"ޝައިނާ.." ރާހިލް ނުކުމެގެން ގޮސްފައި އައިސް ކެބިންގެ ދޮރު ހުޅުވައިލިއެވެ. "މާ ގިނައިރު މަޑުނުކޮށް ގެއަށް ދައްޗޭ. ގޮސްފަ ރަނގަޅަށް ވިސްނާތި" ޝައިނާ އެކަނި ބޭންދުމަށްފަހު ރާހިލް އަނެއްކާވެސް ދިޔައީއެވެ.
**************
ޝައިނާ ގެއަށްދިޔައިރު އޭނާގެ ސިކުނޑީގައި ރާހިލް ދެއްކި ވާހަކަތައް އެނބުރެމުންދިޔައެވެ. ސޯފާގައި ހިޔާލުތަކަށް ގެއްލިފައި އިނދެވެނިކޮށް ސިއްސައިގެންދިޔައީ ދުވެފައި އައި ޔާނާއާއި ރާއީ އޭނަގެ ގާތުގައި އިށީންނުމުންނެވެ.
"މަންމީ މި ލެވެލް ނިންމަދީބަ. މި ލެވެލް ވަރަށް އުނދަގޫ. ދޮންބެއަކަށްވެސް ނޭނގޭ" ޔާނާގެ އަތުގައި އޮތް ޓެބްލެޓުން އަޅުވައިފައި އޮތް ގޭމު ޝައިނާއަށް ދައްކައިލަމުން ބުންޏެވެ. ޝައިނާ އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން ދެލޮލުގައިވާ ކަރުނަތައް ހިންދައިލުމަށްފަހު ޔާނާއަށް ހިނިތުންވެލިއެވެ.
"ހާދަ ބައިވަރު ލެވެލްއެއް ނިންމާފައޭ މިހިރީ ދަރިފުޅު މާ ގިނައިން ދޯ މިހާރު ގޭމް ކުޅެނީ. މަންމިއަށް އެއްޗެއް ޕެއިންޓްވެސް ނުކޮށްދެމެއްނު" ޝައިނާ ޓެބްލެޓް ނަގައި ޔާނާ އެބުނި ލެވެލް ނިންމައިދެވޭތޯ ބަލަމުން ބުންޏެވެ.
"ޔާނާ ލައިކްވާ ހުރިހާ ކަލަރޒް ހުސްވެފަ ހުރީ މަންމީ. އަންކަލް ބުނީ މި ވީކްގަ ޔާނާއަށް ޕެއިންޓް ގަނެދޭނަމޯ" ޔާނާ ބުންޏެވެ. ޝައިނާ ގޭމްގެ އޭނާއާ ހަވާލުކުރި ލެވެލް ނިންމައިލުމާއެކު ރާއީ އަވަސް އަވަހަށް ޓެބްލެޓް އަތުލިއެވެ.
"މަންމި ހާދަ މޮޅޭ.. ދެން ނުލިބޭނެ ކޮއްކޮއަކަށް ޓެބްއެއް. މިހާރު ދޮންބެގެ ޓައިމް" ރާއީ ބުންޏެވެ. ޔާނާ ނޫނެކޭ ކިޔައި ރާއީއާ ދިމާލަށް ފުންމައިގަންނަން އުޅުނު ވަގުތު ޝައިނާ ހުށިޔާރު ކަމާއެކު ޔާނާ ހުއްޓުވުމަށްފަހު ރާއީގެ އަތުން ޓެބްލެޓް އަތުލިއެވެ.
"މިގަޑީގަ ނުލިބޭނެ އެއްވެސް ކުއްޖަކަށް. މިގަޑީގަ މިއީ ސައި ބޯ ގަޑި. އަވަހަށް ދޭ އަންކަލްއަށް ގޮވާފަ ބުނަން ސައިބޯން އަންނާށޭ" ޔާނާއާއި ރާއީ ޝިމާން ހޯދަން ދުއްވައިގަތުމާއެކު ޝައިނާ ސައި ތައްޔާރުކުރުމަށް އަވަސްވެގަތެވެ. އޭނާ މޭޒުމަތި ތައްޔާރުކޮށް ނިމުނުތަނާ ޔާނާ ދުވެފައި އައިސް ގޮނޑީގައި އިށީނެވެ.
"ކޮބާ ދޮންބެ؟" ޔާނާގެ ކިރުސައިތައްޓަށް ބިސްކޯދު ފުނޑުކޮށްދެމުން ޝައިނާ އަހައިލިއެވެ.
"އަންކަލް ކައިރީގަ"
ޔާނާ އެހެން ބުނިތާ މާ ގިނައިރެއްނުވެ ޝިމާން ޖިމަށް ދާން ތައްޔާރުވެލައިގެންހުރެ ރާއީ ގޮވައިގެން ކޮޓަރިން ނުކުތެވެ. ރާއީ އިނީ ޝިމާންގެ ކޮނޑުމަތީގައި ނިކަން ހަމަޖެހިލައިގެން ޝިމާންގެ ފޯނާ ކުޅޭށެވެ.
"ޕިސްޕިސް. މަންމި ޓެބް އަތުލީމަ އެންމެފަހުން އަންކަލްގެ ފޯނު އަތުލީދޯ" ޝައިނާ ބުންޏެވެ.
"ރާއީ އިރުކޮޅަކު ކުޅެލާފަ ދޭނޭ ދޯ" ޝިމާން ފަރުވާތެރިކަމާއެކު ރާއީ އޭނާގެ ކޮނޑުން ބައިލައި ގޮނޑީގައި ބައިންދައިލަމުން ބުންޏެވެ. އޭރުވެސް ރާއީގެ ނަޒަރު އެ ފޯނާ ވަކިނުވެއެވެ.
"ކީއްވެ ޔާނާއަށް ފޯނު ނުދިނީ؟" ޔާނާ ބޮޑާ ހާކައިލިއެވެ. ރާއީ މަލާމާތުގެ ގޮތުން ޔާނާއާ ދިމާލަށް ދޫ ނެރެލިއެވެ. އެންމެން އެކުގައި އުފާވެރި މާހައުލެއްގައި ސައިބޮއި ނިންމައިލިއިރު ޔާނާއާއި ރާއީގެ ކޯޅުންތަކުން އެމީހުންގެ މުނިފޫހި ފިލައިދިޔައެވެ. އެހެނަސް އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ޝައިނާގެ މޫނުމަތީގައިވި ކަންބޮޑުވުން ޝިމާންއަށް ފާހަގަކުރެވުނެވެ.
"ރާއީ.. ބަލަ އަންކަލް ވޯކްއަށް ދާން އެ އުޅެނީ. އަވަހަށް ދީ އަންކަލްގެ ފޯނު. ދީފަ ދޭބަލަ ކޮއްކޮ ގޮވައިގެން އެއްޗެއް ކިޔަވާލަން" ސައިބޮއެ ނިމުމާއެކު ޝައިނާ މޭޒުމަތި ސާފުކުރަން ފެށުމުގެ ކުރިން ރާއީއާއި ޔާނާ އެތަނުން ފޮނުވައިލިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޝިމާން އަވަސް އަވަހަށް އޭނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލު ޝައިނާއާ ކޮށްލިއެވެ.
"ކިހިނެއްތަ މިއަދުގެ އަޑުއެހުން ދިޔައީ؟ ސިސް ވަރަށް ކަމަކާ ކަޓާފަ ހުރިހެން ހީވަނީ" ޝިމާންގެ ސުވާލާއެކު ޝައިނާގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފާޅުވިއެވެ. ރާހިލް ޝިމާންއޭ ކިޔައިގެން ކޯޓުގައި ދެއްކި ވާހަކަތައް ކިޔައިދޭކަށް އޭނާ ބޭނުމެއްނުވިއެވެ. މިހާރުވެސް ޝިމާން ހުންނަނީ ރާހިލްދެކެ ރުޅިއައިސްފައެވެ. އެ ރުޅި ނަފްރަތަށް ބަދަލުވުމަކީ އޭނާ އެދޭގޮތެއް ނޫނެވެ.
"ސިސް" ޝައިނާ ވަކި އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން ޝިމާން އަނެއްކާވެސް ގޮވައިލިއެވެ. އެއާއެކު ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އައިސް ޝިމާންގާތު ޖެހިގެންހުރި ގޮނޑީގައި އިށީނެވެ.
"ޝިމާން.. މިއަދު ދިޔައީ އެހާ ރަނގަޅަކަށްނޫން. އަހަރެން.. އަހަރެންނަށް ހީވަނީ ޔާނާއާއި ރާއީ ގެއްލިދާނެހެން" ޝައިނާގެ ދެލޯ އަނެއްކާވެސް ފެންކަޅިވާން ފެށިއެވެ.
"އެއީ؟ ކިހިނެއްވީ؟ ބޭބެ ކީކޭތަ ކިއީ؟"
ޝިމާންގެ ސުވާލުތައް ފުލުފުލުގައި ކުރިމަތިވާން ފެށުމާއެކު ޝައިނާ ލަސްލަހުން ވިސްނައިގެން އިނދެ އެދުވަހުގެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެހެނަސް ޝިމާންއާ ގުޅުވައި ދެކެވުނު ވާހަކަތައް އޭނާ ސިއްރުކުރިއެވެ. އެ ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައިރު ޝިމާންގެ މޫނުމަތިން ފާޅުވާންހުރީ ރުޅިވެރިކަމެވެ. ދެދަތްޕިލަ ޖައްސައި ބާރުކޮށްލައިގެން އިނީ އޭނާގެ ދުލުން ޝައިނާ ނުރުހޭ ކަހަލަ ޖުމްލައެއް ބުނެވިދާނެތީ ކަހަލައެވެ. އެހެނަސް ޝައިނާގެ ވާހަކަ ނިންމައިލަމުން ރާހިލްގެ ހުށަހެޅުމުގެ ވާހަކަ ބުނުމާއެކު ޝިމާންއަކަށް މަޑަކުން ނީންދެވުނެވެ. ގޮށްމުށުގެ ބާރު އެތިފަހަރެއް މޭޒުމައްޗަށް ވިއްލައިލުމަށްފަހު އިންތަނުން ތެދުވިއިރު އައިސްފައި ހުރި ރުޅިން އޭނާގެ ދެ ކަންފަތުން ދުން އަރަމުންދިޔައެވެ.
"ކީކޭ ހިތަށް އަރައިގެންތަ އޭނަ އެ އުޅެނީ އޭން؟" ޝިމާން ހަޅޭއްލަވައިގަތެވެ. "ސިސް އެކަނި ހާލަށް އެ ދެކުދިން ބަލައިބޮޑު ކުރީމަ އޭނާއަށް އެ ދެކުދިން ފެނިއްޖެދޯ. އޭނަ އެ އުޅެނީ ކުދިންނޭ ކިޔައިގެން ސިސްއަށް ބްލެކްމެއިލް ކޮށްގެން ސިސް ވަރިވިޔަ ނުދީ ހިފަހައްޓަން. ބުނަން.. ސިސް މިފަހަރު ގޮތްދޫކޮށްގެން ނުވާނެ. އޭނަ ސިސްދެކެ ލޯތްބެއް ނުވޭ. އަހަރެން ގަބޫލެއް ނުކުރަން އޭނަ އެއްވެސް އިރަކު ސިސްދެކެ ލޯބިވި ކަމަކަށް. އޭނަ ކުރިހާވެސް ކަމަކީ ސިސް އޭނާދެކެ ވި ލޯބީގެ ފައިދާ ނަގައިގެން އޭނަ ބޭނުންހާ ގޮތަކަށް ސިސް ގެންގުޅުން" ޝިމާން ބުންޏެވެ.
"ނޫން. ރާހިލް އަހަރެންދެކެ ލޯބިވި." ޝިމާންގެ ވާހަކަ ގަބޫލު ނުކުރުމުގެ ގޮތުން ޝައިނާ ބޯ ހޫރައިލިއެވެ.
"ލޯބިވާތީތަ ސިސް ތީ ސައިޑެއްހެން ބަހައްޓާފަ ގޮސް އެހެން މީހަކާ އިނދެގެން އޭނާއާއެކު ލައިފްއެއް ފެށީ؟ ސިސް ހޮސްޕިޓަލްގަ އެޑްމިޓް ކޮށްގެން އެރޭ އެވަރަށް ގުޅީމަވެސް ފޯނު ނުނެގީ؟ އޭނައަށް ނޭނގޭތަ އޭނަ ސިސްއަށް ނަފްސާނީގޮތުން ދިނީ ކިހާބޮޑު އަނިޔާއެއް ކަމެއް. އެރޭ ސިސް އެންމެ ލޯބިވާ ސިސްގެ އިސްތަށިގަނޑުވެސް ކޮށާލީ އޭނައާހެދިއޭ. އެވަރުންވެސް އޭނަ އެ އުޅެނީ ސިސްއަށް ދެވުނު އަނިޔާ ކުޑަވެގެން. ދެން ތި ބުނަނީ އޭނަ އަދިވެސް ލޯބިވެޔޭތަ؟" ޝިމާން ހިތްހަމަ ނުޖެހުނެވެ.
"ތި ހުރިހާ ވާހަކައަކީވެސް ތެދު ވާހަކަތައްކަން އެނގެޔޭ. އެއީ އަހަރެން ލޯބިވި ރާހިލްއެއް ނޫން. އައި ބަދަލެއް އައީ އެލީޝާއާ ކައިވެނިކުރިފަހުން. އެކަމަކު ޝިމާން. އަހަރެން ވަރަށް ވިސްނައިފިން. ރާހިލް އެކުދިންނަށް ގޯސްވާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ." ޝައިނާ ބުންޏެވެ.
"ދެން ތި ވިސްނަނީ އޭނާއާ އެއްކުއްޖަކު ހަވާލުކުރަންތަ؟" ޝިމާން އަހައިލިއެވެ.
"އަހަރެންނަށް އެނޫންގޮތެއް އެބަ އޮތްތަ؟ ނޫނިއްޔާ އަހަރެންނަށް ދެކުދިންވެސް ގެއްލޭނީއެއް ނޫންތަ؟ ނޭނގެ ޝިމާން. މިރޭ އަށެއް ޖަހަންވާއިރަށް އަހަރެން އެބަ ޖެހޭ ޗޮއިސްއެއް މޭކްކުރަން" ޝައިނާ އިސްޖަހައިލައިގެން އިނދެ ބުންޏެވެ.
"ތިބުނީ ޔާނާއާއި ރާއީގެ މެދުގަތަ؟ ސިސް އެއްވަރަކަށް ލޯބިވާ ދެކުދިން. ސިސްއަށް އެއްކުއްޖަކު އިޚްތިޔާރު ކުރެވޭނެތަ؟ ކުރަން ކެރޭނެތަ؟" ޝިމާންގެ ސުވާލާމެދު ޝައިނާ ވިސްނައިލިއެވެ. ނޫނެކެވެ. އެއީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ދެން ހަދާނީ ކިހިނެއް ހެެއްޔެވެ؟ އެހީއަކަށް އެދޭ ފަދައިން އޭނާއަށް ބަލައިލެވުނީ ޝިމާންއަށެވެ.
"އަހަރެންނަށް ނުބަލާ. އަހަރެންނަކަށް މި ޗޮއިސް މޭކް ކުރާކަށް އެއްވެސް އެހީއެއް ނުވެވޭނެ. އެއީ އަހަރެންގެ ހަމައެކަނި ނީސް އެންޑް ނެފިއު. ދެކުދިން ދެކެވެސް އަހަރެން ލޯބިވަނީ އެއްވަރަކަށް. އެކަމަކު ސިސްއަށް ތިނޫން ގޮތެއް ނެތިއްޔާ ކޮންމެ ފަހަރެކޭވެސް އެއްފަދައިން މިފަހަރުވެސް ސިސް ނިންމާ ނިންމުމަކަށް އަހަރެން އިޙްތިރާމް ކުރާނަން" ޝިމާން ބުންޏެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ޖިމް ދަބަސް ހިފައިގެން ގެއިން ނުކުތެވެ. ޝައިނާ ވަނީ ކޮޓަރިއަށެވެ. ކުރަހާފޮތްތަކެއް ނަގައިގެން އެނދު ކައިރީގައި ކުރަހަން ތިބި ދެކުދިންގެ ގާތަށް އޭނާ ގޮސް އިށީނެވެ.
ދެކުދިން ކުރަހަމުން ދިޔައީ އެކައްޗެއް ކަމުގައި ވިޔަސް އާދައިގެ މަތިން ޔާނާގެ ކުރެހުން ރާއީގެ ކުރެހުމަށްވުރެން މާބޮޑަށްވެސް ފުރިހަމައެވެ. ޒީވާ ބުނި ފަދައިން ޔާނާއަށް ލިބިފައިވާ ކޮންމެ ހުނަރަކާއި ސިފައެއް ގުޅިފައިވަނީ އޭނާއާއެވެ. އެ މުށިކުލައިގެ ދެލޮލާއި ރާޅުބާނީ އިސްތަށިގަނޑާއި އޮޅަލި ކުލައިގެ ހަންގަނޑެވެ. ޝައިނާ ނިކަން ލޯތްބާއެކު ޔާނާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. އެއީ އޭނާއާ ވަކި ނުކުރެވޭނެ އޭނާގެ ބައެކެވެ. އެހެނަސް ޔާނާގެ މިޒާޖު އޭނާއާ ހާސްގުނަ ތަފާތެވެ. ޔާނާއަކީ ރާހިލްފަދަ މީހުންނާގުޅޭ، އެކުވެރި އަދި މަޖާ މިޒާޖެއްގެ ކުއްޖެކެވެ. މިޒާޖުގެ ގޮތުން ޝައިނާއާ ގުޅެނީ ރާއީއެވެ. އެހެންކުދިންނާ ގުޅުން ބަދަހިކޮށް އެކުވެރިވުމުގެ ބަދަލުގައި އަބަދުވެސް އެކުދިން ބަހައްޓަނީ ވަކި ދުރުމިނެއްގައެވެ. މާބޮޑަށް ސަމާސާތަކުގެ ތެރެއަށް ވަދެގަނެގެނެއް ނޫޅެއެވެ. އެހެންނަމަވެސް އެ މިޒާޖު ފިޔަވައި ރާއީގެ ކިބައިގައި އޭނާއާ އެއްގޮތް އެއްވެސް ކަމެއް ނެތެވެ. ސިފައިގެ ގޮތުން ރާހިލްއާ ތަފާތޭ ބުނެވޭނެ އެންމެ ސިފައެއްވެސް ނެތްތަނުގައި ޝައުގު ހުންނަނީ ރާހިލްއެކޭ އެއްފަދައިން ކަސްރަތީ ކުޅިވަރުތަކަށެވެ. ޝިމާންއާއެކު ޖިމަށްދާން ރޮއެލާއިރުވެސް ހީވާނީ މުޅި އެދުވަހަކު މުޅި ގެވެސް ވައްޓައިލައިފާނެހެނެވެ. ހަމަ އެހެންމެ އެކުއްޖާއަށް ލިބިފައިވަނީ ރާހިލްގެ ތޫނުފިލިކަމެވެ. އެހައި ތުއްތު އިރުގައިވެސް އެހެން މީހުންގެ އިހުސާސްތައް ވަކިން ހާއްސަކޮށް، އޭނާގެ އިހުސާސްތައް ދެނެގަތުމުގައި ރާއީއަކީ ހުށިޔާރު ކުއްޖެކެވެ. އޭނާ ދެރަވެފައި ހުއްޓަސް އުފާވެފައި ހުއްޓަސް އެންމެ ފުރަތަމަ އެކަން ފާހަގަކުރެވެނީ ރާއީއަށެވެ. އެއީ އޭނާގެ ދިރިއުޅުމުގައިހުރި ރާހިލްގެ ހަނދާނެކެވެ. އެކުއްޖާވެސް އޭނާއާ ދުރުކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ ޝައިނާ މަޑުމަޑުން ކުރިއަށް ޖެހިލައި ރާއީގެ ގައިގައި ބައްދައިލިއެވެ.
"މަންމީ؟ ކިހިނެއްވީ؟" ރާއީ އާދައިގެމަތިން އަހައިލިއެވެ.
"މަންމީ ޔާނާވެސް! ގްރޫޕް ހަގް" ޔާނާ އައިސް ޝައިނާގެ ގައިގައި ބައްދައިލަމުން ބުންޏެވެ. އެއާއެކު މާހައުލުގައި ފެތުރިގެން ދިޔައީ އެ ތިންމައިންގެ އުފާވެރި ހިނިތުންވުމުގެ އަޑެވެ.
"މަންމި ވަރަށް ލޯބިވޭ އެނގޭ ދެކުދިންދެކެ" ޝައިނާ އެ ދެކުދިންގެ ކޮލަށް ބޮސްދެމުން ބުންޏެވެ. "ބައްޕިވެސް ވަރަށް ލޯބިވާނެ ދެކުދިންދެކެ. ބައްޕި ވަރަށް ދެރަވެފަ ހުރީ އެއްވެސް ކުއްޖަކު ބައްޕި ކައިރިއަށް ނުދާތީ. ބުނެބަލަ. ކޮން ކުއްޖެއް ބައްޕި ކައިރިއަށް ދާން ބޭނުމީ" ޝައިނާ އިރުކޮޅެއްގެ ހިމޭން ކަމަކަށްފަހު ބުންޏެވެ.
"މަންމިވެސް ދާނަންތަ؟" ޔާނާ މައުސޫމުކަމާއެކު އަހައިލިއެވެ.
"މަންމި ދާނީ ފަހުން" ޝައިނާ ބުންޏެވެ.
"މަންމި ސޭޑް ވެފަތަ؟ މަންމި ކީއްވެ މިހާރު އަބަދު ސޭޑް ވަނީ" ރާއީއަށް ޝައިނާ ދެރަވެފައިހުރިކަން އެނގި އަހައިލިއެވެ.
"މަންމި ސޭޑްއެއް ނޫނޭ. ދަރިފުޅުމެން ކޯއްޗެއްތަ ތި ކުރަހަނީ؟" ޝައިނާ އަވަސް އަވަހަށް ވާހަކަ އޮޅުވައިލިއެވެ. އަދި އެކުދިންނާ އެއްބައިވެ ކުލަޖެއްސުމުގައި ހަރަކާތްތެރިވިއެވެ.
***************
އެއްބަސްވެވިފައި އޮތް ގޮތުގެ މަތިން އެރޭގެ އަށެއް ޖެހުމާ ގާތްވިއިރު ރާހިލް ޝައިނާއާ ބައްދަލު ކުރުމަށް އެގެއަށް ދިޔައެވެ. އެހެނަސް ދެފަހަރެއްގެ މަތިން ދޮރުގައި ޓަކި ޖަހައިލުމަށް ހިއްލައިލި އަތް އޭނާއަށް ތިރިކޮށްލެވުނީ މި ކަންތައް ކުރެވެނީ އެންމެ ރަނގަޅަށްތޯ އަމިއްލަ ޟަމީރާ ސުވާލުކުރާ ހާލުގައެވެ. ޝައިނާއަށް މި ދެވެނީ ކިހާބޮޑު ހިތާމައެއްކަމުގައި ވިސްނި ހިނދުކޮޅަކަށް ޖެހިލުންވި ނަމަވެސް އޭނާ އެ ޖެހިލުންވުމުގެ އަސަރު މޫނުމަތިން ފުހެލުމަށްފަހު ދޮރުގައި ޓަކިޖަހައިލީ އެއީ އެމީހުންގެ މުސްތަގްބަލަށްޓަކައި އޭނާ ކުރާ ކަމެއް ކަމުގައި އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ.
އަށެއް ޖަހަން ފަނަރަ މިނަޓާ ގާތްވީއްސުރެން ސިޓިންގްރޫމްގައި ދެކޮޅަށް ކުރުކާލި ކަނޑަމުންދިޔަ ޝައިނާއަށް ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުމާއެކު ހިނގުން ހުއްޓައިލެވުނެވެ. އެއީ ރާހިލްކަން އެނގިހުރެ ތެޅިތެޅި އޮތް ހިތަކާއެކު ގޮސް ދޮރު ހުޅުވައިލިއެވެ. އެހެންޏާ އޭނާގެ ހިތަށް ފިނިކަން ލިއްބައިދޭ ރާހިލްގެ ހިނިތުންވުން މިރޭ އޭނާއަށް ފެނުނީ ވިހަ ހިނިތުންވުމެއްގެ ގޮތުގައެވެ.
"ކޮބާ ކިހިނެއް ނިންމީ؟" ރާހިލް ލައިގެންހުރި ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހައިލައިގެންހުރެ އެޕަރޓްމެންޓްގެ ތެރެއަށް ވަންނަމުން އެއްބުމަ ހިއްލައިލިއެވެ.
"ރާހިލް ހެޔޮނު-"
ޝައިނާގެ ވާހަކަ މެދުކެނޑުނީ ރާހިލް އެއް އަތް ހިއްލައިލުމަށްފަހު ވާހަކަ ހުއްޓައިލުމަށް އިޝާރާތް ކުރުމުންނެވެ.
"އަހަރެން މިއައީ ޝައިނާގެ އެއްވެސް އާދޭހެއް އަޑު އަހާކަށް ނޫން. މިއައީ ޝައިނާ ނިންމީ ކޮންގޮތެއްތޯ ބަލަން. ކޯޓު މެދުވެރިކޮށް އަހަރެންނާ ދެކުދިން ހަވާލުކުރާނީތޯ ނޫނީ ޝައިނާގާތު އެއްކުއްޖަކު ބަހައްޓާނީތޯ އަހަންވެގެން" ރާހިލް ބުންޏެވެ.
"ރާހިލް.. އަހަރެން ކިހިނެއް އެ ދެކުދިންގެ ތެރެއިން އެއްކުއްޖަކު ޚިޔާރުކުރާނީ؟" ޝައިނާ މާޔޫސްވެފައި އަހައިލިއެވެ.
"ތިއީ އަހަރެން ބަަލަން ޖެހޭ ކަމެއްނޫން" ރާހިލް ރުންކުރުކަމާއެކު ބުންޏެވެ. އަދި ޝައިނާގެ ލޮލުގައިވާ ކަރުނަތަކުން އެ ހިތް މަޑުވުމުގެ ފުރުސަތު ނުދިނުމަށްޓަކައި ޝައިނާއާ ދުރަށް ނަޒަރު ހުއްޓައިލިއެވެ.
"މައްސަލައެއްނެތް" މިނެޓެއްހާއިރުގެ ހިމޭންކަމަކަށްފަހު ޝައިނާ ނޭފަތް ދަމައިލަމުން ދެލޮލުގައިވާ ކަރުނަތައް ފޮހެލިއެވެ. "ރާހިލް ޗޫޒް ކުރޭ.. އަހަރެން.. އަހަރެންނަކަށް ނުވާނެ" އޭނާ ބުންޏެވެ.
"އޯކޭ. ދެކުދިންނަށް ގޮވާ" ރާހިލް އަމުރުކުރިއެވެ. ޝައިނާ އަވަސް އަވަހަށް ބޯ ޖަހައިލުމަށްފަހު ކަރުކެހިލަމުން ޔާނާއާއި ރާއީއަށް ގޮވައިލިތާ މާގިނައިރެއްނުވެ އެދެކުދިން ކޮޓަރިން ނުކުތެވެ. އޭރު ރާހިލްގެ އިތުރުން ޝައިނާގެ ހިތްވެސް ނެގިނެގިފައި ޖެހެމުންދިޔައެވެ. ރާހިލް ބަލަބަލަ ހުއްޓާ އޭނާގެ ގާތަށް އައިސް ހިނިތުންވުމަކާއެކު އުރާލުމަށް އެދި ދެއަތް ދިއްކޮށްލީ ޔާނާއެވެ. ރާއީ ދިޔައީ ޝައިނާގެ ގާތަށެވެ. އެހިސާބުން ރާހިލްއަށް އޭނާގެ ގޮތް ނިންމުނު ފަދައެވެ. ޔާނާ އުރައިލުމަށްފަހު ޝައިނާއަށް ބަލައިލީ އެކަން އަންގައި ދިނުމުގެ ގޮތުންނެވެ. އަދި އިތުރު ވާހަކައަކާނުލައި ޔާނާ ގޮވައިގެން ދޮރުން ނުކުތުމަށް ހިނގައިގަތެވެ.
ޝައިނާގެ ހިތް ހީވީ އެތަށްހާސް ބިއްލޫރިކޮޅުތަކަށް ތަޅައިގެން ދިޔަހެނެވެ. ބޭ އިޚްތިޔާރުގައި ރާއީގެ އަތުން ދޫކޮށްލުމަށްފަހު އޭނާއަށް ޔާނާއާއި ރާހިލްގެ ފަހަތުން ހިނގައިގަނެވުނެވެ. އޭރު ރާހިލް ޔާނާ އުރާލައިގެން ގޮސް އެގޭގެ ދޮރުން ނުކުންނަނީއެވެ.
"ރާހިލް. ރާހިލް މަޑުކޮށްބަލަ. ރާހިލް ޕްލީޒް" ޝައިނާ ގޮސް ރާހިލްގެ ގަމީހުގައި ހިފެހެއްޓިއެވެ.
"ޔާނާ.. ޔާނާގެ ބޫޓު ލައްވަބަލަ. ޕްލީޒް. ރޭގަނޑެއްނު ޔާނާގެ ފަޔަށް ފިނިވާނޭ" ކުރެހިފައިވާ އަޑަކުން ޝައިނާ ބުންޏެވެ. އަދި ދޮރުކައިރީގައިހުރި ފަައިވާންހަރުން ޔާނާގެ ބޫޓެއް ނެގުމަށްފަހު ރާހިލްއަށް ދިއްކޮށްލިއެވެ.
ޔާނާ ތިރީގައި ބަހައްޓައިލުމަށްފަހު ރާހިލް އެ ބޫޓުގައި ހިފިތަނާހެން ޝައިނާ އެބަ އަންނަމޭ ބުނެ އެތެރެއަށް ދުއްވައިގަތެވެ. އެވަގުތު ޔާނާއަށް ވަމުންދާގޮތް ނޭނގިފައިހުރެ ރާހިލްއާ ސުވާލުކުރަން ފެށިއެވެ.
"ބައްޕީ..ކޮންތާކަށް މި ދަނީ؟" ޔާނާ އަހައިލިއެވެ.
"ބައްޕިގެ ހައުސްއަށް. އިޝީ އާންޓީވެސް އުޅޭނެ. ޕްރިންސަސް ބޭނުމެއް ނޫންތަ ބައްޕިގެ ހައުސް ބަލާލަން ސްލީޕް އޯވަރއަކަށް ދާން" ރާހިލް ޔާނާގެ ފަޔަށް ބޫޓު ލައްވައިދެމުން އަހައިލިއެވެ.
"މަންމިއާ ދޮންބެއާވެސް ދާނެތަ؟" ޔާނާގެ ސުވާލާއެކު ރާހިލްއަށް ބަލައިލެވުނީ ސިޓިންގްރޫމްގެ ސޯފާގައި އިށީނދެލައިގެން އިނދެ ކަޅި ޖަހައިނުލައި އެދިމާލަށް ބަލަން އިން ރާއީއަށެވެ. އޭނާ އެކުއްޖާއަށް ހިނިތުންވެލުމަށްފަހު އަނެއްކާވެސް ޔާނާއަށް ސަމާލުކަންދެމުން ޔާނާގެ ސުވާލަށް ޖަވާބުދިނެވެ.
"މަންމިއާ ދޮންބެއާ ދާނީ ފަހުން. ޕްރިންސަސް ޖެހޭނެއެއްނު ކުރިން ދާން. މަންމިއާ ދޮންބެއާ ދާންވާއިރަށް ސަޕްރައިޒެއް ދޭން ހައުސް ޑެކަރޭޓް ކުރަން ބައްޕިއަށް ހެލްޕްވާނީ ކޮންކުއްޖެއް" ރާހިލް އަހައިލިއެވެ.
"ޔާނާ" ޔާނާ ދެއަތް މައްޗަށް ހިއްލައިލަމުން ނިކަން އުފާވެލައިފައި ބުންޏެވެ. އެވަގުތު ޝައިނާވެސް އައިސް އެމީހުންގެ ގާތަށް ހުއްޓިލައިފިިއެވެ. އޭނާގެ އަތުގައި ޔާނާ ޑޭކެއަރ ގެންދާ ކުޑަކުޑަ ދަބަހުގެ އިތުރުން ޔާނާގެ ކުރަހާ ސާމާނު އަޅައިފައިވާ ފޮތި ކޮތަޅެއް އޮތެވެ.
"މިއީ… މިއީ ޔާނާގެ ބައެއް އެއްޗެހި" ޝައިނާ ދިން އެއްޗެހީގެ ރާހިލް ހިފުމަށްފަހު ޔާނާ އުރައިލުމަށް ތައްޔާރުވި ތަނާހެއް ޝައިނާ ބިންމަތީގައި ދެކަކޫ ޖަހައިލަމުން އިށީނދެ ޔާނާގެ ގައިގައި ބައްދައިލިއެވެ.
"ދަރިފުޅު ބަސްއަހައިގެން ނިދައްޗޭ. ނުނިދެންޏާ އިޝީ އާންޓީ ކައިރި ބުނައްޗޭ މަންމިއަށް ގުޅާދޭން؟" ޔާނާ އަވަސް އަވަހަށް ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ. އަދި ޝައިނާއަށް ހަނާ އަޅައިލުމަށްފަހު ރާހިލްއާއެކު އެގެއިން ނުކުތެވެ.
އެދެމީހުން ސިޑިން ފައިބަންދެން ބަލަން ހުރުމަށްފަހު ޝައިނާ ދޮރު ލައްޕައިލައިފައި އެތެރެއަށް ހިނގައިގަތެވެ.
މާގިނައިރެއްނުވެ ޝިމާންވެސް ގެއަށް އަތުވެއްޖެއެވެ. އޭނާ އާންމުކޮށް ގެއަށް އަންނަނީ ލަހުން ކަމުގައިވިޔަސް އެރޭ ރާހިލް އަންނާނެކަން އެނގިފައި އޮތީތީ އަވަހަށް އައީއެވެ. ނަމަވެސް އޭނާ އައުމުގެ ކުރިން ރާހިލް އެގެއަށް އައިސްފައި ހިނގައްޖެކަން ޝިމާންއަށް އެނގުނީ ސޯފާގައި އިން ޝައިނާ ފެނުމުންނެވެ. ޝައިނާގާތު އޭރު އުޅުނީ ރާއީ އެކަންޏެވެ. ޔާނާގެ ހިލަމެއްވާކަށް ނެތެވެ. ޝައިނާއަށް ޝިމާން ފެނުމާއެކު އަވަސް އަވަހަށް ޝިމާންގާތު ރާއީ ބޭންދުމަށްފަހުގައި ކޮޓަރިއަށްވަނެވެ. ފޯނު ނަގައި އިޝްވާގެ ނަންބަރަށް ގުޅައިލިއިރު އޭނާގެ ދެއަތުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ.
"ހަ.. ހަލޯ؟ އިޝީ.. ރާހިލް ޔާނާ ގެންގޮސްފި" އިޝްވާ ފޯނު ނެގުމާއެކު ޝައިނާ އަވަސްއަވަހަށް ބުންޏެވެ.
"މިއޮށްފަދަ ގަޑީގަ؟ ކޮންތާކަށް؟" އިޝްވާ އާދައިގެ ރާގެއްގައި އަހައިލިއެވެ.
"ނޫނެކޭ އިޝީ. ރާހިލް އަހަރެންނާ ވަކިކޮށްގެން ޔާނާ ގެންގޮސްފި. ވީގޮތަކީ" ޝައިނާ އެދުވަހުގެ ހުރިހާ ވާހަކައެއް އިޝްވާއަށް ކިޔައިދޭން ފެށިއެވެ.
"އިޝީ.. އިޝީ ޕްލީޒް ޔާނާ ރަނގަޅަށް ބަލާދެއްޗޭ. އެއްވެސް ކަމެއް ވިއްޔާ.. ކަމެއް ނުވިޔަސް އަހަރެންނަށް ޔާނާގެ ހަބަރު އަންގައިދެއްޗޭ" ޝައިނާ އެދުނެވެ.
"ތިވީ ހާދަ ދެރަގޮތެކޭ. އެކަމަކު ސިސް ހާސްނުވޭ. އަހަރެން ޔާނާ ވަރަށް ރަނގަޅަށް ބަލާނަން. ސިސްއަށް ހުރިހާ ކަމެއްގެ ވާނުވާ އަންގާނަން" އިޝްވާ އެއްބަސްވިއެވެ. އެކަމުން ޝައިނާއަށް ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް ޔާނާއާމެދު ފިކުރުކުރުން ހުއްޓައިލެވޭ ގޮތެއް ނުވިއެވެ. އެރޭގެ ނިދުމާ ހަމައަށްވެސް އިރުއިރުކޮޅާ ފޯނަށް ބަލައިލެވެނީ ޔާނާގެ ހަބަރެއް ވެދާނެކަމުގެ އުއްމީދުގައެވެ. އެހެނަސް އެ އުއްމީދު ކުރިފަދަ އެއްވެސް ކޯލެއް އޭނާއަކަށް ނާދެއެވެ.
ޖެހިގެން އައި ހެނދުނެވެ. އޮފީހަށްދާން ހޭލުމަށްޓަކައި ސެޓްކޮށްފައިވާ އެލަރމްގެ އަޑު އިވުމާއެކު ޝައިނާ އެ އެލަރމް ނިއްވައިލުމަށްފަހު ދެލޯ އުނގުޅަމުން ސިިޓިންގްރޫމަށް ނުކުތެވެ. އާންމުކޮށް އޭނާ އޮފީހަށްދާން ހޭލާ ގަޑިއަކީ ޔާނާއާއި ރާއީވެސް ހޭލާ ގަޑި ކަމަށްވާތީއާއެކު ކަށީގައި ހިފައިފައިހުރި އާދައިގެ މަތިން އޭނާގޮސް އެ ދެކުދިންނަށް ހާއްސަ ކުރެވިފައިވާ ދެ ޖޯޑު ސިންކުން ދޮވެލައިގެން އައިސް ދެކުދިންނަށް ސައި ގިރަން ފެށިއެވެ. އޭރުވެސް އޭނާއަށް ރަނގަޅަށް ނުހޭލެވެއެވެ. ނަމަވެސް ރާއީގެ ސައިތަށި ނިންމައިލުމަށްފަހު ޔާނާގެ ސައިތަށި ގިރަމުންދިޔަ ވަގުތު ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން އޭނާގެ ހަރަކާތްތައް ހުއްޓުންއެރިއެވެ. ދެލޯ ބޮޑުކޮށްލައިގެންހުރެ އޭނާއަށް އެ ސައިތައްޓަށް ނަޒަރު ހުއްޓައިލެވުމާއެކު ބިރެއް ފެނުނު ފަދައިން ސަމްސަލުން އަތް ދޫކޮށްލެވުނެވެ. އެ ދަރިފުޅު އޭނާގެ ގާތުގައި ނެތްކަން އިހުސާސްވުމާއެކު ދެލޮލުން ފާއްދައިލި ކަރުނައާއެކު ތުންފަތް ފޫއަޅުވައިލައި ނުކުތް ގިސްލުމުގެ އަޑު އޭނާ ހިފަހައްޓާކަށް ނޫޅުނެވެ. ކައިރީގަައި ހުރި ގޮނޑި ދަމައިލުމަށްފަހު މޭޒުގައި ބޯ އަޅައިލީ ހިތްފުރޭވަރަށް ރޮއެލުމަށެވެ. ރާއީ ހޭލައިގެން އޭނާ ހޯދަން އައި އިރުވެސް އޭނާއަށް އެގޮތުގައި އިނދެވުނީއެވެ. ރާއީ އައިސް އޭނާގެ އަތުގައި ކޮށްޓައިލުމާއެކު އަވަސް އަވަހަށް ދެލޯ ފޮހެލުމަށްފަހު އިސްއުފުލައިލިއެވެ.
"ދަރިފުޅޫ.. ހޭލީދޯ؟ މަންމިއަށް ނިދުނީ.. ސޮރީ އެނގޭ" ޝައިނާގެ އަޑުގައިވި ހިތާމަ ސިއްރުކުރެވޭތޯ ބަލަމުން ބުންޏެވެ.
"މަންމީ.. ކޮބާ ކޮއްކޮ؟" ރާއީ ދެރަވެފައި އަހައިލިއެވެ. އެއާއެކު ޝައިނާ އަމިއްލަ މޭގައި އަތް އަޅައިލުމަށްފަހު ރާއީ ހަމަޖެއްސޭތޯ އުޅުނެވެ.
"ކޮއްކޮ ދިޔައީ ބައްޕިމެން ގެއަށް ސްލީޕްއޯވަރ އަކަށެއްނު. އަދި އަންނާނެޔޭ" ޝައިނާ އުއްމީދާއެކު ބުންޏެެވެ. ރާއީގެ އިތުރުން އޭނާގެ އަމިއްލަ ނަފްސަށްވެސް ދޭ އުއްމީދެއް ފަދައިންނެވެ.
****************
ހަވީރުގެ ވަގުތެވެ. އޮފީސް ނިންމައިލުމަށްފަހުގައި ރިއާން ރާހިލްމެންގެ ގެއަށް ދިޔައީ އޭނާއަށް ލިބިފައިވާ ހަބަރުގެ ތެދުދޮގު ޔަގީން ކުރުމަށެވެ. ވޮލެޓުން ނެގި ކީކާޑުގެ އެހީގައި ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަނުމާއެކު ހައިރާންކަމެއް ލިބުނީ ސޯފާގައި ހިޔާލަކަށް ގެއްލިފައި އިން ރާހިލް ފެނުމުންނެވެ. އޭނާއެކޭ މަރުވެފައި އިން މައްޔިތެކޭ ތަފާތެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އިސްޖަހައިލައިގެން އިންއިރު ކަކުލުގައި އަޅުވައިލެވިފައި އޮތް އަތުގައިވާ ފޯނު އަނބުރައިލަ އަނބުރައިލައި އިނީ އޭގަށް ގުޅަމުންދިޔައީ ކާކުކަން އޭނާއަށް އެނގޭ ފަދައިންނެވެ. އެހެނަސް ރިއާން އައިކަން އެނގުމާއެކު ރާހިލް އެ ފޯނު ކުރިމަތީގައިހުރި ކޮފީމޭޒު މައްޗަށް ދޫކޮށްލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ.
"ޔާނާ ކޮބާ؟ އެބައުޅޭތަ؟" ރިއާން އަހައިލިއެވެ.
"ރޭ ފަތިހުއްސުރެން ނުނިދާ ބޮޑާހާކައި އުޅެއުޅެފަ މެންދުރު ނިދައިފި" ރާހިލް ބުންޏެވެ.
"އެހެންވީމަ އެއީ ތެދެއްދޯ؟" ރިއާން އެއްސެވެ.
"ކޮބާ؟" ރާހިލްއަކަށް ނޭނގުނެވެ.
"މިބުނީ ޔާނާ.. އަހަރެންނަށްވެސް ހީވަނީ ރާހިލްގާތު އެެއްކުއްޖަކު ބެހެއްޓުންހެން އިންސާފުވެރީ. އެކަމަކު ދަރިފުޅު ލިބުނީމަވެސް ރާހިލް ތި އިންނަނީ ދިރުމެއްނެތިފަ. ކިހިނެއް ވެފަތަ ތި އިންނަނީ؟"
"ދެން އަހަރެންވީ ޔާނާ ގެނެވުނީތީ ބޮޑުބެރު ޖަހާފަ ނަށަންތަ؟" ރާހިލް ހިތްހަމަނުޖެހިފައި އަހައިލިއެވެ.
"ޔެސް ވައި ނޮޓް؟" ރިއާންއަކަށް ރާހިލް އެހި ސުވާލުގައި މައްސަލައެއް ނުފެނުނެވެ. ރާހިލް ފާޑަކަށް ރިއާންއާ ދިމާލަށް ލޯ އަޅައިލުމަށްފަހު ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ޝައިނާގާތުން ލޯ އަޅަންވެސް ދަސްކުރީދޯ" ރިއާން ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. އެވަގުތު މޭޒުމަތީގައި އޮތް ރާހިލްގެ ފޯނު އަނެއްކާވެސް ރިންގްވާން ފެށިއެވެ. "ސްޕީކް އޮފް ދި ޑެވިލް" ފޯނަށް އަރައިފައިވާ ޝައިނާގެ ނަން ފެނުމާއެކު ރިއާން ބުންޏެވެ.
"މައިންޑް ޔޯރ ޓަންގް" ރާހިލް އިންޒާރެއް ދިނެވެ.
"ވޯ ވޯ އޯކޭ! އެކަމާތަ ކަޓާފަ ތީނީ؟ ޝައިނާ ކުރި އާދޭހުން އަސަރެއްކުރީދޯ؟" ރިއާން އަހައިލިއެވެ.
"ނޭނގެ ރިއާން. ހާދަ ވަރަކަށޭ އެ ގުޅަނީ. ރޭގަވެސް ހާދަ ރުޔޭ. ފާޑެއްގެ އުނދަގުލެއްވަނީ. އަހަރެންނަށް ކަންތައް މިކުރެވެނީ އެންމެ ރަނގަޅަށްތަ؟" ރާހިލް އަހައިލިއެވެ.
"ތިއެއް އެނގޭނީ ހަމަ ރާހިލްއަށް. ތިހާވަރަށް ނުވިސްނާ.. އަބަދު ގޭގަ ނޯވެ ހިނގާބަލަ އިހަށް ބޭރަށް ޖައްސާލަން. އޭރަށް ތަންކޮޅެއް ރަނގަޅަށް ތި ވިސްނާ އެއްޗެއް ވިސްނިވެސްދާނެ" ރިއާން ބުންޏެވެ.
"ހްމްމް. އަހަރެންވެސް މި ހިތަށް އަރަނީ ތިހެން. އެބަ އަންނަން ފެންވަރާލައިން" ރާހިލް ސޯފާއިން ތެދުވެ ސިޑިއާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. އެދެމީހުންގެ ވާހަކަ އަޑުއަހަން ދުރުގައިހުރި އިޝްވާ ވަގުތުން ކޮޓަރިއަށް ދުއްވައިގަތެވެ. އޭނާ ކޮޓަރިން ނުކުތީ އެއްވެސް ހާލެއްގައި އެދެމީހުން ދެއްކި ވާހަކަތައް އަޑުއެހުމުގެ ނިޔަތަކުނޫނެވެ. އެހެނަސް އިއްތިފާގަކުން ނަމަވެސް އޭނާއަށް އެވާހަކަތައް އަޑުއިވުނީތީ އޭނާ ޝުކުރު ކުރިއެވެ. އަވަހަށް ފޯނު ނަގައި ޝައިނާއަށް ގުޅޭތޯ މަސައްކަތްކުރިއެވެ.
***************
ދުވަހުގެ ބާކީބައި ޝައިނާ ގޭގައި ހޭދަކުރީ އޮފީހަށްވެސް ދާނެހާ ހިތްވަރު ނެތުމުންނެވެ. ޔާނާ ނެތުމުން މުޅި ގޭތެރެ ހީވަނީ ފަޅުވެފައި ވާހެނެވެ. އެގޭގެ ދިރުމަކީ އެއީއެވެ. ރާއީއާ ދެބަސްވެލާނެ ކުއްޖަކު ނެތުމުން އެކުއްޖާގެ އަޑެއްވެސް އިވިނުލައެވެ. އެކަނިމާއެކަނި ޓީވީ ބަލަން އިން ރާއީ ފެނުމާއެކު އޭނާގެ ހަނދާނަށް އަންނަމުންދިޔައި ޔާނާ ޓީވީ ބަލަން އިންނައިރު އިރުއިރުކޮޅާ އޭނާއާ ކޮންމެވެސް ސުވާލެއް ކޮށްލާ ހަނދާނެވެ. ފޫހިވީމައި އައިސް އޭނާއަށް އުނދަގޫކޮށްލާ ހަނދާނެވެ. އެދަރިފުޅު މަތިން ހަނދާންވެގެން ރާހިލްއަށް ކިތަންމެ ގުޅި ނަމަވެސް ފޯނެއް ނަގަނީކީ ނޫނެވެ. އިޝްވާއަށް ގުޅީމައިވެސް ފޯނު ބިޒީ ކޮށްލީއެވެ. ގޮތްހުސްވެގެން ޝައިނާގެ ދެލޯ ފެންކަޅިވާން ފެށުމާއެކު އޭނާ އަވަސް އަވަހަށް ދެލޯ ފޮހެލިއެވެ. ހަމައެވަގުތު އޭނާއަށް އިޝްވާގެ ކޯލެއް އަންނަން ފެށުމާއެކު ޝައިނާ ތެޅިގެންފައި އިޝްވާގެ ކޯލަށް ޖަވާބުދިނެވެ.
"ހަލޯ.. އިޝްކޯ-"
"ސިސް. ސިސް ސޮރީ އިނގޭ. ދޮންބެގާތު ހުރީމަ ފޯނު ބިޒީކޮށްލީ. ސިސް. ސިސް ޔާނާއް މީޓްކުރަން މިގެއަށް އަންނަންވީނު" ޝައިނާއަށް ވާހަކަދެއްކުމުގެ ފުރުސަތުނުދީ އިޝްވާ ބުންޏެވެ.
"ބޭނުން.. އެކަމަކު ރާހިލް–"
"ޕިސް. ދޮންބެއެއް ނޫޅޭނޭ. ދޮންބެ އެބައުޅޭ ބޭރަށްދާން. މިބުނީ.. އިރުކޮޅަކުން ދާނީ. އެހާއިރަށް ސިސްއަށް އާދެވޭނެއެއްނު. އެބަ ފޮނުވަން ލޮކޭޝަން އެނގޭ. ސިސް މިގޭގަ ހުއްޓާ ދޮންބެއަށް އާދެވުނަސް ކުރެވޭނެ ކަމެއް ނޯންނާނެ. ނޫންތަ؟" އިޝްވާ ދިން އުފާވެރި ހަބަރާއެކު ޝައިނާއަށް ސޯފާއިން ތެދުވެވުނެވެ.
"ނޫނޭ.. އެބަދަން.. ހަމަ މިހާރު މި ދަނީ." ޝައިނާ އަވަސް އަވަހަށް ފޯނު ކަނޑައިލިއެވެ. އެވަގުތު ރާއީ އައިސް އޭނާގާތު ހުއްޓިލަމުން އޭނާގެ އަތުގައި ހިފައިލިއެވެ.
"ކިހިނެއްވީ ދަރިފުޅޫ؟" ޝައިނާ އަހައިލިއެވެ.
"މަންމީ. ކޮއްކޮ ކޮބާ؟" ރާއީ އަހައިލިއެވެ. ޔާނާ ނެތުމުން އެކުއްޖާވެސް އުޅުނީ ފޫހިވެގެނެވެ.
"ދަރިފުޅޫ. ކޮއްކޮ ވަރަށް އަވަހަށް އަންނާނެ އެނގޭ. އިހަށް ހިނގާބަލަ އަންކަލްގާތު މަޑުކޮށްލަން. މަންމި އެބަ އަންނަން ވަރަށް މުހިއްމު ތާކަށް ގޮސްފަ" ޝައިނާ ރާއީއާއެކު ގޮސް ކޮޓަރިއަށްވަނެވެ. ފޯނުގައި އިން ޝިމާންއަށް ލޮލުގެ އިޝާރާތުން ރާއީ ދައްކައިލުމަށްފަހު އަވަސް އަވަހަށް މަތިހަދާލައި ތައްޔާރުވެލައިގެން އަތްދަބަސް ހިފައިގެންގޮސް ގެއިން ނުކުތެވެ. ކާރެއް ހޯދަން މާ ލަސްވެދާނެކަމަށް ނިންމައި ފައިމަގުގައި އިޝްވާ ފޮނުވި އެޑްރެހަށް ހިނގައިގަތެވެ.
އެހިސާބަށް ދެވުމާއެކު ޝައިނާއަށް ޔަގީން ނުކުރެވިފައި އެތަނުގައި ޒަމާނީ ފެންވަރަކަށް ހަދައިފައިހުރި ދިހަބުރީގެ އިމާރާތައް ބަލައިލެވުނެވެ. އެއީ އާރް.އެލް ހޯލްޑިންގްސްއިން އޭނާ އެ ކުންފުނީގައި އުޅުނުއިރު އިމާރާތް އެޅުމާއި ފަރުމާކުރުމުގެ އެއްބަސްވުމެއްގައި ސޮއެކުރި އިމާރާތެކެވެ. އަށް ފަންގިފިލާގައި މީހުން ދިރިއުޅޭ ލަގްޜަރީ ފެންވަރުގެ އެޕަރޓްމެންޓްތައް ހިމެނޭ އެއިމާރާތުގެ މަތީ ދެ ފަންގިފިލާ ހާއްސަކުރެވިފައިވާނީ ޕެންތްހައުސްއަށެވެ. އެއީ އޭނާ އެ ކުންފުނީގައިކުރި އެންމެ ފަހު މަސައްކަތް ކަމަށްވާތީއާއެކު އެއީ އޭނާއަށް ވަރަށް ހާއްސަ އިމާރާތެކެވެ. އާނއެކެވެ. އެ އިމާރާތާގުޅޭ ގިނަ ކުރެހުންތަކަކީ އާރް.އެލްގެ ސިނިއަރ އަރކިޓެކްޓަކަށް އޭރު ހުރި ބޭފުޅާގެ އިރުޝާދާ އެއްގޮތަށް ސީދާ އޭނާ ކުރަހައިފައިވާ ކުރެހުންތަކެކެވެ. ބޭރުން ބަލައިލައިފި ކަމުގައިވިޔަސް އެ ކުރެހުންތަކާއި އިމާރާތުގެ ފަރުމާއާ އެއްވެސް ތަފާތެއްނެތެވެ.
ޝައިނާ އާގަމަވެފައިހުރެ އިމާރާތުގެ އޮޓޮމެޓިކް ބިއްލޫރި ދޮރުން އެތެރެއަށް ވަނުމާއެކު ރިސެޕްޝަންގައި އިން ސެކިއުރިޓީން އޭނާއަށް ގޮވައިލައި މަޑުކުރުމަށް އެދުނެވެ. އޭނާ ދަނީ ކޮން ފަންގިފިލާއަކަށްތޯ އެހުމުން ޖަވާބެއްދޭން ނޭނގިފައި ހުރުމަށްފަހު ފޯނު ނަގައި އިޝްވާއަށް ގުޅައިލިއެވެ. އިޝްވާ ފޯނު ނަގާނެ އިރެއްގެ އިންތިޒާރުގައި ފޯނު ކަންފަތުގައި ޖަހައިލައިގެންހުރެ އެ ލޮބީއަށް ނަޒަރު ހިންގައިލިއެވެ.
ރަންކުލަ އަރާ މާބްލް ޖަހައިލެވިފައިވާ އެ ލޮބީގައިހުރި ފަރުނީޗަރުތަކާއި މާ ޓުކުރިތަކުގެ އިތުރުން ކުރެހުންތައްވެސް ބެހެއްޓިފައިހުރީ އޭނާގެ ސިކުނޑީގައި އޭރު ރާވައިލެވުނު ގޮތަށްކަންފެނި ހިނިތުންވެލިއެވެ. އެހެނަސް ލިފްޓާ ހިސާބަށް އޭނާގެ ނަޒަރު ސީދާވެލި ވަގުތު އެ ހިނިތުންވުން ފިލައިދިޔައެވެ. ރިއާންއާއެކު ލިފްޓުން ނުކުތް ރާހިލް ދެލޯ ހަނިކޮށްލަމުން އޭނާއަށް ބަލައިލުމާއެކު ޝައިނާ އިޝްވާގެ ކޯލު ކަނޑައިލުމަށްފަހު ރާހިލްއާ ދިމާލަށް ހިނގައިގަތެވެ. ރިއާން ރާހިލްގާތު ބޭރުގައި މަޑުކުރަނީ ކަމުގައި ބުނުމަށްފަހު އެ އިމާރާތުން ނުކުތެވެ.
"މިިތާ ކީއްކުރަނީ؟" ޝައިނާ އައިސް ކުރިމަތީގައި ހުއްޓުމާއެކު ރާހިލް ރުންކުރުކަމާއެކު އަހައިލިއެވެ.
"ޔާނާއާ މީޓްކުރަން. އަހަރެންނަށް އެ ފުރުސަތު ރާހިލް ދޭންޖެހޭނެ. އެގޮތަށް އެއްބަސްވީމެއް ނޫންތަ؟" ޝައިނާ ވަކި ދުލެއް ނުކުރިއެވެ.
"ދޭނަމޭ ދޭނަމޭ. ޔާނާއާ ބައްދަލު ނުކުރެވޭނެއެކޭ ނުބުނަމެއްނު. އެކަމަކު ބައްދަލުކުރެވޭނީ އަހަރެންގެ ހާޒިރުގަ. މިވަގުތު އަހަރެން މި ދަނީ ބޭރަށް. ފަހުން އާދޭ" ރާހިލް އެތަނުން ދުރަށް ފިޔަވަޅެއް އަޅައިލިއެވެ. ޝައިނާ އަވަސް އަވަހަށް ރާހިލްގެ އަތުގައި ހިފަހައްޓަމުން އަނެއްކާވެސް ކުރިބެއްދިއެވެ.
"ރާހިލް. ތިއީ ހިތެއް އޮތް އިންސާނެއްތަ؟ އަހަރެން ޔާނާ ދެކިލަން ބޭނުންވެފަ ހުރިވަރު ނޭނގެނީތަ؟" ޝައިނާގެ އަޑަށް މަޑުމައިތިރިކަން ވެރިވިއެވެ.
"ނޭނގެ އަހަރެންނަކަށް. ޝައިނާ ނިކަން ބުނެދީބަލަ. އަހަރެންގެވެސް ހިތެއް އޮތްކަން ގަބޫލުކުރަންތަ؟ ނުކުރަމެއްނު. އެހެންވީމަ ބޭކާރު ވާހަކަ ނުދައްކާ. ބުނެފީމެއްނު ޔާނާއާ ބައްދަލުކުރެވޭނީ އަހަރެންގެ ހާޒިރުގައޭ. އަދި ޔާނާ ގެނެވުނުތާ ސައުވީސް ގަޑިއިރުވެސް ހަމަ ނުވެއެއްނު. އެހާއިރު ކޮށްފަ މިރޭ އަށެއް ޖަހާއިރަށް އާދޭ" ރާހިލް ދުރަށް ހިނގައިގަތުމާއެކު އަނެއްކާވެސް ޝައިނާ ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.
"ރާހިލް ޕްލީޒް.." ޝައިނާ އާދޭސްކުރިއެވެ. ރާހިލް ވަކި ޖަވާބެއް ދިނުމަކާނުލައި ޝައިނާގެ އަތުގައި ހިފައިގެން ހިނގައިގަތީ ރިސެޕްޝަނާ ދިމާލަށެވެ.
"ޝީ ވިލް ކަމް ބެކް އެޓް އެއިޓް. ލެޓް ހަރ އިން އޯކޭ؟" ރާހިލް އެތަނުގެ ސެކިއުރިޓީއަށް އިރުޝާދުދިނެވެ. އަދި ޝައިނާ ގޮވައިގެން އެތަނުން ދުރަށް ޖެހިލިއެވެ.
ޝައިނާ ރުޅިއައިސްފައި ރާހިލްގެ އަތް ފޮޅައިލުމަށްފަހު ރާހިލްއަށް ފަސްދީ ހިނގައިގަތެވެ. ރާހިލް ކުއްލިއަކަށް ޝައިނާގެ އަތުގައި ހިފައި މަގަތަށް ދަމައިލުމާއެކު ޝައިނާ އެއްވެސް އިޚްތިޔާރަކާނުލައިގޮސް ރާހިލްގެ އެެ ތަނަވަސް މޭގައި ޖެހުނެވެ. އެހާ ގާތުން ޝައިނާގެ މޫނު ފެނުމާއެކު ރާހިލްއަށް އެ ރީތި ދެލޮލާއި ތުންފަތުން ނަޒަރު ވަކިކޮށްލުންވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ހިންދިރުވައިލުމަށްފަހު އޭނާ ދެއަތް ހިއްލައިލައި ޝައިނާގެ ހުޅިން ނެއްޓިފައިވާ އިސްތަށިތައް ރީތިކޮށްލައި ދިނެވެ.
"ބޮލަން ތޫފާނެއް އަރާފަ ހުރިހެން ހީވަނީ" އެހެން ބުނެލުމަށްފަހު ރާހިލް އަވަސްއަވަހަށް އެ އިމާރާތުން ނުކުތުމަށް ހިނގައިގަތެވެ.
ރާހިލްއަށް އައި ކުއްލި ބަދަލާމެދު ސިހިފައިހުރި ޝައިނާއަށް ހުރި ފިޔަވަޅުމަތީ ގަނޑުވެފައި ހުރެވުނު ނަމަވެސް އޭނާވެސް އެތަނުގައި މަޑެއް ނުކުރިއެވެ. އެއްފަހަރު ލިފްޓަށް އަނެއްފަހަރު ސެކިއުރިޓީންނަށް ބަލައިލުމަށްފަހު އޭނާވެސް އެތަނުން ދިޔައީއެވެ.
އެރޭގެ އަށެއް ޖެހުމާ ހަމައަށް ބާކީ އޮތް ދެތިން ގަޑިއިރު ޝައިނާއަށް އިންތިހާއަށް ދިގުހެން ހީވި ކަމުގައިވިޔަސް އޭނާ ކެތްތެރިކަމާއެކު އެވަގުތުތައް ގުނަމުންދިޔައެވެ. ޝިމާންވެސް ޖިމަށް ދިޔުމުން އޭނާ އަށެއް ޖަހާއިރަށް ރާއީ ގޮވައިގެން ރާހިލް އުޅޭ އިމާރާތަށް ދިޔައެވެ. ކުރީ ފަހަރާ ހިލާފަށް މިފަހަރު އެތަނުގެ ސެކިއުރިޓީން އޭނާއަށް ހިނިތުންވެލުމަށްފަހު ދާންޖެހެނީ ޕެންތްހައުސްއަށް ކަމުގައި ބުނެ ލިފްޓަށްވެސް ފިތައިލައިދިނެވެ.
ޝައިނާ އެމީހުންނަށް ހިނިތުންވެލުމަށްފަހު ރާއީ ގޮވައިގެން ލިފްޓަށް އެރިއިރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ނުވަވަނަ ފަންގިފިލާއަށް ހުއްޓައިލި ލިފްޓުން ފައިބައިގެންގޮސް އެތަނުން ފެންނަން ހުރި ހަމައެކަނި ދޮރުގެ ބޭރުގައި ހަރުކުރެވިފައިވާ ސްވިޗަށް ފިތައިލަމުން ބެލް އަޅައިލިއެވެ. ދޮރު ހުޅުވައިލި ރާހިލް ފެނުމާއެކު އޭނާގެ ދެލޯ ނިއްކުރިއަށް ނޭރީ ހަމަކިރިޔާއެވެ. ހިނިގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ކޮލުގައި ދަތް އަޅައިލަމުން އަނގަމަތީގައި އަތްވެސް އަޅައިލިއެވެ. ރާހިލް ކިހިނެއްވީހޭ އަހައިލާ ފަދައަކުން ބުމަ އަރުވައިލުމާއެކު ޝައިނާ ކުލަ ކުލައިގެ އެކި ވޫލުކޮޅުތަކުން އެގޮތް މިގޮތަށް އަައްސައިލެވިފައިވާ ރާހިލްގެ ކޮނޑާ ހަމައަށް އޮތް އިސްތަށިގަނޑަށް ބަލަންހުރެ ބޯ ހޫރައިލީ ކަމެއް ނުވެޔޭ ބުނާ ފަދައަކުންނެވެ. އެ އިސްތަށިގަނޑުގެ އެކި ހިސާބުތަށް ކުލަ ކުލައިގެ ކޮކާ ދަތިތަކާއި ވިދާ ކުނޑިތަކުން ޖަރީކުރެވިފައިވާ ގޮތްފެނި އެއީ ޔާނާގެ ފަންނުވެރި މަސައްކަތެއްކަން ޝައިނާއަށް ވަގުތުން އެނގުނެވެ.
"މަންމީ.. ހާހާހާހާ" ރާއީ އަތުގެ އިޝާރާތުން ޝައިނާއަށް ރާހިލްގެ އިސްތަށިގަނޑު ދައްކައިލަމުން ހޭންފެށިއެވެ.
"މަންމިއާ ދެކުދިންވެގެން ބައްޕިއަށް މަލާމާތްކުރަނީ ދޯ. ހުރެބަލަ. ދޮންބެވެސް މިފަހަރު ކޮއްކޮއާ ހަވާލުކޮށްލާނީ" ރާހިލް ފަޅި ސިކުންތެއްގެ ތެރޭގައި ރާއީ އެހުރިތަނުން ހިއްލައިލައިގެން ދޮރުން އެތެރެއަަށް ވަނުމާއެކު ޝައިނާވެސް ޖެހިލުންވެފައިހުރެ އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ.
"މަންމީ!" ސޯފާގައި އިން ޔާނާއަށް ޝައިނާ ފެނުމާއެކު އޭނާއާ ދިމާލަށް ދުއްވައިގަތެވެ. ޝައިނާވެސް ދުވެފައިގޮސް ބިންމަތީގައި ދެކަކޫ ޖަހައިލުމަށްފަހު ޔާނާގެ ގައިގައި ބައްދައިލިއެވެ.
"މަންމިގެ ދޫނި" ޝައިނާއަކަށް އޭނާގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ލޯތްބާއެކު ޔާނާގެ މޫނުގައި ބޮސްދޭން ފެށިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ވަރަށް ރީތި މިބައިވެސް. ހީވަނީ ޝައިނާއަށް ވިސްނެންއުޅޭހެން. ދެންއޮތް ބައިގެ އިންތިޒާރުގައި…
ކީއްތަވާނީ އަދި ތަންކޮޅެއް އިތުރު ކޮށްލިނަމަ.
މަށަށް މިވާގޮތެއްދޯ.
މޭގައި ދިގުދަތި އަޅައިގެންވެސް ހިތް މަތަކުރެވޭތޯ މި އުޅެންޖެހެނީ ދެންއޮތްބައި އަޕް ކުރަންދެން.
ހެޔޮނުވާނެ. އަޅެ އާދޭސްކުރިއްޔާ ތަންކޮޅެއް އިތުރުވާނެބާ.
ޢިރުކޮޅަކާ ވާހަކަގެ އާބައި އިންތޯ ބަލާލެވޭ
ކޮބާ 77 ވަނަ ބައި.. ވަރަށް އިންތިޒާރު ކުރެވޭ އެބަ.. އަވަހަށް އަޕް ކޮށްދެއްޗޭ..
މިހާރު ކެތްތެރިކަން ކޮޅުންލައިފި. ނޭނގެ ކިތައްފަހަރު ކަމެއްވެސް ވާހަކަ އިންތޯ ބޭލުނީ
މިރޭ ވާހަކަ ކިޔާލަން ލިބޭނެބާ؟ ވަރަށް އިންތިޒާރު ކުރެވޭ އެބަ!