމެއް.. (50 ވަނަބައި)

ޝައިނާއަށް ކެތްކުރެވުނީ އެހިސާބަށެވެ. އޭނާ އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ވާފިޔާގެ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

"މަސައްކަތްކުރާނަން ދައްތާ" ވާފިޔާއަށް ފުރަގަސްދީގެންހުރެ އޭނާ ބުންޏެވެ. އަދި ސުކުންތެއްވެސް ލަސްކުރުމެއްނެތި އެކޮޓަރިން ނުކުމެ އެ ގެއިންވެސް ނުކުމެގެން ދިޔައެވެ.

*******************

ރާހިލްއާއި އެލީޝާ އުއްމީދު ކުރިގޮތަށް ދަތުރުގެ އެއްވެސްކަމެއް ނުދެއެވެ. އެއްދުވަހަށް މޮސްކޯގައި މަޑުކުރަން ގަސްތުކޮށްގެން އައި ނަމަވެސް އެލީޝާގެ އާއިލާއިން ރާވައިފައި އޮތް އެކި ކަންތައްތަކާއެކު އިތުރަށް ދެދުވަސް މަޑުކުރަން ޖެހުނެވެ.

"ހްމްމް. ތަންކޮޅެއް ލަސްވީ އެލީގެ ފެމިލީ ޕްލޭންސްއާ ހެދި. އެކަމަކު މާދަމާ އެކޮޅަށް ދާނަން. ފުރަން އެއްދުވަސް އޮއްވާ އާދެވޭނެއެއްނު. ޔެސް.. މިސް ޔޫ ލަވް. ކާންޓް ވެއިޓް ޓު ސީ ޔޫ އަގައިން" ރާހިލް ފޯނު ކަނޑައިލުމަށްފަހު ކޮޓަރިއަށް ވަތް ވަގުތު ދަބަހެއް ޕެކް ކުރަން އެނދުގައި އިށީނދެއިން އެލީޝާ ހިނިތުންވެލިއެވެ.

"ޝައިނާތަ؟" އެލީޝާ އަހައިލިއެވެ. ރާހިލް ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ.

"ނަސީބެއްނު މިފަހަރު ފޯނު ނެގިކަން.. ނޫނިއްޔާ އަހަރެން ޖެހޭނީ މިތަނުން މެންޓަލް އެސައިލަމަކަށް ރާހިލް ލައިފަ ކަންނޭނގެ މާދަމާ ދާން. ރާހިލް ހުރީ މޮޔަވާ ހިސާބުގަ ވިއްޔަ" އެލީޝާ ސަމާސާ ރާގެއްގައި ބުނެލިއެވެ.

"އަސްލުވެސް ވަރަށް ބިރުން ހުރީ. ހީކުރީ މަންމަ ދެއްކި ހުރިހާ ވާހަކައެއް ޝައިނާ ހަމަ ސީރިއަސްކޮށް ނެގީބާއޭ.. މިރޭ ދެން ހަމަޖެހިލައިގެން ނިދާލެވޭނެ" ރާހިލް އެ ބޮޑު އެނދުގެ އެއްފަޅީގައި އޮށޯވެލިއެވެ.

"މިހާރު ޕެކްކޮށް ނިންމާލީތަ؟ ހާދަ ދާހިތުންނޭ ތި އިންނަނީ ދޯ" އެލީޝާ ދަބަހުގެ ޒިބު އަޅުވައިލުމަށްފަހު ތިރީގައި ބަހައްޓައިލި ވަގުތު ރާހިލް އަހައިލިއެވެ.

"ހްމްމް. ރާހިލްއަށް މިރޭ ނިދުނަސް އަހަރެންނަށް މިރޭ އުފަލުން ނުވެސް ނިދޭނެ" އެލީޝާ ބުންޏެވެ.

"ނިދާލާ ނިދާލާ. އޭރުންނެއްނު އަވަހަށް މާދަންވެސް ވާނީ. ގުޑްނައިޓް އެލީ" ރާހިލް އޭނާއޮތް ފަޅީގެ ލޭމްޕު ނިވައިލިއެވެ.

****************

ސްޓެޕަނޯވޯ ޓްރެއިން ސްޓޭޝަނުން ނުކުމެވުމާއެކު ރާހިލްގެ އިތުރުން އެލީޝާވެސް އަވަސްވެގަތީ ބަހުގައި ޖޯޝުއާމެން އުޅޭ އަވަށަށް ދިޔުމަށެވެ. އެއީ މަދު މީސްކޮޅެއް އުޅޭ ކުޑަކުޑަ ރީތި އަވަށެކެވެ. ސްނޯގެ ސަބަބުން ހުދުކުލައިގެ ދޫލައެއް އެޅިފައިވާ މަގުތަކުގެ ދެފަރާތުގައި ފިތުރޯނު ގަސްތައް ހައްދައިފައިވާއިރު އެތަނުން ފެންނަ ކުދިކުދި ގެތަކުގައި ހިތްގައިމު ކަމެއް ހުއްޓެވެ. ތަނުގެ ފިނިހޫނުމިން ހުރީ މޮސްކޯގެ ފިނިހޫނު މިނަށްވުރެވެސް ދަށުގައެވެ. ދުއްވާއެއްޗެއްގެ ނުވަތަ ހިނގާމީހެއްގެ ހިލަމެއްވެސް ވަނީ ވަރަށް މަދުންނެވެ.

ބަސްހުއްޓިން ފައިބައިގެން ހަތްވަރަކަށް މިނަޓުގެ ހިނގުމަކަށްފަހު އެމީހުންނަށް އެލީޝާގެ ފޯނުގައި ނޯޓުކޮށްފައި އޮތް އެޑްރެހާއި ހިސާބަށް އާދެވުނެވެ. އެއީ ހައިވަކަރުން ހަދައިފައިވާ ކުޑަކުޑަ ގެއެކެވެ. އެއީ ރަނގަޅު އެޑްރެސްތޯ ޔަގީންކުރުމުގެ ގޮތުން ރާހިލް އެލީޝާއަށް ބަލައިލިއެވެ. އެލީޝާ ބޯ ޖަހައިލުމާއެކު ރާހިލް އެތަނުގައިހުރި ދެތިން ސިޑި ގިރައިކޮށްލުމަށްފަހު އެގޭގެ ދޮރުގައި ޓަކިދިނެވެ. ދެފަހަރަކު ޓަކިޖަހައިލުމާއެކު އެ ދޮރު ހުޅުވީ މެދުއުމުރެއްގެ އަންހެނެކެވެ. އެލީޝާ އަވަސް އަވަހަށް ކުރިއަށް ޖެހިލައި ރަޝިޔާބަހުން އެގޭގައި ޖޯޝުއާ ކިޔާ މީހަކު އުޅޭތޯ އަހައިލިއެވެ. އެމީހާ ނޫނެކޭ ބުނުމާއެކު ރާހިލް ކަންބޮޑުވިއެވެ.

"އެލީއަށް ޔަގީންތަ މިއީ އެ އެޑްރެސްކަން؟" ރާހިލް އިނގިރޭސިން އަހައިލިއެވެ.

"ޖޯޝް ދިނީ މި އެޑްރެސްއޭ.. ގޫގުލް މެޕްސްއިންވެސް ދައްކަނީ ހަމަ މިގެ" އެލީޝާ ބުންޏެވެ.

"ނުބައި އެޑްރެސްއެއް ނޫނީ ވިލެޖަކަށްނުވާނެތަ؟" ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ރާހިލްގެ ހިތް ބުނަމުންދިޔައެވެ.

"ހްމްމް. ގައިމުވެސް މި ވިލެޖްކަން ޔަގީން.. ޖޯޝް ވަޒީފާއަކަށް ލާން އުޅުނު އިރު މި އެޑްރެސް ފޯމުގަ ޖަހާފަ އޮއްވާ އަހަރެން ދުށީމޭ" އެލީޝާ ޔަގީންކުރިއެވެ.

"ޑޫ ޔޫ ނޯ އެނީވަން ބައި ދި ނޭމް ފްރޮމް ދިސް ވިލަޖް؟ ޖޯޝް؟ ޖޯޝުއާ؟ ޔޯޝުއާ؟" އޭނާ އެ އަންހެން މީހާގާތު އަހައިލިއެވެ.

"ޔޯޝުއާ؟ އަމްމް. ޑަޒަންޓް ރިންގް އަ ބެލް މައި ޑިއަރ. އިފް ޔޫ ހޭވް އަ ފޮޓޯގްރާފް އައި މައިޓް ބީ އޭބަލް ޓު ހެލްޕް" އެމީހާ އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު ބުންޏެވެ.

އެލީޝާ ލަހެއްފަހެއްނެތި ފޯނުން ފެނުނު ޖޯޝުއާގެ ފުރަތަމަ ފޮޓޯ އެމީހާއަށް ދައްކައިލިއެވެ. އެއީ އޭނާއާއެކު ޖޯޝުއާ ނަގައިފައިވާ ސެލްފީއެކެވެ. އެ ފޮޓޯ ފެނުމާއެކު އެ އަންހެންމީހާއަށް ކުޑަ ސިހުމެއް ލިބުނުކަން ރާހިލްއަށް ފާހަގަކުރެވުނެވެ. އެމީހާ އިޝާރާތްކުރީ އެގެއާ ޖެހިގެން ހުންނަ މަގަށެވެ. އަދި އެ މަގުގެ ވައަތް ފަރާތުން ހަތަރުވަނަ ގޭގައި ޖޯޝުއާ އުޅޭނެކަމަށް ބުންޏެވެ. އަދި އަވަސް އަވަހަށް ދޮރުޖެހިއެވެ.

އެމީހާއަށް އައި ކުއްލި ބަދަލު ފާހަގަވުމާއެކު އެލީޝާއާއި ރާހިލް އެކަކު އަނެކަކަށް ބަލައިލުމަށްފަހު ކޮނޑު އަރުވައިލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި އޭނާ ދެއްކި ގެއާހަމައަށް ދިޔައެވެ. އެއީ މީގެ އިރުކޮޅެއް ކުރިން އެމީހުންދިޔަ ގެއަށްވުރެވެސް ވީރާނާވެފައިވާ ގެއެކެވެ. ޓަކި ޖަހައިލުމާއެކު މިފަހަރު ދޮރު ހުޅުވީ ގާތްގަނޑަކަށް ހައެއްކަ އަހަރަށްދާ ކުޑަކުއްޖެކެވެ.
މުށިކުލައިގެ ބުޅި އިސްތަށިގަނޑަކާއި ހޭޒަލްކުލައިގެ ކަޅިއެއް ލިބިފައިވާ އެ ފުށްގަނޑެއްފަދަ ލޯބި ކުއްޖާ ބީރައްޓެހި ނަޒަރަކުން ކުރިމަތީގައި ތިބި އެލީޝާއާއި ރާހިލްއަށް ބަލައިލިއެވެ. އެލޯބި ކުއްޖާ ފެނުމާއެކު އެދެމީހުން ހިނިތުންވެލިއެވެ.

"ހޭއި ޕްރިޓީ ގަރލް.." ރާހިލް އެކުއްޖާއާ އެއްވަރަށް ތިރިވެލަމުން ގޮވައިލިއެވެ. އެއާއެކު އެކުއްޖާ ބަދަލުގައި ރާހިލްއަށް ލޯ އަޅައިލިގޮތުން އޭނާއަށް ހިނިތުންވެވުނެވެ. "ހްމްމް އައި ނޯ ސަމްވަން ވިތް ދިސް އެޓިޓިއުޑް." އޭނާ ބުނެލިއެވެ.

"ވަޓް ޑޫ ޔޫ ވޯންޓް؟" އެކުއްޖާ ބުމަ ގޮށްޖަހައިލަމުން އަހައިލިއެވެ.

"ހައި ޕްރިންސަސް.. ކޭން ވީ ޕްލީޒް ޓޯކް ޓު އޭން އެޑަލްޓް" އެލީޝާ ކުޑަކޮށް ގުދުވެލައި އެކުއްޖާއަށް ހިނިތުންވެލިއެވެ.
އެކުއްޖާ ދޮރު ލައްޕައިލުމަށްފަހު ބައްޕާއޭ ކިޔައި ގޮވަމުން ގޭތެރެއަށް ދުއްވައިގަތެވެ.

އެލީޝާއަށް ދެއަތް ދެއަތާ އުނގުޅައިލެވުނީ ވެފައިހުރި ފިނިން ކަމެއް ލިބިފައިވާ ހާސްކަމުން ކަމެއް ނޭނގެއެވެ. ރާހިލް އެކަން ދެނެގަނެ ލޮލުގެ އިޝާރާތުން އެލީޝާގާތު ހަމަޖެހުމަށް ބުންޏެވެ. އެލީޝާ އަވަސްއަވަހާ ބޯ ޖަހައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. މާގިނައިރެއްނުވެ އެގޭގެ ދޮރު އަނެއްކާވެސް ހުޅުވައިލިއެވެ. މިފަހަރު އެ ދޮރު ހުޅުވައިލީ ޖޯޝުއާ ފިޔަވައި އެހެން ދެވަނަ މީހެއް ނޫނެވެ.

"ޔެސް ޔޫ ޓޯކްޑް ޓު މައި— އެލް؟" ރާހިލް ފެނުނު ވަގުތު ވާހަކަ ދައްކަންފެށި ޖޯޝުއާއަށް ފަހަތުގައި ހުރި އެލީޝާފެނި ހައިރާންކަމެއް ލިބުނެވެ. އޭނާ އަވަސްއަވަހަށް އެގޭގެ ދޮރު ލައްޕައިލުމަށްފަހު އެލީޝާގެ އަތުގައި ހިފައިގެން ދޮރާއި ތަންކޮޅެއް ދުރަށް ގެންދިޔައެވެ.

"އެލް.. އެލްއަށް ކިހިނެއް މިތަނަށް އަންނަން އެނގުނީ؟" ޖޯޝުއާ ވާހަކަދެއްކީ ރަޝިޔާ ބަހުންނެވެ.

"ޔެސް ޖޯޝް އަަހަރެން މި އައީ.. ޖޯޝްއެއްނު އަހަރެންނަށް އެޑްރެސް ދިނީ.." އެލީޝާ ޖަވާބުދިނެވެ.

"އެހެރީ ކާކު؟" ޖޯޝުއާ ބީރައްޓެހި ނަޒަރަކުން ރާހިލްއަށް ބަލައިލިއެވެ.

"ރައްޓެއްސެއް. އަހަރެން މިތަނަށް އަންނަން އޭނަ އެހީވީ" އެލީޝާ މާބޮޑު ތަފްސީލެއް ނުދިނެވެ. ޖޯޝުއާ އެވާހަކަ ގަބޫލުކޮށް ބޯ ޖަހައިލިއެވެ. އަދި އެލީޝާއަށް ހިނިތުންވެލިއެވެ.

"އެލް ތިއައީ އަހަރެންނާ މެރީކުރަންތަ؟ އެލްގެ ފެމިލީ އޯކޭވީތަ އަހަރުމެން މެރީ ކުރަން؟ އަހަރެން ގޮވައިގެން މޮސްކޯއަށް ދާންތަ ތި އައީ؟" އެލީޝާ އުއްމީދުކުރިފަދަ އުފާވެރިކަމެއް ޖޯޝްގެ ފަރާތުން ފެންނަމުންދިޔައީތީ އެލީޝާގެ އިތުރުން ރާހިލްވެސް ހިތްހަމަ ޖެހުނެވެ.

"ޔެސް ޖޯޝް. އައި ވިލް މެރީ ޔޫ!! އަހަރެން މިއައީ ޖޯޝްއާ އިންނަން ތައްޔާރުވެގެން. އެމުއްސަނދިކަމާއި އެ އާއިލާއެއް އަހަރެން ބޭނުމެއްނޫން. އަހަރެން ބޭނުންވަނީ ހަމައެކަނި ޖޯޝް. ޖޯޝްއަށްޓަކާ އަހަރެން މިއައީ އެ ހުރިހާ އެއްޗެއް ދޫކޮށްލާފަ" އެލީޝާ ނިކަން ފޯރީގައި ބުނެލިއެވެ.

މިފަހަރު އެލީޝާގެ ވާހަކަ އިވުމާއެކު ޖޯޝް ކުއްލިއަކަށް އެލީޝާގެ އަތުން ދޫކޮށްލިއެވެ. އޭނާގެ މޫނުމަތީގައިވި ފަރުދާ ކެހިގެންދިޔަ ކަހަލައެވެ. ކުރިން އެ މޫނުގައިވި އުފަލާއި ހިނިތުންވުމުގެ އެއްވެސް އަސަރެއް މިހާރަކު ނެތެވެ. ރާހިލްއަށް އެދެމެދުގައި ހިނގާ ކަންތައްތަކުގެ ވާނުވާ މާ ރަނގަޅަށް ނޭނގުނު ކަމުގައިވިޔަސް އޭނާއަށް ކަމެއް ގޯސްވާން ފަށައިފި ކަމުގެ ރަތް ސިގްނަލް ލިބެން ފެށިއެވެ.

"ވަޓް. އެލީޝާގެ އާއިލާ ބޭނުން ނުވާއިރު ކިހިނެއް؟" ޖޯޝުއާ ދުރަށް ފިޔަވަޅެއް އަޅައިލިއެވެ.

"އާއިލާ ބޭނުން ނުވިޔަސް ކައިވެނި ކުރެވިދާނެއެއްނު؟ ކައިވެނި ކުރަނީ އާއިލާއާތަ؟ މެރީކޮށްގެން ޖޯޝްގެ ގޭގަ އުޅޭނީއޭ.. ޖޯޝް. ބަލާބަލަ"

އެލީޝާ ކުރިއަށް ޖެހިލައި ޖޯޝްގެ އަތުގައި ހިފައިލިއެވެ. އަދި އެ އަތް ގެނެސް އެލީޝާގެ ބަނޑުގައި ޖައްސައިލިއެވެ.

"އައިމް ޕްރެގްނަންޓް ވިތް ޔޯރ ބޭބީ ޖޯޝް.. ލެޓްސް ގެޓް މެރީޑް.. ޕްލީޒް.." އެލީޝާ އެދުނެވެ.

"އެލީޝާ މޮޔަވީތަ؟ ވަޓް ޑިޑް ޔޫ ބްރިންގް ހައް؟" ޖޯޝުއާ ކުއްލިއަކަށް އެލީޝާގެ އަތްދަބަސް ދަމައިގަތުމަށްފަހު އޭގައިހުރި ހުރިހާ އެއްޗެއް ބިންމައްޗަށް އަޅައިލިއެވެ. އެލީޝާއަށް ހަރަކާތެއްވެސް ގެންނަން ނޭނގި ގަނޑުވެފައި ހުރެވުނީއެވެ. އޭނާގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ.

"ނަތިންގް! ފައިސާއެއް ގަހަނާއެއް ނެތް! ޔޫ ލިޓެރަލީ ވޯކްޑް އައުޓް އޮފް އަ މިލިއަނެއަރޒް މެންޝަން ވިތައުޓް އަ ސިންގަލް ޕެނީ! އަހަރުމެންނަށް ހަމަޖެހިގެން އުޅެވޭނެހާ ފައިސާ ނުލާ އައިސް ދެން އެލީޝާ ބަނޑުބޮޑޭ ކިޔާފަ އަހަރެންވީ އެލީޝާއާ ކައިިވެނި ކުރަންތަ؟ ނުވާނެ ތިކަމެއް! އެހެންނޫނަސް މިހިރީވެސް އަހަރެންނަށް ކުރިން އެލީޝާގެ ހުންނަކަން ނޭނގޭ ރައްޓެއްސެއް. ތިހާ ސިއްރުވެރި މީހަކު ކިހިނެއް އެނގެނީ އަހަރެންގެ ބޮލުގަ ތިކުއްޖާ އަޅުވަން ނޫޅެނީ ކަމެއްވެސް؟" ޖޯޝުއާ ޝައްކުގެ ނަޒަރަކުން ރާހިލްއަށް ބަލައިލިއެވެ.

އެލީޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ ކުރިމަތީގައިހުރީ މީގެ ދެއަހަރު ކުރީއްސުރެން އެމީހެއްގެ ލޯބިން އޭނާގެ ހިތާއި ހަށިގަނޑު ފުރައިލައިދިން ޖޯޝުއާ ހެއްޔެވެ؟

"ޑޭޑީ.." ކުއްލިއަކަށް ގޭގެ ދޮރުކައިރިން އިވުނު އަޑަށް އެލީޝާއާއި ރާހިލްގެ އިތުރުން ޖޯޝުއާވެސް އެދިމާލަށް ބަލައިލިއެވެ. އެތަނުގައި ހުއްޓިލައިގެންހުރީ ކުރިންވެސް ރާހިލްމެންނާ ދިމާވި ކުޑަ އަންހެންކުއްޖާއެވެ.

"މަމީ އާސްކްޑް ޓު ލެޓް ދެމް އިންސައިޑް. އިޓްސް ފްރީޒިންގް އައުޓްސައިޑް" އެކުއްޖާ ބުނެލިއެވެ.

"ޓެލް މަމީ ދެޓް ދޭ އަރ ލީވިންގް. އައިލް ބީ ވިތް ޔޫ އިން އަ ވައިލް ޕްރިންސަސް" ޖޯޝުއާ ބުންޏެވެ.

ރާހިލްއާއި އެލީޝާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ފެންނަމުންމިދަނީ ހައްތަހާވެސް އެމީހުން އަޖައިބު ކުރުވާހާ މަންޒަރުތަކެވެ. އެލީޝާ ކިޔައިދިން އެއްވެސް ވާހަކައަކާ ކުރިމަތިން ފެންނަމުންދިޔަ އެއްވެސް މަންޒަރަކާ ދިމާ ނުވާތަން ފެނި ރާހިލް ހިތްވެސް ނުތަނަވަސްވާން ފަށައިފިއެވެ.

"ޖޯޝް.. އިޒް ދެޓް ޔޯރ ޑޯޓަރ؟ ދެއަހަރާ ބައި ވަންދެން އަހަރެންނަށް ލޯބީގެ ހުވަފެންތައް ދެއްކިއިރު އެންމެ ފަހަރަކުވެސް ނުބުނެވޭދޯ ތިމަންނަގެ ދަރިއެއް ހުރެޔޭ. ޔޫ ލަޔަރ! ޗީޓިންގް ޕީސް އޮފް ޝި*!" އެލީޝާ ރޮމުން ހަޅޭއްލަވަމުން ޖޯޝުއާގެ މޭގައި ދެއަތުން ތަޅަން ފެށިއެވެ. ރާހިލް އަވަސްއަވަހާ ގޮސް އެލީޝާ ދުރުކުރިއެވެ.

"ޔެސް ޔޫ ފަ**ގް ސް*ޓް! ދެޓްސް މައި ބޭބީގަރލް.. އެތެރޭގަ އެހެރީ އަށް އަހަރު ވަންދެން އަހަރެން އެމީހަކާއެކު އުޅެމުން އަންނަ އަހަރެންގެ ގަރލްފްރެންޑް! ރަނގަޅުވާނީ އަހަރެމެންގެ މި އުފާވެރި އާއިލާއަށް ހިޔަނި ނާޅުވާ އެލީޝާ މިތަނުން ދިއުން" ޖޯޝުއާ ބުންޏެވެ.

"އުފާވެރި އާއިލާއޭ؟ ބަލަ ތި އުފާވެރި އާއިލާ އޮއްވައެއް ނޫންތަ އަހަރެންނާ ރައްޓެހިވީ. މެރީކުރަން އާދޭސް ކުރީ" އެލީޝާ ހަޅޭއްލަވައިގަތެވެ.

"އޭރު އެލީޝާއަކީ ގަނޑުވަރެއްގަ އިން ރަސްރަނިކަނބަލެއް! މި އާއިލާވެސް ދޫކޮށްލާފަ އެމީހަކާއެކު ދާވަރުގެ ޖަވާހިރެއް! އެކަމަކު މިހާރު؟ ނައު ޔޫ އަރ ނޯ ލެސް ދޭން އަ ބެގަރ! ސޯ ގެޓް އައުޓް އޮފް މައި ފޭސް!" އެލީޝާ އިތުރަށް ކިޔާނެ އެއްޗެއް އަޑުއެހުމެއްނެތި ޖޯޝުއާ އެލީޝާ ކޮށްޕައިލުމަށްފަހު ގޭތެރެއަށްވަދެ ދޮރުލެއްޕިއެވެ.

އެލީޝާއަށް ރޮމުން ރޮމުން ބިންމަތީގައި އިށީނދެވުނެވެ. ރާހިލްއަށް އެކަމާމެދު ކަމެއް ނުކޮށް ދުރުގަ ހުންނާކަށް ނުކެރުނެވެ.

"ލެޓްސް ގޯ އެލީ.. އިޓްސް ޓޫ ކޯލްޑް ހިއަރ" ޖޯޝުއާ ބިންމައްޗަށް އަޅައިލައިފައި ހުރި އެއްޗެހި އަލުން ނަގައި އެލީޝާގެ ދަބަހަށް އެޅުމަށްފަހު ރާހިލް އެލީޝާގެ އަތުގައި ހިފައިލިއެވެ.

އެލީޝާގެ ކިބައިގައި ޖަދަލު ކުރާނެ ހިތްވަރެއް ނެތްކަހަލައެވެ. އޭނާގެ ހަށިގަނޑުން ހަކަތަ ހުސްވެފައިވާ ކަހަލައެވެ. އެއްވެސް ދެކޮޅު ހެދުމަކާނުލައި އިންތަނުން ތެދުވެ ރާހިލްގެ ގައިގައި ލައްވެލިއެވެ. އަދި ރާހިލްގެ އެހީއާއެކު މަގަށް ނުކުތުމަށް ހިނގައިގަތެވެ. އެ ހަށީގައި އެއްވެސް ދިރުމެއްނެތެވެ. ވާނީވެސް އެހެންތާއެވެ. ދުވަހަކުވެސް ޖޯޝުއާގެ ފަރާތުން މިހާބޮޑު ކެހިވެރިކަމެއް ލިބިދާނެކަމަކަށް އޭނާ އުއްމީދެއް ނުކުރެއެވެ.
ނަމަވެސް ވަކި ހިސާބަކަށް ދެވުމާއެކު ކުއްލިއަކަށް އެލީޝާގެ ފިޔަވަޅުތައް ހުއްޓުން އެރިއެވެ. ކުރިއަށްދާން ދެކޮޅު ހެދިއެވެ.

"ނޫން ނޫން ރާހިލް.. މިއީ ރަނގަޅުގޮތެއްނޫން.. އަހަރެން އޭނައަށް ކިޔާދޭން ޖެހޭނެ. އެ އަންހެންމީހާއަށް ޖޯޝް ބޭވަފާތެރިވި ވާހަކަ ކިޔާދޭން ޖެހޭނެ" އެލީޝާ އަލުން އެނބުރި އައި ދިމާލަށް ދުއްވައިގަންނަން އުޅުނެވެ.

"އެލީ..އެލީ. އެލީ!! ހަމަޖެހިބަލަ. އޭނަގެ އާއިލާ ރޫޅާލައިގެން އެލީއަށް ލިބެނީ ކޮންފައިދާއެއް؟ ރަނގަޅު.. އޭރުން އެލީއަށް އެލީގެ ޖޯޝް ލިބިދާނެ. އެކަމަކު އެލީ އެ ޖޯޝް ބޭނުންތަ؟ ދެންމެ ހަމަ ގައިމުވެސް އެލީއަށް އެނގިއްޖެއެއްނު ޖޯޝް ލޯބިވީ އެލީދެކެ ނޫންކަން. އެލީގެ ފައިސާ ދެކެކަން. އެލީ ހުސްއަތާ އައިކަން އެނގުނު ހިސާބުން އޭނަގެ ވާހަކައިގެ ރާގު ބަދަލުވިގޮތް އެލީ ނުދެކެންތަ؟ ދެއަހަރު ވަންދެން އެލީއަށް ދޮގު ހަދާފަ އެލީ މިތަނަށް އައިމަ ވަލު ޖަނަވާރަކާ ދޭތެރޭވެސް ކަންތައް ނުކުރާނެ އުސޫލުން ކަންތައްކުރީމަ ޑޫ ޔޫ ސްޓިލް ވޮނަ ރެއިޒް ދިސް ޗައިލްޑް ވިތް ދެޓް ޖަރކް؟" ރާހިލް ހުރީ ހިތްހަމަނުޖެހިފައެވެ. އެލީޝާއަށް އެ ވާހަކަތަކާމެދު ވިސްނާލަން މަޖުބޫރުވިއެވެ.

"ނޯ ރާހިލް. އަހަރެން  ދެން ބޭނުމެއްނޫން. އެއީ މި ދުނިޔޭގަ ހުރި އެންމެ ފަހު މީހާ ކަމަށްވިޔަސް އަހަރެން ދެން އޭނަގާތަކަށް ނުދާނަން!" އެލީޝާ ރޮމުން ރޮމުން ރާހިލްގެ މޭގައި ލައްވެލިއެވެ. އަދި ރާހިލް ބުނިބަސް ގަބޫލުކުރިއެވެ. ފަހަތައް ނުބަލައި ކުރިއަށް ހިނގައިގަތެވެ.

*****************

ހަފްތާ ބަންދަށް މަރުހަބާކީ އިރު ޝައިނާގެ މޭޒުމަތީގައި ނުނިމިހުރި އެތައް މަސައްކަތެއް ފުނިޖެހިފައި ހުއްޓެވެ. ވުމާއެކު އޭނާ ހުކުރުދުވަހުވެސް އުޅެން ޖެހުނީ އޮފީހުގައެވެ. އެކި ފަހަރުމަތިން އޭނާއަށް އަންންމުންދިޔަ ވާފިޔާގެ ކޯލުތައް ނުފެންނަ ކަމުގައި ހަދަން އޭނާ ވަރަށް މަސައްކަތްކުރިއެވެ. ވާފިޔާއާމެދު އޭނާގެ ހިތުގައި އޮތް ރުޅިންނެއް ނޫނެވެ. މޮޅިވެރިކަމާ ހިތާމައިންނެވެ. ވާފިޔާ ކިތަންމެ ވަރަކަށް އެދުނު ކަމުގައި ވިޔަސް އޭނާއަށް ވާފިޔާ އެދޭގޮތަށް ކަންތައް ކޮށްދެވޭކަށް ނެތެވެ. ވާފިޔާ ބޭނުންވާ ޖަވާބު ދެވޭކަށް ނެތެވެ. ދުނިޔޭގައި އޭނާ އެއްވެސް މީހަކަށްޓަކައި ހަނގުރާމައެއް ކުރާނަމަ އެމީހަކަށްވާނީ ރާހިލްއެވެ. އެ ހަނގުރާމަ ކުރަންޖެހެނީ ވާފިޔާއާ ކަމުގައި ވިޔަސް ޒީވާއާ ކަމުގައިވިޔަސް އޭނާގެ މައްސަލައެއްނެތެވެ. އެހެންކަމުން އޭނާ އުޅުނީ ފޯނާ ވީހައިވެސް ދުރުންނެވެ. ނަމަވެސް ޝައިނާގެ ހިތުގައި ވާފިޔާއަކީ ޝަފިއްޔާއަށްފަހު އޭނާގެ ދެވަނަ މަންމައެވެ. ވާފިޔާގެ ކޯލު މާ ގިނައިރުވަންދެން ނުނަގާ ހުންނާކަށް އޭނާއަކަށް ނުކެރުނެވެ.

"ކީކޭ ދައްތާ؟" ޝައިނާ ފޯނު ނަގައި ހަމަޖެހިލުމަށްފަހު ޖަވާބުދިނެވެ.

"ދައްތަ މި ގުޅީ ކޮންކަމަކުކަން ޝައިނާއަށް އެނގެއެއްނު؟ އާދިއްތަ ދުވަހު ރާހިލްމެން މިކޮޅަށް އަންނާނެ. ދައްތައަށް ވަރަށް ރަނގަޅު ރާހިލް އައުމަށްފަހު ޝައިނާ އެހާ ގިނައިން މިގެއަށް ނައިއްޔާ.. ކުއްލިއަކަށް ދުރު ނުވެވުނަސް ޝައިނާ ނުފެނި އުޅެންޏާ ރާހިލްއަށްވެސް ދުރުވާން ފަސޭހަވާނީ"

ވާފިޔާ ހީވީ ނަސޭހަތެއް ދިންހެނެވެ. ނަމަވެސް ޝައިނާއަކަށް އެއީ ނަސޭހަތެއްކަމުގެ އިހުސާސެއް ނުކުރެވުނެވެ. ފޯނު ބޭއްވިއިރު އޭނާގެ މޫޑު މުޅިންހެން އޮފްވެއްޖެއެވެ. އެހެންކަމުން އޭނާ ވިސްނީ އޮފީހުގައި މަޑުނުކޮށް ގެއަށް ދިއުމަށެވެ.
ސައިކަލުގައި ގެއާ ހިސާބަށް އާދެވުނުއިރު ސިކުނޑީގައި ވާފިޔާގެ އަޑުތައް ފުނިޖެހި އަނެއްކާވެސް ކުރިން ހުރި ރިހުން ބޮލުގެ ކަނެއްގައި އިޔާދަ ވެއްޖެއެވެ.

"ހާދަ އަވަހަށް ތި އައީ؟ މަސައްކަތެއްވެސް ނުނިންމޭނެ. ހަމަ ދިޔުމާ އައުމާއެއްނު" ޝައިނާ ދޮރު ހުޅުވައިލިވަގުތު ދޮރުން ނުކުންނަން އައި ޝިމާން އަހައިލިއެވެ.

"ހްމްމް. މާ ބޮޑަށް ބޮލުގަ ރިއްސާތީ" ޝިމާންގެ ވާހަކައަށް  ފަރުވާލެއްނުދީ ޝައިނާ އެތެރެއަށް ހިނގައިގަތެވެ.

"އިޝީގެ މަންމަ ގުޅި. އަހަރެން ހިތަށް އެރި ކިހިނެއްބާއޭ ނަންބަރު ހޯދީ.." ޝިމާން ބޫޓަށް އަރަންހުރެ ބުނެލި ވާހަކައިން ޝައިނާއަށް ސިހުމެއް ލިބުނެވެ.

"ސިސް ހޯދަން ގުޅީ. ސިސް ފޯނު ނުނެގީމަ ޒީ ގާތުންނޯ އަހަރެންގެ ނަންބަ–" ޝިމާންގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް ކޮންމެވެސް އެއްޗެއް ބިންމަތީގައި ޖެހުނު އަޑު އިވުމުންނެވެ. ފަސްއެނބުރި ބަލައިލިއިރު ސިޓިންގްރޫމްގެ މެދެއްހާ ހިސާބުގައި ވެއްޓިފައި އޮތް ޝައިނާފެނި އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ބޫޓަކާއި ބޫޓެއް ބިންމައްޗަށް ދޫކޮށްލުމަށްފަހު ޝައިނާއޮތް ދިމާލަށް ދުއްވައިގަތެވެ.

"ސިސް… ސިސް!!"

ޝިމާން އަވަސްއަވަހަށް ޝައިނާ އޮތް ދިމާލަށް ތިރިވެލަމުން ޝައިނާގެ އަތުގެ ކުޑަހުޅުގައި ހިފަހައްޓައިލިއެވެ. ޝައިނާގެ ހިތުވިންދު އިހުސާސްވި ވަގުތު އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޝައިނާއަކީ އޭނާގެ ހުރި ހަމައެކަނި އާއިލާއަށް ވާތީއާއެކު އޭނާގެ ހިތުގައި މިހާރު އަބަދުވެސް އޮންނަ އެންމެ ބޮޑު އެއްބިރަކީ އެހެން އެންމެނެކޭ އެއްފަދައިން ޝައިނާވެސް އޭނާއަށް ގެއްލިދާނެ ކަމުގެ ބިރެވެ. އެކަން އެހެން ނުވުމަށް ހިތާހިތުން ދުޢާކުރަމުން އޭނާ ކާރެއް ހޯދުމަށް އަވަސްވެގަތީ ޝައިނާގެ ހިތުވިންދު ހިނދެއް ހިނދަކަށް ދަށްވަމުންދާތީއެވެ.

ޝައިނާ ހޮސްޕިޓަލުގެ އެމަރޖެންސީ ބަޔަށް ވެއްދުނުތާ މާ ގިނައިރެއްނުވެ އޭނާގެ ހާލަތު ރަނގަޅުވެ ހޭއަރައިފިއެވެ. އެއީ ޝައިނާއަށް މުޅިން އައު ކަމަކަށް ނުވާތީއާއެކު އާދައިގެމަތިން ގަޑިއެއްހާއިރު އޮބްޒަރވޭޝަންގައި ބޭއްވުމަށްފަހު ދޫކޮށްލެވުނެވެ.

"އަނެއްހެން ވައިޓަލްސްގަ އެބްނޯރމަލް ކަމެއް ފާހަގައެއްނުވޭ.. މިހާރު ގެއަށް ދެވިދާނެ. ޓެސްޓް ރިސަލްޓްސްތައް ނަގައިގެން އާންމުކޮށް ދައްކާ ޑޮކްޓަރަށް ދައްކާލާފަ ހަމަ ދާންވީ" އެތަނަށް އައި އައު ޑަކްޓަރު ޝައިނާގެ އަތުގައިވާ އައި.ވީ ނައްޓައިލުމަށްފަހު ބުނެލިއެވެ.

ޝައިނާ ޑޮކްޓަރުގެ ވާހަކައަށް ބޯޖަހައިލިއެވެ. އޭގެ އިރުކޮޅެއްފަހުން އެތަނަށް އައި ޝިމާންއާއެކު ޝައިނާގޮސް ކައުންޓަރުގައި ހުއްޓިލީ އެބުނާ ނަތީޖާތަކެއް ނެގުމަށެވެ.

ކައުންޓަރުން ދިން ސިޓީއުރަ ހިފައިގެން ޑޮކްޓަރު އިންނަ ކޮޓަރިއަށް ދިޔަ މަގުމަތީގައި އާދައިގެ މަތިން އޭނާ އެ ސިޓީއުރަ ކަނޑައިލުމަށްފަހު އޭގައިވާ މައުލޫމާތުތަކަށް ބަލައިލިއެވެ. ނަމަވެސް ޑަކްޓަރަށް ދައްކަން އައިސް އުޅޭ އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު އެ ނަތީޖާތައް ފެނުނު ވަގުތު ޝައިނާއަށް ހީވީ ހިނދުކޮޅަކަށް އޭނާގެ ނޭވާވެސް ހުއްޓުނުހެނެވެ. މުޅިމީހާ ގަނޑުވެ އޭނާގެ ފިޔަވަޅުތަށް ހުއްޓުންއެރިއެވެ. އެ ނަތީޖާގައިވާ މައުލޫމާތު ދޭހަކުރާކަށް އޭނާ ކޮންމެހެން ޑޮކްޓަރެއްގެ ގާތަށް ދާކަށް ނުޖެހެއެވެ. އެވަގުތުވީ އޭނާއަށްވުރެން ދެތިން ފިޔަވަޅު ކުރީގައިހުރި ޝިމާން އޭނާގެ ހިލަމެއް ނުވެގެން ފަހަތް ބަލައިލި ވަގުތަށެވެ. ޝިމާންއަށް ޝައިނާގެ މޫނުމަތީގައިވާ ހާސްކަންފެނި އަވަހަށް އައިސް އެ ރިޕޯޓު ޝައިނާގެ އަތުން ޖަހައިގަތީ އަނެއްކާ ޝައިނާއަށް ކޮންމެވެސް ބޮޑުކަމެއް ދިމާވީ ކަމާމެދު ހިތް ބިރުގަންނަމުންނެވެ. ނަމަވެސް އެ ރިޕޯޓު ފެނުމާއެކު އޭނާއަށްވެސް ލިބުނީ ޝޮކެކެވެ. އަދި އެ ލިބުނު ހަބަރާމެދު އުފާވާންވީ ކަމެއް ނުވަތަ ދެރަވާންވީކަމެއް ނޭނގި އޭނާގާތު ހުރި ޝައިނާގެ މޫނަށް ބަލައިލެވުނެވެ.

****************

މެންދުރުގެ ވަގުތެވެ. ސިޓިންގްރޫމްގެ ބޮޑު ސޯފާގައި އިށީނދެއިން ޒީވާ ފޮތެއްގެ ތެރެއަށް ގެއްލިފައި އިން އިރު ޖޫލިޔާ ގޭތެރެ ސާފުކުރުމުގައި ހަރަކާތްތެރިވަމުންދިޔައެވެ. އޭނާއަށް އެގެއަށް އެ އާދެވުނީ ދެތިންމަސް ފަހުންނެވެ. ނަމަވެސް ގޭތެރެއަށް ފުރަތަމަ ބަލައިލުމާއެކުވެސް ޒީވާ އެގެ ރަނގަޅަށް ބަލަހައްޓަމުންދާކަން ޖޫލިޔާއަށް ޔަގީންވިއެވެ. އެހާ ދުވަހަށްފަހު އާދެވުނު އިރުވެސް އެގޭގައި މާގިނަ މަސައްކަތްތަކެއް ކުރާކަށްނެތެވެ. އެހެންކަމުން ޒީވާ އިނީ އެދުވަހުގެ ހުރިހައިކަމެއް ޖޫލިޔާއަށް ދޫކޮށްލައިގެނެވެ. އެހެން އިންއިރު ޖޫލިޔާ ދައްކާ އެކި ވާހަކަތަކުގައި އޭނާ ބައިވެރިވަމުންދިޔައެވެ.

ގަޑިއެއްހާއިރު ތެރޭ ޖޫލިޔާ ގޭގެ ހުރިހާ ތަނެއް ފޮޅައި ސާފުކޮށް ނިންމައިލިއެވެ. އަދި އެޕަރޓްމެންޓުން ނުކުތުމުގެ ކުރިން އައިސް ޒީވާ އިން ގޮނޑި ކައިރިއަށް ހުއްޓުނެވެ.

"މިއޮތީ ޒީގެ އިއަރިންގް." ޖޫލިޔާ ދިއްކޮށްލި ކަންފަތުލާ ބޮޅަށް ޒީވާ ބީރައްޓެހި ނަޒަރަކުން ބަލައިލިއެވެ. އެއީ ލެޕަރޑެއްގެ ޕެޓަރން ޖަހައިފައިވާ ފަލަ ބޮޑު ކަންފަތުގައި ލާ ބޮޅެކެވެ. ފުރަތަމަ ފެނުމާއެކުވެސް އެއީ ހަމަގައިމުވެސް ޒީވާގެ އެއްޗެއް ނޫންކަން ޒީވާއަށް އެނގުނެވެ.

"މިއީ… މި ކޮންތާކުން ފެނުނީ؟؟" ޒީވާ އަހައިލިއެވެ.

"ސޯފާ ދަށުގަ އޮތީ.." ޖޫލިޔާގެ ޖަވާބާއެކު ޒީވާގެ ދެބުމަ ގޮށްޖެހުނެވެ. އެގެއަކީ މާގިނަބަޔަކު ވަދެ ނުކުމެ ހަދާ ގެއެއްވެސް ނޫނެވެ. އޭނާ ފިޔަވައި މިފަހުން އެގެއަށް ވަދެފައިވާ އަންހެނުންނަކީވެސް ޝީރީނާއި ޖޫލީއެވެ. ބަލާބެލުމަށް އެއީ ޝީރީންގެ އެއްޗެއްހެންވެސް ޒީވާއަކަށް ހިއެއްނުވިއެވެ.

"ހްމްމް. އޯކޭ ޖޫލީ.. ތޭންކްސް" ޒީވާ އޭގައި ހިފުމުން ޖޫލީ ޒީވާއަށް ހިނިތުންވެލުމަށްފަހު އެގެއިން ނުކުމެގެންދިޔައެވެ. އޭރުވެސް ޒީވާ އިނީ އެ ގޮތްނޭނގޭ ކަންފަތުލާ އެތިކޮޅަށް ބަލަހައްޓައިގެނެވެ. އިރުކޮޅެއްފަހުން އޭނާ އެ އެތިކޮޅު މުށުތެރެއަށް ލާ ފޮރުވައިލަމުން ކިޔަންއޮތް ވާހަކަފޮތް ހިފައިގެންގޮސް ކޮޓަރިއަށް ވަނެވެ. އަދި އެނދާއި އިންވެގެން ހުރި ކުޑަކުޑަ ސައިޑް ކަބަޑުގެ ވަތްގަނޑެއް ދަމައިލުމަށްފަހު އޭގެއިން ހަމަ އެކަހަލަ ކަންފަތުލާ ބޮޅެއް ނެގިއެވެ. އޭނާއަށް އެ ބޮޅު ފެނުނީ ރިއާން ނިދާ އެނދުގެ ދަށުންނެވެ. އެ ދޭއްޗަށް ބަލައިލުމާއެކު އެއީ އެއް ޖޯޑެއްގެ ދެ ބޮޅުކަން ޒީވާއަށް ޔަގީންކުރެވުނެވެ. އެއާއެކު އޭނާގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ.

***************

ރާހިލްއާއި އެލީޝާ މޮސްކޯއަށް އައުމަށްފަހު އަލުން އެލީޝާމެންގެ ގެއަށް ދިޔުމުގެ ބަދަލުގައި ހޮޓެލެއްގައި މަޑުކުރަން ނިންމިއެވެ. އެއީ އެލީޝާގެ ހިޔާލެއް ކަމުގައިވިޔަސް ހިނގައިދިޔަ ކަންތައްތަކުން އަރައިގަތުމަށް އެލީޝާއަށްވެސް ވަގުތު ބޭނުންވާނެކަން އެނގި ރާހިލް ނުހަނު ފަސޭހައިން އެކަމާ އެއްބަސްވިއެވެ. އެ އަވަށުން ނުކުތީއްސުރެން އެލީޝާ ހުންނަނީ ނެގިމަޑުވެފައެެވެ. އޭނާގެ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމެވެ. މިޒާޖުގައިވަނީ ހަމަހިމޭންކަމެވެ. ދުނިޔެމަތިން ފޫހިވެފައިވާ މީހެކޭ އޭނާއެކޭ ތަފާތެއްނެތެވެ. އޭނާ އަމިއްލައަށް އޭނާ އިން މާބަނޑު ހާލާމެދުވެސް އަޅައިލުމުގެ ހިޔާލެއް ނެތެވެ. ނިދުމާއި ކެއިން ބުއިމަކީ އޭނާއަށް މުޅިން ބީރައްޓެހި ކަންތައްތަކަކަށް ވެފައިވާ ކަހަލައެވެ. އެލީޝާގެ ހާލާމެދު ހަމްދަރުދީވެ ރާހިލް ކުރާ އެތައް އާދޭހަކާއެކުވެސް އެލީޝާގެ އަރުން ފެންފޮދެއް މެނުވީ ނުދިރޭ ކަހަލައެވެ. ނަތީޖާއެއްގެ ގޮތުން ދެތިންދުވަސް ފާއިތުވެގެންދިޔައިރު އެލީޝާގެ ހާލަތު ގޯސްވެގެން ޑަކްޓަރަކު ގެންނަން ޖެހުނެވެ.

ކަންދިމާކުރިގޮތުން އެދުވަސްވީ ރާހިލް އަލުން މާލެ ދިޔުމަށް ގަސްތުކޮށްފައިވާ ދުވަހަށެވެ. އެ ދަތުރު ލަސްވިކަން އަދި އެއްވެސް މީހަކަށް އެންގިފައެއް ނެތެވެ. ޝައިނާގެ އިތުރުން ވާފިޔާވެސް އުއްމީދުކޮށްގެން ހުންނާނީ މިއަދު އޭނާ މާލެ ދާނޭ ކަމަށެވެ. މާދަމާއަކީ ރާހިލްއަށް 27 އަހަރު ފުރޭ އުފަންދުވަސް ކަމަށްވާތީއާއެކު އެދުވަހު ކޮންމެހެންވެސް ޝައިނާގާތު ހުރެދިނުމަށް ޝައިނާ އެދިފައިވެއެވެ. އެމީހުން ރޭވި ގޮތަށް ހުރިހާ ކަމެއް ނިމުނުނަމަ މިހާރު އޭނާ ހުންނާނީ އެއަރޕޯޓުގައެވެ. ނަމަވެސް އޭނާއަށް ދެން އިތުރަށް ލަސްކުރެވޭކަށް ނެތެވެ. އިތުރަށް ޝައިނާ އިންތިޒާރުގައި ބެހެއްޓުމުގެ ބަދަލުގައި ފުރުން ލަސްވެއްޖެކަން ޝައިނާއަށް އެންގުމަށް ރާހިލް އަވަސްވެގަތެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފޯނުން ފެންނަންހުރި ޝައިނާގެ ނަންބަރަށް ގުޅައިލިއެވެ. އިވެމުންދިޔަ ކޮންމެ ރިންގަކާއެކު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ޝައިނާގާތު ކަން ހިނގައިދިޔަގޮތް ކިޔައިދޭނެހާ ހިތްވަރު އޭނާގެ ހުންނާނެބާއޭ ރާހިލް ހިތާހިތުން އަމިއްލަ ނަފްސާ ސުވާލުކުރިއެވެ.

***************

ބާޒާރުކޮށްގެން ގެނައި ކޮތަޅުތައް ހުޅުވައިލުމަށްފަހު އޭގެއިން ފަހަރަކު އެއްޗެއް ނަގައި މޭޒުމަތީގައި ބަހައްޓަމުންދިޔައިރު ޝައިނާގެ ތުންފަތުގައިވަނީ އުފާވެރި ހިނިތުންވުމެކެވެ. އޭނާ ގެނައި ކޮތަޅުތަކުގައިހުރީ ކޭކު އެޅުމަށް ބޭނުންވާ އެކި ސާމާނުގެ އިތުރުން ރާހިލްއަށް އެންމެ މީރުހެން ހީވާ ލަޒާންޏާ ތައްޔާރުކުރަން ބޭނުންވާ ސާމާނެވެ. ހުރިހާ އެއްޗެއް ހަމަކޮށްލުމަށްފަހު ޝައިނާ ކޭކު އެޅުމުގެ މަސައްކަތްތައް ފެށުމަށްޓަކައި އަތްމަތި އަވަސްކޮށްލިއެވެ. މާދަމާއަކީ ރާހިލް އަންނަ ދުވަސް ކަމަށްވާތީ އޭނާއަށް ލިބިފައިވަނީ މިރޭގެ ކުޑަވަގުތުކޮޅު އެކަންޏެވެ.

ޝައިނާ ސިންކާ ކައިރިއަށް ޖެހިލި ވަގުތު މޭޒުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާންފެށިއެވެ. ސްކްރީނަށް އަރައިފައިވާ ރާހިލްގެ ނަން ފެނުނު ހިނދު އޭނާ ކުރަންހުރި ހުރިހައި ކަމަކުން އަތް ދޫކޮށްލުމަށްފަހު ފޯނަށް ޖަވާބުދިނެވެ.

"ހާއި ހެންޑްސަމް. ކޮންއިރަކުން އަންނަނީ؟" ޝައިނާގެ އަޑުގައިވާ އުފާވެރިކަން އިވި ރާހިލްއަށް ހިންދިރުވައިލެވުނެވެ.

"ލަވް.. ކުޑަ..ކުޑަކޮށް ލަސްވެދާނެ" ރާހިލް އަޅައަޅައިގަންނަމުން ބުންޏެވެ.

"ކިތަށް ގަޑިއިރު؟ ފްލައިޓް ޑިލޭވީތަ؟" ކާމޭޒުދޮށުން ގޮނޑިއެއް ދަމައިލުމަށްފަހު އޭގައި އިށީންނަމުން ޝައިނާ އަހައިލިއެވެ.

"އެލީ.. އެލީ މިކޮޅަށް އައިފަހުން ކުޑަކޮށް ބަލިކޮށް އުޅޭތީ އަދި. އަދި.."

"އަދި ޖޯޝުއާ އާ ދިމާ ނުވަނީ؟" ޝައިނާ ރާހިލްގެ ވާހަކަ ފުރިހަމަ ކޮށްދިނެވެ. ރާހިލް ނޫނެކޭ ބުނަން އަނގަ ހުޅުވައިލި ކަމަށްވިޔަސް އަލުން މާލެދާއިރު އެލީޝާ ގޮވައިގެން ދާން ޖެހިދާނެކަމުގެ ހަބަރު އެފަދަ ގޮތަކަށް ފޯނުން ޝައިނާއަށް ދިނުމަކީ ރަނގަޅުގޮތެއް ނޫންކަމުގައި ގަބޫލު ކުރެވުނެވެ.

"ހްމްމް. ހްމްމް އަދި ދިމައެއް ނުވޭ" ރާހިލްކުރީ އޭނާ އަދި މިހާތަނަށް ޝައިނާއާމެދު ކޮށްފައި ނުވާ ކަމެކެވެ. ޝައިނާއަށް ހަގީގަތް އޮޅުވައިލިއެވެ. ފުރަތަމަ ފަހަރަށް ޝައިނާގާތު ދޮގެއް ހެދިއެވެ.

"ދެން ނޭނގޭ ދޯ އާދެވޭނެ ދުވަހެއްވެސް" ޝައިނާގެ އަޑަށް މާޔޫސްކަން ވެރިވިއެވެ.

"ހްމްމް އޮފީހާވެސް ވާހަކަ ދައްކައިފިން.. އެހާ ގިނަދުވަސް މަޑުނުކޮށް ދެވޭތޯ ބަލާނަން އެނގޭ" ރާހިލް ބުންޏެވެ.

"އެކަމަކު އަޅެ.. މާދަން ރާހިލްގެ އުފަންދުވަހެއްނު. އަދި އެވެސް އަހަރެންނާ ދިމާވިފަހުން އަންނަ ރާހިލްގެ ފުރަތަމަ އުފަންދުވަސް" ޝައިނާއަކަށް މިފަހަރު އޭނާގެ ޝަކުވާތަކެއް ނުހިފެހެއްޓުނެވެ.

"އައިމް ސޮރީ ލަވް.. އިތުރު އެއްވެސް ގޮތެއް އޮތްނަމަ އަހަރެން ދާނަން. ދަނީ އެނގޭ ލަވް. ދާން ޖެހިއްޖެ.. ލަވް ޔޫ" ރާހިލް ބޭނުންވީ ވީހާވެސް އަވަހަށް ކޯލު ކުރުކޮށްލުމަށެވެ. އިތުރަށް ޝައިނާ މާޔޫސްވާނެފަދަ ވާހަކަތަކެއް ދެއްކިދާނެތީ އޭނާ ކަންބޮޑުވިއެވެ.

"ލަވް ޔޫ ޓޫ. ހެޕީ ބަރތްޑޭ ރާހިލް" ޝައިނާ ފޯނު ކެނޑުމުގެ ކުރިން ބުނެލިއެވެ. އަދި ފޫހިގޮތަކަށް މޭޒުމައްޗަށް ފޯނު ދޫކޮށްލުމަށްފަހު ތުން އަނބުރައިލިއެވެ. ދެން އޭނާ ބަލައިލީ އެ މޭޒުމަތީގައިހުރި ރަތްރިބަނުން އައްސައިފައިވާ ހުދުކުލައިގެ ފޮއްޓަށެވެ. އެއީ އޭނާގެ ފަރާތުން ރާހިލްއަށް ދޭންއޮތް އުފަންދުވަހުގެ ހަދިޔާއެވެ. އެ ހަދިޔާ ލިބޭ ވަގުތު ރާހިލްގެ މޫނަށް އަރާނެ ކުލަވަރު ދެކިލުމަށް އޭނާ ކިހާ އިންތިޒާރެއް ކުރިހެއްޔެވެ. ނަމަވެސް އެކަމަށްވެސް އެލީޝާއާހެދި ހުރަސް އެޅުނީއެވެ. އެހެންކަމުން އެފޮށި އިތުރަށް އެތާ ބެހެއްޓުމުގެ މާނައެއްނެތްކަން އެނގި އޭނާ އެ ހިފައިގެންގޮސް ވަނީ ކޮޓަރިއަށެވެ. އަދި ކޮޓަރީގެ އަލަމާރި ހުޅުވައިލުމަށްފަހު މަތީވަތްގަނޑުން ހުސްކޮށްފައިވާ ކުޑަ ޖާގައިގައި އެ ލުއިލުއި ފޮށި ބަހައްޓައިލިއެވެ.

ރާހިލްއަށްވެސް ޝައިނާގެ ކޯލު ކަނޑައިލުމަށްފަހު އިރުކޮޅަކު ހަރަކާތްކުރަން ނޭނގިފައި ފޯނަށް ބަލަހައްޓައިގެން ހުރެވުނެވެ. އަލުން ޝައިނާއަށް ގުޅައި ކަންހިނގައިދިޔަ ގޮތުގެ ހަގީގަތް ކިޔައިދޭންވެސް ހިތަށްއެރިއެވެ. ހަމަ އެހާ އަވަހަށް އެހިޔާލު ސިކުނޑިން އެއްފަރާތް ކޮށްލަމުން އޭނާ ބެލްކަނީގެ ރެއިލްންގްއިން އަތް ދޫކޮށްލުމަށްފަހު ކޮޓަރިއަށް ވަނެވެ. އެވަގުތު އެނދުގައި އޮތް އެލީޝާގެ ކުކުރުމުގެ އަޑު އިވި އޭނާގޮސް އެނދު ކައިރިއަށް ހުއްޓިލިއެވެ.

"ތިވަރު ވާއިރުވެސް އެލީ ހަމަ ގޮތް ދޫނުކުރާނަން ދޯ. ހޮސްޕިޓަލަކަށްވެސް ނުދާނީތަ؟" އެލީޝާގެ އުޅުން ހުރި ގޮތާމެދު ރާހިލް ހިތްހަމަ ނުޖެހުނެވެ.

"ރާހިލްއަށް އެނގެއެއްނު މިކޮޅުގެ އެއްވެސް ހޮސްޕިޓަލަކަށް ދިޔައިއްޔާ މަންމަމެނަށް އެކަމުގެ ހަބަރު ނުލިބިއެއް ނުދާނެކަން" އެލީޝާ ބުންޏެވެ. ރާހިލް އިތުރަށް އެ މައުލޫއަށް ވާހަކަ ދައްކާކަށް ނޫޅުނެވެ.

"އެނގިއްޖެ.. ރާހިލްއަށްވެސް އަހަރެންނާހެދި އުނދަގޫވަނީ ދޯ.. އެކަކުގެ އެހީއެއް ނުލިބުނަސް އަހަރެން އެކަނިމާއެކަނި މި ކުއްޖާ ވިހައި ބޮޑުކޮށްފާނަމޭ" އެލީޝާ ރޯންފެށިއެވެ. މާބަނޑު ދުވަސްވަރު ހޯރމޯންތަކަށް އަންނަ ބަދަލުގެ ސަބަބުންކަންވެސް ނޭނގެއެވެ. އެލީޝާގެ ކޮންމެ ޖަޒްބާތެއް މިހާރު ހުންނަނީ ނުހިފެހެއްޓޭ ހިސާބުގައެވެ. ރާހިލްއަށް ހަދާނެގޮތް ހުސްވިއެވެ. އޭނާ ލަސްފިޔަވަޅު ތަކެއްގައި ގޮސް އެނދުގައި އިށީނުމަށްފަހު އެލީޝާގެ އަތުގައި ހިފައިލިއެވެ.

"އެލީ.. އަހަރެން.. އަހަރެންނަށް އުނދަގޫ ވަނީއެއްނޫނޭ.. އަހަރެން މި ދަނޑިވަޅުގަ އެލީ އެކަނި ކޮށްލާފައެއް ނުދާނަން. އަހަރެންނަކީ އެހާ ހިތްހަރު މީހެއް ނޫން. އެކަމަކު އެލީ ޖެހޭނެ އެލީގެ އަމިއްލަ ހަށިގަނޑާއި ސިއްހަތަށްވެސް ބަލަން. އޭރުން އަހަރެން ގަބޫލު ކުރާނަން… އެލީއަށް މީހެއްގެ އެހީއަކާނުލައިވެސް ތި ބޭބީ ބެލޭނެކަމަށް" ރާހިލް އޯގާތެރިކަމާއެކު އެލީޝާއަށް ނަސޭހަތްދެވޭތޯ މަސައްކަތްކޮށް ހިތްވަރުދިނެވެ.

****************

"ޝައި ބުނަނީ ހަމަ ރަނގަޅަށް! މެން.. އާރ ޓްރޭޝް!" ރެސްޓޯރެންޓްގެ މޭޒުމަށްޗަށް އަތްދަބަސް ދޫކޮށްލުމަށްފަހު ގޮނޑިއަށް ވެއްޓިގަންނަމުން ޒީވާ ފޫހިގޮތަކަށް ބުންޏެވެ.

"އެގްރީޑް… އެމީހުންގެ ފަރާތުން ކިރިޔާވެސް ކަމަކަށް އުއްމީދު ކުރާކަށް ނުވާނެ. ހޭވް ނޯ އެކްސްޕެކްޓޭޝަންސް" ޝައިނާ ހިޔާލަކަށް ގެއްލިފައި އިނދެ ކުރިމަތީގައިހުރި ޖޫސްތަށިން ކޯވަރެއް ދަމައިލަމުން ބުންޏެވެ.

"ހަމަ ތެދެއް ތި ބުނީ. ބުނާނެ އަންހެނުންނޭ ކޮންފިއުޒިންގް އީ. އެކަމަކު ގިނަފަހަރަށް މިމީހުން އުޅޭގޮތުން އަހަރެމެން މި ހުންނަންޖެހެނީ ވާނުވާގަ" ޒީވާ ހީވީ ކަމަކާ ވަރަށް ރުޅި އައިސްފައި ހުރި ހެނެވެ.

"މިހާރު ރިއާން ކީއްކުރީ؟" ޝައިނާ އޭނާގެ ހިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު ޒީވާގެ ވާހަކައަށް ސަމާލުކަންދިނެވެ.

"ކީއް ނުކުރަނީ؟ އަހަރެންނަކަށް ނޭނގެ ރިއާންއަށް ވާ ގޮތެއް. ބައެއްފަހަރު އުޅޭގޮތުން ހީވޭ ރިއާންއަށް އަހަރެންނާ ނުލައި ނޭވާއެއްވެސް ނުލެވޭނޭ. އެހާވެސް ލޯބިން އުޅޭނީ.. އަނެއްބައި ފަހަރު އަހަރެން މީ ހުންނަ މީހެއްކަންވެސް ރިއާންއަށް ނޭނގޭ ކަހަލަ. ހަމައެކަނި ވަކި ކަމަކަށް ބޭނުންވީމަހެން ހީވަނީ އަހަރެން ފެންނަނީ. ދެން އެނގެއެއްނު މި ބުނާ އެއްޗެއް. އެރޭ ސްޓޭޝަނުން ދޫކޮށްލި ފަހުން ނުލާހިކު ރީތިކޮށް އުޅެފަ ނޭނގެ އަނެއްކާ މިދުވަސްކޮޅު އުޅޭ ގޮތެއް. ދިމައެއްނުވޭ. ވާހަކައެއްވެސް ނުދެއްކޭ. ގުޅާވެސް ނުލެވޭ. ޝައި ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް" ޒީވާގެ އަޑުގައިވަނީ މާޔޫސްކަމެވެ.

"ވެދާނެއެއްނު މާ ބިޒީވީ ކަމަށް. ތަންތާ ތިބޭ މަހުޖަނުންނަށް ހިތްކީމަ ވާނެއޭ ތިހެންވެސް. ޒީ ކޮންކަމަކާތަ ހާސްވަނީ؟ ޒީއަށް ދޭން ނުލިބޭ ވަގުތެއް ވަކި އެހެންމީހަކަށް ދޭން ރިއާންއަކަށް ނުލިބޭނޭ" ޝައިނާ ސަމާސާ ރާގެއްގައި ބުނެލިއެވެ.

ޒީވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާގެ ހިތް ބިރުގަންނަނީ އެކަމާއެވެ. ރިއާންގެ ވަގުތު އޭނާގެ ބަދަލުގައި އެހެންމީހަކަށް ހުސްކޮށްފާނެކަމަށެވެ. މިހާ ދުވަސްވީ އިރުވެސް ރިއާންގެ ދުލުން އަދި އެންމެ ފަހަރަކުވެސް އޭނާދެކެ ލޯބިވާ ވާހަކަ ނުބުނާތީ ޒީވާއަށް ރިއާންއާމެދު އެ އިތުބާރު ބޭއްވުން ވީ އުނދަގޫ ކަމަށެވެ.

"އެކަމަކު މާލެއިން ބޭރަށް ދާއިރު ގުޅާލަން ނޫނީ މެސެޖެއް ކޮށްލާފަ ދާތަނެއް ބުނެލަން ރަނގަޅެއްނު. އަހަރެން ދެންމެ އޮފީހަށް ވަދެލީމަ އެނގުނީ ރިއާން މާލޭގަ ނެތްކަންވެސް. މިރެއޯ އަންނާނީ. ކުރީފަހަރު އަހަރެންގާތު ނުބުނެ ސީޝެލްސްއަށް ފުރީމަ ހިތްހަމަ ނުޖެހިފަ ހުރިވަރު ރިއާންއަށް އެނގޭނެ. އަހަރެން ހިއެއް ނުކުރަން އަނެއްކާ މިކަހަލަ ކަމެއް ތަކުރާރު ވާނެކަމަކަށް" ޒީވާ ބުންޏެވެ.

"ޒީ.. އެހާވަރަށް ނުވިސްނާ.. ދެން ރިއާން އައިމަ ތި ވާހަކަ ދައްކަބަލަ. މިރޭ އަންނާނެއެއްނު" ޝައިނާ ވިސްނައިދިނެވެ.

ދެ އެކުވެރިން އެކި ވާހަކަތަކުގައި ތިބެ ހަވީރުސައި ނިންމައިލުމަށްފަހު ގެއަށް ދިޔައިރު ހުރީ އިރު އޮއްސިފައެވެ. ގެއަށް ވަނީއްސުރެން ރިއާން އަންނާނެ އިރަކަށް ޒީވާއަށް ވަގުތު ގުނެން ފެށިއެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ އެރޭގެ ދިހައެއް ޖެހުމާ ގާތްވެފައި ވަނިކޮށް އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެގެން އައި ރިއާން ފެނުމުންނެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވާހަކަ މިހާރު މިދާ މިސްރާބުން ވަރަށް ބިރުގަނޭ އެބަ. ހިޔެއްނުވޭ މިދަނީ ރަނގަޅު ދިމާލަކަށް ހެނެއް. ޝައިއަށް ދެރަގޮތެއް ނުހަދައްޗޭ އަންޔާ.. ރީތި މިބައިވެސް. ވެއިޓިންގ ފޯ ނެކްސްޓް އެޕިސޯޑް.

    1
    1
  2. ރާހިލްވެސްވާފިޔާޔަށްހުރިހާހަގީގަތެއްކިޔާދީބަލަމާލެއައިސްފަ
    ރިއާންވެސްތިހެންނޫޅެބަލަދެންކިތަންމެބިޒީވިޔަސްއަންހެނުން
    ކާރީގަބުނެލާފަދޭބަލަދާތާކަށްއެއީއަނެއްކާއެއުޅޭނަސްވާގެ
    ކަންފަތުލާއެއްޗެއްނޫންބާއެއްވަރުގެކަންތަކާމިޖެހެނީހުސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު