Sunday, 15 September 2024

ހިތް އެދޭހާ ކަމެއް.. (77 ވަނަބައި)

"މަންމިއާ ދެކުދިންވެގެން ބައްޕިއަށް މަލާމާތްކުރަނީ ދޯ. ހުރެބަލަ. ދޮންބެވެސް ކޮއްކޮއާ ހަވާލުކޮށްލާނީ" ރާހިލް ފަޅި ސިކުންތެއްގެ ތެރޭގައި ރާއީ އެހުރިތަނުން ހިއްލައިލައިގެންގޮސް ދޮރުން އެތެރެއަަށް ވަނުމާއެކު ޝައިނާވެސް ޖެހިލުންވެފައިހުރެ އެތެރެއަށްވަދެ ދޮރު ލައްޕައިލިއެވެ.

"މަންމީ!"ސޯފާގައި އިން ޔާނާއަށް ޝައިނާ ފެނުމާއެކު އޭނާއާ ދިމާލަށް ދުއްވައިގަތެވެ. ޝައިނާވެސް ދުވެފައިގޮސް ބިންމަތީގައި ދެކަކޫ ޖަހައިލުމަށްފަހު ޔާނާގެ ގައިގައި ބައްދައިލިއެވެ.

"މަންމިގެ ދޫނި" ޝައިނާއަކަށް އޭނާގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ލޯތްބާއެކު ޔާނާގެ  މޫނުގައި ބޮސްދޭން ފެށިއެވެ. ރާއީވެސް ރާހިލްގެ އަތުން ވީއްލިގަނެހެން އެދިމާލަށް ދުއްވައިގަތުމާއެކު ރާހިލް އެމަންޒަރު ބަލަން އެތަނުގައި އިރުކޮޅަކުން ހުރުމަށްފަހު މޫނު އަނބުރައިލީ ދުރަށެވެ.

"ދަރިފުޅު ކައިފިންތަ؟" ޔާނާގެ ގައިން ދޫކޮށްލުމަށްފަހު ދެލޯ ފޮހެލަމުން ޝައިނާ އަހައިލިއެވެ.

"ހްމްމް. ބައްޕިއާ އެއްކޮށް ކައިގެން ހެއަރސެލޯން ކުޅެނީ. މަންމި ކީއްވެގެން ނުބުނެ އައީ. ޔާނާއާ ބައްޕިއާ އުޅުނީ މަންމިއަށް ސަޕްރައިޒްދޭން ހައުސް ޑެކަރޭޓްކުރަންވެގެން" ޔާނާ ބުންޏެވެ.

"މަންމިއަށް ސަރޕްރައިޒް ލިބިއްޖެޔޭ. ބަލާބަލަ ދަރިފުޅު ބައްޕިގެ ހެއަރ ޑެކަރޭޓް ކޮށްލާފަހުރި މޮޅުކަން" ޝައިނާ މޫނު ފޮހެލުމަށްފަހު ޔާނާއަށް ހިނިތުންވެލިއެވެ.

"އަދި ގްރީން ކުލަ ނުނިމޭ މަންމީ. ބައްޕީ އާދެބަ މިއޮތީ ގްރީން ގްލިޓަރ" ޔާނާ އަތުގައި އޮތް ފެހިކުލައިގެ ވިދާކުނޑި އަޅައިފައިވާ ފުޅިއެއް ދައްކައިލަމުން ބުންޏެވެ. ރާހިލް އެތަނުގައި ހުރި ޝައިނާއާއި ރާއީއަށް ބަލައިލުމާއެކު ޝައިނާ ބޯހޫރައިލީ ޔާނާގެ ހުށަހެޅުމަށް ނޫނެކޭ ބުނާށޭ ބުނާފަދައިންނެވެ. ނަމަވެސް ރާހިލް ކޮނޑު އަރުވައިލުމަށްފަހު ހިޔާލެއް ފިކުރެއްނެތި ޔާނާ އެދުނު ފަދައިންގޮސް ބިންމަތީގައި އިށީނެވެ.

"ޔޫ އަރ ގޮނަ ރިގްރެޓް ދިސް" ޝައިނާ ވައިއަޑުން ބުންޏެވެ.

"ޓޫ ލޭޓް" ރާހިލް އޭނާގެ އިސްތަށިގަނޑަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އެވަގުތު ޔާނާގެ އަތުގައި ހުރި ފެހިކުލައިގެ ވިދާކުނޑިތައް ރާހިލްގެ އިސްތަށިގަނޑުގައި އުނގުޅައިލުމަށްފަހު އޭގެ މަތީގައި ހަމަ އެކުލައިގެ ކުޑަކުޑަ ދައްޗެއް ހަރުކޮށްލިއެވެ.

"ދަރިފުޅޫ.. ޕިސް ޕިސް ދެން ބަލާބަލަ ބައްޕިއަށް ހަދާގޮތް." ޝައިނާ ހިނިއައިސްފައިހުރެ ޔާނާ އެތަނުން ދުރުކޮށްލުމަށްފަހު ރާހިލްގެ އިސްތަށިގަނޑުގައި ހުރި ދަތިތައް ނައްޓަންފެށިއެވެ.

"އާހް" ޝައިނާ ދައްޗެއްގައި ހިފައިލި ވަގުތު ރާހިލްގެ އިސްތަށިގަނޑަށް ވާންވެ ތަދުވިއެވެ.

"ސޮރީ. ސޮރީ.. ޔާނާ ޕިސްޕިސް. ދަރިފުޅު ކިހިނެއްތަ މިހަދާފަ މިހިރީ. ބަލަ މިހާރު ބައްޕިއަށް އެ ތަދުވީ" ޝައިނާ ހަގީގަތުގައިވެސް ކަންބޮޑުވިއެވެ.

"ޔާނާއެއްނޫން. މަންމި ބައްޕިއަށް ހަރޓް ކުރަނީ. ދޯ ބައްޕީ." ރާހިލްގެ ގައިގައި ބައްދައިލަމުން ޔާނާ ބުންޏެވެ.

"ކޮބާ އިވޭތަ؟" ރާހިލް އަހައިލިއެވެ.

"ރާއީ. އާދެބަލަ މަންމިއަށް ހެލްޕް ކޮށްދޭން" ޝައިނާ ވަކި ޖަވާބެއްނުދީ އެތަނުގައި ހުރި ރާއީއަށް ގޮވައިލިއެވެ.

"އަޅޭ ޔާނާ ބައްޕިއަށް ހަރޓް ކުރިތަ؟" ޔާނާ ދެރަވެފައި އަހައިލިއެވެ.

"ޕްރިންސަސް ކިހިނެއް ބައްޕިއަށް ހަރޓްކުރާނީ. ޔޫ އަރ ދި އޮންލީ ގުޑް ތިންގް އިން މައި ލައިފް ރައިޓް ނައު" ރާހިލް ޔާނާއަށް ދެމުންދިޔަ ކޮންމެ ޖަވާބަކުން ޝައިނާއަށް ކަމެއް އަންގައިދޭން އުޅޭ ފަދައެވެ.

ޝައިނާއަށް އެކަން ފާހަގަވި ނަމަވެސް ރާހިލްގެ އިސްތަށިގަނޑަށް ސަމާލުކަން ދެވޭތޯ އޭނާ މަސައްކަތްކުރިއެވެ. މާގިނައިރެއްނުވެ އެދެމީހުންގެ މަސައްކަތުން ރާހިލްގެ އިސްތަށިގަނޑު ހަމައަކަށް އަޅުވައިލެވުނެވެ.

"ނިމުނީތަ؟" ޝައިނާއާއި ރާއީ ދުރަށް ޖެހިލިހެން ހީވުމާއެކު ރާހިލް އަހައިލިއެވެ.

"ހްމްމް. ވަރަށް ގްލިޓަރ އެބަހުރި.. ދޮވެލަން ދާންވީނު؟ އަހަރެން މަޑުކޮށްލާނަން.. ޔާނާމެންގާތު" ޝައިނާ ޖެހިލުންވެފައި އިނދެ ބުންޏެވެ.

"ހްމްމް" ރާހިލް ބޯ ޖަހައިލިއެވެ. "ފިލަން ހިތަށްވެސް ނާރުވައްޗޭ. ތިރީގަ ސެކިއުރިޓީން ތިބޭނެ" އޭނާ މަޑުމަޑުން ބުންޏެވެ.

ޝައިނާ ފޫހިގޮތަކަށް ތުން އަނބުރައިލަމުން ރާހިލްއަށް ލޯ އަޅައިލިއެވެ. ބަދަލުގައި ރާހިލް ޝައިނާއަށް އެއްލޯ މަރައިލުމަށްފަހު އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ފެންވަރައި ނިންމައިލައިގެން ނުކުމެ އޭނާ އޮފީހުން އައިސްފައިހުރި މެއިލްތަކަށް ޖަވާބުދިނުމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ތިރިއަށް ފޭބީ ދޮޅު ގަޑިއެއްހާއިރު ފަހުންނެވެ. އޭރު ޝައިނާ ރާއީ ގޮވައިގެން ފޯނުން ގޭމެއް ކުޅެން އިންއިރު ޔާނާ އެދެމީހުންގެ ގާތުގައި ސޯފާގައި ނިދައިފައި އޮތެވެ.

"ނިދީތަ؟" ކުޑަކޮށް ތެތްކަން އެކުލެވިފައިވާ އިސްތަށިގަނޑުގައި ދޫ ހުޅިއެއް ޖަހައިލަމުން އެތަނަށް އައިސް ހުއްޓުނު ރާހިލްއަށް ޔާނާ ފެނުމާއެކު އަހައިލިއެވެ.

"ވަރަށް އަވަހަށް ނިދައިފި ރޭގަ ނުނިދާތަ؟" ޝައިނާ އެއްސެވެ.

"ހްމްމް އިޝްކޮއާ ދެމީހުން ސަކަރާތްޖަހަން އުޅެއުޅެފަ ފަތިހު ބޮޑާ ހާކައިފަ މެންދުރުފަހު ނިދީ. އިރު ނުއޮއްސެންދެން ހޭލައިފިި" ރާހިލް ބުންޏެވެ.

"ކޮންތާކު ބާއްވާނީ؟" ޔާނާ ކޮނޑުމަތީގައި ބާއްވައިލަމުން ޝައިނާ އަހައިލިއެވެ.

"އިޝްކޮގާތު އެކޮޓަރީގަ ބާއްވާނީ. މައްޗަކަށް ނުގެންދެވޭނެއެއްނު. ސިޑި އަދި އެހާ ސޭފްއެއްނޫން" ރާހިލް ބުންޏެވެ.

"އިޝްކޮގެ ރޫމް ކޮންތާކު؟" ޝަައިނާ ސިޑިއާ ދިމާލަށް ބަލައިލުމަށްފަހު ބުންޏެވެ. ރާހިލް ބުނި ފަދައިން އެ ސިޑިއަކީ އެއްވެސް އަތްގަނޑެއްވެސް ލައިފައިހުރި ސިޑިއެއްނޫނެވެ.

"ވައަތް ފަރާތުން ތިންވަނަ ކޮޓަރި. ހިއެއްނުވޭ އަދި ނިދާނެހެނެއް" ރާހިލް އެތަނުގައިހުރި ގޯޅިގަނޑަށް އިޝާރާތް ކޮށްލުމަށްފަހު ރާއީގާތު ސޯފާގައި އިށީނދެ ރާއީ ކުޅެމުންދިޔަ ގޭމަށް ބަލައިލިއެވެ.

ޝައިނާ ލަސް ފިޔަވަޅުތަކެއްގައިގޮސް އިޝްވާގެ ކޮޓަރީގައި ޔާނާ ބާއްވައިފައި އައި އިރުވެސް ރާހިލް ހަމަ އެ އިންގޮތަށް ރާއީގާތު އިށީނދެ އިނެވެ. ޝައިނާ މަޑުމަޑުން ރާހިލްގެ އަތުގައި ކޮށްޓައިލުމަށްފަހު އޭނާއާއެކު އައުމަށް އިޝާރާތް ކުރަމުން ދަބަސް ހިފައިގެންގޮސް ކާމޭޒު ކައިރީގައި މަޑުކޮށްލިއެވެ. އަދި ރާހިލް އައުމާއެކު އޭނާ ދަބަހުން ނެގި ޔާނާގެ އައި.ޑީ. ކާރޑު ރާހިލްގެ އަތަށް ދިއްކޮށްލިއެވެ.

"އަހަރެން ހިއެއްނުކުރަން މިވެސް ހައްދާފަ އޮވެދާނެ ކަމަކަށް" ރާހިލް އެކާޑަށް ބަލައިލަމުން ބުންޏެވެ.

"ރާއީ ޑޮކްޓަރަށް ދައްކަން އައިސްފަ ހައްދަން ޖެހުނީ.. ދެން އެ ވާހަކައެއްނޫން. ރާހިލް.. އަހަރެން ވަރަށް ވިސްނައިފިން އެންޑް.. އައި ތިންކް.. އަހަރެންނަށް ހީވަނީ އަހަރެން މިގެއަށް އަންނަން.. މިބުނީ މޫވް-އިން ކުރަން ތައްޔާރުހެން" ޝައިނާގެ ޖުމްލަ އިވުމާއެކު ރާހިލްގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ. އެހެނަސް އެ ހިނިތުންވުން ފިލައިދިޔަ ދެން އޭނާއަށް އިވުނު ޖުމްލައިގެ ސަބަބުންނެވެ.

"އެކަމަކު ރާހިލް.. މިގެއަށް އަޔަސް އަހަރެން ޑިވޯރސްގެ ކަންކަން ކުރިއަށް ގެންދާނަން. ރާހިލްގެ އެއްވެސް މިނިވަންކަމަކާ އަހަރެން ނުބެހޭނަން. އަހަރެން ބޭނުންވަނީ ޔާނާގާތު ހުރެވޭނެ ގޮތެއް" ޝައިނާ އިސްޖަހައިލިއެވެ.

"ޕިސް. ތިކަމެއް ނުވާނެ" ރާހިލް ޗޮކެއް ކަނޑައިލަމުން ބުންޏެވެ. ޝައިނާ ސުވާލު އުފެދިފައި ރާހިލްއަށް ބަލައިލިއެވެ.

"ޝައިނާ ބޭނުންވީމަ އައިސްފަ.. ބޭނުންވީމަ ގޮސްފަ.. ޑިވޯރސްވެގެން ޔާނާގާތު ހުންނާށޭ ކިޔާފަ މިގޭގަ އުޅެފަ… ހިތަށް އެރިހާ ގޮތަކަށް ތި ކަންކަމެއް ނުވާނެ" ރާހިލް ބޯ ހޫރައިލަމުން އެތަނުގައި ހުރި މޭޒުގައި ކުޑަކޮށް އިށީނދެލިއެވެ.

"އެކަމަކު ރާހިލް ބުނީމެއްނު–"

"މަޑު މަޑު މަޑު!" ރާހިލް އަތް ހިއްލައިލަމުން ބުންޏެވެ.

"އަހަރެން ބުނީ ކީކޭ؟ އަހަރެން ބުނީ ޝައިނާ ޑިވޯރސް ވިތްޑްރޯ ކޮށްފަ މިގެއަށް ބަދަލުވާށޭ. އަހަރެންގެ އަނތްބެއްގެ ގޮތުގަ. އަހަރެން ޝައިނާއާއެކު ބޭނުންވެގެން މި އުޅެނީ ދިރިއުޅުމެކޭ. މިނިވަންކަމެއް ނޫނޭ!" ޝައިނާ ކުރިން ދެއްކި ވާހަކައަށް އިޝާރާތްކޮށް ރާހިލް ބުންޏެވެ.

ޝައިނާގެ ފަރާތުން ވަކި ރައްދެއް ނުލިބުނެވެ. އިސްޖަހައިލައިގެންހުރެ ދެއަތުގެ އިނގިލިތަކާ ކުޅެމުންދިޔަ ގޮތުން އޭނާގެ ވާހަކަތަކާމެދު ޝައިނާ ވިސްނަނީކަން ރާހިލްއަށް ޔަގީންވިއެވެ. ސޯފާގައި އެމީހުން ތިބި ދިމާލަށް ފުރަގަސްދީގެން ގޭމް ކުޅެން އިން ރާއީއަށް ނަޒަރު ހުއްޓައިލިއިރު ހުދު އޭނާވެސް ދިޔައީ ޝައިނާ ދެއްކި ވާހަކަތަކާމެދު ވިސްނަމުންނެވެ.

ޝައިނާ އާއި ރާއީ އެގެއަށް ގެނެސް އޭނާގެ ލޯމަތީގައި ގެންގުޅުމަށް ރާހިލް ކިތަންމެހައިވެސް ބޭނުމެވެ. ޝައިނާ އެކަމާ އެއްބަސްވި ވަގުތު އޭނާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން ދުލުން ބަޔާން ކޮށްދޭންވެސް ނޭނގޭނެއެވެ. އެހެންނަމަވެސް ރާހިލް އެގެއަށް ޝައިނާ ގެންނަން ބޭނުންވަނީ ހިލޭ އަންހެނެއްގެ ގޮތުގައެއް ނޫނެވެ. ނުވަތަ އޭނާގެ ކުދިންގެ މަންމައަށްވީތީ ހަމައެކަނި އެ އުޒުރާއެކުގައެއް ނޫނެވެ. އޭނާގެ އަމިއްލަ ފުރާނައަށްވުރެން ލޯބިވާ އަނބިމީހާގެ ގޮތުގައެވެ. މީގެ ހަ އަހަރުކުރިން ޝައިނާއަށް ނުދެވުނު އުފަލާއި، ހިމާޔަތާއި، ހިޔާވަހިކަން އަދި ރައްކާތެރިކަން ދިނުމަށެވެ. ހެދުނު ހުރިހާ ގޯހެއް ރަނގަޅުކޮށް ޝައިނާގެ ހިތުގައި އޭނާގެ ސަބަބުން ލައިފައިވާ ލަކުނު ފޮހެލައިދޭން ފުރުސަތެއް ހޯދުމަށެވެ.

ރާހިލް އަދިވެސް އެއްފަހަރު އޭނާގާތު އިސްޖަހައިލައިގެންހުރި ޝައިނާއަށް ބަލައިލިއެވެ. ޝައިނާގެ ހިޔާލު ބަދަލުވެ ވަރީގެ މައްސަލަ އަނބުރައި ގެންނާނެކަމުގެ އުއްމީދުގައި ރާހިލްއަށް ހުރެވުނު ނަމަވެސް އެ ހިމޭންކަމުގައި ފާއިތުވަމުންދިޔަ ކޮންމެ ސުކުންތަކާއެކު އެ އުއްމީދުގެ ކަނި ފަނޑުވަމުންދިޔައެވެ. އެންމެފަހުން ޝައިނާ މިފަހަރުވެސް ގޮތް ދޫނުކޮށް އެގެއަށް އަންނަން އެ ނިންމި ނިންމުންވެސް ބަދަލުކޮށްފާނެ ކަމުގެ ބިރު ހިތުގައި އުފަންވެގަތެވެ.

"އައިމް ސޮރީ ރާހިލް އައި–"

"އޯކޭ!" ޝައިނާގެ ވާހަކަ ކުރިއަށް ގެންދިޔުނުގެ ފުރުސަތެއް ނުދީ ރާހިލް އަވަސް އަވަހަށް ބުންޏެވެ.

"އޯކޭ؟" ޝައިނާއަކަށް ރާހިލް އެހެން ބުނި ސަބަބެއް ނޭނގުނެވެ.

"މިބުނީ މައްސަލައެއްނެތޭ.. ޝައިނާ މިގެއަށް އަންނަން ބޭނުމިއްޔާ އާދޭ. އަދި ތިއީ އަހަރެންގެ އަނތްބެއްނު. އަހަރުމެން ދޭތެރޭގަ ގުޅުމެއް ނެތަސް.. ޝައިނާގެ އިއްދަ ނިމެންދެންވެސް މިއީ އަހަރެން ޝައިނާއަށް އަދާކޮށްދޭންޖެހޭ ވާޖިބެއް. ސޯ ޔާ.. ޔޫ ކޭން މޫވް އިން" ރާހިލް ބުންޏެވެ. "ކޮން އިރަކުން ބަދަލުވާނީ؟" އޭނާ އިތުރުކޮށްލިއެވެ.

"ވީހާވެސް އަވަހަކަށް.." ޝައިނާ ބުންޏެވެ.

"މާދަމާ ތިކަމާ އުޅޭނީ ދޯ. ތިރީގަ ބާކީ ހުރި ދެކޮޓަރި މާދަމާ ސާފުކޮށްލާނަން." ރާހިލް ބުންޏެވެ.

"އޯކޭ.. ތެންކްޔޫ.. ދެން ދަނީ.. ރާޢީވެސް މިހާރު ވަރަށް ނިދި އައިސްފަ ހުންނާނީ" ޝައިނާ ބުންޏެވެ.

"ޑްރޮޕްއެއް ދެންތަ؟" ރާހިލް އަހައިލިއެވެ.

"ނޫން ރަނގަޅުވާނެ. އެހާ ދުރެއްނޫނެއްނު" ޝައިނާ ބުންޏެވެ.

"ރާއީ ނިދިއައިސްފަ ހުއްޓާ ހިނގާފަތަ ދަނީ. ހިނގާ.. އަހަރެންވެސް ދާނަން.." ޝައިނާ މަޑުމަޑުން ބޯ ޖަހައިލީ ރާހިލްއާ ދެބަސްވުމަކީ ބޭކާރު ކަމެއްކަން އޭނާއަށް މިފަހުން ދަސްވެފައިވާތީއެވެ.

ޝައިނާއާއެކު ރާހިލް އެގެއިން ނުކުތީ ރާއީ އުރާލައިގެނެވެ. މަގުމައްޗަށް ނުކުތުމާއެކު ރޭގަނޑުގެ ފިނިފިނި ވައިރޯޅި އައިސް ގައިގައި ބީހިލުމުން ކާރުގައި ދިޔުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ޝައިނާ އެދުނު ފަދައިން ހިނގައިފައި އެގެއާ ހަމައަށް ދިޔުމަށް ރާހިލް އެއްބަސްވިއެވެ. ރާސްތާގެ މެދާ ހިސާބަށް އާދެވުނުއިރު ރާއީއަށް އޮތީ ރާހިލްގެ ކޮނޑުގައި ބޯ އަޅައިގެން ނިދިފައެވެ. އެހެންކަމުން ކާރޫ ބާރޫ ބޮޑު މަގުތަކުން އިވެމުންދިޔަ ދުއްވާ އެއްޗެހީގެ އަޑާއެކުވެސް އެދެމެދަށް ވެރިވެފައިވީ މަރުފަދަ ހިމޭންކަމެކެވެ. އެ ހިމޭންކަމަށް ނިމުމެއް ގެނައުމަށްޓަކައި މިފަހަރު އިސްނަގައި ވާހަކަ ދެއްކީ ޝައިނާއެވެ.

"ޔާނާ ދިޔައިމަ އިޝްކޮއަށް އުނދަގޫވާނެ ދޯ. ޑިއުޓީއަށްވެސް ނުދޭ ދޯ މިއަދު" ޝައިނާ އަހައިލިއެވެ.

"ހްމްމް. މިހާރު އިޝީ އެތަނަށް ދަނީ ކީއްކުރަން؟ ކުރިންވެސް ދަނީ ފޫހިވާތީ.. މިހާރު ޔާނާ ގޭގަ ހުރިއްޔާ ފޫއްސެއް ނުވާނެއެއްނު. އެހެންނޫނަސް އިރާދަކުރެއްވިއްޔާ އިޝީއަކީ މުސްތަގްބަލްގަ ކާމިޔާބު ލޯޔަރ އެއްނު" ރާހިލް ބުންޏެވެ.

"އިންޝާﷲ.. ކޮން އިރަކުން އިޝްކޮގެ ގްރެޖުއޭޝަން އޮތީ؟" ޝައިނާ އަހައިލިއެވެ.

"އަންނަ ހަފްތާގަ ނަތީޖާ ލިބުނީމަ ދެން މާ ގިނަދުވަހެއް ނުވާނެ" ރާހިލް ބުންޏެވެ. އޭނާގެ މޫނުމަތިން އޭނާ އިޝްވާއާމެދު ފަހުރުވެރި ވެފައިވާ މިންވަރު ހާމަވެއެވެ.

"ދެން އިޝްކޮވެސް ގްރެޖުއޭޓްވެފަ ވަޒީފާއަކަށް ދާން ބޭނުންވާނެ. އޭރުން ރާހިލް ކިހިނެއް ޔާނާ ބަލާނީ؟" ޝައިނާ ކަންބޮޑުވިއެވެ.

"ތިބުނަނީ އަހަރެންނަށް އެކަނި ޔާނާ ނުބެލޭނެއޭތަ؟ އަހަރެންނަށްވެސް ގޮތެއް ހޯދޭނެއެއްނު. އަހަރެންގެ ހަޔާތަށް ޔާނާގެ ޒިންމާ ނެގޭނެ ފަދަ ބައިވެރިޔަކުވެސް އަތުވެދާނެއެއްނު؟"

ރާހިލްގެ އަޑުގައި ސަމާސާގެ އަސަރު އެކުލެވިފައިވިޔަސް ޝައިނާއަކަށް އެ ސަމާސާ ކަމަކު ނުދިޔައެވެ. ވަގުތުން އޭނާގެ މޫނުމަތި ބަނަވެގެން ދިޔައީ އެއްވެސް އިޚްތިޔާރަކާނުލައެވެ. ކުއްލިއަކަށް އޭނާގެ ހަރަކާތްތަކަށް ހަރުކަށިކަން ވެރިވިއެވެ. ސިޑިން އެރި އިރުގައިވެސް އަރައިގެންހުރި ފައިވާނުގެ ކަށި ކޮންކްރީޓްގައި ޖަހައިލާގޮތުންވެސް ހީވަނީ ދެންމެ ދެންމެ އެ ސިޑީގެ ކޮންކްރީޓްތައް ތަޅައި ފުނޑުކޮށްލައިފާނެހެނެވެ.

ޝައިނާގެ މިޒާޖަށް އެ އައި ބަދަލު ރާހިލްއަށްވެސް ފާހަގަކުރެވުނެވެ. އޭނާގެ ތުންފަތަށް އެކަމުން ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އެޕަރޓްމެންޓަށް ވަނުމަށްފަހު ރާހިލްގޮސް ކޮޓަރީގެ އެނދުގައި ރާއީ ބާއްވައިލައިފައި އައި އިރުވެސް ޝައިނާ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލައިގެން ހުއްޓެވެ. ރާހިލްގާތު ނުކުތުމަށްބުނާ އިޝާރާތެއް ދޭފަދައިންނެވެ. އެހެނަސް ރާހިލް ލަސްފިޔަވަޅުތަކެއްގައި އައިސް އެ ދޮރު ލައްޕައިލިއެވެ.

"ހާދަ އަވަހަކާ އަހަރެން ފޮނުވާލަން ތި އުޅެނީ" ރާހިލް ދޮރުފަތުގަ ލެގިލަމުން ބުންޏެވެ. "އަދި އަހަރުމެން ދެއްކި ވާހަކަވެސް ނުނިމެއެއްނު" ރާހިލް ބުންޏެވެ.

"ކޮން ވާހަކައެއް ދެން ދައްކަން އޮތީ؟" ޝައިނާ މޭމަތީގައި ދެއަތް ހުރަސްކޮށްލަމުން ބުންޏެވެ.

"ޝައިނާ ދެން ކީއްކުރާނީ؟ މި އެހީ ރާއީ ގޮވައިގެން އެކަނި ރަށަށް ދާނީހޭ" ރާހިލް އަހައިލިއެވެ.

"އެކަނި ދަނީ ކީއްކުރަން؟ އަހަރެންވެސް ޒުވާން އުމުރު ބޭކާރުކޮށެއް ނުލާނެއެއްނު. ރަށުން ވިޔަސް މާލެއިން ވިޔަސް އަހަރެންނަށްވެސް މީހަކާ އިނދެވިދާނެއެއްނު" ރާހިލް ކުރިން ދިން ޖަވާބާ އެއްގޮތަށް ހަމަ އެ ރާގުގައި ޝައިނާވެސް ބުންޏެވެ. ރާހިލްގެ ފަރާތުން އިވުނީ ލުއި ހީނލުމެއްގެ އަޑެވެ. އެ ހިތްގައިމު އަޑު އިވުމާއެކު ޝައިނާގެ ހިތް ހިނދުކޮޅަކަށް އަވަސްވެލިއެވެ.

"ކީއްވެއޯ ތި ހެނީ؟ އަހަރެން ކޮންމެހެން ރާހިލް ޖެލަސް ކުރަން ބުނި އެއްޗެއް ނޫނޭ އެއީ." ޝައިނާ ބުންޏެވެ.

"އަހަރެން ކޮން އިރަކުތަ ބުނީ އަހަރެން ޖެލަސް ކުރަން ޝައިނާ ބުނި އެއްޗެކޭ އެއީ؟" ރާހިލް ބޯ އަރިކޮށްލަމުން ޝައިނާއާގާތަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު ޝައިނާވެސް ފަހަތައް ފިޔަވަޅެއް އެޅިއެވެ.

"ނޫނީ އެއީ އަސްލުވެސް އަހަރެން ޖެލަސް ވޭތޯ ބުނި އެއްޗަކީތަ؟" ހެވިފައިހުރެ ރާހިލް އިތުރު ފިޔަވަޅެއް ކުރިއަށް އަޅައިލަމުން އަހައިލިއެވެ. އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް ފަހަތައް އަޅަމުންގޮސް ޝައިނާ ފާރުގައިޖެހި މަތަވިއެވެ.

"ނޫން. މިފަހުން.. ރާހިލްއާ ދިމާވުމުގެ ކުރިންވެސް އަހަރެން ވިސްނީމޭ އަހަރެންގެ ލައިފް ހުއްޓާލައިފަ ނުބާއްވާ އެހެން މީހަކާ މެރީކުރަން. އަހަރެން ޔާނާގެ ފްރެންޑާވެސް މާ ވަރަކުން މީޓްކުރީ–"

"އަހަރެން ދޫކޮށްލަން ވެގެންތަ؟" ރާހިލް އަހައިލިއެވެ. އޭރު އެދެމެދުގައިވި ޖާގައިގެ ހަނިކަމުން ރާހިލްއާ ކުރިމަތިލާން ނުކެރި ޝައިނާ ހުރީ އިސްޖަހައިލައިގެނެވެ.

"ޝައިނާ ހީކުރީތަ އެހާ ފަސޭހައިން އަހަރެން ދޫކޮށްލެވިދާނޭ؟" ފާރުގައި އެއްއަތް ވިއްދައިލުމަށްފަހު އަނެއްއަތުން ޝައިނާގެ ކަންހުޅިއާ ދިމާލުން ފައިބައިފައިވާ އިސްތަށިކޮޅު ކަންފަތުގައި އަޅުވައިލަމުން ރާހިލް ޝައިނާގެ ދަތްދޮޅީގައި ހިފައި އިސް އުފުލައިލިއެވެ. އަދި ޝައިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

ރާހިލްގެ އެ ސުވާލަށް ޝައިނާއަކަށް ޖަވާބެއް ނުދެވުނެވެ. ރާހިލްގެ އެ ތޫނު ދެލޮލާ އޭނާގެ ދެލޯ ސީދާވި ވަގުތުން ފެށިގެން އޭނާގެ ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ. އިތުރު ހަރަކާތެއްވެސް ނުގެނެވި ހުރިތަނަށް ގަނޑުވެފައި ހުރެވުނުއިރު އޭނާގެ ހިތް އޮބިނޯވެ ތެޅެމުންދިޔައެވެ. ރާހިލްގެ ސެންޓާއި ޝަވަރޖެލްގެ އެކުލެވިފައިވާ މީރުވަހުން މާހައުލު އެއްވަސް ވެލުމާއެކު އިތުރަށް އޭނާގެ ނޭވާ ހިނގަމުންދިޔަ ކަމެއްވެސް ޝައިނާއަކަށް ޔަގީނެއްނުވިއެވެ.

"ކީއްވެ ޖަވާބެއް ނުދިނީ؟ އެނގޭދޯ ޝައިނާއަކަށް ތިހެން އަހަރެން ދޫކޮށްފަ ނުދެވޭނެކަން. ހަގީގަތަކީ އަހަރެންނެކޭ އެއްވަރަށް.. ނޫނީ އެއަށްވުރެން މާ ބޮޑަށްވެސް ޝައިނާއަށް އަހަރެންނާ ނުލާ އުޅެން އުނދަގޫވާނެކަން. ހަނދާންނެތުނީތަ؟ ތި ހިތުގެ ކޮންމެ ވިންދެއް.. ތި ހަށިގަނޑުގެ ކޮންމެ އިހުސާސެއް ހޭލައްވައިލި މީހަކީ އަހަރެންކަން؟" ރާހިލް ޝައިނާގެ ދަތްދޮޅިން ފެށިގެން ތިރިއަށް ލަސްލަހުން ބީއްސައިލި އަތް ޝައިނާގެ ހިތާއި ދިމާލުގައި މަޑު ޖައްސައިލިއެވެ.

"ހަނދާން ނެތުނީތަ އަހަރެންގެ ހަޔާތް ޝައިނާ ކުލަކޮށްދިން ފަދައިން ޝައިނާގެ ހަޔާތަށް ދިރުން ގެނެސްދިން މީހަކީ އަހަރެންކަން؟ ފުރަތަމަ ފަހަރެކޭވެސް އެއްފަދައިން ދެވަނަ ފަހަރުވެސް.. ނޭނގި ނަމަވެސް ޝައިނާގެ ހިތުގައި ޝައުގުވެރިކަމެއް އުފެދުނީ އަހަރެންނަށް. ދެންވެސް ޝައިނާގެ ހިތް އެހެން މީހެއްގެ މައްޗަކަށް ނުލެނބޭނެ. ތި ހަށިގަނޑަކުން އެހެންމީހެއްގެ ބީހުމަކަށް މަރުހަބާއެއް ނުކިޔާނެ." ރާހިލް އިތުރަށް ޝައިނާއާ ގާތްވެލަމުން ޝައިނާގެ ކަރުދޮށުގައި މަޑުމަޑުން ބޮސްދިނެވެ.

"ރާހިލް" ހިކިފައިވާ އަރުތެރެއިން ޝައިނާގެ އަޑު ނުކުތީ ހަމަ ކިރިޔަ ކިރިޔާއެވެ. އެ ތުންފަތުގެ ފިނިކަމާއެކު ރާހިލްގެ ހޫނު ނޭވާގެ އިހުސާސުން އޭނާގެ ވިންދާއި ނޭވާ އަވަސްކުރުވިއެވެ. ރާހިލް ބުނިފަދައިން އެ އަތުގެ ކޮންމެ ބީހުމަކުން އޭނާގެ ހަށިގަނޑު ހޭލައްވަމުންދިޔައެވެ. ބޭއިޙްތިޔާރުގައި ރާހިލް ލައިގެންހުރި ގަމީހުގެ ގޮށްފަތީގައި ހިފައި އިތުރަށް އޭނާއާ ގާތަށް ދަމައިލަމުން އަނެއްކާވެސް ރާހިލްގެ ނަމުން ގޮވައިލެވުނެވެ.

"ޝްޝްޝް. ސީ ހައު ޔޫ އަރ ބިކަމިންގް އަންޑަން ވިތް މައި އެވްރީ ޓަޗް؟" ރާހިލް ޝައިނާގެ ތުންފަތުގައި އިނގިލި ޖައްސައިލައި ވާހަކަ ދެއްކުމުން މަނާކުރިއެވެ. "ސަބަބު އެނގެން ބޭނުންތަ؟" އޭނާ އަހައިލިއެވެ.

ޝައިނާއަށް ބުމަ ގޮށްޖަހައިލެވުނެވެ. ރާހިލް ދައްކަންހުރި ވާހަކަތައް އަދިވެސް ނުނިމެނީ ހެއްޔެވެ؟

"ބިކޯޒް ޔޯރ ހަރޓް އިޒް މައިން ލަވް.. ތި މޭގައި ވިންދު ޖަހަމުންދިޔަ ކަމުގައިވިޔަސް ޝައިނާގެ ހިތަކީ އަހަރެންގެ މިލްކަކަށް ވާތީ. ދެން ބުނެބަަލަ. އަހަރެން ހާސްވާންވި.. ނޫނީ ޖޭ ވާންވީ ކޮންކަމަކާ؟" ރާހިލް ފަހުން ކޮށްލި ސުވާލު އަމާޒުކޮށްލި ޝައިނާއާ ދުރަށް ޖެހިލަމުންނެވެ. އެއާއެކު ޝައިނާއަށް ހީވީ ކުއްލިއަކަށް ހަމަބިމަށް އާދެވުނުހެނެވެ. އަވާމެންދުރަކުން ހޭލެވުނު ފަދައިން ވަށައިގެންވާ މާހައުލު ކުލަވާން ފެށުމާއެކު އެންމެ ފުރަތަމަވެސް ފެނުނީ ރާހިލްގެ މޫނުމަތީގައި ކުރަހައިލައިފައިވި ކާމިޔާބީގެ ހިނިތުންވުމެވެ. އެ ހިނިތުންވުން ފިޔަވައި ދެންމެ އެ ހިނގައިދިޔަ އެއްވެސް ކަމެއްގެ އަސަރެއް އެ މޫނުމަތިން ފާޅުވާކަށް ނެތެވެ. މީގެ އިރުކޮޅެއް ކުރިން ރާހިލް އޭނާއާ ކުޅެލީ ކުޅިވަރެއްކަން ޝައިނާއަށް އެނގުނެވެ. ރުޅިއާއި ހިތްދަތިކަން އެކުލެވިފައިވި އިހުސާސްތަކުން އޭނާގެ ލޭ ކެކިގަތެވެ.

"ޔޫ މެނިޕިއުލޭޓިވް ޕީސް އޮފް ޝި*! ހާދަ ގޮތެއްނެތް މީހެކޭ ތިއީ! ގެޓް އައުޓް އޮފް މައި ފޭސް" ޝައިނާ އައިސްފައިހުރި ރުޅީގައި ރާހިލް ދުރަށް ކޮށްޕައިލިއެވެ. އެހެނަސް ރާހިލް ޝައިނާގެ އަތުގައި ހިފައި އަނެއްކާވެސް އޭނާއާ ގާތަށް ދަމައިލިއެވެ.

"ރުޅި އައީތަ؟ ވީ ކޭން ކޮންޓިނިއު އިފް ޔޫ ވޯން-"

"މިބުނީނު ދާށޭ!" ރާހިލްގެ ވާހަކަ އަޑުއަހާކަށް ޝައިނާ ނޫޅުނެވެ.

"ޑޯންޓް އެކްޓް ލައިކް ޔޫ ޑޯންޓް ވޯންޓް ދިސް! އައި ސްޓިލް ރިމެމްބަރ ހައު ވައިލްޑް ޔޫ ވަ–"

"ދެން ބޭނުމެއްނޫނޭ ދާށޭ މިބުނީ ނޫންތަ!" ޝައިނާ ހަޅޭއްލަވައިގަތެވެ. ރާހިލްއަށް ކަންބޮޑުވެފައި ޝައިނާގެ ގައިން ދޫކޮށްލަމުން ކޮޓަރިއާ ދިމާލަށް ބަލައިލެވުނީ އެ އަޑަށް ރާއީ ހޭލައިފާނެކަމަށެވެ. ރާއީގެ ހިލަމެއް ނުވުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު ނަމަވެސް ޝައިނާގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ހަމަ އެ ސިކުންތުގައި ހިތަށް ނުތަނަވަސްކަން ވެރިވިއެވެ.

"ލަވް؟ ލަވް ޕްލީޒް ޑޯންޓް ކްރައި. އައި.. އައިމް ސޮރީ" ރާހިލް ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާއާ ދިމާލަށް އަތްދިއްކޮށްލިއެވެ.

"ޔޫ ޕްލެއިޑް ވިތް މީ ރާހިލް.. ޔޫ ޑިޑްންޓް ވޯންޓް އެނީތިންގް ޔެޓް ކަމެއް ސާބިތުކޮށްދޭށޭ ކިޔާފަ ރާހިލް އަހަރެންގެ އިހުސާސްތަކާ ކުޅުނީ.. އަހަރެން ވަރަށް ލަދުގަނެއްޖެ.. ބޭނުމެއްނޫން މިގަޑީ ރާހިލްއާ ވާހަކަދައްކާކަށް.. ރާހިލް މިތަނުން ދޭ" ޝައިނާ އަވަސް އަވަހަށް ދެލޯ ފޮހެލައި ނޭފަތް ދަމައިލަމުން ރާހިލްއަށް ފުރަގަސްދިނެވެ. ބުނަން ބޭނުން ކިތަންމެ އެއްޗެއް ހުރިނަމަވެސް ރާހިލް އިތުރު ޒުވާބަކާނުލައި އެތަނުން ދާން ނިންމީ އެވަގުތު އޭނާ ހުރެގެން ޝައިނާ ދެރަވެ ރުޅިގަދަވުން ނޫންކަމެއް ނުވާނެކަން އެނގޭތީއެވެ.

"ގުޑްނައިޓް. މިރޭ ޕެކް ކުރައްޗޭ.. މާދަން ބަލާ އަންނާނަން.." ރާހިލް ގޭގެ ދޮރު ލައްޕައިލުމުގެ ކުރިން ބުންޏެވެ.

ލަސްދުވުމެއްގައި ގެއާ ހަމައަށް ދެވުނުއިރުވެސް އޭނާދިޔައީ ހިތާހިތުން އަމިއްލަ ނަފްސަށް ކުދިކިޔަމުންނެވެ.

"ޔޫ ޑިޑްންޓް ވޯންޓް އެނީތިންގް ޔެޓް ކަމެއް ސާބިތުކޮށްދޭށޭ ކިޔާފަ ރާހިލް އަހަރެންގެ އިހުސާސްތަކާ ކުޅުނީ.."

ކޮޓަރީގެ އެނދާ ހުރަހަށް ވާގޮތަށް ބަހައްޓައިފައިހުރި ސޯފާއަށް ވެއްޓިގަތްއިރު ޝައިނާ ބުނި ޖުމްލަތައް ރާހިލްގެ ކަންފަތުގައި ހަރުލައިފައި ހުއްޓެވެ. އޭނާ ޝައިނާއާ ގާތްވީ އެއްވެސް ވަރަކަށް ޝައިނާގެ އިހުސާސްތަކާ ކުޅުމުގެ ނިޔަތުގައެއްނޫނެވެ. އެވަގުތުކޮޅު އިތުރަށް ދެމިގެންދާން ހުދު އޭނާވެސް ބޭނުންވިއެވެ. ނަމަވެސް ޝައިނާގެ މައާފު ނުލިބި އަދި އެދެމެދުގައި ޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި އެފަދަ ގުޅުމެއް ހިނގާނެ ފުރުސަތުދޭން އޭނާ ބޭނުންނުވީއެވެ. އެކަމުގެ ސަބަބުން ދެމީހުންގެވެސް ހިތާއި ސިކުނޑި ފުށޫއަރައި ގޯސް ނަތީޖާތަކެއް ނުކުމެދާނެތީ ނަފްސުގެ ހުރިހައި ހިތްވަރަކާއެކު ޝައިނާ ދުރުކޮށްލީއެވެ. އެހެންކަމުން ކަންތައް ކުރެވުނު ގޮތާމެދު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ނަމަވެސް ޝައިނާ ބުނީ މުޅިން ތެދު ވާހަކައެއް ނޫންކަން ރާހިލް އަމިއްލަ ހިތަށް ވިސްނައިދިނެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދެލޯ މަރައިލިއެވެ. ލޯ މައްޗަށް ސިފަވީ އެރޭ ޝައިނާއާއެކު ހޭދަވެގެންދިޔަ ހިނދުކޮޅެވެ. އިސާހިތަކު އޭނާގެ މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ. އެއާއެކު އޭނާ ސިހިފައި ދެލޯ ހުޅުވައިލުމަށްފަހު އިންތަނުން ތެދުވިއެވެ. ލައިގެން ހުރި ގަމީސް ގަޔާ ވަކިކޮށްލުމަށްފަހު ޓެރަހަށް ނުކުމެލީ ޖެހެމުންދިޔަ ފިނި ވައިރޯޅިން ހަށިގަނޑުގައިވާ އުދާސްކަމަށް ނިމުމެއް ލިބިދާނެކަމުގެ އުއްމީދުގައެވެ.

****************

ކާނިވާ ސަރަހައްދުގެ މޫދުއޮތް ފަޅީގައި ހުރި ރެސްޓޯރަންޓަކަށް އިޝްވާއާއި ނަބްހާ ވަދެގެން އައީ އޮލަ ވާހަކައެއްގައި ތިބެގެނެވެ. ބައްތިއެއްގެ އަލި ކިރިޔާ އެޅިފައި އޮތް އަނދިރި ހިސާބެއްގައިހުރި ހަތަރު މީހުންގެ ޖާގައިގެ މޭޒެއްގެ ދޮށުގައި ދެ އެކުވެރިން އިށީނެވެ. އެމީހުން އިންތިޒާރު ކުރަމުންދިޔައީ ރާހިލް އަންނާނެ އިރަކަށެވެ.

"އިޝީގެ ދޮންބެވެސް ހާދަ ވަގޭ. އަހަރެން އެހާ ހެލްޕް ވީމަވެސް ހުރިހާ ކަމެއް ނިމުނުއިރު ބުނެވެސް ނުލާ. ޔާނާ ޑޭކެއަށް ނައިސްގެން އިޝީއަށް ނުގުޅިނަމަ އަހަރެންނަކަށް އެއްވެސް ކަމެއް ނޭނގޭނެ. މި ކެއުން ގަނޑުވެސް އޭރަށް ނުލިބުނީސް ކަންނޭނގެ." ނަބްހާ ބުންޏެވެ.

"ދޮންބެ އެއީ ފިލާނެ މީހެއްނޫން. ހީވަނީ ހަމަ ކަންތައްތައް ދިޔަގޮތުން ނަބޫއަށް އަންގާނެ ފުރުސަތެއް ނުލިބުނީހެން. ވަރަށް މޫޑީކޮށް މި ދޭތެރެއިން އުޅުނީވެސް. މިއަދު ސިސް އަހަރުމެންގެއަށް ބަދަލުވީމަ ތަންކޮޅެއް މޫޑް ރަނގަޅުކޮށް އުޅޭ ދުވަހަކީ ކަންނޭނގެ. އަހަރެން ހަމަ ބުނެލިއިރަށް މިރޭ ކާންދޭން އަންނަން އެއްބަސްވެއްޖެ.. އަސްލު އެ ކަންތަކާ މިއަދު އެއްކޮށް އުޅުނީމަ ކަންނޭނގެ އެ ލަސްވަނީވެސް" އިޝްވާ ބުންޏެވެ.

"ދެން ތި މޫޑު ރަނގަޅުވި ވަރުން އަހަރުމެން މިތާ ތިބެ ކައިގެން ދާއިރުވެސް އިޝީގެ ދޮންބެއަކަށް ނާދެވޭނެ ކަންނޭނގެ. ހަހަހަ" ނަބްހާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. އެހެނަސް ކުއްލިއަކަށް ނަބްހާ ހުނުން ހުއްޓައިލުމަށްފަހު އިޝްވާގެ އަތުގައި ކޮށްޓައިލީ ރެސްޓޯރެންޓެއްގެ މެދެއްހައި ހިސާބުގައިހުރި މީހާ އިޝްވާއަށް ދައްކައިލުމަށެވެ.

"އިޝީ.. ބަލާބަލަ. ހާދަ ދަންނަފާޑު ޖަހާ މީހެކޭ އެއީ. އިޝީ ހަނދާންވޭތަ އޭނަ ފެނުން ތަނެއް؟ ކޮންމެވެސް މީހަކާ މީޓްކުރަން އައިސް ކަންނޭނގެ ދޯ" ފޯނު ހިފައިގެން ހުރެ ވަށައިގެން ހޯދަމުންދިޔަ ގޮތުން އެމީހާ އެ އައީ ބަޔަކާ ބައްދަލު ކުރަންކަން ނަބްހާއަށް އެނގުނެވެ.

"ކާކުތަ. އޯހް އެއީތަ؟" އިޝްވާ ފަސްއެނބުރި ބަލައިލިވަގުތު ލީވާން ފެނުމާއެކު ބުންޏެވެ. "އެއީ ދޮންބެގެ ބޮސް– މިބުނީ ކުރީގެ ބޮސްއެއްނު. މިހާރު އެއީ ޕަރޓްނަރޒް. ނަބޫ ހާދަ ހަނދާންގަދައޭ ދޯ. އެންމެ ދުވަހަކު ފެނުނީމަވެސް އޭނަ ފާހަގަކޮށްފި." އިޝްވާ ބުންޏެވެ.

"ފާހަގަވާ ވަރު މީހެއްނޫންތަ؟" ނަބްހާ ބުމަ އަރުވައިލަމުން އަހައިލިއެވެ.

"ނޫނޭ ނޫނޭ. ނަބޫއަށް އޯކޭއިއްޔާ އޯކޭއެއްނު. އޭޖް އިޒް ޖަސްޓް އަ ނަންބަރ" އިޝްވާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. ނަބްހާއަށް ލީވާން ފެނުނު ފުރަތަމަ ދުވަހުވެސް ލީވާންއަށް ހިތްކިޔައިގެން އެވާހަކަ ދެއްކި ހަނދާން އިއްޔެވީ ކަމެއްހެން އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. ވާނީވެސް އެހެންތާއެވެ. ނަބްހާއަަކީ އާންމުކޮށް އެގޮތަށް މީހެއްގެ ވާހަކަ ދައްކައިއުޅޭ ކުއްޖެއްވެސްނޫނެވެ. ލީވާން އެދުވަހު ނަބްހާއަށް ޖެއްސީ ކޮން ސިހުރެއްކަމެއްވެސް ނޭނގެއެވެ.

"އަނެއްކާ އިޝީގެ ދޮންބެ ފޮނުވައިގެންތަ އޭނަ އެ އައީ؟" ނަބްހާ އަހައިލިއެވެ.

"ނޭނގެ. ވެދާނެ ދޯ؟ ދާންވީ ދޯ އަހާލަން؟" އިޝްވާ ބުންޏެވެ.

"އިޝީއަށް ކެރޭނެ؟" ނަބްހާގެ މޫނުން ހާސްކަން ފާޅުވިއެވެ.

"ކީއްވެ ނުކެރެންވީ؟ ގެއަށްވެސް މަދުމަދުން އަންނަ މީހެކޭ އެއީ.. އެބަ އަންނަން އަހައިލާފަ" އިޝްވާ ގޮނޑިން ތެދުވަނިކޮށް ނަބްހާ އިޝްވާގެ އަތުގައި ހިފެހެއްޓިއެވެ.

"ސާބަހޭ ނަބޫ އެބަ އަންނަމޭ. އަހަރެންނަށް ކެރޭނެ. ނަބޫ އިނދެބަލަ އޭނަ ފެންނަ އިރަށް އަތްފައިން ލޮނުދާ ހިއްލައިފަ" ނަބްހާގެ އަތް ނައްޓުވައިލުމަށްފަހު އިޝްވާގޮސް ލީވާންގާތަށް މަޑުކޮށްލިއެވެ. އިޝްވާ ލީވާންގާތު ކިއީ ކީކޭކަމެއް ނަބްހާއަކަށް ނޭނގުނެވެ. ދެން ފެނުނީ ދެމީހުން އެކުގައި އެ މޭޒާ ދިމާލަށް ހިނގައިގަތްތަނެވެ.

ނަބްހާ އަވަސް އަވަހަށް ތެޅިގެންފައި އަތުގައި އޮތް ފޯނަށް ނަޒަރުހުއްޓައިލީ އޭނާގެ ސަމާލުކަން އެހެންދިމާލަކަށް ހުއްޓިފައިވާކަން އެމީހުންނަށް ދެއްކުމަށެވެ. ފޯނުން އިސްއުފުލައިލީވެސް އިޝްވާއާއި ލީވާން އައިސް އެމޭޒުގައި އިށީންނުމުންނެވެ. އިޝްވާއަށް ބަލައިލުމަށްފަހު ބުމަ އަރުވައިލީ ލީވާން އެތަނުގައި ކުރަނީ ކީއްހޭ އަހައިލާ ފަދައަކުންނެވެ.

"އޯހް ސޮރީ. ލީވާން.. މިއީ ނަބްހާ. ނަބޫ.. ލީވާން" އިޝްވާ ދެފަރާތަށް އަތް އުކަމުން އެދެމީހުން ތައާރަފުކޮށްދިނެވެ.

"ކުރިން ދިމާވި ދޯ؟" ލީވާން ސަލާމަށް އަތްދިއްކޮށްލަމުން އަހައިލިއެވެ. ނަބްހާ ހަމައެކަނި ބޯ ޖަހައިލުމަށްފަހު ލީވާންއާ ސަލާންކޮށްލިއެވެ.

"ދޮންބެ ތަންކޮޅެއް ލަސްވާނެއޭ ކިޔާފަ ލީވާން ފޮނުވިއްޔޭ ބުނީ. އޯޑަރ ދީބަ ނަބޫ.. އެބަ އަންނަން ޓޮއިލެޓްއަށް ގޮސްފަ" އިޝްވާ ގަސްތުގައި އެތަނުން ދާން ނިންމީ ނަބްހާއާ ލީވާން ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށެވެ.

"އަހަރެންވެސް ދަންތަ؟" ނަބްހާ ހާސްވެފައި އިޝްވާގެ އަތުގައި ހިފެހެއްޓިއެވެ.

"އެއީ ކީއްކުރަން؟ އަހަރެން ވަރަށް އަވަސްވާނޭ. އަވަހަށް އޯޑަރ ދީބަލަ" އިޝްވާ ބުންޏެވެ.

"ދެން އަޅެ އަހަރެން އެކަނިތަ؟" ނަބްހާ އަހައިލިއެވެ.

"ލީވާންވެސް އެއިނީނު؟" އިޝްވާ ބުންޏެވެ.

"އެތެދެއް. އަހަރެން ތިކުއްޖާ ކާލާކަށް ނޫޅެމޭ" ލީވާން ހެވިފައި ބުންޏެވެ.

ނަބްހާ ޖެހިލުންވެފައި އިނދެ ލީވާންއަށް ބަލައިލުމަށްފަހު އިޝްވާގެ އަތުން ދޫކޮށްލިއެވެ. އެއާއެކު ނަބްހާ ބުނާނެ އެއްޗަކަށް މަޑުކުރުމެއްނެތި އިޝްވާ އަވަހަށް އެތަނުން ހިނގައިގަތެވެ. އޭރުވެސް ލީވާން ކަޅި ޖަހައިނުލައި ނަބްހާއަށް ބަލަހައްޓައިގެން ހެވި ދިލިފައި އިނެވެ.

"ހާދަ ބިރުންނޭ ތީނީ" ލީވާންއަށް މަޖާވިއެވެ.

"ނޫން.. ކީއްވެ.. ކީއްވެ ތި ބަލަނީ؟" ނަބްހާ އަޅައަޅައިގަންނަމުން ބުންޏެވެ. އެއާއެކު ލީވާން ނަބްހާއާ ނަޒަރު ވަކިކޮށްލިއެވެ.

"ރީތި އެއްޗެއްސަށް ބެލުމަކީ އިންސާނީ ތަބިއްޔަތެއް ނޫންތަ؟" ކަނޑުހުރަސްކޮށް ފެންނަންއޮތް ހުޅުލޭގެ ދިއްލައިފައިވާ މަލަމައްޗަށް ބަލައިލަމުން ލީވާން ބުންޏެވެ.

"ތިބުނީ؟" ނަބްހާ އިސްއުފުލައިލަމުން އެއްސެވެ.

"ނަބޫ ބުނެބަލަ. ރީއްޗެއް ނޫންތަ؟" ލީވާންގެ ސުވާލާއެކު ނަބްހާވެސް ލީވާން ނަޒަރު ހުއްޓައިލައިގެންހުރި ދިމާލަށް ބަލައިލިއެވެ. ލީވާންގެ ބަސްތައް ރައްދުކުރީ އޭނާއަށް ނޫންކަން އެނގުމާއެކު ނަބްހާއަށް ފޫހިކަމާއެކު ތުން އަނބުރައިލެވުނެވެ. އެވަގުތު ވެއިޓަރ އައިސް އޯޑަރު ނަގަން ފެށުމާއެކު އިޝްވާ އެދުން ފަދައިން ލީވާންއާ ނަބްހާ ތިން މީހުންގެ އޯޑަރުދީ ހަމަކޮށްލިއެވެ.

"އިޝީއާ އެއްކޮށް ދޯ ވޯކް ކުރަނީ؟" ވެއިޓަރު ދިޔުމާއެކު ލީވާން ވާހަކައެއް ފެށުމުގެ ގޮތުން އަހައިލިއެވެ.

"ހްމްމް. ސަމަރ ބްރޭކްއަށް އައިސްފަ ފޫހިވާން ފެށީމަ ޖޮބްއަކަށް ދާންވެގެން ޑޭކެއަރ ސެންޓަރއަށް ވަނީ" ނަބްހާ ޖަވާބުދިނެވެ.

"ސަމަރ ބްރޭކް؟ ބޭރުގަތަ އުޅެނީ؟" ލީވާންގެ ދެބުމަ ގޮށްޖެހުނެވެ.

"ނޫން. އޭލެވެލް ނިންމާފަ ލިބުނު ސްކޮލްއެއްގަ މެޑިސިން ކިޔަވަން ރަޝިޔާއަށް ދިޔައީ. އަދި ބާކީ ހަތަރު އަހަރު އެބައޮތް.. ނެކްސްޓް މަންތްގަ ފުރަންޖެހޭ" ނަބްހާ ބުންޏެވެ.

"އޯހް. ރާހިލްގެ ކުރީގެ ވައިފްއަކީ ރަޝިޔާ މީހެކޭ. ހަމަ ހާފް ޑޮކްޓަރއެއް. އިޝީ ނުބުނޭތަ؟" ލީވާން އަހައިލިއެވެ.

"ހްމްމް. ޔާނާގެ މަންމައަކީ ރަޝިޔާ މީހެއްތަ؟" ޝައިނާއާ ބައްދަލުވެފައި ހުރުމާއެކު ނަބްހާއަށް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ.

"އުހޫން. ޔާނާގެ މަންމައެއްނޫން. އެއީ އަދި އެހެން ވައިފްއެއް. އެ ވައިފް ނިޔާވީ" ލީވާން ބުންޏެވެ.

"އޯހް. ސޯ ފަހުން ދޯ ޔާނާގެ މަންމައާ މެރީ ކުރީ" ނަބްހާ އަހައިލިއެވެ.

"ނޫން ކުރިން. ދެން ރާހިލްގެ ވާހަކަ ބާއްވަމާ. މިވަގުތު މިތާ މީނީ އަހަރެންނެއްނު އަހަރެންނާ ބެހޭގޮތުން އަހާނެ ސުވާލެއް ނެތްތަ؟" ނަބްހާގެ ޝައުގުވެރިކަން އެވާހަކައަށް ދޭން ފެށުމުން ލީވާންއަކަށް ކަމަކު ނުދިޔައެވެ.

"ދެން.. އަހަރެން ކީކޭ އަހާނީ؟" ނަބްހާ ދެކޮނޑު އަރުވައިލަމުން ލީވާންއަށް ބަލައިލިއެވެ. އެ ކަޅުކަންގަދަ ދެލޮލާއީ އެސްފިޔަތަކަކީ ނަބްހާގެ ހިތަށް ފިނިކަން ލިއްބައިދިން ރީތިކަމެއް ކަމުގައި ވެއްޖެއެވެ. ތުނިކޮށް ފަޅަން ފަށައިފައިވާ ތުނބުޅިން ފޮރުވައިލެވިފައިވާ ތޫނު ކަތުރުކަށިގަނޑުން އެ މޫނުގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.

"އަހަރެން އުޅެނީ ކޮންތާކުތޯ؟ ކުރަނީ ކީއްތޯ؟ އަނތްބަކު ހުރޭތޯ؟ ދަރިން ތިބިތޯ؟ މިއީ ހައްތާވެސް އެހިދާނެ ސުވާލު"

"އަހާނެ ކަމެއްނެތް" ލީވާންގެ ވާހަކަ ނިމުނު ވަގުތު ކައިރިން އިތުރު މީހެއްގެ އަޑު އިވުނެވެ. ދެން ފެނުނީ ރާހިލް އައިސް އެތަނުގައި ހުސްކޮށް ހުރި ދެގޮނޑީގެ ތެރެއިން ގޮނޑިއެއް ދަމައިލައި އިށީންތަނެވެ.

"މިއީ އަނތްބަކާ ދެދަރިންވެސް ތިބި އަތުންފައިން މަސައްކަތެއްނުކޮށް އުޅޭ ބޮޑު މުސްކުޅިއެއް" ރާހިލް ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ.

"ކަލޭ ހަމަ ހުރިހާ ދޭތެރެއަކަށް އަނގަލާން ޖެހޭދޯ؟ މިހާރު ނަބޫ އަހަރެންނާ ވާހަކަ ދައްކާތީ ހަޖަމު ނުވެގެނޭ ތިއުޅެނީ. އަނބިގޮއްޔެ އައިމަ ދެން މައިތިރިވެބަލަ" ލީވާންވެސް ރާހިލްއަށް ޖެއްސުމަށް ބުންޏެވެ.

"އަހަރެންނަށް އެބަ އެނގެޔޭ ތި ކުރަން އުޅޭ ކަންތައް. ބުނަން. މިކުއްޖާ ސަލާމަތުން ބައިންދާ. މިއީ ދެން ލީވާނަށް ބައްޕަ ކިޔާވަރު ކުއްޖެއް. ނަބޫ ބުނަން؟ މީނައާ ވައި ނޭޅޭތި!" ރާހިލް އިންޒާރެއް ދޭ ފަދައަކުން ބުންޏަސް އޭނާގެ އަޑުގައިވަނީ ސަމާސާގެ ރާގެވެ. ބޮޑަށް ބޭނުންވީ ލީވާން ރުޅި އަރުވައިލާށެވެ.

"ޔޫ އަރ ފޯރޓީ؟" ނަބްހާ ދެލޯ ބޮޑުކޮށްލަމުން އަހައިލިއެވެ.

"ނޯ!" ލީވާން އަވަސް އަވަހަށް ބުންޏެވެ.

"އޯލްމޯސްޓް!" ރާހިލް އިތުރުކޮށްލިއެވެ.

"ކޮންކަމަކާތަ ތި ހަޅޭއްލަވަނީ؟" އެވަގުތު އިޝްވާ އައިސް ގޮނޑީގައި އިށީންނަމުން އަހައިލިއެވެ.

"އޯޑަރު ހިފައިގެންތަ ތިއައީ؟" ރާހިލްއަށް އިޝްވާގެ ފަހަތުން އައި ވެއިޓަރު ފެނުމާއެކު އަހައިލިއެވެ.

"ހްމްމް" އިޝްވާ ދެރަ ނުވާން ވެގެން ބުނެލިއެވެ. ވެއިޓަރު މޭޒުމަތީގައި ކާއެއްޗެހި އަތުރައި ނިމުނުއިރު ރާހިލްއަށް ބެހެއްޓީ ކޮފީތައްޓެއް އެކަންޏެވެ.

"ކޮބާ އަހަރެންގެ ތަށި؟ އޯޑަރ ނުދެންތަ؟" ރާހިލް ވާނުވާ ނޭނގިފައިހުރެ އަހައިލިއެވެ.

"ލޭޑީޒް އެންޑް ޖެންޓްލްމެ- އޫޕްސް ސޮރީ.. އޯލްޑް މެން އޮންލީ!" ލީވާން އުލާއި ސަމްސާ ނަގައި ތައްޓާއި ގާތްވެލަމުން ބުންޏެވެ. ރާހިލް ދެފަރާތަށް ބޯ ހޫރައިލުމަށްފަހު އެތަނުން ހިނގައިގަތް ވެއިޓަރަށް އަނބުރައި ގޮވައިލިއެވެ.

"ބްރަދަރ.. އާދެބަ މިކޮޅަށް!" ރާހިލް އޭނާގެ އޯޑަރުދީ ނިންމައިލިއިރު ލީވާންއާއި ރާހިލްގެ ކޯޅުން ބަލަން އިޝްވާއާއި ނަބްހާ ހެވިފައި ތިއްބެވެ.

"އެންމެން ކާއިރު އަހަރެން ދެން ހައި ބަނޑާ ބަލަން އިންނަންވީތަ؟" ވެއިޓަރު ދިޔުމާއެކު ރާހިލް ބުންޏެވެ. އެއާއެކު މޭޒުގައި ތިބި ތިންމީހުން އެކަކު އަނެކަކަށް ބަަލައިލުމަށްފަހު ކޮނޑު އަރުވައިލަމުން ކާންފެށިއެވެ. ރާހިލް ގަބޫލު ނުކުރެވިފައި އިނދެ ފަހަރަކު މީހެއްގެ މޫނަށް ބަލައިލެވުނެވެ.

"މެނަރލެސް" އޭނާ ބުންޏެވެ.

"ހަމަޖެހިބަލަ. ރާހިލް ދެން މިހާރު އަނބިގޮއްޔެ ގާތަށް ދިޔައީމަ ކާން ލިބުނަކަސް އަހަރުމެންނަކަށް ނުލިބޭނޭ. ދޯ ނަބޫ" ލީވާން އަނގަ ފުރެންދެންހުރި ކާއެއްޗެހި ފެންފޮދަކާއެކު ދިރުވައިލަމުން ބުންޏެވެ. ރާހިލް އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިލުމަށްފަހު ބޯ ހޫރައިލަމުން އަތުގައި އޮތް ފޯނާ ކުޅެން ފެށިއެވެ.

******************

"ދެން ކޮން އިރަކުތަ ޝައިގެ މޮޅު ކެއްކުންގަނޑެއް ކައްކާފަ އަހަރުމެން ތިގެއަށް ގެންދާނީ. ބެސްޓް ފްރެންޑެކޭ ކިޔާފަ ދެން ވަރަށް ދެރަ އެނގޭ. ކައިވެނި ސައިވެސް ނުދީ ތިއުޅެނީ" ފޯނުން ވާހަކަ ދައްކަމުންދިޔަ ޒީވާ ޝައިނާގާތު ޝަކުވާކުރިއެވެ.

"ސާބަހޭ ޒީ. ތި ދައްކަނީ ކޮން އިރެއްގެ ވާހަކައެއްތަ؟" ޝައިނާ ފޯނު ކަންފަތުގައި ޖަހައިލައިގެންހުރެ އަތްދަބަހުން ނެގި ކާޑުން ގޭގެ ދޮރު ހުޅުވައިލައި އެތެރެއަށްވަނެވެ.

"ތިއީ ދެން ހުސް ބަހަނާ. މާދަމާ މީ ހުކުރެއްނު. މާދަން ކިހިނެއްވާނީ؟ ޝައިގެ ޑިއުޓީއެއްވެސް ނޯންނާނެއެއްނު. އާދީއްތަ ދުވަހު ސްކޫލް ހުޅުވުނީމަ ދެން ދާންވެސް އުނދަގޫވާނެ" ޒީވާ ބުންޏެވެ.

"އޯހް ގޯޑް. ސްކޫލް ދޯ؟" ޝައިނާ ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން ނިއްކުރީގައި ޖަހައިލިއެވެ.

"ހްމްމް. އެހެންވީމަ މާދަން އޯކޭ ދޯ" ޒީވާ އަހައިލިއެވެ.

"ކީކޭ؟ އާން އޯކޭ. ޒީއަށް ފެންނަގޮތެއް. ޒީ.. ދެން ބާއްވަނީ އެނގޭ. ވަރަށް މުހިއްމު ކަމެއް ހަނދާންވެގެން ދާންޖެހިއްޖެ" ޝައިނާ އަވަސް އަވަހަށް ލައިގެންހުރި އުސް ފައިވާން ފަޔާ ވަކިކޮށްލަމުން ކޮޓަރިތަކާ ދިމާލަށް ދުއްވައިގަތެވެ. އެތަނުގައިހުރި އިޝްވާގެ ކޮޓަރިއާ ޖެހިގެންހުރި ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.

"މަންމީ. ބަލާބަ ޔާނާ ޕެއިންޓް ކު-"

"މަޑުކޮށްލަބަ ދަރިފުޅޫ މަންމި ވަރަށް މުހިއްމު އެއްޗެއް ހޯދާލަންށޭ މި އައީ" ޝައިނާ އަލަމާރި ހުޅުވައިލުމަށްފަހު އޭގެއިން ނެގި އެހެން އަތްދަބަހަކުން ޔާނާއާއި ރާއީގެ ވެކްސިން ކާރޑުގެ އިތުރުން ރާއީގެ އައި.ޑީ ކާރޑު ހޯދައިލިއެވެ. ޔާނާގެ ކާރޑު ރާހިލްގެ އަތަށް ދެވުނު ހަނދާންވުމާއެކު އޭނާ އަވަސްއަވަހަށް ކައިރިއަށް ހުއްޓިލި ރާއީގާތު ރާހިލް ކޮބައިތޯ އަހައިލިއެވެ. ރާއީ ނޭނގެއޭ ބުނެ ކޮނޑު އަރުވައިލުމާއެކު ޔާނާއާ އެ ސުވާލު ކުރުމުން ޔާނާވެސް ދިނީ ހަމަ އެ ޖަވާބެވެ. ޝައިނާ އަވަސް އަވަހަށްގޮސް މައްޗަށް އަރައި ރާހިލް ކޮބައިތޯ ބަލައިލިއިރު ރާހިލް ފެންނާކަށްނެތެވެ. ދެން ތިރިއަށް ދިޔައިރު އިޝްވާ ކޮޓަރިން ނުކުންނަނީއެވެ. ޝައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"ތޭންކް ގޯޑް ޔޫ އަރ ހިއަރ އިޝީ. ކޮބާތަ ރާހިލް؟" ޝައިނާ އަވަސް އަރުވާލައިގެން އުޅުނު ގޮތުންވެސް އިޝްވާއަށް ކަމުގެ މުހިއްމުކަން ނަގައިގަނެވުނެވެ.

"އިޝީ ގެއަށް އައިފަހުން އޮފީހަށް ދިޔައީ ލީވާން ގުޅީމަ. މިހާރު އިރުކޮޅެއް ވެެއްޖެ. ސިސް މިއަދު މާ ލަހުން ޑިއުޓީ ނިމުނު ދުވަހަކީތަ؟" އިޝްވާ ބުންޏެވެ.

"އާނ މި ދެދުވަހަކު އޮފީހަށް ނުދެވުނީމަ މަސައްކަތް ފުނިޖެހިލީ. އިޝްކޯ. ރާއީމެން އެބަތިބި ކޮޓަރީގަ. ކުޑަކޮށް ބަލާލައްޗޭ. އަހަރެން އެބަ އަންނަން ވަރަށް އަވަހަށް ތާކަށް ގޮސްލާފަ އެނގޭ" ޝައިނާ އަވަސް އަވަހަށް ކުރިން ފަޔާ ވަކިކޮށްލި ފައިވާން ފަޔަށް ހެޔޮވަރުކޮށްލަމުން ގެއިން ނުކުތެވެ.

ޓެކްސީއަށް އަރައި ހަމަޖެހިލުމަށްފަހު އޭނާ ރާހިލްއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ދެތިންފަހަރަކު ރިންގު ވުމަށްފަހުގައިވެސް ފޯނަށް ޖަވާބު ނުލިބުމުން ދެން އިތުރަށް ގުޅާކަށް ނޫޅުނެވެ.

ރާހިލްމެންގެ އޮފީސް ހުންނަ އިމާރާތަށް ވަނުމަށްފަހު ކުރީ ދުވަހެކޭވެސް އެއްފަދައިން އޭނާ ދިޔައީ އޮފީހުގެ ތިން ފަންގިފިލާގެ ތެރެއިން އެންމެ ތިރީ ފަންގިފިލާއަށެވެ. އޭނާ ހިތަށް އެރި ވަގުތަކު ގޮސް ރާހިލްއާ ބައްދަލުކުރުމުގެ ބަދަލުގައި އެ ހުއްދަ ހޯދައިގެން ދިޔުން މުހިއްމުކަމެއް ކަމުގައި އޭނާ ދެކުނެވެ. އެގޮތުން އޭނާ ގޮސް އެ އޮފީހުގެ ބިއްލޫރި ދޮރުގެ ބޭރުގައި މަޑުކޮށް ޓަކި ޖަހައިލިއެވެ. ނަސީބު ކަންދިމާކުރި ގޮތުން އެދުވަހު ދޮރު ހުޅުވައިދޭން އައީ ކުރީ ދުވަހު އައި މުވައްޒަފެއްނޫނެވެ. މުޅިން އެހެން ކުއްޖެކެވެ. ދަބަސް އަޅުވައިލައިގެން ހުރިގޮތުން އެއީ އެވަގުތު އޮފީސް ނިންމާފައި ނުކުތުމަށް އައި ކުއްޖެއްކަން ޝައިނާއަށް ޔަގީންވިއެވެ.

"ޔެސް ހައު ކޭން އައި ހެލްޕް ޔޫ؟" އިސްކޮޅުން ދިގު އަދި ލޫޅާފަތި ހަށިގަނޑެއްގެ ވެރި އެކުއްޖާ އަދަބުވެރިކަމާއެކު އަހައިލިއެވެ.

"ރާހިލްއާ މިގަޑީގަ މީޓްކޮށްލެވޭނެތަ؟" ޝައިނާ އަހައިލިއެވެ. އެއަޑު އެވަގުތު ދޮރާ މާ ދުރުނޫން ހިސާބެއްގައި މުވައްޒަފަކާ ވާހަކަދައްކަންހުރި ލީވާންއަށް އިވި އޭނާ ޝައުގުވެރިކަމާއެކު ޝައިނާއަށް ބަލައިލިއެވެ.

"ބަލާލަން ޖެހޭނީ. ކީކޭތޯ ބުނަންވީ؟" ލައިޝާ އަހައިލިއެވެ.

"ބުނެދީ ވައިފް މީޓްކޮށްލަން އައިސް އެބަހުއްޓޭ"
ޝައިނާގެ ޖަވާބާއެކު ލައިޝާގެ އިތުރުން ދުރުގައިހުރި ލީވާންއަށްވެސް ލިބުނީ ސިހުމެކެވެ. ދެވަނަ ސިކުންތުގައި ލީވާން އަތުގައި އޮތް ފައިލުގައި ސޮއެކޮށްލުމަށްފަހު ކައިރީގައިހުރި މުވައްޒަފުގެ އަތަށް ދިއްކޮށްލިއެވެ. އަދި ލަސްކުރުމެއްނެތި އޮފީހުގެ ތިންފަންގިފިލާ ގުޅުވައިލުމަށްޓަކައި އޮފީހުގެ ތެރެއިން ހަދައިފައިވާ "ސްޕައިރަލް" ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ކުރީ ދުވަހު އެ އޮފީހުން ޝައިނާއާ ބައްދަލުކުރި މުވައްޒަފަށްވެސާ ޝައިނާއާއި ލައިޝާ ވާހަކަދައްކަން ތިބި މަންޒަރުފެނި އަވަސްއަވަހަށް އެދިމާލަށް ހިނގައިގަތެވެ.

"ލައި.. ކިހިނެއްވީ؟" ލައިޝާގެ ކޮނޑުގައި އަތް އަޅައިލަމުން އެކުއްޖާ ބުންޏެވެ.

"ބަލާބަލަ ތަނަކުން އަންނަ މީހަކު މިއީ ރާހިލްގެ ވައިފްއޭ ބުންޏަސް އޮފީހަށް ވެއްދޭތަ؟" ލައިޝާ އެކުއްޖާގާތު އަހައިލިއެވެ.

"އެކަމަކު ލައި. ތިއީ ހަމަ ރާހިލްގެ ވައިފްއޭ. ކުރީ ދުވަހުވެސް އައިމެއްނު ދޯ؟" އެކުއްޖާ ޝައިނާއަށް ދޯ ދިނުމާއެކު ޝައިނާ ބޯޖަހައިލަމުން ހިނިތުންވެލިއެވެ. "މިވަގުތު އެބަ އުޅޭ އޮފީހުގަ. އާދޭ އަޅުގަނޑާއެކު"

"ލައި ދެން ރާހިލްގެ ކަންތައް ދޫކޮށްލާ. މީހުންގެ ފިރިން ސަޅިއެއް ނޫނެއްނު" އެކުއްޖާ ޝައިނާގެ ފަހަތުން ހިނގައިގަތުމުގެ ކުރިން ލައިޝާއާ ދެއްކި ވާހަކަ އެމީހުންނަށް ފުރަގަސްދިން ޝައިނާއަށް އިވުނެވެ. އެހެންކަމުން ލިފްޓަށް އެރުމަށްފަހު އެ ލިފްޓް ލެއްޕެންދެންދެން އޭނާއަށް ލައިޝާއަށް ބަލަން ހުރެވުނެވެ.

—————–

ޝައިނާ އައިސްހުރި ވާހަކަ ރާހިލްގާތު ބުނުމަށް ހިތުލައިގެންހުރެ ކެބިންއަށް ވަތް ލީވާންގެ ހިޔާލު ކުއްލިއަކަށް ބަދަލުވެ ރާހިލް ރުޅި އަރުވައިލުމަށްޓަކައި ވާހަކައެއް ސިކުނޑީގައި ރާވައިލިއެވެ. އޭނާގެ ރޭވުމާމެދު ހެވިފައިހުރެގޮސް ރާހިލްގެ މޭޒުކައިރިން ގޮނޑިއެއް ދަމައިލައި އިށީނުމާއެކު ރާހިލް ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލައިލިއެވެ.

"އަހަރެންނަށް ހީވަނީ ރާހިލް ބުނިހެން ނަބްހާގެ ކަންތައް މި ގެންދެވެނީ މާ އަވަހަށް ކަންނޭނގެ" ލީވާން ބުންޏެވެ.

"މިހާރު އަނެއްކާ ކޮންމެވެސް އެހެން މީހެއް ފެނުނީ ދޯ. އޭރުވެސް އަހަރެން ބުނިން ލީވާން ކުޅޭ ކުޅިގަނޑަކަށް ތި ކަންތައްގަނޑު ނަހަދާށޭ. ޝީ އިޒް ޓޫ ޔަންގް ފޯރ ދެޓް" ރާހިލް ލެޕްޓޮޕުން ނަޒަރު ވަކިކޮށްލުމެއްނެތި ބުންޏެވެ.

"ނޫނޭ. އަހަރެންވެސް އުޅުނީ ނަބްހާއާ ސީރިއަސް ވާންވެގެން. އެކަމަކު ދެންމެ ލައި އާ ވާހަކަދައްކަންހުރި އަންހެންކުއްޖާ ރާހިލްއަށްވެސް ފެނުނުނަމަ އެނގޭނީ. ޝީ އިޒް ގޯޖަސް ރާހިލް.. އެންޑް ހަރ ސްޓައިލް. ޖަސްޓް ވާއު. އެންޑް ދެޓް ހެއަރ.. އެކަހަލަ ކުއްޖެއް ދެވަނަ ފަހަރު މީހެއްގެ ލައިފަކަށް ނާންނާނެ" ލީވާން ބުންޏެވެ.

"ލައިއާ ވާހަކަ ދައްކާށޭ؟ އާ ކުއްޖަކު އޮފީހަށް ޖޮއިން ކުރީތަ؟" ރާހިލްގެ ސަމާލުކަން ދެވުނީ މުޅިން އެހެން ކަމަކަށެވެ.

"ކޮންމެވެސް ކަމަކު އައިސްހުރިހެން ހީވަނީ. އެކަމަކު ބުނަން-"

ލީވާންގެ ވާހަކަ މެދުކެނޑުނީ އެވަގުތު ކެބިންގެ ބިއްލޫރި ދޮރުގައި ޓަކިދިން އަޑު އިވުމުންނެވެ. ރާހިލްގެ ސަމާލުކަންވެސް އެދިމާލަށް ހުއްޓުނެވެ. ކެބިންގެ ދޮރު ކުޑަކޮށް ހުޅުވައިލައިގެންހުރި ޝައިނާ ފެނުމާއެކު ރާހިލްއަށް ހައިރާންކަމެއް ލިބުނެވެ.

"ބިޒީ ގަޑިއެއްތަ؟" އެތަނުގައި އިން ލީވާން ފެނުމާއެކު އެ ދެމީހުންނަށް ހިނިތުންވެލަމުން ޝައިނާ އަހައިލިއެވެ.

"ނޯ.. ނޮޓް އެޓް އޯލް. ކިހިނެއްވީ އޮފީހަށް ތި އައީ؟" ރާހިލް އޭނާ އިށީނދެ އިން ގޮނޑިން ތެދުވަމުން އަހައިލިއެވެ.

"މިއީ.. މިއީ ޔާނާގެ އައި.ޑީ. ބަލާ. މިރޭ ސްކޫލަށް ވައްދަންވެގެން. މާދަން ހުކުރެއްނު" ޝައިނާ ލަސްފިޔަވަޅުތަކެއްގައި ރާހިލްމެން ތިބި ދިމާލަށް ހިނގައިގަތެވެ.

"އޯހް. ގުޅާލިނަމަ" ރާހިލް މޭޒުމަތީގައި އޮތް އޭނާގެ ވޮލެޓު ހޯދައިލުމަށްފަހު އޭގެއިން ނެގި ކާރޑު ޝައިނާގެ އަތަށް ދިނެވެ.

"ގުޅިން. ފޯނު ނުނަގާތީވެ" ޝައިނާ ބުންޏެވެ.

"އާނ. އެވާނީ ދެންމެ އޮތް މީޓިންގްއަށް ވަންނަންވެގެން ސައިލެންޓަށް ލެވުނީ ކަމަށް" ރާހިލް ބުންޏެވެ.

"މިއީ.. މިއީ ރާހިލްގެ ވައިފްތަ؟" ލީވާން ހައިރާންވާކަމަށް ހެދުނެވެ. ރާހިލް ބޯ ޖަހައިލިއެވެ.

"މަޑުކޮށްބަލަ. ދެންމެ ދެއްކީ؟" ރާހިލްއަށް ކަމެއް ރޭކައިލި ފަދައިން ބުމަ ގޮށްޖަހައިލަމުން ލީވާންއަށް ބަލައިލިއެވެ. ލީވާން ހިނިގަނޑެއް ޖަހައިލުމަށްފަހު ޝައިނާއާ ސަލާން ކުރުމަށް އަތްދިއްކޮށްލިއެވެ. "ލީވާން"

"ޝައިނާ" ރާހިލްއާއި ލީވާންގެ ދެމެދުގައި ދެކެވުނު ވާހަކައިގެ ވާނުވާ ނޭނގިހުރެ ޝައިނާ ހިނިތުންވެލަމުން ލީވާންއާ ސަލާންކޮށްލިއެވެ. އޭރު ރާހިލްގެ ނަޒަރުން ހީވަނީ ލީވާން އަނދައި އަޅިއަށް ހަދައިފާނެހެނެވެ.

"ނަސީބެއް އެނގޭ ޝައިނާ މިއަދު އައިކަން. ރާހިލް ބައްދަލުކޮށްދޭނެ ކަމަށް މަޑުކޮށްގެން ހުރިނަމަ ޝައިނާއާ ދުވަހަކުވެސް ބައްދަލެއް ނުވާނެ. އަންހެނުން ފޮރުވައިގެން އުޅެން ހިތުއަޅާފަ ހުރި މީހެއްހެން ހީވަނީ މިއީ. އެހެނެއްނު ވާނީ. އޭރުންތާ މީނަ ބޭނުން ގޮތަކަށް އުޅެވޭނީ ދޯ؟" ލީވާން އޭނާގެ ސަމާސާ މިޒާޖުގައި ބުންޏެވެ.

ޝައިނާވެސް ލީވާންގެ ހުނުމުގައި ބައިވެރިވިއެވެ. ނަމަވެސް އޭނާ އެވަގުތު ލޮލުގެ ހިމަކޮޅުން ރާހިލްއަށް ބަލައިލެވުނެވެ. ހަނދާނަށްއައީ އޭނާ އެތަނަށް ގެނެސްދިން ކުއްޖާ ލައިޝާއާ މުހާތަބުކޮށް ބުނި ޖުމްލައެވެ.

"ދެޓްސް އިޓް. މީނަ ދައްކާ ބޭކާރު ވާހަކަ އަޑުއަހަން މިތާ ހުންނަ މީހެއްގެވެސް ހަމަ ވަގުތު ބޭކާރުވާނީ. މިހާރު ކާރޑު ލިބިއްޖެއެއްނު. ދެން އަވަހަށް ދޭ ލަސްނުކޮށް ތިކަންތައް ކޮށްލަން" ރާހިލް ދުރު ފިޔަވަޅުތަކެއްގައި އައިސް ޝައިނާގެ ކޮނޑުގައި އެއްއަތް އަޅުވައިލަމުން ކެބިންގެ ދޮރާއި ދިމާލަށް އިޝާރާތްކޮށްލިއެވެ.

"ސީ ޔޫ އަރައުންޑް ޝައިނާ" ލީވާން ގޮވައިލިއެވެ.

"ޔެސް. ބާއީ ސީ ޔޫ" ކެބިންއިން ނުކުތުމުގެ ކުރިން ޝައިނާވެސް ލީވާންއަށް ހަނާ އަޅައިލިއެވެ.

"ހުވާ މިކުރީ ތިވަރުން ދަންޏާ އަދި ލީވާން އަހަރެންގެ އަތުން މަރުވާނެ" ރާހިލް ހިތްހަމަނުޖެހިފައިހުރެ އައިސް ގޮނޑީގައި އިށީނެވެ. ބަދަލުގައި ލީވާން ޖަހައިލީ ހިނިގަނޑެކެވެ.

"އަހަހަހަ އެކަމަކު ބުނަން. ޔޫ އިމްޕްރެސްޑް މީ އެނގޭ. ޔޫ ޑޫ ހޭވް އަ ގުޑް އައި" ލީވާން އާދައިގެ ރާގެއްގައި ބުންޏެވެ.

"ނޯ މޯރ ކޮމެންޓްސް ލީވާން! ދެޓްސް މައި ވައިފް!" ރާހިލް ކަމެއް ހަނދާންކޮށްދޭ ފަދައަކުން އަޑަށް ބާރުލައިފައި ބުންޏެވެ.

"ދެން ކުޑަ ދުވަސްކޮޅަކަށްނު" ރާހިލްގެ ވާހަކައާ ފަރުވާލެއްނެތި ލީވާން ކެބިންއިން ނުކުތެވެ. އޭނާ ކުރިންވެސް އުޅުނީ އެ ފައިލުގައި ސޮއެކޮށްލުމަށްފަހު ގެއަށްދާށެވެ. ނަމަވެސް ޝައިނާ އައުމުން އެވާހަކަ ރާހިލްގާތު ބުނުމަށްޓަކައި އޭނާ ކެބިންއަށް އައީއެވެ. މިކަން ނޭނގޭހާލު ރާހިލްއަކަަށް ލީވާން ޝައިނާގެ ފަހަތުން އެ ދިޔަ ދިޔުން ކަމަކުނުދިޔައެވެ. މޭޒުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލުމަށްފަހު އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ލީވާންގެ ފަހަތުން ހިނގައިގަތެވެ. އެހެނަސް އޭރު ލީވާން ޝައިނާގެ ފަސްފަހަތުން ލިފްޓަށް އަރަނީއެވެ.

"ޓޭކް ދަ ނެކްސްޓް ލިފްޓް" ލީވާންގެ ކޮނޑުގައި އަތްއަޅައި ލިފްޓާއި ދުރަށް ކޮށްޕައިލަމުން ރާހިލް ލިފްޓަށް އެރިއެވެ.

ރާހިލްގެ އެ ކުއްލި ހަރާކާތާއެކު ޝައިނާއަށްވެސް ލިބުނީ ސިހުމެކެވެ. ލީވާންއާމެދު ރާހިލް އެހެން ކަންކުރި ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ގުޑިލަންވެސް ނޭނގިފައި ހުއްޓައި ރާހިލް ލިފްޓަށް އެރިގޮތަށް ޝައިނާއާ ގާތަށް ޖެހިލިއެވެ. ރާހިލްގެ ހޫނު ނޭވާވެސް ޝައިނާއަށް އިހުސާސްކުރެވޭހާ ގާތަށެވެ. އޭރު ލިފްޓުގެ ދޮރުވެސް ލެއްޕެން ފަށައިފިއެވެ. ރާހިލްއާއި ޝައިނާ އެތަނުގެ ތެރޭގައި އެކަނިވީއެވެ. ޝައިނާއަށް ހާސްވެފައި ރާހިލްއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ.

"ރާހިލް. ކީއް ތިކުރަނީ؟" ޝައިންގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

"މާރކިންގް މައި ޓެރިޓަރީ" ޝައިނާގެ ކަރުގައި އެއް އަތް ވަށައިލަމުން ރާހިލްގެ ތުންފަތް އެއްވެސް ހުރަހަކާނުލައި ޝައިނާގެ ތުންފަތުގައި ބީއްސައިލީ ލިފްޓު ތިރިއަށް ދާންފެށި ވަގުތާ އެކުއެކީގައެވެ.

ޝައިނާގެ ސިކުނޑި މަސައްކަތެއް ނުކުރިއެވެ. ކުރީ ރޭގައި ކަން ހިނގައިދިޔަ ގޮތަށްފަހު ރާހިލް ދުރުކޮށްލަންވީކަމެއް ނުވަތަ އިތުރަށް ގާތްކޮށްލަންވީ ކަމެއް ނޭނގިފައިހުއްޓައި ރާހިލް އިސްނަގައިގެން އޭނާއާ ދުރުވެލިއެވެ. އޭރު ޝައިނާގެ މޫނު ލަދުން ރަތްވާން ފަށައިފިއެވެ. ރާހިލް އަތުގެ ނުފުށުން ތުންފަތް ފޮހެލުމަށްފަހުގޮސް ޝައިނާގެ ކަނާތްފަރާތަށް ހުއްޓިލިއެވެ. އަދި ލިފްޓުގެ ދޮރު ހުޅުވެންވާއިރަށް އެ ދޮރާއި ކުރިމަތިލިއެވެ.

ޝައިނާ ސުކުންތެއްވެސް ލަސްނުކޮށް ދުވެފައި ކަހަލަ ގޮތަކަށް ލިފްޓުން ފޭބީ ރާހިލްއަށް ބަލައިވެސްލުމެއްނެތިއެވެ. އެއާއެކު ރާހިލް އެއްމިޔަކަނިން ހެވިފައިހުރެ އާދައިގެ ހިނގުމެއްގައި ލިފްޓުން ފައިބައިގެންގޮސް ޖެހިގެންހުރި ލިފްޓު ހުޅުވޭނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްލިއެވެ. ލިފްޓް އެންމެ ތިރީ ފަންގިފިލާއަށް މަޑުކޮށްލި އަޑު އިވުމާއެކު އޭނާ ތުންފަތުގައިވި ހިނިތުންވުން ފޮހެލިއެވެ. އަދި އޭގެން ނުކުތް ލީވާންގެ ގަމީހުގެ ގިރުއާނުގައި އެއްއަތުން ހިފައި ލުއްކެތްޖެހިއެވެ.

"ނަބްހާއާއެކީ ލީވާން އުޅުނަސް ނޫޅުނަސް އަދި އެހެން ކޮންމެ މީހަކާއެކު ކޮންމެ ގޮތަކަށް އުޅުނަޒް އަހަރެންނަށް ވަރިހަމަ. އައި ޑޯންޓް ގިވް އަ ފްލައިންގް ފަ* އަބައުޓް ހަރ އޯ އެނީވަން އެލްސް. އެކަމަކު ޝައިނާ އަހަރެންގެ އަންބެއްގެ ގޮތުގަ ހުއްޓަސް ވަރިވިޔަސް އެއީ ލީވާންއަކާ ބެހޭ ކަމެއްނޫން. އޭނައާ ދިމާލަށް ލީވާން އެކަހަލަ ނިޔަތެއްގަ ބަލައިލިިޔަސް ލީވާން ސާދަ އަހަރުވަންދެން ކޮށްފަ މިހުރި މަސައްކަތް ފެނަށް ދުއްވާލާކަށް  އަހަރެން ފަހެއް ނުޖެހޭނަން. އެކަމުގެ ތެރޭގަ އަހަރެންގެ އަމިއްލަ ކެރިއަރއަށް ކޮންމެ ގެއްލުމެއް ލިބުނަސް އައި ވިލް ބަރން ދިސް އޮފީސް އެންޑް ޔުއަރ ހޯލް ފަ*** ކެރިއަރ ޓު ދަ ގްރައުންޑް! ޔޫ ނޯ އައި ކޭން!" ރާހިލްގެ އިންޒާރަކާއެކު ލީވާންގެ ގަމީހުގެ ގިރުއާނުން ދޫކޮށްލިއެެވެ. އަދި އަލުން އަނބުރައި އޮފީހަށް ދިޔުމަށްޓަކައި ލިފްޓަށް އެރިއެވެ.

ރާހިލް ދިން އިންޒާރަކާހުރެ ލީވާންގެ މޫނުމަތިން ވަކި ހާސްކަމެއް ނުފެނުނެވެ. ޝައިނާއާ ގުޅުވައި އޭނާ އެފަދަ ގޮތަކަށް ވާހަކަދެއްކީ ހަމަ ރާހިލްއަށް ޖެއްސުމަށެވެ. ރާހިލްގެ އަނތްބަކާމެދު ދުވަހަކުވެސް އޭނާ އެފަދަ ގޮތަކަށް ދެކިދާނެހެން ރާހިލްއަށް ހީވީތީވެސް ލީވާންއަށް އެކަން ވީ މަޖާކަމަކަށެވެ. އޭނާ ނިކަން ހަމަޖެހިލައިފައިހުރެ ސައިކަލަށް އަރައިގެން ގެއަށް ދިޔުމަށް ދުއްވައިލީ އެވަގުތު އެމަގުގެ ދުވާރުމަތިން ހިނގައިފައިދިޔަ ޝައިނާއަށް ހިނިތުންވުމެއްވެސް ހަދިޔާ ކޮށްލުމަށްފަހުގައެވެ.

**************

ގެއަށް ދިޔުމަށްފަހު ޝައިނާ އެންމެބޮޑު އިސްކަމެއް ދިނީ ޔާނާއާއި ރާއީ ސްކޫލަށް ވެއްދުމުގެ ކަންކަން އޮންލައިންކޮށް ކުރުމަށެވެ. އެ ހުރިހާ ކަމަކަށްފަހު އެދެކުދިންނަށް ކާންދީ ގޭތެރޭގެ އެހެން މަސައްކަތްތައް ކުރަންފެށީ އިޝްވާ އެހީވާން އުޅުމުން އެކަމަށްވެސް އިންކާރު ކުރުމުންނެވެ. ލިފްޓުގައި ރާހިލްއާއެކު ހޭދަކުރެވުނު ހިނދުކޮޅު ހަނދާނަށްވެރިވާ ކޮންމެ ފަހަރަކު ކޮންމެވެސް ކަމަކާ މަސްއޫލުވެވޭތޯ ބަލަނީ އެކަން ހަނދާން ނައްތައިލުމަށް ބޭނުންވެފައިވާ ފަދައިންނެވެ. އެހެނަސް އެ ކުރުވި އިހުސާސާއި އެވަގުތު ލިބުނު އުފާވެރިކަން އޭނާގެ ހިތާއި ސިކުނޑިން ފޮހެލެވޭ ގޮތެއްނުވިއެވެ. އޭނާގެ ހިޔާލަށް އަންނަމުންދިޔައީ އާރް.އެލްގެ ފަރާތުން މީގެ ހަތްއަހަރު ކުރިން ލާމު އަތޮޅަށް ކުރި އޮފީސް ދަތުރުގެ ހަނދާނެވެ. އޭނާ ގަބޫލު ކުރާގޮތުގައި އެއީ އޭނާގެ ހިތް ރާހިލްއަށް ދެވެން ފެށުނު ދުވަސްކޮޅެވެ. ރާހިލް ބައިވެރިކޮށްގެން ދިޔަ އެދަތުރުގައިވެސް އޭނާއަށް ކުރެވުނީ ހަމަ މިވަގުތު އޭނާއަށް ކުރެވެމުންދާ ކަހަލަ އިހުސާސްތަކެވެ. އިސާހިތަކު ނޭނގި ނަމަވެސް ޝައިނާއަށް ރާހިލް ދެން ފެނިލާނެ އިރަކަށް އިންތިޒާރުގެ ވަގުތުތައް ގުނެން ފަށައިފިއެވެ. އެހެނަސް މެންދަމުގެ ވަގުތާ ގާތްވެ އެރޭ އޭނާ ނިދަން އޮށޯތް އިރުވެސް އެރޭ ރާހިލް ގެއަކަށް ނާދެއެވެ. އިޝްވާގާތު ސުވާލުކުރުމުން އެއީ މާބޮޑު ކަމަކަށް ނެހެދީ ރޭގަނޑުގެ ދަންވަންދެން މަސައްކަތުގައި އިނުމަކީ ރާހިލްގެ އާދައެއްކަމުގައި ބުނަމުންނެވެ.

ޝައިނާގެ ލޮލަށް ރާހިލް ފެންނަވަރުވީ ޖެހިގެން އައި ދުވަހުގެ މެންދުރު ވަގުތެވެ. ހުކުރު ނަމާދު ފެށެން ވަގުތު ކުޑަތަންވެފައި ވަނިކޮށް ރާހިލް ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން އައި އިރު އޭނާ އިނީ ސޯފާގައި އިށީނދެލައިގެން ޔާނާއަށް ކާންދޭށެވެ. އޭރު ޓީވީއިން ހުކުރު ހުތުބާގެ އަޑު އިވި ހުއްޓެވެ.

"ރާއީ.. ރާއީ. ރާއީ ކޮބާ؟" ރާއީއަށް ގޮވަމުން ސިޑިން ފޭބި ރާހިލްއަށް ޝައިނާމެން ފެނުމާއެކު އައިސް އެދިމާލަށް ހުއްޓެމުން އަހައިލިއެވެ. ހުދުކުލައިގެ ގަމީހާއި ކަޅުފަޓުލޫނުގައި ހުރި ރާހިލްގެ ހިތްގައިމުކަމަށް އޭނާގެ ސަމާލުކަން ދެވުނެވެ. ފެންވަރައިލައިގެން އައުމުން އެ މޫނުމަތިން ތާޒާކަން ފެންނަންހުއްޓެވެ.

"ޝިމާން އައިމަ.. ޝިމާންއާއެކު ހުކުރަށް ފޮނުވީ.." ޝައިނާ ބުންޏެވެ.

"ދެން ދުވަހަކުން އަހަރެން އެނގޭ ރާއީ ގެންދާނީ. ކީއްވެތަ ގޮވާނުލީ؟" ރާހިލް ލައިގެންހުރި ގަމީހުގެ އަތުކުރި އޮޅަމުން ވާހަކަދެއްކިއެވެ.

"ރޭގަ ނާންނާތީވެ.. ރާހިލް އުޅޭކަމެއް ނޭނގޭ" ޝައިނާ މަޑުމަޑުން ބުންޏެވެ.

"އާނ ރޭގަ މާ ލަހުން އާދެވުނީމަ ފަތިސްވިފަހުން ނިދުނީ. ހަމަ ދެންމެ ހޭލެވުނީ. މި ދުވަސްކޮޅު ވަރަށް މަސައްކަތް އެބައޮތް ހުކުރުން ފައިބައިގެންވެސް އޮފީހަށް ދާނީ.. ޕްރިންސަސް. ބައްޕި ދަނީ. ލަވްޔޫ" ރާހިލް ކުޑަކޮށް ގުދުވެލައި ސޯފާގައި އިން ޔާނާގެ އިސްތަށިގަނޑަށް ބޮސްދިނެވެ.

"ކާން ނާންނާނަންތަ؟ ކައްކާފަ ހުރީ" ޝައިނާ އަހައިލިއެވެ.

"މެންދުރަކު ނާދެވޭނެ. މިރޭ އާދެވޭތޯ ބަލާނަން" ރާހިލް ގެއިން ނުކުންނަމުން ބުންޏެވެ.

"އޮފީހަށް ގޮސްފަ ކައިބަލަ ލައިއާއެކު" ރާހިލް ނުކުތުމާއެކު ޝައިނާއަށް ހިތްހަމަނުޖެހިފައި ޒާތަކަށް ތުން އަނބުރައިލެވުނެވެ.

"މަންމީ ލައި އަކީ ކޮންކުއްޖެއް؟" ޔާނާގެ ކަންފަތުގައި ޝައިނާގެ ޖުމްލަ އަޅައިނުގަނެ ސަލާމަތެއް ނުވިއެވެ.

"ނޭނގެ. ބައްޕިގެ ފްރެންޑެއް. ދަރިފުޅު ބައްޕިގާތު އަހައިބަލަ ލައި އަކީ ކާކުތޯ"

"އޯކޭ މަންމީ" ޝައިނާއަށް ބުނެވުނީ ކީކޭކަންވެސް ރޭކައިލީ ޔާނާ ބޯޖަހައިލުމަށްފަހު އޭނާއަށް ދިން ޖަވާބުންނެވެ. އެއާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޔާނާ ކެއި ތަށި ހިފައިގެން ސިންކާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ރާހިލްމެންގެ އޮފީހުން އިވުނު ވާހަކަ އޭނާގެ ކަންފަތުގައި ހަރުލައިފައި ހުއްޓެވެ.

"ލައި ދެން ރާހިލްގެ ކަންތައް ދޫކޮށްލާ. މީހުންގެ ފިރިން ސަޅިއެއް ނޫނެއްނު"

ޝައިނާއަށް ހުއްޓުމެއްނެތި އިއްޔެ އެ ދެމުވައްޒަފުންގެ ދެމެދުގައި ދެކެވުނު ވާހަކައާމެދު ވިސްނެމުންދިޔައެވެ. އެ ދެއްކީ އަނެއްކާ ކޮން ވާހަކައެއްބާއެވެ. އެ އަންހެންކުއްޖާއާއި ރާހިލްއާ ދެމެދު ގުޅުމެއް އޮންނަނީބާއެވެ؟ ރާހިލް އޮފީހުގައި މާ ދަންވަންދެން މަޑުކުރާ ސަބަބަކީ އެއީ ހެއްޔެވެ؟ ނޫނީ އެއީ ހަމައެކަނި އެކުއްޖާ ރާހިލްއާމެދު ދެކޭގޮތް ކަމުގައި ވެދާނެއެވެ. އެކަމުގައި ރާހިލްގެ ބައިވެރިވުމެއް އޮވެދާނެކަމަށް ގަބޫލުކުރަން ޝައިނާއަށް ދަތިވިއެވެ. ރާހިލް އޭނާއަށް ބޭވަފާތެރިވެދާނެ ކަމަށް އޭނާގެ ހިތް ގަބޫލެއް ނުކުރެއެވެ. އެހެނަސް އޭނާ މިހާރު އެ ހިތަކަށް އިތުބާރެއް ނުކުރެއެވެ. އަހަރުތަކަކަށްފަހު ރާހިލްއަށް އައިސްފައިވާ ބަދަލެއް އޭނާއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ އޭނާއަށް އިއްޔެ ފެނުނު ކުއްޖާއަކީ ހުތުރު ކުއްޖެއް ނޫނެވެ. ފިރިހެނުން ހިތްކިޔާފަދަ ރީތި ސިފަތަކެއް ލިބިގެންވާ އަންހެންކުއްޖެކެވެ. އޭނާ ރާހިލްގެ ދިރިއުޅުމާ ދުރަށް ދިޔައީ މިފަދަ ކޮންމެކަމަކަށް ތައްޔާރުވެގެން ނޫންހެއްޔެވެ؟ ވީއިރު ރާހިލްއާ އެކުއްޖަކާ ދެމެދުގަ ގުޅުމެއް އޮތްނަމަ އޭނާ އެކަމާ އަޅައިލާންޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ؟ ބުނެވޭނެ އެއްޗެއް އެބައޮތް ހެއްޔެވެ؟

ގިނަވެފައިވާ ސުވާލުތަކުން ސިކުނޑި ކަމުންދިޔަ ކަމުގައި ވިޔަސް އެދުވަހު ހަވީރު ޒީވާމެން އެގެއަށް އައުމުން ދެން ޝައިނާއަށް އިތުރު ކަމަކާ ވިސްނާކަށް ވަގުތެއްނުވިއެވެ. ނަމަވެސް އެމީހުން ރާހިލްގެ ވާހަކަ އަހައިލާ ކޮންމެފަހަރަކު އޭނާގެ މޫނުމަތިން ކުލަވަރު އޮއްސިގެންދެއެވެ.

"މިހާރު އިރުއޮއްސުނީ. ދެން ހާދަ ބިޒީ މީހެކޭ ދޯ. މިއީ ގައިމު ހުކުރު ދުވަސްވިއްޔާ. މި ދޮންބެގަނޑާހެދި ފެމިލީ ރީޔުނިއަނެއްވެސް ނުބޭއްވޭނެ. ޝައި އަޅެ ގުޅާބަލަ" ޒީވާ ކަންބޮޑުކުރަން ފެށިއެވެ.

"ގުޅަންވީތަ؟ ބިޒީވާނޭ ކިޔާފަ ދިޔައީވެސް" ޝައިނާ ފަސްޖެހުނެވެ. ޒީވާވެސް ދެން އެކަމާ އަޅައެއްނުލިއެވެ. އޭރު ރިއާންވެސް ރާހިލް ނެތުމުން ފޫހިވެގެން ބޭރަށް ގޮސް އުޅެ އުޅެފައި އައިސް އިނެވެ. ރާހިލް ގެއަށް އައިސް ވަނީ ރޭގަނޑުގެ ކެއުމާ ގާތްވެފައި ވަނިކޮށެވެ. އޭނާ ލައިގެންހުރި ޓީޝާޓާއި ސޯޓުގެ އިތުރުން ކޮނޑުގައި އަޅުވައިލައިފައި އޮތް ދަބަސް ފެނުމާއެކު އެމީހުންނަށް އޭނާ އެއައީ ޖިމް ނިންމާފައިކަން އެނގުނެވެ.

ރާހިލް އެތަނުގައިތިބި ޒީވާމެންނަށް ބަލައިލައި ނިތް އަރުވައިލިއެވެ. ސިޑިއާ ދިމާލަށް ހިނގައިގަތްއިރު ސޯފާގައި އިން ރިއާން އޭނާއަށް ގޮވައިލި އަޑު ރާހިލް އިވުނުހެނެއް ހިއެއްނުވެއެވެ. ކާން އަންނާށޭބުނެ ޒީވާ ގޮވައިލި ގޮވައިލުމަށްވެސް އިޖާބައެއްނުދިނެވެ. އަދި ޔާނާ "ބައްޕީ" އޭ ކިޔާ ގޮވައިލި އަޑެއްވެސް އޭނާއަކަށް ނީވުނެވެ.

"ކީއްވެތަ އެންމެން ގޮވީމަވެސް އަޅާނުލާ އެ ދިޔައީ. ބުނެބަލަ. ތިދެމީހުން އަނެއްކާ އިތުރު މައްސަލައެއް ޖެހުނީތަ؟" ޒީވާ އަހައިލިއެވެ.

"އަޑު ނީވުނީ ކަމަށްވާނީ. އެބަ އަންނަން ކާން އަންނާށޭ ބުނެފަ" ޒީވާއާ ސުފުރާގެ ކަންކަން ހަވާލުކޮށްލުމަށްފަހު ޝައިނާ ހަލުވި ފިޔަވަޅުތަކެއްގައިގޮސް ސިޑިން މައްޗަށް ދުއްވައިގަތެވެ. ދެފަހަރަކު ޓަކި ދިނުމާއެކު ރާހިލް އެ ކޮޓަރީގެ ތަޅު ހުޅުވައިލި އަޑުއިވުނެވެ.

"ކީއްވެތަ ޔާނާ ގޮވާލީމަވެސް އަޅާނުލާ–"

އުނުގައި ތުވާއްޔެއް އަނދެލައިގެން ހުސްގަޔާއިހުރެ ދޮރު ހުޅުވައިލި ރާހިލް ފެނުމާއެކު ޝައިނާގެ ދުލުގައި ގޮށެއް ޖެހުނުކަހަލައެވެ. އޭނާގެ ޖުމްލަވެސް މެދުކަނޑައިލެވުނު ތަނުގައި ދައްކަންއައި ވާހަކަވެސް ހިނދުކޮަޅަކަށް ހަނދާނުން ކައްސައިލިއެވެ.

"ޔެސް؟" ރާހިލް ކިހިނެއްވީހޭ އަހައިލާ ފަދައަކުން އަހައިލިއެވެ.

"ހްމްމް؟" ޝައިނާއަށްވެސް ބަދަލުގައި ކޮށްލެވުނީ ސުވާލެކެވެ.

"ކޮންމެސް އެއްޗެކޭ ކީމެއްނު ދެންމެ؟" ރާހިލް އަހައިލިއެވެ.

"އާން ޔެސް. އެއީ.. މިއީ ޔާނާ. މިބުނީ.. މިއީ. ކާން އަންނާށޭ ބުނަންވެގެން" ޝައިނާ އަޅަ އަޅައިގަންނަމުން ބުންޏެވެ.

"އޯކޭ. ފެންވަރާލައިގެން އެބަދަން" ރާހިލްގެ ބަހަށް "ހޫމް" ލައްވައިލުމަށްފަހުގައިވެސް ޝައިނާއަށް ހުރިފިޔަވަޅުމަތީގައި ހުރެވުނީއެވެ. އޭރުވެސް އޭނާއަށް އިރުއިރުކޮޅާ ރާހިލްގެ ހަށިގަނޑަށް ކަޅި އުކެމުންދިޔައެވެ. އެތައް އަހަރަކަށްފަހު ރާހިލްގެ ހަށިގަނޑު އެހާ ހާމަކަންބޮޑު ގޮތަކަށް ފެނުމުން އެވަގުތު އޭނާގެ ދެލޯ މަސައްކަތްކުރަމުންދިޔައީ އޭނާގެ އިޙްތިޔާރަކާނުލައެވެ. އެހެނަސް އެވަގުތު އޭނާގެ ހިތް އެދެމުންދިޔައީ ރާހިލްގެ އެތަނަވަސް މޭމަތީގައި ބޯ އަޅައިލުމަށެވެ. އެ ހަށިގަނޑުގައި އެތުރިފައިވާ ކޮންމެ ގޮޅިއެއްގައި އިނގިލީގެ ކުރިން ފާހަގަ އަޅައިލުމަށެވެ. ކަސްރަތުކޮށްފައި އައުމުން ހަރުލައިފައިވާ ދާތިކިތަކުގެ އަސަރާއެކު އެހަށިގަނޑަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާހެންވެސް ޝައިނާއަށް ހީވިއެވެ. އޭނާ ސިއްސައިގެންދިޔައީ އެވަގުތު ރާހިލް އޭނާއަށް ގޮވައިލައި ކޮންމެވެސް އެއްޗެކޭ ބުނުމުންނެވެ.

"ކީ.. ކީކޭ؟" ހިކިފައިވާ ކަރުތެރެއިން ކަރުކެހިލަމުން ޝައިނާ އަހައިލިއެވެ.

"ބަލައި ނިމުނީމަ އަހަރެން ކައިރި ބުނެލާށޭ ކޮޓަރިއަށް ވަންނަން" ރާހިލް ލާނެތް ހިނިތުންވުމަކާއެކު މޭމަތިގައި ދެއަތް ހުރަސްކޮށްލަމުން ދޮރުފަތުގެ ދާރައިގައި ލެގިލިއެވެ.

"އަހަރެން.. އަހަރެން ކޯއްޗެއްތަ ބެލީ؟ އެހެންނޫނަސް އަހަރެން ބެލީމަދޯ ރާހިލްއަށް މައްސަލައަކަށް ވަނީ" ރާހިލްއާ ނަޒަރު ވަކިކޮށް ދުރަށް ބަލައިލަމުން ޝައިނާ ބުންޏެވެ.

"މައްސަލައަކަށް ނަހަދަމެއްނު. އަދިވެސް ބަލާ ނުނިމެންޏާ އަހަރެން އިތުރަށް–"

"ނޫން!" ރާހިލް ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލުމަށްފަހު ތުވާލިގައި ހިފައި މޮހެލަން އުޅުނުހެން ހީވި ޝައިނާ އަވަސް އަވަހަށް ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.

"ރާހިލް މޮޔަވީތަ؟ ޝޭމްލެސް" ޝައިނާ ސިޑިއާ ދިމާލަށް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ. އެހެނަސް ދެތިން ފިޔަވަޅު ކުރިއަށް އެޅިތަނާހެން ރާހިލް ޝައިނާގެ އަތުގައި ހިފައި ގާތަށް ދަމައިލިއެވެ.

"ޑޫ ޔޫ ވޮނަ ޖޮއިން މީ އިން ދަ ޝަވަރ؟" ރާހިލް އަހައިލިއެވެ.

"ރާހިލް!" ޝައިނާ ދެދަތްޕިލަ ޖައްސައި ބާރުކޮށްލައިގެންހުރެ ރާހިލްއަށް ގޮވައިލީ އެވާހަކަ ހުއްޓައިލާށޭ ބުނާ ފަދައަކުންނެވެ.

"ކިހިނެއްވީ؟ މިފަހަރަކު އަހަަރެންގެ އެނދަކު އެކަކުވެސް ނެތޭ؟" އޭނާއާއި ޝައިނާގެ ފުރަތަމަ ބައްދަލުވުމަށް އިޝާރާތްކޮށް ރާހިލް ބުންޏެވެ.

"ހެވޭ ތި އެނދުގަ ކޮންމެ މީހެއް އޮތަސް. ދޫކުރޭ!" ޝައިނާ ރާހިލް ދުރަށް ކޮށްޕައިލުމަށްފަހު ދުވެފައިގޮސް ސިޑިން ފޭބިއެވެ.

"ކޮބާ؟ އެބަ އާދޭތަ؟" އަވަސް ފިޔަވަޅުތަކެއްގައި ޝައިނާ އައިސް ކާމޭޒުކައިރިއަށް ހުއްޓިލުމާއެކު ޒީވާ އަހައިލިއެވެ.

"ހްމްމް އެބަ އަންނަމޭ ބުނީ. ކޮބާ ރިއާން؟" ޝައިނާ އަހައިލިއެވެ.

"ފޯނެއް އައިސްގެން ބެލްކަންޏަށް ނުކުތީ" ޒީވާ ބުންޏެވެ.

"އޯކޭ. ޒީ ދޭ ރިއާން ގޮވައިގެން އަންނަން. އަހަރެން ދެން ހުރި ކަންކަން ނިންމާލާނަން" ޝައިނާ ބުންޏެވެ.

ޒީވާ ދިޔުމާއެކު ޝައިނާ އަވަސް އަވަހަށް އައިސްއަލަމާރިން ނެގި ފިނިފެންފުޅިން ފެންތައްޓެއް އަޅައިލަމުން ހަށިގަނޑަށް ލިބިފައިވާ ހޫނުގެ އަސަރު ކަނޑުވައިލުމަށްޓަކައި އެއްނޭވާއިން އެ ފެންތަށި ހުސްކޮށްލިއެވެ. މާގިނައިރެއްނުވެ ޒީވާއާއި ރިއާން އެކުއެކީގައިހެން ރާހިލްވެސް އެތަނަށް އަތުވެއްޖެއެވެ. އޭރު ސުފުރާމަތީގެ ހުރިހާކަމެއް ވަނީ ނިންމައިލާފައެވެ. އެންމެފަހު ކަމަކަށް ޝައިނާ ދިޔައީ އެތަނުގައި ހުރި ތައްޓަކަށް ކެރެޓު ކޮށަމުންނެވެ. އޭރު ޝައިނާގެ ހުޅިން ނެއްޓިފައިވާ އިސްތަށިތައް އެމޫނަށް ހަމަލާދެމުން ދިޔަތަން ފެނުމާއެކު ރާހިލް ގޮނޑީގައި އިށީނުމުގެ ކުރިން ޝައިނާގެ ގާތަށް ޖެހިލިއެވެ. އޭނާގެ އާދައިގެ މަތިން ޝައިނާގެ އިސްތަށިގަނޑު ނިއުޅައިލުމަށްފަހު އިސްތަށިތައް އެއްކޮށްލައި ރީތިކޮށް އައްސައިލައިދިނެވެ. އަދި ގޮނޑީގައި އިށީނދެ ތައްޓަށް ކާއެއްޗެހި އަޅަމުން އެމީހުނާ ވާހަކައެއް ފެށިއެވެ. ޝައިނާ އަތުގައި އޮތް ކިޔުކަންބާގެ ތިންބައިކުޅަ ދެބައި ތޮއްޓާއެކު ކުރިން ކެރެޓުކޮށި ތައްޓަށް ކޮށައިލުމަށްފަހު ދެން އޮތްބައިގެ ތޮށި މަށައިލައި ރާހިލްގެ ތައްޓަށް ކޮށައިލިއެވެ. އެއީ ރާހިލް ކެއުމުގައި ޚިޔާރުކުރާ ގޮތްކަމަށްވާތީއެވެ. ޒީވާއާއި ރިއާން އެކަމާމެދު ހައިރާންވެފައި އިންދައި ޝައިނާ އެތަނުގައި ހުރި ޖޫސްޖަގު ނަގައި ރާހިލްގެ ތަށީގެ މެދަކާ ހިސާބަށް އަޅައިލުމަށްފަހު ދެންހުރި ބަޔަށް ފެންއަޅައިފައި ގިރައިލީ ރާހިލްއަކީ އާންމުކޮށް ފޮނި މަޑުކޮށް ޖޫސް ބޯ މީހެއްކަމަށް ވާތީއެވެ. ރާހިލް ޖޫސްތަށި ނަގައި ތުނބުގައި ޖަހައިލީ އޭގެ ފަހުންނެވެ. ވާހަކައިގައި ޖެހިފައި ތިބެ އެއިން ކޮންމެ ކަމެއް ހިނގައި ދިޔައިރު އެއިން އެއްވެސް ހަރަކާތެއްގައި އަބުއި ކަމެއްނެތެވެ. ދެމީހުންވެސް އެކަކު އަނެކެއްގެ އެ ކުދިކުދި ހަރަކާތްތަކަށް އާދަވެފައިވާ ކަހަލައެވެ. ފެނި ހާމަވަމުންދިޔައީ އެދެމީހުންނަށް އެކަކު އަނެކަކު ދަސްވެފައިވާ މިންވަރެވެ. ޒީވާ މޭޒުގެ ދަށުން ރިއާންގެ ފައިގައި ކޮއްޓައިލަމުން އެމަންޒަރު ދައްކައިލުމާއެކު ރިއާންވެސް ޒީވާގެ ފައިގައި ކޮއްޓައިލީ އެމަންޒަރު ފެނުނު ކަމުގެ އިޝާރާތެއްގެ ގޮތުންނެވެ. އެމީހުން އެމަންޒަރު ފެނި ނުހީ ވޭތޯ ތުންފިއްތައިލައިގެން ތިއްބެވެ.

"މިއީ ޑިވޯރސްވާން އުޅޭ ދެމީހުންހެން ހީވޭތަ؟" ރާހިލްއާ ޖެހިގެން ހުރި ގޮނޑީގައި ޝައިނާ އިށީނދެލި ވަގުތު ޒީވާ ރިއާންގެ ކަންފަތްދޮށުގައި އަހައިލިއެވެ. ރިއާން ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ.

"އިޝްކޮ ކޮބާތަ؟ ނޫޅެނީތަ ގޭގަ؟" ރާހިލްއަށް އިޝްވާ ފެންނަން ނެތުމުން ސުވާލުކުރިއެވެ.

"ހްމްމް. އޭލެވެލް ބެޗްގެ ގެޓް ޓުގެދަރ އަކަށޭ ކިޔާފަ ދިޔައީ. ޝިމާންވެސް ގޮސްފި" ޝައިނާ ބުންޏެވެ.

"ޝިމާންވެސް ދިޔައޭ ދޯ ތި ބުނީ." ރާހިލް ބުންޏެވެ. އެކަން އެނގުމުން އިޝްވާއާމެދު އޭނާ ފިކުރުބޮޑުވި ނަމަވެސް އެވާހަކަ އިތުރަށް ދައްކާކަށް ނޫޅުނެވެ.

***************

ހުޅުމާލޭގެ ބީޗްގައި ބާބެކިޔުއެއް ހެދުމަށް ޖަހައިފައިވާ ބޮޑު ގްރިލްގެ ކައިރީގައި އިޝްވާއާ އެއްކްލާހެއްގައި ކިޔެވި ދެތިންކުދިން މަޑުކޮށްލައިގެން ތިއްބެވެ. އެމީހުންނާ ތަންކޮޅެއް ދުރުގައި ކްލާހުގެ އެހެން ކުދިން ބާބެކިއުގެ އެހެން ކަންކަމުގައި ހަރަކާތްތެރިވަމުން ދިޔައިރު އޭގެ ތެރެއިން ގިނަ މީހުންނާއެކު އެމީހުންގެ ބައިވެރިންވެސް އެ ބާބެކިއުއަށް އައިސްއުޅުނެވެ.  އިޝްވާ އެ ގްރިލް ކައިރީގައި މަޑުކޮށްލައިގެން ހުރީ އޭނާއެކޭ އެއްފަދައިން އެރޭ އެކަނި އައިސް އުޅުނު ދެތިން ކުދިންނާ އެކުގައެވެ. އެ އެންމެންގެ ތެރެއިންވެސް ކެތްތެރިކަމާއެކު އޭނާގެ ދެލޯ ހޯދަމުންދިޔައީ އެންމެ ފަރާތެކެވެ.

ޝިމާން އަންނާނެ އިރަކަށް އިންތިޒާރުގެ ވަގުތުތައް ގުނަމުންދަނިކޮށް މޭޒުތައް ބަހައްޓައިފައި ހުރި ދިމާލުން އިޝްވާއަށް މީހުންގެ އަތްތިލަބަޑީގެ އަޑު އިވެން ފެށިއެވެ. އޭނާ އަވަސް އަވަހަށް އެދިމާލަށް ދިޔައީ ޝިމާން އައިކަމުގައި ޔަގީން ކުރަމުންނެވެ. އޭނާ އުއްމީދުކުރިފަދައިން ޝިމާން އެތަނުގައި ހުރި ނަމަވެސް ޝިމާންގެ އަތުގައި ހިފައިލައިގެން ހުރި އަންހެންކުއްޖާ ފެނުމާއެކު އިޝްވާގެ ނިތަށް ރޫގިނަވިއެވެ. އެއީ އޭނާ ދަންނަކުއްޖެއްހެން ހީވެ ސިކުނޑިއަށް ބާރުލާން ފެށިވަގުތު އިޝްވާއަށް އެކުއްޖާ އެނގެނީ ކޮންތާކުންކަން ޔަގީންވުމާއެކު އޭނާއަށް ހީވީ އެތަށް ދުވަހެއްގެ ނިދިން ހޭލެވުނުހެނެވެ. އެއާއެކު އިޝްވާއަށް ހީވީ އޭނާގެ ހިތް އެތަށް ހާސް އެތިކޮޅުތަކަށް ކުދިކުދިވިހެނެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ސަލާމް ކިޔުންތެރިން. ވާހަކައިގެ މި އެޕިސޯޑް ލަސްވިކަމަށްޓަކައި މަޢާފަށް އެދެން. މި އެޕިސޯޑު ވާނީ އެހެން ބައިތަކަށްވުރެ ދިގުކޮށް ގެނެސްދީފައި. ހުރިހާ ކިޔުންތެރިންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ (:

    11
    1. އަޅޭ. މިހާރު ވާހަކަ ނިމިދާނެތީ މާބޮޑަށް ބިރުގަންނަން ފަށައިފި. އެއްގޮތަކަށްވެސް ދިގުކުރާނެކަމެއް ނެތް. ލަސްވިޔަސް ކުރިންވެސް އަޕްލޯޑް ކުރާވަރަށް ކުރަންވީ. އެހެންނޫނީ މާއަވަހަށް ނިމިދާނެ.

      3
      0
  2. ބުނެކިޔާމީހަކަށްވެގެންވެސް ތަންކޮޅެއް އިތުރުވީކަން ނަސީބު.
    އަންޔާ އަށް ހިތުގެ ފުނުން އިޚްލާސްތެރިކަމާއިއެކު ޝުކުރު އަދާކުރަން.
    ދެންމިވަރުން ފުއްދާލާނީދޯ.
    މިހާރުދެން ވާހަކަ މާއަވަހަށް ނިމިދާނެޔޭ ހިތަށްއަރާވަރުން ބިރުން ހަމަނިދި ނުނިދޭ. 4 ފަހަރުން 5 ފަހަރުން އެޕިސޯޑެއް ކިޔަންވީއޭވެސް ހިތަށްއަރާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު