Monday, 07 October 2024

ހިތް އެދޭހާ ކަމެއް.. (58 ވަނަބައި)

"ޝައި.. ހިނގާ ބޭބީ އެބޯރޓްކޮށްލަން" ޒީވާ ހުށަހެޅިއެވެ. އެއާއެކު ކުއްލިއަކަށް ޒީވާގެ އަތް ފޮޅުވައިލުމަށްފަހު ޒީވާއާ ދުރަށް ޖެހުނެވެ.

"ކަލޭމެން އެންމެން މަގޭ ދަރިފުޅު މަރާނުލެވިގެން ތިއުޅެނީ ކީއްވެގެންތަ އޭން؟" ޝައިނާ ހަޅޭއްލަވައިގަތެވެ. އެތަނުގައިތިބި ރިއާންއާއި ޝިމާންއަށްވެސް ސިހުމެއްލިބުނެވެ.

"ޝައި ދެން ބުނެބަލަ އެއަށްވުރެން ރަނގަޅުގޮތެއް. ޝައިގެ ފުރާނައާމެދު ނުވިސްނާނަމަ މި ކުއްޖާއާ ދޭތެރޭ ވިސްނަބަލަ. ޝައި އަކީވެސް ބައްޕައަކާނުލައި އުފަންވި ކުއްޖެއް. ޝައިއަށް އެކަމުގެ ސަބަބުން ލިބުނު މަލާމާތާއި ކުރިމަތިވި ގޮންޖެހުންތައް އެންމެ ރަނގަަޅަށް އެނގޭނީ ހަމަ ޝައި އަށް. އެކަން އެނގިއެނގިހުރެ ޝައިއަށް ލިބޭ ކުއްޖަކަށް އެފަދަ ދުވަސްތަކެއް ހޯދައިދޭން ބޭނުންވަނީތަ؟ އަނެއްކާވެސް އެ މާޒީ ތަކުރާރުވާން ބޭނުންވަނީތަ؟ މިވަރުގެ ރިސްކެއް ނަގާފަ ކުރާކަމެއްގަ ޝައިވެސް މިކުއްޖާއާ ވަކިވާން ޖެހިއްޖެނަމަ މިކުއްޖާ ކިހާ އެކަނިވާނެ" ޝައިނާއަށް ވިސްނައިދެވޭތޯ ޒީވާ މަސައްކަތްކުރިއެވެ.

"ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް ހެޔޮ. އަހަރެންނަށް ކުއްޖެއް ލިބެން އޮތީ ކިހާ ހަނި ފުރުސަތެއްކަން ޒީއަށް އެނގެއެއްނު. ވީއިރު އަހަރެން މި ދަރިފުޅު ކޮންމެހެންވެސް ބޭނުން. ހެޔޮނުވާނެ ޒީ. އަހަރެންގެ މި ނިންމުން ބަދަލު ކުރަން މަސައްކަތް ނުކުރޭ" ޝައިނާގެ ޖަވާބާއެކު ޒީވާ އަނެއްކާވެސް ތެދުވެ މޮޔައަކު ފަދައިން ދެފަރާތަށް ހިނގަންފެށިއެވެ. ޝައިނާގެ އެ ނިންމުން އޭނާގެ ކަމަކުނުދެއެވެ.

"އެންމެރަނގަޅު. ޝައިގެ ފުރާނައާމެދު ވިސްނުމުގެ އިޚްތިޔާރު އަހަރެން ޝައިއަށް ދޭނަން. އެކަމަކު ޝައި ދުނިޔެއަށް ފަޟީހަތްވާތަން ބަލާކަށް އަހަރެންނެއް ނުހުންނާނަން" ޒީވާ މިފަހަރުވެސް ޝައިނާގާތު އިށީންނަމުން ބުންޏެވެ. އޭނާއެކޭ ދެފައި އެއްތަނެއްގައި ނުޖެހިގެން އުޅޭ މީހެކޭ ތަފާތެއް ނެތެވެ.

"ބުނެބަލަ. އެއީ ކާކުތަ؟" ޒީވާގެ ސުވާލަށް ޝައިނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. "ޕްލީޒް ޝައި.. ޝައި ތިވަރު ދެރައެއްދިނީ ކާކުކަން އެނގޭކަށް އަހަރެންނަކަށް ހައްގެއް ނޫންތަ؟ ހެޔޮނުވާނެ. އެމީހާގާތު ބުނޭ ޝައިއާ މެރީކުރަން" ޒީވާ ދެންވެސް ބުންޏެވެ.

"ނޫން ޒީ. އޭނައެއް ދެން ނާންނާނެ" ޝައިނާ އިސްޖަހައިލިއެވެ.

"އެއީ ކީއްވެ؟ ޝައި ކަހަލަ ރީތި ސްމާރޓް ކުއްޖަކާ މެރީ ކުރަން ބޭނުން ނުވާނީ ކާކު؟ ޕްލީޒް ބުނޭ. ނޫނީ އަހަރެންގާތު އެއީ ކާކުކަން ބުނެބަލަ. އަހަރެން އެމީހެއްގާތު އާދޭސްވެސް ކޮށްފާނަން." ޒީވާއަކަށް އޭނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ.

"ޒީ.. ޕްލީޒް ދެން ނުރޮއެ ހުއްޓާލަބަލަ. އިޓްސް ޔޫސްލެސް. އޭނަ އަހަރެން އެކްސެޕްޓް ކުރިޔަސް އޭނަގެ މަންމަމެން–"

"އަޅެ އެއީ ކާކުތަ؟ އެއީ ކޮންމެ އާއިލާއެއްގެ ކޮންމެ މީހަކަށްވިޔަސް އަހަރެންނަށް އެބަޔަކާ ބައްދަލުކުރަން ކެރޭނެ. ރިއާން.. ރިއާންވެސް ވާހަކަ ދައްކާނެ. ދޯ ރިއާން" ޒީވާ އޭނާގެ ފަހަތުގައިހުރި ރިއާންގެ އަތުގައި ހިފައިލަމުން ބުންޏެވެ. ރިއާންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "އެއީ ކޮންމެ ބަޔަކަށްވިޔަސް ރިއާން ވާހަކަދެެއްކިއްޔާ އެމީހުންނަށް ނޫނެކޭ ބުނާކަށް ނުކެރޭނެ" ޒީވާ ޔަގީންކަންދިނެވެ. ޝައިނާއާ ރިއާންއަށް ގޮތްހުސްވެފައި ތިބެ އެކަކު އަނެކަކަށް ބަލައިލެވުނެވެ.

"އައިމް ސޮރީ ޒީވް. ބަޓް އައި ކާންޓް ޓެލް ޔޫ" ޝައިނާ ހީވީ އޭނާގެ ފަހުގެ ނިންމުން އިއްވައިލިހެނެވެ. ޒީވާ ހިތްހަމަ ނުޖެހިފައިހުރެ އިންތަނުން ތެދުވެވުމާއެކު މިފަހަރު ރިއާން ޒީވާގެ އަތުގައި ހިފެހެއްޓުމަށްފަހު މަޑުމަޑުން ޒީވާ އޭނާއާ ގާތަށް ދަމައިލިއެވެ.

"ޒީވް.. މިގަޑީގަ ދެން އިތުރަށް ޝައިނާއަށް ޕްރެޝަރ ނުކުރޭ. ގިވް ހަރ ސަމް ޓައިމް. އެންޑް ލެޓްސް ގޯ" ރިއާން އޯގާތެރިކަމާއެކު ޒީވާގެ ކަރުނަތައް ފޮހެލައިދެމުން ހަމައެކަނި ޒީވާއަށް އަޑު އިވޭވަރަށް ބުނެލިއެވެ. ޒީވާ އަވަސް އަވަހަށް ބޯ ޖަހައިލީ އިތުރަށް އެތަނުގައި މަޑުކޮށްފިނަމަ އޭނާގެ ރުޅިވެސް ކޮންޓްރޯލުން ނެއްޓިދާނެހެން ހީވުމުންނެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރުޅި އިސްކުރުމަކީ އޭނާ ބޭނުންވާގޮތެއް ނޫނެވެ.

"ޔާ. ލެޓްސް ގޯ" ޒީވާ ރިއާންގެ އަތް ދުރުކޮށްލުމަށްފަހު ދޮރުން ނުކުންނަން ހިނގައިގަތެވެ. ޒީވާ ނުކުތުމާއެކު ރިއާން ފަސްއެނބުރި ޝައިނާއިން އެނދާ ދިމާލަށް ބަލައިލިއެވެ.

"އަހަރެންނަށް ދެން މި ސިއްރު ހިފެހެއްޓޭނީ ކިހާ ދުވަހަކުކަމެއް ނޭނގެ" ރިއާން ބުންޏެވެ.

"ޕްލީޒް ރިއާން.. ޑޯންޓް ޓެލް ހަރ" ޝައިނާ ކަރުނުން ފުރިފައިވާ ދެލޮލާއެކު ދެއަތް ޖޯޑުކޮށްލައި ރިއާންގާތު އާދޭސް ކުރިއެވެ. ނަމަވެސް ރިއާން ވަކި ރައްދެއް ދިނުމެއްނެތި އެތަނުން ނުކުމެގެން ދިޔައެވެ.

***************

ކާރުގައި ގެއާ ހިސާބަށް އާދެވުނުއިރުވެސް ޒީވާ އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ކުރީ ސީޓުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރުހުއްޓައިލައިގެން އިނދެ އިރުއިރުކޮޅާ އެ ދެލޮލުން ނީރައިލާ ކަރުނަތިކި އަތުގެ ނުފުށުން ފޮހެލައެވެ. ރިއާންގެ ހިތަށް އެ މަންޒަރުފެނި އުނދަގޫވަމުންދިޔައެވެ. ކިތަންމެ ފަހަރަކު ޒީވާއަށް ހަގީގަތް ހާމަކުރަން އަނގަ ހުޅުވައިލެވުނު ނަމަވެސް ރާހިލްގެ އެކުވެރިކަމަށް ވިސްނައިލުމަށްފަހު އެ އަނގަ ބަންދުކޮށްލެވެނީއެވެ.

"ދެޓްސް އިނަފް ޒީވް" ރިއާންގެ ހިތަށް ކެތްނުވެގެން އެންމެފަހުން ކާރުގައިހުރި ޓިޝޫފޮށި ނަގައި ޒީވާއަށް ދިއްކޮށްލިއެވެ. ޒީވާ އޭގެއިން ދެތިން ޓިޝޫ ނަގައި ދެލޯ ފޮހެލުމަށްފަހު ނޭފަތް ފޮޅައިލިއެވެ. އަނެއްކާވެސް އެދެމެދަށް ވެރިވީ އާދަޔާ ހިލާފު ހިމޭންކަމެކެވެ.

"މި އާދެވުނީ" ރިއާން ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލަމުން ބުންޏެވެ. މެންދަމުގެ ވަގުތު ކަމަށްވުމާއެކު އެ މަގުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ފިޔަވައި ދުއްވާ އެއްޗެއްގެ ހިލަމެއްވެސް ނެތެވެ.

"ހިތަށް އަރާ އަހަރެންނަށް އެއީ ކާކުކަން އެނގޭނަމައޭ. އޭރުން–"
"އޭރުން ވަކި ޒީވްއަށް ކުރެވޭނީ ކީއް؟ އެމީހެއްގާތު ޝައިނާގެ ލައިފް ސަލާމަތްކޮށްދޭން ބުނާނީތަ؟ މިވަރު ބޮޑުކަމެއްވާއިރު ޝައިނާވެސް އެމީހެއްގާތު އާދޭސް ނުކޮށް ހުންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. އެހެންނޫނަސް ޒީވްއަށް ދެންމެ ޝައިނާއަށް އައިސްފަހުރި ބަދަލު ނުފެނޭތަ؟ އެމީހަކީ އާދޭސް ކޮށްގެން ޝައިނާގެ ހަޔާތައް ގެންނަހާ ރަނގަޅުމީހެއްނަމަ ޝައިނާއަކަށް އެ ބަދަލެއް ނާންނާނެ"

ރިއާންގެ އެ ނިސްބަތްކުރީ ޝައިނާގެ އިސްތަށިގަނޑަށްކަން ޒީވާއަށް އެނގުނެވެ. ކޮށައިލެވިފައިވާ އިސްތަށިގަނޑުގެ ސަބަބުން ޝައިނާގެ މުޅި ސިފައަށް ބަދަލު އައިސްފައިވެއެވެ. އެ މަންޒަރު ސިފަވުމާއެކު އަނެއްކާވެސް ޒީވާގެ ދެލޯ ފެންކަޅިވާން ފެށިއެވެ. އެހެންކަމުން ކާރުގައި މަޑުކުރުމެއްނެތި އޭނާ ކާރުން ފައިބައި ގޭގެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭނާއާ ދާދި އެކުއެކީގައި ކަހަލަ ގޮތަކަށް ރިއާންވެސް އައިސް އެ ދޮރު ކައިރީގައި މަޑުކޮށްލިއެވެ. ޒީވާ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް އެޅި ފިޔަވަޅު މަޑުޖައްސައިލަމުން ފަސްއެނބުރި އެ ދޮރުގެ ބޭރުގައި މަޑުކޮށްލައިގެންހުރި ރިއާންއަށް ބަލައިލިއެވެ.

"ތެންކްޔޫ" ޒީވާ ހިނިތުންވާން ކުރިމަސައްކަތް ހާލަތުގެ ގޮތުން ކާމިޔާބެއް ނުވިއެވެ. ވުމާއެކު އޭނާ އަނެއްކާވެސް ރިއާންއަށް ފުރަގަސްދީ އެތެރެއަށް ވަނުމަށް ފިޔަވަޅެއް އަޅައިލިއެވެ. ނަމަވެސް ކުއްލިއަކަށް ރިއާން ޒީވާގެ އަތުގައި ހިފައި ގާތަށް އަނބުރައިލަމުން ޒީވާގެ ގައިގައި ބައްދައިލިއެވެ.

އެސްފިޔަ ޖަހައިލެވޭހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ އެ ހަރަކާތާއެކު ޒީވާއަށް ކުއްލި ސިހުމެއް ލިބި ހިތް އަވަސްވާން ފެށިއެވެ. އެއާހިލާފަށް އެ ހަރަކާތާއެކު ރިއާންގެ ހިތުގެ ތެޅުން މަޑުޖެހިލިއެވެ. ޒީވާއާ ދުރުގައި ހޭދަކުރަންޖެހުނު ދުވަސްތަކުގެ ސަބަބުން ތެޅިފޮޅެމުންދިޔަ ރިއާންގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔަކަހަލައެވެ. ލޯތްބަކީ އިންސާނާގެ ހިތް އަވަސްކުރުވާ ޖަޒުބާތެއްކަމަށް އޭނާއަށް އިވިފައިވެއެވެ. އެކަމާމެދު އޭނާގެ ޝައްކެވެސް ނެތްމެއެވެ. ޒީވާގެ ފަރާތުން އޭނާގެ ހިތާއި ލޭ އަވަސްކުރުވި ކިތަންމެ ވަގުތެއް އޭނާވެސް ވަނީ އިހުސާސްކޮށްފައެވެ. އެހެންނަމަވެސް އެ ހުރިހާ ވަގުތަކާއި މި ވަގުތުކޮޅު ތަފާތެވެ. ޒީވާއާ ވަކިން ރިއާން ހޭދަކުރީ އެންމެ ދެތިންދުވަސް ކަމުގައިވިޔަސް އެތަށްހާސް ދުވަހެއްގެ ދަތުރަކަށްފަހު މަންޒިލަށް އާދެވުނު މުސާފިރެއްގެ އިހުސާސް އޭނާއަށް ކުރެވެމުންދިޔައެވެ. އޭނާގެ އަތުތެރޭގައި ޒީވާ ހޭދަކުރަމުންދާ ކޮންމެ ސިކުންތަކާއެކު ރިއާންގެ ނަފްސަށް ހަމަޖެހުން ލިބެމުންދިޔައެވެ. އެ އިސްތަށިގަނޑުގައި ހަރުލައިފައިވާ މާމެލާމެލީގެ މީރުވަހުން އޭނާގެ ހިތަށް ފަރުވާލިބެމުންދިޔައެވެ.

"ރިއާން" ޒީވާއަށް ބޭ އިޙްތިޔާރުގައި ގޮވައިލެވުނެވެ.

"ބޭބީ ޕްލީޒް ކަމް ބެކް ހޯމް. އައި މިސް ޔޫ" ޒީވާގެ ގައިން ދޫކޮށްލުމެއްނެތި ރިއާން ބުންޏެވެ. އެ އަޑުގައިވާ އަސަރު އިވުމާއެކު ޒީވާގެ ލޮލުން ކަރުތިއްކެއް ނީރައިލިއެވެ. ނަމަވެސް އަވަސް އަވަހަށް އެ ކަރުނަތިކި ފޮހެލައި އޭނާގެ ހިތް އަމިއްލަ ނަފްސުގެ ބާރުގެ ދަށަށް ގެންނަމުން ރިއާންއާ ދުރުވެލިއެވެ.

"މިހާރު މާ ދަންވެއްޖެ ރިއާން. ދެން ގެއަށްދޭ" ޒީވާ ބުންޏެވެ.

ޒީވާގެ ހިޔާލު އަދިވެސް ބަދަލު ނުވާކަން އެނގި ރިއާންއަށް ހިންދިރުވައިލެވުނެވެ. ހީވާގޮތުން އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވާން ފަށައިފައެވެ. ފެންކަޅިވެފައިވާ އެ ދެލޮލަށް ދޮރުކައިރިީގައި ދިއްލާފައިވާ ބައްތީގެ ފަނޑު އަލި އެޅިފައިވާގޮތުން އެ ދެލޮލުގައި ބެބުޅުމެއް ހުއްޓެވެ.

"އޯކޭ" ރިއާންގެ އަޑު އައީ ކުރެހިގެންނެވެ. "ގުޑް ނައިޓް ޒީވް"

"ގުޑް ނައިޓް ރިއާން" ޒީވާ ގެއަށް ވަންނަމުން ބުނެލިއެވެ. ހަރުކުރެވިފައިވާ "ޑޯރ ކްލޯޒަރ"ގެ އެހީގައި ދޮރު އެއްކޮށް ލެއްޕެންދެން ބަލަން ހުރުމަށްފަހު ރިއާން ކާރަށް އަރައި ދުއްވައިލިއެވެ. އޭރު ޒީވާވެސް ލިފްޓަށް އަރައިފިއެވެ.

****************

ފަތިހުގެ ފިންޏާއި ހިމޭންކަމުގެ ތެރޭގައި ގޭގެ ޓެރަހުގެ ޖޯލީގައި އިށީނދެއިން ރާހިލްގެ މޫނުމަތިން ފާޅުވާންހުރީ ނުތަނަވަސްކަމެވެ. އޭނާ އެ އިންނަނީ ޝައިނާއާ ދޭތެރޭ އަމަލުކުރެވުނު ގޮތާމެދު ދެރަވެފައިކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ޝައިނާއާއެކު ހިނގައިދިޔަ ދެބަސްވުން ވަނީ އޭނާގެ ސިކުނޑި ހަަލަބޮލި ކުރުވައިފައެވެ. އެގޮތުގައި ވަނިކޮށް އެތަނަށް އިތުރު މީހެއްގެ ހިލަމެއްވިހެން ރާހިލްއަށް ހީވިއެވެ. ރަނގަަޅަށް އިސް އުފުލައި ނުލެވިގެން އުޅެނިކޮށް ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި ބޯ ރަޖަލެއް އޮޅައިލައިދިނެވެ. ރާހިލްއަށް އޭނާގެ ހަށިގަނޑު ފަތިހުގެ ފިނިން ހީކަރުވައިފައިވާ މިންވަރު އިހުސާސްވީ އަދި ކިރިޔާ ކަހަލައެވެ. ހިކި ކެއްސުމަކުން ކެއްސައިލުމަށްފަހު އޭނާ ގާތުގައި އިށީން އެލީޝާއަށް ބަލައިލިއެވެ. އަދި އެލީޝާ ދިން ފެންފުޅިން ކޯވަރެއް ބޮއެލުމަށްފަހު ބިންމަތީގައި ބެހެއްޓިއެވެ.

"ރެއިންސުރެން މިތާނގަ ދޯ ތި އިންނަނީ؟ އަހަރެންނަށް ދަންވަރު ހޭލެވުނުއިރުވެސް ރާހިލް ފެންނާކަށް ނެތް. ބެލްކަނިވެސް ބެލިން. އަނެއްކާ ދެންމެ ހޭލިއިރު ނެތީމަ އެނގިއްޖެ މިތާކަން އިންނަނީ. ރާހިލް އަބަދުވެސް ނުނިދިގެން އުޅެންޏާ އަންނަނީ މިތަނަކަށްނު" އެލީޝާގެ ވާހަކައަކަށް ރާހިލްގެ އެއްވެސް ސަމާލުކަމެއް ނުލިބުނީތީ ދެންވެސް ވާހަކަ ދައްކަން ޖެހުނީ އެލީޝާއަށެވެ.

"ރާހިލް.." އެލީޝާ ރާހިލްގެ އަތުގައި ހިފައިލިއެވެ. "އަހަރެންނަށް އެނގޭ ރާހިލް ތި ވިސްނަނީ އިއްޔެ ހިނގި ކަންތަކާމެދުގަކަން. ހަގީގަތުގައި ރާހިލް އަހަރެންނަށްޓަކައި ތި ކޮށްދޭ ހުރިހާ ކަމަކަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް އަހަރެންނަކަށް ނޭނގެ. އެކަމަކު ރާހިލްއަށް އެއިން ކޮންމެ ކަމަކުން ލިބެނީ އިތުރު ހިތާމައެއް. ރާހިލްގެ ދިރިއުޅުމުގަ ދުވަހެއް ދުވަހަކަށް ރެނދު އަޅަމުންދާކަން ރާހިލް ނުބުންޏަސް އަހަރެންނަށް އެނގޭ. ދެން ކީއްވެ ރާހިލް އިއްޔެ އެގޮތަށް ކަންތައްކުރީ؟" އެލީޝާގެ ހިތުގައި ރާހިލްއާމެދު ހަމްދަރުދީ އުފެދުނެވެ.

"ނޭނގެ އެލީ.. ތިކަހަލަ ސުވާލު އަހަރެންނާ ނުކުރޭ. އަހަރެން.. އެލީ އަހަރެންގާތު އެހީއަށް އެދުނު ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އަހަރެން އެލީއަށް ފުރަގަސްދޭން ބޭނުންވި ކިތަންމެ ފަހަރެއް އައި. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް އަހަރެން ހިތަށް އަރަނީ އެލީއަށް އެ އެހީތެރިކަން ނުދީ ދުރަށް ގޮސްފިނަމަ އަހަރެންނަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނޭ. އެލީއަށް އެނގޭތަ ނާޝިދަކީ އަހަރެންގެ ދޮންބައްޕަކަން؟ އަހަރެންގެ އަސްލު ބައްޕަ އަހަރެންނާ މަންމަ މަގުމައްޗަށް ދޫކޮށްލީ މަންމަ ޒީއަށް ބަލިވެ އިންދާ. އެލީއެކޭ އެއްގޮތަށް އަހަރެންގެ މަންމަގެވެސް އާއިލާއެއް އޮތޭ.. އެ އާއިލާއިން މަންމަ ގަބޫލުނުކުރީ. އެދުވަހު ނާޝިދު އަހަރެމެންނަށް އަޅާނުލިނަމަ އަހަރެންނަކަށްވެސް ޒީ އަކަށްވެސް މިހާ އުފާވެރި ތަނަވަސް މުސްތަގްބަލެއް ނުލިބުނީސް. ސޯ އައި ހޭވް ސީން ހައު ހާޓްލެސް ސަމް ފެމިލީޒް ކޭން ބީ. އެންޑް ވެން އައި މެޓް ޔުއަރސް.. އަހަރެންނަށް ޔަގީންވި އެލީގެ ފެމިލީއަކީވެސް އެމީހުންގެ ނަމާއި އަބުރު ސަލާމަތްކުރަން އެލީ މަގުމަތިވާން ދޫކޮށްލާނެ ފެމިލީއެއްކަން. އެކަމުގެ ސަބަބުން އެލީއަށް ގެއްލުމެއް ވިއްޔާ އެ ގިލްޓްއިން އަހަރެން ސަލާމަތްވާނީ ކިހިނެއް؟ އަބަދުވެސް އަހަރެންގެ ނަފްސު އެކަމާމެދު ހުންނާނީ ނުތަނަވަސްވެފަ."

އެލީޝާއަށް އިނީ ރާހިލް ދެއްކި ވާހަކަތަކާމެދު ބުނާނެ އެއްޗެއް ނޭނގިފައެވެ. މާޒީގެ ހަނދާންތަކެއްގެ ސަބަބުން ރާހިލްގެ މުސްތަގުބަލުގައި އެޅުވިފައި މި ވަނި ކިހާ ބޮޑު ތަޅެއް ހެއްޔެވެ؟ އެ ތަޅު ހަލާކު ކޮށްލެވެންއޮތް ހަމައެކަނި މީހަކީ އޭނާއެވެ. ރާހިލްގެ މަންމައަށް އެދުވަހު ދިމާވި ހާލަތާއި އޭނާގެ ހާލަތު އެތަށްހާސް ގޮތަކުން ތަފާތެވެ. އޭނާއަކީ ސިއްޚީ ދާއިރާއިން ރަނގަޅު ހިސާބަކަށް ކިޔަވައިފައިވާ ޒުވާނެކެވެ. އިތުރަށް އޮތް ދެތިން އަހަރުގެ ކިޔެވުން ނިންމައިލުމަށްފަހު އޭނާއަށް އަމިއްލަ ފައިމައްޗަށް ތެދުވެ ދަރިފުޅު ބެލުމުގެ އިޙްތިޔާރުވެސް އެބަ އޮތެވެ. ނަމަވެސް އެކަން އެގޮތަށް ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ރާހިލްއަށްޓަކައި އޭނާގެ ހިތުގައި އުފެދެންފެށި އިހުސާސްތަކަށް ފުރުސަތެއް ދޭން އޭނާ ބޭނުންވިއެވެ. އޭނާގެ ފުރަތަމަ ލޯބި އޭނާއަށް މިހާރުވަނީ ގެއްލިފައެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި ނަމަވެސް އެލީޝާއަށް އަމިއްލަ އެދުން އިސްކުރެވުނެވެ.

"ދެން ޝައި.. ޝައި ބުނީ ކީކޭ؟" އެލީޝާ އަހަން ނާހަން އިނދެފައި ކަހަލަގޮތަކަށް އަހައިލިއެވެ.

އެ ސުވާލާއެކު ރާހިލްގެ ސިކުނޑި އަނެއްކާވެސް ޝައިނާގެ ހިޔާލުތަކުން ފުރުނެވެ. ޖަވާބުދޭން އަނގަހުޅުވައިލި ނަމަވެސް ޝައިނާގެ ކަރުނުން ފުރިފައިވާ ދެލޯ ސިފަވުމާއެކު އޭނާގެ އަޑެއް ނުނިކުތެވެ. ޝައިނާ ކުރި ކޮންމެ ޝަކުވާއަކާއި ރުއި ކޮންމެ ރުއިމެއްގެ އަޑު އޭނާގެ ކަންފަތްދޮށުގައި ތަކުރާރުވާން ފެށިއެވެ. އޭނާއަށް ކުރެވުނު ކަމަކާހުރެ ހަމަބުއްދި ގެއްލިފައިވާ މީހަކު ފަދައިން ޝައިނާގެ އަމަލުތައް ރޭގައި ހުރިގޮތް ހަނދާންވުމާއެކު ރާހިލްގެ ހިތަކަށް އިތުރަށް ކެތެއްނުވިއެވެ. ލޮލުން ފައިބައިގަތް ކަރުނަތައް އެލީޝާއަށް ސިއްރުކުރުމަށް އިތުރަށް ޖޯލީގެ ކުރިއަށް ޖެހިލައި ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލިއިރު އޭނާގެ ހަށިގަނޑު ދިޔައީ ތުރުތުރުލަމުންނެވެ.

"ރާހިލް.. ރާހިލް!! އޯ މައި ގޯޑް އަރ ޔޫ އޯކޭ؟ ރާހިލް.." އެލީޝާ ކަންބޮޑުވިއެވެ.

"ޝީ.. ޝީ ކްރައިޑް އަ ލޮޓް އެލީ" ރާހިލްގެ އަޑުން ގިސްލުމުގެ އަސަރު ފާޅުވާން ހުއްޓެވެ. "ޝީ ކްރައިޑް.. ސޯ މަޗް. އައި.. އައި ވޯންޓެޑް ޓު ކި.. ކިލް މައިސެލްފް ރައިޓް ދެއަރ އެންޑް ދެން" އަސަރުގަދަ ވޭންހުރި އަޑަކުން ރާހިލް އެ ބުނި ވާހަކަ އަހަން އެވަގުތު އެތަނުގައި ހުރި މީހެއްގެ ހިތް ކުދިކުދިވާނެކަން ގައިމެވެ. އެލީޝާއަށްވެސް ވީ ހަމަ އެހެނެވެ. އިށީނދެ އިން ޖޯލިން އުނދަގޫ ކަމާއެކު ތެދުވެގެންގޮސް ރާހިލްގެ ގައިގައި ބައްދައިލިއިރު އެލީޝާގެ ދެލޮލުންވެސް ކަރުނަ ފާއްދާލައިފިއެވެ. އޭރުވެސް ރާހިލް އެ އިންގޮތަށް ދެއަތުގެ ތެރޭގައު މޫނު ފޮރުވައިލައިގެން އިނދެ ގިސްލަގިސްލާފައި ރޮމުންދިޔައެވެ. އެވަގުތު އެލީޝާ ގޮތް ނިންމިއެވެ. ރާހިލްއާމެދު އޭނާގެ ހިތުގައި ކިތަންމެ ވަރުގަދަ އިހުސާސްތަކެއް އުފެދުނު ނަމަވެސް އެއީ ޝައިނާދެކެ ރާހިލްވާ ލޯތްބާ އެއްވެސް ގޮތަކުން އަރައި ހަމަކުރެވޭނެ އިހުސާސްތަކެއް ނޫންކަން އެނގި މީގެ ކުޑަ އިރުކޮޅެއްކުރިން އޭނާ ނިންމި ނިންމުން ބަދަލު ކުރިއެވެ.

"ރާހިލް. ހުއްޓާލަބަލަ. ކެތްތެރިވޭ… އަހަރެން ރާހިލްގެ ދިރިއުޅުން ސަލާމަތްކޮށްދޭނަން. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އަހަރެން ޝައިއާ ވާހަކަ ދައްކާނަން. ބޭބީ ވިހެއުމަށްފަހު އަހަރެން ވީހާވެސް އަވަހަކަށް ފުރާނަން. ކޯސް ނިންމާފަ އަމިއްލަ ފައިމައްޗަށް ތެދުވެ މި ކުއްޖާ ބޮޑުކުރާނަން. އޭރުން ރާހިލް އަހަރެންނާ ދޭތެރޭ ވިސްނާކަށް ނުޖެހޭނެ. ރާހިލް.. ޝައިނާއަށް ވިސްނައިދީ… ކުޑަ ދުވަސްކޮޅަކަށް ކެތްތެރިވާ–"

"އަހަރެން މަސައްކަތްކުރީމޭ ވިސްނަދޭން އެލީ. އެކަމަކު" އެލީޝާގެ ވާހަކަ ފުރިހަމަ ނުވަންދެން ރާހިލް ބުންޏެވެ. އޭނާ މޫނުގައި އަޅައިގެން އިން އަތް ދުރުކޮށްލުމަށްފަހު ދެލޯ ފޮހެލަމުން ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.

"އަހަރެން އަދިވެސް މަސައްކަތް ކުރާނަން.. ދެން ދަނީ.. އެލީ ބޭނުމިއްޔާ މިތާ މަޑުކޮށްލިޔަސް އެންމެ ރަނގަޅު" ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު އިންތަނުން ތެދުވިއެވެ. އަދި ކޮނޑުގައި އޮތް ބްލޭންކެޓް ނަގައި އެލީޝާގެ އަތަށް ދިއްކޮށްލަމުން ޓެރަހުން ފޭބުމަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ އަލަމާރިން ނެގި އޮފީސް ގަމީހާއި ފަޓުލޫނު އެނދުމަތީގައި ބޭއްވުމަށްފަހު އަތުގައި އޮތް ފޯނު ޗާޖަށް ޖަހައިލިއެވެ. ފޯނު ހުޅުވުމާއެކު އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ޝިމާންއާއި ރިއާންގެ ފަރާތުން އައިސްފައިވާ އެތަށް މިސްޑް ކޯލްތަކެވެ. އެ ކޯލުތަކުގެ ހަގީގީ ސަބަބު ނޭނގިހުރެ ރާހިލްއަށް އޭގެ މާނަ ނެގުނީ މުޅިން ގޯސްކޮށެވެ. އެއީ އޭނާއަށް ޝައިނާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާމެދު ރުޅިއައިސްގެން އޭނާއަށް އެއްޗެހިގޮވަން އެމީހުން ކޮށްފައިވާ ކޯލުތަކެއްގެ ގޮތުގައެވެ. ނަމަވެސް އެމީހުން ކިޔާހާ އެއްޗެއް އަހާނެހާ ހިތްވަރެއް އަދި ހަކަތައެއްވެސް އޭނާގެ ނެތެވެ. އެހެންކަމުން އޭނާ އެ ފޯނަކާއި ފޯނެއް ދޫކޮށްލުމަށްފަހު ތުވާލި ހިފައިގެން ފާހާނާއަށްވަނެވެ.

******************

އާރް. އެލް އިމާރާތުގެ ބޭރަށް ކާރުގައި އައިސް މަޑުކޮށްލި ޝައިނާ ލޮލުގައި އޮތް އަވިއައިނު ނަގައި ދަބަހުގެ ތެރެއަށް ވައްޓައިލަމުން އިމާރާތަށް ވަނުމަށް ހިނގައިގަތެވެ. އޭނާއަށް ބަލައިލައިފި އެކަކަށްވެސް އެއީ މީގެ ހަގަޑިއިރު ކުރިއާ ޖެހެންދެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް މީހެކޭ ބުނާކަށް ނޭނގޭނެއެވެ. ލައިގެން ހުރި ކަޅުކުލައިގެ ގަމީސް އެއާގުޅޭ ކަޅުކުލައިގެ އޮފީސް ހަރުވާޅާއެކު ބެގީ ކޮށްލައިފައި ހުރި އިރު ކޮނޑާއި ހިސާބަށް އޮތް އިސްތަށިގަނޑު ވަނީ ޒަމާނީ ގޮތަކަށް ކޮށައިލައިފައެވެ. ތުންފަތުގައި ޖައްސައިފައިވާ ގަދަ ރަތްކުލައާއި ގުޅޭ ރަތްކުލައިގެ އުސްފައިވާނުގައި ފަރިތަކަމާއެކު ގޮސް އޭނާ މަސައްކަތްކުރާ ތަނަށް ވަނުމާއެކު މުޅި ޑިޕަރޓްމެންޓް އެކުގައި ހިމޭންވިއެވެ. ބައެއްމީހުންގެ އަތުގައި ހުރި ފޮތާއި ގަލަންފަދަ ތަކެތިވެސް ބިންމައްޗަށް ވެއްޓުނުއިރު އެކަކުގެ އަނގައިގައިހުރި ފެންފޮދު ދިރުވައިލަން އުޅުމުގެ ތެރޭގައި ކުށިވެސް އެރިއެވެ. އެ އެންމެންގެ ނަޒަރު އަމާޒުވެފައިވަނީ ޝައިނާގެ އިސްތަށިގަނޑަށެވެ. އެއީ ޝައިނާ އެ އިސްތަށިގަނޑަކާހެދި ކިހާ ވަރެއްވާ އިސާތަށިގަނޑެއްކަން އެ އެންމެނަށްވެސް އެނގޭ ކަހަލައެވެ. ނަމަވެސް ޝައިނާ އެއްވެސް ކަމެއް ނޭނގޭކަމަށް ހަދައިފައިގޮސް އޭނާއަށް ހާއްސަކުރެވިފައިވާ ޖާގައިގައި އިށީނެވެ. އެއަށްފަހު އޭނާގެ ދަބަހުން ނެގި އޭ 4 ސައިޒުގެ ކަރުދާސްގަނޑެކެވެ. އޭގައި އިނގިރޭސި އަކުރުން ސިޓީއެއް ލިޔެވިފައިވެއެވެ. ޝައިނާ އެ ސިޓީއަށް ބަލައިލުމަށްފަހު މޭޒުމަތީގައިހުރި ފޯނުގައި ނީމްއަށް ގުޅައިލަމުން އެ ފޯނުގެ އަތްގަނޑު ނަގައި ކަންފަތުގައި ޖަހައިލިއެވެ. ނީމްގެ ކޯލު ނިންމައިލުމަށްފަހު އެ ސިޓީ ހިފައިގެން ރިއާންއާ ބައްދަލުކުރުމަށް ދިޔައެވެ.

"މިވަގުތު ބިޒީއެއް ނުވާނެ ދޯ؟" ޝައިނާ ޔަގީންކޮށްލުމުގެ ގޮތުން ނީމްގާތަށް ހުއްޓި ފޯނުން އެހި ސުވާލު ތަކުރާރުކޮށްލިއެވެ.

"ޔެސް ސަރ ބުނުއްވީ– ޝައި؟؟" އިސް އުފުލައިލިވަގުތު ނީމްއަށް ޝައިނާ ފެނުމާއެކު ސިހުމެއް ލިބުނެވެ. އަވަސް އަވަހަށް މޭޒުގެ ވަށައިލައިފައި އައިސް ޝައިނާގާތަށް ހުއްޓިލިއެވެ. "އޯ އެމް ޖީ ބޭބް. ޔޫ ލުކް ގޯޖަސް.. އެކަމަކު ކީއްވެ ބޯ ކޮށާލީ؟" ނީމް ޝައިނާގެ ބޮލުން ފެށިގެން ފަޔަށް ބަލައިލަމުން ބުންޏެވެ.

"ދެން ނުކުމެފަ ތި ވާހަކަ ދައްކާނީ ދޯ" ޝައިނާ ހުރީ ރިއާންއާ ބައްދަލުކުރަން ކެތްމަދުވެފައި ކަހަލައެވެ.

"ހްމްމް. ސަރ މިއަދުވެސް ބުންޏޭ ޝައި ދެން އޮފީހަށް ނުކުންނަ ދުވަހަކުން މީޓިންގްއެއް އެރޭންޖް ކޮށްލަން. ޝައި އަމިއްލައަށް ފެނިގެން އައިމަ މާ ރަނގަޅެއްނު"

ނީމްގެ ވާހަކައަށް ހިނިތުންވެލި ޝައިނާގެ ސިކުނޑީގައި ރިއާން އޭނާއާ ބައްދަލުކުރަން ބޭނުންވާ ސަބަބާއިމެދު ސުވާލުމާކު ޖެހުނެވެ. ނަމަވެސް އޭނާއަށް އެކަމާމެދު ވިސްނައިނުލެވިގެން އުޅެނިކޮށް ނީމް ރިއާންގެ ކެބިންގައި ދެފަހަރަކު ޓަކި ޖަހައިލުމަށްފަހު ދޮރު ހުޅުވައިލިއެވެ. އޭނާއަށްވެސް ޖެހުނީ ނީމްއާއެކު ކެބިންގެ ތެރެއަށް ވަންނާށެވެ.

"ސަރ. ޝައިނާ އެބަހުރި ބައްދަލުކޮށްލަން އައިސް" ނީމް ބުނި ބަހަށް ރިއާންގެ އިޒުނަ ލިބުމާއެކު ޝައިނާ އަވަސް ފިޔަވަޅުތަކެއްގައި ރިއާން އިން މޭޒުގެ ކުރިމައްޗަށް ވާގޮތަށް ހުއްޓިލިއެވެ. ރިއާން ނީމްގާތު ދެން ދިޔަސް އެންމެ ރަނގަޅު ކަމުގައި ބުނަމުން ޝައިނާއަށް އިށީނުމަށް އިޝާރާތްކުރިއެވެ.

"ހިއެއް ނުކުރަން މިއަދު ޝައިނާ ނުކުންނާނެ ކަމަކަށް. ކޮން ވާހަކައެއް ދައްކަން ތިއައީ؟" ރިއާން އަތުގައި އޮތް ގަލަން ބާއްވައިލުމަށްފަހު ޝައިނާގެ ވާހަކައަށް ސަމާލުކަން ދިނެވެ.

"އެކްޗުއަލީ.."

"އެކްޗުއަލީ ވެއިޓް" ރިއާން ޝައިނާގެ ވާހަކަ މެދުކަނޑައިލަމުން މޭޒުގެ އަރިމަތީގައިހުރި ވަތްގަނޑުތަކުން ވަތްގަނޑެއް ދަމައިލައި އޭގެއިން ނެގި ފައިލު މޭޒުމަތީގައި ބާއްވައިލިއެވެ.

"ޝައިނާއަށްވެސް އެނގޭނެ ޝައިނާގެ ކޮންޓްރެކްޓް ހަމަވާން ބާކީ އޮތީ މަހެއްހާ ދުވަސްކަން. ކުރީ ދުވަހަކު ކޮމްޕެނީގެ ސީނިއަރ އާކިޓެކްޓްގެ ރެސިގްނޭޝަން ލައިފަވަނީ. އަހަރެންގެ އިތުރުން މުޅި ޓީމް އިންވެސް ފާހަގަކުރޭ ދެން ހުރި ޖޫނިއަރ އާކިޓެކްޓުންނަށްވުރެން ޝައިނާގެ މަސައްކަތްތައް ރަނގަޅުކަމަށް. ސޯ ކޮންޓްރެކްޓް އެކްސްޓެންޑް ކުރުމުގެ ހިޔާލެއް އަހަރުމެން ގެންގުޅެނިކޮށް މިކަން ކުރިމަތިވީމައާއެކު އަހަރެން ޝައިނާއަށް މި ހުށަހަޅަނީ ޕްރޮމޯޝަނެއް. އާރް. އެލްގެ ސީނިއަރ އާކިޓެކްޓްގެ ޕޮޒިޝަން."

ރިއާން މޭޒުމަތީގައި ބޭއްވި ފައިލު ޝައިނާގެ ގާތަށް ޖައްސައިލިއެވެ. އޭނާ ހުރީ އެ ނިންމި ނިންމުމާ ދޭތެރޭ ނިކަން ހިތްހަމަޖެހިފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެ ވަގުތަކީ އެކަމާ ނުހަނު އެކަށީގެންވާ ވަގުތެކެވެ. އެފަދަ ފުރުސަތެއް ލިބުމަކީ އަމިއްލަ ދިރިއުޅުމުގެ ސަބަބުން މުސްތަގްބަލާމެދު މާޔޫސްވެފައިވާ ޝައިނާއަށް ލިބޭނެ އިތުރު ހިތްވަރެއްކަމުގައި އޭނާ ދެކުނެވެ. އެވަގުތަކީ ކުންފުންޏަށްވެސް ޝައިނާގެ ބޭނުންޖެހިފައިވާ ވަގުތެއްމެއެވެ. ޝައިނާ އެ ހުށަހެޅުން ގަބޫލު ނުކޮށްފިނަމަ އާރް.އެލްއަށް ޖެހޭނީ ކުންފުނީގެ އެންމެ އިސް އެއް މަގާމަށް ބޭރުން މުވައްޒަފަކު އައްޔަން ކުރާށެވެ. އެއަށްވުރެން ކުންފުނީގެ މަސައްކަތްތައް ކުރިއަށްދާގޮތް ދަންނަ އެކަމަށް ފަރިތަ މީހަކަށް އެ މަގާމު ދިނުން ރިއާންއަށް ހުރިހާގޮތަކުންވެސް ރަނގަޅެވެ.

"ޝައިނާ" މޭޒުގައި އޮތް ފައިލަށް ދެލޯ ބޮޑުކޮށްލައިގެން އިނދެ ބަލަމުންދިޔަ ޝައިނާއަށް ހޭވެރިކަންވީ ރިއާން އޭނާގެ ނަމުން ގޮވައިލުމުންނެވެ. އެއާއެކު ޝައިނާ އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން ބޯ ހޫރައިލިއެެވެ.

"އައިމް ސޮރީ ސަރ. އަހަރެންނަކަށް ތި ހުށަހެޅުން ގަބޫލެއް ނުކުރެވޭނެ." ޝައިނާގެ ޖާވާބާއެކު ރިއާންގެ ނިތަށް ރޫތަށް ގިނަވިއެވެ.

"އެއީ ކީއްވެ؟ ޝައިނާއަށް އެނގޭދޯ މިއީ ޝައިނާގެ ކެރިއަރ އަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުންކަން؟" ރިއާން މަސައްކަތްކުރީ ޝައިނާއަށް ވިސްނައިދޭށެވެ.

"ތި ހުރިހާ އެއްޗެއްވެސް އެނގޭ. އެކަމަކު އަޅުގަނޑަކަށް ތި އޮފަރ އެކްސެޕްޓެއް ނުކުރެވޭނެ. އިންފެކްޓް.. އައިމް ހިއަރ ޓު ސަބްމިޓް މައި ރެސިގްނޭޝަން" ޝައިނާ އަތުގައި އޮތް ވަޒީފާއިން ވަކިވުމަށް އެދޭ ސިޓީ މޭޒުމަތީގައި ބާއްވައިލަމުން ބުންޏެވެ.

ރިއާންއަށް ލިބުނު ސިހުމުގައި ގޮނޑީގެ ކުރިއަށް ޖެހިލައި އެ ސިޓީއަށް ބަލައިލެވުނެވެ. އޭނާއަށް އެއީ ކޯއްޗެއްކަން ޔަގީންވުމާއެކު އެތަށް ހާސް ސުވާލެއް އެއްފަހަރައި ކޮށްލާ ފަދައަކުން ބުމަ ގޮށްޖަހައިލައިގެން އިނދެ ޝައިނާއަށް ބަލައިލެވުނެވެ.

"އަރ ޔޫ ސީރިއަސް؟ ކީއްވެ؟" ރިއާންއަށް އަހައިލެވުނެވެ. އޭނާއަކީ އާއްމުކޮށް މުވައްޒަފުންގާތު އެކަހަަލަ ޒާތީ ސުވާލު ކުރާ މީހެއް ނޫން ނަމަވެސް ޝައިނާގެ އެ ނިންމުމާއި ރާހިލްއާ ގުޅުމެއްވާކަން އެނގި އެ ސުވާލު ނުކޮށެއް ނުހުރެވުނެވެ.

"ތިހެން އަހާއިރުވެސް ސަރ.. މިބުނީ ރިއާންއަށް އެނގެއެއްނު ކީއްވެކަން. މި އޮފީހުގަ މަސައްކަތްކުރަން މިހާރު އަހަރެންނަށް ވަރަށް އުނދަގޫ. މިތަން މާ ޕަރސަނަލް ތަނަކަށްވެއްޖެ. އަހަރެންނާ ރާހިލްގެ ގުޅުން ފެށުނީވެސް މި އިމާރާތުގަ. މި އޮފީހުގަ ހޭދަވާ ކޮންމެ ވަގުތަކު.. މިތަނުގެ މުވައްޒަފުން އަދި ރިއާންއާއި ދިމާވާ ކޮންމެ ފަހަރަކު ރާހިލްގެ ކެހިވެރިކަން އަހަރެން ހަނދާންވާނެ. އަހަރެން އެ ގޮތް ބޭނުމެއްނޫން.. ބޮޑަށް ރަނގަޅީ އަހަރެން ވީހާވެސް އަވަހަށް ދޫކޮށްދިނިއްޔާ. ދެތިން ދުވަހުގެ ތެރޭ މަސައްކަތްތައް ހަވާލުކޮށް ނިންމާދޭނަން" ޝައިނާ ބުންޏެވެ.

"ޝައިނާ ޔަގީންތަ މިއީ ވިސްނާފަ ނިންމި ނިންމުމެއްކަން؟"
ރިއާންގެ ސުވާލަށް ޝައިނާ ބޯ ޖަހައިލިއެވެ.

"ދެގަޑިއިރު ވަންދެން އަހަރެން ވިސްނިން. އެވަރު ފުދޭ. ދެ ގަޑިއިރުން ބަދަކުނުވި ނިންމުމެއް ދެ ދުވަހަކުން އަދި ދެ އަހަރަކުންވެސް ބަދަލެއް ނުވާނެ" އޭނާ ބުންޏެވެ.

"އެންމެ ރަނގަޅު. ޝައިނާ އިހަށް ސިޓީ ބާއްވާފަ ދޭ. އަހަރެން މި މިއަދު އެޗް.އާރް. އާ ހަވާލުކޮށްލާނަން." ރިއާން ބުންޏެވެ. ޝައިނާއާއެކު އެ ސިޓީ ފޮނުވައިލުމުގެ ބަދަލުގައި ޝައިނާ ނުކުތުމުން އެ ސިޓީ ގޮނޑީގައި އަޅުވައިފައި އޮތް ކޯޓުގެ އެތެރެ ޖީބަށް ކޮށްޕައިލިއެވެ. އަދި އެ ކޯޓު ނަގައި ކޮނޑުމަތިން އަޅުވައިލުމަށްފަހު ފޯނުން ކޮންމެވެސް ނަންބަރަކަށް ގުޅަމުން ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ.

***************

"ނުވާނެ މިހެނެއް! ސިސް މިކަހަލަ ވާހަކައެއް ނުވެސް ދައްކާ." އަތުގައި އޮތް ސިޓީއަށް ބަލައިލަމުން ގަބޫލުނުކުރެވިފައި އިނދެ ޝިމާން ކައިރީގައި ހުރި ރިއާންގާތު ބުންޏެވެ. އެދެމީހުން ތިބީ ޝިމާން މަސައްކަތްކުރާ ކުޑަކުދިންގެ ބާސްކެޓްބޯޅަ އެކަޑެމީގެ ޓްރެއިނިންގް ކޯޓުގައެވެ. ޓްރޭނިންގް ނިންމައިލައި ކުދިން ގެއަށް ފޮނުވުމަށްފަހު ޝިމާން އެ ސިޓީއާއެކު ބެންޗުގައި އިށީނދެލައިގެން އިންއިރު ރިއާން އަތުގައި އޮތް ބާސްކެޓް ބޯޅަ ދާގަނޑާއި ދިމާކުރަމުންދިޔައެވެ. އޭނާއަށް އެވަގުތުވަނީ ޓްރޭނިންގް ކޯޓު ހިތަކަށް ލިބިފައެވެ. ރަސްމީ ހެދުމުގައިހުރެ ބާސްކެޓު ކުޅުނެކޭ ކިޔައި އޭނާއަށް ފާޑުކިޔާނެ މީހަކު އެތަނުގައެއް ނެތެވެ.

"ކޮންއިރަކު ސިސް މީތި ދިނީ؟" ދެންވެސް އިވުނީ ޝިމާންގެ ސުވާލެކެވެ. ރިއާން އަތުގައި އޮތް ބޯޅަ ފަހު ފަހަރަށް ދާގަނޑުގެ ތެރެއަށް ދޫކޮށްލަމުން މަޑު ހިނގުމެއްގައި އައިސް ޝިމާންގާތު އިށީނެވެ.

"މިއަދު ދިނީ. އެހެން މީހެއްގާތު އަހަރެން ތިވާހަކައެއް ނުދައްކަން. އެނގޭ އަންޕްރޮފެޝަނަލް ކަމެއް ކަންވެސް މި ކުރެވުނީ. އެކަމަކު ޝިމާންއަށް ތިކަމުން އަސަރުކުރާނެ ނިންމުމެއް ވީމަ ތީގެ ސަބަބެއް އެނގޭތޯ ބަލާލީ" ރިއާން ބުންޏެވެ.

"ސަބަބު ވަރަށްވެސް ސާފުކޮށް ކިޔައިދީފިއެއްނު. އަހަރެންގާތު ނުބުނީމަ ދެރައީ.. ހިއެއްނުވޭ ސިސް އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ގަންނާނެހެނެއް" ޝިމާން އެ ސިޓީ ރިއާންއަށް ދިއްކޮށްލަމުން ކޯޓަށް އެރިއެވެ.

"އެހެންވިއްޔާ މައްސަލައެއް ނެތް. އެކަމަކު ޝިމާން މަސައްކަތް ކުރާތި އަދިވެސް ޝައިނާގެ ނިންމުން ބަދަލުކުރެވޭތޯ" ރިއާން އެދުނެވެ.

"ހްމްމް. ސިސްއާ ކުޑަކޮށް ތިވާހަކަ ދައްކާނަން. މެޗް؟" ޝިމާން އަތުގައި އޮތް ބާސްކެޓްބޯޅަ ރިއާންއާ ދިމާލަށް އެއްލަމުން ބުންޏެވެ.

"އައި ޑޯންޓް ލައިކް ޓު ލޫޒް" ރިއާން ހިނިގަނޑެއް ޖަހައިލަމުން ތެދުވިއެވެ.

"ކަމޯން. ބޭބެ ބުނި ރިއާންބެވެސް ކުޅެޔޭ." ޝިމާން މަޖާވެލައިފައި ބުންޏެވެ.

"އައިމް ރިޓަޔަރޑް" ރިއާން ކާރުގެ ތަޅުދަނޑިއާއި ކޯޓު ބެންޗުމަތިން ނެގުމަށްފަހު އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އޭރު ޝިމާން އޭނާގެ ފަހަތުން ތިއީ ފިނޑިއެކޭ ގޮވައިލި އަޑު އިވުނެވެ. އެއީ އިޝްވާ އަބަދުމެ ޒީވާގެ ކަންތައްތަކުގައި އޭނާއާ ދިމާލަށް ކުރާ މަލާމާތެކެވެ. ރިއާން ދެފަރާތަށް ބޯ ހޫރައިލަމުންގޮސް ބޭރުގައި އޮތް ކާރަށް އަރައި ހަމަޖެހިލީ ޝިމާންއާއި އިޝްވާގެ އެއްގޮތްކަން ވިސްނި ހިނިތުންވެފައި ހުރެގެންނެވެ.

"ވެލް އެޓް ލީސްޓް ސަމް އޮފް އަސް އިން ލަވް އަރ ޑުއިންގް ވެލް" ހިތާހިތުން އެ ޖޯޑަށް ތައުރީފުކޮށްލަމުން ރިއާން ކާރު ދުއްވައިލިއެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަޅޭ ހާދަ ކުރުހެންނޭ ހީވަނީ… ރަގަޅީ ޝައި އެރާހިލްއާއި ވީހާ ދުރަކަށް ދިޔައިއްޔާ އޭރުން ހުންނާނީ ރަގަޅަށް އެރާހިލްއަށް ވިސްނިފަ

  2. އެއްޗެއްގެ މުހިންމުކަން އިގޭނީ އެއެއްޗެއް ގެއްލުމުން ރާހިލްއަށް ވެސް ވާނީ އެހެން މިހާރު އޭނަގެ އަމަލުތައް ހުންނަނީ ތިމަންނަ ކޮންމެކަމެއް ކުރިޔަސް ކޮންމެ ގޮތަކައް އުޅުނަސް ޝައި ހުންނާނޭ.. އެލީގެ ފެމެލީއާއި މެދު ވިސްނާގޮތައް ކީއްވެބާ ހިތައްނާރަނީ މިވަގުތު ޝައިގެ ހުރިހަމައެކަނި ފެމެލީއަކީ ރާހިލްކަން ..

  3. މިނޫން ވަރެއްވާނީ ކޮންދުވަހަކުންބާ…. ރާހިލް ތިޔަ އެލީއެއްގެ ކަރުގަ އެލިގަނެގެން އަބަދު އޮވެބަލަ. ފޫހި ވެއްޖެ ރާހިލް އުޅޭ ވައްތަރަކުން… ކައިވެނިކޮއްގެން ދުނިޔެއަށް ލަދުންމިއުޅެނީ މީނާ އެކަނި…

    2
    2

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު