ހިތް އެދޭހާ ކަމެއް.. (54 ވަނަބައި)

ފަޅުކޮށް އޮތް ކޮޓަރިތެރެއަށް ނަޒަރު ހިންގައިލުމަށްފަހު ޒީވާ އުޅެނީ ފާހަނައިގައި ކަމަށް ނިންމައި ރިއާންގޮސް އެ ފައިލު ހިފައިގެން ތިޖޫރި ހުރި ހިސާބަށް ތިރިވެލިއެވެ. އަދި އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. މިއަދަކީ އޭނާގެ ހަޔާތުގައި ވަރަށް ކާމިޔާބު ދުވަހެކެވެ. ނަޝްވާއާއި ރިޔާޒުގެ ނުފޫޒު އެ ހަޔާތުން ކަނޑުވައިލެވުނު ދުވަހެވެ.

މީގެ ބައްތިރީސް އަހަރުކުރިން ރިއާންގެ ކާފަ ލަތީފް އެ ކުންފުނި އުފެެއްދިއިރު އެ ކުންފުނީގެ ދެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލަތީފާއި އޭނާއަށް އެވިޔަފާރިގައި ވާގިދިން ނެލްސަން ނަމަކަށްކިޔާ ނިއުޒީލަންޑްގެ އިންވެސްޓަރެކެވެ. ލަތީފު ނިޔާވުމުގެ ކުރިން އޭނާގެ 75 އިންސައްތަ ހިއްސާގެ 51 އިންސައްތަ ރިޔާޒަށް ދީފައިވާއިރު ބާކީވި 24 އިންސައްތަ ހަމަހަމަކަމާއެކު ބަހައިލީ ރިޔާޒްގެ އަންހެނުން ޒަރީނާއަށާއި އެދެމީހުންގެ ދަރިފުޅު ރިއާންއަށެވެ.

ޒަރާނާގެ މަރަށްފަހު ރިއާންއަށް ލިބުނު އިތުރު ބާރަ އިންސައްތައާއި ރިޔާޒްގެ އައު ކައިވެންޏާއެކު ޝީރީނަށް ދިން 15 އިންސައްތައަށްފަހުވެސް ރިޔާޒްގެ ހިއްސާ ރިއާންއަށްވުރެން މާގިނައެވެ. ބޯޑުގައި ރިޔާޒްގެ ބަސް މާ ވިކެއެވެ. މިއަދު ރިއާން އެވަނީ އެކަން ބަދަލުކޮށްފައެވެ. ނެލްސަންގެ ދަރިފުޅާ ކުރި މުއާމަލާތުގެ ތެރެއިން އިތުރު ފަނަރަ ޕަސެންޓު ގަތުމުން މިއަދަށްފަހު ކުންފުނީގެ އެންމެބޮޑު ހިއްސާދާރަކީ ރިއާންއެވެ. ނަމަވެސް އަދިވެސް އޭނާއަށް ފުރިހަމަ ކާމިޔާބީއެއް ލިބުނު ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. ޝީރީންއާއި ރިޔާޒަކީ އެކެއްކަން އޭނާއަށް އެނގެއެވެ. ވީއިރު އޭނާއަށް އަދިވެސް ބާރު ލިބެންއޮތީ ޝީރީންގެ 15 އިންސައްތަ ހިއްސާ އެހެން މީހަކަށް އަނބުރައިލެވިގެނެވެ. ރިއާން ފައިލު ތިޖޫރިއަށްލައި ތަޅުލުމަށްފަހު ފޯނު ނަގައި ރާހިލްއަށް ގުޅައިލިއެވެ.

"ހަލޯ.. ކޮބާ ވިސްނައިފިންތަ؟" ރިއާން އެންމެ ފުރަތަމަވެސް ކުރީ ސުވާލެކެވެ.

"ތިއީ ވިސްނަންވެސް ޖެހޭ ކަމެއް ނޫނެއްނު ރިއާން. އަހަރެންނަށް ޝީރީން އާންޓީއާ ތިކަހަލަ ވާހަކައެއް ދައްކާކަށްވެސް ނުކެރޭނެ" ރާހިލް އެކަމާ ވިސްނާކަށް ބޭނުމެއް ނުވިއެވެ.

"ދޭކަށް ނޫނޭ. ގަންނާށޭ ބުނާނީ… އަހަރެން ފަންޑު ކުރާނަން.. ރާހިލްއަށް ނުވަންޏާ އެލީ ލައްވާ ނޫނީ މަންމަ ލައްވާ މަސައްކަތް ކުރަންވީނު؟" ރިއާން ހުރީ އޭނާގެ އަމާޒަށް ވާސިލުވުމަށްޓަކައި ކެތްމަދުވެފައެވެ. ރާހިލް ޖަހައިލީ ހިނިގަނޑެކެވެ.

"ރިއާންއަށް ނުވިއްކިއިރު ވަކި އަހަރެންނަށް ވިއްކާނެތަ؟ އަހަރެން ބުނެފާނަން ގޮތެއް. ޒީ ލައްވާ އަޅެ މަސައްކަތްކޮށްބަލަ. އެކަމަކު މިހާރު މައްސަލައަކީ ރިއާން ތިވާހަކަ ޝީރީން އާންޓީއާ ދައްކާފަ އޮތީމަ. ދެން އަހަރެން ބުންޏަސް ޒީ ބުންޏަސަ އަދި މަންމަ ބުންޔަސް ޝީރީން އާންޓީއަށް އެނގޭނެ ރިއާންކަން އެ ވާހަކަ އެ ދައްކަނީ. ނަމަކަށް އަހަރުމެންގެ ދޫ ބޭނުން ކުރަނީކަން" ރާހިލް ބުންޏެވެ.

"އެކަމަކު އަހަރެން ބޭނުމޭ ދެން އޮތް ވޯޓުގެ ކުރިން މިކަން ނިންމަން. ބައްޕަ ޗެއަރޕަރސަނަކަށް ހުރިހާ ދުވަހަކު އަހަރެން މަސައްކަތްކުރަންޖެހޭނީ ބައްޕަގެ ޕަޕެޓެެއް ގޮތުގަ" ރިއާން ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

"ދެން އޭރުންނޯ؟ ރިއާން ޗެއަރޕަރސަނަކަށް ވުމަށްފަހު ދެން ސީ.އީ.އޯ ގެ މަޤާމޯ؟" ރާހިލް އަހައިލިއެވެ.

"އަހަރެން މީހަކު ނަގާނީ. އަހަރެންގެ ސިކުނޑީގަ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދެތިން ހަތަރު މީހަކު އެބަ އުޅޭ. ކުރިންވެސް އެކަހަލަ މަގާމުތައް ފުރާފަތިބި މީހުން. ރާހިލްވެސް ތިހިރީނު؟" ރިއާން އާދައިގެ ރާގެއްގައި ބުންޏެވެ.

"އުހޫން ހޯހޯ ހޯހޯ. އަހަރެން ތި ދޭތެރެއަށް ވައްދަން ނޫޅޭ. އަހަރެން މިއީ ތިއިން ކަމެއްގެ ތަޖުރިބާ ހުރި މީހެއްނޫން. އަހަރެން ބަހައްޓާ" ރާހިލް ހެމުން ހެމުން ބުންޏެވެ.

ރިއާންވެސް ހިނިތުންވެލިއެވެ. އޭނާ ރާހިލްއާ ކޮށްލީ ހަމަ ސަމާސާއެކެވެ. އޭނާ އެބުނި މީހުންގެ ތެރޭގައި ރާހިލްއެއް ނުހިމެނެއެވެ. ނަމަވެސް ބީރައްޓެއްސެއްގެ އަތްމައްޗަށް ކުންފުނި ދޫކޮށްލުމުގެ ކުރިން އޭނާ ވަނީ އެކަމާމެދު ވިސްނޭނެ ވަރަކަށް ވިސްނައިފައެވެ. ޗެއަރމަންގެ މަޤާމު ލިބުމަށްފަހު އޭނާއަށް ކުންފުނީގެ ހިންގުމުން ދުރަށް ޖެހިލެވިއްޖެނަމަ ޒީވާއަށްވެސް މާ ރަނގަޅަށް ވަގުތު ދެވޭނެކަމަށް އޭނާ ގަބޫލު ކުރެއެވެ.

"ދެން މައްސަލައެއްނެތޭ.. ފްލައިޓް އޮތީ ކޮންއިރަކު؟ މިހާރު އެއް ހަފްތާއަށް ދިޔަ ދަތުރު އެއްމަހަށް ބަދަލުވެ ދެން އެއް އަހަރަކަށް ނޫންބާ ބަދަލުކުރާނީ؟" ރިއާން ސަމާސާ ރާގެއްގައި ބުންޏެވެ.

"ނޫނޭ.. މާދަމާ މެންދުރު ފްލައިޓް އޮތީ… ޓްރާންސިޓް ކޮށްފަ އޭގެ އަނެއްދުވަހަށް ދެވޭނެ.. އެކަމަކު ރިއާން.. އަހަރެން.. އަހަރެން ދަނީ އެލީ ގޮވައިގެން" މިފަހަރު ރާހިލް ބުނި ވާހަކައާއެކު ރިއާންގެ މޫނަށް ހައިރާންކަން ވެރިވިއެވެ.

"ވަޓް؟؟ ތިބުނީ؟؟ ރާ.. ރާހިލް! އަރ ޔޫ އައުޓް އޮފް ޔޯރ މައިންޑް. އެލީޝާ ހަމައެކަނި ތިކޮޅަށް ގެންގޮސްދޭކަށްނު ރާހިލް ދިޔައީ؟ ދެން.. ދެން ޝައިނާ؟" ރިއާންއަކަށް ހަމަ އެއްވެސް ވަރަކަށް ނުވިސްނުނެވެ.

"އެނގެޔޭ ރިއާން.. ޖަސްޓް.. ތިންގްސް ހެޕެންޑް އޯކޭ؟ ހީ ނުކުރާ ގޮތަށް. އަހަރެންވެސް ކަމަކާނުލައި މަހެއްވަންދެން މިކޮޅުގަ މަޑެއް ނުކުރާނެއެއްނު؟ އަހަރެންވެސް ޝައިނާއާ ފޭސް ކުރާކަށް ރެޑީއެއް ނޫނޭ އެކަމަކު.. އެލީ ބަހައްޓާފަ ދެވޭކަށް ނެތް. އަހަރެން ގޮސްފަ ހުރިހާ ވާހަކައެއް ކިޔާދޭނަން. އިހަކަށް ބާއްވަނީ" ރާހިލް ފޯނު ކަނޑައިލުމާއެކު ރިއާން އަދިވެސް ވާނުވާގައި ހުރެ ފޯނު ކަންފަތާ ދުރުކޮށްލިއެވެ. އެނދުގެ އަރިމަތީގައި ހުރި ކަބަޑުމަތީގައި ފޯނު ޗާޖު ކުރަން ބޭއްވުމަށްފަހު ރިއާން ފާހަނައިގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. މިހާރު އޭނާ އެގެއަށް އައި ފަހުން ދިހަ މިނަޓު ފާއިތުވެ ހިނގައްޖެއެވެ. ޒީވާ އަދިވެސް ފާހަނައިން ނުނިކުންނަނީ ހެއްޔެވެ؟

ރިއާން ލަސްފިޔަވަޅުތަކެއްގައި ގޮސް ފާހަނައިގެ ތަޅުގައި ހިފައިލި ވަގުތު ނިކަން ފަސޭހަކަމާއެކު އެ ދޮރު އެތެރެއަށް ހުޅުވިއްޖެއެވެ. ނަމަވެސް އެތަނުގައި ޒީވާއެއް ނެތެވެ. ދެން އޭނާ ކޮޓަރިން ނުކުމެ ހިނގައިގަތީ ޒީވާއަށް އެގޭގައި ހާއްސަކޮށްފައި ހުންނަ ކޮޓަރިއާ ދިމާލަށެވެ. އެ ކޮޓަރީގެ ދޮރު ތަޅުލައިފައި ހުރިކަން އެނގުމާއެކު ރިއާންއަށް ބުމަ ގޮށްޖަހައިލެވުނެވެ. އޭނާއަށް ލަހުން އާދެވޭ ރެއަކިއްޔާ ޒީވާ އާންމުކޮށް ނިދައިފައި އޮންނަނީ ޒީވާގެ ކޮޓަރީގައެވެ. ނަމަވެސް މި ނޫނިއްޔާ ދުވަހަކުވެސް ތަޅުލާފައެއް ނުހުރެއެވެ. ރިއާން އެކަމާމެދު މާ ބޮޑަށް ވިސްނުމުގެ ބަދަލުގައި އަލުން ގޮސް ކޮޓަރިއަށްވަނީ ޒީވާއަށް އެރޭ އޮޅިގެން ތަޅުލެވުނީކަމަށް ނިންމަމުންނެވެ. މިފަދަ ވަގުތެެއްގައި ޒީވާއަށް އުނދަގޫކޮށް ދޮރު ހުޅުވަން އުޅުމުގެ ބަދަލުގައި އޭނާވެސް ފެންވަރާލައިގެން ނިދަން ތައްޔާރުވެލިއެވެ. ލިބިފައިވާ ވަރުބަލިކަމުގެ ސަބަބުން އެނދުގެ މަޑު ތަންމަތީގައި ޖެހުމާއެކު އޭނާގެ ލޮލަށް ނިދި ސަވާރުވާކަށް މާގިނައިރެއް ނުނެގިއެވެ.

ޖެހިގެން އައިދުވަހު ރިއާންއަށް ހޭލެވުނުއިރު ގަޑިން އެގާރަ ޖަހަނީއެވެ. އޭރު އޭނާގެ ފޯނަށް ނީމްގެ އެތަށް ކޯލެއް އައިސްފައި އޮތެވެ. ފޯނު ހުޅުވައިލުމާއެކު ރިއާންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ބާރަ ޖަހާއިރު އޮންނަ ބޯޑު މީޓިންގެ މަތިން ހަނދާންކޮށްދިނުމަށް ނީމް ފޮނުވައިފައިވާ މެސެޖެވެ. އެއާއެކު ރިއާންގެ ލޮލުން ނިދިވެސް ފިލައިދިޔަ ކަހަލައެވެ. ކަށްޓެއް ޖެހިހެން ތެދުވެ ދުވެފައިގޮސް ފާހަނައަށްވަނެވެ. ފެންވަރައި ތައްޔާރުވެލައިގެން ގެއިން ނުކުތުމުގެ ކުރިން ޒީވާ ވީތަނެއް ހޯދުމަށްގޮސް ޒީވާ އުޅޭ ކޮޓަރީގެ ދޮރު ހުޅުވައިލަން މަސައްކަތް ކުރިއެވެ. އަދިވެސް އެތަން ހުރީ ތަޅުލައިފައެވެ.

އަޖައިބެކެވެ. ޒީވާއަކީ މަދު ދުވަހެއްގައި ނޫނީ މިހައި ލަސްވަންދެން ނިދާ ކުއްޖެއް ނޫނެވެ. އޮތަސް އޮންނާނީ ބަންދު ދުވަހެއްގައެވެ. ރިއާންގެ ހިތް ގޯސް ގޮތަކަށް ތެޅިލިއެވެ. އަނެއްކާ ޒީވާއަށް ކަމެއްވީބާއެވެ.

ރިއާންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ހުއްޓުމެއްނެތި އޭނާގެ ފޯނަށް އަންނަމުންދިޔަ ނީމްގެ ކޯލުތައް އޭނާއަކަށް މުހިއްމެއް ނުވިއެވެ. އޭނާގެ އަތުގައި އޮތް ތަޅުދަނޑިފަތިން އެ ކޮޓަރީގެ ތަޅުދަނޑި ހޯދައިލައި ތެޅިތެޅިއޮތް ހިތަކާއެކު އެ ދޮރު ހުޅުވައިލިއެވެ. ރިއާންއަށް ލިބުނީ ހައިރާންކަމެވެ. ކޮޓަރީގެ އެއްވެސް ހިސާބަކުން ޒީވާގެ ހިލަމެއްވާކަށް ނެތެވެ. ރިއާން ލަސްފިޔަވަޅުތަކެއްގައި ކޮޓަރިއަށްވަދެ އެނދުގެ ހެޑްބޯޑު މަތީގައިހުރި ‘ސޮފްޓް ޓޯއިޒް’ ގެ ތެރެއިން ބިންމައްޗަށް ވެއްޓިފައި އޮތް މޭވާއެއްގެ ބައްޓަމެއް ނަގައި ހެޑްބޯޑުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު ކޮޓަރީގެ އަލަމާރިއާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ރިންގުވި އޭނާގެ ފޯނު މިފަހަރު އެ ފިޔަވަޅުތައް ހުއްޓުވިއެވެ. ބޯޑު މީޓިންގް ފެށެން ބާކީ އޮތީ ބައި ގަޑިއެއްހާއިރެވެ. މަގުމަތީގެ ޓްރެފިކު އޮންނަ ގޮތަކަށް ބަލައި އޭނާއަށް އޮފީހާ ހިސާބަށް ބައި ގަޑިއިރުން ދެވޭނޭ ކަމާމެދުވެސް ޝައްކެވެ. އެހެންކަމުން އޭނާ އިތުރަށް ލަސްނުކޮށް އެތަނުން ނުކުންނަން ހިނގައިގަތެވެ.

****************

މެންދުރުގެ ވަގުތު ކަމަށްވުމާއެކު މޮސްކޯގެ ޝެރެމެޓްޔެވޯ އެއަރޕޯޓުވަނީ ފުރާމީހުންނާއި އަންނަ މީހުންނައިގެން ތޮއްޖެހިފައެވެ. އެހެނެއްކަމަކު އާއިލާގެ ހާންދާނީ ކާރެއްގައި އައިސް އެއަރޕޯޓަށް މަޑުކޮށްލި އެލީޝާއާއި ރާހިލްއަކަށް އެ ތޮއްޖެހުމުގެ އުނދަގުލެއް ނުފޯރައެވެ.

ކާރުން ފޭބުމާއެކު އެތަނަށް އައިސް ތިބި އެއަރލައިން މުވައްޒަފުންނާއެކު ފޮށިތަންމަތި ފޮނުވައިލުމަށްފަހު އެމީހުންގެ އިސްތިގުބާލުގައި ރާހިލްއާއި އެލީޝާ އެތަނުގެ ލަގްޒަރީ ލައުންޖަކަށް ގެންދެވުނެވެ. އެ އިއްޒަތާއި ތަނަވަސްކަމަކީ އެހެން މީހެއްގެ ހިތް އެކަމަށް ލެނބިގެންދާނެހާ ފުރިހަމަ އިއްޒަތާއި ތަނަވަސްކަމެއް ނަމަވެސް ރާހިލްގެ މޫނުމަތިން މާބޮޑު ޝައުގުވެރިކަމެއް ނުފެނެއެވެ. އެތަނުގައި މަޑުކުރި ކޮންމެ މިނެޓެއް ކޮންމެ ސުކުންތެއްގައިމެ އޭނާ ވިސްނަމުންދިޔައީ ޝައިނާއާ ކުރިމަތިލާނެ ގޮތަކާމެދުގައެވެ. ބޯޑިންގްގެ އެންމެ ފަހު ކޯލަށް ގޮވަމުންދިޔައިރުވެސް އޭނާއަށް އެ އަޑު ނީވޭ ކަހަލައެވެ. ނުވަތަ އިވޭކަމަށް ނަހަދަނީއެވެ. ރަޝިޔާގެ ބިމުން ފައި ނައްޓައިލައި މާލޭގެ ބިމުގައި ފައި ބީއްސާލާނެހާ ހިތްވަރު އަދިވެސް އޭނާއަށް ނުލިބެނީއެވެ.

"ރާހިލް.. ރާހިލް.. އަވަސްކޮށްބަލަ ފަހު ކޯލަށް އެ ގޮވަނީ" އެލީޝާ އޭނާގެ ގާތުގައި އިން ރާހިލްގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބުންޏެވެ.

ރާހިލް އަވަސް އަވަހަށް ބޯ ޖަހައިލުމަށްފަހު އިންތަނުން ތެދުވިއެވެ. އޭނާއެކޭ އެލީޝާ ޗާބީ ދީފައިހުރި ބުދެކޭ ތަފާތެއްނެތެވެ. އެ ދެމީހުން އެކުގައި އެތަނަށް އައިސްހުރި މުވައްޒަފާއެކު ލައުންޖުން ނުކުތުމަށް ހިނގައިގަތެވެ.

***************

"އިތުރު ކަމެއް ނެތިއްޔާ ދެން އަޅުގަނޑު މިއަދުގެ ބައްދަލުވުން ނިންމާލަނީ.. ޝުކުރިއްޔާ" ބޯޑު ޗެއަރ ކުރަމުންދިޔަ ރިޔާޒްގެ ފަހުބަހާއެކު ރިއާން ދެގަޑިއިރު ވަންދެން ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއް އައެވެ. މީޓިންގް ހޯލުން ނުކުތްގޮތަށް ފޯނު ނަގައި ޒީވާގެ ނަންބަރަށް ގުޅައިލިއެވެ. އޭނާގެ ގާތަށް އައިސް ހުއްޓިލި ނީމްއަށް އަތުގެ އިޝާރާތުން ތަނަކަށް ދަނީކަމުގައި އެންގުމަށްފަހު ލިފްޓާއި ދިމާލަށް ހިނގައިގަތެވެ.

ކާރު އޮތް ހިސާބަށް ދެވުނުއިރު ޒީވާއަށް މުޅިއަކު ހަތަރު ފަހަރު ގުޅިއްޖެއެވެ. ޒީވާ އެއިން އެންމެ ކޯލަކަށްވެސް ޖަވާބު ދީފައެއްނުވެއެވެ. ޒީވާ ވީ ތަނެއް ނޭނގި ފާއިތުވަމުންދިޔަ ކޮންމެ ސުކުންތަކާއެކު ރިއާންގެ ކަންބޮޑުވުން އިތުރުވާން ފެށިއެވެ. ހޮސްޕިޓަލާއި ގާތް ހިސާބެއްގައި ކާރު ބާއްވައިލުމަށްފަހުގޮސް ޒީވާ މަސައްކަތްކުރާ ފަންގިފިލާއަށް އެރިއެވެ. އެތަނުގައި އައިޝާ ފެންނަން ނެތީތީ އޭނާގެ މޫނުމައްޗަށް ވެރިވީ އިތުރު ފޫހިކަމެކެވެ. ޒީވާއާއެކު މަސައްކަތްކުރާ ނަރުހުންގެ ތެރެއިން އޭނާ ކިރިޔާވެސް ވާހަކަދައްކައިިއުޅޭ މީހަކީ އައިޝާއެވެ. މިވީގޮތުން މި ޖެހުނީ ކޮންމެވެސް އެހެން މީހެއް ގާތުން ޒީވާގެ ހަބަރު ހޯދާށެވެ. ރިއާން ކަރުކެހިލަމުން އެތަނުގައި ހުރި މެދު އުމުރެއްގެ ނަރުހަކަށް ސަލާން ގޮވައިލިއެވެ.

"ޒީވާ އެބަ އުޅޭތަ؟" ރިއާން އަހަން ނާހަން ހުރެފައި ކަހަލަގޮތަކަށް އަހައިލިއެވެ.

"ޒީވާ ޑިއުޓީ އޮތީ މިރޭއެއްނު.. ތިއީ ކޮން ކުއްޖެއް؟ ޒީގެ ހަޒްބަންޑް ދޯ؟"

އެ  އަންހެންމީހާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ރިއާން އެތަނުން ދުރަށް ހިނގައިގަތެވެ. އެސުވާލަށް އޭނާ ޖަވާބުދީފިނަމަ ޒީވާ ވީތަނެއް ނޭނގިގެން އެމީހުން ގާތު އޭނާ އެހި އެހުން ވާނީ އެމީހުނަށް ކިހާ ބޮޑު ޖޯކަކަށްކަން އޭނާއަށް އެނގެއެވެ. ދެންވެސް ކިތަންމެ ފަހަރަކު ޒީވާއަށް ގުޅޭތޯ ކުރި މަސައްކަތް ބޭކާރުވުމުން ރިއާންގެ ގާތަށް ރުޅިއަންނަށް ފެށިއެވެ.
އަލުން އަނބުރައި އޮފީހަށް އައިގޮތަށް ޝައިނާ ހޯދުމަށް އަވަސްވެގަތެވެ. ހަރުފިޔަވަޅު ތަކެއްގައިގޮސް ޝައިނާ އިން ސްޓޭޝަންގެ މޭޒުގައި ބަންލާފައި ދެއަތުން ޖެހި އަޑަށް ޝައިނާގެ އިތުރުން އެ ޑިޕަރޓްމެންޓްގައި އެވަގުތު ތިބި އެހެން މުވައްޒަފުންވެސް ސިއްސައިގެންދިޔައެވެ.

ޝައިނާ އިސްއުފުލައިލުމަށްފަހު އިންތަނުން ތެދުވެ ރިއާންގެ މޫނަށް ބަލައިލިއިރު ރިއާންގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. ކަތުރުކަށިގަނޑަށް ވަނީ ބާރުކޮށްލެވިފައެވެ.

"ރިއާން؟ ސާރ.. ކިހިނެއްތޯވީ؟" ޝައިނާ ޖެހިލުންވިއެވެ.  ރިއާން އޭނާދެކެ މިހާ ރުޅިއައިސްފައި ހުރި ދުވަހަކާ އަދި އޭނާއަކަށް ދިމައެއް ނުވެއެވެ.

"ޒީވާ ކޮބާ؟ ކޮބާހޭ ޒީވާ؟ އަހަރެންނަށް އެނގެޔޭ ކުރިންވެސް ޝައިނާގެ ގެއަށް ލައިގެންކަން އަހަރެންނަށް ޒީވާ ފޮރުވައިގެން އުޅުނީ. ގުޅާ ޒީވާއަށް!" ރިއާން އަމުރުކުރިއެވެ.

"ސަރ އަޅުގަނޑު.. ޒީވާ ނުދޭ އަޅުގަނޑުމެން ގެއަކަށް" ޝައިނާ ބުންޏެވެ.

"ދެން ކީއްވެ ކޮންތާކަށް ދިޔައީ؟ ދިޔަތަނެއް އަދި ދިޔަ ސަބަބެއް ޝައިނާއަށް އެނގޭނެ!" ރިއާން މަޑުން ވާހަކަ ދެއްކިނަމަވެސް އޭނާގެ އަޑުގައިވާ ހަރުކަށިކަމަށް ބަދަލެއް ނާދެއެވެ.

"އަޅުގަނޑަކަށް ނޭނގެ-"

"ދޮގު!" ރިއާންގެ އަޑު އަނެއްކާވެސް ބާރުވިއެވެ. މިފަހަރުވެސް އެތަނުގައި ދެންތިބި މުވައްޒަފުންގެ ބެލުންތައް އެދިމާލަށް އަމާޒުވިއެވެ. އެއާއެކު ރިއާންއަށް ހަމަޖެހެން މަޖުބޫރުވިއެވެ.

"ޒީވާއަށް ގުޅާ.." ރިއާން ހަމައަކަށް އެޅެވޭތޯ މަސައްކަތްކުރަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު ޝައިނާ ހުރީ އޭނާއާ ދިމާލަށް ފާޑަކަށް ދެލޯ އަޅައިގެނެވެ. ރިއާންއަށް ޝައިނާގެ ބޯހަރުކަމުގެ ކުރިމަތީގައި ކުރި ނުލިބޭނެހެން ހީވީ ކަހަލައެވެ. ޝައިނާ ގޮތްދޫނުކުރާނެހެން ހީވުމާއެކު ހަތިޔާރު ބަހައްޓައި އަމުރުކުރުމުގެ ރާގު ދޫކޮށްލިއެވެ. "ކޭން ޔޫ ކޯލް ހަރ… ޕްލީޒް.." އޭނާ އެދުނެވެ.

ޝައިނާއަކަށް މިފަހަރު ހަދާނެގޮތެއް ނޭނގުނެވެ. އޭނާ ޒީވާއަށް ނުގުޅަންދެން ރިއާން އެތަނުން އެންމެ ފިޔަވަޅެއްވެސް ދުރަށް ނާޅާނެކަން އޭނާއަށް އެނގުނެވެ. އިތުރުގޮތެއް ނެތުމުން އޭނާ ފޯނު ނަގައި ލަސްލަހުން ޒީވާގެ ނަންބަރު ޖަހައިލިއެވެ. އަދި ދެހިޔާލެއްގައި ހުރުމަށްފަހު އެންމެފަހުން ޑައިލް ބަޓަނަށް ފިތައިލިއެވެ. ރިއާންގެ އިޝާރާތަށް އޭނާ ފޯނުގެ އަޑު މަޑުކޮށްލަމުން ސްޕީކަރަށް ލިއެވެ. އޭނާއާއި ރިއާންއަށް އެކަކު އަނެކަކަށް ބަލައިލެވުނީ ދެފަހަރަކު ރިންގުވުމާއެކު ޒީވާ ފޯނު ނެގުމުންނެވެ.

"ހަލޯ.. ޝައި؟" ޒީވާގެ އަޑު ކަންފަތުގައި ޖެހުމާއެކު ރިއާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޒީވާ ހެޔޮހާލުގައި ހުރިކަން އޭނާއަށް ޔަގީންވިއެވެ. ނަމަވެސް މިހިސާބުން އަދި އޭނާއަށް ހިތް ހަމަޖައްސައިލެވޭކަށް ނެތެވެ. ޒީވާ އޭނާކުރި އެތަށް ކޯލަކަށް ޖަވާބުނުދީ ޝައިނާގެ އެންމެ ކޯލަކަށް އެހާ އަވަހަށް އެޖަވާބުދިނީ އޭނާދެކެ ނުރުހިގެން ކަމާމެދަކު ރިއާންއަކަށް މިހާރު ޝައްކެއްނެތެވެ. އޭނާ ހައިރާންވަނީ ޒީވާ ނުރުހޭ ގޮތަކަށް އޭނާއަށް ކުރެވުނީ ކީއްކަން ނޭނގޭތީއެވެ.

"ހަލޯ.. ޝައި؟؟ އެބަހުރިންތަ؟" ޝައިނާގެ ރައްދެއް ނުލިބި ގިނައިރު ވާން ފެށުމުން ޒީވާ ދެވަނަ ފަހަރަށް ގޮވައިލިއެވެ. ހަމައެއާއެކު ރިއާން ލޮލުގެ އިޝާރާތުން ޝައިނާއަށް ވާހަކަދެއްކުމަށް އެންގިއެވެ.

"ޒީ.. އަމް.. މީ.. އަހަރެން ބުނީ.. ރިއާން.. ރިއާން ނުފުރައެއްނު؟ އެބައުޅޭ އޮފީހުގަ؟" ޝައިނާއަކަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ.

"ހްމްމް އެނގޭ." ޒީވާ ފަރުވާކުޑަ ރާގެއްގައި ބުންޏެވެ. ރިއާން ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާގައެވެ. ޒީވާއާއި ޝައިނާ ހިތުން މި އުޅެނީ އޭނާ ކޮންތާކަށް ފުރުވައިލައިގެން ހެއްޔެވެ؟

"ޒީއަށް ކިހިނެއް އެނގުނީ؟ ޒީ ކޮންތާކު؟" ޝައިނާ އަހައިލިއެވެ.

"މަންމަމެން ގޭގައެއްނު. ރިއާން ދެންމެ ރާއްޖެ ނަންބަރުން އަހަރެންނަށް ގުޅިއޭ.. އަހަރެން ފޯނެއް ނުނަގަން" ޝައިނާ ކަންބޮޑުވެފައި ރިއާންގެ މޫނަށް ބަލައިލިއެވެ. ރިއާން އޭނާގާތު ޒީވާއަށް ގުޅައިދިނުމަށް އެދުނީ ރިއާން ގުޅުމުން ފޯނު ނުނަގައިގެންތާއެވެ. އެކަމަކު އޭނާ ހަމަ ގުޅައިލިއިރަށް ޒީވާ ފޯނު ނަގައިފިއެވެ. އެހެންކަމުން ފޯނުގައިހުރެ އިތުރު ވާހަކަތަކެއް ބޭޒާރުވުމުގެ ކުރިން ޝައިނާ ނިންމީ އަވަހަށް ފޯނު ބޭއްވުމަށެވެ.

"އޯކޭ ޒީ.. ދެން ބާއްވަނި.. އަހަރެން ހަމައެކަނި ޒީގާތު ރިއާން ނުދާ ވާހަކަ ބުނެލަންވެގެން ގުޅާލީ.. އޮފީސް ނިންމާފަ ހަބަރެއް ވާނަން އެނގޭ" ޝައިނާ ކޯލު ކުރުކޮށްލިއެވެ. އޭރު ރިއާން ހަނިކޮށްލެވިފައިވާ ދެލޮލުން އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"ޒީ ހީކުރީ އަހަރެން އަނެއްކާވެސް ނުބުނެ ތަނަކަށް ފުރީ ކަމަށްތަ؟" ރިއާން އަހައިލިއެވެ. މީގެ ކުރިންވެސް ޒީވާ ދެފަހަރެއްގެ މަތިން އޭނާދެކެ ހިތްހަމަ ނުޖެހިގެން އުޅުނީ އެސަބަބާހެދިއެވެ. ރިއާންގެ ސުވާލަށް ޝައިނާ ބޯ ޖަހައިލިއެވެ.

"މިއަދު ބޯޑު މީޓީންގް އޮއްވާ އަހަރެން މާލެއިން ބޭރަށް ނުދާނެކަން ޝައިނާއަށް އެނގެއެއްނު؟ ކީއްވެ ޒީވާ ގާތު ނުބުނީ؟" ރިއާން ހުރީ ފާޑަކަށް ހިތްހަމަނުޖެހިފައެވެ.

"އަހަރެން ބުނީމޭ.. ރިއާން އައި ރިއަލީ ޓްރައިޑް ޓު އެކްސްޕްލައިން އިޓް ޓު ހަރ އެކަމަކު ޒީ ބުނީ–"

"ލީވް އިޓް."

ޝައިނާގެ ވާހަކަ އަޑުއެހުމެއްނެތި ރިއާން އެތަނުން ހިނގައިގަތެވެ. ލިފްޓަަށް އަރައި މައްޗަށް އޭނަގެ ކެބިންއަށް ދިޔުމުގެ ބަދަލުގައި އޭނާ ދެންވެސް ދިޔައީ ތިރިއަށެވެ. މީޓިންގްގައި ބައިވެރިވާން އައިގޮތަށް ލޮބީގައި ތިބި ޝީރީނާއި ރިޔާޒަށް ސަމާލުކަށް ދިނުމެއްނެތި އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޮފީހުން ނުކުތެވެ. އޭގެ ވިއްސަކަށް މިނަޓުފަހުން އޭނާ ހުރީ ޒީވާމެންގޭގެ އެޕަރޓްމެންޓްގެ ދޮރުމަތީގައެވެ. ދެފަހަރެއްގެ މަތިން ބެލް އަޅައިލުމާއެކު އާދައިގެ މަތިން ދޮރު ހުޅުވައިލީ ވާފިޔާއެވެ. ވާފިޔާ ފެނުމާއެކު ރިއާން މީގެ ސުކުންތުކޮޅެއް ކުރިން އޭނާގެ މޫނުމަތީގައިވި ކަންބޮޑުވުމުގެ އަސަރު ފިލުވައިލައި ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"ޒީވާ އުޅޭތަ؟" ވާފިޔާގެ ސުވާލަކަަށް އިންތިޒާރު ކުރުމެއްނެތި ރިއާން އޭނާގެ ސުވާލު ކުރިމަތިކޮށްލިއެވެ.

"އާނ ކޮޓަރީގަވެއްޖެ. މަންމަ ޒީގާތު ބުނީމޭ ދުވަސްކޮޅަކަށް މިކޮޅަށް އައި އިރު ދަރިފުޅުވެސް ގޮވައިގެން އައި ނަމައޭ" ވާފިޔާގެ ވާހަކައަށް ހިނިތުންވެލުން ފިޔަވައި އިތުރު ރައްދެއް ދޭކަށް ރިއާންއެއް ނޫޅުނެވެ. ވާފިޔާގެ އިޒުނައާއެކު އަވަސްއަވަހަށް ސިޑީގެ ހަރުފަތްތަށް ހުރަސްކުރަމުންގޮސް ޒީވާ އުޅޭ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ.

"އިޝްކޮގާތު ހެލްޕްވާން އަންނާށޭ ބުނީމަ…" ޒީވާ ކުދިކިޔަމުން އައިސް ދޮރު ހުޅުވައިލިވަގުތު ކުރިމަތީގައިހުރި ރިއާންފެނި އޭނާގެ ހަރަކާތްތައް ގަނޑުވިއެވެ. ރިއާންގެ ނަޒަރު އެއްފަހަރު ޒީވާއަށް އަނެއްފަހަރު ހުޅުވައިލެވިފައިވާ ކޮޓަރީގެ ދޮރުން އެތެރެއަށް ދަތުރުކުރިއެވެ. އެނދުމަތީގައި ބަހައްޓައިފައިހުރި ޒީވާގެ ހެދުންތަކާއި ހުޅުވައިލެވިފައިވާ އަލަމާރީގެ އެއްފަޅީގައި އަޅުވައިފައިވާ ބައެއް ހެދުންތައް ފެނި ރިއާންއަށް އުނދަގޫ އިހުސާސެއް ކުރުވިއެވެ. ލަގޮނޑި ފިތި ނޭވާ ހާސްވާހެން ހީވާން ފެށުމާއެކު ކަރުގައި އޮތް ޓައި ދޫކޮށްލަމުން ކޮޓަރީގެ ތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ.

"އަންޕެކް ކުރަނީތަ؟" ޒީވާ އެސުވާލަށް ރައްދު ދިނުމެއްނެތި  ރިއާންއަށް ފަސްދީ ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ރިއާން ޒީވާގެ އަތުގައި ހިފެހެެއްޓިއެވެ. އަދި ކުރިއަށް ދެތިން ފިޔަވަޅު އަޅައިލައި ޒީވާއާ ގާތްވެލަމުން ޒީވާގެ ގައިގައި ފަހަތުން ބައްދައިލިއެވެ. އެ ގާތްކަމުގެ ސަބަބުން ޒީވާގެ ހިތުގައިވި ޖަޒުބާތުތައް އުތުރި އަރަންފެށުމާއެކު ޒީވާއަށް ދެލޯ މަރައިލެވުނެވެ.

"ޒީވް.. ލެޓްސް ގޯ ހޯމް" ރިއާން މަޑުމައިތިރިކަމާއެކު ބުންޏެވެ. އެއާއެކު ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިން ޒީވާ ދެލޯ ހުޅުވައިލަމުން ރިއާންއާ ދުރަށް ހިނގައިގަތެވެ.

"އަހަރެން ޒީވްގާތު ނުބުނެ މާލެއިން ބޭރަކަށް ނުދާނަމޭ. ސީ.. ނުދަމެއްނު. ތިހެން މިސްއަންޑަރސްޓޭންޑިންގެއް ކްރިއޭޓްވާއިރަށް ބޮޑާހާކާފަ ގެއިން ނުކުމެގެން އައުމަކީ ޒީވްގެ ގޮތެއްވެސް ނޫނެއްނު؟ އަންޕެކް ކުރާނެ ކަމެއް ނެތް.. އަހަރެން މި އައީ ޒީ ބަލާ" ރިއާން އެނދުމަތީގައިހުރި ބައެއް އަންނައުނު ޒީވާގެ ފޮއްޓަށް އަޅަން ފެށިއެވެ. ޒީވާ އިރުކޮޅަކު އެމަންޒަރު ބަލަން ހުރުމަށްފަހު އައިސް ރިއާން ހުއްޓުވިއެވެ. އަދި ރިއާންގެ އަތުން ފޮށި ޖަހައިގަތެވެ. ރިއާންއަށްހުރީ ހަމަ ރަނގަޅަށްވެސް ވާނުވާ ނޭނގިފައެވެ.

"ނޯ. އަހަރެން ނުދާނަން. ރިއާންއަށް ނުވިސްނެނީތަ؟ އަހަރެން މި އައީ ހަމައެކަނި އެހެންވެގެނެއް ނޫނޭ. ރިއާން ކޮންމެތާކަށް ދިޔަސް ނުދިޔަސް އަހަރެންނަށް ވަރިހަމަ" ޒީވާ ހަޅޭއްލަވައިގަތެވެ.

"ދެން ކީއްވީ؟ އަހަރެން ކީއްތަކުރީ؟ ވެގެން އުޅޭގޮތެެއް ބުނީމައެއްނު އަހަރެންނަށްވެސް އެނގޭނީ." ރިއާންވެސް ރުޅިގަދަވާން ފެށިއެވެ. ކުރިއަށް ފިޔަވަޅެއް އަޅައިލައި ޒީވާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލިއެވެ.

"ރިއާންއަށް އެނގޭނެ. ނޭނގޭކަމަށް ހަދާނެ ކަމެއްނެތް. އަހަރެން ބުނާކަށް ނުޖެހޭނެ. އެމީހަކަށް ކުރެވޭ ކަމެއް އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށް" ޒީވާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. މިފަހަރު އެ އަޑަށް ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިން އަޑުވެސް އިވުނެވެ. ރިއާންގެ އަތު ތެރެއިން އޭނާގެ އަތް ދަމައިގަތުމަށްފަހު ޒީވާގޮސް ދޮރުހުޅުވައިލިއެވެ.

"ކިހިނެއްވީ؟" ކުރިމަތީގައިހުރި އިޝްވާފެނި ޒީވާ ރުންކުރުކަމާއެކު އަހައިލިއެވެ. އަދިވެސް އޭނާގެ އަޑު މަޑުވާގޮތެއް ނުވެއެވެ. ޒީވާގެ ފަރާތުން އެހެންޏާ ނުފެންނަފަދަ ރުޅިއެއް ފެންނަމުންދާތީ އިޝްވާވެސް ހުރީ ހަމަ އަންތަރީސްވެފައެވެ.

"ދޮންތި މާ ބާރަށް ހަޅޭއްލަވާތީ.." އިޝްވާ ޖެހިލުންވެފައި ހުރިނަމަވެސް ކޮޓަރީގެ ތެރެއަށް ބޯދިއްކޮށްލިއެވެ. އެތެރޭގައިހުރި ރިއާން ފެނުމާއެކު އިޝްވާއަށް ކަންތައްތައް ވަމުންދާގޮތް ކޮންމެވެސް ވަރަކަށް ރޭކައިލިއެވެ. އެދެމަފިރިންގެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭކަމާއި ޒީވާ މާ ކުއްލިއަކަށް އެގެއަށް ބަދަލުވުމާ އެ މައްސަލައާ ގުޅުމެއްވާނެކަން އެނގުނެވެ.
އިޝްވާއަށް އިތުރު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޒީވާ ކޮޓަރިއަށްވަދެ އިޝްވާގެ މޫނުމައްޗަށް ދޮރުފަތް ޖަހައިފިއެވެ. ޒީވާގެ ފަރާތުން އެއްވެސް ކަމެއް ނޭނގޭނެކަން ޔަގީންކުރަމުން އިޝްވާ ޝައިނާއަށް ގުޅައިލިއެވެ. އެ މަސައްކަތް ނާކާމިޔާބުވުމުން އިޝްވާ ޗޮކެއްކަނޑައިލަމުން އެތަނުން ދުރަށް ހިނގައިގަތެވެ.

އިޝްވާއާމެދު ޒީވާ ކަންތައްކުރި ގޮތްފެނި ރިއާންވެސް ހައިރާންވިއެވެ. މިހާރަކަށް އައިސް ޒީވާ ކުދި ކުދި ކަންތައްތަކާއި ޝަކުވާގިނަވެ ޒީވާގެ މިޒާޖު ރުންކުރު ވަމުންދާކަން ޚުދު ރިއާންއަށްވެސް ފާހަގަ ކުރެވިފައިވެއެވެ. އޭނާ ހުންނަނީ އެކަމާ ހަމަ ރަނގަޅަށްވެސް ބޯ ގޮވައިފައެވެ. ނަމަވެސް ޒީވާ މިހައި ރުޅިއައިސްފައި ހުރި ދުވަހެއް އޭނާގެ ހަނދާނަށްވެސް ނާދެއެވެ. ޒީވާގެ މިޒާޖަށް އަންނަމުންދާ ބަދަލުގެ ސަބަބަކީ އޭނާގެ ފަރާތުން ޒީވާއަށް އެކަށީގެންވާ ވަގުތު ނުލިބުންކަން ކަމުގައި ރިއާންއަށް ގަބޫލުކުރެވެއެވެ. އެހެނަސް އޭނާއަށް އަދި ކުޑަ ދުވަސްކޮޅެއް އެބަ ބޭނުންވެއެވެ. ހިއްސާގެ ކަންތައްތައް ހަމައަކަށް އެޅުމަށްފަހު އޭނާ އަދި ޒީވާއަށް ބޭނުންވާ ވަގުތު ދޭނެއެވެ. އެހެންކަމުން މިވަގުތު ޒީވާއާ ހަރުކަށިކޮށް ވާހަކަދެއްކުމުގެ ބަދަލުގައި އޭނާ ވިސްނީ ޒީވާއަށް ވިސްނައިދޭށެވެ.

"ބޭބީ ޕްލީޒް.. ޒީވް ރުޅިއައިސްގެން ތި އުޅެނީ ކޮންމެ ކަމަކާހެދި ކަމަށްވިޔަސް އަހަރެން އެކަމަކަށް މަޢާފަށް އެދެން. އެކަމަކު އިހަކަށް ގެއަށްދާން ހިނގާ.. ގެއަށްގޮސް ހުރިހާ ކަމެއް ހައްލުކުރާނީ.. މިތާ ތިބެގެން އަހަރުމެން ޒުވާބު ކުރީމަ މަންމަމެނަށްވެސް އަޑު އިވޭނެއެއްނު" ރިއާން ހުރީ ހަގީގަތުގައިވެސް ޒީވާއާ ވަކިން ވާހަކަ ދައްކައިލަން ބޭނުންވެފައެވެ. ޒީވާގެ އާއިލާއަށް އޭނާއާ ޒީވާގެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އަންގާކަށް ރިއާން ބޭނުމެއްނުވެއެވެ. ދެންމެވެސް އިޝްވާއަށް އެތަނުގައި ޒުވާބު ކުރިއަޑު އިވުނީތީ ރިއާން ހިސާބަކަށް ލަދުވެސްގަތެވެ.

"ޒުވާބު ނުކުރީމަ އަޑެއް ނީވޭނެއެއްނު. ރިއާން އައިމައެއްނު ޒުވާބުކުރަން ޖެހުނީ؟" ރިއާންގެ ބަސްހުއްޓުނެވެ. ޒީވާ ރުއްސަން ބުނާނެ އެއްޗެއް އެނާގެ ބޮލަކަށް ނުވަނެވެ. އިސާހިތަކު އެތަނަށް ވެރިވީ އާދަޔާހިލާފު ހިމޭންކަމެކެވެ. އެ ހިމޭންކަމަށް ނިމުމެއް އައީ ކުއްލިއަކަށް ޒީވާ ރިއާންއަށް ކުރިމަތިކުރުވި ސުވާލަކުންނެވެ.

"ރިއާން އަހަރެންދެކެ ލޯބިވޭތަ؟" އެ ސުވާލާއެކު ހީވީ އެތަނަށް ބޮމެއް ވައްޓައިލެވުނުހެނެވެ. ރިއާންއަށްވެސް ލިބުނީ ސިހުމެކެވެ. އެ ސުވާލާމެދު ވިސްނާލަން އޭނާއަށް މަޖުބޫރުވިއެވެ.

"ވަޓް ކައިންޑް އޮފް ސްޓުޕިޑް ކުއެޝަން އިޒް ދެޓް ޒީވާ؟"

"އާންސާ މީ ރިއާން!" ޒީވާ ބުންޏެވެ.

ރިއާންއަށް ވިސްނައިލެވުނެވެ. ލޯތްބަކީ އޭނާއާ ވަރަަށް ބީރައްޓެހި ލަފްޒެކެވެ. ޒީވާއާމެދު އޭނާގެ ހިތުގައި އަބަދުވެސް ހާއްސަކަމެއް އޮވެއެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން މިހާރުވެސް އެއީ ލޯބިކަމާމެދު އޭނާއަށް ޝައްކެވެ. އެދެމެދުގައި މަޖުބޫރުން ޖެހުނު ކައިވެނީގެ ގޮށް ނެތްނަމަ ދުވަހަކުވެސް އޭނާއަށް ޒީވާއާއެކު ބޭއްވޭ ގާތްގުޅުމަކަށް ޖާގަ ދެވޭނެކަމާމެދު ޝައްކެވެ. ވީއިރު މިއީ ލޯތްބަށް ވެދާނެ ހެއްޔެވެ؟ އެހެންކަމުން ޒީވާގެ ސުވާލަށް ދޭނެ ސީދާ ޖަވާބެއް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް ރިއާންގެ ހިމޭންކަމުން ޒީވާއަށް އެ ސުވާލަށް ޖަވާބު ލިބުނެވެ.

"ދެން ހެޔޮ ރިއާން. ރިއާންގެ ތި ހިމޭންކަމުން އަހަރެންނަށް ޖަވާބު ލިބިއްޖެ. ރިއާން އަހަރެންދެކެ ލޯބިވާނަމަ އެ ސުވާލާމެދު ފަޅި ސުކުންތަކަށްވެސް ވިސްނާކަށް ނުޖެހުނީސް" ޒީވާގެ އަޑަށް މާޔޫސްކަން ވެރިވިއެވެ.

"ޔޫ އަރ ސްޕެޝަލް ޒީވް.. އައި ކެއަރ އަބައުޓް ޔޫ.. އައިމް ޓްރައިންގް–"

"ޔޫ ޑޯންޓް ހޭވް ޓު ޓްރައި ރިއާން.. އަހަރެންދެކެ ލޯބިވާން ރިއާން ކިހާ މަސައްކަތެއް ކުރަންޖެހޭތަ؟ އަހަރެންދެކެ ލޯބިވާން ހަމަ އެހާވެސް އުނދަގުލީތަ؟" ރިއާންގެ ވާހަކަ މެދުކަނޑައިލަމުން ޒީވާ ބުންޏެވެ. "ރިއާން އިހަށްދޭ. އަހަރެންވެސް ރިއާންއާ ދައްކަންޖެހޭ ވާހަކަތަކެއް އެބަހުރި. އެކަމަކު އަހަރެން އަދި ކުޑަ ދުވަސްކޮޅެއް ބޭނުން. އެހެންވީމަ މިގަޑީ ރިއާން މިތާ ހުންނާކަށް އަހަރެންނަކަށް ނުފެނޭ" ޒީވާ ކޮޓަރީގެ ދޮރު ހުޅުވައިލީ ރިއާންއަށް އެތަނުން ނުކުތުމަށް އިޝާރާތްކުރަމުންނެވެ.

ރިއާން އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ނަމަވެސް ޒީވާގެ ހިޔާލު ބަދަލު ނުވާނެކަން އެނގުނެވެ. ވަކިން ހާއްސަކޮށް ފަހުން ދެކެވުނު ވާހަކައަށްފަހު އިތުރަށް މައްސަލަ ބޮޑުކުރަން ބޭނުން ނުވާތީއާއެކު އޭނާ ދޮރާއި ދިމާލަށް ހިނގައިގަތެވެ.

"ޓޭކް ކެއަރ ޒީވް.." ރިއާން ދޮރުން ނުކުތުމުގެ ކުރިން ޒީވާގެ ގާތަށް ހުއްޓި ޒީވާގެ ނިއްކުރީގައި ބޮސްދިނެވެ.
ރިއާން ދިޔުމާއެކު ޒީވާ ހިފަހައްޓައިގެންހުރި ކަރުނަތައް މިނިވަންވާން ދޫކޮށްލިއެވެ. އަދި ބާރު އަޑާއެކު ކޮޓަރީގެ ދޮރުފަތް ލައްޕައިލުމަށްފަހުގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.

****************

ޒީވާއާއެކު ހިނގައިދިޔަ ދެބަސްވުމަށްފަހު ރިއާން އެދުވަހު ދެން އިތުރަށް އޮފީހަށް ނުކުތުމުގެ ހިޔާލު ދޫކޮށްލިއެވެ. ސިކުނޑީގައި ހިނގަމުންދިޔަ ހައިޖާނުން މިންޖުވުމަށްޓަކައި ގެއަށް އައިސް ފެންވަރައި ތާޒާވެލުމަށްފަހު ބޭރުން ގެނައި ބަތްޕާރުސަލް މަތިނަގައި އެއަށް އުލެއް ހަރައިލަމުން ކާމޭޒުދޮށުގައި އިށީނެވެ. އިއްޔެއިންސުރެން ނުކައި އުޅުމުގެ ސަބަބުން އޭނާގެ ބަނޑުހައުވެ ގޮހޮރުން ދިލަ ނަގަމުންދިޔައެއް ކަމަކު ރިއާންއަށް އެންމެ ދެތިން ސުވާވެސް ކެވޭގޮތެއް ނުވިއެވެ. މިފަހަކަށް އައިސް އޭނާ އެގޭގައި ކާއިރު އަބަދުވެސް ކަނީ ޒީވާއާ އެކުގައެވެ. ޒީވާ އެގޭގައި ނެތުމުން ކާހިތްވެސް ކެނޑުނީއެވެ.

ރިއާން ކެއުމުގެ ހިޔާލު ދޫކޮށްލުމަށްފަހު އާދައިގެ މަތިން ކޮފީއެއް ގިރައިލައިގެން ބެލްކަންޏަށް ނުކުމެލިއެވެ. އަތުގައި އޮތް ސިނގެރޭޓުފޮށިން ސިނގިރޭޓެއް ނަގަައި ރޯކޮށްލުމަށްފަހު އެ ދަމައިލައި ވައިގެ ތެރެއަށް ދުންތައް ފޮނުވައިލީ އެ ސިކުނޑިއަށް ލުޔެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ކަންތައްވީ އޭނާ ހީކުރިގޮތާ މުޅިން ހިލާފަށެވެ. ޒީވާ އޭނާ ދޫކޮށްލައިފައި ދާންޖެހުނު ސަބަބަކާމެދު ވިސްނި ވަރަކަށް ސިކުނޑިއަށް ކުރަމުންދިޔަ ބާރު އިތުރުވަމުންދާ ކަހަލައެވެ. އެ ސަބަބާ ޒީވާ އޭނާއާ އެންމެފަހުން ކުރިމަތިކުރުވި ސުވާލާ ގުޅުމެެއްވޭބާއެވެ؟ އެ ސުވާލުގެ ޖަވާބަކީ ކޮބައިބާއެވެ؟ އޭނާ ޒީވާދެކެ ލޯބިވޭބާއެވެ؟

ރިއާން އޭނާގެ ޟަމީރާ އެތަށް ގޮތަކުން ސުވާލު ކުރަމުންދިޔައެވެ. ލޯތްބަކީ ކޯއްޗެއް ހެއްޔެވެ؟ އޭނާގެ އުމުރުން ފާއިތުވެމިދިޔަ ސައްބީސް އަހަރުގެ ތެރޭގައި އޭނާއަށް ލޯބީގެ އެންމެ ފުރިހަމަ މިސާލެއްގެ ގޮތުގައި ފެނިފައިވަނީ ޒީވާ އޭނާދެކެ ވާ ލޯތްބެވެ. ޒީވާގެ ލޯބީގައި ފައިންޖަހައި ޒީވާގެ ހިތަށް ދަތިވާނެ ކިތަންމެ ބަހެއް ކިތަންމެ ގޮތަކަށް އޭނާ ވަނީ ބުނެފައެވެ. ޒީވާ އޭނާއާމެދު އުއްމީދު ކަނޑައިލާނެ ކިތަންމެ ކަމެއް އޭނާ ކޮށްފައި ނުވޭހެއްޔެވެ؟ އެފަދަ ގޮތަކަށް އެހެން މީހަކު އޭނާއާމެދު ކަންތައް ކޮށްފައިވާނަމަ އޭނާގެ ހިތުގައި އެމީހަކާމެދު ނަފްރަތު އުފެދޭނެކަން ގައިމެވެ. އެހެނަސް ޒީވާ އޭނާދެކެ ވާ ލޯތްބަށް ކުޑަވެސް އުނިކަމެއް އައިސްފައެއް ނުވެއެވެ. ޒީވާގެ ކޮންމެ ބެލުމަކުން ކޮންމެ ހިނިތުންވުމަކުން އަދި ކޮންމެ ބީހުމަކުން އެނާއަށް އެ ލޯބި އިހުސާސްކުރެވެއެވެ. އެފަދަ މަތިވެރި ލޯތްބެއް އޭނާއަށް މީހަކު ވެވޭނެ ކަމާމެދު ރިއާންއަށް ޝައްކެވެ. މިއަދު ޒީވާ އޭނާއާ އެ ސުވާލު ކުރިމަތި ކުރުވީ އޭނާގެ ފަރާތުން އެކަހަލަ އެއްވެސް ލޯތްބެއް އިހުސާސް ނުވާތީ ނޫންހެއްޔެވެ؟ އޭނާ ޒީވާދެކެ ލޯބިވާނަމަ އޭނާއަށް ޒީވާގެ ލޯބި އިހުސާސްކުރެވޭ ފަދައިން ޒީވާއަށްވެސް އެކަން އިހުސާސްވީހެވެ!

ކުއްލިއަކަށް ރިއާން ބެލްކަނިން ނުކުމެ ޒީވާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެ ކޮޓަރިން ބައެއް އެއްޗެހި މަދުވެފައި ވިޔަސް އެތަނުގައި އަދިވެސް ޒީވާއަށް ނިސްބަތްވާ ކިތަންމެ އެއްޗެއް ހުއްޓެވެ. ރިއާން ބޭނުންވީ އިތުރަށް ވިސްނައިލާށެވެ. މުޅިދުވަހު ޒީވާގެ ހަނދާންތަކުގެ ތެރޭގައި އެ ކޮޓަރީގައި މަޑުކޮށްލާށެވެ. އެގޮތުގެ މަތިން އޭނާ އެތަނުގައިހުރި އެނދުގައި އިށީނދެލިއެވެ. އަދި ދެ ކަކުލުގައި އުޅަނބޮށި އަޅުވައިލައި ކުރިއަށް ޖެހިލަމުން ވައަތުގެ ކުޑަހުޅުގައި އަޅައިފައި އޮތް ކަޅު ކުލައިގެ ހިމަ ހިމަ ރަބަރުކޮޅަށް ހިފައި ދަމައިލިއެވެ.

އާނއެކެވެ. އަދިވެސް ރިއާންގެ އަތުގައި އަޅައިފައި އެ ވަނީ ޒީވާ އަލަށް އެ ގެއަށް އައިދުވަހު ބާއްވައިފައި ދިޔަ ވޫލުކޮޅެވެ. ސުކުންތެއްހާއިރު ވަންދެން ރިއާން އެ ވޫލުކޮޅަށް ދަމައިލައިގެން އިނުމަށްފަހު އަތަށް ފިއްލާނެހެން އެ ވޫލުކޮޅު ދޫކޮށްލިއެވެ. ތަކުރާރުކޮށް އެ ވޫލުކޮޅު ދަމައިލައި އަތަށް ދޫކުރަމުން ދިޔައިރު އެއިން ކޮންމެ ފިއްލުމަކާއެކު އޭނާގެ މާޒީއިން ސަފްހާއެއް ހުޅުވެމުންދިޔަ ކަހަލައެވެ. އެ ފިއްލުންތަކުން ނަގަމުންދިޔަ ދިލަ އިހުސާސްވަމުން ދިޔައީ އޭނާގެ އަތުކުރިއަށް އެކަންޏެއް ނޫނެވެ. ފަޔަށެވެ. ބުރަކައްޓަށެވެ. މޫނުމައްޗަށެވެ. ރިޔާޒްގެ ބެލްޓުން ނުވަތަ އަތުން ނުވަތަ އެވަގުތު އެ އަތުގައި ޖެހުނު ކޮންމެ އެއްޗަކުން ރިއާންގެ ހަށިގަނޑުގައި ލޭކޮށެންދެން ދިން ކޮންމެ އަނިޔާއެއްގެ ކުލަ މަންޒަރު އިއްޔެވީ ކަމެއްހެން ފެނި އިހުސާސްވަމުންދިޔައިރު އެތަނުގައި އޭރު އިނީ ސައްބީސް އަހަރުގެ ރިއާންއެއް ނޫނެވެ. ހަ އަހަރުގެ ރިއާންއެކެވެ. ދިހަ އަހަރުގެ ރިއާންއެކެވެ. އެއަށްފަހު ސޯޅަ އަހަރުގެ ރިއާންއެކެވެ. ޒީވާގެ ސޫރަ އެ ހިޔާލުގައި ކުލަވާންފެށީ އެހިސާބުންނެވެ. އޭރު އޭނާގެ އަތުކުރި ނަގަމުންދިޔަ ދިލައިގެ ސަބަބުން ވަނީ އައްސިވެފައެވެ. މިހާރު އޭނާއަކަށް އެއްވެސް ވޭނެއް އިހުސާސެއް ނުކުރެވެއެވެ. ފެންނަމުންދިޔަ މަންޒަރު ބަދަލުވެއްޖެއެވެ. ކުރިން ފެނުނު އަނިޔާވެރިކަމާއި ހަމްދަރުދީގެ މޫނުތަށް ޒީވާގެ ހިނިތުންވެފައިވާ މޫނަށް ޖާގަ ދޭ ހާލު ރިއާންގެ ހިޔާލުން ފަނޑުވަމުން އޮއްސިއްޖެއެވެ. އެ ހަށިގަނޑުގައިވާ ޒަހަމްތަކަށް ޒީވާގެ ލޯބި ބެލުންތަކާއި ބީހުންތަކުން ފަރުވާ ލިބިއްޖެއެވެ.

ރިއާންގެ އަތަށް ދެމުންދިޔަ އަނިޔާ ހުއްޓުނީ އެހިސާބުންނެވެ. އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލުމަށްފަހު ފަހަތަށް ވެއްޓިގަތެވެ. ޒީވާ ނެތް ހަޔާތެއްގައި އޭނާއަކަށް އުފާވެރިކަމެއް ނުފެނެއެވެ. އެކަނިވެރިކަމާއި ފަޅުކަން ފިޔަވައި އިތުރު އެއްޗެއް ނުފެނެއެވެ. އެފަދަ ހަޔާތެއް އޭނާ ބޭނުމެއްނޫނެވެ. ޒީވާ އޭނާދެކެ ވާފަދަ މަތިވެރި ލޯތްބެއް ދުވަހަކުވެސް އިންސާނެއްދެކެ ވެވިދާނެކަމާމެދު އޭނާއަކަށް އަދިވެސް ޔަގީނެއްނޫނެވެ. ނަމަވެސް ރިއާންއަށް އެއްކަމެއް ޔަގީންވިއެވެ. ޒީވާނެތް ދިރިއުޅުމެއްގައި އުޅޭކަން އޭނާ ބޭނުން ނޫންކަމެވެ. މިދުނިޔެއިން އޭނާ ބައިވެރިޔަކު ބޭނުންވާނަމަ ޒީވާ ފިޔަވައި އިތުރު ބައިވެރިއެއް ބޭނުން ނޫންކަމެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަޅެޒީ ތިހެން ނުހަދަބަލަ ރިއާންއަށް މިދެކުދިން ދުރު
    ނުކުރައްޗޭ އަންޔާ

  2. ދެން އޮތް ބައި ޕލސ…..އަންޔާގެ އެހެން ވާހަކައެއް ނެތްތަ ކިޔާލަން ލިބޭކަށް….ހާދަ ރީއްޗޭ…..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު