28 ޑިސެންބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ޝުޢޫރު: ތިޔައީ ކެތްތެރި ރައީސެއް، ރައްޔިތުންގެ އަޑުއައްސަވާ ރައީސެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސިލްސިލާކޮށް ރައްޔިތުންނާއެކު ބާއްވަމުންގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން މާލޭގެ އަަވަށްތަކަށް އަމާޒުކޮށްގެން ބޭއްވެވި އެންމެ ފަހު ބައްދަލުވުން ބާއްވާފައިވަނީ ރޭ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.

މިބައްދަލުކުރެއްވުން ބާއްވާފައިވަނީ، ރޭ 20:30 ގައި ފުރަތަމަ ފިޔަވަހީގައި ހުންނަ ރެހެންދި ސްކޫލްގައެވެ. ރޭގެ ބައްދަލުވުންވެސް 6 ގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެން ދިޔައެވެ. އެހެން އަވަށްތަކުގައި ބޭއްވި ބައްދަލުވުންތައްވެސް ވަރަށް ގިނަ ވަގުތަށް ދިގު ދެމިގެން ދިޔައެވެ.

ރައީސް މުޢިއްޒު ހުޅުމާލޭ ފޭސް 1 ގެ ރައްޔތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާ އަދި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ސިލްސިލާ ބައްދަލުކުރެއްވުންތަކެއް ބާއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއެކު ބާއްވަމުންގެންދަވާ ބައްދަލުކުރެއްވުމުގައި ދަނީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ކަމާ ގުޅުންހުރި މުވައްސަސާތައް މެދުވެރިކުރައްވާ އެކަންކަމަށް ހައްލު ގެނެސްދެއްވަމުންނެވެ. އަދި މި ބައްދަލުކުރެއްވުންތަކަކީ ކާމިޔާބު ބައްދަލުކުރެއްވުންތަކެއް ކަން ފާހަގަކުރެވެއެވެ.

މާލޭ ސިޓީގެ ގަލޮޅުގެ ރައްޔިތުންނާއެކު ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ޝަކުވާ އަޑު އެއްސެވުމުގައި ރައީސް ޑރ. މުޢިއްޒު އެތައް ވަގުތެއް ހޭދަކުރައްވައެވެ. ތަފާތު މޭރުމުން، ތަފާތު ޚިޔާލުތަކާއި އުދާސްތައް ރައްޔިތުން ބޭރުކުރުމުގެ ފުރުޞަތު ދެއްވިއެވެ. އެކި މީހުންގެ ޖަޒްބާތުތަކާއި ޝުޢޫރުތައް ބަންޑުންކޮށްލާފައިވަނީ އެކި މޭރުމުންނެވެ. ރުޅިއައިސްފައިވާ ޙާލުގައާއި، ހިތާމައިގެ ޙާލުގައާއި ރޮއެ ކަރުނަ އަޅާ ޙާލުގައި ރައްޔިތުންގެ ޝުޢޫރުތައް ބަންޑުންކޮށްލަމުން ދިޔައިރު، ރައީސް އިންނެވީ ކަނުލައި އަޑުއައްސަވާށެވެ. ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ. އިންނެވީ ކެތްތެރިކަން އިސްކުރައްވައިގެންނެވެ. މޫނުމަތިން ނުތަނަވަސްކަމުގެ ޒައްރެއްގެ މިންވަރުވެސް ނުފެނެއެވެ.

ކޮންމެ ޚިޔާލަކާއި ކޮންމެ ޝުޢޫރެެއްވެސް އެމަނިކުފާނަށް މުހިއްމުކަމަށް ވިދާޅުވަމުން ގެންދެވިއެވެ. ބޭނުން ކޮންމެ ވާހަކައެއް ދެއްކޭނެކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ.

ސޯޝަލް ސެންޓަރުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، ފޮޓޯ: ރައީސް އޮފީސް

ގިނަ ރައްޔިތުން ވަނީ އެމަނިކުފާނުގެ ކެތްތެރިކަމަށް ތަޢުރީފްކޮށްފައެވެ. ތަފާތު މޭރުމުން ނުރުހުމުގެ އަސަރާއެކު ޙިއްސާކުރި ޚިޔާލުތައްވެސް ރައީސް ބަލައިގެންފައިވާކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ. އަދި އެމަނިކުފާނު އެ ބައްދަލުވުންތަކުގައި ދެއްކެވި ރީތި މިސާލަކީ މީގެ ކުރިން އެއްވެސް ރައީސެއްގެ ކިބައިން ފެނިފައި ނުވާ ކަމެއްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ރޭގެ ބައްދަލުވުމުގައިވެސް ރައީސް ވަނީ މުހިއްމު ކަންތައްތަކެއް އިޢުލާންކުރައްވާފައެވެ. އެގޮތުން، މޯލްޑިވްސް 2.0 އަކީ ތަރައްޤީގެ ޕްލޭންގައި ވަރަށް މާނަފުން، ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމަށާއި ދުވަހުގެ ދިރިއުޅުމަށް ގެނުވާނެކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިރޮނގުން ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދި، އެއަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ބިލެއް ޑްރާފްޓް ކުރެވި، މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ހާމަކުރެއްވިއެވެ. އަދި 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ތަރައްޤީ ކުރުމަށް 20 އަހަރު ދުވަހުގެ މާސްޓަރޕްލޭނެއް ހަދައި، ޖީ.ޑީ.ޕީ އާއި އަދި އެހެން ހުރިހާ ގޮތަކުންވެސް އެޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެދެއްވާފައެވެ.

ރާއްޖޭގެ އިގުތިސޯދު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރަމުން، ސަރުކާރުން ދަނީ ޑިފޯލްޓް ނުވެ، ފައިސާ ޗާޕުނުކޮށް، ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނިތައް އަދާކުރަމުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިކަންކަމާއި އެކުއެކީގައި ތަރައްޤީގެ މަސައްކަތްތައް ތާވަލުކުރެވިގެން، ކުރީގެ އެއްވެސް ސަރުކާރަކުން ހައުސިންގ މަޝްރޫޢުތައް ނުފަށާހާ އަވަހަށް އެ މަސައްކަތްތައް ފަށައި، ރާއްޖޭގެ އެކި ރަށްރަށުގައި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ސޮއިކުރެވި، އެ މަޝްރޫޢުތައް ހިނގަމުންދާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި މަސް ނިމޭއިރު މާލޭ ސަރަހައްދުގައިވެސް މަޝްރޫޢުތަކެއް ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ހުޅުމާލޭގެ ފޭސް 1 ގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އޭގެތެރެއިން ޖުމްލަކޮށް ދެވެންހުރި މަޢުލޫމާތުތަކާއި އަދި ވަކިވަކި ފަރުދުންގެ ބައެއް ކަންބޮޑުވުންތަކާގުޅޭ މައުލޫމާތު އެ މަނިކުފާނު ހިއްސާކުރެއްވިއެވެ. އަދި ރައްޔިތުން ހިއްސާކުރެއްވި އެންމެހާ ކަންބޮޑުވުންތަކާއި ހިޔާލުތަކަކީ ސަރުކާރުން އީޖާބީގޮތެއްގައި ބަލައިގަންނާނެ ކަންކަން ކަމުގައި ފާހަގަކުރައްވައި، އެކަންކަމަށް ސަރުކާރުގެ ތެރެއިން ގެނެސްދެވެންހުރި އެންމެ ރަނގަޅު ޙައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެއިތުރުން، ޕާކިންގ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ދިހަބުރިއަށް ޢިމާރާތް ނަންގަވާކަމުގައިވަނީނަމަ، ތިރީފްލޯގައި ޕާކިންގ ގާއިމުކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ހައްދަވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން އެގޭގައި ދިރިއުޅޭ ރައްޔިތުންގެ ޕާކިންގއަށް އެންމެ ތިރީފްލޯ ޚާއްޞަކުރެވި، މީގެއިތުރުން އެއްފްލޯ ނޮން-ރެޒިޑެންޝަލް ޔޫސްއަށް ބޭނުންކުރަން ޝަރުތުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ކޮމާޝަލްވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ގޯތިތަކުގައި ދިހަބުރިއަށް ޢިމާރާތް ކުރެވޭގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ދެ ފިޔަވަހީގެ ރައްޔިތުންނަށްވެސް އިރާދަކުރެއްވިއްޔާ ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހުޅުމާލޭގެ ފޭސް 1 ގައި ސޯޝަލް ކެޓަގަރީން ފައިސާ ދައްކައިގެން އަމިއްލަކުރާ ގޮތަށް، ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް އެއްވެސް މާލީ ލުޔެއް ލިބިފައިނެތް ކަމަށާއި އެހެންކަމުން މި ގޯތިތަކުގެ އެގްރީމަންޓުގައިވާ ޖުމްލަ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެގޮތުން މި ގޯތިތަކުގެ ބާކީ ދައްކަން އޮތް ޢަދަދުން އެބައި ކެނޑިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މާލޭގެ އަވަށްތަކާއެކު ބައްދަލުކުރައްވަން ފެއްޓެވި ހިސާބުން ފެށިގެން އެކިއެކި ރައްޔިތުންގެ ފަރާތުން ލިބިލެއްވި އެކިއެކި ޝަކުވާތަކާއި އެމަނިކުފާނާއި ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައިވާ އެކިއެކި އެދިވަޑައިގަތުމަށް އެކި މަރުހަލާގައި ހައްލުތައް ގެނައުމުގެ މަސައްކަތްފެށިފައިވާކަން ހާމަކޮށްދެއްވައި، މީގެތެރެއިން ބައެއް ކަންކަމުގައި ސަރުކާރުން ޢަމަލުކުރައްވަމުންގެންދަވާ ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާކޮށްދެއްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ސެލޫންތަކުގެ ނަމުގައި ޤާނޫނާއި ގަވާއިދާއި ހިލާފަށް ދީނީ މިންގަނޑަށްވެސް ނުފެތޭގޮތަށް ހިންގަމުންދިޔަ 83 މަސާޖުޕާލާއެއް އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން އުފެއްދި ޓާސްކްފޯހުން 9 ޑިސްންބަރުން ފެށިގެން 21 ޑިސެންބަރާ ދެމެދު މިހިނގި ދުވަސްކޮޅުގެތެރޭގައި ބަންދުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިދިޔަ ތިން ހަފުތާތެރޭގައި އެކަނިވެސް، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް ބަންދުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ޚަރަދުތައް ބޮޑުވުމާގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއް ކަންބޮޑުވުމަކީ ސަރުކާރުގެ ބައެއް މުހިންމު މަގާމުތަކަށް ރިޓަޔަރޑް ބައެއް ބޭފުޅުން އެމަނިކުފާނު އައްޔަންކުރެއްވުމާގުޅޭ ގޮތުން ލިބިވަޑައިގެންނެވި ކަންބޮޑުވުންތަކެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން އެ ފަރާތްތަކަށް ރިޓަޔަރމަންޓުގެ ގޮތުގައި ލިބޭ އެލަވަންސެއްގެ އިތުރުން އައްޔަނުކުރެވޭ މަގާމުގެ މުސާރަލިބުމުން ސަރުކާރުގެ ޚަރަދުބޮޑުވުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރެއްވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމަށް ހައްލެއް ގެނައުމުގެގޮތުން، ސަރުކާރުގެ އައްޔަންކުރާ އެއްވެސް މަގާމަކަށް ރިޓަޔަރޑް ބޭފުޅަކު އައްޔަންކުރައްވައިފިނަމަ ނޫނީ އިންތިޚާބީ މަގާމަކަށް ރިޓަޔަރޑް ބޭފުޅަކު އިންތިޚާބުވެއްޖެނަމަ، އެ މަގާމުގެ މުއްދަތުގެ ތެރޭގައި، ރިޓަޔަރމަންޓަށް ލިބޭ އެލަވަންސް މެދުކެނޑޭގޮތަށް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 65 އަހަރުން 75 އަހަރާއި ހަމައަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ގާނޫނީ އިމުގެ ތެރެއިން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ގޮތުން ރީ އެމްޕްލޯއިމަންޓް ބިލުގެ ނަމުގައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ބިލެއް ހުށައަޅުއްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އޮފީސްތަކުގައި ހެދުން އެޅުމުގެ މިންގަނޑަށް ގެނެވިފައިވާ ބަދަލުތައްވެސް ރޭ ހިއްސާކުރައްވާފައެވެ. އެގޮތުން ހެދުންއެޅުމުގެ މިންގަނޑު، ކުރިން ސިވިލް ސަރވިސްގައި ކަނޑައަޅާފައި އޮތްގޮތަށް ބަދަލުކުރެއްވުމަށް ނިންމަވައި، އެކަން އެގޮތަށް ބަދަލުކުރެއްވުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ތެރެއިން ކަމާބެހޭ އިދާރާގައި ދަންނަވާފައިވާނެކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލްތަކުގައި ދަރިވަރުން ފޯނު ބޭނުންކުރުމުގެ ކަންބޮޑުވުން ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަން ޙައްލުކުރެއްވުމަށްޓަކައި، އަންނަ ދިރާސީ އަހަރުން ފެށިގެން ސްކޫލްގައި ކިޔަވައިދޭ ގަޑީގައި ދަރިވަރުންނަށް ފޯނު ބޭނުން ނުކުރެވޭނެހެން، އެކަން ތަޢުލީމީ ވުޒާރާއިން ބައްލަވާނެކަން ހާމަކުރައްވައި އެކަމުގައި ޢަމަލުކުރައްވާނެ ގޮތުގެ ބައެއް ތަފުސީލުތައް އެމަނިކުފާނު ހާމަކޮށްދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު