12 ފެބުރުވަރީ 2026

އީވީ ޓެކްސީ ލައިންގެ ޚިދުމަތް އޯގަސްޓް މަހު ފަހުކޮޅު ފެށޭނެ: މިނިސްޓަރު

ސަރުކާރުން ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ އީވީ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ އޯގަސްޓް މަހުގެ ފަހުކޮޅު ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ.

ނިސްޓަރ އަމީން މިހެން ވިދާޅުވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. މި ޚިދުމަތަކީ ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށާއި ޒަމާނީ ޓެކްސީ ޚިދުމަތެއް ތަޢާރަފްކޮށް މިހާރު ދެމުންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރު އެޅުމަށް ސަރުކާރުން ތަޢާރަފްކުރާ ޚިދުމަތެކެވެ.

މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، ޓެކްސީ ލައިން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ޓެކްސީތައް ސަޕްލައިކޮށްދޭނެ ފަރާތެއް ކަނޑައަޅާ، ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މިމަހު ފެށޭނެ އެވެ. އަދި ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފު ކުރިނަމަވެސް މިކަމުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޚިދުމަތުގެ ސަބަބުން ޓެކްސީ ޚިދުމަތް ދޭ ޑްރައިވަރުންނަށް ދައިމީ ވަޒީފާތަކެއް ހަމަޖެހިގެންދާނެ. އަދި ވަޒީފާ ދިނުމުގައި ދަތުރުފަތުރާ ބެހޭ ވުޒާރާގައި އޮންނަ ޓެކްސީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އިސްކަން ދެވޭނެ،" މިނިސްޓަރ  ވިދާޅުވިއެވެ    މިނިސްޓަރ އަމީން އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ %100 ތިމާވެއްޓާއިރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށް ދާއިމީ ވަޒީފާގައި ޑްރައިވަރުން ނަގާއިރު ޕާޓް ޓައިމްކޮށް ދުއްވަން ވެސް ޑްރައިވަރުން ނަގާނެއެވެ.

މި އައު ޓެކްސީ ޚިދުމަތް ފެށުމުން، މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްސީ ޚިދުމަތް ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު