ވަޒީފާއަށް ދާން ގަޑިޖެހުމުން އަވަސް އަވަހަށް ތެދުވެ، މަސައްކަތަށް ދަނީއެވެ. ނަމަވެސް، ވިސްނާލަންޖެހޭ ކަމަކީ، ފަތިސް ނަމާދު ވަގުތު ފާއިތުވަންދެން ނިދާފައި އޮތުމަށްފަހު، އެ ރިޒްޤު ހޯދުމަށް ދިއުމަކީ ކިހާ ޢަޖާއިބު ކަމެއްތޯއެވެ؟ ރިޒްޤު ދެއްވާ ފަރާތް ހަނދުމަ ނައްތާލުމަށްފަހު، ހަމައެކަނި ދުނިޔޭގެ މަންފާއަށްޓަކައި މަސައްކަތް ކުރުމަކީ، ކޮޅުނެތްކޮޅަށް ހިތާމަހުރި ކަމެކެވެ.
ދަރިންނަށް ދުނިޔެވީ ކާމިޔާބީ ހޯދައިދިނުމަށް މައިންބަފައިން މަސައްކަތްކުރެއެވެ. އެ ދަރިން ސްކޫލަށް ގެންދިއުމަށްޓަކައި ގަޑިޖެހުމުގެ ކުރިން ހޭލައްވައެވެ. ހަމަ އެފަދައިން، އެ ދަރިން އެންމެ ތުއްތު އިރުން ފެށިގެން، ވަގުތަށް ފަތިސް ނަމާދު ކުރުމަށްވެސް އާދަކުރުވާށެވެ. އެހެނީ، އެ ދަރިން ސްކޫލަށް ފޮނުވާ އެންމެ ބޮޑު އެއް މަޤްޞަދަކީ، އެ ދަރިންނަކީ ކާމިޔާބު ކުދިންތަކެއްގެ ގޮތުގައި ބޮޑު ކުރުމެވެ.
ޙަޤީޤީ ކާމިޔާބީއާއި ފަލާޙަށް ގޮވައިލެވޭ ހިނދު، އެ ދަރިން ނިދަން ބޭއްވުމަށްފަހު، ދެން އެކުދިން ސްކޫލަށް ފޮނުވައިފިނަމަ، ދުނިޔެވީ ކާމިޔާބީއެއް އެކުދިންނަށް ޙާޞިލުވިއެއްކަމަކު، ޙަޤީޤަތުގައި، ދަރިފުޅު ނާކާމިޔާބު ކޮށްލެވުނީއެވެ.
ޙަޤީޤީ ކާމިޔާބީގެ މާނައަކީތޯއެވެ؟ ކާމިޔާބީއަކީ ހަމައެކަނި ދުނިޔޭގެ މުދަލާއި މަޤާމުން މިންކުރެވޭ އެއްޗެއް ނޫނެވެ. ޙަޤީޤީ ކާމިޔާބީއަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމެވެ. ނަމާދަކީ ފަލާޙަށް، އަދި ކާމިޔާބީއަށް ގޮވައިލާ ގޮވުމެކެވެ. އެ ގޮވާލުމަށް އިޖާބަ ނުދީ، ހަމައެކަނި ދުނިޔެވީ މަސައްކަތްތަކަށް އިސްކަންދެނީނަމަ، އެއީ ޙަޤީޤީ ކާމިޔާބީއާ ދުރުހެލިވުމެވެ.
އެހެންކަމުން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރާއިރު، އިސްކަންދޭން ޖެހެނީ ފުރަތަމަ އާޚިރަތުގެ ބާއްޖަވެރިކަމަށެވެ. އެއަށްފަހު ދުނިޔޭގެ ކާމިޔާބަށެވެ.



