ބ. ތުޅާދޫގެ މިސްކިތެއްގެ އެކި ތަންތަނުން ޤަބުރު ފެނުނު މައްސަލައާ ގުޅިގެން އެރަށު ކައުންސިލުން ނެރެފައިވާ ބަޔާނާމެދު ހިތާމަކުރައްވާކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މިޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި، އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވެފައިވަނީ، ބ. ތުޅާދޫގައި މިސްކިތެއްގެ އެކި ތަންތަނުން ޤަބުރު ފެނުނު މައްސަލައާ ގުޅިގެން އެރަށު ކައުންސިލުން ނެރެފައިވާ ބަޔާނާމެދު ޝައިޚް ހިތާމަކުރައްވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިނިސްޓްރީގެ ޝައިޚުން އެރަށަށް ވަޑައިގެން، ކަމާބެހޭގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށްވެސް އެކަން އެނގިފައިވާނެ ކަމަށް ޝައިޚް މުޠީޢު ފާހަގަ ކުރެއްވިއެވެ.
މިއީ ދީނީ ކަންކަމުގައި ދައުލަތުގެ އިދާރާއިން ދޭ އިރުޝާދު ތަންފީޒު ކުރުމުގައި ކައުންސިލް ވެފައިވާ އިހުމާލެކެވެ.
ޝައިޚް ހާމަކުރެއްވި ގޮތުގައި، މިނިސްޓްރީން ފޮނުވި ޓީމަށް އެ މިސްކިތުގެ ގޯތިތެރޭގެ އެކި ދިމަދިމާލުން ޖުމްލަ 8 ތަނަކުން ޤަބުރު ފެނުމާ ގުޅިގެން، ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިފަދަ ހާލަތްތަކުގައި ޢަމަލުކޮށްފައިވާ އުޞޫލުން، ފަތުވާ ކޮމިޓީގެ ފަތުވާއާވެސް އެއްގޮތަށް، މިސްކިތް ވަގުތީގޮތުން ބަންދުކޮށް، ހުޅުވުމުގެ ކުރިން ޤަބުރުތައް ނަގައި ސާފުކުރުމަށް ވަނީ އެރަށު ކައުންސިލަށް އަންގާފައެވެ. އެރަށަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަތް ޝައިޚުން ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި ނަސޭހަތްތެރިވެފައެވެ.
އޭގެ ފަހުން ވެސް މިނިސްޓްރީގެ އިސް އެހެން ޝައިޚެއް ވަނީ ކައުންސިލަށް އަންގާފައިވާ ގޮތަށް ޢަމަލުކުރުމަށް ބައްދަލުވުމެއް ބާއްވައި އަންގަވާފައެވެ. ޑެޕިއުޓީ މިނިސްޓަރު ޝައިޚް މުޠީއު ވިދާޅުވީ، އިސްލާމީ ކަންކަމުގައި ޤަބޫލުކުރަންޖެހޭ އަދި ބަސްބުނުމުގެ ބާރު ލިބިފައިވާ އިދާރާކަމުގައިވާ ފަތުވާ ކޮމިޓީގެ ފަތުވާއާއި، އަދި މިފަދަ އެހެން ގިނަ ރަށެއްގައި ޢަމަލުކޮށްފައިވާ ގޮތަށް، އެ ކައުންސިލުން ޢަމަލުކުރައްވައިފިނަމަ މިހާ ހިސާބަށް މިކަން ނުދާނެ ކަމަށެވެ.
ކައުންސިލްގެ ޒިންމާ އަދާނުކުރެވުން: ޑެޕިއުޓީ މިނިސްޓަރުގެ ޕޯސްޓުގައިވާ ގޮތުން، 8 ތަނަކުން ޤަބުރު ފެނިފައިވާ މިހާ ސާފު މައްސަލައެއްގައި، ދެން ރައްޔިތުން އެއާ ހިލާފަށް އެދޭނަމަ، ޢަމަލުކުރަންވީ ގޮތް، މިނިސްޓްރީން އަންގާފައިވާ ގޮތަށް ޢަމަލުކުރުމަށް ރައްޔިތުން ގާތުގައި ބުނުމުގެ ޤާބިލުކަން ކައުންސިލުގައި ހުންނަންޖެހޭނެއެވެ. ޝައިޚް މުޠީއު ފާހަގަކުރައްވާފައިވާ ގޮތުގައި، އެއާ ޚިލާފަށް އިރުއިރުކޮޅާ ޗެކްކުރުމަށް ނުވަތަ ވާހަކަ ދެއްކުމަށް ޝައިޚަކު ފޮނުވުމަކީ ޕްރެކްޓިކަލް ކަމެއް ނޫނެވެ. އަދި އެއީ ގުޑް ގަވަނަންސްގެ އުޞޫލުތަކާވެސް އެއްގޮތްކަމެއް ނޫނެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބ. ތުޅާދޫ މަސްޖިދުއްރަޙްމާނުގައި ގަބުރުކަށި ހުރިތޯ ބެލުމަށް ފޮނުއްވި ވަފުދުގައި، މިނިސްޓްރީގެ ރަސްމީ ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން އިސްލާމީ މަރުކަޒުގެ އިމާމު، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން ކައުންސިލުން ނެރުނު ބަޔާނާމެދު ހިތާމަކުރައްވާ ކަމަށް ޝައިޚް ވެސް ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ދީނީ މައްސަލަތަކުގައި ރައްޔިތުންނަށް އޮޅުން ނާރާނެހެން ޢަމަލުކުރުމަށް ޝައިޚް ރަޝީދުވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޝައިޚުން މި މައްސަލާގައި މިފަދައިން ވިދާޅުވެފައިވާއިރު، ވަގުތީ ގޮތުން ބަންދުކޮށްފައިހުރި ބ. ތުޅާދޫ މަސްޖިދުއްރަހްމާން ނުފެށި ލަސްވާ ސަބަބު ހޯދުމަށް ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ސުވާލު ކުރެއްވުމުން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ދޮގު ހެއްދެވި ކަމަށް ތުޅާދޫ ކައުންސިލުން ވަނީ ބުނެފައެވެ.
އެ މިސްކިތް ވަގުތީ ގޮތުން ބަންދުކުރީ އެ މިސްކިތުގައި ގަބުރުކަށި ހުރި ކަމަށް ގަބޫލުކުރެވިގެން، 10 ތަނަކުން ކޮނެގެން ބެލިއިރު އޭގެ ތެރެއިން 8 ތަނަކުން ގަބުރު ކަށި ފެނުމުންނެވެ.
ހަންނާނުގެ ސުވާލަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މިސްކިތް ނުހުޅުވި ލަސްވަނީ ކައުންސިލްގެ އިހުމާލުން ކަމަށް ވިދާޅުވެފައެވެ. މިނިސްޓްރީގެ މަސައްކަތްތަަކަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ރަށުގައި އޮތް ކައުންސިލުން މިކަމަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާ މިދިޔަ މުއްދަތުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް. އަޅުގަނޑު ވެސް އެކި ފަހަރު މަތިން ކައުންސިލްގެ އިސް ބައެއް ބޭފުޅުންނާ ވާހަކަ ދެއްކީމު. އަދި މިނިސްޓްރީން ވަފުދުތައް ވެސް އެ ރަށަށް ޒިޔާރަތްކުރި. އިލްމުވެރިން ވެސް ޒިޔާރަތްކުރި. އެހެން ނަމަވެސް ރަށުގެ ކައުންސިލުން ދަނީ އެކަމަށް ވަރަށް ބޮޑަށް ހުރަސްތައް ކުރިމަތި ކުރަމުން." މަޖިލީހުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވިއެވެ.
މި މައްސަލައިގައި ތުޅާދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގައި ތުޅާދޫ ކައުންސިލަށް ރައްދުކޮށް ޝަހީމު ދޮގު ހެއްދެވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، މިސްކިތް ބަންދުކުރުމާ ގުޅޭގޮތުން އެލްޖީއޭގެ އެންގުމަށް ކައުންސިލުން ތައްޔާރުކުރި ރިޕޯޓެއް ބަޔާނާއެކު ވަނީ އާންމުކޮށްފައެވެ. މި ރިޕޯޓާ ގުޅިގެން ކައުންސިލާއި އެލްޖީއޭ އަދި އިސްލާމިކް މިނިސްޓްރީން މެއި މަހު ބައްދަލުވުމެއް ބޭއްވި ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. އެ ބައްދަލުވުމަށް ތުޅާދޫ ކައުންސިލްގެ ރައީސް އާއި މެންބަރުން މާލެ އައި ނަމަވެސް ބައްދަލުވުމަށް އިސްލާމިކް މިނިސްޓްރީން ހާޒިރު ނުވާ ކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ.
މިސްކިތް އަލުން ހުޅުވަން ކުރާ މަސައްކަތުގައި މިނިސްޓްރީން މާލީ އެހީތެރިކަން ދޭނެ ކަމަށް ބުނި ނަމަވެސް އެއްވެސް ފައިސާއެއް ނުދޭކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ. ގަބުރު ކަށި ހުރިތޯ ބަލަން ފޮނުވި ވަފުދުގެ ހަރަދު ވެސް ހަމަޖައްސަން ޖެހުނީ ކައުންސިލުން ކަމަށް ބަޔާނުގައިވެއެވެ.
"ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނު ފަހުން ދީނީގޮތުން ކަން އޮތް ގޮތް އޮޅުން ފިލުވައިދެއްވުމަށް، ދީނީ އިލްމުވެރިއެއް ނުވަތަ އެ ނޫން ވެސް އެއްވެސް ފުރާނަ އެޅުއްވި މަހުލޫގެއް އިސްލާމިކް މިނިސްޓްރީން މި ރަށަށް ފޮނުއްވިކަން ދެނެހުރި އެއްވެސް އިންސާނަކު މި ބިންމަތީގައި އިހަށް ވެސް އަދާ ހަމައަށް ވެސް ތުޅާދޫގައި ހުރިކަމެއް މި ކައުންސިލަށް އެނގިފައެއްނުވެ އެވެ." ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލާގައި ރައްޔިތުންގެ މަސްލަހަތަށް ނުބަލައި މައުލޫމާތު ސާފުނުކޮށް މެންބަރު ހަންނާނު ސުވާލު ކުރެއްވީ ރަށުގެ މަސްލަހަތަށް ބެއްލެވުމެއް ނެތި ކަމަށް ވެސް ތުޅާދޫ ކައުންސިލުން ސިފަކޮށްފައިވެއެވެ.



