ހިތް އެދޭހާ ކަމެއް.. (61 ވަނަބައި)

ޝީރީން އާދައިގެ މަތިން ރިއާންއާ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ. އޭނާއަށް ނޭނގުނީ އެފަދަ އޯގާތެރިކަމަކަށް ނިހާޔަތަށް ބޭނުންވެފައިވި ރިއާން އެ ބަސްތަކާއެކު ފުނޑުފުނޑުވިކަމެވެ. ރިއާންގެ ދެލޮލުގައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ކޯރުލައި ފައިބައިގަތް ވަގުތު ކަކުލުގައި އަޅުވައިލައިގެން އިން އަތުގެ ތެރޭގައި އެ ދެލޯ ފޮރުވައިލަމުން ރިއާންއަށް ކުރެހިފައިވާ އަޑަކުން ޝީރީންއަށް ގޮވައިލެވުނެވެ.

"މަން.. މަންމާ"

ހަޔާތުގެ ފުރަތަމަ ފަހަރަށް ރިއާން އޭނާއަށް މަންމަގެ ނަމުން މުހާތަބު ކުރުމާއެކު ޝީރީނަށް ލިބުނީ ހައިރާންކަމެވެ. ޖަޒުބާތުގައި ޖެހުނުވަތުން ދެލޮލުން ކަރުނަ ހިލިގެންދިޔައެވެ. ހުރި ފިޔަވަޅުމަތިން ފައި ކައްސައިލަފާނޭ ހީވާން ފެށުމާއެކު ދެއަތުން ފޯނުގައި ހިފަހައްޓައިލަމުން މޭޒުގައި ލައްގަނެލެވުނެވެ. އަނގައިން ނުކުތީ މަޑު އާހެއްގެ އަޑެވެ.

"މަންމާ.. މަންމާ.. ޒީވް.." ގިސްލެވޭވަރުން ރިއާންއަކަށް ރަނގަޅަށް ވާހަކައެއްނުދެއްކުނެވެ. އެ އަޑު ޖެހުމާއެކު ޝީރީންއަށް ލިބިފައިވި ސިހުމުން އަރައިގަނެ ރިއާންއަށް އިސްކަން ދިނުން މުހިއްމުވިއެވެ.

"ދަރިފުޅާ.. ކި..ކިހިނެއްވީ؟" ރިއާންއާމެދު ކަންބޮޑުވެފައިވާ ހާލު ޝީރީންއަށް އަހައިލެވުނެވެ.

"މަންމާ ޒީވާ.. ހޮސްޕިޓަލުގަ.. ޝީ.. ޝީ އިޒް.. ޕްރެގްނަންޓް.. އެކަމަކު ބޭބީ.." ރިއާންގެ ވާހަކަ ނުނިމެންދެން ޝީރީން ރިއާންގާތުން ހޮސްޕިޓަލުގެ މައުލޫމާތު އޮޅުުން ފިލުވިއެވެ. އަދި މިދަނީ ކަމުގައި ބުނަމުން ފޯނު ކަނޑައިލިއެވެ.

"ޖޫލީ! ޖޫލީ! ޑްރައިވަރަށް ގުޅާފަ އަވަހަށް ކާރު ތައްޔާރުކުރޭ. ޒީވާ ހޮސްޕިޓަލަށް ގެންގޮސްގެން ރިއާން އެ ގުޅީ. ވަރަށް އަވަހަށް ދާން އެބަޖެހޭ. ރިޔާޒް ހިނގާ އަވަހަށް ތައްޔާރުވާން" ޝީރީން ބުންޏެވެ.

"ނޫނޭ. ޝީރީންމެން ގޮސްލާ.. އަހަރެން މަޑުކޮށްލާނަން" ރިޔާޒް އަތް ހިއްލައިލުމަށްފަހު އެކަމުން މަނާވެގަތެވެ.

"އެކަމަކު މިވަގުތު ރިއާންއަށް އަހަރުމެންގެ ހިތްވަރު ބޭނުންވާނެ" ޝީރީން ހިތްހަމަނުޖެހިފައި ބުންޏެވެ.

"އޭނާއަށް އަހަރުމެންގޭ ހިތްވަރެއް ބޭނުމެއްނުވާނެ. އޭނައަށް އެކަނި ހުރިހާކަމެއްވެސް ވާނެތީއެއްނު އެ އުޅެނީ" ރިޔާޒް ގޮނޑީގެ އެއްފަރާތުގައި ލައްކޮށްފައިހުރި އަސާގެ އެހީގައި ކުރިއަށް ހިނގައިގަންނަމުން ބުންޏެވެ.

"ރިޔާޒް ތިހެން އުޅޭކަށް ހެޔޮނުވާނެ! ރިއާން އަހަރުމެންނާ ދުރުވީ ރިޔާޒްގެވެސް އިހުމާލުން. ރިޔާޒްގެ އަނިޔާވެރިކަމުން. އޭނަ އަހަރުމެންނާ ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނަސް އޭނައަށް އެންމެ ބޭނުންވާ ވަގުތު ކައިރީގަ އަހަރުމެން ތިބެންޖެހޭނެ ނޫންތަ؟" ޝީރީންގެ ވާހަކައަށް ބީރު ކަންފަތެއް ދެމުން ރިޔާޒްގޮސް ބޮޑުކޮޓަރީގެ މެދުގައިހުރި ޝާހީ ސޯފާގައި އިށީނދެލިއެވެ. ޝީރީން ހިތްހަމަނުޖެހުމުގެ ނަޒަރަކުން ރިޔާޒާ ދިމާލަށް ބަލަން ހުއްޓެވެ. އެވަގުތު ޖޫލީ އައިސް އޭނާގެ އަތްދަބަސް ދިއްކޮށްލުމާއެކު އޭގައި ހިފަމުން އަވަސްއަވަހަށް ގޭގެ ދޮރުން ނުކުތުމަށް ހިނގައިގަތެވެ.

"ޖޫލީވެސް އާދެ އަހަރެންނާއެކު. ކޮންމެވެސް އެހެން މީހަކަށް ގޮވައިލައިފަ ބުނޭ ރިޔާޒްގާތު މަޑުކޮށްލަ ދޭށޭ" ޝީރީންގެ ބަހަށް ބޯ ޖަހައިލުމަށްފަހު ޖޫލީ އެތަނުގައިހުރި އިތުރު ހާދިމަކަށް ލޮލުން އިޝާރާތްކޮށްލަމުން ޝީރީނާއެކު ދޮރުން ބޭރަށް ނުކުތެވެ.

ކާރުގައި ހުޅުމާލެއަށް ނައްޓައިލިއިރު ޝީރީންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ހިތާހިތުން ރިއާންއަށް ދެރަގޮތެއް ނުވުމަށް ދުއާކުރެވުނެވެ. ރިއާން އޭނާއަށް ދިން މަންމަގެ ލަގަބާއެކު އޭނާގެ ހިތުގައި ކުރިން ރިއާންގެ މައްޗަށް އޮތް މައިވަންތަ ކުލުނު އިތުރުވެފައިވިހެން ހީވާންފެށިއެވެ.

*****************

އަވަސްފަރުވާދޭ ކޮޓަރީގެ ތެރޭގައި ޒީވާ ހޭދަކުރަމުންދިޔަ ކޮންމެ މިނަޓަކާއެކު ރިއާންގެ ކެތްތެރިކަން އިމްތިހާނު ކުރެވެމުންދިޔައެވެ. އެކޮޓަރީގެ ބޭރުގައި ދެއަތަށް ކުރުކާލި ކަނޑަމުންދަނިކޮށް ކުރިންވެސް ރިއާންއާ ބައްދަލުކުރި ނަރުސްމީހާ އެކޮޓަރިން ނުކުމެއްޖެއެވެ.

"ޕްލީޒް ފޮލޯ މީ" އެމީހާގެ އިރުޝާދާ އެއްގޮތަށް ކުރިއަށް ހިނގައިގަތް ރިއާންއަށް ފަސްއެނބުރި އެ ކޮޓަރީގެ ދޮރާދިމާލަށް ބަލައިލެވުނެވެ. އެހެންނަމަވެސް އިތުރު ގޮތެއް ނެތުމާއެކު އޭނާއަށް ޖެހުނީ އެ ނަރުސްމީހާއާއެކު އެތަނުން ދުރަށް ދިޔުމަށެވެ.

"ހައު އިޒް ޝީ؟" އެމީހާ ދިން ފޯމުގައި ޒީވާގެ މައުލޫމާތުތައް ފުރުމަށްފަހު ރިއާން އަހައިލިއެވެ.

"އޯހް. ޑަކްޓަރު އިރުކޮޅަކުން ބައްދަލުކޮށްލާނެ. މިވަގުތަށް މި އައީ ހަމައެކަނި މި ފޯރމަލިޓީޒްތައް ނިންމާލަންވެގެން." އެމީހާ އިނގިރޭސިބަހުން ރިއާންއާ މުހާތަބުކޮށާ ބުންޏެވެ.

"ވެން ކޭން އައި ސީ ހަރ؟" ރިއާންގެ ކެތްތެރިކަން ހިނދެއް ހިނދަކަށް ކުޑަވަމުން ދިޔައެވެ. ރިއާންގެ މޫނުގައިވާ ކަންބޮޑުވުންފެނި އެ ނަރުސްމީހާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ލޮލުގެ އިޝާރާތުން އޭނާއާއެކު އައުމަށް އެދުނެވެ.

ގާތްގަނޑަކަށް ދެތިން މިނެޓުގެ ހިނގުމަކަށްފަހު އަވަސްފަރުވާދޭ ބައިން ނެރެ އޮބްޒަރވޭޝަންގައި ބާއްވައިފައިތިބޭ ބަލިމީހުންނަށް ހާއްސަކުރެވިފައިވާ ވަރޑަކަށް ވަދެވުނެވެ. އެކުއްޖާ އެތަނުން އެންމެ ފުރަތަމަ ޖެހުނު އެނދާއި ދިމާލުގައިވާ ފޮތިގަނޑު ކަހައިލުމަށްފަހު ރިއާން ވަނުމަށް ޖާގަދިނެވެ. މެދަކާ ހިސާބަށްހުރި އައިވީ ފުޅިއެއް ގުޅުމަށްފަހު އެނދެއްގައި ބާއްވައިފައިއޮތް ޒީވާ ފެނުމާއެކު ރިއާންއަށް އޭނާ ހިފަހައްޓައިގެންހުރި ނޭވާ ދޫކޮށްލެވުނެވެ. އެވަގުތު ޒީވާވެސް ރިއާންއާ ހަތަރުކަޅި ހަމަކޮށް ބަލައިލިގޮތުން ހީވީ ރިއާން އަންނާނެ އިރެއްގެ އިންތިޒާރުގައި އޭނާވެސް މަޑުކޮށްލައިގެން އޮތްހެނެވެ.

"ޒީވް.." ރިއާން ފަރުވާތެރިކަމާއެކު އޭނާގެ ކަނާތް ޒީވާގެ ވައަތުގެ ތެރެއަށް މަހައިލިއެވެ. އަދި ޒީވާއާ ދިމާލަށް ގުދުވެލައި އަނެއްއަތުން ޒީވާގެ އިސްތަށިގަނޑުގައި ފިރުމައިލުމަށްފަހު ޒީވާގެ ނިއްކުރީގައި ބޮސްދިނެވެ.

"އަރ ޔޫ އޯކޭ؟ ކޮމްފަޓަބަލް؟" ރިއާންގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ޒީވާ ފަނޑު ހިނިތުންވުމަކާއެކު ބޯ ޖަހައިލިއެވެ. ޒީވާއާ ކުރަން ބޭނުން ކިތަންމެ ސުވާލެއް ރިއާންގެ ސިކުނޑީގައި އެނބުރެމުންދިޔައެވެ. އަވަސްފަރުވާދޭ ކޮޓަރީގެ ދޮރު ލެއްޕެމުންދިޔައިރު އޭނާއަށް އިވުނު ވާހަކަތަކަކީ ހަގީގަތެއްތޯ އަހަން ބޭނުންވިއެވެ. ނަމަވެސް ޒީވާގެ ހާލަތައްބަލައި އެވަގުތަށްޓަކައި އެ ސުވާލުތަށް އެއްފަރާތްކޮށްލީއެވެ.

"ޒީވް ބޭނުންތަ ރޫމްއަކަށް ޝިފްޓް ވާން؟ ސިސްޓަރ ކޭން ވީ ޝިފްޓް ހަރ ޓު އަ ރޫމް؟" ޒީވާއަށް އެ ސުވާލަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ރިއާން އެތަނުގައިހުރި ނަރުސްމީހާގާތު އަހައިލިއެވެ.

"ހުރިހާ ކަމެއް ރަނގަޅަށް ދަންޏާ އެންމެ ދެތިން ގަޑިއިރު މިކޮޅުގަ ބާއްވާނީ.." އެމީހާ ބުނެލިއެވެ.

"އެ ތެދެއް ރިއާން. ރަނގަޅުވާނެ. މިތާކު އެހެން ބައެއް ނުވެސް ނެތެއްނު" ޒީވާ އެބުނީ ތެދެކެވެ. ނަސީބު ކަންދިމާކުރިގޮތުން އެވަގުތު އެތަނުގައިހުރި ހަތަރު އެނދުގެ ތެރެއިން ބާކީހުރި ތިން އެނދުހުރީ ހުސްކޮށެވެ. އަދި އެއީ ޒީވާއަށް ފަރުވާދިން ޑަކްޓަރުވެސް އެތަނަށް އައިސް ހުއްޓުނު ވަގުތައްވުމާއެކު ރިއާން ދެން އިތުރަށް އެ މައުލޫއަށް ވާހަކަދައްކާކަށް ނޫޅުނެވެ. އޭނާގެ ފުރިހަމަ ސަމާލުކަން އެ ޑަކްޓަރަށް ދެވުނެވެ. އެއީ ގާތްގަނޑަކަށް ދެބައި އުމުރާ ގާތްވެފައިވާ އަންހެން ޑަކްޓަރެކެވެ. މޫނުމަތީގައިވާ ހިނިތުންވުމުން ހިތްހެޔޮ ފާޑުޖަހައެވެ.

"ޒީވާ ދޯ؟" ނަރުސް މީހާގެ އަތުން ނެގި ފައިލަށް އަވަސް ނަޒަރެއް ދިނުމަށްފަހު އެ ފައިލު ރައްދުކުރަމުން ޑަކްޓަރު އަހައިލިއެވެ. ބަދަލުގައި ޒީވާ މަޑުމަޑުން ބޯ ޖަހައިލުމާއެކު އެ ޑަކްޓަރުއައިސް ޒީވާ ބާއްވައިފައި އޮތް އެނދުގެ ކައިރިއަށް ހުއްޓިލިއެވެ. ރިއާންގެ އެހީގައި ޒީވާ ކުޑަކޮށް ތެދުވެ އެނދުގައި އިށީނދެލުމާއެކު ޑޮކްޓަރު ޒީވާގެ އަތަށް ގުޅައިފައިވާ އައިވީ ޗެކުކޮށްލުމަށްފަހު ޖެކެޓުގެ ޖީބުން ނެގި ޓޯޗެއްގެ އެހީގައި ޒީވާގެ ދެލޯވެސް ޗެކުކޮށްލިއެވެ.

"ވައިޓަލްސް ބަލާލަންވެގެން. އަނެއްހެން މައްސަލައެއްނެތް. ޒީވާ މިހާރު މަސައްކަތްކުރަނީތަ؟ މިބުނީ ވަޒީފާއެއްގަހޭ؟" ޑަކްޓަރު އަހައިލިއެވެ.

"ހްމްމް. މާލޭގެ ހޮސްޕިޓަލެއްގަ މަސައްކަތްކުރަނީ.. ލޭބަރ ނަރސްއަކަށް" ޒީވާއާއި ޑަކްޓަރުގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަ އަޑުއަހަން ރިއާން ހުރިއިރު އެވާހަކައިގެ ތެރެއަށްވަނުމުގެ ނިޔަތެއް އޭނާގެނެތެވެ.

"އަސްލުތަ؟ އެހެންވީމަ ޒީވާއަށް ވަރަށްބޮޑަށް މިކަހަލަ މައުލޫމާތުތައް އެނގޭނެކަމަށް އަޅުގަނޑު މި ބަލަނީ.. އެންމެފަހުން މީލްއެއް ނެގީ ކޮންއިރަކުތޯ؟" ޒީވާގެ ވިންދު ބަލައިލަމުން ޑަކްޓަރު އަހައިލިއެވެ.

"ރޭގަ. އުހޫން އިއްޔެ މެންދުރު.. ނޫނީ އިއްޔެ ހެނދުނު ކަންނޭނގެ" ޒީވާ ކުޑަކޮށް ވިސްނައިލުމަށްފަހު ޖަވާބުދިނެވެ.

"ޕްރެގްނަންސީއަށް ކިތަށް ވީކްސް ތޯ؟" ޑަކްޓަރުގެ ސުވާލާއެކު މިފަހަރު ޒީވާއަށް ސިހިފައި ބަލައިލެވުނީ ގާތުގައިހުރި ރިއާންއަށެވެ. އޭނާ އުއްމީދުކުރިފަދަ ހައިރާންކަމެއް ރިއާންގެ މޫނުމަތިން ފެންނަން ނެތީތީ ރިއާންއަށް މާކުރިންވެސް ކަމެއް ރޭކައިލައިފިކަން ޒީވާއަށް ޔަގީންވިއެވެ. އެއާއެކު އޭނާ ހިންދިރުވައިލުމަށްފަހު ޑަކްޓަރުގެ ސުވާލަށް ޖަވާބުދިނެވެ.

"ސިކްސް.. ސިކްސް ވީކްސް" ޒީވާގެ ޖަވާބަށް ބޯ ޖަހައިލުމަށްފަހު ޑޮކްޓަރ ހަމަ އިސްކޮޅަށް ދެމިލިއެވެ.

"ޕްރެގްނެންސީއެއްގެ ފުރަތަމަ ބާރަ ހަފްތާގެ ތެރޭގަ މިކަހަލަ ކުދިކުދި އިންސިޑެންޓްސް ހިނގުމަކީ އާންމުކަމެއް. އިރާދަކުރެއްވިއްޔާ ޒީވާގެ ހާލުވެސް ދަރިފުޅުގެ ހާލުވެސް މިހާރުވަނީ ސްޓޭބަލައިޒް ކުރެވިފަ. އެކަމަކު ލޭބަރ ނަރސްއެއްގެ ހައިސިއްޔަތުން ޒީވާއަށްވެސް އެނގޭނެ ކަމަށް އަޅުގަނޑު މިބަލަނީ މި ބާރަ ހަފްތާއަކީ ދަރިފުޅު ބައިގެންދިޔުމާއި އަދި އެހެނިހެން ނުރައްކަލަށް އެންމެ ފަސޭހައިން ހުށަހެޅިގެންދިޔުމުގެ ފުރުސަތު އޮންނަ މުއްދަތުކަން. ޒީވާ ބުނިގޮތުން އެންމެ ފަހުން ޕްރޮޕަރ މީލްއެއް ނެގިތާ މިހާރު ސައުވީސް ގަޑިއިރަށްވުރެވެސް ގިނައިރު ވެދާނެ. އެފަދަ ފަރުވާކުޑަ ކަމަކުން ދެން މިކަހަލަ ކަމެއް ތަކުރާރުވެއްޖެނަމަ ހިތާމައަކާއި ކުރިމަތިލާން ޖެހިދާނެ. ޒީވާ މިކޮޅަށް ގެނެވުނުއިރުވެސް ނުކައި ހުރުމުގެ ސަބަބުން ބްލަޑް ޝުގަރ މާބޮޑަށް ދަށްވެފައި ހުރިއިރު ބްލަޑް ޕްރެޝަރހުރީ މާބޮޑަށްވެސް މަތީގަ. މިއީ އެހެންވެ ދިމާވި ކަމެއް ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. ވަޒީފާއިން ޗުއްޓީއެއް ނަގައިގެންވިޔަސް މިވަގުތު ސްޓްރެސް-ފްރީ މާހައުލެއްގަ އުޅުން ޒީވާއަށް ވަރަށް މުހިއްމު. އަދި ގަޑިން ގަޑިއަށް ބެލެންސްޑް މީލްތަކެއް ނެގުންވެސް ވަރަށް މުހިއްމު. މިވަގުތު ގައިގަ ވަރުޖައްސާލަން އައިވީއެއް ގުޅާލީ.. ދެން އަޅުގަނޑު ރިކޮމެންޑޭޝަންއެއް ލިޔެލާނަން ނިއުޓްރިޝަނަކަށް ދައްކައިލުމަށް. އަދި ދެތިން ދުވަހުގެ ބެޑްރެސްޓްކުރުމަށްވެސް" ޑަކްޓަރު ޒީވާއަށާއި ރިއާންއަށް ނަސޭހަތްތެރިވަމުންދިޔައިރު ޒީވާ ކުށްވެރިއެއް ފަދައިން އިސްޖަހައިލައިގެން އިނެވެ.

"ސޯ އައި ވިލް ޓޭކް މައި ލީވް. ޓޭކް ކެއަރ އޮފް ހަރ" ޑޮކްޓަރު ރިއާންއަށް ހިނިތުންވެލިއެވެ.

"ތެންކްޔޫ ޑޮކްޓަރ" ރިއާން އެ ޑޮކްޓަރާއި ސަލާންކޮށްލަމުން ބުންޏެވެ.

"ރިއާން…" އެ ޑޮކްޓަރު ދިޔުމާއެކު ޒީވާ ރިއާންގެ އަތުގައި ހިފައިލިއެވެ.

ރިއާންގެ ފަރާތުން އެ ގޮވައިލުމަކަށް އެއްވެސް ރައްދެއް ނުލިބުނެވެ. ކުރިހާވެސް ކަމަކީ ޒީވާއަށް ބަލައިލަމުން ފަނޑު ހިނިތުންވުމެއް ރައްދުކޮށްލުމެވެ. އެއީ މާނަނެތް ހިނިތުންވުމެއްކަން އެނގިހުރެވެސް ރިއާންއާއި އިތުރަށް ދެބަސްވެ، ޒުވާބުކޮށް ގަދަހަދުމުގެ ވިސްނުމެއް ޒީވާ ނުގެންގުޅުނެވެ. ނަރުސްމީހާއާއެކު އެތަނަށް ރިއާންއައި ވަގުތު ފުރަތަމަ ފެނިލުމާއެކުވެސް ޒީވާގެ ހިތުގައި ރިއްސައިލިއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ރިއާންގެ ދެލޮލާއި ރޫޖެހިފައިވާ ގަމީހުގެ އިތުރުން ތަރުތީބު ގެއްލިފައިވާ ރިއާންގެ އިސްތަށިގަނޑުން އެކަނިވެސް ޒީވާއަށްޓަކަައި ރިއާން ކުރަމުންދާ ހިތާމަ އޭނާއަށް ފެންނަންހުއްޓެވެ. އެ ހިތާމަތަކަށް ލުއެއް ހޯދައިދިނުމަށް ބޭނުންވެފައިވަނިކޮށް ދެންމެ އިވުނު ވާހަކަތަކުގެ ސަބަބުން ރިއާންއަށް އިތުރު ހިތްދަތިކަމެއް ދެވިއްޖެކަމުގައި ޒީވާއަށް ގަބޫލުކުރެވުނެވެ. އެހެންކަމުން ނަފްސުގެ ދިފާއުގައި ދައްކާނެ ވާހަކައެއް ނޭނގި ޒީވާއަށް ހިމޭންކަން އިޚްތިޔާރުކުރެވުނެވެ. ނަމަވެސް އޭނާއަށް އެގޮތުގައި ހިފަހައްޓައިލެވުނީ އެންމެ މިނެޓެއްހާއިރެވެ.

"ރިއާން.. އައި.. އައިމް ސޮރީ އައި ޑިޑިންޓް ޓެލް ޔޫ އައި–"

"ޝްޝްޝް" ރިއާން ޒީވާގެ ތުންފަތުގައި ބޮޑުވައި އިނގިލި ޖައްސައިލަމުން ޒީވާގެ ވާހަކަ މެދުކަނޑައިލިއެވެ. "މިހާރު ދެން އެކަމާ ނުވިސްނާ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް" ރިއާން ދޮގުހެދިއެވެ. އޭނާގެ ޝަކުވާއެއް ނެތީކީނޫނެވެ. ޝަކުވާ ކުރުމުގެ ހައިސިއްޔަތެއް އޮތްކަމަށް ގަބޫލުނުކުރެވެނީއެވެ. ޒީވާއަށް އެދަރިފުޅުގެ ވާހަކަ އޭނާއާ ހިއްސާކުރުން މުހިއްމު ކަމަކަށް ނުވިއިރު އޭނާއާ ވަކިވެގެންގޮސް އެހެން މީހަކާއެކު އެ ދަރިފުޅު ބޮޑުކުރުމުގެ ހިޔާލުއައީ އޭނާއަށް ޒީވާއާމެދު ކިހާ އިހުމާލު ވެވިފައިވާތީކަން ރިއާންއަށް ވިސްނުނެވެ.

"ދެން ނިދާލާ. ކޯއްޗެއް ކާން ބޭނުމީ؟" ރިއާން އޯގާތެރިކަމާއެކު އަހައިލިއެވެ.

"ގެއަށްދާން ބޭނުމީ" ޒީވާ ތުންކޮޅު އޫކޮށްލަމުން ބުންޏެވެ.

"ބަސް އަހައިގެން ރީތިކޮށް ކައިގެން ބޮޑާނުހާކާ އުޅުނުނަމަ އަންނާކަށްވެސް ނުޖެހުނީސް ދޯ. ދެންވެސް ބަސްއަހައިގެން އޮތީމަ އަވަހަށް ދެވޭނީ" ރިއާން ބުންޏެވެ.

ރިއާން ބުނި ބަސް ގަބޫލުކޮށް ޒީވާ އަވަހަށް އެނދުގައި އޮށޯވެ ދެލޯ މަރައިލި ގޮތުންވެސް ރިއާންއަށް ޒީވާ ގެއަށްދާން ބޭނުންވެފައިވާ މިންވަރު ނަގައިގަނެވުނެވެ. ރިއާންގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ނަމަވެސް އެ ހިނިތުންވުން މާ ގިނައިރަކަށް ދެމިގެނެއް ނުދިޔައެވެ. ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން އޭނާއަށް އިނދެވުނީ ނެގިމަޑުވެފައެވެ. ހިތަށްވެސް އުނދަގޫވެފައެވެ

ޒީވާއަށް ނިދެންދެން އެތަނުގައި އިނުމަށްފަހު ރިއާން ބޭރަށް ހިނގައިގަތީ ޝީރީންގެ ކޯލެއް އައުމުންނެވެ. އަވަސްފަރުވާދޭ ބައިގެ ބޭރުގައި މަޑުކޮށްލައިގެންހުރި ޖޫލީއާއި ޝީރީން ފެނުމާއެކު އޭނާ ލަސްފިޔަވަޅުތަކެއްގައި އެމީހުންނާ ދިމާލަށް ހިނގައިގަތެވެ.

"ރިއާން. އަތަށް ކިހީނެއްވީ؟ ޒީވާ ކޮބާ؟" ޝީރީންގެ ސުވާލާއެކު ރިއާންއަށް އަމިއްލަ އަތަށް ބަލައިލެވުނެވެ. އަދިވެސް ޒީވާގެ ހެދުމުން އުނގުޅިފައިހުރި ލޭގެ އަސަރު އެ އަތުގައި ހުއްޓެވެ. އެރޭ ހިނގައިދިޔަ ކަންތައްތަކުގެ މަންޒަރުތައް ސިކުނޑީގައި ތަކުރާރުވާންފެށުމާއެކު އެ އަތް ތުރުތުރުލާންފެށިއެވެ. އެހިނދު ޝީރީނަށް އޭނާ ގުޅީ ކީއްވެކަންވެސް ރިއާން ހަނދާންވިއެވެ.

"ދަރިފުޅާ" ތުރުތުރު އަޅަމުންދިޔަ ރިއާންގެ އަތުގައި ހިފަހައްޓަމުން ޝީރީން ކަންބޮޑުވެފައި ގޮވައިލިއެވެ. އަދި އިތުރު ފަސްޖެހުމަކާނުލައި ރިއާންގެ ގައިގައި ބައްދައިލިއެވެ. ރިއާންގެ މޫނުން އޭނާ ހިތްވަރަކަށް ބޭނުންވެފައިވާ މިންވަރު ޝީރީން ދެނެގަތެވެ. އެ ހިތުގައިވާ ވޭނާއި އިހުސާސްތައް ޝީރީންއަށް ކިޔައިދިނުމަށް ރިއާންގެ ދޫ ބޭނުންކުރާކަށް ނުޖެހުނެވެ.

"މަންމާ.. އައި.. އައި ފެއިލްޑް …. އަހަރެންނަކަށް ޒީވާގެ މައްޗަކަށް އަމާނާތްތެރިއެއް ނުވެވުނު.. އައި ހަރޓް ހަރ އެންޑް ވީ އޯލްމޯސްޓް ލޮސްޓް ދަ ބޭބީ.." ޒީވާގެ ކުރިމަތީގައި އޭނާގެ ކަރުނަތައް ހިފަހައްޓަންކުރި ހިތްވަރެއް ރިއާންއަކަށް ޝީރީންގެ ކުރިމަތީގައެއް ނުކުރެވުނެވެ. ޝީރީން އޯގާތެރިކަމާއެކު ރިއާންގެ ބުރަކަށީގައި ފިރުމައިލިއެވެ.

"ދަރިފުޅު ކީކޭތަ ތި ކިޔަނީ؟ ޒީވާ ރަނގަޅުތަ؟" ޝީރީން އަހައިލިއެވެ.

"މިހާރު ރަނގަޅު" ރިއާން ނޭފަތް ދަމައިލަމުން ބުންޏެވެ. އެ ޖަވާބާއެކު ޝީރީން ހިތާހިތުން ﷲއަށް ހަމްދުކުރިއެވެ. އަދި އެވަގުތު އެތަނުގައި ތިބެދާނެ ބައެއްގެ ލޯތަކުން ސަލާމަތްވެ ރިއާން ގޮވައިގެން ބޭރަށް ނުކުތުމަށް އަވަސްވެގަތެވެ.

"ރިއާން.. މަންމައާއެކު މިތާ ބޭރަށް ހިނގާބަލަ.. ޖޫލީ.. ޒީވާގާތު މަޑުކޮށްލަން ދޭ" ޝީރީން ރިއާންއާއެކު ބޭރަށް ހިނގައިގަންނަމުން ބުންޏެވެ.

ހޮސްޕިޓަލުގެ ބޭރުގައި ޖަހައިފައިވާ ކޮންކްރީޓް އަށިތަކުގެ ތެރެއިން އަށްޓެއްގައި ޝީރީން ރިއާން ގެންގޮސް ބޭންދިއެވެ. އޭރުވެސް ރިއާންގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަކަށް ހުއްޓުމެއް ނާދެއެވެ. "އައި ޕްރޮޓެކްޓެޑް ހަރ ފްރޮމް އެވްރީވަން އެންޑް އެވްރީތިންގް ބަޓް އައި ކުޑުންޓް ޕްރޮޓެކްޓް ހަރ ފްރޮމް މައިސެލްފް" ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލައިގެން އިނދެ ރިއާން ބުންޏެވެ.

"ރިއާން. ދަރިފުޅު ކީކޭތަ ތިކިޔަނީ؟ ދެކުދިންގެ ދެމެދުގަ ހަމަނުޖެހުމެއް ހިނގީތަ؟ ޒީވާ.. ދަރިފުޅު ޒީވާއަށް އަތް އިސްކުރީތަ؟" ތެޅިތެޅިއޮތް ހިތަކާއެކު ޝީރީން ކަންތައްތައް ހިނގައިދިޔަގޮތް އޮޅުން ފިލުވުމަށްޓަކައި އަވަސްވެގަތެވެ.

އޭނާގެ ސުވާލަށް ރިއާން ބޯ ޖަހައިލުމާއެކު ޝީރީންއަށް ހީވީ އޭނާގެ ވަށައިގެން ހިނގަމުންދިޔަ ދުނިޔެވެސް ހިނދުކޮޅަކަށް ހުއްޓުނުހެނެވެ. އޭނާގެ އަބަދުގެވެސް ދުޢާއަކަށްވީ ރިޔާޒްފަދަ އަނިޔާވެރި މީހަކަށް ރިއާން ނުވުމަށެވެ. ނަމަވެސް ޒީވާއާމެދު ރިއާން އަނިޔާވެރިވެއްޖެކަން އެނގުމާއެކު ޝީރީންއަށް ލިބުނު މާޔޫސްކަމުގައި ރިއާންގެ ގައިން އަތްވެސް ދޫކޮށްލެވުނެވެ. އެކަން ރިއާންއަށްވެސް ފާހަގަވީ ކަންނޭނގެއެވެ. ޝީރީންއަށް ކަންތައްތައް ހިނގައިދިޔަގޮތް ސާފުކޮށްދިނުމަށްޓަކައި އޭނާ އަވަސްވެގަތެވެ.

"އެއީ ވަރަށްކުރި. އަހަރެންނަށް ދިމާވި މާރާމާރީގެ ހާދިސާގެވެސް ކުރިން. އެންމެފަހަރަކު. އޭގެފަހުން ދުވަހަކުވެސް އެކަހަލަ ކަމެއް ނުހިނގާ. ނުވެސް ހިނގާނެ. އަހަރެން.. އަހަރެން ޒީވާދެކެ ވަރަށް ލޯބިވޭ މަންމާ.. އެކަމަކު.. އެކަމަކު ޒީވާ ބޭނުންވަނީ ވަރިވާން" ރިއާން ބުންޏެވެ.

"އެއީ އެކަމާ ގުޅިގެންތަ؟" ޝީރީން ސުވާލުކުރިއެވެ.

"ނޫން. އެހެންވެއެއް ނޫން. އެކަމާ ގުޅިގެން ޒީވާގެ މަޢާފު އަހަރެންނަށް ލިބިއްޖެ! އެކަމަކު މިރޭ…" ރިއާން އޭނާއާއި ޒީވާގެ ދެމެދުގަ ހިނގައިދިޔަ ދެބަސްވުން ޝީރީންއަށް ޚުލާސާކޮށް ކިޔައިދިނެވެ. ނަޝްވާގެ ވާހަކަތަކުން ފެށިގެންގޮސް ރާހިލްއާއި ޝައިނާގެ ވާހަކަވެސް ހިއްސާކުރިއެވެ.

"ސުބްހާނައްﷲ. ކާކު ހީކުރާނީ ރާހިލް ތިވަރުބޮޑުކަމެއް ދުނިޔެއަށް ވަގަށް ކުރާނެ ކަމަށްވެސް؟ ޝައިނާއަކީ އޮފީހުގަ އާކިޓެކްޓަކަށް އުޅޭ ކުއްޖާ ދޯ؟ ޒީގެ ބެސްޓްފްރެންޑޭ ތިބުނީ. ކީއްކުރާނީ.. ދެރައީ ރިއާންވެސް އެވަރުބޮޑުކަމެއް ޒީވާއަށް ސިއްރުކޮށްފަ ބޭއްވިކަން" ޝީރީންއަށް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

"އަހަރެންނަށް އެނގުނު އޭރުވެސް ޒީވާއަށް އެނގޭދުވަހަކުން ކަންްތައްތައް ބޮއްސުންލާނެކަން. އަހަރެން ދޫކޮށްލާނެކަން.. އެކަމަކު އަހަރެން ހީކުރީ އަހަރެން އެކަމަށް ތައްޔާރުވާނެ ކަމަށް އަދި ޒީވާއާނުލާ އުޅެވިދާނެކަމަށް.. އެކަމަކު މިއީ ހަމައެކަނި އަހަރެންގެ ކުށްތަ؟ ރާހިލް ސިއްރުކުރިޔަސް ޒީވާގެ އެންމެ ގާތް އެކުވެރިޔާއަށްވެހުރެ ޝައިނާ ޒީވާއާ އެ ހުރިހާކަމެއް ހިއްސާކުރުން މާ ރަނގަޅެއްނު؟" ރިއާންއަކަށް ނުވިސްނުނެވެ.

"މަންމައަކަށް ހިއެއްނުވޭ ޒީވާ ދާން ނިންމި އެންމެބޮޑު ސަބަބަކީ ތިއީ ކަމަކަށް.. ތިބުނާ ފޮޓޯތަކެއް ފެނިފަ ޒީވާއަށް އެ އުޅެނީ ދަރިފުޅު ބޭވަފާތެރިވިކަމަށް ހީކުރެވިގެން… އެމީހަކު ލޯބިވާ މީހެއްގެ ހުރިހާ ކުށަކަށް މާފުކުރިޔަސް ބޭވަފާތެރިކަމަށް މައާފެއް ނުކުރެވޭނެ. އެ ފޮޓޯތައް ފެނިފަ ހުއްޓާ ތި ރާހިލްމެންގެ ކަންތައްވެސް އެނގިހުރެ ސިއްރުކުރިކަން ފަޅާއެރީމަ ޒީވާއަށް ކެތްނުވީ. އެހެންވީމަ ރިއާން.. ވީހާވެސް އަވަހަށް ތިބުނާ ފޮޓޯތަކެއްގެ ހަގީގަތް ޒީވާއަށް ކިޔާދީ" ޝީރީންގެ ވާހަކައަށް ރިއާން ބޯޖަހައިލިއެވެ. ހިތުގައިވާ އުދާސްތައް އެހެން މީހަކާ ހިއްސާކުރެވުމުން މިހާރު އޭނާހުރީ ހިސާބަކަށް ހަމަޖެހިފައެވެ.

"އަދި ފުރުސަތެއް ނުލިބޭ. ޒީވް އަހަރެންދެއްކި އެއްވެސް ވާހަކައެއް އަޑު ނާހައިގެން އުޅެނިކޮށް ހޮސްޕިޓަލަށް އަންނަންޖެހުނީވެސް. އައި.. އައި ވޯޒް ސޯ ސްކެއަރޑް.." ރިއާން ދެފަހަރަކު ހިތާ ދިމާލުން މޭގައި ފިރުމައިލަމުން ބުންޏެވެ. ޒީވާ އޭނާއަށް މުޅިންހެން ބީވެދާނޭ ހީވި ވަގުތު އެހިތަށް ލިބެމުންދިޔަ ވޭން އަދިވެސް ހަރުލައި ހުއްޓެވެ. އެ ވޭން އޭނާ ބަޔާންކޮށްދޭނީ ކިހިނެއްހެއްޔެވެ؟ އޭނާ ބަނޑުއަޅައި ވިހެއި މައިމީހާ މި ދުނިޔެ ދޫކުރިއިރުވެސް އޭނާއަށް މިވަރުގެ ހިތާމައެއް އިހުސާސްވެފައެއްނެތެވެ. ވާނީވެސް އެހެންތާއެވެ. އެއީ އޭނާގެ ދިރިއުޅުމުގައި ނަމަކަށްހުރި އިންސާނެކެވެ. ލޯބީގެ ޒައްރެއްގެ މިންވަރުވެސް އެ މައިމީހާގެ ފުށުން ލިބިފައެއް ނުވެއެވެ. ލޯތްބަކީ ކޯއްޗެއްކަން އޭނާއަށް ދަސްކޮށްދިން މީހަކީ ޒީވާއެވެ. ޒީވާއަކީ އޭނާގެ ހިތެވެ. ދިރުމެވެ. ފުރާނައެވެ. އެޕަރޓްމެންޓްގައިހުރެ އޭނާގެ އަތްދަނޑިމަށްޗަށް ޒީވާ ފުރަތަމަ ހިއްލައިލުމަށްފަހު ދެން ހޭދަވެގެންދިޔަ ގަޑިއެއްހާއިރަކީ މިހާތަނަށް މުޅި އުމުރުގައިވެސް އޭނާ އިޚުސާސްކުރި އެންމެ ބިރުވެރި ވަގުތުތަކެވެ.

"ދެން އެކަމާމެދު ނުވިސްނާ. އިރާދަކުރެއްވިއްޔާ ޒީވާގެ ހާލަތުދާނީ ރަނގަޅަށް. ދެން ހިނގާ އެތެރެއަށްދަމާ. މަންމަ އަދި މިއުޅެނީ ޒީވާގާތަށްވެސް ނުގޮހެއްނު" ރިއާންގެ ކޮނޑުގައި އަތް ބާއްވައިލަމުން ޝީރީން ބުންޏެވެ.

"މަންމަ ދޭ.. އަހަރެންދާނަން ޒީވްއަށް ކޮންމެވެސް އެއްޗެއް ހިފައިގެން. ބައްޕަ ނާދޭތަ؟" ރިއާން އެހެން އަހައިލީ ކޮންމެހެން އޭނާ ރިޔާޒާ ބައްދަލުކުރުމުގެ ނިޔަތެއް އޮވެގެނެއްނޫނެވެ.

"އަވަހަށް އަންނަންވެގެން ބައްޕަގާތު ނުބުނެވުނީ. ގުޅާދޭންވީތަ؟" ޝީރީން މަސްލަހަތަށްޓަކައި ހަގީގަތް އޮޅުވައިލިއެވެ.

"ނޫން. އަޅާނުލާ" ރިއާން ފަރުވާކުޑަ ރާގެއްގައި ބުންޏެވެ. އޭނާ ޝީރީންގާތު އެތެރެއަށް ވަނުމަށް ބުނުމަށްފަހު ހިނގައިގަތީ ހޮސްޕިޓަލުން ބޭރަށެވެ.

ގާތްގަނޑަކަށް ފަނަރަ މިނަޓުފަހުން ޒީވާމެންގެ ގާތަށް ރިއާން އައިއިރު އޭނާގެ އަތުގައި އާފަލާއި އޮރެންޖާއި ކުރުނބާފަދަ އޭތިމީތި އަޅައިފައިހުރި ކޮތަޅެއް އޮތެވެ. އޭރު ޒީވާ އޮތީ ޝީރީނާއި ޖޫލީ ދައްކަމުންދިޔަ ވާހަކައިގެ ތެރެއަށްގޮސް ހުސްވެފައެވެ. ނަމަވެސް ރިއާންގެ ހިލަމެއްވުމާއެކު އަވަސް އަވަހަށް ދެލޯ މަރައިލަމުން އެނދުގައި އޮށޯތެވެ. އެކަން އެނގި ރިއާން އޭނާ ގެނައި ކޮތަޅު މޭޒުމަތީގައި ބަހައްޓައިލުމަށްފަހު ޒީވާގެ ނިއްކުރީގައި ފުށްޓަތްކެއް ޖެހިއެވެ. އެއާއެކު ޒީވާ ލޯ ހުޅުވައިލަމުން އަވަސް އަވަހާ ނިއްކުރީގައި ފިރުމައިލިއެވެ.

"ކީއްވެ ނުނިދާ ތިއުޅެނީ؟" ރިއާން އަހައިލިއެވެ.

"ދެން މިތަން ވަރަށް ފޫހި. ގެއަށްދާން ހިނގާބަ ޕްލީޒް. އެމީހުން ކައިރި ބުނޭ އަހަރެން މިހާރު ރަނގަޅޭ" ޒީވާ ރިއާންގެ އެހީއާއެކު ތެދުވެ އެނދުގައި އިށީނދެލަމުން ބޮޑާހާކައިލިއެވެ.

"މިހާރު އައިވީ ފުޅިވެސް ހުސްވީނު. ޒީވާ ބޭނުމިއްޔާ ދެން މިތަނުން ނެރެގެން ގެއަށްދާން ހިނގާބަލަ. އެބުނާހެން ކިހާ ފޫހިވާނެ" ޒީވާ މާ ގިނައިރު ވަންދެން އެތަނުގައި ބޭއްވުމަކަށް ޝީރީންވެސް ތާއީދެއް ނުކުރިއެވެ. "ދަރިފުޅު ބޭނުމިއްޔާ މިރޭ މަންމަމެން ގެއަށްދާން ހިނގާ. އޭރަށް ރިއާން ނެތަސް ފޫއްސެއްވެސް ނުވާނެއެއްނު"

ޝީރީންގެ ވާހަކަ އިވުމާއެކު ޒީވާގެ މޫނުމައްޗަށް ވެރިވި އުޖާލާކަން ފެނި ރިއާންގެ ހިތް މާޔޫސްވިއެވެ. އޭނާހުރީ ރޭގެ ބާކީބައި ޒީވާއާއެކު ހޭދަކޮށްލުމަށް ނުހަނު ބޭނުންވެފައެވެ. އެހެންކަމުން ޝީރީނަށް ނޫނެކޭ ބުނުމަށްޓަކައި ޒީވާއަށް ސިގްނަލެއް ދިނުމަށް ރިއާން އޭނާގެ އަތުތެރޭގައި އޮތް ޒީވާގެ އަތްތިލައަށް މަޑުމަޑުން ބާރުކޮށްލިއެވެ. ޒީވާއަށް އެ ސިގްނަލް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ.

"ނޫން. ރިއާން ހުންނާނެ.. ގެއަށްދާން ބޭނުމީ. މިހާރުވެސް މާބޮޑަށް ގެމަތިން ހަނދާންވާން ފަށައިފި" ޒީވާ ދެމާނަ އެކުލެވިފައިވާ ރާގެއްގައި އެހެން ބުނެލަމުން ރިއާންއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

ޒީވާގެ ދެލޮލުގެ ތެރެއަށް ޢަރަގުވަމުންދާކަމުގެ އިހުސާސެއް ކުރެވެން ފެށުމާއެކު ރިއާންއަކަށްވެސް ޒީވާގެ ދެލޮލާއި ނަޒަރު ވަތްކެއް ނުކުރެވުނެވެ. އެކަން ފާހަގަވެ ޝީރީންގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ކައިރީގައިހުރި ޖޫލީގެ އަތުގައި ކޮށްޓައިލުމަށްފަހު އެމަންޒަރު ދައްކައިލުމަށްފަހު ޖޫލީ ގޮވައިގެން އެތަނުން ބޭރަށް ހިނގައިގަތެވެ.

"އެބަ އަންނަން ގެއަށް ދޫކޮށްލެވޭނެތޯ ވާހަކަ ދައްކައިލައިފަ" ފޮތިގަނޑު ކަހައިލުމަށްފަހު ބޭރަށް ނުކުތް ޝީރީންގެ އަޑުޖެހުމާއެކު ރިއާންއާއި ޒީވާއަށް ސިހިފައި އެކަކު އަނެކަކާ ނަޒަރު ވަކިކޮށްލެވުނެވެ. ރިއާން އެތަނުގައިހުރި މޭޒު ކައިރިއަށް ޖެހިލުމަށްފަހު ކޮތަޅުން ނެގި ކުރުނބާ ޒީވާއަށް ތައްޔާރުކޮށްދޭން ފެށިއިރު ޒީވާ އިސްޖަހައިލައިގެން އިނދެ އަތުގެ އިނގިލިތަކާ ކުޅެމުންދިޔަގޮތުން ހީވަނީ އަތުގެ އިނގިލިތައް ހަމަތޯ ގުނަމުންދިޔަހެނެވެ. ރިއާން އައިސް އެ ކުރުނބާ ދިއްކޮށްލުމުންވެސް އެއްވެސް ސުވާލަކާއިނުލައި އޭގައި ހިފިގޮތަށް އެ ބޯންފެށިއެވެ. ރިއާންއަށް އެކަމުން ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ.

ޒީވާއަށް ރިއާންއާ ހަތަރުކަޅިވެސް ހަމަކޮށްލަން ނުކެރިފައި އިންތާ މާގިނައިރެއްނުވެ ޝީރީންއާއި ޖޫލީ އެތަނަށް އަތުވެއްޖެއެވެ. ގެއަށް ދޫކޮށްލުމުގެ ހުރިހާ ކަމެއް ހަމަޖައްސައިފައި އައުމުން އިތުރަށް އެތަނުގައި މަޑުކުރަން ނަހަދައި އެމީހުން ނިންމީ ހޮސްޕިޓަލުން ނުކުތުމަށެވެ. ޝީރީނާއި ޖޫލީ ގެއިން އައި ޑްރައިވަރާއެކު ފޮނުވައިލުމަށްފަހު ރިއާން އެތަނުގެ ސެކިއުރިޓީ ޑެސްކާ ދިމާލަށް ހިނގައިގަތީ ކާރުގެ ތަޅުދަނޑި ހޯދުމަށެވެ. ހޮސްޕިޓަލަށް އައިވަގުތު ލިބިފައިވާ ހާސްކަމުގެ ތެރެއިން އޭނާގެ ކާރު ޕާކު ކުރުމާ ހަވާލުވީ ހޮސްޕިޓަލުގެ ސެކިއުރިޓީ ގާޑެވެ. އެމީހާ ކާރު ގެނެސްދިނުމުން ރިއާން ޝުކުރުވެރި ނަޒަރަކުން އެމީހާއަށް ބަލައިލުމަށްފަހު ޒީވާގޮވައިގެން ގެއަށް ދިޔުމަށްޓަކަައި އަވަސްވެގަތެވެ.

އެޕަރޓްމެންޓާ ހިސާބަށް ދެވުނުއިރު ޒީވާއާއި ރިއާންގެ ދެމެދުގައި މާގިނަ މުއާމަލާތްތަކެއް ނުކުރެވުނެވެ. ޒީވާ އަތުލަފިކޮށްލައިގެންހުރެ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލުމާއެކު ދޮރާއި ކައިރި ހިސާބެއްގައިހުރި ޒީވާގެ ފޮއްޓާއި ބިންމަތީގައި ހުރި ފޮޓޯތަކުގެ އިތުރުން ހަމަ އެތަނުގައި އޮތް ވަރީގެ ފޯމު ފެނި ރިއާންގެ ފިޔަވަޅުތައް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. ޒީވާއަށް އެކަން ފާހަގަވެ ރިއާންގެ މޫނަށް ބަލައިލެވުނެވެ. އެއާއެކު ރިއާން ކަރުކެހިލުމަށްފަހު ޒީވާ ގޮވައިގެން ކުރިއަށް ހިނގައިގަތެވެ. ފަރުވާތެރިކަމާއެކު ޒީވާ އެނދުގައި ބޭއްވުމަށްފަހު ދުރަށް ޖެހިލުމާއެކު ޒީވާ ރިއާންގެ އަތުގައި ހިފަހައްޓަމުން އެކަން މަނާކުރިއެވެ.

"އައި.. އައި ވިލް ގެޓް ޔޫ ސަމް ފުޑް" ރިއާން ބުންޏެވެ.

"ދެންމެއެއްނު އައިވީ ހުސްވީ.. ކުރުނބާވެސް. އަދި އެހާ ބަނޑުހައެއް ނޫން. ނިދާލަން ބޭނުމީ" ޒީވާއަށް ދެންވެސް ބެލެމުންދިޔައީ ރިއާންގެ މޫނަށެވެ. ހޮސްޕިޓަލުގައި އޭނާ ބޭއްވުމަށްފަހު ފުރަތަމަ ރިއާން ފެނުނު ވަގުތަށްވުރެވެސް ބޮޑަށް މިހާރު ރިއާންގެ ހާލަތު ދަށްކަމަށް ޒީވާއަށް ލަފާކުރެވުނެވެ. ދެލޮލުގައިވާ ރަތްކަންވެސްހުރީ އިތުރުވެފައެވެ.

ޒީވާ އެ ކިންގް ސައިޒު އެނދުގެ މެދަކާ ހިސާބުގައި އޮށޯވެލިއެވެ. މަގަތުގައި އަތްބާއްވައިލަމުން ރިއާންއަށް އެނދުގައި އޮށޯތުމަށް އިޝާރާތްކުރިއެވެ. ރިއާން އޭނާ ލައިގެންހުރި ގަމީސް ހަށިގަނޑާ ވަކިކޮށްލުމަށްފަހު ޒީވާގާތު އޮށޯވެ ޒީވާގެ ކަނދުރާގައި މޫނުފޮރުވައިލިއެވެ.

ވެފައިހުރި ވަރުބައްޔާއެކު ޒީވާގެ ދެލޮލަށް ނިދި ސަވާރުވާކަށް މާގިނައިރެއް ނުނެގިއެވެ. ނަމަވެސް ރިއާންގެ ދެލޮލުގައި ނިދީގެ ކަންފުޅެއްނެތެވެ. އަދި އެރޭގެ ހަތަރުދަން ކޮޓަރިން ނުކުމުގެ ހިޔާލެއްވެސް އޭނާގެ ނެތެވެ. އެސްފިޔަ ޖަހާލާހާ މަދު އިރުކޮޅެއްގެ ތެރޭގައިވެސް ޒީވާ އޭނާގެ ލޯމަތިން ގެއްލިދާނޭ ހީވާ ކަހަލައެވެ. އެ ބިރު ހިތުގައި އޮތުމާއެކު ރޭގެ ހަތަރުދަން ހޭލައި އިނުމަށްފަހު އޭނާއަށް ލޮލުފިޔަ ޖެހުނުއިރު އިރުއަރައި ވަގުތުތަކެއް ފާއިތުވެއްޖެއެވެ. އެއީވެސް އޭނާގެ އަމިއްލާ އިޚްތިޔާރުގައެއް ނޫނެވެ. ސިކުނޑިއަށް ކޮށްފައިވާ ބާރުގެ ސަބަބުން ހިނދުކޮޅަކަށްވިޔަސް ދެލޯ މަރައިލަން މަޖުބޫރުވީއެވެ.

ގާތްގަނޑަކަށް ދެގަޑިއެއްހާއިރުފަހުން އޭނާއަށް އެ ދެލޯ ހުޅުވައިލެވުނުއިރު ޒީވާ އެ ކޮޓަރީގައި ފެންނާކަށް ނެތެވެ. ތެޅިތެޅިއޮތް ހިތަކާއެކު އޭނާގެ ދެލޯ ކޮޓަރީގެ ވަށައިގެން ހޯދައިލިއެވެ. ފާހަނަވެސް ބެލިއެވެ. އެތަނަކުންވެސް ޒީވާ ފެންނާކަށްނެތެވެ. ސިޓިންގްރޫމަށް ނުކުތުމަށްފަހުގައިވެސް ފުރަތަމަ ނަޒަރުން ޒީވާ އޭނާގެ ލޮލުގައި އަޅައެއް ނުގަތެވެ. ރޭގައި އެތަނުގައިހުރި ފޮށްޓާއި ފޮޓޯތަޖުގެ އިތުރުން ފޯމުވެސް ފެންނަން ނެތީތީ އޭނާގެ ހިތް ގޯސް ގޮތަކަށް ތެޅިލިއެވެ. އޭރު ލިބިފައިވާ ހާސްކަމުގެ ސަބަބުން ރިއާންގެ ނޭވާ ކުރުވާންފަށައިފިއެވެ. ދެލޯ ފުސްވާން ފަށައިފިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ބަދިގެހުރި ދިމާލުން މީހެއްގެ ހިލަމެއްވިހެން ހީވެ ރިއާން ރަނގަޅަށް އެދިމާ ބަލައިލިއެވެ. ކަކުލާ ހިސާބަށްއަންނަ ހުދުކުލައިގެ ގަމީހެއްގައި އެހުރީ ޒީވާކަން ނަގައިގަނެވުމާއެކު ރިއާންއަށް އަވަސް ފިޔަވަޅުތަކެއްގައި އެދިމާލަށް ހިނގައިގަނެވުނެވެ. އަދި އުނދުނާ ކުރިމަތިލައިގެންހުރި ޒީވާގެ ގައިގަައި ފަހަތުން ބައްދައިލުމާއެކު ފުންނޭވާތަކެއް ލާންފެށިއެވެ.

ރިއާންގެ އެހަރަކާތާއެކު ޒީވާއަށް ކުއްލި ސިހުމެއް ލިބުނު ނަމަވެސް އޭނާގެ ބަނޑުގައި ވަށައިލެވިފައިވާ ރިއާންގެ ދެއަތް ތުރުތުރުލަމުންދާކަން އެނގި އެ ސިހުން ކަންބޮޑުވުމަށް ބަދަލުވިއެވެ. އޭނާ އެ އަތް ނައްޓައިލަމުން އަނެއް ފަރާތަށް އެނބުރި ރިއާންއާ ކުރިމަތިލިއެވެ.

"ކިހިނެއްވީ މާ ހާސްވެފަ؟" ޒީވާއަށް ރިއާންގެ މޫނުމަތިން ފެނުނު ހާސްކަމާމެދު ސުވާލު އުފެއްދުނެވެ.

"އަހަރެން.. އަހަރެން ހީކުރީ ޒީވް ދިޔައީ ކަމަށް" ރިއާން އަމިއްލާ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުން ޖަވާބުދިނެވެ.

"އައިމް ސޮރީ. ދެން ނުދާނަންދޯ" ރިއާން ޒީވާގެ ގައިގައި ބާރަށް ބައްދައިލިއެވެ. ލިބުނު ހާސްކަމުގެ ސަބަބުން އޭރުވެސް އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ.

"ހްމްމް. ނުދާނަމޭ.. ރިއާން.. ދޫކޮށްލަބަ.. އަޅެ. ޕޭންކޭކްސްކޮޅު" ޒީވާ ކުއްލިއަކަށް ރިއާންގެ އަތުތެރެއިން ވީއްލިގަންނަމުން އުނދުނާ ދިމާލަށް އެނބުރުނެވެ.

"ޒީވް ކީއްކުރަން ތި ތެދުވީ؟ ޑޮކްޓަރ ބުންޏެއްނު ބެޑްރެސްޓް ކުރަން. ގެނޭ އަހަރެން އަތަށް" ރިއާން ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން ބުންޏެވެ.

"ނޫން. އަޅެ ދެން ރިއާން.. މިއީ އެހާވަރު ކަމެއްވެސް ނޫނެއްނު. އެހެންނޫނަސް އަބަދު އޮށޯވެގެން އޮންނާނީ ކިހިނެއް؟" ޒީވާ ދެކޮޅުހެދިއެވެ. ރިއާން ހަމަހިލާ އެކަމާ އެއްބަހެއް ނުވިއެވެ.

"ނޯ ލީވް އިޓް. ދޭބަ އިށީނދެލައިގެން އިންނަން. ޕްލީޒް" ރިއާން ޒީވާގެ އަތުން ދޭފަތް އަތުލިއެވެ.

ޒީވާ ރުޅި މޫނު ހަދައިފައިގޮސް ސިޓިންގްރޫމްގެ ސޯފާގައި އިށީނުމާއެކު ރިއާންގެ މޫނަށް ހިނިތުންވުނެއް ވެރިވިއެވެ. ޕޭންކޭކްތައް ތައްޔާރުކޮށް އެ އެއްޗެހި ތައްޓަކަށް އެޅުމަށްފަހު ކެބިނެޓްގެ ވަތްގަނޑެއް ހުޅުވައިލައި އޭގެން ނެގި ޗޮކްލެޓް ސިރަޕްފުޅި ހިފައިގެންގޮސް ޒީވާގާތު ސޯފާގައި އިށީނެވެ. އެ ކޭކްތަކުގެ މީރުވަސް ނޭފަތުގައި ޖެހުނުވަގުތު ޒީވާ ރިއާންދެކެ އައިސްފައިހުރި ރުޅިވެސް ފިލައިދިޔަ ކަހަލައެވެ. ރިއާން ތަށީގައި ހުރި ޕޭންކޭކްތަކުގެ މައްޗަށް އެކަށޭނެވަރަކަށް ސިރަޕް އަޅައިލުމަށްފަހު އޭނާ ގެނައި ދެ އުލުގެ ތެރެއިން އުލެއް ޒީވާއަށް ދިއްކޮށްލިއެވެ. އަދި އަތުގައި އޮތް އޫ ތައްޓާއި ދިމާކޮށްލި ވަގުތު ޒީވާ އެ ތަށި ދަމައިގެންފިއެވެ. އަދި އަވަސް އަވަހަށް އޭގައިހުރި ކޭކްތައް ކާންފެށީ ރިއާންއަށް އެންމެ ކޭކެއްވެސް ނުދޭނަމޭ ބުނާފަދަ އުސޫލަކުންނެވެ. ބަދަލުގައި ރިއާންގެ ފަރާތުން ލުއިހީނލުމެއްގެ އަޑު އިވުނެވެ.

"ކިހިނެއްވީ؟" ޒީވާ ރިއާންއަށް ލޯ އަޅައިލިއެވެ.

"ކަމެއްނުވޭ.." ރިއާން ދެފަރާތަށް ބޯ ހޫރައިލަމުން ބުންޏެވެ.

"މަލާމާތް ކުރަނީ ދޯ.. ހެޔޮ މަލާމާތްކުރިޔަސް. ވަރަށް ބަނޑުހައި. އެމީހުން އައިވީވެސް މާ މަދުން ގުޅީ." ޒީވާ އަވަސް އަވަހަށް ކޭކްތައް ހުސްކޮށްލެވޭތޯ މަސައްކަތްކުރަމުން ބުންޏެވެ. ރިއާން އެކަން މަނާކުރުމުގެ ގޮތުން ޒީވާއާ ގާތަށް ޖެހިލުމަށްފަހު ޒީވާގެ އަތުގައި ހިފެހެއްޓިއެވެ.

"އެކަމަކުވެސް ހެޔޮ. ލަސްލަހުން ކާނީ. ނުކައި ހުރިއިރުވެސް އެނގެއެއްނު ބަނޑުހައިވާނެކަން.. ޒީވްއަށް އެނގިހުރެ" ރިއާންގެ ވާހަކަ މެދުކަނޑައިލިއެވެ. ދައްކަން އުނދަގޫ ވާހަކައެއް ކަމުގައިވިޔަސް ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ވާހަކަ ކުރިއަށް ގެންދިޔައެވެ. "ޒީވްއަށް އެނގިހުރެ ކީއްވެ ބޭބީއާ ދޭތެރޭ ވިސްނާނުލީ. އަމިއްލާ ނަފްސާ ދޭތެރޭ ވިސްނައިލި ނަމަވެސް ކެއުމަށް ފަރުވާ ބެހެއްޓީހެއްނު" ރިއާންގެ އަޑުގައިވި ސަމާސާގެ އަސަރު ފިލައިގޮސް އެ އަޑަށް ހިމޭންކަން ވެރިވިއެވެ. އެއާއެކު ޒީވާ އަތުގަިއހުރި ޕޭންކޭކް ތަށި މޭޒުމަތީގައި ބަހައްޓަމުން ރިއާންއާ ކުރިމަތިލިއެވެ.

"އަހަރެންވެސް ގަސްތުގަ ބޭބީއާ ދޭތެރޭ ފަރުވާކުޑައެއް ނުކުރާނެއެއްނު. ހީވީތަ އަހަރެންނަށް ރިއާންއާނުލައި އުޅެން ފަސޭހަވާނޭ. އެ ދަތި ދުވަސްތައް ތަހައްމަލު ކުރަމުންދަނިކޮށް ޝައިގެ ވާހަކަތައް އެރޭ އިވުނީމަ އަހަރެންގެ ދުނިޔެ އެފުށް މިފުށަށް ޖެހުނު ކަހަލަ. އެއްޗެއް ކެވޭނީވެސް އެ ކާއެއްޗެއް އަރުތެރެއިން ދިރޭނަމައެއްނު. ތިންދުވަސްވަންދެން ޝައިއަށް އެހެން ހެދި މީހަކާ ދޭތެރޭ ވިސްނަނިކޮށް އެނގުނީ އެއީ ދޮން-"

"ޝްޝްޝް.." ޒީވާގެ ވާހަކައިގެ މިސްރާބު ބަދަލުވަމުންގޮސް ފިކުރުބޮޑުވާ ހިސާބަށް ދިޔުމުގެ ކުރިން ރިއާން އެ ވާހަކަ ހުއްޓުވަމުން ޒީވާގެނެސް އޭނާގެ މޭގެ ތެރެއަށްލާ ބޮނޑިކޮށްލިއެވެ.

"ރިއާން" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒީވާ ރިއާންއަށް ގޮވައިލިއެވެ.

"ހޫމްމް" ރިއާން އަދިވެސް އިނީ ޒީވާގެ ގައިގައި ބައްދައިލައިގެނެވެ.

"ރިއާން ހަމަ ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވޭތަ؟ ނޫނީ އެއީ އެގަޑީގަ އަހަރެން ރުއްސަން ބުނި އެއްޗަކީތަ؟" ޒީވާ އަދިވެސް އޭނާއަށް އޭރު އިވުނު ބަސްތައް ގަބޫލު ނުކުރެވޭ ކަހަލައެވެ. އެއާއެކު ރިއާން ޒީވާގެ ގައިން ދޫކޮށްލުމަކާނުލައި ޒީވާގެ ކަންފަތާއި ގާތްވެލުމަށްފަހު ވައިއަޑުން ޒީވާގެ ކަންފަތްދޮށުގައި އެ ބަސްތައް ތަކުރާރުކޮށްލިއެވެ. "އައި ލަވް ޔޫ"

ޒީވާއަށް ސިހިފައި ރިއާންގެ ގައިންދޫކޮށްލެވުނެވެ. އެއާއެކު ރިއާން ޔަގީންކަން ދޭ ފަދައަކުން ޒީވާގެ ދެއަތުގައި ހިފައިލަމުން ޒީވާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"ރިއާންއަށް ޔަގީންތަ؟ ކޮން..ކޮން އިރަކު ކިހިނެއް ރިއާންއަށް ޔަގީންވީ އަހަރެންދެކެ ލޯބިވާކަން" ޒީވާ އެނގެން ބޭނުންވިއެވެ.

"ސިލީ ގަރލް.. ޒީވް މި އެޕަރޓްމެންޓަށް އައި ފުރަތަމަ ރޭ ހަނދާންވޭތަ؟ އެ ތުފާނީ ރޭ.. ވަޓް މޭޑް ޔޫ ތިންކް އައި ވުޑް ނީލް ޑައުން އިން ދެޓް މަޑް، އިން އަ ފައިވް ތައުސަންޑް ޑޮލަރ ޓޮމް ފޯރޑް ސޫޓް އިފް އައި ޑިޑްންޓް ލަވް ޔޫ؟ އެންޑް ވަޓް ޕޮސިބްލީ މޭޑް ޔޫ ތިންކް އައި ޑިޑްންޓް ލަވް ޔޫ އާފްޓަރ އައި ކްރޭޝްޑް އަ ކަރ ވޯތް ހާފް އަ މިލިއަން ޑޮލަރޒް ބިކަޒް ސަމް ބާސްޓަރޑް ލެއިޑް ހިޒް ހޭންޑްސް އޮން ޔޫ؟ ޒީވްގެ ކައިވެނި އެހެން މީހަކާ ކުރެވެން އުޅޭހެން ހީވެ އަހަރެން މޮޔައެއްހެން އެ ކައިވެނި ހުއްޓުވަން ޒީވްގާތުން އާދޭސްކުރި ހަނދާން ނެތީތަ؟ އަހަހަ އިންނަންވެސް އެހީމެއްނު" ރިއާންގެ ވާހަކަތަކުން ޒީވާއާމެދު ރިއާން އަބަދުވެސް ބަހައްޓަމުންދިޔަ ގާތްކަމާއި އެކަމުގެ ސަބަބު އެނގުނެވެ. މިހާރު އޭނާގެ ހިތުގައި ވަނީ އެންމެ ސުވާލެކެވެ.

"އެކަމަކު އެ ފޮޓޯތައް..ނަޝްވާ.." ޒީވާ ކުރަންއުޅުނު ސުވާލު އެނގުމާއެކު ރިއާން ފުންނޭވާއެއް ދޫކޮށްލަމުން އެރޭގެ ކަން ހިނގައިދިޔަގޮތް ކިޔައިދިނެވެ. ނަޝްވާއާއި އޭނަގެ ދެމެދުގައި އެއްވެސް ގުޅުމެއް ނުވާކަން ސާފުކޮށްދީ ނަޝްވާ ފުރަންދިޔަ ދުވަހުގެ ވާހަކަތައްވެސް ކިޔައިދިނެވެ.

"އަހަރެން ޒީވާއަށް ބޭވަފާތެރިވާންވީ ކީއްވެ؟ އަދި އެވެސް އަހަރެމެން ދެމީހުން އުޅޭ އެޕަރޓްމެންޓަކަށް އެހެން އަންހެނަކު ގެނެސްގެން. އައި ހޭވް ބެޓަރ ޕްލޭސަސް ޓު ހައިޑް އަ ގަރލް.. ހޮޓެލްސް، ރިސޯޓްސް އެންޑް ސަފާރީޒް.. އައިމް ނޮޓް އައުޓް އޮފް އޮޕްޝަންސް ވެން އިޓް ކަމްސް ޓު ޕްލޭސަސް" ރިއާންގެ ވާހަކައަށް ޒީވާއަށް އެއްބަސްވެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ދެލޯ ހަނިކޮށްލަމުން ރިއާންއަށް ބަލައިލިއެވެ.

"ތީގެ މާނައަކީ މިހާރު ތި ގޮތްގޮތަށްވެސް އވިސްނައިފީމޭ ދޯ؟ ތި ހުރިހާ އޮޕްޝަނެއްވެސް؟" ޒީވާ އަހައިލިއެވެ. ރިއާންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަމިއްލަ ނަފްސުގެ ދިފާއުގައި ބުނާބަހަކުންވެސް ޒީވާ އޭނާއަށް މި ދިއްކުރަނީ ތުހުމަތުގެ އިނގިއްޔެކެވެ. އެންމެފަހުން ޒީވާއާއި ޖަދަލުކޮށްގެން ކުރި ނުލިބޭނެހެން ހީވުމާއެކު ރިއާން ޒީވާގެ ވާހަކައާއި ބައިވެރިވިއެވެ.

"ހްމްމް. ވިސްނާފަ ހުންނާނެ. ހޮޓެލްސް، ރިސޯރޓްސް އެންޑް ސަފާރީޒް.. އޯލް ގުޑް ޕްލޭސަސް ޓު ކިޑްނެޕް ޔޫ، ހައިޑް ޔޫ އެންޑް މޭކް ލަވް ޓު ޔޫ ދަ ނެކްސްޓް ޓައިމް ޔޫ ގެޓް ބޯރޑް އޮފް ދިސް ޕްލޭސް އެންޑް ރަން އަވޭ" ޒީވާއާއި އިތުރަށް ގާތަށް ޖެހިލަމުން ރިއާން ސިއްރުސިއްރުން ބުނެލި ވާހަކައާއެކު ޒީވާގެ މޫނަށް ލަދުން ޖަންބުކުލަ އަރައިގެންދިޔައެވެ. ރިއާންއަށް އެ މަންޒަރުފެނި ލާނެތް ހިނިތުންވުމަކާއެކު އޭނާ އިންތަނުން ތެދުވެ ހިންދެމިލަމުން ޒީވާއާ ދުރަށް ހިނގައިގަތެވެ.

"އެބަ އަންނަން ފެންވަރާލައިގެން.. ޑޮކްޓަރ ބުންޏެއްނު ނިއުޓްރިޝަނިސްޓަކަށް ދައްކަންޖެހޭ ވާހަކަ" ރިއާންގެ އަޑުގައި ދެންމެކުރި ލާނެތް ސަމާސާގެ ކުޑަވެސް އަސަރެއްނެތެވެ. އެއާޚިލާފަށް އޭރު ޒީވާ އިނީ ލަދުންގޮސް ވިލާތުބަށްޓެއްހާ ރަތްވެފައެވެ.

"ޒީވް" ރިއާންއަށް ޒީވާ އޭނާގެ ވާހަކައަށް ސަމާލުކަން ނުދޭހެން ހީވެ ގޮވައިލިއެވެ.

"އަމް ޔެސް..ކީކޭ؟" ޒީވާ އަވަސް އަވަހަށް ބުންޏެވެ.

"ރޭގަ އަހަރެން ހޮސްޕިޓަލަށް ގުޅައިގެން އެޕޮއިންޓްމެންޓް ހައްދާފަ އޮންނާނީ ނިއުޓްރިޝަނިސްޓަކަށް. މިއަދު ހެނދުނު 11 ޖަހާއިރަށް އޮތީ. މިހާރު 10 ޖަހަނީ. އަވަހަށް ރެޑީވެލައިގެން ދަމާ "ރިއާން އާދައިގެ ރާގެއްގައި ބުންޏެވެ.

***************

"ދެން އަޅެ ކޮންމެހެން ނިއުޓްރިޝަނިސްޓެއް ގާތަށް ނަޔަކަސް ކެވިދާނެއެއްނު" ޓޯކަން ނަންބަރު ހިފައިގެން އައިސް ޑޮކްޓަރުބަލާ ކޮޓަރީގެ ބޭރުގައި މަޑުކޮށްލަމުން ޒީވާ ރިއާންގާތު ބުންޏެވެ. ރިއާންއަށް ޒީވާ ބުނިއެއްޗެއް ނީވޭ ކަހަލައެވެ. އަތުގައި އޮތް ޓޯކަން ނަންބަރަށްވެސް ފަރުވާލެއްނުދީ އޭނާ ނިންމީ ޑޮކްޓަރުބަލާ ކޮޓަރިއަށް ވަނުމަށެވެ.

"ރިއާން.. މަޑުކޮށްބަލަ އަދި އަހަރުމެންގެ ކުރިއަށްވެސް ތިން ނަންބަރު އެބަ އޮތެއްނު. ތިގޮތަށް ކުއްލިއަކަށް ގޮސް ނުވަދެވޭނެއޭ" ރިއާންގެ އަތުގައި ހިފައި ހުއްޓުވަމުން ތަނުގެ ވަށައިގެންތިބި މީހުންނަށް ބަލައިލިއެވެ. ނަމަވެސް ރިއާންއަށް ޒީވާ އެދެއްކި ވާހަކަ ދޭހަނުވާފަދަ ބީރައްޓެހި ނަޒަރަކުން އޭނާ ޒީވާއަޒް ބަލައިލިއެވެ.

"ޔޫ މީން އައި ހޭވް ޓު ވެއިޓް؟ މީ؟ އޭނައެއްނޫންތަ އަހަރެންނަށް މަޑުކުރާނީ؟" ރިއާންއަކަށް ގަބޫލެއް ނުކުރެވުނެވެ.

"ޔެސް ރިއާން ވީ ހޭވް ޓު ވެއިޓް.. މިއީ ރިއާން ކިއުއެއްގަ މަޑުކުރާ ފުރަތަމަ ފަހަރެއް ނޫނެއްނު؟ އަހަރެންނާއެކު ކެފޭޓީރިއާގަވެސް މަޑުކުރީމެއްނު؟ މިއީ ހޮސްޕިޓަލެކޭ..  ވިޔަފާރިދުނިޔޭގެ އެންމެނަށް ރިއާން އެނގޭހެން މި ދާއިރާގެ މީހުންނަކަށް ނޭނގޭނެ" ޒީވާ ހަނދާންކޮށްދިނެވެ.

"ޔޫ އަރ ކިޑިންގް.." ރިއާން ޒީވާގެ ވާހަކަ ގަބޫލުކުރުމެއްނެތި ޑޮކްޓަރު އިންނަ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަނެވެ. ނަމަވެސް ކަންތައްވީ ރިއާން އުއްމީދު ކުރިގޮތާ މުޅިން ހިލާފަށެވެ. އެތެރެއަށް ވަނުމާއެކު އެތަނުގައި އިން ޑަކްޓަރު ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލައިލިއެވެ. އޭނާ އަތުގައި އޮތް އެޕޮއިންޓްމެންޓް ދައްކައިލުމުން އެ ޑަކްޓަރު ހިތްހެޔި ހިނިތުންވުމަކާއެކު އެހެން އެންމެނަށްވެސް ދޭ ޖަވާބު އޭނާއަށްވެސް ދިނެވެ.

"ބޭރުގަ މަޑުކޮށްލާ ނަންބަރު ޖެހުނީމަ ގޮވާލާނަން" ރިއާންއަށް އެ ޖަވާބު އިވުމާއެކު ޑަކްޓަރަށް ރައްދު ދިނުމަށް އަނގަ ހުޅިވައިލި ނަމަވެސް ޒީވާ އެއަށްވުރެންކުރިން އޭނާގެ އަތުގަަައިހިފައި އެތަނުން ބޭރަށް ނެރުނެވެ. އަދި މާ ދުރުނޫން ހިސާބެއްގައިހުރި ގޮނޑިބަރިއެެއްގައު ރިއާން ބޭންދިއެވެ. އޭރު ބޭރުގައިތިބި މީހުންވެސް ނުރުހުންވެފައި އެދެމީހުނަށް ބަލަން ތިއްބެވެ.

"އޭނައަކަށް ނޭނގޭތަ އަހަރެންމީ ކާކުކަން؟" ރިއާން ހިތްހަމަނުޖެހުނެވެ.

"އަހަރެން އޭރުވެސް ބުނީމެއްނު ނުވަންނާށޭ. ވަކި މޮޅުތަކެއް ވެއްޖެތަ؟" ޒީވާ ބުންޏެވެ.

"މިއީ ޖޯކެއްނު؟ ކިހާއިރަކު މިތާ ތިބެންޖެހޭނީ؟" ރިއާން އަހައިލިއެވެ.

"ބައިގަޑިއެއްހާއިރުވެސް ތިބެން ޖެހިދާނެ. ރިއާންއަށް ތަނަކަށް ދާން ޖެހުނީތަ؟" ޒީވާ އެއްސެވެ.

"ނޯ ބަޓް.." ރިއާން ވާހަކައިގެ މެދުތެރެއިން ކަމަކާމެދު ވިސްނައިލިއެވެ. "މި ހޮސްޕިޓަލުން އޭނައަށް ކިހާވަރެއް ޕޭ ކުރާނެހެން ޒީވްއަށް ހީވަނީ؟"

"ތިބުނީ އެ ޑޮކްޓަރައްތަ؟ ނޭނގެ ދޯ" ޒީވާ ދެކޮނޑު އަރުވައިލަމުން އާދައިގެ ރާގެއްގައި ބުންޏެވެ.

"އެބައޮތް ގޮތެއް. މިތަނުން ދޭ މުސާރައިގެ ދެގުނަ އިތުރުކޮށްފަ އޭނަ ހަޔަރ ކުރަން ހިނގާ. ބޭބީ ވިހަންދެން" ޒީވާއަށް އިނީ ރިއާންގެ ހިޔާލު އެދިމާލަށް ދިޔަގޮތާމެދު ވިސްނާލަންވެސް ނޭނގިފައެވެ.

"ޔޫ ނޯ ވަޓް؟ އަހަރެންނަށް ފެންނަނީ ވިހަންދެން ގައިނީއަކާއި ނަރުހުންގެ ޓީމްއެއްވެސް ރިއާން ހަޔަރ ކޮށްފަ ބަހައްޓަން. އެކްޗުއަލީ ލެޓްސް ބިލްޑް އަ ޕްރައިވެޓް ލޭބަރ ރޫމް ޓޫ" ޒީވާ ޖެއްސުމުގެ ރާގެއްގައި ބުންޏެވެ. ނަމަވެސް ރިއާންއަށް އެވާހަކަތައް ނެގުނީ މުޅިން ސީރިއަސްކޮށެވެ.

"ވާއު ޒީވް. ޔޫ އަރ އަ ޖީނިއަސް. ލެޓްސް ޑޫ ދެޓް"

"އޯހް ޕްލީޒް ޝަޓަޕް ރިއާން. ހައު ޑޫ ޔޫ އިވަން ރަން އަ މަލްޓިމިލިއަން ޑޮލަރ ކޮމްޕެނީ ވިތް ދެޓް ސްޓުޕިޑް ބްރެއިން އޮފް ޔޯރސް" ރިއާންގެ މޫނުމަތީގައިވި ސީރިއަސްކަން ފެނި ޒީވާ އިނީ ހަމަރަނގަޅަށްވެސް އަންތަރީސްވެފައެވެ.

އެފަދަ ކުދިކުދި ދެބަސްވުންތަކާއި ސަމާސާތަކުގެ ތެރެއިން ބައި ގަޑިއެއްހާއިރު ވޭތުވެގޮސް ޓޯކަން ނަންބަރު ޖެހުނުގޮތްވެސް ނޭނގުނެވެ. ޑަކްޓަރަށް ދެއްކުމަށްފަހު ޒީވާއަށް ބޭނުންވާ ބައެއް ސާމާނު ގަނެގެން ގެއަށް އާދެވުނުއިރު މެންދުރުފަސްވެއްޖެއެވެ. އެމީހުން އުޅޭ ފަންގިފިލާއަށް ހުއްޓައިލި ލިފްޓުން ފައިބައިގެންގޮސް އެޕަރޓްމެންޓްގެ ދޮރުމައްޗަށް އެރި ވަގުތު ރިއާންގެ އިތުރުން ޒީވާއަށްވެސް ހައިރާންކަމެއް ލިބުނެވެ. އެޕަރޓްމެންޓްގެ ދޮރުގައި ލެގިލައިގެން އެދެމީހުންގެ އިންތިޒާރުގައި ހުރީ ރާހިލް ފިޔަވައި އިތުރުމީހެއް ނޫނެވެ.

ރާހިލްގެ މިލާފައިވާ މޫނުމަތިން ހިތްދަތިކަމާއި ވޭނުގެ އަސަރުތައް ފެންނަމުންދިޔައިރު އިސްތަށިގަނޑުގައިވެސް ތަރުތީވުކަމެއްނެތެވެ. ލައިގެންހުރީ އިއްޔެ ޒީވާ އެގެއިން ނުކުމެގެން އައި އިރުވެސް ލައިފައިހުރި އޮފީސް ގަމީހާއި ފަޓުލޫނެވެ. ތަފާތަކީ އިއްޔެއާ ހިލާފަށް އެ ގަމީސް ރޫތަށްޖެހި ފުރިފައިވާކަމެވެ. ރާހިލްފަދަ ހެދުން އެޅުމުގައާއި އިސްތަށިގަނޑު ސްޓައިލް ކުރުމުގައިވެސް ފާޑުވެރި ޒުވާނަކަށް މިއަދު އެއިން އެއްވެސް ކަމެއް މުހިއްމު ވެފައި ނުވާކަހަލައެވެ.

"ރިއާން.. ހެލްޕް މީ.." ރާހިލް ކުރިއަށް ފިޔަވަޅެއް އަޅައިލުމަށްފަހު ފެންކަޅިވެފައިވާ ދެލޮލުން ރިއާންގާތު އާދޭސްކުރިއެވެ.

ރިއާންއަށް ބަަލައިލެވުނީ އޭނާގާތުހުރި ޒީވާގެ މޫނަށެވެ. އޭރު މީގެ އިރުކޮޅެއްކުރިން ޒީވާގެ މޫނުގައިވި ހައިރާންކަމުގެ ކުލަވަރުތައްވަނި ރުޅީގެ ކުލަތަކަށް ބަދަލުވެފައެވެ. ރިއާންގެ އަތުގައިހުރި ބާޒާރު ކޮތަޅުތަކާއި ވޮލެޓު ޖަހައިގަތުމަށްފަހު ދޮރުމަތީގައިހުރި ރާހިލް ދުރަށް ކޮށްޕައިލަމުން އެޕަރޓްމެންޓްގެ ކީކާޑު ނަގައި ދޮރު ހުޅުވައިލިއެވެ.

ޒީވާ އެޕަރޓްމެންޓަށް ވަނުމާއެކު ރިއާން އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ޒީވާއަށް ބަލައިލުމަށްފަހު ޒީވާގެ ފަހަތުން އެޕަރޓްމެންޓަށްވަނެވެ. ރާހިލްވެސް ރިއާންގެ ފަހަތުން ވަންނަން އުޅުނެވެ. އެކަމަށް ހުރަސް އެޅުނީ އައި ނައި ތަނެއް ނޭނގި ޒީވާ އައިސް ރާހިލްގެ މޭގައި އަތް އަޅައި ބޭރަށް ކޮށްޕައިލުމުންނެވެ.

"ހަބަރުދާރު! އަހަރެން ދިރިއުޅޭތާކަށް ކަލޭ ދެން ދުވަހަކުވެސް ވަދެގެން ނުވާނެ!"

"ޒީވް.." ޒީވާގެ އަޑުގައިވާ ހަރުކަށިކަން އިވުމާއެކު ރިއާން ކަންބޮޑުވެފައި ގޮވައިލިއެވެ. ރާހިލްދެކެ ޒީވާ މިވަގުތު އިންތިހާއަށް ރުޅިއައިސްފައިހުރި ނަމަވެސް އެ ރުޅީގެ ސަބަބުން ޒީވާ ފަހުން ހިތާމަ ކުރާނެވަރު އެއްޗެކޭ ރާހިލްއާ ދިމާލަށް ބުނުމުގެ ފުރުސަތު ދޭކަށް ރިއާން ބޭނުމެއްނުވިއެވެ.

"ހެލްޕް މީ ފައިންޑް ހަރ" ޒީވާ ލަވަމުންދިޔަ ހަޅޭކަކަށް ބެލުމެއްނެތި ރާހިލް ވާހަކަދެއްކީ ރިއާންއާއެވެ.

"ނޫން. ނުވާނެ. މީނަގެ އެއްވެސް ކަމަކަށް ދެން ރިއާންގެ ފަރާތުން އެއްބާރުލުން ދީގެން ނުވާނެ. ޝައި ހޯދަންވިޔަސް. ޝައި ދޭތެރޭ އަހަރެން ކަންބޮޑެއްނުވޭ .. ޝީ ވޯޒް އޯލްވޭޒް އަ ސްޓްރޯންގް އެންޑް އިންޑިޕެންޑެންޓް ވުމަން. މި ސިޗުއޭޝަންވެސް އިރާދަކުރެއްވިއްޔާ ޝައި ހޭންޑްލް ކުރާނެ. އޭރު ޝައިއަށް ކުރިން އަަޅައިނުލި މީހެއްގެ އަޅައިލުމެއް ވަކި މިހާރުވެސް ބޭނުންވާނެހެނެއް ހިއެއް ނުވޭ. ޝައި ބޭނުން ދުވަހަކުން އޭނަގެ ކުރިމައްޗަށް އަންނާނެ!" ޒީވާގެ އަޑުގައިވާ ރުޅިވެރިކަމަކަށް ބަދަލެއް ނާދެއެވެ. އޭނާ ބޭނުންވީ ޝައިނާގެ ދުރުކަން ހަތިޔާރެއްގެ ގޮތުގަައި ހަދައިގެންވިޔަސް ރާހިލް ކުރި ހުރިހާކަމަކަށް އަދަބުދޭށެވެ.

"ޒީވް ހަމަޖެހިބަލަ–"

"ހަމަ ޖެހިފައޭ މިހުރީ. މިބުނީއެއްނު! ރިއާން ޖެހޭނީ މިކަމުގަ އަހަރެން ނޫނީ މީނަ ޗޫޒްކުރަން. ރިއާންގެ ފަރާތުން މީނައަައް އެއްވެސް އެއްބާރުލުމެއް ލިބުނުކަން އެނގޭ ދުވަހަކީ ރިއާންއަށް އަހަރެން ގެއްލޭނެ ދުވަސް" ރިއާންގެ ވާހަކަ މެދުކަނޑައިލަމުން ޒީވާބުނި ޖުމްލައާއެކު ރިއާންގެ ދުލުގައި ތަޅުއެޅުވުނު ކަހަލައެވެ. ރާހިލްގެ ދިފާއުގަައި އެންމެ ލަފްޒެއްވެސް ބުނާނެހާ ހިތްވަރެއް ނުލިބުނެވެ. ޒީވާގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖެހިއިރުވެސް އޭނާއަށް ހުރި ފިޔަވަޅުމަތީ ގަނޑުވެފައި ހުރެވުނީއެވެ. އެހެނަސް ޒީވާ ދިޔުމާއެކު އޭނާ ބޭރުގައިހުރި ރާހިލްއަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.

"އައިމް ސޮރީ ބްރަދަރ.. މައި ހޭންޑްސް އަރ ޓައިޑް" ސުކޫތެއްގެ ހިމޭންކަމަކަށްފަހު ރިއާން ބުންޏެވެ.

"އައިމް ހެޕީ ދެޓް ޔޫ ޗޯޒް ހަރ" ރާހިލް ހިތްދަތިގޮތަކަށް ބޯ ޖަހައިލަމުން ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.

"ރާހިލް.. އަހަރެން ޒީވާއާ ވާހަކަދައްކާނަން. އެކަމަކު މިހާރަކުނޫން. މިވަގުތު ޒީވާގެ ފިކުރުބޮޑުވާގޮތަށް އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫން. ޝީ.. ޝީ އިޒް ޕްރެގްނެންޓް އެންޑް ވީ އޯލްމޯސްޓް ލޮސްޓް އަވަރ ބޭބީ" ރިއާން ބުނަން ނުބުނަން ހުރެފައި ރާހިލްގާތު ހުރިހާ ވާހަކައެއް ހިއްސާކުރިއެވެ.

"ވާއު. ކޮންގްރެޓްސް އެންޑް އައި.. އައިމް ސޮރީ.. ޒީ މިހާރު ރަނގަޅުތަ؟" ރާހިލްއަށް ލިބުނު ހަބަރާއެކު ކުޑަވަރެއްގެ ޝޮކެއް ލިބުނު ނަމަވެސް އޭނާގެ މޫނުމަތިން މާބޮޑު އަސަރުތަކެއް ފާޅެއްނުވިއެވެ.

"އިރާދަކުރެއްވީތީ މިހާރު ރަނގަޅު. ޒީވާ ގަޔާނުވަންޏާ އަހަރެންނަށް ރަނގަޅީ ރާހިލް މިދުވަސްކޮޅު މިގެއަށްވެސް ނައުން. މުހިއްމު ވާހަކައެއް އޮތިއްޔާ ނީމްގާތު ބުނެލީމަ އަހަރެން ވަގުތެއް ހުސްކޮށްލަދޭނަން"

ރިއާންގެ ވާހަކައަށް ރާހިލް ބޯ ޖަހައިލި ނަމަވެސް އޭނާއަށް ހީވީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނު ހެނެވެ. ކުރިން އޭނާއަށް ބޭނުން އިރަކު ބައްދަލުވެވޭ އެންމެ ގާތް އެކުވެރިޔާއާވެސް އެޕޮއިންޓްމެންޓް ހައްދައިގެން ނޫނީ މިހާރު ބައްދަލުވެވޭކަން ނެތެވެ. ހަޔާތުގެ ބައިވެރިޔާއާއެކު ހުރި އެއްބަޑު އެއްބަފާ ކޮއްކޮގެ އިތުރުން އެންމެ ގާތް ރަޚްމަތްތެރިޔާވެސް ގެއްލިއްޖެއެވެ. ރާހިލްގެ ހަޔާތަށް ވެރިވީ އެކަނިވެރިކަމުގެ އިންތިހާއެވެ.

"އައި..އައިމް ސޮރީ. ދާނެ އެހެން ތަނެއް ނޭނގުނީމަ ރިއާން ގާތަށް އާދެވުނީ. އެކަމަކު.. ދެން އަޅާނުލާ. ޒީވާއަށް ބަލާތި" ރާހިލް ލަސްފިޔަވަޅުތަކެއްގައި ފަސްއެނބުރި ލިފްޓާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.

ރާހިލް ލިފްޓަށް އަރަންދެން ދޮރުކައިރީގައި މަޑުކޮށްގެން ހުރުމަށްފަހު ރިއާން އެޕަރޓްމެންޓްގެ ދޮރުލައްޕައިލިއެވެ. އަދި ޒީވާ ވަތް ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލުމަށްފަހު ބޯ ހޫރައިލެވުނެވެ.

 

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރާހިލް އެހެން އުޅުމައްވުރެ ދެންވެސް އެލީއާއި އޭނަގެ ކައިވެނި ކުރެވުނު ގޮތާއި އެލީގެ ދަރިފުޅުގެ ވާހަކަ ހަގީގަތައް އާއިލާ މީހުންނައް ކިޔާދޭންވީނުން ދެންވެސް.. އޭރުން ދެންވެސް ޝައި އަންނައިރަކުން އޭނަ އެކައިވެނިން ސަލާމަތް ވެފަ ހުރިއްޔާވެސް މާފުކޮއް ގުޅެން ފަސޭހަވާނެ ކައްނޭގެ..

  2. ރާހިލް ލަސްނުކޮށް އެލީޝާގެ ހަޤީގަތް ފެމެލީއަށް ކިޔާދީބަލަ ޕްލީޒް!

  3. މިވާހަކަ ގެނެސްދޭލެއް ހާދަހާ ލަހޭ.. މި އަށްވުރެ ތަންކޮޅެއް އަވަސް އަވަހަށް މިވާހަކަ ގެނެސްދީބަލަ…. ޕްލީޒް..️

  4. ފަސްދޮޅަސްދެވަނަބައި ތަންކޮޅެއް އަވަހަށް އަޕް ކޮށްދެއްޗޭ.. ޕްލީޒް… މި ވާހަކައަށް ވަރަށް އިންތިޒާރު ކުރެވޭ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *