"ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހަމަޖައްސާލަބަ އެނގޭ.. އައި ލަވް ޔޫ" ކޮޓަރިން ނުކުތުމުގެ ކުރިން ޒީވާ ބުންޏެވެ. ރިއާން ދެފަރާތަށް ބޯ ހޫރައިލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖަހައިލަމުން ރާހިލްގެ ކޯލަށް ޖަވާބުދިނެވެ.
****************
ޖެހިގެންއައި ހަފްތާ ފެށިގެން އައި އިރު ޝައިނާމެންގެ އެޕަރޓްމެންޓް ބަދަލުވުމުގެ މަސައްކަތް ކުރިއަށް ދިޔުމުގެ ސަބަބުން އިޝްވާވެސް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޝައިނާއާއެކު ގިނަވަގުތުތަކެއް ހޭދަކުރަމުންދިޔައެވެ. ހަމައެއާއެކު ޝައިނާ އޮފީހުގައި ބުރަކޮށް އުޅޭ ދުވަހެއްނަމަ ޑޭކެއަރ އިން ނިންމާފައި ޔާނާ ގެއަށްވެސް ގެނެސްދެނީ އިޝްވާއެވެ. ނަތީޖާއެއްގެ ގޮތުން އޭނާއާއި ޝިމާންގެ ބައްދަލުވުންތައްވެސް އިތުރުވިއެވެ. އެހެންނަމަވެސް އެއިން އެންމެ ފަހަރަކުވެސް ޝިމާންއާއި އޭނާގެ ދެމެދުގައި ވާހަކަދެކެވޭ ތަނެއް ނުފެނެއެވެ. އަވަސް އަވަހަށް ބަދަލުކޮށްލާ މަދު ނަޒަރަކާއި ހަތަރުކަޅި ހަމަވެލާ ފަހަރަކު ހަދިޔާކޮށްލާ ހިނިތުންވުމެއް ފިޔަވައި އިތުރު އެއްވެސް މުއާމަލާތެއް އެދެމެދުގައި ނުހިނގައެވެ.
މިގޮތުން އާދައިގެ މަތިން އިޝްވާ ޑިއުޓީ ނިންމައިލުމަށްފަހު ޝައިނާމެންގެއަށް ދިޔަ ދުވަހެކެވެ. ޖާގައިގެ ގޮތުން ބޮޑު އެ އެއްކޮޓަރީގެ އެޕަރޓްމެންޓްގެ ސިޓިންގްރޫމްގައި ތިބި ޝިމާންއާއި ރާއީ ފެނުމާއެކު އިޝްވާ އެމީހުންނަށް ހިނިތުންވެލުމަށްފަހު ޝައިނާ ފެނޭތޯ އޭނާ ވަށައިގެން ހޯދައިލިއެވެ.
"ރާއީ.. މަންމި ކޮބާ؟" ޝައިނާ ސުވާލުކޮށްލީ އެތަނުގައި އިން ރާއީއާއެވެ. ރާއީ ކޮނޑު އަރުވައިލުން ފިޔަވައި އިތުރު ޖަވާބެއްނުދިނެވެ. ވުމާއެކު އިޝްވާ އެތަނުގެ ވަކިން ހުރި ގޮނޑިއެއްގައި އިށީނދެލީ ޝައިނާ އަންނަންދެން އެގޭގައި މަޑުކޮށްލުމަށެވެ.
"ސިސްއަަށް ދެންމެ ގުޅީމަ ބުނީ އެހާ ލަހެއް ނުވާނެއޭ.. އިޝީ.. ދިޔަސް ރަނގަޅުވާނެ.." އިޝްވާއަށް ސިހިފައި ފޯނުން އިސްއުފުލައިލެވުނީ ޝިމާން ވާހަކަދެއްކީ އޭނާއާ ކަމުގައި ގަބޫލު ނުކުރެވިފައެވެ. އެއީ އަނެއްކާ އޭނާއަށް ހީވިގޮތެއް ކަމުގައި ޝައްކު އުފެދިފައިވަނިކޮށް ޝިމާން އަނެއްކާވެސް ވާހަކަދެއްކިއެވެ.
"އެކަމަކު ކޮންމެހެން އަހަރެން ބުނީމަ ދާނެކަމެއްނެތް. އިޝީ ބޭނުން އިރެއްވަންދެން މަޑުކުރަންވީ ހަމަ" ޝިމާން އަނެއްކާވެސް ބުންޏެވެ.
"މިހާރު މިހިރީ އާދެވިފަ.. ދެން ސިސް އައިމަ ދާނީ.." އިޝްވާ ފަނޑު ހިނިތުންވުމަކާއެކު ބުންޏެވެ. އޭރު ރާއީއާއި ޔާނާ ކޮންމެވެސް އެކުދިންގެ އަމިއްލަ ގޭމެއްގެ ވާހަކައިގައި ތިބެ މާދުރަށް ދިޔުމުން އެތަނުގައި ތިބެވުނީ އިޝްވާއާއި ޝިމާންއަށް އެކަންޏެވެ.
"މާނު ކިހިނެއްތަ؟" އިޝްވާ އަހައިލިއެވެ. ޝިމާން އޭނާއާ އިސްނަގައިގެން ވާހަކަދެއްކުމަކީ ހެޔޮފާލެއްކަމުގައި އޭނާއަަށް ގަބޫލުކުރެވުނެވެ.
"ގުޑް. އިޝީ ރަނގަޅުތަ؟" ޝިމާންވެސް ބަދަލުގައި ކޮށްލީ ސުވާލެކެވެ.
"ހްމްމް" އިޝްވާގެ ކުރު ޖަވާބާއެކު އެދެމެދަށް އަނެއްކާވެސް ވެރިވީ ހިމޭންކަމެވެ.
"އިޝީ ކޮންއިރަކުން-" "މާނު މީގެ ކުރިން-" އެ ހިމޭންކަމުގެ ތެރޭގައި އެކަކު އަނެކަކާ ދައްކާނެ ވާހަކައެއް ނޭނގި ތިބުމަށްފަހު ދެމީހުންނަށްވެސް ދެން ވާހަކަ ފެށުނީ އެކުއެކީގައެވެ. އެއާއެކު ދެމީހުންވެސް އެކަކު އަނެކަކަށް ހިނިތުންވެލަމުން އިސްޖަހައިލިއެވެ.
"ޔޫ ގޯ ފަރސްޓް" ޝިމާން ބުނެލިއެވެ.
"ނޯ އައިމް ފައިން ޔޫ ގޯ ފަރސްޓް" އިޝްވާވެސް ބުންޏެވެ.
"އަހަރެން އަހަން އުޅުނީ އިޝީ ކޮން އިރަކުންހޭ ކޯސް– މަޑުކޮށްލައްޗޭ އެނގޭ"
ކުއްލިއަކަށް ޝިމާންގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ޑިސްޕްލޭއަށް އަރައިފައިވާ ނަން ފެނުމާއެކު އޭނާ އެތަނުގަައި އިން އިޝްވާއަށް ގަދަކަމުން ހިނިތުންވެލުމަށްފަހު ފޯނު ކަންފަތުގައި ޖަހަމުން އަވަސްއަވަހަށް ކޮޓަރިއަށްވަނެވެ.
އިޝްވާ ފާޑަކަށް ތުން އަނބުރައިލުމަށްފަހު މާ ދުރުނޫން ހިސާބެއްގައިތިބި ޔާނާއާއި ރާއީއަށް ނަޒަރު ހުއްޓައިލިއެވެ. އެހެނަސް އޭނާގެ ހިޔާލު އެވަގުތުވަނީ އެ ދެކުދިންނާ މާ ދުރުގައެވެ. އިރުއިރުކޮޅާ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލެވެއެވެ. ޝިމާންއަށް އައި ފޯނު ކޯލާމެދު އޭނާއަށް ވިސްނެމުންދިޔައީ އެކޯލު ފެނުމާއެކު ޝިމާންގެ މޫނަށް އެރި ކުލަވަރު އޭނާއަށް ފާހަގަކުރެވުނީތީއެވެ.
އެފަދަ ހިޔާލުތަކެއްގައި ވަނިކޮށް ގޭގެ ބޮޑުދޮރު ހުޅުވައިލި އަޑު އިވުމުން އިޝްވާ ފަސްއެނބުރި ބަލައިލިއެވެ. އޭރު އަޅި ކުލައިގެ ބެލްސްއާއިއެކު ރީނދޫކުލައިގެ އޮފީސް ހެދުމެއްގައިހުރި ޝައިނާ ގޭތެރެއަށް ވަންނަނީއެވެ. އިޝްވާ ފެނުމާއެކު ޝައިނާ ހިނިތުންވެލިއެވެ. އިޝްވާ ބެލީ ޝިމާން ކޮޓަރިން ނުކުތުމުގެ ކުރިން ވީހާވެސް އަވަހަށް އެގެއިން ނުކުމެވޭތޯއެވެ. ދެވަނަ ފަހަރަށް ޝިމާންއާ ކުރިމަތިލާން އޭނާ ބޭނުން ނުވީ އޭނާގެ ދޫ ހިމޭނުން ނުބޭއްވިދާނެކަމުގެ ބިރުގައެވެ. ދައްކަންނުޖެހޭ ވާހަކައެއް ދެއްކި ކުރަންނުޖެހޭ ސުވާލެއް ކުރެވިދާނެތީއެވެ.
*************
އިޝްވާގެ "އެކުވެރިޔާ"އާ ޔާނާ ބައްދަލު ނުކުރުވުމަށް ޝައިނާ ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް ރާހިލްއާއި ޔާނާގެ އެއްވެސް ބައްދަލުވުމަކަށް ހުރަސް އަޅާކަށް އިޝްވާ ގަސްތެއްނުކުރެއެވެ. މިގޮތުން އޮފީހުގައި އެހާ ބުރަދުވަހެއް ނޫންކަމުގައިވާނަމަ އިޝްވާ ބަލައި އަންނަ ވަގުތު ކުޑަކޮށް އަވަސްކޮށްލައި ޔާނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ރާހިލްގެ އާދައަކަށް ވަނީ ވެފައެވެ. ޔާނާއާއެކު އެހެން ހޭދަކުރެވޭ އެންމެ ދިހަވަރަކަށް މިނަޓުގެ ތެރޭގައި އޭނާގެ ނަފްސަށް ލިބޭ އުފާވެރިކަމުގެ ސިއްރަކީ ކޮބައިކަމެއް ހުދު ރާހިލްއަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޔާނާގެ ސަބަބުން އޭނާގެ އޭނާ ދިރިއުޅުމަށްޓަކައި ކުރަމުންއައި އުއްމީދު އާވެފައިވިއެވެ. ޔާނާ ވެފައިވަނީ އެނާގެ ހަޔާތް އަލިކޮށްދިން ވޮށެއް ކަމުގައެވެ. ޔާނާގެ އުފާވެރިކަމާއި ހިނިތުންވުމަކީ މަޑުމަޑުން ރާހިލްއަށް މުހިއްމު އެއްޗަކަށްވެއްޖެއެވެ. ޔާނާ އުފާކޮށްދިނުމަށްޓަކައި ތަފާތު ފޮނި ކާއެއްޗެއްސާއި ކުދިކުދި ހަދިޔާ ގެނެސްދީ ހަދައެވެ. އެއިން ކޮންމެ ހަދިޔާއަކާއެކު ޔާނާގެ މޫނު އުޖާލާވެގެންދާތަން ފެންނަހިނދު ރާހިލްގެ ހިތަށް ހަމަޖެހުން ލިއްބައިދެއެވެ.
މިގޮތުން އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޔާނާއާއި ބައްދަލުކޮށްލުމަށްފަހު ރާހިލް އޮފީހަށް އައީ މަސައްކަތް ބުރަ ދުވަހަކަށްވާތީއެވެ. ނޭނގިނަމަވެސް އޭރު އޭނާގެ މޫނުމަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. އެކަން ފާހަގަކޮށް އެންމެ ފުރަތަމަ އެއްޗެކޭ ބުނި މީހަކީ ލީވާނެވެ.
"އައްދޭ. ކޮންކަމަކާ މާ ހިނިއައިސްފަ؟" ކެބިންއަށް ވަނުމާއެކު ލީވާން ސުކުންތެއްވެސް ލަސްކުރުމެއްނެތި އަހައިލިއެވެ.
"ކަމެއްނުވޭ. ހިނިއައުމަކީ މަނާ ކަމަކީތަ؟" ރާހިލް ރުންކުރު ޖަވާބެއް ދިނުމަށްފަހު ކެބިންގެ އަނެއްފަރާތުގައި ހުރި އޭނާގެ މޭޒާ ދިމާލަށް ހިނގައިގަތެވެ. ލީވާންވެސް އޭނާ އިށީނދެ އިން މޭޒުދޮށުން ތެދުވެގެން އައިސް ރާހިލްގެ މޭޒު ކައިރިއަށް ހުއްޓުނެވެ. އެ ކެބިން ފަރުމާ ކޮށްފައިވަނީ ރާހިލްއާއި ލީވާނާ ދެމީހުންނަށް ތިބެވޭގޮތަށެވެ. ދެފަރާތުގައި ދެ މޭޒު ބެހެއްޓުމަށްފަހު މެދުގައިވާ ހުސްޖާގައިގައި ސޯފާސެޓެއް ބެހެއްޓިފައި ހުއްޓެވެ.
"މަނާ ކަމަކަށް ހަދައިގެން އުޅުނީ ރާހިލްއެއްނު. ދެން މާވަރަކަށް ހިނިއައިސްފަ ހުރީމަ އަހާލީ.. ކޯއްޗެއް އަތުގަ ކުރަހާފަ ތިހިރީ؟" ލީވާންއަށް ރާހިލްގެ އަތްތިލައިގެ ނުފުށުގައިހުރި ދެލިތަށް ފެނުމާއެކު އަހައިލިއެވެ.
"އޯހް.. މިއީ ދޯ.. މިއީ ޔާނާ.." ރާހިލް އާދައިގެ ރާގެއްގައި ބުންޏެވެ.
"އެއްކަލަ ކުއްޖާ؟ އިފް އައި ޑިޑްންޓް ނޯ ޔޫ ބެޓަރ ރާހިލް.. އައި ވުޑް ތިންކް ޔޫ އަރ އަ ޕެޑޮފައިލް" ލީވާން ބުނީ ކީކޭކަން އެނގުމާއެކު ރާހިލް ލެޕްޓޮޕުން އިސް އުފުލައިލަމުން ލީވާންއަށް ބަލައިލީ އެ ބުނި އެއްޗެއް ގަބޫލުނުކުރެވިފައި އިނދެއެވެ.
"ވަޓް ދަ ފަ*. ދެޓްސް ޑިސްގަސްޓިންގް. ތިކަހަލަ ވާހަކަ ދައްކަންވެސް ހެޔޮނުވާ-"
"ދެން ބުނެބަލަ. ކީއްވެތަ އަބަދު އެކުއްޖާ ކައިރިއަށް ތިދަނީ؟" ލީވާން އެއްސެވެ.
"ލީވާން ކީއްކުރަންތަ އަބަދު އަހަރެން ކައިރިއަށް ތި އަންނަނީ؟ އިފް އައި ޑިޑްންޓް ނޯ ޔޫ އެނީ ބެޓަރ އައި ވުޑް ތިންކް ޔޫ އަރ ހޯމޯ" ލީވާންއަށް ލީވާންގެ ބަސްތަކުން ރައްދުދިނުމުގެ ގޮތުން ރާހިލް ބުންޏެވެ. އެއާއެކު ލީވާން ހިނިގަނޑެއް ޖަހައިލަމުން މޭޒުކައިރިން ގޮނޑިއެއް ދަމައިލުމަށްފަހުގައި އިށީނެވެ.
"އަހަރެން މި އައީ މި ޕެންޑްރައިވް ދޭންވެގެން. ތިއީ އެއްކަލަ ފަހަރު ހޯދަން އުޅުނު ބޭންކް ސްޓޭޓްމެންޓްތައް. އެމީހުން ދެންމެ ތި ހަވާލުކުރީ. އެކަމަކު ހަމަ ވަރަށް ތެދަށް މި ބުނަނީ.. އެންމެނަކަށް ރާހިލްއެއް ނޭނގޭނެ. ތި ބުނާ ކުއްޖާގެ މަންމައަށް ތިކަން އެނގުނިއްޔާ ވަރަށް ކަޑަވާނެ. އޭރަށް ތި ހުރިހާ ކަމެއްގަ ބެދޭނީ ރާހިލްގެ ކޮއްކޮ. އެހެންނޫނަސް ކޮބާތަ ވަކި އެކުއްޖާގެ ހާއްސަކަމަކީ؟ ޝީޒް ޖަސްޓަ އަ ރޭންޑަމް ކިޑް" ލީވާން ވިސްނައިދޭން އުޅުނެވެ.
"ނޭނގެ. ވަރަށް މަޖާ ކުއްޖެއް އެއީ.. އަހަރެން ބުނީމެއްނު ޔާނާގެ ބައްޕަ މަރުވި ވާހަކަ. ލީވާނަށް އެނގޭތަ ޔާނާއަށް ދުވަހަކު ބައްޕަ ނުފެންނަ އިރުވެސް ހާދަ ގިނައިން ބައްޕަގެ ވާހަކަ ދައްކައޭ.. ޔާނާގެ ބައްޕައަށް ޔާނާއަށްޓަކައި އެއްވެސް ކަމެއް ކޮށްދޭނެ ފުރުސަތެއް ނުލިބޭ. އެކަމަކު ޔާނާ އެކުއްޖާގެ ބައްޕަދެކެ ހާދަ ލޯބިވެއޭ.. ޝީ މޭކްސް މީ ބިލީވް ދެޓް ޗިލްޑްރެން އަރ ވޮންޑަރފުލް. ސޯ އިނޮސަންޓް. ދެއި ވިލް ލަވް ދެއަރ ޕޭރެންޓްސް އަންކޮންޑިޝަނަލީ ނޯ މެޓަރ ވަޓް. އެންޑް އޭމް އައި މިސަރަބަލް ފޯރ ހާފް އެކްސްޕެކްޓިންގް ދެޓް ފްރޮމް މައި ޗައިލްޑް؟ އަހަރެންނަށް ހީވަނީ އެހެންވެ ކަންނޭނގެ އަހަރެންނަށް ޔާނާއާ އެހާބޮޑަށް ކަނެކްޓް ވެވެނީވެސް" ލީވާނަށް އިނދެވުނީ ރާހިލްގެ ވާހަކަތަކާމެދު ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ޔާނާއާއެކު ވަގުތު ހޭދަކުރެވޭ ވަރަކަށް އަހަރެންނަށް ވިސްނޭ އެއްޗެއް ބުނަންތަ؟ ދުނިޔޭގެ އެއްވެސް ކުއްޖަކަށް އެކުއްޖެއްގެ މައިންބަފައިންނާ ނުލާ ބޮޑުވުން ހައްގެއްނޫން. ނޯ ޗައިލްޑް ޑިސަރވްސް ދެޓް! ދެޓް ލޯންގިންގް އެންޑް ޑެސްޕެރޭޝަން ޓު މީޓް ދަ އަދަރ ޕޭރެންޓް. އެންޑް ޓު ސީ ދެޓް ލޯންގިންގް ފްރޮމް ޔާނާ.. އިޓް މޭކްސް މީ ހޭޓް ހަރ ލީވާން. ފޯރ ދަ ފަރސްޓް ޓައިމް އިން މައި ލައިފް އައި އޭމް ސްޓާރޓިންގް ޓު ހޭޓް ޝައިނާ. ފިލައިގެން ދިޔައީތީ.. އަހަރެންގެ ދަރިފުޅު އަހަރެންނާ ދުރަށް ގެންގޮސް ބައްޕައެއްގެ ލޯބިން މަހުރޫމް ކުރީތީ! އެންޑް ފޯރ ދަ ފަސްޓް ޓައިމް އިން ފައިވް އިޔަރޒް.. އައިމް ސްޓަރޓިންގް ޓު ފޯރގިވް މައިސެލްފް ބިކޯޒް އައި ވޯޒް އޯލްވޭޒް ރައިޓް! އާން. އެލީޝާގެ ދަރިފުޅަށް ބައްޕައަކަށް ވާން އޭރު ނިންމުން ނިންމުމަކީ ރަނގަޅު ނިންމުމެއްކަން އަހަރެން މިހާރު ގަބޫލުކުރަން. އަދި ގަބޫލުކުރަން.. ޝައިނާއާ ދޭތެރޭ އަހަރެން ކަންތައްކުރީ އެންމެ ރަނގަޅަށް ނޫންކަމަށް އެކަމަކު.. ޝައިނާ ހަގީގަތުގަވެސް ބަނޑުބޮޑުކަން އެނގުނުނަމަ އަހަރެން ދުވަހަކުވެސް ދަރިފުޅު ވައްޓާލާށެކޭ ނުބުނީސް. ބުނާކަށް ނުވެސް ކެރޭނެ. އެލީޝާގާތު އެގޮތަށް ކަންތައްކުރަން ބުނަން ނުކެރުނުއިރު ޝައިނާގާތު ބުނަން ކެރޭނެހެން ލީވާންއަށް ހީވޭތަ؟" ރާހިލްގެ އަޑު ކުރެހެން ފެށުމާއެކު އޭނާގެ ވާހަކަ ހުއްޓައިލިއެވެ. އަދި ކުރިމަތީގައި އިން ލީވާންއާ ނަޒަރުވަކިކޮށްލަމުން ދުރަށް ނަޒަރު ހުއްޓައިލީ ފެންކަޅިވަމުންދިޔަ ދެލޯ ލީވާނަށް ފޮރުވުމަށެވެ.
"ދެން އަހަރެން ވަކި ބުނާނީ ކީކޭ.. ރާހިލް.. ކޮންމެކަމަކާ ޝައިނާއާ ނުގުޅުވާ އުޅެން މަސައްކަތްކޮށްބަލަ. މިހާރު މި ދައްކަނީ ޔާނާގެ ވާހަކައެއްނު.. މިދޭތެރެއަށް ޝައިނާ ނުވައްދާ ބުނެބަލަ.. ޔާނާއަށްޓަކައި ރާހިލް ބޭނުންވަނީ ކޮންކަމެއް؟" ލީވާން ސުވާލުކޮށްލިއެވެ.
"އައި ފީލް ލައިކް އައި ވޮނަ ގިވް ހަރ ދަ ވޯރލްޑް" ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި ލެގިލަމުން ބުންޏެވެ.
"ސީ. ތިއީ ރާހިލް ބޭނުންވާ ކަންތައް. ކިހާ ފަސޭހަ؟ ދެން ވިސްނަންވީ ރާހިލްއަށް ޔާނާއަށްޓަކައި ތިކަން ކޮށްދެވޭނެ ގޮތެއްނު. ހަމަގައިމުވެސް މިހާރު ކަންތައްތައް ތި ދާގޮތަކީ އަހަރެން ތާއިދުކުރާ ގޮތެއްނޫން.. ޔާނާގެ މަންމައަށް ޔާނާގެ ރައްޓެހިންނާއި ބައްދަލުވާ މީހުންވެސް އެނގެންޖެހޭނެ. ރާހިލްގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ނުދެވުނަސް މިދުނިޔޭގަ ބައްޕައެއްގެ ލޯބި ބޭނުންވާ އެތަށް ކުދިންނެއް އެބައުޅޭ. ޔާނާއަކީ އޭގެ މިސާލެއް. ރާހިލްގެ ކޮއްކޮ ބުންޏެއްނު ޔާނާގެ މަންމަ ދިރިއުޅެނީ އެ ދެކުދިންނާއެކު އެކަންޏޭ. މާނައަކީ ޔާނާގެ ބައްޕަ ނިޔާވުމަށްފަހު ޔާނާގެ މަންމަ އަދި ކައިވެންޏެއް ނުކުރަނީއޭއެއްނު." ލީވާން ވަކި ކަމަކަށް އިޝާރާތްކުރާ ފަދައަކުން ވާހަކަދެއްކިއެވެ.
"ކީކޭ ކިޔަން ތިއުޅެނީ؟" ރާހިލްގެ ނިއްކުރިއަށް ރޫތަށް ޖަމާވިއެވެ.
"މި ކިޔަން އުޅޭ އެއްޗެއް ނޭނގޭހާ ގަމާރުމީހެއްނޫން ތިއީ.. ރާހިލް ބޭނުމިއްޔާ ތިއީ ވަރަށް ފަހި ފުރުސަތެއް. ރާހިލްގެ ސިސްޓަރ މެދުވެރިކޮށްވެސް ތިކަން ކުރެވެން އެބައޮތް" ލީވާން ގޮނޑިން ތެދުވެ އޭނާ ކުރިން އިން މޭޒާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.
"ސްޕީކިންގް އޮފް ވިޗް.. ހައު އިޒް ޔޯރ ސިސްޓަރ" ލީވާން ޖެއްސުމުގެ ރާގެއްގައި އަހައިލިއެވެ.
"ފޯރ ހެވެންސް ސޭކް ލީވާން ޔޫ އަރ އޯލްޑް އިނަފް ޓު ބީ ހަރ ޑޭޑް" ރާހިލް ފޫހިގޮތަކަށް ކަޅިއަނބުރައިލަމުން ބުންޏެވެ.
"12 އަހަރަކީ ތި ބުނާހާ ބޮޑު ފަރަގެއްނޫނޭ" ލީވާން ސަމާސާ ރާގެއްގައި ބުންޏެވެ.
"ވަން ފްރެންޑް ޓަރންޑް ބަރަދަރ އިން ލޯ އިޒް މޯރ ދޭން އިނަފް ފޯރ މީ. އައި ޑޯންޓް ނީޑް އަނަދަރ ރިއާން އެންޑް ޒީވާ. ނޯ ތެންކްޔޫ" ރާހިލް ބުންޏެވެ.
"ތިއީ ވަކި އިންސާފުވެރިގޮތެއް ނޫންދޯ. ރިއާންވީމަ އޯކޭ." ލީވާންގެ ސަމާސާ ހުއްޓޭކަށް ނޫޅުނެވެ. އެއާއެކު ރާހިލް މޭޒުމަތީގައިހުރި ފަންސޫރުޖަހައިފައިހުރި ދަޅުން ގަލަމެއް ނަގައި ލީވާނާ ދިމާލަށް ހޫރައިލިއެވެ.
"ޔާރައްބީ.. ވަޒަން އަންނަން ފަށައިފި މިދިމާލަށް. އަހަރެންނެއްވާ މިތާކު ނީންނާނަން!" މޭޒުމަތީގައި އޮތް ފޯނާއި ވޮލެޓު ޖީބަށްލަމުން ލީވާން ދޮރުން ނުކުތުމަށް ހިނގައިގަތެވެ.
"ހިތާމައަކާނުލައި ދަންނަވަން އިޝްވާ މިވަގުތު ހުރީ ހުސްކޮށެއް ނޫން" ކުރީދުވަހު އިޝްވާ އޭނާއާ ދެއްކި ވާހަކަ ހަނދާންވެ ރާހިލް ބުންޏެވެ. އެއާއެކު ލީވާން ފިލްމީގޮތަކަށް ހިތާ ދިމާލުން އަތް އަޅައިލަމުން މޫނަށް ވައްތަރެއް ޖައްސައިލިއެވެ.
"އައުޗް! ނައު އައި ޑެފިނިޓްލީ ނީޑް ދެޓް ކޮފީ ބްރޭކް" ލީވާންގެ ޖަވާބާއެކު ރާހިލް އަނެއްކާވެސް ފަންސޫރުދަޅުން ގަލަމެއްނަގައި ހޫރައިލުމަށް ތައްޔާރުވިއެވެ. އެހެނަސް މިފަހަރު އޭނާއަށް އެ ގަލަން ހޫރައި ނުލެވެންދެން ލީވާން އަވަހަށްގޮސް ކެބިންގެ ދޮރާ އަރައިހަމަކޮށްލިއެވެ.
"ލީވާން!" ރާހިލް އަޑަށް ބާރުލަމުން ގޮވައިލިއެވެ.
"ޔެސް؟"
"އައިޒް.. މައިންޑް.. އެންޑް ހޭންޑްސް އޮފް މައި ސިސްޓަރ" ރާހިލް ބުންޏެވެ.
ލީވާން ހެމުން ހެމުން ކެބިންއިން ނުކުމެ ދޮރުލައްޕައިލިއެވެ. ރާހިލްވެސް މަސައްކަތުގެ ތެރެއަށް ވަދެގެއްލޭކަށް މާ ގިނައިރެއް ނުނެގިއެވެ. ރޭގެ ބޮޑުބައި މަސައްކަތުގައި ހޭދަކުރުމަށްފަހު ރާހިލްއަށް ގެއަށް ދެވުނުއިރު ހުރީ ދަންވާން ކައިރިވެފައެވެ. އޭރު އިޝްވާ ލެޕްޓޮޕާއި ފޮތްތަށް ކާމޭޒު މަތީގައި އަތުރައިގެން ކިޔެވުމަށް ގެއްލިފައި އިނެވެ.
"ކިހިނެއް ކިޔެވުން؟ ރަނގަޅަށް ދަނީ؟" އައިސް އަލަމާރިން ނެގި ފިނި ފެންފުޅިން ކޯވަރެއް އަނގަޔަށް އަޅައިލަމުން ރާހިލް އަހައިލިއެވެ.
"ޔާ. ހަމަ ރިވައިޒް ކުރަނީ މިއީ. ދޮންބެގެ ގަރލްފްރެންޑް މި ކޭސް ލޯޒްތައް ކިޔާދިންފަހުން ވަރަށް ފަސޭހަ" އިޝްވާ މާބޮޑު ވިސްނުމަކާނުލައި ބުންޏެވެ.
"މައި ވަޓް ނައު؟" ރާހިލްއަށް އިޝްވާގެ ވާހަކަ ގަބޫލު ނުކުރެވިފައި އަހައިލިއެވެ.
"ހްމްމް. ކުރީ ދުވަހު އިޝީއަށް ކިޔަވާދޭން ގެނެސްދިނީމެއްނު ތި އޮފީހުގެ ކޮންމެސް ލޯޔަރއެއް. އިޝީ ހީކުރީ އެއީ ދޮންބެ ޖީ.އެފް ކަމަށް"
"އޯހް. ލައިޝާތަ؟ ނޯ ޝީޒް ނޮޓް– ކީއްވެ ތިހެން ތި ބުނީ؟" ރާހިލްއަށް ލިބުނު ހައިރާންކަމުގައި އަހައިލެވުނެވެ.
"ނޭނގެ. ހީވަނީ ލައި ދޮންބެދެކެ ވަރަށް ލައިކްވާހެން" އިޝްވާ ބުންޏެވެ.
"ސާބަސް. އިޝްކޮއާ ލީވާންއާ އަބަދުވެސް ދައްކާނީ ތިކަހަލަ މޮޔަ ވާހަކައެއް" ރާހިލް އަލަމާރިން ނެގި މޭވާ ކޮށާފައިހުރި ތައްޓެއް އިޝްވާއަށް ގާތްކޮށްލަމުން ބުންޏެވެ.
"އެއީ އެއްކަލަ ދޮންބެގެ ހޮޓް ބޮސްތަ؟" އިޝްވާ ލާނެތް ރާގަކަށް އަހައިލިއެވެ. އެއާއެކު ރާހިލްގެ އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިލިއެވެ.
"ފަސްޓް އޮފް އޯލް.. ލީވާނަކީ އަހަރެންގެ ބޮސްއެއްނޫން. ދެވަނަ ކަމަކަށް.. ތި މޮޅެތި ވާހަކަ ނުދައްކާ ކިޔެވޭތޯ ބަލާ" ރާހިލް ބޯ ހޫރައިލުމަށްފަހު އިޝްވާއަށް އިތުރު ވާހަކަދައްކާނެ ފުރުސަތު ދިނުމަކާނުލައި ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އަދި ކޮޓަރިއަށްވަދެ, ނިދުމުގެ ކުރިން ފެންވަރައި ތާޒާ ވެލުމަށް ތައްޔާރުވުމުގެ ގޮތުން ޖީބުގައި އޮތް ފޯނާ ވޮލެޓު އެނދުމައްޗަށް އެއްލުމަށްފަހު އަތުކުރީގައި އޮތް ގަޑި ނައްޓައިލި ވަގުތު އެ އަތުގައި ކުރަހާފައިވާ ކުރެހުންތައް ރާހިލްގެ ލޮލުގައި އަޅައިގަތެވެ.
އޭނާ އެނދުގެ އެއްފަރާތެއްގައި އިށީނދެލުމަށްފަހު އޭނާ އެތަނުގެ އަރިމަތީގައިހުރި ލޭމްޕުގެ އަލި ގަދަކޮށްލީ ޔާނާ އެ އަތުގައި ކުރަހާފައިވާ އެއްޗެއް ރަނގަޅަށް ބަލައިލުމުގެ ނިޔަތުގައެވެ. އެވަގުތު ރާހިލްގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ އަތުގެ ނުފުށުގައި އެއްކޮށް ކުރަހާފައިވަނީ އެކި ކުލަކުލައިގެ ތަރިތަކެކެވެ. އެކިކުލައިގެ މާކަރުތަކުންނެވެ. އެ ތަރިތަކުގެ ތެރޭގައި ކަޅުކުލައިން ކުޑަ އަންހެންކުއްޖަކު ރަމްޒުވާ "ސްޓިކްމޭން" އެއް ކުރަހާފައިވާއިރު އޭގެ ދަށުގައި އިނގިރޭސި އަކުރުން ޔާނާ ޖަހާފައި ހުއްޓެވެ. ރާހިލް ފޯނު ނަގައި އެ އަތުގެ ފޮޓޮއެއް ނެގިއިރު އޭނާގެ ހިޔާލުގައި އެނބުރެމުންދިޔައީ މީގެ ދެތިން ދުވަހެއްކުރިން ޔާނާއާ ބައްދަލުވި ދުވަހެއްގެ ހަނދާންތަކެވެ. އެދުވަހު ޔާނާގެ ކުރަހާފޮތުން އެކި ކުރެހުންތައް ނިކަން ޝައުގުވެރިކަމާއެކު ރާހިލްއަށް ދައްކަމުންގޮސް އެންމެފަހުން ދައްކައިލީ ޔާނާ އެ ފޮތުގައި ކުރެހި އެންމެ ފުރަތަމަ ކުރެހުމެވެ. އެ ކުރެހުމުގެ މަތީގައި ބޮޑު އިނގިރޭސި އަކުރުން "މައި ފެމިލީ" ޖަހައިފައިވާއިރު ބައެއް އަކުރު ލިޔެފައިހުރީ ނުބައިކޮށެވެ. އެހެނަސް ރާހިލްއަށް އެސުރުހީ ކިޔާލަން އެނގޭވަރުވިއެވެ.
އެގަނޑުގައި ޔާނާ ކުރަހާފައިއޮތީ ބޮޑު އަންހެނަކާއި ފިރިހެނެއްގެ އިތުރުން ދެ ކުޑަކުދިންނެވެ. އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއީ އިޝްވާ ކިޔާދިން ގޮތުންނަމަ ޔާނާގެ ދޮންބެކަން ރާހިލްއަށް ޔަގީންކުރެވުނެވެ. ދެން އެތިބީ މަންމައާއި ބައްޕަތާއެވެ. އެހެނަސް އެ ކުރެހުމުގައިހުރި ފިރިހެންމީހާ ކުރަހާފައިވަނީ ދެން ތިބި ތިންމީހުންނާ މާ ދުރުގައެވެ. ރާހިލްގެ ހިތުގައި އެދުވަހު އުފެދުނު ސުވާލު ޔާނާއާ ކޮށްލީ އެއްވެސް ވަރަކަށްއެ ޖަވާބާމެދު އޭނާއަށް މިއަދު މިހާވަރަށް ވިސްނޭނެ ކަމަށް އުއްމީދުކޮށްގެނެއްނޫނެވެ.
"މިއީ.. މިއީ ބައްޕިތަ؟ ބައްޕި ކީއްވެ އެހާ ދުރުގަ ކުރަހާފަ އެހެރީ" ރާހިލް އަހައިލިއެވެ.
"އަހަހަހަ. ތިއީ އަންކަލްއެއްނު. މީނީ ބައްޕިގެ ސްޕޭސް. ޔާނާއަކަށް ނުވެސް އިނގޭ ބައްޕި ހުންނަގޮތެއް. ސޯ ބައްޕި އައިމަ ބައްޕި ކުރަހާނީ" ތަސްވީރުން ފެންނަމުންދިޔަ ފިރިހެންމީހާއާއި ޔާނާގެ ދެމެދުގައިވާ ޖާގަ ދައްކައިލަމުން ޔާނާ ބުންޏެވެ. ރާހިލް ބޯ ޖަހައިލިއެވެ.
"ޕްރިންސަސް ވަރަށް ބޭނުންތަ ބައްޕި އަންނަން" ރާހިލްއަށް އެކުރެވުނީ ކިހާ މޮޔަ ސުވާލެއްކަން ރޭކައިލީވެސް އެސުވާލު ކުރެވުނުފަހުންނެވެ.
"ހްމްމް. ހުރިހާ ކުދިންވެސް ޑޭކެއަރއަށް ބަލާ އަންނަނީ ބައްޕިއެއްނު. އަލްޔާގެ އަންނަނީ މަންމި. އަލްޔާއާ ޔާނާއާ ދެކުދިން އެކަނި ދަނީ މަންމިއާ އެއްކޮށް. ހުރިހާ ކުދިން ދަނީ އެކުދިންގެ ޑެޑީއާ އެއްކޮށް ސައިކަލުގަ. އެކަމަކު ބޭބެ އައިމަ ޔާނާ ހެޕީ. ބޭބެ އައިމަ ޔާނާ ދަނީ އިޝީ އާންޓީއާ އެއްކޮށް ކާރުގައެއްނު. އައިސްކްރީމްވެސް ލިބުނެއްނު" ޔާނާގެ ތުއްތު ދަތްތަށް ފެންނަ ވަރަށް ހިނިތުންވެލަމުން ބުންޏެވެ.
ޔާނާގެ އެ ވާހަކަތަކާއެކުވެ ރާހިލްއަށް މިއަދު ލީވާން ދެއްކި ވާހަކަތަކާމެދުގައިވެސް ވިސްނެން ފެށިއެވެ. އަދި ހާއްސަކޮށް ލީވާންގެ ދުލުން ނުކުތް ވަކި ޖުމްލަތަކެއް އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ.
"ރާހިލްގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ނުދެވުނަސް މިދުނިޔޭގަ ބައްޕައެއްގެ ލޯބި ބޭނުންވާ އެތަށް ކުދިންނެއް އެބައުޅޭ. ޔާނާއަކީ އޭގެ މިސާލެއް.."
"މާނައަކީ ޔާނާގެ ބައްޕަ ނިޔާވުމަށްފަހު ޔާނާގެ މަންމަ އަދި ކައިވެންޏެއް ނުކުރަނީއޭއެއްނު."
"ރާހިލް ބޭނުމިއްޔާ ތިއީ ވަރަށް ފަހި ފުރުސަތެއް."
ކުއްލިއަކަށް ރާހިލް ބޯ ހޫރައިލުމަށްފަހު އިންތަނުން ތެދުވީ އެ ހިޔާލުތައް އޭނާގެ ސިކުނޑިން ފޮޅައި ބޭރުކޮށްލަން އުޅޭ ފަދައަކުންނެވެ. ސިކުނޑިއަށް ލިބިފައިހުރި ވަރުބަލި ކަމެއްގެ ސަބަބުން އޭނާގެ ވިސްނުން ހިނދުކޮޅަކަށް ކޮށިވީ ކަމަށްވެސް ވެދާނެއެވެ. އެހެނަސް އެރޭގެ ނިދަން އޮށޯތުމާ ހަމައަށްވެސް އޭނާއަށް އެ ހިޔާލުތަކުން ދުރެއް ނުވެވުނެވެ. އެންމެފަހުން އޭނާ ދެލޯ މަރައިލީ އޭނާގެ ޟަމީރުގެ ބަހާއެއްގޮތަށް އަމަލުކުރުމަށް ނިންމަމުންނެވެ.
ފަހަރެއްގައި ޔާނާއާ ދިމާވުމަކީ އިއްތިފާގަކަށްވުރެ ބޮޑު ހިކްމަތެއް އެކަމުގައި އޮވެދާނެ ކަމަކަށްވެސް ވެދާނެތާއެވެ؟ އެއީ އޭނާގެ ވޭނީ ހަޔާތަށް ނިމުމެއް ގެނައުމަށްޓަކައި ލިބިގެންދިޔަ އިޝާރާތެއްކަމުގައިވެސް ވެދާނެ ނޫންހެއްޔެވެ؟ މިގޮތުން ޖެހިގެން އައި ދުވަހުގެ ހަވީރު ވަގުތެވެ. މާލޭގެ މަޝްހޫރު މާވިއްކާ ފިހާރައެއްގެ ކުރިމައްޗަށް ސައިކަލު ހުއްޓައިލި ރާހިލްއަށް ކުރެވެމުންދިޔައީ ބީރައްޓެހި އިހުސާސެކެވެ. މި ކުރެވެންއުޅޭ ކަންތަކާމެދު ސުވާލު އުފެދިފައިހުރި މީހަކު ފަދައިން ގޮސް ފިހާރައަށް ވަނުމުން ކައުންޓަރުގައި އިން ކުއްޖާ ހިނިތުންވުމަކުން އޭނާއަށް މަރުހަބާކިއެވެ. އެ ހިނިތުންވުން ރައްދުކުރުމުގެ ވިސްނުމަކާނުލައި ރާހިލްގޮސް ހުއްޓިލީ އެ ކައުންޓަރުގެ ކުރިމައްޗަށެވެ.
"މިއީ..އަމްމްމް. މީ.. ކޭން ޔޫ ޕެކް ސަމް ފްލަވަރޒް.. މާ ބޮނޑިއެއްކަހަލަ ގޮތަކަށް" ރާހިލްގެ ހިތް ބާރުބާރަށް ތެޅެމުންދިޔައީ އެހާ ދުވަހަށްފަހު އެކަހަލަ ކަމަކާ ކުރިމަތިލަމުންދާތީއެވެ.
"އޯކޭ..ވަކި ކަހަލަ މަލެއް ހިމަނާލާނަންތޯ؟ ނޫނީ ވަކި ކުލައެއް؟ ވަކި މުނާސަބަތަކަށްތޯ މާބޮނޑި ހަދާލަނީ" އެކުއްޖާ ހިތްހެޔޮކަމާއެކު އަހައިލިއެވެ.
"ނޯ.. ނޯ އަނެއްހެން މާ ހާއްސަކަމެއްނޫން.. ރީތި.. އަޅައިގަންނަ ކަހަލަ ގޮތަކަށް ޕެކް ކޮށްލީމަ އޯކޭވާނެ" ރާހިލް ބުންޏެވެ. އެކުއްޖާ ބޯ ޖަހައިލުމަށްފަހު ފިހާރައިގެ މާ ވަށިގަނޑުތަށް ކައިރިއަށްގޮސް އެތަނުން ފުރަތަމަ ނެގީ ލިލީ މަލެކެވެ. އެއަށްފަހު އެ މަލުގެ ކަރުގަނޑާ ގުޅޭހެން ރީނދޫ ކުލައިގެ ފިނިފެންމަލެއް ނެގުމާއެކު ރާހިލްގެ ހިތުގެ ކަނެއްގައި ދުރު ހަނދާނަކުން ކޮށްޓައިލިހެން ހީވެ އޭނާ އެކުއްޖާ ހުއްޓުވުމަށް އަވަސްވެގަތެވެ.
"އަމްމް. ކޭން ޔޫ؟ އަމްމް ތި ޔެލޯ ރޯސަޒް ނުލާ ނެހެދޭނެތަ؟ އަމްމް އެކްޗުއަލީ ނެވަރ މައިންޑް.. އަޅާނުލާ.. މައި ބްރެއިން މަސްޓް ބީ މެލްފަންކްޝަނިންގް" ރާހިލް ކިރިޔާ އަމިއްލަ ނަފްސަށް އިވޭ ވަރަށް ފަހު ޖުމްލަ ބުނެލަމުން ހަލުވި ފިޔަވަޅުތަކެއްގައިގޮސް އެ ފިހާރައިން ނުކުތެވެ. ޕާކު ކޮށްފައިވާ ސައިކަލަށް އަރައި ހަމަޖެހިލުމަށްފަހު އެ ސައިކަލުގެ މުއްގަނޑުގައި އަތުގައި އޮތް ހުދުކުލައިގެ ކޮތަޅު އަޅުވައިލުމާއެކު އަނެއްކާވެސް އޭނާގެ ހަރަކާތްތައް މަޑުޖެހިލިއެވެ. އެ ކޮތަޅުގެ ތެރޭގައި އެތެރެފެންނަ ސެލޯފޭނުން ޕެކްކޮށްފައި އޮތް ބާރބީ ބުދަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އަނެއްކާވެސް އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު ސައިކަލުން ފައިބައިގެންގޮސް އެ ފިހާރައަށްވަނެވެ. މިފަހަރު ކައުންޓަރުގައި އިން ކުއްޖާ އޭނާއަށް ކުރިން ހަދިޔާކޮށްލި ހިނިތުންވުމުގެ ބަދަލުގައި ސުވާލުގެ ނަޒަރަކުން ބުމައަރުވައިލިއެވެ.
"މިއީ.. އަނެއް.. މާބޮނޑި ބަލައި މި އައީ" ރާހިލް ވޮލެޓުން ނެގި ކޭޝްކާޑު މޭޒުމަތީގައި ބާއްވައިލަމުން އެކުއްޖާގާތު ބުންޏެވެ. އެއާއެކު އެކުއްޖާ އަވަސް އަވަހަށް ބޯ ޖަހައިލުމަށްފަހު އަނެއްކާވެސް ކުރިއެކޭ އެއްފަދައިން މާ އަޅައިފައިހުރި ވަށިގަނޑުތަކާ ދިމާލަށް ހިނގައިގަތެވެ. ކުރީ ފަހަރާ ހިލާފަށް މިފަހަރު އެކުއްޖާ ފުރަތަމަ އަތްލީ އެތަނުގައިހުރި ރަތްކުލައިގެ ފިނިފެންމާތަކުގައެވެ. އެއާއެކު ރާހިލް ކުރިއަށް ޖެހިލައި އަނެއްކާވެސް އެކުއްޖާގެ ހަރަކާތްތައް ހުއްޓުވިއެވެ.
"މިއީ.. ރެޑް ރޯސަޒް ނުލާ ނުވާނެތަ؟" ރާހިލް ސުވާލުކޮށްލިއެވެ.
"ޔެލޯ ރޯސަޒް ނުލާށޭ ނޫންތޯ ދެންމެ ބުނީ؟" އެކުއްޖާ ޔަގީން ނުވެފައި އަހައިލިއެވެ.
"ޔެސް އަމް ރެޑް.. ޔެލޯ.. އެކްޗުއަލީ ނޯ ރޯސަޒް އެޓް އޯލް.؟" ރާހިލް އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން ބުންޏެވެ. އެކުއްޖާ ރާހިލްއަށް ބޯ ޖަހައިލުމަށްފަހު ފާޑަކަށް ކޮނޑު އަރުވައިލަމުން މަޑު ފިޔާތޮށި ކުލައިގެ ދެތިން ލިލީމަލާއި ހުދު ކުލައިގެ ޓިއުލިޕް މާތަކެއްގެ އިތުރުން އެއާގުޅޭ ރީތި ވެޔޮގަނޑެއް އެއްކޮށްލުމަށްފަހު މާބޮނޑި ހަދައި ނިންމައިލިއެވެ.
ރާހިލް އެއަށް ފައިސާ ދެއްކުމަށްފަހު އެ ހިފައިގެން ފިހާރައިން ނުކުތެވެ. އަދި އިޝްވާގެ ޑިއުޓީ ނިމޭގަޑި ކައިރިވެފައި ވާތީއާއެކު ރާހިލް އިޝްވާއަށް ގުޅައި ތައްޔާރުވެގެން ނުކުތުމަށްބުނެފައި ޑޭކެއަރ ސެންޓަރާ ދިމާލަށް މިސްރާބުޖެހިއެވެ.
ރާހިލްއަށް ދެވުނު އިޝްވާ ހުރީ އޭނާ ބުނިފަދައިން ސެންޓަރުގެ ބޭރަށް ނުކުމެ އޭނާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެނަސް އިޝްވާއަށް އެ ހުރިތަނުން ކުރިއަށް ފިޔަވަޅެއްވެސް އެޅުމުގެ ކުރިން ރާހިލް ސައިކަލުން ފައިބައިގެން އެދިމާލަށް ހިނގައިގަތެވެ. އެވަގުތު ރާހިލްގެ އަތުގައި އޮތް މާބޮނޑި ލޮލުގައި އަޅައިގަތުމާއެކު އިޝްވާ ސުވާލުގެ ނަޒަރަކުން ރާހިލްއަށް ބަލައިލިއެވެ.
"ތި ކޯއްޗެއް؟"
"ޔާނާ އެބައިންތަ؟" އިޝްވާގެ ސުވާލުގެ ބަދަލުގައި ރާހިލްވެސް ކޮށްލީ ސުވާލެކެވެ.
"ހްމްމް އެބައިން އެކަމަކު–"
އިޝްވާގެ ވާހަކަ ފުރިހަމަ ނުވަންދެން ރާހިލް ސެންޓަރަށް ވަދެ ނުކުމެ އުޅުނު ބެލެނިވެރިންގެ ތެރެއިން ފުރޭނެމުންގޮސް ބެންޗާ ހިސާބަށް ދެމިގެންފިއެވެ. އޭރު އާދައިގެ މަތިން ޔާނާ ދަބަސް އަޅުވައިލައިގެން ބެންޗުގައި އިށީނދެ ދެފައި ހެއްލައިލަ ހެއްލައިލައި އިނެވެ. ރާހިލް ކަންތައްކުރި ގޮތުން ބުނާނެ އެއްޗެއްވެސް ނޭނގިފައިހުރި އިޝްވާ އެތަނުގައި ހުރި ނަބްހާއަށް ހިނިތުންވެލުމަށްފަހު ރާހިލްއާއެކު ޔާނާގެ ގާތަށް ދިޔައެވެ.
ޔާނާއަށް ރާހިލް ފެނުނުހިނދު އާދައިގެ މަތިން އެކުއްޖާގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. އަވަސްއަވަހަށް ރާހިލްއާ ދިމާލަށް އަތްދިއްކޮށްލީ އުރާލާނެކަމުގެ އުއްމީދުގައެވެ. ރާހިލް ޔާނާގެ އަތް ތިރިކޮށްލުމާއެކު ޔާނާ ތުންބިންދައިލި ގޮތުން ހީވީ ދެންމެ ދެންމެ ރޮއެގެންފާނެހެނެވެ. އެހެނަސް ރާހިލް ކުޑަކަކޫ ޖަހައިލަމުން ޔާނާގާތު އިށީނދެ އަތުގައި އޮތް ކޮތަޅުންނެގި ހަދިޔާ ޔާނާއަށް ދިއްކޮށްލުމާއެކު ކުރިން އެ މޫނުމަތީގައިހުރި ހިނިތުންވުން އަނެއްކާވެސް އިއާދަވެއްޖެއެވެ.
"ވާއު.. ބާބީއެއް.. ޔާނާއަށްތަ މިއީ؟" ޔާނާ އެ ހަދިޔާ މޭގައި ޖައްސައިލަމުން އަހައިލިއެވެ.
"އޮފްކޯސް. ތިއީ ބޭބެގެ ޕްރިންސަސްއެއްނު. އެހެން ކޮންކުއްޖަކަށް ބޭބެ ގިފްޓެއް ދޭނީ" ރާހިލް މަޑުމަޑުން ޔާނާގެ ކޮލުގައި ކޮއްޓައިލުމަށްފަހު އަނެއްއަތުގައި އޮތް މާބޮނޑިވެސް ޔާނާއަށް ދިއްކޮށްލިއެވެ.
"ވާއު ރިއަލް ފްލާވާރޒް. މިއީވެސް ޔާނާއަށްތަ ބޭބޭ؟" ޔާނާ އަތުގައި އޮތް ޕާރުސަލުން އަތްދޫކޮށްލުމަށްފަހު އެ މާބޮނޑީގައި ހިފަމުން ބުންޏެވެ.
"ނޫނޭ. ތިއީ ޕްރިންސަސްގެ މަންމިއަށް ބޭބެ ދިން އެއްޗެއް. މަންމިއަށް ތި ގިފްޓް ގެންގޮސްދެވޭނެތަ؟" ރާހިލްގެ ވާހަކަ އިވުމާއެކު އެ ހުރިހާއިރު އޭނާގާތު މަޑުކޮށްލައިގެންހުރި އިޝްވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއްފަހަރު ރާހިލްއަށް އަނެއް ފަހަރު ޔާނާގެ އަތުގައި އޮތް މާބޮނޑިއަށް ބަލައިލިއިރު އޭނާގެ މޫނުމަތިން ހާސްކަމުގެ ދާތިކިތަށް ހިލެންފަށައިފިއެވެ.
"ދޮންބޭ ވަޓް–"
"އެކަމަކު ބޭބެ ދެންމެގަ ބުނީމެއްނު ޔާނާއަށް އެކަނިންނޭ ގިފްޓް ގެންނާނީ.. ކީއްވެ މަންމިއަށް ގިފްޓް ގެނައީ؟" ޔާނާ ޝަކުވާކުރިގޮތުން ރާހިލްގެ ގާތަށް ކުޑަކޮށް ހިނިވެސްއައެވެ.
"މަންމިއަށްވެސް ގިފްޓެއް ދިނީމައެއްނު މަންމިވެސް ހެޕީވާނީ. ތިއީ މަންމިއަށް ބޭބެ ގެނެސްދިން ވަރަށް ސްޕެޝަލް ގިފްޓެއް.. ބުނެބަލަ. ޕްރިންސަސް ތި ގިފްޓް މަންމިއަށް ގެންގޮސްދޭނަންތަ؟" ރާހިލްގެ ސުވާލަށް ޔާނާ ނިކަން އަވަހަށް ބޯ ޖަހައިލައިފިއެވެ.
"ސާބަސް. ދޮންބޭ.. ތި.. ތި ތެދުވެބަލަ" ކުއްލިއަކަށް އިޝްވާ ރާހިލްގެ އަތުގައި ހިފައި ކޮޅަށް ނަގަމުން ބުންޏެވެ.
"ތި ކޮންހާ ސަކަރާތެއްތަ؟ ތި މާބޮނޑި ހިފައިގެން ދާންހިނގާ.. މިއަދު މާ ލަސްވެސްވެއްޖެ މިހާރު ޔާނާ ބަލާވެސް އަންނާނެ" އިޝްވާ ވައިއަޑުން ބުންޏެވެ.
"ތިހެންވިއްޔާ ތިވީ މާ ރަނގަޅަކަށްނު. އަހަރެން ބޭނުމޭ ޔާނާގެ މަންމައާ މީޓްކޮށްލަން" ރާހިލް އާދައިގެ ރާގެއްގައި ބުންޏެވެ.
"ވަޓް؟" އިޝްވާއަށް ލިބުނު ސިހުމުގައި ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު އެތަނުގައި ތިބި ބައެއް މީހުންނާ ކުދިންގެ ނަޒަރުވެސް އެދިމާލަށް ހުއްޓުނެވެ.
"ވަޓް؟ ދޮންބެއަށް ތި ކިޔެނީ ކީކޭކަން އެނގޭތަ؟" އިޝްވާ މިފަހަރު ވާހަކަދެއްކީ ކުރިއަށްވުރެ މަޑުންނެވެ.
"ކިހިނެއްތަވީ؟ ތިމީހުންނެއްނޫންތަ އުޅެނީ އަހަރެން އަބަދުވެސް މޫވް-އޮން ނުކޮށްގެން.. މިހުރިހާދުވަހު އައި ހޭޑް ނޯ ރީޒަން ޓު މޫވް-އޮން. ބަޓް ނައު؟ ނައު އައި ޑޫ" ރާހިލް ކައިރީގައިހުރި ބެންޗުގައި އިށީނދެއިނދެ އޭނާ ގެނެސްދިން "ބާބީ"އާ ކުޅެން އިން ޔާނާއަށް ބަަލައިލުމަށްފަހު ބުންޏެވެ. އޭރު އޭނާ ގެނައި މާބޮނޑި ޔާނާގެ ކައިރީގައި ރީތިކޮށް ބާއްވައިލައިފައި އޮތެވެ.
"މޮޔަވެދާނެ. މޮޔަވެދާނެ އަހަރެން މޮޔަވެދާނެ." އިޝްވާ ދެއަތުން ބޮލުގައި ހިފަހައްޓައިލަމުން ބުންޏެވެ. "އެކަމަކު ކީއްވެ ޔާނާގެ މަންމަ؟" އިޝްވާއަށް ގަބޫލު ނުކުރެވިފައި އަހައިލިއެވެ.
"ކިހިނެއްވީ؟ ކޮބާތަ މައްސަލައަކީ؟" ރާހިލްގެ ޒާތަކަށް ހިތްހަމަނުޖެހިފައި އަހައިލިއެވެ. އިޝްވާއަށް އެކަމުގައި ފެނިގެންއުޅޭ މައްސަލައަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގުނެވެ. އިޝްވާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް ރާހިލްއަަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
"އޯކޭ. އޯކޭ ފައިން. ތިވާހަކަ އަދި އިތުރަށް ދައްކާނީ. އިހަށް ދާން ހިނގާ. ޕްލީޒް.. އައި.. އަހަރެން އަދި މިކަމާ ވިސްނާލަން ބޭނުން.. ޕްލީޒް" އިޝްވާ އެދުނެވެ.
"އެކަމަކު އަޅެ-"
"ދޮންބޭ ޕްލީޒް.." ރާހިލްއަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަކާނުލައި އިޝްވާ އަނެއްކާވެސް ގޮވައިލިއެވެ. އޭރު އޭނާއަަށް ހީވަމުންދިޔައީ ދެންމެ ދެންމެ އެ ސެންޓަރުގެ ދޮރުން ޝައިނާ ވަދެގެން އައިސްދާނެހެނެވެ. ލިބިފައިވާ ހާސްކަމުގެ ސަބަބުން އޭނާގެ އަތްވެސް ތުރުތުރުލާން ފަށައިފިއެވެ. ރާހިލްއަށް އެކަން އެނގުމާއެކު އިޝްވާ ގޮވައިގެން އަވަސް އަވަހަށް އެތަނުން ނުކުތެވެ. އޭރުވެސް އިޝްވާގެ އެ ހާސްކަމަކަށް ބަދަލެއްނާދެއެވެ.
"އިޝްކޯ؟ އިޝްކޯ އަރ ޔޫ އޯކޭ؟" ސައިކަލާ އަރައި ހަމަވުމާއެކު ރާހިލް ކަންބޮޑުވެފައި އަހައިލިއެވެ.
"އައިމް ފައިން ލެޓްސް ގޯ" އިޝްވާ ބޯ ޖަހައިލަމުން ބުންޏެވެ. ނަމަވެސް އިޝްވާއަށް ލިބިފައިވި ހާސްކަން ކުޑަކޮށްވެސް ފިލައިދިޔަހެނެއް ހިއެއްނުވެއެވެ. އެ އަތުގައިވާ ތުރުތުރުލުމަށް ކުޑަވެސް މަޑުޖެހުމެއްނައެވެ.
"އައިމް ސޮރީ.. އިޝްކޮ ތިހާ ހާސްވާނެކަން އެނގުންނަމަ އަހަރެން އެކަހަލަ ކަމަކާ ނުވެސް ވިސްނާނަން. ގޮސްފަ މާބޮނޑި ހިފައިގެން އަންނަންވީތަ؟" ރާހިލް އަހައިލިއެވެ.
"ނޯ.. ނޯ ލެޓްސް ގޯ ޕްލީޒް" އިޝްވާ ބޭނުންވީ ކޮންމެ ގޮތަކުންވިޔަސް ޝައިނާ އައުމުގެ ކުރިން ރާހިލް ގޮވައިގެން އެތަނުން ދިޔުމަށެވެ.
އިޝްވާއަށް ވެފައި ހުރިވަރު ފެނި ރާހިލް ދެން އިތުރަށް އިޝްވާގެ ބަހަށް ދެކޮޅު ހެދުމަކާނުލައި ސައިކަލަށް އަރައިގެން ނައްޓައިލިއިރު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ކައިރީގައިހުރި ޑޭކެއަރ ސެންޓަރަށް ވަތް ޝައިނާ މިފަހަރުވެސް އޭނާއަކަށް ނުފެނުނެވެ.
"ސޮރީ ދަރިފުޅޫ.. މަންމި އަނެއްކާވެސް ލަސްވީ ދޯ" ހަރުގަނޑުން ނަގައިގެން އައި ބޫޓު ޔާނާގެ ފަޔަށް ލައްވައިލުމަށްޓަކައި ޝައިނާ ބެންޗުކައިރީގައި އިށީނެވެ.
"އިޓްސް އޯކޭ މަންމީ.. ލުކް. ބޭބެ އައިމަ ޔާނާއަށް އަނެއްކާވެސް ގިފްޓެއް ލިބުނީ" ޔާނާގެ އަތުގައި އޮތް ބާބީ ބުދު ދައްކައިލަމުން ބުންޏެވެ.
"އަނެއްކާ؟" ޝައިނާއަށް އަހައިލެވުނެވެ. މީގެ ކުރިންވެސް އިޝްވާގެ އެކުވެރިޔާ ވަނީ ޔާނާއަށް އެކި ކަހަަލަ ކުދިކުދި ހަދިޔާ ގެނެސްދީފައެވެ. އޭނާ މިފަހަކަށްއައިސް އެކަމާމެދު އެއްޗެކޭ ބުނެވެންވެސް ނެތީއެވެ. އިޝްވާ އެކަމުގައި ނުރައްކަލެއް ނެތްކަމަށް ބުނާއިރު އެވާހަކަ މާގިނައިން ދައްކާ ކަމުގައިވާނަމަ އިޝްވާގެ ހިތްހަމަނުޖެހުމާ ކުރިމަތިލާން ޖެހިދާނެތީއެވެ.
"ހްމްމް. އެކަމަކު ލުކް މަންމިއަށްވެސް ގެނެސްދިން ގިފްޓެއް. ބަލާބަ މަންމީ. ސޯ ބިއުޓިފުލް" ޔާނާ ކައިރީގައި އޮތް މާބޮނޑި ނަގައި ޝައިނާއަށް ދިއްކޮށްލަމުން ބުންޏެވެ. ޝައިނާ ދެބުމަ ގޮށްޖަހައިލުމަށްފަހު އެއްއަތުން ޔާނާގެ އަތުގައި ހިފައިލައިގެންހުރެ އަނެއްއަތަށް ޔާނާ ލައިދިން މާބޮނޑިއަށް ބަލައިލިއެވެ.
"ދަރިފުޅަށް ޔަގީންތަ މިއީ މަންމިއަށް ބޭބެ ގެނެސްދިން އެއްޗެއްކަން؟" ޝައިނާގެ ސުވާލަށް ޔާނާ ބޯޖަހައިލިއެވެ.
"ހްމްމް. ބޭބެ ބުނީ ތިއީ މަންމިއަށް ދޭ ސްޕެސްލް ގިފްޓެކޭ" ޔާނާ ބުންޏެވެ. ޝައިނާ އެ މާބޮނޑީގެ އެތެރެ ހޯދައިލުމާއެކު އޭގެ ތެރޭގައި ފޮރުވިފައި އޮތް ކުޑަކުޑަ ހުދުކުލައިގެ ކާޑު ނުހަނު ފަސޭހައިން އޭނާގެ ލޮލުގައި އަޅައިގަތެވެ.
"އައިމް ނޮޓް ގުޑް ވިތް ވޯޑްސް. ބަޓް އައި ހޯޕް ޔޫ ނޯ ވަޓް ދިސް މީންސް" އެ ނޯޓުގައި އެ ބުނާއެއްޗެއް ދޭހަކުރެވުމާއެކު ހިތްހަމަނުޖެހުނު ނަމަވެސް ޔާނާގެ ކުރިމަތީގައި އެކަން ފޮރުވައިލުމަށްޓަކައި އޭނާ އެ ނޯޓުކޮޅު ދަބަހަށްލުމަށްފަހު ޔާނާއަށް ހިނިތުންވެލިއެވެ.
ގެއާހަމައަށް ދެވެންދެން އޭނާއަށް އިރުއިރުކޮޅާ އަތުގައި އޮތް މާބޮނޑިއަށް ބެލެމުންދިޔައެވެ. ޔާނާ ހުރުމުން އެ މާބޮނޑިއަށް ގޮތެއް ހަދާކަށްވެސް ނުކެރުނެވެ. ވުމާއެކު ގެއަށް އައިސް ޔާނާގެ އަތުން ދޫކޮށްލެވުމާއެކު ޝައިނާއަށް ހީވީ އޭނާގެ ކޮނޑުން ބޮޑު ހިލައެއް ނަގައި އެއްލައިލެވުނުހެނެވެ. މާބޮނޑިން ވަސްބަލައިލުމާއެކު ފާޑެއްގެ ކުނި ވައްތަރެއް އަނގަޔަށް ޖައްސައިލުމަށްފަހުގޮސް އެ މާބޮނޑި ކޮށްޕައިލީ ސީދާ ބަދިގޭގައިހުރި ޑަސްބިނުގެ ތެރެއަށެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
އަޅެމީ އިނގެރޭސި ވާހަކަ އެއްތަ؟ ދިވެހިން ލިއުނިއްޔާ ގާމު ކިޔަންވެސް ފަސޭހަ ވާނެ ދޯ� ދެން ކޮންއިރަކުންތަ ރާހީލް އަށް ޝާއިނާ އާއި ދިމާވާނީ؟ އިންތިޒާރު އެބަކުރަން އަނެއް ބަޔަށް ވާހަކަ ވަރަށް ރީތި
ޢަޅޭ ދެންށައިނާޔާ ރާހިލްދިމާވާން ވެއްޖެކަންނޭންގެދޯ
ކުދިންނޭ ވަރަށް ރީތި މިބައިވެސް.
ދެންއޮތްބައި އަޕްލޯ ކުރާނީ އަންނަހަފްތާގެ ކޮން ދުވަހެއްގައިކަން ކުރިޔާލައި ބުނެލަ ދީބަލަ.
ކުރިޔަށް އޮތްބައި ކިޔާލާހިތުން ދެނޭވާ އެއްފަހަރާ ނުލެވި އިންތިޒާރުގައި.
ޝުކުރިއްޔާ އައިރިޝް. ދެން އޮތްބައި މި ހަފްތާބަންދުގެ ތެރޭގައި ގެނެސްދޭނަން🤍
އަވަސްކޮށް ގެނެސްދެއްޗޭ ވަރަށް އިންތިޒާރުކުރެވޭ.
ކޮބައިތޯ އަނެއް ޕާޓު … ހާދަ ލަހޭ ގެނެސްދޭލެއް މިހާރު އިންތިޒާރުގަ ހުންނަތާ ހާދަ ދުވަހެއް ވެއްޖެއޭ
ކޮބާ 72 ވަނަ ބައި؟؟
މިހާރު ވާނީ އަޕްލޯޑް ކުރެވިފައި